loading ...
loading ...
ނިޕާ ވައިރަސް ރާއްޖެއައް އައުމުގެ ފުރުޞަތު އެބައޮތް، މި ބަލި ފަތުރާ ވާލު ރާއްޖޭގައި އުޅޭ: އެޗްޕީއޭ

ނިޕާ ވައިރަސް ރާއްޖެއައް އައުމުގެ ފުރުޞަތު އެބައޮތް، މި ބަލި ފަތުރާ ވާލު ރާއްޖޭގައި އުޅޭ: އެޗްޕީއޭ

0 comment

މިދުވަސްވަރު އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ބައެއް ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާލު ރާއްޖޭގައި އުޅޭތީ، އެބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އެބަ އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެޗްޕޯއޭ އިން އާއްމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ބައްޔަކީ ޓެރަފޯސް އާއިލާގެ ވާލުން ނުވަތަ ފްރުޓް ބެޓްސްގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމުގަ އެވެ. އަދި، މި ބަލި ފެތުރެނީ، މި ބާވަތުގެ ވާލު ކައިފައި ހުންނަ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ވާލުގެ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ ކާނާ ބޭނުންކުރުމުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިބަލިޖެހިފައިވާ މީހުންނާއި ގާތްކޮށް އުޅޭފަރާތްތަކަށްވެސް މިބަލި ފެތުރުމުގެ ފުރުޞާތު އޮތްކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މި ބަލި ޖެހުމުން ބައެއްމީހުންނަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެ އެވެ. ނަމަވެސް، ބަލީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ކަރުތެރެ ސަކަރާތްވުން ހިމެނެއެވެ. އަދި ބަލިޖެހޭ ބައެއްމީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށް ބޯއެނބުރުމާއި، ހެއަށް ގޮތްވުމުގެ އިތުރުން ފިޓްޖެހުން ފަދަ އަލާމާތްތައްވެސް ފެނެއެވެ.

މިބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނުވެ އެވެ. އެހެން ނަމަވެސް ޑެންގޫއާއި، ޒިކާ ފަދަ ބަލިތަކަށް ދޭ ފަރުވާ ފަދައިން މިބައްޔަށްވެސް ފަރުވާ ދެވެނީ ބަލީގެ އަލާމާތްތަކަށް ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ ކެރެލާ ސްޓޭޓުގެ ސަރުކާރުން އާއްމުކޮށްފައިވާ ގޮތަށް، އެސްޓޭޓުގެ ކޮޒިކޯޑު، މަލައްޕުރަމް، ވަޔަނާޑް އަދި ކަންނަންނޫރު އަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާކަމުގަ އެވެ.

އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިހާތަނަށް މިބަލި ރާއްޖެއިން ފެނިފައި ނުވިނަމަވެސް އަވައްޓެރި ޤައުމުތަކުގައި ނިޕާ ފެތުރުމާއި، މިބަލި ފަތުރާ ބާވަތުގެ ވާލު ރާއްޖޭގައި އުޅުމުގެ ސަބަބުން މިބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އެބަ އޮތް ކަމުގަ އެވެ. އެހެން ކަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ލަފައާއި އެކު ޙަލަތު ބަލާ މޮނިޓަރ ކުރަމުން ދާކަމަށްވެސް އެޗްޕީ އޭއިން ވިދާޅުވި އެވެ. މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ނިޕާ ވައިރަސް ފަތުރާ ވާލު ރާއްޖޭގައި އުޅޭ، މި ބަލި ރާއްޖެއަށް އައުމުގެ ފުރުޞަތު އެބަ އޮތް: އެޗްޕީއޭ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު