loading ...
loading ...
މިއަދު ތިޔަހެން އުޅެވިދާނެއެވެ - މާދަމާ ތިބާއަށް ހުރިގޮތް އެނގޭ ހެއްޔެވެ؟

މިއަދު ތިޔަހެން އުޅެވިދާނެއެވެ - މާދަމާ ތިބާއަށް ހުރިގޮތް އެނގޭ ހެއްޔެވެ؟

0 comment

އޭނާޔަކީ އަހަރެންގެ ވަރަށްގާތް އަވަށްޓެރިއެކެވެ. އަހަރެން ބައެއްދުވަސް ދުވަހު އޭނާގެ ގެޔަށްގޮސް ވާހަކަ ދައްކާ މަޖާކޮށް ހަދަމެވެ. އޭނަޔަކީ އަހަރެންގެ ރައްޓެސަކަށް ވީތީއެވެ. އަހަންނަކީ އޭނާގެ އޮފީހުގައި އުޅޭމީހަކަށް ވެސް ވުމާއިއެކުގަ އެވެ.

އަހަރެންނަކީ އެއޮފީހަށް ވަތްތާ އެހާގިނަދުވަސް ވެފައިވާމީހެއް ނޫންކަމުން އޭނާޔަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ކުރިޔަކުން އެނގިފައެއް ނެތެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލުމަށްފަހު އޭނާ ބޮޑު ހަތަރު ބަނަސް ގަނެއެވެ. އަހަރެން އެގެޔަށް ދާއިރު އަބަދުވެސް ތިބެނީ އޭނަގެ އަންހެނުންނާއި ހަތަރު އަހަރަކަށް ދާ ދަރިފުޅެވެ. އެހިސާބުމީހުން އަހަރެން އެގެޔަށް ވަދެ ނިކުމެހަދާތީ އަހަރެންނާއި ދިމާޔަށް ވަރަށް ބަލަހައްޓައިގެންވެސް ތިބެއެވެ.

އަހަރެން އެގެޔަށްދާއިރު އޭނާގެ އަވަށްޓެރިއަކުވެސް އެގެޔަށް ވަދެލާ އިންނަތަނެއް ނުދެކެމެވެ. އޭނާ ކޮންމެދުވަހަކުވެސް މިގެންދާ ހަތަރުބަނަހާ މެދުވެސް އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަހަރެން މިކަމާ އެއްދުވަހު އޮފީސް ނިއްމާލުމަށްފަހު އެމީހާޔާ ސުވާލުކުރީމެވެ. ކީއްކުރަން ކޮންމެދުވަހަކު ގެންދާ ބަނަހެއްތަ؟ އޭނާ ވަރަށް ހެވިލާފައި ޖަވާބު ދިނެވެ. އަހަރެންގެ ދަރިފުޅު ވަރަށް މީރުކޮށް ކާއެއްޗެއް މީ ދަރިފުޅު މިނުގެންގޮސް ފިއްޔާ އެދުވަހު ނުވެސްކާނެ… އަހަރެން ދެން އެކަމަކާ މާބޮޑަކަށް އަޅައެއް ނުލަމެވެ.

ދެންއަހަރެން ސުވާލުއުފެދުނު އަނެއްކަމަކީ އެގޭގައި ވަކިން ހަދާފައި ހުރިކޮޓަރިޔަކާއިމެދުއެވެ. އެގެޔަށް ދާއިރުއެކޮޓަރީގައި އަބަދުވެސް ބޮތްކެއް ދިއްލާފައި ހުއްޓައިފެނެއެވެ. އޭނާ އެކޮޓަރިކައިރިއަށް ދާތީ އަހަންނަކަށް ނުވެސްފެނެއެވެ. އަދިއެކޮޓަރީގެ ތެރެއިން މީހަކު ނުކުމެ އުޅެނިކޮށްވެސް އަހަރެން ނުދެކެމެވެ. މިކަމާވެސް އަހަރެންސުވާލެއް ރާވާލީމެވެ. “އޭ! ތިގޭގަ ވަކިން އެހުންނަނީނު ދޯ ކޮޓަރިޔެއް؟؟ އެތަން އެއީހުސްކޮށްހުރިތަނެއްތަ؟ އެތަންމަށަށް ކުއްޔަށްދޭންވީނު!” އަހަރެން މިހެން ބުނުމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ.

“ދޮންކަލޯ އެއީ ކުއްޔަށްދޭ ކޮޓަރިޔެއް ނޫން އެތަނަށް ނިދަން އަންނަ ކުއްޖަކު އުޅޭނެ އޭނަ ހިފާފަހުރިތަނެއް އެއީ” އޭނާ ބުންޏެވެ.

“އެހެންތަ ކަލެޔާ މަ ސަމާސާ ކޮއްލީ އިނގޭ… މަށަށް އިނގޭ މިހާ ބައިބޯތަނެއްގައި ކޮޓަރިޔެއް ހުހަށް ނުހުންނާނެކަން” އަހަރެން ބުނެލީމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އޮފީސް ބަންދު ދުވަހެއްގައި އަހަރެން އަންހެނުންނާއިއެކު އެގެޔަށް ދިޔައީމެވެ.

އަހަރެން އެގެޔަށް ދިޔަ މަގު މަތީގައި ކައިރީގައިހުރި ފިހާރަޔަކަށް ވަދެ ހަތަރު ބަނަސް ގަތީމެވެ. އަންހެނުން ކީއްކުރާ ބަނަހެއްތޯ އެހުމުން އަހަރެންބުނީ މީއޭނާގެ ދަރިފުޅަށް ވަރަށްމީރު އެއްޗެއްކަމުގައެވެ. އެދުވަހު އެގެޔަށްގޮސް އޭނަގެދަރިފުޅަށް އަހަރެން ބަނަސް ކޮތަޅުދިއްކޮއްލާފައި ބުނީމެވެ. “ކޮއްކޯ މިހިރީބަނަސް ވަރަށްމީރުވާނެދޯ” އެކުއްޖާ އަހަރެންދެކެ ވަރަށްރުޅިއައިސްފައި ހުރި ފާޑަކަށްހުރެ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންގެހިތުގައި ސުވާލުތަކެއް އެވަގުތު އުފެދުނެވެ. އެވަގުތު އޭނާގެ ބައްޕަ ހީލާފައި ބުންޏެވެ. “ތީވަރަށް ވަރުގަދަކުއްޖެއް! ބައްޕަގެންނަ ބަނަސްނޫނިއްޔަ ކަމަކުނުދާނެ” އޭރުވެސް އެކުއްޖާ ވަރަށް ރުޅިއައިސްގެން އަހަންނާ ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ. އެދުވަހު އެހިނގާދިޔަ ހާދިސާޔާމެދު އަހަރެން މާބޮޑަކަށް ނުވިސްނަމެވެ.

އަހަރެން ޖެހިގެން އައިދުވަހު އޭނާގެ އަތުން ޕެންޑްރައިވް އެއް ނަގަންވެގެން އޭނާ ގޭގައި އުޅޭނެ ގަޑިޔަކަށްވާތީ ނުގުޅައި ދިޔައީމެވެ. އަހަރެން އެގޭގެ ދޮރާށި ހުޅުވާލިތަނާ އޭނާގެ އަންހެނުން ދުރުގައި ވަކިންހުރި ކޮޓަރީގެ ދޮރުމަތީގައި ބަނަސްކޮތަޅެއް ހިފައިގެން ހުއްޓެވެ. އޭނާޔަކަށް އަހަންނެއް ނުފެންނާނެއެވެ. އަހަރެން ކުޑަކޮށް އެތެރެޔަށް ޖެހިލިތަނާ އޭނަގެ އަންހެނުން އެކޮޓަރީ ގެދޮރު ހުޅުވާލާފައި އެބަނަސްކޮތަޅު އެކޮޓަރީގެ ތެރެޔަށް އެއްލާލުމަށްފަހު ބުންޏެވެ. “މިއޮތީ ކާނާ ދެންވެސް މިކައިގެން އޮވެވޭތޯ ބަލާބަލަ”

މިހިސާބުން މިވާގޮތެއް ވަރަށް ރަނގަޅަށް ބަލަން އަހަރެން ބޭނުންވިއެވެ. އަހަރެން ހިތައްއެރިއެވެ. އެކޮޓަރީގައި އަނެއްކާ މިމީހުން ގެންގުޅޭ ޖަނަވާރެއް އޮތީބާވާއެވެ. ؟ އަހަރެން ވަގުތުން އެގޭގައިހުރި ބަގީޗާގަސްތަކުގެ ތެރެޔަށް ތިރިވެ ނިވައުވެލީމެވެ.

މިއަންހެނާ ކޮތަޅު އެއްލައިލުމަށްފަހު އެނބުރިއައިއިރު އޭނާގެ މޫނުމަތީގައި ރުޅިވެރިކަމުގެ އަސަރު އިންތިހާއަށް ހުއްޓެވެ. އެއަންހެނާ ދުވަހަކުވެސް އެހާރުޅިއައިސްފައި ހުއްޓައި އަހަރެން ނުދެކެމެވެ. މަޑުމަޑުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ގޮސް އެމީހުންގެ ކޮޓަރިޔަށްވަނެވެ.

އަހަރެން ވަރަށް ނިވާވަމުންގޮސް މިބަނަސްކޮތަޅު އެއްލިކޮޓަރި ބަލާލީމެވެ.

ޞުބުޙާނަ ﷲ އެވެ! އަހަރެންގެ ހަޔާތުގަ ވެސް އެފަދަ މަންޒަރެއް ނުދެކެމެވެ. ކޮޓަރިތެރެއިން ދުވިވަހުން އަހަންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ. އިންސާނުންގެ ނަޖިހުގެ ވަހެވެ! މުޅިކޮޓަރިތެރޭގައިވަނީ މަކުނުވާފުރާފައެވެ. ކޮޓަރީގެތެރޭގައި ބައެއްކަހަލަ ބޭނުންނުކުރާ ފޮށިތަކާއި މޭޒު ކަހަލަ އެއްޗެހި ހުއްޓެވެ. އަހަރެން ހިތްވަރުކޮށްލާފައި ނޭފަތުގައި އަތްއަޅައި ކޮޓަރީގެ ތެރެޔަށްބަލަހައްޓައިގެން ހުރީމެވެ. ދެލޯވަޅުވަދެފައިވާ މުސްކުޅިއަންހެނަކު އެސްފިޔަޖަހާނުލައި އަންނާދިމާޔަށް ފެންކަޅިވެފައިވާ ޙާލު ބަލަހައްޓައިގެން އޮތެވެ. ގައިގައިވާހެދުމުގެ ކުލަވެސް ވަކިކުރަން ނޭގެއެވެ. ކިލަޔާއި ނަޖިހުން އެ ހެދުން ތަތްތެޅިފައި އޮތުމުންނެވެ. އެއަންހެނާ އޮތްއެނދުގެ ކައިރީ ބިންމަތިގައި ދެބާލީސް ވެއްޓިފައި އޮތެވެ. އެމީހާވަނީ ހިކިއަނަރޫފަ ވެފައެވެ.

އެއަންހެނާ ކަޅިޖަހައިނުލައި ޤަބުވެފައިވާހާލު ދެލޯބޮޑުވެފައި އޮވެ އަހަންނާދިމާޔަށް ބަލަހައްޓައިގެން އޮތެވެ. އެމީހާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.

އަހަންނަށް އެތަނުގައި ވަސްދުވާކަން ފަހުން އިހުސާސްވެސް ނުވެއެވެ. އެއަންހެންމީހާ މަޑުމަޑު އޮވެ އެނދުގެ މަގަތަށްޖެހިއްޖެއެވެއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ކުއްލިޔަކަށް އެނދުގެ އެއްފަރާތުގައި އަތްއަޅާއި ބިންމައްޗަށް ތިރިވިއެވެ. އެނދުގެ ކައިރީގައި އޮތްބަނަސް ކޮތަޅުނަގައި ހުޅުވާލިއެވެ. އަދި ބިމުގައިވާ ކިލާތަކާއި އެކުވެފައިވާ ހާލު ބަނަސް ކާންފެށިއެވެ. ކައިރީގައި އޮތް ފެންފުޅިއެއް ނެގިއިރު އޭގައި މައްޗެއްވެސް ޖަހާފައެއްނެތެވެ. އެއަންހެނާ އޭގެއިން ފެންބުޔެވެ.

ކިޔުންތެރިންނޭވެ.

އަހަންނަށްވެސް ހުރެވުނީ ޤަބުވެފައެވެ. އޭނަގެ އެހާލަތައް ހަމްދަރުދީވެވި ދުއްވައިގަނެވުނީވެސް މާލަހުންނެވެ.

އެއަންހެނާގެ އެންމެފަހުގެ ކެއުން އެކެއީ އަހަރެންގެ ކުރިމަތީގައެވެ. އެންމެފަހުގެ ފެންފޮދު އެބޮވުނީ އަހަރެންގެ ކުރިމަތީގައެވެ. إِنَّا لِلَّهِوَ إِنَّا إِلَيهِ رَاجِعُونَ

އެއަންހެނާ މިދުނިޔޭ ހަޔާތާއި ވަކިވެގެން ދިޔަހާލަތެވެ.

އެކުވެރީންނޭވެ. ! މިވާހަކައިގެ ދިގުކަމުން ހުލާސާއެއް އަހަރެން ކިޔުންތެރިންނަށް ހުށައަޅާލީއެވެ.

އެކުވެރިންނޭވެ! އަހަރެންނަށް ފަހުން ހަޅޭއްވެސް ލަވައިގަނެވުނެވެ.

އެކުވެރީންނެވެ. މިދުނިޔޭގެ ހަޔާތާއި ވަކިވެގެން އެދިޔައީ އަހަރެންގެ އޮފީހުގެ އެކުވެރިޔާ ބަލާބޮޑުކުރި އޭނާ ބަނޑުއަޅައިވިހެއި މަންމަ އެވެ. މިފަދަ ޙާލުގައި އޭނާ އެ ގެންގުޅުނީ އޭނާގެ މަންމަ އެވެ. އޭނާ ވިހެއި އޭނާގެ އަމިއްލަ މަންމަ އެވެ. އަނބިމީހާ ރުއްސުމަށްޓަކައި އެ މަންމަ އަށް މިފަދަ ނިކަމެތި ޙާލެއް ޖެއްސީ އެވެ.

އެކުވެރިންނޭވެ! އޭގެ ފަހުން އަހަރެން އޭނާއާ ގުޅުންކަނޑައިލީމެވެ. އަމިއްލަ މަންމައާ ދޭތެރޭގައި މިފަދަ އިޙާނެތިކޮށް ހިތި މީހަކާ އެކީ އުޅެވޭނީ ކިހިނެތްތޯއެވެ.

ފަހުން އޭނާގެ އަވައްޓެރިން ބުނެދިން ގޮތުގައި އެމީހުންވެސް ތިބީ އެގެޔަށް ވަންނަން ނުކެރިފައެވެ. ސަބަބަކީ އެފިރިހެންމީހާގެ އަންހެނުންނާ ހެދިއެވެ. އޭނާގެ ޒީލަގަ ދަކަމާހެދި އެވެ.

އެކުވެރިންނޭވެ! މިފަދަވާހަކަތަކުން އަހަރެމެން އިބްރަތެއް ހާސިލްކުރަމާ ހިނގާށެވެ! މިއީ ޙަޤީޤީ ޙާދިސާއެކެވެ.

އެކުވެރިންނޭވެ! ހަނދުމަކުރައްވާށެވެ! މައިންބަފައިންނަށް އޯގާތެރިވެ އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީނުގައި އަހަރެމެންނަށް އަންގަވާފައި ވަނީ ވަރަށްވެސް މަތީ ދަރަޖައަކަށެވެ. އެދެމީހުން، ޚާއްޞަކޮށް މަންމައަށް ހެޔޮކޮށް ހިތުމަށް ﷲ ވަނީ އަހަރެމެންނަށް އަމުރު ކުރައްވާފައެވެ.

ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

“އެއިލާހަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނު ވެރި އިލާހު ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ، އެ ދެމީހުންނަށް “އުފް” ވެސް ނުބުނާށެވެ. (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!”

“އަދި އޯގާތެރިކަމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވާފާނދޭވެ!” {އަލް އިސްރާއު 24-23}

އެކުވެރިންނޭވެ! ﷲ ގެ ރުހިވޮޑިގަތުން ވަނީ މައިންބަފައިންގެ ރުހުމުގައެވެ. އެއިލާހުގެ ކޯފާ ވަނީ އެމީހުންގެ ނުރުހުމުގައެވެ. އަދި ދަންނާށެވެ! މިއަދު ތިބާގެ މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށް މާދަމާ ތިބާގެ ދަރިން ތިބާއާ ދޭތެރޭ ކަންތައް ކުރާނެއެވެ. އެހެންކަމުން މައިންބަފައިންނަށް އިޙްސާންތެރިވާށެވެ.

މާދަމާ ތިބާއަށް ހުރީކޮންގޮތެއް ހެއްޔެވެ.!!!!

ނޯޓް: މަތީގައި ބަޔާންކުރެވިފައިވާ ވާހަކަޔަކީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

މަސްދަރު: ވޮއިސް އޮފް އިސްލާމް

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު