loading ...
loading ...
ނެތިމޮށުމާއި، ޣީބަބުނުމާއި، ދެބައުއޮޑުވުމުގެ ނުބައިކަން

ނެތިމޮށުމާއި، ޣީބަބުނުމާއި، ދެބައުއޮޑުވުމުގެ ނުބައިކަން

0 comment

ގިނަ ފަހަރަށް ގިނަ އެއްވުންތަކަކީ، ބައްދަލަވުންތަކަކީ ނުވަތަ ޖަލްސާތަކަކީ އޭގައި އަނެއް މުސްލިމް އަޚާގެ ނެތިމޮށުމާއި ޣީބަބުނުން އެންމެ ގިނަ ކަމެއްގެ ގޮތުގައި ހިމެނިގެންދާ ކަންތައްތަކެވެ. ހަމަކަށަވަރުން މިއީ މާތް ﷲ، އެކަލާނގެ އަޅުތަކުންނަށް ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ ދެފާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “… އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ…” (އަލްޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތް)

މާތް ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމަ މިއާޔަތުގެ މާނަ ބަޔާންކޮށްދެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ޣީބަ ބުނުމަކީ ކޮބައިކަން ތިޔަބޭކަލުންނަށް އެނގޭތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ. “މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ.” ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާގެ އަޚާ ނެތްތަންތާގައި އޭނަ ނުރުހޭފަދަ ވާހަކަ ދެއްކުމެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. “ތިމަންގެ އަޚާގެ ކިބައިނގައި އެކަމެއް ހުރިނަމަ އެވެސް ވާނީ ޣީބައަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “އޭނާގެ ކިބައިގައި ތިބުނާ ކަމެއް ހުރީވިއްޔާ އެވާހަކަ ދެއްކުމަކީ ޣީބަ ބުނުމެވެ. އަދި އޭނާގެ ކިބައިގައި އެކަމެއް ނެތްނަމަ އެއީ އޭނާ އާއި ބެހޭގޮތުން ހެދޭ ބުހުތާން ދޮގެކެވެ.” (ރިވާކުރެއްވީ މުސްލިމް، 2001/4) ބުނެވޭ ވާހައަކީ ތެދެއް ނަމަވެސް އޭނާ ނުރުހޭ ވާހަކައެއްނަމަ އެވާހަކަ ދައްކައިގެން ނުވާނެއެވެ. އެފަދަ ވާހަކައެއް ދައްކައިފިނަމަ އެވާނީ ނެތިމޮށުމަށެވެ. ތެދެއް ވިޔަސް ދައްކަންވާނީ އެވާހަކަ ރައްދުވާ މީހާ އެވާހަކައެއް ދެކެވުނަސް ނުރުހުންތެރިނުވާ ވާހަކަތަކެވެ.

ޣީބަބުނުން ނުވަތަ ނެތިމޮށުމުގެ މާނައަކީ މުސްލިމަކާއި މެދު ބުނެވޭ އެއްޗަކީ ތެދެއް ނަމަވެސް އެއީ އޭނާ އެވާހަކަތައް ދެކެވޭ އަޑުއަހަން ބޭނުންނުވާ ވާހަކައެއް ދެއްކުމެވެ. އެއީ އޭނާގެ ސިފައާއި މެދު ނަމަވެސް، ދީނީ ކަންތައްތަކާއި މެދުނަމަވެސް، އަޚްލާޤާއި މެދު ނަމަވެސް ނުވަތަ އެހެންވެސް އޭނާގެ އަމިއްލަ ނަފްސާއި ގުޅޭ ކަމެއް ނަމަވެސްމެއެވެ. ޣީބަބުނުމުގެ ތަފާތު ވައްތަރުތައް ހުންނައިރު، ޣީބަ ބުނުމުގެ އަނެއް ވައްތަރަކީ މަޖާކޮށް ފުރައްސާރަކުރުމުގެ ގޮތުން އޭނާ ކުރާކަމެއް، ބުނާއެއްޗެއް ނުވަތަ ހަރަކާތެއް ތަކުރާރުކުރުމެވެ. އަދި މަލާމާތްކުރުމޭ އަޅުގަނޑުމެން މިކިޔާ ޢަމަލަކީ ވެސް ހަމަ ފުރައްސާރަކުރުމުގެ މާނާގައި ބޭނުންކުރެވޭ ބަހެކެވެ.

ބައެއްމީހުން ޢީބަބުނުމުގެ މައްސަލަ ނަގަނީ ވަރަށް ލުއިކޮށެވެ. އެހެންނަމަވެސް މިކަމަކީ މާތް ﷲ ގެ ހަޟުރަތުގައި އެހާމެ ސީރިއަސް މައްސަލައެކެވެ. އެކަން އަޅުގަނޑުމެންނަށް އަންގައިދެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަގެ މިބަސް ފުޅުންނެވެ. ” 72 ވައްތަރެއްގެ ރިބާ ވެއެވެ. އޭގެ އެންމެ ކުޑަ މިންވަރަކީ މީހަކު އޭނާގެ އުފަން މަންމައާއި އެކު ގުޅުން ހިންގުން ފަދަ ނުބައިކަމެކެވެ. އަދި އޭގެ އެންމެ ނުބައި މިންވަރަކީ މީހަކު އޭނާގެ އަޚާގެ ދެބައުއޮޑުވާ ހިނދެވެ.” (ސިލްސިލާ އަލްސަހީހް، 1871)

ނެތިމޮށުމާއި، ޣީބަބުނުމާއި ދެބައުއޮޑުވެމުންދާ ޖަމާޢަތެއްގައި ތިބާ ހުރިނަމަ އެ ޝައިޠާނީ ޢަމަލު މަނާކޮށް އެމަޖިލިހުގައިނުވާ ތިބާގެ އަޚުން ހިމާޔަތްކުރަން ވާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ އަހަރެމެންނަށް މިކަމަށް ހިތްވަރުދެއްވާފައިވަނީ އެކަލޭނގެފާނުގެ މި ބަސްފުޅުންނެވެ. “އެމީހެއްގެ މުސްލިމް އަޚާގެ ގަދަރު ހިމާޔަތްކޮށްފި މީހެއްގެ މޫނު މާތް ﷲ ޤިޔާމަތް ދުވަހުން އަލިފާނުން ސަލާމަތް ކޮށްދެއްވާނެއެވެ.” (ރިވާކުރެއްވީ އަޙްމަދު، 450/6)

ބައެއް މީހުންނަކީ ދެމީހެއް ނުވަތަ ދެބައެއްގެ ދޭތެރޭ ފިތުނަ އާއި ނުރުހުންތެރިކަން އުފެއްދުމައްޓަކައި ތަކުރާރުކޮށް އެހެން މީހުންގެ ވާހަކަތައް ދައްކަމުންދާ މީހުންނެވެ. ހަމަކަށަވަރުން މިއީ ގުޅުންތައް ރޫޅިގެން ދިޔުމާއި ދެބައެއްގެ މެދުގައި ރުޅިވެރިކަން އުފެދުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭނގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (އެއީ)، ޣީބަބުނެހަދާ، ދެބައޮޑުވަމުން ހިގައިއުޅޭ މީހާއެވެ.” (ޤަލަމް ސޫރަތުގެ 10، 11 ވަނަ އާޔަތް)

މާތް ﷲ ރުއްސުންލެއްވި ޙުޛައިފާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޖާސޫސަކު (ބަޔަކު ދައްކާ ޒާތީ ވާހަކަ ސިއްރުން އަޑުއަހާ މީހާ) ސުވަރުގެ ނުވަންނާނެއެވެ.” (ރިވާކުރެެއްވީ ބުޚާރީ، އަލްފަތު 472/10) މިބައިމީހުންނަކީ އެއްބަޔަކު ދައްކާ ވާހަކަ އެމީހުންނަށް ނުއެނގި ސިއްރުން އަޑުއެހުމަށްފަހު ގޮސް އަނެއްބަޔަކު ގާތުގައި އެވާހަކަތައް ކިޔާދޭ މީހުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “އޭއީމާންވެއްޖެ މީސްތަކުންނޭވެ!… ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ….” (އަލްޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތް)

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ މަދީނާގެ ބަގީޗާއެއް ކައިރިން ވަޑައިގެންނެވިއެވެ. އަދި ދެމީހަކަށް ކަށްވަޅުގައި އަޒާބު ދެވެމުންދާ އަޑު އެކަލޭނގެފާނަށް އިވިވަޑައިގެންނެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެމީހުންނަށް އެބަ އަޒާބުދެވެއެވެ. އެހެންނަމަވެސް އެމީހުންނަށް އެއަޒާބުދެވެނީ ބޮޑު ފާފައަކަށްނޫނެވެ. ދެމީހުންކުރެ އެކަކީ ކުޑަކަމުދިޔުމަށްފަހު ރަގަޅަށް ތާހިރުނުވާ މީހެކެވެ. އަދި އަނެކަކީ ދެބައުއޮޑުވަމުން ހިނގާ މީހެކެވެ… (ރިވާކުރެއްވީ އަލްބުޚާރީ 213، 5705)

ދެބައުއޮޑުވުމުގެ އެންމެ ނުބައި އެއްވައްތަރަކީ ދެމަފިރިންގެ މެދުގައި ދޭތެރެޖައްސާ ރުޅިވެރިކަން އުފައްދަން މަސައްކަތްކުރުމެވެ. ދެބައުއޮޑުވުމުގެ އެތައް ވައްތަރެއް ހުންނައިރު މަސައްކަތުގެ މާހައުލަށް ބަލާލައިފިނަމަވެސް ފެނިގެންދަނީ މިކަހަލަ މަންޒަރުތަކެކެވެ. ވެރިއަކަށް ހުންނަމީހާ ގާތުގައި އެއް މުވައްޒެފެއްގެ ނުރަގަޅު ވާހަކަދައްކާ އެމުވައްޒަފަކާ ވެރިންނާ ދެމެދު ނުރުހުންތެރިކަން އުފެއްދުމަށްފަހު އޭނާގެ އަމިއްލަ މޮޅުކަންދައްކައި ކުރިއަރައިގެން ދާން މަސައްކަތްކުރާތަން ފެންނަނީ މަދުންނެއްނޫނެވެ. މިއީ ހަމަކަށަވަރުން މާތް ﷲ ނަޙީކުރައްވާފައިވާ އަދި މުޖުތަމަޢު ހަލާކުކުރަނިވި ފާފައެކެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. “މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެއަޚުންގެ ދެމެދުގައި ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.” (އަލްޙުޖުރާތު ސޫރަތުގެ 10 ވަނަ އާޔަތް)

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަނުކުރާ ހުށިކަމެވެ! އެހެނީ އެފުރައްސާރަ ކުރި މީހުންނައްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑު ކަމުގައި ވެދާނެއެވެ! އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަނުކުރާ ހުށިކަމެވެ! އެހެނީ އެފުރައްސާރަ ކުރި މީހުންނައްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑު ކަމުގައި ވެދާނެއެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.” (އަލްޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް)ސޯސް: ރާއްޖެއިސްލާމް

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު