loading ...
loading ...
ނުދާނޭ ތިޔަ ހަނދާންފިލާ...14

ނުދާނޭ ތިޔަ ހަނދާންފިލާ...14

9 comments

އަހަރެން އެހެން އިންދާ މީހަކު އަހަރެންގެ ދެކޮނޑުގައި ހިފާ ނެގިއެވެ. އަދި އަހަރެން ގެންގޮސް އެމޭގެ ތެރޭގައި ބޮނޑިކޮށްލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އެމީހެއްގެ އަތުގެ ތެރެއިން އަހަރެން ވީއްލިގަތީމެވެ. އެވަގުތު ލިބުނު ސިހުމުގައި އަހަރެންނަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ދެލޯ ބޮޑުވެ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ.

********

"ޒާލް...." އަހަރެން ހާސްވިއެވެ. އެފަދަވަގުތެއްގައި ފިޒާލް އައުމުން ހަދާނެ ގޮތް ހުސްވިއެވެ.  އަހަރެން ދެއްކި ވާހަކަ ފިޒާލް އަށް އަޑުއިވުނު ކަން ފިޒާލްގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ހެކިދިނެވެ.

"ލަޔާ... އައިމް ސޯ ސޮރީ..." އަހަރެން ގެނެސް މެޔާލައި ބޮނޑިކޮށްލަމުން ފިޒާލް ބުނެލިއެވެ.

"ޒާލް.. ކިތަންމެ ބޭނުން ވިޔަސް އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނެއް މިދުނިޔެއަށް އުފަންކުރުމުގެ ނަސީބެއް އަހަރެންނަކަށް ނުލިބޭނެ...." އަހަރެންނަށް ރޮވެން ފެށުނެވެ. ފިޒާލްއަށް ހަގީގަތް އެނގުމުން އަހަރެން އިތުރަށް ފޮރުވާކަށް ނުހަދަމެވެ. އެހެންކަމުން ފިޒާލްގެ ކުރިމަތީގައި އަހަރެންގެ ހިތުގެ ހާލު ބަންޑުން ކުރަމުން ދިޔައީމެވެ.

"ޕްލީޒް ސްޓޮޕް.... ބޭބީ... ޕްލީޒް..... ޝްޝްޝް..." ފިޒާލް ބުނަމުން ދިޔައެވެ.

"ޒާލް.... އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް....." އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ރޮވޭވަރުން އަނގަމަތީ އަތްއަޅައި ބާރުކޮށްލެވުނެވެ.

"ލަޔާ.... ޕްރިންސަސް.... ތިހެން ނުބުނޭ..... ހުރިހާ ކަމަކަށް ކުޅަދުންވަންތަ ފަރާތެއް ވޭ.... އެފަރާތުގެ ކުޅަދުންވަންތަކަމުގެ ހެކިތައް ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ..... ކިހިނެތް އެނގޭނީ ފަހުން ވާނެ ގޮތެއް...... ކުއްޖަކު ނުލިބޭނެ ކަމެއްވެސް ކިހިނެތް އެނގޭނީ.... ހަމަ ލިބިވެސް ދާނެ.... އެއީ އެއްމެ ފަރާތެއްގެ ބާރުގެ ދަށުގައި ވާކަމެއް.... ޑޮކްޓަރުންވެސް ކުދިން ނުލިބޭނެޔޭ ބުނާ ކިތަށް މީހުންނަށް ކުދިން ލިބިފައި އެބަހުރި..... އެހެންވީމަ ދެރަނުވޭ..... ދެން ހުއްޓާލާ.... ލަޔާއަށްވުރެ އެހެން ކަމެއް އަހަންނަކަށް މުހިއްމެއް ނޫން.... ކުއްޖަކު ލިބުން އެއީ އަހަރެމެންގެ ތަގުދީރުގައި ލިޔެވިފައި ނެތް ކަމަކަށް ވާނަމަ އެގޮތްވެސް ބަލައިގަންނަން އަހަރެން މިހުރީ ތައްޔާރަށް.... އަހަރެން ލަޔާ އާއި ކައިވެނި ކުރީ ލަޔާ ދެކެ ލޯބިވާތީ.... ލަޔާ އާއި އެކު އުޅެން ބޭނުންވާތީ.... ދުވަހަކުވެސް ލަޔާ ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން.... މިއަދުވެސް އަހަރެން މިބުނީ އަހަރެން ލަޔާ މިބަލައިގަތީ ލަޔާގެ ހުރިއްޔާ ހުރި އުނިކަމަކާއި އެކީ... މާދަމާ އަހަރެންގެ ގައިން އުނިކަމެއް ފެނުނީމަ އަހަރެންވީ ލަޔާ ދޫކޮށް ދާންތަ.... އޭރުން ކޮބާ އިންސާފެއް.... ސޯ ޕްލީޒް... ދެރަނުވޭ މައި ޕްރިންސަސް...." އަހަރެންގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ފިޒާލް ބުނެލިއެވެ. އޭރު ފިޒާލްގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ.

"ވަގުތު ހަމަވެއްޖެ..... ހިނގާ ދާން...." ފަހަތުން އިވުނު އަޑަށް އަހަރެންނަށް އެދިމާއަށް ބަލާލެވުނެވެ. އެވަގުތު ފިޒާލް ވެސް އަހަރެންނާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ.

އަހަރެން ބަލާލިއިރު އަކިއަލް ގެންދިޔުމަށް ފުލުސް މީހާ އައިސް ހުއްޓެވެ. އަކިއަލް ފަހު ފަހަރަށް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ރައްދުގައި އަހަރެން ވެސް ހިނިތުންވެލީމެވެ. އެއާއިއެކު އަކިއަލް އެނބުރި ދިޔުމަށް ހިނގައިގަތެވެ.

"ވެއިޓް...." އަހަރެންނަށް ވަރަށް ބާރަށް ބުނެވުނެވެ.

އަހަރެންގެ އަޑަށް އަކިއަލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަދި ފަސް އެނބުރި އަހަރެންނާއި ދިމާއަށް ބަލާލިއެވެ. ފިޒާލް ވެސް ހައިރާންވެފައި އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެން ގޮސް އަކިއަލްގެ ކުރިމަތީގައި ހުއްޓުނީމެވެ.

"ތޭންކްސް.... ހިތުން ރުހުމުން އަހަރެން އަކިއަލް އަށް މި މަޢާފު ކުރަނީ މިއަދަކީ އަހަރެންނަށް ލިބުނު ހިތާމައާއި އެއްވަރަށް އުފާވެރި ކަމެއްވެސް ލިބުނު ދުވަހަކަށް ވާތީ.... ތޭންކްސް..." އަހަރެން ހިނިތުންވެލީމެވެ. އަކިއަލް ވެސް ހުރީ ހިނިތުންވެލައިގެންނެވެ.

"އަހަރެން ވެސް މިއަދު ވަރަށް އުފާވެއްޖެ.... ތިދެމީހުންނަށް ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް މިންވަރު ކުރައްވާށި...." އަކިއަލް ހިނިތުންވެލިއެވެ. އަދި އެނބުރި ދިއުމަށް ހިނގައިގަތެވެ.

********

"އަދި އެއްފަހަރު ތިޔަ ދުލުން ބުނެވިދާނެތަ...." އަހަރެން އައިސް ފިޒާލްގެ ކުރިމަތީގައި ހުއްޓުމާއިއެކު ފިޒާލް ބުނެލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައި ފިޒާލް އާއި ގާތަށް ދަމާލިއެވެ. ފިޒާލްގެ އެއަމަލުން އަހަރެން ލަދުގަންނަ ގޮތްވިއެވެ.

"ކޯއްޗެއް...." އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ފިޒާލްގެ ލާނެތްކަން ފެނި އަހަރެން ހުރީ ލަދުން ފިޒާލް އާއި ހަތަރުކަޅި ހަމަކޮށްލަންވެސް ނުކެރިފައެވެ.

"އަހަރެންދެކެ ލޯބިވާ ވާހަކަ... ހަމަ އެހާ ބޮޑަށް އަހަރެންދެކެ ލޯބިވޭތަ....." ލާނެތްކަން އަޑަށް ގެންނަމުން ފިޒާލް ބުނެލިއެވެ.

ފިޒާލްގެ އެސުވާލުގެ ޖަވާބުގައި އަހަރެން ބޯޖަހާލީމެވެ. އެއާއިއެކު ފިޒާލްގެ އަތުގެ ތެރޭގައި އަހަރެން އިތުރަށް ގައިދުކޮށްލިއެވެ. ދުވަހަކު ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ފިޒާލްގެ އެފަދަ ލޯބިވެތި އަމަލުތަކަކީ އަހަރެންނަށް އެހާ ފަސޭހައިން ފިޒާލް އަށް ހިތްދެވުނު އެއް ސަބަބެވެ.

"އުހުނ... ތިގޮތަކަށް ނޫން.... ތިޔަ ލޯބި އަޑު އަހާލާ ހިތުން މިހިތް ކެތްމަދުވެފައިވާ ވަރެއް ޕްރިންސަސް އަކަށް ނޭނގޭތަ.... ޕްރިންސަސް އަހަރެންދެކެ ލޯބިވާ ވާހަކަ އަބަދު އަޑު އިވުނަސް އަހަރެން ފޫއްސެއް ނުވާނެޔޭ... ދެން އިތުރަށް އަހަރެން ނުތަޅުވާ ބުނެބަލަ.... އެހެން ނޫނީ....." އަހަރެންގެ ނޭފަތުގައި ހިފާލަމުން ފިޒާލް ބުނެލިއެވެ.

"އެހެން ނޫނީ؟..." އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

އަހަރެން އެސުވާލުކޮށްލުމާއިއެކު ފިޒާލް އަހަރެންގެ ކަންފަތް ދަށުގައި ބުނެލި އެއްޗަކުން އަހަރެންނަށް ތެޅި ގަނެވުނެވެ. ލަދުން މުޅި މީހާ ފިނިވިއެވެ. ފިޒާލް ހުރީ ހިނިތުންވެލައިގެންނެވެ. އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން އަހަރެން އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ވަގުތުން ފިޒާލްގެ މޭގެ ތެރޭގައި މޫނު ފޮރުވާލީމެވެ.

"ޕްރިންސަސް އަދިވެސް އަހަރެންދެކެ ހަމަ އެހާ ލަދުގަނޭތަ..... އަވަހަށް ބުނޭ އިނގޭ.... އެހެންނޫނީ އެނގެއެއްނު ވާނެ ގޮތް...." ފިޒާލް ހޭން ފެށިއެވެ.

"ކީއްވެ މަޖުބޫރު ކުރަނީ...." ހިތްހަމަ ނުޖެހޭކަން ދައްކަމުން އަހަރެން ބުނެލީމެވެ. ނަމަވެސް ހަގީގަތުގައި އަހަރެން ހުރީ ހިނގަނޑު ހިފަހައްޓާލައިގެންނެވެ. ފިޒާލް އާއި ސަމާސާކޮށްލަން ބޭނުންވި ވަރުންނެވެ.

އަހަރެން އެހެން ބުނުމާއިއެކު ފިޒާލް އަހަރެން ދުރަށް ޖައްސާލިއެވެ. އަދި ދެޖީބަށް އަތްޖަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލިއެވެ.  ފިޒާލް އެގޮތަށް ކަންތައް ކުރުމުން އަހަރެން ދެރަވިއެވެ. އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. އަހަރެން އެހާ އުފަލުން ހުއްޓާ އަނެއްކާވެސް ކަންތައް ގޯސްވަނީ ހެއްޔެވެ. ފިޒާލް އެހާ އަވަހަށް ސީރިއަސް ވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ލަސްފިޔަވަޅު ތަކެއްގައި އަހަރެން ގޮސް ފިޒާލްގެ ފުރަގަހުގައި ހުއްޓުނީމެވެ. ފިޒާލްގެ މޫނު ނުފެންނާތީ އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ފިޒާލްގެ އަތުގައި ހިފާލުމަށް އަހަރެން އަތް ހިއްލާލީމެވެ. ނަމަވެސް ފިޒާލް ކަންތައް ކޮށްފާނެ ގޮތެއް ނޭނގޭތީ އަހަރެން ޖެހިލުންވިއެވެ. ހިތްވަރުކޮށްފައި ފިޒާލްގެ ގައިގައި އަހަރެން ބައްދާލީމެވެ. އެވަގުތު ފިޒާލްގެ ގައިން ދުވި ލުއި ސެންޓެއްގެ ވަހުން އަހަރެންގެ ޙިއްސުތައް ހޭލައްވާލިއެވެ.

"ސޮރީ.... އަހަރެން ޒާލްދެކެ ވަރަށް ލޯބިވޭ.... ވަރަށް ބޮޑަށް ލޯބިވޭ...." އަހަރެން އެހެން ހުރެ ފިޒާލް ދެކެ ލޯބިވާކަން ހާމަކުރަމުން ދިޔައީމެވެ.

އަހަރެންގެ އަޑުއިވުމާއިއެކު ފިޒާލް މަޑުމަޑުން ހީލިއަޑު އިވުނެވެ. ފިޒާލް ސަމާސާ އެއް ކޮށްލީކަން އެނގުމާއިއެކު އަހަރެން ވަގުތުން ފިޒާލް އާއި ދުރަށް ދިޔައީމެވެ. އެވަގުތު ފިޒާލް އެނބުރި އަހަރެންނާއި ދިމާއަށް ބަލާލިއެވެ. ފިޒާލް ބަލާލުމާއިއެކު އަހަރެން ދެލޯ ހަނިކޮށްލީމެވެ.

"ނޫޅެން ދެން ބުނާކަށްވެސް...." އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ.

"ޕްރިންސަސް.... ނޮޓް އެގެއިން.... ތިދުލުން އަހަރެންދެކެ ލޯބިވާވަރު ބުނެލާ އަޑު އަހާލާ ހިތުން އަހަރެން ކެތް މަދުވީ.... ބޭބީ އަށް އެނގެއެއްނު މަމީ ކިހާ ކެތްމަދު މީހެއްކަން ދޯ.... ސޯ ޕްލީޒް... ޕްލީޒް... ޕްލީޒް ޕްލީޒް... އަދި ހަމަ އެއްމެ ފަހަރަކު.... އަދިވެސް މިހިތެއް ނުފުރެޔޭ...." ފިޒާލް އައިސް އަހަރެން އުރާލިއެވެ.

"ވަރަށް ލޯބިވޭ.... ވަރަށް ލޯބިވޭ..." އަހަރެން ބުނަމުން ދިޔައީމެވެ.

ދޮރުމަތީގައި ތިބި މަންމަ އާއި ބައްޕަ އަހަރެންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަހަރެން ހާސްވިއެވެ. ވަގުތުން ފިޒާލް އާއި ދިމާއަށް ބަލާލެވުނެވެ. އޭރު ފިޒާލްވެސް ހުރީ މަންމަމެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެމޫނު މަތިންވެސް ކަންބޮޑު ވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައި ދެމީހުންނަށްވެސް ކުޑައިރުކޮޅަކު ތިބެވުނެވެ.

"މަންމަ ބޭނުން ވާހަކައެއް ދައްކާލަން..." މަންމަ އެހެން ބުނެލުމަށްފަހު ބައްޕަ ގޮވައިގެން އެތެރެއަށް ވަނެވެ.

"ޒާލް... ތިހެން ހުރެގެންތަ މަންމަމެންގެ ކުރިމައްޗަށް ދަނީ..." އަހަރެން ފިޒާލް އާއި ދިމާކޮށްލީމެވެ.

"އަދި އަދަބު އޮތީ އިނގޭ ކުރިޔަށް...." ފިޒާލް އަހަރެން ތިރީގައި ބަހައްޓާލަމުން ބުނެލިއެވެ.

"ޕްރިންސަސް.... ހާސްނުވޭ... އިންޝާﷲ ހުރިހާ ކަމެއްވެސް ދެން ދާނީ ރަނގަޅަށް...." ފިޒާލް ބުނެލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ޝަރީއަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައިވާ ކުށްވެރިންތަކެއް ފަދައިން އަހަރެންނާއި ފިޒާލް ތިބީ މަންމަގެ ކުރިމަތީގައެވެ. ޖެހިގެން ހުރި ސޯފާއަށް މަންމަ އިޝާރާތް ކޮށްލިއެވެ. އެއާއިއެކު އަހަރެންނާއި ފިޒާލް ގޮސް ސޯފާގައި އިށީނީމެވެ. މަންމަ ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އަހަރެން ހާސްވަމުން ދިޔައެވެ. އަހަރެންނަށް އިނދެވުނީ އެއްއަތުން އަނެއްއަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. މަންމަ އާއި ހަތަރުކަޅި ހަމަކުރަން ވެސް އަހަރެން އިނީ ޖެހިލުންވެފައެވެ.

"ކުރިމަގު ބިނާކުރެވޭނީ އެކަކު އަނެކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު.... އެކަކު އަނެކަކަށް ކަންކަން ސިއްރުކުރުމުގެ ބަދަލުގައި ޚިއްސާކޮށްގެން.... ވާނުވާ ނޭނގި ކައިވެނި ރޫޅުނުނަމަވެސް ތިޔައިން އެއްވެސް ކުއްޖަކަށް އުފާވެރިކަމެއް ނުލިބުނީސް..... ހިތާމައެއް ވިޔަސް އުފަލެއް ވިޔަސް ޚިއްސާކުރުމަކީ ދެމަފިރިންގެ ދޭތެރޭ އޮންނަ އިތުބާރު ވަރުގަދަވެގެންދާނެ ކަމެއް.... މަންމަމެން މިތިބީ ވަރަށް އުފަލުން.... ތިޔަ ދެކުދިންނަށް ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން.... މަންމައަށް މައްސަލައެއް ނެތް ދަރިފުޅުމެން މިގޭގައިވެސް ހަމަ އުޅެންވީ.... އެއްވެސް ހުރަހެއް ނޯންނާނެ...." ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން މަންމަ ވާހަކަ ދައްކަމުން ދިޔައެވެ.

އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަހަރެން ހީކުރި ގޮތާއި ޚިލާފަށް މަންމަ އިނީ ވަރަށް ހަމަޖެހިފައެވެ. އުފާވެސް ވެފައެވެ. މަންމަގެ ވާހަކަތަކަށް ބައްޕަވެސް ތާޢީދުކުރަމުން ދިޔައެވެ. އަހަރެންނަށް ފިޒާލް އާއި ދިމާއަށް ބަލާލެވުނެވެ. ފިޒާލް އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން މަޑުކުރީމެވެ.

"މަންމާ.... އަޅުގަނޑަށް މަޢާފުކުރޭ.... ވެދިޔަ ކަންތަކަށްފަހު އަޅުގަނޑަށް ލަޔާ އާއި ދޭތެރޭ ކަންތައް ކުރެވުނީކީ ރަގަޅަކަށް ނޫން..." ފިޒާލް އިނީ ދެރަވެފައެވެ.

"ނޫން ދަރިފުޅާ.... ކުށްކުރެވުނީ މަންމައަށް.... ޖަޒުބާތުގައި ޖެހި މަންމަ ބޭނުންވީ ތިދެކުދިން ދުރުކުރުވަން... އެކަމަކު އެއީ މަންމައަށް ހެދުނު ވަރަށް ބޮޑު ގޯހެއް.... ދަރިފުޅާއި ދޭތެރޭވެސް މަންމައަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް.... މަންމައަށް މަޢާފުކޮށްދީ...." މަންމަގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެތަން ބަލަން އަހަރެންނަކަށް ކެތެއް ނުވިއެވެ. އަހަރެން ގޮސް މަންމަގެ ގައިގައި ލޯބިން ބައްދާލީމެވެ. އަދި މަންމަގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަދިނީ ލޯތްބާއިއެކުގައެވެ.

"ނޫން މަންމާ... މަންމަ މަޢާފަށް އެދޭކަށް ނުޖެހޭނެ... ދަރިއަކަށް އެފަދަ ބޮޑު ކަމެއް ދިމާވީމަ ކޮންމެ މަޔަކަށް ވެސް ވާނީ އެކަހަލަ ގޮތެއް.... އެއީ މަންމަ ގަސްތުގައި ކުރި ކަމެއް ނޫނެއްނު.... އަޅުގަނޑުގެ ހިތް މަންމަ އާއި ދޭތެރޭ ހަމަ ސާފު...." ފިޒާލް އައިސް މަންމަގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ.

މަންމަމެންނާއި ވާހަކަ ދައްކާލަން ކުޑަ ވަގުތުކޮޅަކު ތިބުމަށްފަހު އަހަރެމެން ބޭރަށް ނުކުތީ މަންމަމެން ނިދަން ވަނުމުންނެވެ. ހުރިހާ ކަމެއް ހަމަޔަކަށް އެޅުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

އަހަރެންގެ އަތުގައި ހިފާލައިގެން ފިޒާލް ހިނގަމުންދިޔައެވެ. ފިޒާލް ވަކި އެއްޗެއް ނުބުނާތީ އަހަރެންވެސް ފިޒާލް އާއި އެއްވެސް ސުވާލެއް ނުކުރަމެވެ. ފިޒާލް މެންގެ ގެއާއި ހަމައަށް ދެވުމާއިއެކު އަހަރެން ހުއްޓުން އެރިއެވެ. ފިޒާލް އަހަރެން ގޮވައިގެން އެގެއަށް ދިޔުމުން ހިތުގައި ސުވާލު އުފެދުނެވެ. އަހަރެން ފިޒާލްއަށް ފުރިހަމައަށް އިތުބާރު ކުރަމެވެ. އެހެންކަމުން އެއްވެސް ޝަކުވާ އެއް ކުރުމެއްނެތި ފިޒާލްގެ ފަހަތުން ގޮސް ގޭތެރެއަށް ވަނީމެވެ. އަހަރެމެންނަށް ގެއަށް ވަދެވުނީ ފިޒާލްގެ މަންމަ އާއި މާމަގެ އިތުރުން ބައްޕަވެސް ސިޓިންގްރޫމުގައި ތިބި ވަގުތެއްގައެވެ. އަހަރެން ފެނުމާއިއެކު ތިން މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ސޯފާއިން ތެދުވިއެވެ. އޭރު އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާން ކަމެވެ.

"ދަރިފުޅާ.... މަންމަމެންނަށް މަޢާފުކޮށްދީ.... ދަރިފުޅަށް ދިމާވި ކަންތައްތަކަށްފަހު މަންމަމެން މިތިބެނީ ދަރިފުޅުގެ ކުރިމައްޗަށް އަރަންވެސް ނުކެރިފައި....." ފިޒާލްގެ މަންމަ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ.

"ނޫން މަންމާ.... އެކަމުގައި މަންމަގެ އެއްވެސް ކުށެއް ނެތެއްނު.... ކުށްކުރި މީހަކީ އަކިއަލް.... އަކިއަލްއަށް އަޅުގަނޑު ހެޔޮހިތުން މަޢާފުކޮށްފިން....." އަހަރެން ހިނިތުންވެލީމެވެ.

"މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅާ.... އާދޭ އަވަހަށް އެތެރެއަށް...." އަހަރެން ކައިރީ އެތެރެއަށް ވަންނަން ބުނަމުން ފިޒާލްގެ މަންމަ ހިނގައިގަތެވެ. އަހަރެންނަށް ބަލާލެވުނީ ފިޒާލް އާއި ދިމާއަށެވެ. އޭރު ފިޒާލްވެސް ހުރީ ހިނިތުންވެލައިގެންނެވެ. ފިޒާލްގެ ހިނިތުންވުން އަހަރެންގެ ހިތް ފިދާކުރުވިއެވެ.

"ދަރިފުޅާ....ބައްޕައަށް މަޢާފުކުރޭ...." އަހަރެން ގޮސް އިށީނުމާއިއެކު ފިޒާލްގެ ބައްޕަ ބުނެލިއެވެ. އޭރު  ފިޒާލްގެ ބައްޕަގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ފިޒާލްގެ ބައްޕަގެ އެސިފައަކީ މީގެ ކުރިން އަހަރެންނަށް ފެނިފައިވާ ސިފައެއް ނޫނެވެ. އެހެންކަމުން އަހަރެންނަށް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ.

"ބައްޕައަށް ދަރިފުޅާއި ދޭތެރޭ ކަންތައް ކުރެވުނީ ރަގަޅަކަށް ނޫން.... އަކިއަލް ދަރިފުޅަށް ފަންޑިތަ ހަދަން އެދުނު ނަމަވެސް ބައްޕަ އެކަމެއް ނުކުރަން.... ފަންޑިތައިގެ ބާރުގައި ކައިވެނި ކުރުވުމަކީ ބައްޕަ އެއްއިރެއްގައި ވެސް ރުހުނު ކަމެއް ނޫން.... އަކިއަލްގެ ކައިރީ ބައްޕަ ބުނިން ދަރިފުޅަށް ފަންޑިތަ ހަދަމޭ.... އެކަމަކު އެއީ ހަމައެކަނި އަކިއަލްގެ ހިތްހަމަ ޖައްސާލަދިނުމުގެ ބޭނުމުގައި..... އަހަރެން އެކަން ނުކޮށްދީފިނަމަ އެހެން މީހެއްގެ ކައިރިއަށް ގޮސް ކުރުވަފާނެތީ އަހަރެން ޖެހިލުންވީ.... ފަންޑިތަ އާއި ސިޙުރަކީ ކޯއްޗެއްކަން ބައްޕައަށް ވަރަށް ރަގަޅަށް އެނގޭ.... އަދި އެކަން ކުރަންވެސް..... އެކަމަކު އެކަމުގެ ސަބަބުން ލިބޭނީ ވަގުތީ އުފަލެއް.... އެކަން ކުރަން ބައްޕައަށް އެނގުނަސް ގޯސްގޮތުގައި އެކަންކަން ކުރާކަށް ބައްޕަ ބޭނުމެއް ނޫން...." ފިޒާލްގެ ބައްޕަ ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަދި ސޯފާއިން ތެދުވެ ފިޒާލް އާއި ދިމާއަށް ހިނގައިގަތެވެ. އަދި ފިޒާލްގެ ކައިރިއަށް އައިސް ކުޑަކަކޫ މައްޗަށް ތިރިވިއެވެ.

"ދަރިފުޅާ..... ކޮއްކޮއަކީ ކުޑައިރުއްސުރެވެސް ސިކުނޑީގެ މައްސަލަ ހުންނަ ކުއްޖެއް..... އެހެންވެ ކޮއްކޮ ދެރަވާ ކަހަލަ ކަމެއް ކުރަން ބައްޕަ ޖެހިލުންވީ.... މިވީހާ ތަނަށްވެސް ކޮއްކޮ އާއި ދެކޮޅަށް ބައްޕަ ނުނިކުތީ އެހެންވެ.... އެކަމަކު އަކިއަލް ލަޔާލް އާއި ދޭތެރޭ ކަންތައް ކުރިގޮތް އެނގުމުން ބައްޕަ ވަރަށް ދެރަވި.... އަމިއްލަ ނަފުސު ކުށްވެރިކުރެވުނު.... ލަޔާލްގެ ކުރިމައްޗަށް އަރަންވެސް ލަދުގަތް...." ފިޒާލްގެ ބައްޕަގެ އަޑު ކުރެހުނެވެ.

"ބައްޕާ...." ފިޒާލްވެސް އިނީ ވަރަށް ދެރަވެފައެވެ. އަމިއްލަ ބައްޕަ އެހާލުގައިވާތަން ދުށުމަށް ދަރިއަކަށް ކެތްވާނެ ހެއްޔެވެ. ފިޒާލް އޭނާގެ ބައްޕަ ނަގައި ސޯފާގައި ބޭންދިއެވެ.

"ފިޒާލްގެ ކައިވެނި ހަމަޖެހުނު އިރު ބައްޕައަކަށް ނޭނގެ އެއީ ލަޔާލް އާއި ކަމެއް..... ބައްޕައަށް ދަރިފުޅު ފެނުމުން ފުރަތަމަވެސް ވިސްނާލެވުނީ އަކިއަލް އާއި ދޭތެރޭގައި.... ބައްޕަ ވަރަށް ޖެހިލުންވި.... އަކިއަލްއަށް އެނގުމުން ވާނެ ގޮތަކާއި ދޭތެރޭ ވިސްނުނު... ބައްޕައަށް އެނގޭ އަކިއަލް އަށް އެނގުމުން ގޯސް ހަދާނެކަން.... އެކަމަކު އޭރު ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހިއްޖެ... އެކަން ވެސް ހުއްޓުވާނެހާ ހިތްވަރެއް މި ބައްޕަގެ ގަޔަކު ނެތް.... ދަރިފުޅުވެސް ލަޔާލް ދެކެ ވާ ލޯބި ބައްޕައަށް އެނގޭ...." ފިޒާލްގެ ބައްޕަ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ސާފުވަމުން ދިޔައެވެ. ފިޒާލްގެ ބައްޕަގެ ވާހަކައިގެ ތެދުކަން ކުރިން ކަން ހިނގައިދިޔަ ގޮތާއި ދޭތެރޭ ވިސްނާލުމުން އެނގިގެން ދިޔައެވެ.

"ބައްޕާ... އެއީ ބައްޕަ ކުރި ކުށެއް ނޫނޭ... އެއީ ބައްޕަ އަޅުގަނޑަށް ވެދިން އިޙުސާންތެރިކަމެއް.... މަޢާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނޫން އެއީ... އަޅުގަނޑުގެ ހިތް ހަމަ ސާފު.... މިއަދު އަޅުގަނޑު އުފާކުރަން ތިކަހަލަ ބައްޕައެއް ލިބުނީތީ...." އަހަރެން އުފާވިއެވެ. އަހަރެން ހީކުރިކަހަލަ ގޯސް މީހަކަށް ފިޒާލްގެ ބައްޕަ ނުވުމުންނެވެ.

********

ހަނދުވަރުގެ ރިހި އަލި އެޅިފައިވާ ދޮންވެލި ތުނޑިމަތީ އަހަރެން އިށީނދެލައިގެން އިނީމެވެ. ލޯބިވާ ފިރިމީހާގެ ހިމާޔަތުގައެވެ.

"ޒާލް.... އަހަރެން ބޭނުން ޒާލްގެ ކައިރީ ވަރަށް ބޮޑު ވާހަކަ އެއް ބުނަން... އަދިވެސް ޒާލްއަށް ނޭނގޭ އެތައް ކަމެއް އެބަހުރި..... އެކަމަކު ޚަޔާތުގެ އާބާބެއް ފަށަން އަހަރެން ބޭނުންވަނީ އަހަރެންގެ ދުލުން ފިޒާލް އަށް އެހުރިހާ ވާހަކައެއް ޙިއްސާ ކުރުމަށްފަހު...." ފިޒާލްގެ މޭގައި ލައްވެލައިގެން އިނދެ އަހަރެން ބުނެލީމެވެ. އަދި އަހަރެންނާއި އަކިއަލް ދިމާވި ގޮތާއި އެކުގައި ހޭދަކުރެވުނު ވަގުތުތަކުގެ ވާހަކަ ފިޒާލް އާއި ޚިއްސާކުރީމެވެ.

"ލަޔާ.... އަހަރެންނަށް ލަޔާ އާއި އަކިއަލްގެ ގުޅުން ވަނީ އެނގިފައި.... އަކިއަލް ދިޔުމުގެ ކުރިން އަހަރެންނާއި ބައްދަލުކޮށް އެވާހަކަތައް ވަނީ ކިޔާދީފައި..... އެކަމަކު އަހަރެމެންނަށް ކުއްޖަކު ނުލިބޭނެ ވާހަކަ އަކިއަލް އަހަރެންގެ ކައިރީ ބުނެފައެއް ނުވޭ...." ފިޒާލް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އެދުވަހު އަކިއަލް ދެއްކި ވާހަކަތައް ފުރަތަމަ އަހަރެންނަށް ގަބޫލުކުރަން ދަތިވި.... ހީކުރީ އެއީ މީހަކު އަހަރެންނާއި ކޮށްލާ ސަމާސާ އެކޭ.... ހަގީގަތަކީ އަހަރެން އެކަންކަން ގަބޫލުކުރަން ބޭނުން ވެސް ނުވުން.... ލަޔާ.... ތިކަމުގައި އަހަރެން ލަޔާ ކުށްވެރިކުރާކަށް ބޭނުމެއް ނޫން.... ކުށްކުރީ ލަޔާއެއް ނޫން.... ކުށްކުރީ އަކިއަލް.... ލަޔާދެކެ އަކިއަލް އެހާ ލޯބިވާނަމަ ލަޔާއަށް އޮޅުވާލައިގެން ލަޔާ އާއި އެކު އެފަދަ ގުޅުމެއް ނުބޭއްވީސް.... ލަޔާއަށް ތިފަދަ ގޮތެއް މެދުވެރިވީ އަކިއަލްގެ ސަބަބުން.... އަހަރެން ދުވަހަކުވެސް އަކިއަލް އަކަށް މަޢާފެއް ނުކުރާނަން...." އަހަރެންނަށް ދަރިން ނުލިބެނީ އަކިއަލްގެ ސަބަބުންކަން އެނގުމުން ފިޒާލް އިނީ އަކިއަލް ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ.

"ނޫން ޒާލް.... ތިހެން ނުބުނޭ.... އާލް އަކީ ގޯސް މީހެއް ނޫން..... އާލް އަކީ ގޯސް މީހެއްނަމަ މިއަދު ވެސް މަސައްކަތް ކުރީހީ ގަދަބާރުން އަހަރެންގެ ލޯބި ހާސިލްކުރާކައްނު.... އެކަން ކުރުމުގެ ބާރު އާލް އަށް ލިބިގެން ވާނެ.... އެކަމަކު އާލް އަހަރެން ދޫކޮށް އެދިޔައީ އަހަރެންދެކެ ލޯބިވާތީ.... އަހަރެންނަށް ގެއްލުމެއް ލިބެން ނޭދޭތީ.... ޒާލް... ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ.... ތަޢުބާވުމުގެ ފުރުޞަތުވެސް އޮވެއެއްނު...." އަހަރެން މަސައްކަތް ކުރީ ފިޒާލްގެ ވިސްނުން ބަދަލުކުރެވޭތޯއެވެ. އަކިއަލް ގަސްތުގައި އަހަރެންނަށް ގެއްލުމެއް ދޭން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

"ތިކަން އަހަރެން ގަބޫލުކުރަން.... އަކިއަލް ލަޔާދެކެ ލޯބިނުވެއެކޭ އަހަރެންވެސް ނުބުނަމެއްނު.... އެކަމަކު ލަޔާ... އަކިއަލް ލަޔާ ދެކެ އެހާ ލޯބިވާނަމަ ދޫކޮށްލާފައި ދިޔުން ފަސޭހަ ކަމަކަށް ވާނެތަ.... އަހަރެންވެސް ލަޔާދެކެ އިންތިހާއަށް ލޯބިވޭ.... އެކަމަކު އަހަރެންނަށް ލަޔާ ދޫކޮށްލާފައިދާން ފަސޭހަކަމަކަށް ނުވި.... ދާކަށް ބޭނުމެއްވެސް ނުވި.... އެހެންވީމަ އަކިއަލް ލަޔާ ދޫކޮށްދާނީ ކިހިނެތް..... އެމީހުން ގަބޫލުކުރާ ގޮތުން ވިއްޔާ ލަޔާ ހުރީ އޭނަގެ އަނބިމީހާގެ މަގާމުގައި.... މަށަށް އެނގިފައި އޮތް ގޮތުން އެމީހުން އެހާ ފަސޭހައިން އަނބިމީހާ ދޫކޮށްލާފައެއް ނުދާނެ..... އަމިއްލަ ފުރާނަ ޤުރުބާން ކުރަންޖެހުނަސް އެމީހުން އެކަން ކުރޭ.... އެކަމަކު އެމީހުންގެ އަނބިދަރިން ދޫކޮށްލާކަށް އެއްބަހެއް ނުވޭ..... ލަޔާ އަހަރެން އެކަމުގެ މަޢުލޫމާތު ވަރަށް ގިނަ ގޮތްގޮތުން ހޯދައިފިން..... ލަޔާއަށް ހީވޭތަ އަކިއަލް އެހެދީ ތެދެއް ހެން.... ޖިންނި ޝައިތޯނުންނަކީ ވަރަށް  ދޮގުހަދާ މަކަރުވެރި ބައެއް...." ފިޒާލް އޭނައަށް އެނގޭ މިންވަރުން ވާހަކަ ދައްކަމުން ދިޔައެވެ.

ފިޒާލްގެ ވާހަކަ ކަނުލާ އަޑުއަހަން އަހަރެން އިނީމެވެ. އެވާހަކަ ތަކާއިމެދު އަހަރެންނަށް ވަރަށް ފުންކޮށް ވިސްނާލެވުނެވެ. ފިޒާލް އެބުނީ މުޅިއަކުން ދޮގު ވާހަކަ އެއްވެސް ނޫނެވެ. ނަމަވެސް އެކަން ގަބޫލުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ފިޒާލް ދެކެ ކިތަންމެ ލޯބިވި ނަމަވެސް އަކިއަލްގެ ހަނދާންތައް އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ.

"ޒާލް.... ދެން އެވާހަކަ ބާއްވާ.... އެކަން އެނިމުނީނު.... ދެން ހިނގާ އަހަރެމެން ދެމީހުންނަށް ރަނގަޅު ލައިފްއެއް ފެށޭތޯ ބަލަމާ...." އަހަރެން އެވާހަކަ އިތުރަށް ކުރިޔަށް ގެންދަން ބޭނުން ނުވުމުން ބުނެލީމެވެ. ނަމަވެސް އޭރުވެސް ފިޒާލް އިނީ ފުންވިސްނުމެއްގެ ތެރޭގައެވެ.

"ދެން ހީލަބަލަ... ޒާލް އަކާއި ނުގުޅެއޭ ތިހާ ސީރިއަސްވެފައި އިނީމަ...." ފިޒާލް އާއި އިތުރަށް ގާތްވެލަމުން އަހަރެން ބުނީމެވެ. އެއާއިއެކު ފިޒާލް ހިނިތުންވެލިއެވެ. އަދި އަހަރެންނާއި އިތުރަށް ގާތްވެލިއެވެ. ފިޒާލްގެ ހޫނު ނޭވާ އެޅޭހާ ކައިރި ވުމާއިއެކު އަހަރެން ލޯމަރާލީ ފިޒާލްއަށް ފުރިހަމައަށް ދަޢުވަތު ދެމުންނެވެ. ފިޒާލް އަހަރެންގެ ކޯތާފަތުގައި ބޮސްދިނެވެ. އެއާއިއެކު އަހަރެންގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

"ހިނގާ ގެއަށް ދޯ.... ކޮން ގެއަކަށް ދާނީ.... މިހާރު ގެތައް ގިނަކަމުންވެސް ދާނެ ތަނެއް ނޭނގެ.... ހެހެހެ.... މިރޭ ދާނެ ތަނެއް ޗޫޒް ކުރާނީ މަގޭ ޕްރިންސަސް.... މިރޭމީ ވަރަށް ޚާއްސަ ރެޔަކަށް ވާން އަހަރެން ބޭނުން..." އަހަރެންގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން ފިޒާލް ބުނެލިއެވެ.

"މިރޭ ދާނީ އަހަރެންގެ ގެއަށް..... ނޭނގެ ކީއްވެކަމެއް މިރޭ ހަމަ ގޭގައި މަޑުކޮށްލާ ހިތްވަނީ.... ކުޑަކޮށް ހަމަޖެހިލައިގެން ޒާލްމެންގެ ގެއަށް ބަދަލުވާނީ... އެގޮތް އޯކޭތަ..." އަހަރެން ސުވާލުކޮށްލީމެވެ. އެއާއިއެކު ފިޒާލް ބޯޖަހާލިއެވެ.

ގެއަށް ދިޔުމަށްޓަކައި އަހަރެމެން ހިނގަމުން ދިޔައީމެވެ. ނަމަވެސް އަހަރެންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ފިޒާލް ދެއްކި ވާހަކަތަކާއި މެދު އަހަރެންނަށް ވިސްނެމުންދިޔައެވެ. އަކިއަލް އެނބުރި އައިސްދާނެ ހެއްޔެވެ؟ އެހެން ވެއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން އެގޮތް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.

ހިނގަމުންދިޔަ ވަރަކަށް އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. ހީވަނީ ނިދިގެން ވެއްޓެއް އުޅޭހެންނެވެ. ދެފައިން ވާގިދާހެން ވެސް ހީވަމުން ދިޔައެވެ. އަހަރެންގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. އެވަގުތު ކޮޅަށް ހުރުމަށް އަހަރެންނަށް ދަތިވެގެން ދިޔައެވެ. އޭރު ކަޅު އަނދިރި ގަނޑަކުން މުޅި މީހާ ވަށާލަމުން ދާކަހަލަ އިޚުސާސްއެއް އަހަރެންނަށް ކުރެވެމުން ދިޔައެވެ.

"ޒާ....ލް..."  އަހަރެންނަށް ފިޒާލް އަށް ގޮވާލެވުނެވެ. އަހަރެންގެ އަޑުވެސް ނިކުތީ ކެނޑިކެނޑި ގެންނެވެ. ދެވަނަ ފަހަރަށް ވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލީމެވެ. ނަމަވެސް ދޫ އިތުރަށް ހަރަކާތެއް ނުކުރެވުނެވެ. ފިޒާލް އަހަރެންގެ ގައިގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ. އެއާއިއެކު އެއަތްދަނޑި މައްޗަށް އަހަރެން ދެމުނެވެ.

"ލަޔާ.... ބޭބީ ކިހިނެތްވީ.... ވަޓްސް ރޯންގް.... ޕްލީޒް ބޭބީ.... އައިމް ވޮރީޑް.... މަޖަލަކަށް ތިކަހަލަ ކަންތައް ނުކުރައްޗޭ..... މިހާރު މަ ބިރުންގަންނަން ފަށައިފި.... ދެން ތި އެކްޓްކުރުން ހުއްޓާލާ... މަގުމަތިން މީހަކުވެސް ފެންނާކަށް ނެތޭ... ބޭބީ...." ފިޒާލްގެ އަޑު އަހަރެންގެ ކަންފަތަށް އިވެމުންދިޔައެވެ. ނަމަވެސް ފަހަރަކަށްވުރެ ފަހަރެއް އެއަޑު ދިޔައީ މަޑުވަމުންނެވެ. ބައެއް ފަހަރު އެއަޑު އެކޯވަމުން ދާހެން ވެސް އަހަރެންނަށް ހީވެއެވެ.

އެއްޗެކޭ ބުނަން މަސައްކަތް ކުރި ނަމަވެސް އަހަރެންނަކަށް އެކަމެއް ނުކުރެވުނެވެ. ހަރަކާތެއްވެސް ނުކުރެވުނެވެ. ފިޒާލްގެ އަޑު މަޑުވަމުން ގޮސް މުޅިންހެން އެއަޑު ކެނޑުނެވެ. ނަމަވެސް އޭރުވެސް ފިޒާލްގެ ބީހުންތަކުގެ އަސަރު އަހަރެންގެ ހަށިގަނޑުގައި ނުފިލާ ހުއްޓެވެ. މަޑުމަޑުން އަހަރެންގެ ހިއްސުތައް ކެނޑެމުން ގޮސް އެކީހެން ކެނޑިގެން ދިޔައެވެ.

(ނިމުނީ)

ނޯޓް: މިވާހަކައިގެ ފުރަތަމަ ސީޒަން މިހާ ހިސާބުން ނިމުނީއެވެ. އެއީ ލަޔާލްގެ ނަޒަރުން މިވާހަކަ ދެން އިތުރަށް ކުރިޔަށް ނުގެންދެވޭނެތީއެވެ. ދެވަނަ ސީޒަން އަކަށް އިންތިޒާރު ކޮށްލައްވާ.....

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

9 ޚިޔާލު

  1. ޢަދުލު އިންސާފް

    އޭސް… ވ ވ ވ ވ ސަޅި.. ކީޕް އިޓް އަޕް… ނެކްސްޓް ޕާޓް އަވަސްކޮށްދޭތި

    • އޭޝް

      Thank you so much dear. varah happy vehje mi part kamudhiyaeema. 🙂

  2. Inoo

    Eysh mi part vx varah varah reethi…when is the next part

    • އޭޝް

      Inoo dear mi season nimunee mi. Next season Insha Allaah liyevunuhaa avahakah up kuran fashaanan. Thank u so much dear. So happy that u liked. ?

  3. NAJU

    Wow v nice mi story gendhiyagoi dhn knirakun next season up kohdheyny dear vvvvvvv kiyaa hithun mihury next I just love ur story dear.. That’s way I can’t wait dear… ????

    • އޭޝް

      Naju dear thank u so much. Varah happy vehje story gendhiya goiy kamudhiyaeema ? next season liyevunuhaa avahakah upkuran fashaanan Insha Allaah. ? so sweet of u ❤

  4. Lai

    Kihineh mi v….I don’t understand

  5. ލިމް

    ނިމުނީތަ ހާދަ ދެރައޭ ނިމުނީމަ އަނެއް ސީޒަން އަށް ވަރަށް އިންތިޒާރު ކުރާނަން ވަރަށް ރީތި މިވާހަކަ ވެސް

  6. Hhh

    Mi season nimun iru jinni akiyal fizaal kokko ge sooraaga annan jehun sababeh neynge