loading ...
loading ...
ދަޢުލަތް ހަމަ މަގުން ހިނގުމަށް އެދޭ ނަމަ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން  މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭ- ރައީސުލްޖުމްހޫރިއްޔާ

ދަޢުލަތް ހަމަ މަގުން ހިނގުމަށް އެދޭ ނަމަ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭ- ރައީސުލްޖުމްހޫރިއްޔާ

0 comment

ދަޢުލަތް ހަމަ މަގުން ހިންގުމަށް އެދޭ ނަމަ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތް ފެށިގެން އައީ ވެސް، ދިވެހި ނޫސްވެރިކަމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދެމުންކަމަށާއި، ދިވެހި ނޫސްވެރިކަމުގެ ހަޔާތުން 75 އަހަރު ފާއިތުވެގެން ދިޔައިރު، އޭގެ ތެރެއިން ދިގު މުއްދަތެއްގައި ދިވެހި ނޫސްވެރިކަން އޮތީ، ސަރުކާރު ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. ނަމަވެސް މިސަރުކާރުން އެކަން ބަދަލުކުރައްވާނެކަމަށާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފަހި މާޙައުލެއް ތަނަވަސްކޮށްދީ، މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރެވޭނެ ވެއްޓެއް، މި ސަރުކާރުން ނޫސްވެރިންނަށް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

"މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، ހުރިހާ ދިވެހި ނޫސްވެރިންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ތިޔަ ބޭފުޅުން މި ޤައުމުގެ ޙައްޤުގައި ކުރައްވަމުން ތިޔަ ގެންދަވާ ބުރަ މަސައްކަތުގެ އަގު، އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަން. ތިޔައީ ޖެހިލުން ކުޑަ، ހީވާގި، މުރާލި ބައެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ ޑިމޮކްރެސީތަކުގައިވެސް ނޫސްވެރިކަން އޮންނަނީ، ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ގޮތުގައިކަންފާހަގަކުރައްވަމުން ދިވެހި ނޫސްވެރިކަމަށް ވެސް އެންމެ މަޞްލަޙަތު ހުރި ގޮތަކީ، ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުންކަމަށާއި އަޚްލާޤީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން، ފުރިހަމަ ގޮތުގައި ހިފުމުގެ ފަހި މާޙައުލެއް ޤާއިމުވެގެން ދިޔައީ، މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ހިސާބުން. އެހެން ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި، ޤާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ނޫސްވެރިކަން އޮތީ މަރާލާފައި. ސަރުކާރުގެ ބިރުދެއްކުންތަކުގެ ސަބަބުން، ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރަކީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނޫސްވެރިން ފަހައި ދުވެ، ޤާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫންކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަކީ، މި ސަރުކާރު ދެމިއޮތުމުގެ މައިބަދަކަމުގައި ވިދާޅުވި އެވެ.

"ނޫސްވެރިކަން ކުރިއަރުވައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް، ދެ ޤާނޫނަކުން ދެ މުއައްސަސާއެއް މިހާރު ވެސް އުފައްދާފައި އެބަ އޮތް. ނަމަވެސް އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން، މިހާތަނަށް ކުރި ކަމަކީ، ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުން. ނާޖާއިޒު ގޮތުގައި ޤާނޫނުތައް ބޭނުންކޮށް، ނޫސްވެރިކަން ގައިދުކޮށް ހިފެހެއްޓުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައިވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، އެމަނިކުފާނު ސެލިއުޓް ކުރައްވާކަމަށާއި، ކުރީގެ ސަރުކާރުގެ ފަސާދަ އާއި ކޮރަޕްޝަންތަކާ މެދު، ރައްޔިތުން ހޭލުންތެރިކުރުވުމަށް، ނޫސްވެރިން ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރެއްވި އެވެ.

"ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރާ އިރު، އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަންޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން. އަދި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"އެ ދެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ، ދިވެހި ނޫސްވެރިންގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، ހިތްދަތިކަމެއް. އެއީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ ދެ މައްސަލައެއް ނޫން. އެކަންކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި، މިވެރިކަމުގެ ފުރަތަމަ ދުވަހު އަޅުގަނޑު ވާނީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި. އިރާދަ ކުރެއްވިއްޔާ، އެ ކޮމިޝަންގެ އެހީތެރިކަމާ އެކު، އެ ދެ މައްސަލައިގެ ޙަޤީޤަތާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިނިވަން ނޫސްވެރިކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއް އަސާސްކަމަށާއި މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައިކަމުގަ އެވެ. އަދި، މި ސަރުކާރު ކުރިއަށް ދާނީ، ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައިކަމަށާއި، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެމަނިކުފާނަށް މާ މުހިންމުކަމުގައި ފާހަގަކުރެއްވި އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު