loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...23

ފެވިފާ ތިނަންވޭ މިހިތުގާ...23

30 comments

ރައިން ކޮށިއަރާގޮތްވިއެވެ. ދެލޯ ބޮޑުކޮށްގެން އޭނަ ސަލްމާއަށް ބަލަމުން ދިޔައީ އެވާހަކަ ގަބޫލުކުރަން ދަތިވީ ވަރުންނެވެ. އޭނަ ދަންނަ ސަލްމާއަކީ ގޮތުގައި ހިފަހައްޓާ މީހެކެވެ. އެހެން މީހުންގެ އިޚްސާސްތަކަށް އެއްވެސް ވަރަކަށް ވިސްނާ މީހެއް ނޫނެވެ.

********

ނިދިއައިސްފިކަމަށް ބުނެ ރައިން އޭނާގެ ކޮޓަރިއަށް ދިޔައީ ބޮލަށް ބާރުކުރަން ފެށުމުންނެވެ. ވިސްނާ ވިސްނައިވެސް ސަލްމާ އާއި އިވްޔާ އާއި ދެމެދު އެވަރުގެ ވާހަކައެއް ދެކެވޭނެ އެއްވެސް ގޮތެއް ރައިންގެ ސިކުނޑިއަކަށް ނައެވެ. އޭނަ ހޮސްޕިޓަލުން ގެއަށް ދޫކޮށްލިފަހުން ސަލްމާ ބޭރަކަށް ނުދެއެވެ. އޭގެ ފަހުން އިވްޔާގެ ޚަބަރެއްވެސް ނުވެއެވެ. އޭނަ ކުރި އެއްވެސް މެސެޖަކަށްވެސް އިވްޔާގެ ޖަވާބެއް ލިބިފައި ނުވެއެވެ. އެވީ ވަގުތުކޮޅުގެ ތެރޭގައި އިވްޔާގެ ނަންބަރު ސަލްމާއަށް ލިބިދާނެ ގޮތެއްވެސް ރައިންގެ ސިކުނޑިއަކަށް ނައެވެ. އެންމެ ފަހުން ރައިން ނިންމީ އެއީ ސަލްމާ އޭނައާއި ކޮށްލި ސަމާސާއެއް ކަމަށެވެ.

ކޮޓަރިއަށް ވަތްގޮތަށް ރައިން އޭނާގެ އެނދުމައްޗަށް ވެއްޓިގަތެވެ. އަނެއްކާވެސް ފޯނު ނަގައި އިވްޔާގެ ނަންބަރަށް ގުޅާލިއެވެ. ލިބުނީ ކުރިންވެސް ލިބުނު ޖަވާބެވެ. ފޯނު އޮތީ ނިއްވާލާފައިވާ ކަމަށެވެ.

ރައިންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އެހިތުގައި ވީ ޝަކުވާއެވެ. ދުރަށް ދިޔުމަށްފަހު އިވްޔާ އޭނަގެ މަތީން ހަނދާން ނައްތައިލީއޭ ހިތަށް އެރުމުންނެވެ. އެފަދަ އެކި ޚިޔާލުތަކުން ރައިންގެ ސިކުނޑީގެ ހައިޖާނުގަނޑު އިތުރުވިއެވެ. އެންމެފަހުން ފޯނު މޭމަތީގައި ބާއްވާލައިގެން އޮއްވައި ރައިންއަށް ނިދުނީއެވެ. ހޭލެވުނީ އަނެއް ދުވަހުގެ ހެނދުނު ސަލްމާ އައިސް ގޮވުމުންނެވެ.

ރައިން ފެންވަރާލައިގެން ނުކުތެވެ. އުނަގަނޑުގައި ތުވާލި އޮޅާލައިގެން ހުރިއިރު، ބޮލުގެ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އެ ތަނަވަސް ހަށިގަނޑުގައި ބީހިލާފައި ގޮސް ތުވާއްޔަށް ހިނދިގެން ދެއެވެ. ރައިން ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓި، މޫނު ބަލައިލިއެވެ. އެވަގުތު ނިވިދިއްލެމުންދިޔަ ފޯނު ލޮލުގައި އަޅައިގަތެވެ.

ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނި ރައިންގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. މުޅި ދުވަސް އުޖާލާވެގެން ދިޔަހެން ހީވިއެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

އިވްޔާ ހުރީ ރައިންގެ ކެބިންގައެވެ. ރައިން ހަލޯއޭ ބުނެލި އަޑު އިވުމުން މުޅި ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އޭނަ އެވަރަކުން އޮފީހަށް ދިޔައީ ރައިން އާއި ދިމާވާނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު ނާއިކްގެ ފަރާތުން ރައިން އޮފީހަށް ނާންނާނެ ކަން އެނގުމުން ޚަބަރެއް ބަލައި ނުލައި އެހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

"އިވީ... އޮފީހުގަތަ؟... އައި މިސްޑް ޔޫ... މިސްޑް ޔޫ... މިސްޑް ޔޫ ސޯމަޗް..." އެނދުގައި އޮށޯވެލަމުން ރައިން ތަކުރާރުކޮށް ބުނަމުން ދިޔައީ މޮޔަވެފައިވާ މީހަކު ފަދައިންނެވެ. އިވްޔާގެ ހަބަރެއްނުވެ އެވީ ވަގުތުތަކުގައި ހިތުގައި އުފެދުނު ހުރިހާ ޝަކުވާއަކާއި ނުތަނަވަސްކަމެއް ވަގުތުން ފިލައި ދިޔައެވެ.

ރައިން ދީވާނާވެފައިވާވަރު އެނގުމުން އިވްޔާ މަޑުމަޑުން ހީލިއެވެ. ރައިންއަށް ދެލޯ މަރާލެވުނީ މަޑު މިޔުޒިކެއް ފަދައިން އިވުނު އެއަޑުން އޭނަގެ ހިތުގެ ހިމަނާރާއި ހަމައަށް އޭގެ އަޞަރު ފޯރުމުންނެވެ. ހުރިހާ ނުތަނަވަސްކަމެއް ފިލައިގޮސް، އޭނަގެ މުޅި ޖިސްމުވެސް އިވްޔާގެ ޖާދޫގައި ޖެހިގެން ދިޔައެވެ.

"މިސްވީތަ؟..." އިވްޔާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ރައިން ވާހަކަ ދައްކަން ފެށިއެވެ. އިވްޔާ ބުނާނީ ނޫނެކޭ ކަން ރައިންއަށް މާކުރިންވެސް އެނގެއެވެ. އެހެންނަމަވެސް ހިތްއެދުނީ އިވްޔާ އޭނަގެ މަތީން ހަނދާންވާ ވާހަކަ އެދުލުން ބުނެލާ އަޑު އަހާލާށެވެ.

"ނޫން..." އިވްޔާ އަވަސްއަވަހަށް ބުންޏެވެ.

"ކޮންއިރަކު އަންނަނީ؟... މިސްވާވަރުން ދެން ނުހުރެވޭނެ އިނގޭ..." ރައިން ސަމާސާ ކޮށްލިއެވެ.

"ތިބުނީ؟..." އިވްޔާވެސް ކޮށްލީ ސުވާލެކެވެ. ރައިން ބުނި އެއްޗެއް އޭނައަށް ސާފުވާގޮތެއް ނުވިއެވެ.

"ބޮއްކުރާދޮށަށް އޮޑިއެއް ނުކަނބާނެދޯ..." ރައިން މަޑުމަޑުން ހީލިއެވެ. "މަ ދަންތަ އިވީ ކައިރިއަށް؟..." ރައިން ބޭނުންވީ ވަގުތުން އިވްޔާގެ ކައިރިއަށް ދާށެވެ.

"އަހަރެން... އަހަރެން ބޭނުން ވާހަކައެއް ބުނަން..." އިވްޔާ އޭނާގެ އަސްލު މަޢުޟޫއު އާއިގެން ކުރިޔަށް ދާން އުޅުނެވެ.

ރައިންގެ ހިތް ތެޅިލިއެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ރައިން ހީކުރީ އިވްޔާ އުޅެނީ އޭނަދެކެ ލޯބިވާ ވާހަކަ ބުނަން ކަމަށެވެ. އެވަގުތުކޮޅަށް އެދި އޭނަގެ ހިތް ބޭޤަރާރުވެފައިވިޔަސް، އެހިތުގެ މުރާދު ފުރިހަމަކުރުމަށްޓަކައި ރައިން ބޭނުންވީ އިވްޔާ ހުއްޓުވާށެވެ. އެއީ އޭނަގެ ހަޔާތުގައި އަންނާނޭ އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. އެވަގުތުކޮޅު ވަރަށް ޚާއްސަ ކުރަން އޭނަ ބޭނުންވިއެވެ.

"ޕްރިންސަސް މިސްވީމަ ކިހިނެތް ދުރުގަ ހުންނާނީ... އެބަދަން އިނގޭ..." ރައިންގެ ހިތް އަވަސްވިއެވެ. އެވަގުތުކޮޅަކަށްޓަކައި އޭނަ އެންމެ އިންތިޒާރުކުރި ވަގުތުކޮޅުގެ ނިމުން އަންނަނީއޭ ހިތަށް އެރުމުން ރައިންގެ ހިތް އުފަލުން ނަށައިގަތެވެ.

ރައިން ފޯނުގައި އޮއްވައި ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. އިވްޔާ އާއި ވާހަކަ ދައްކަން އޮތުމުން ރައިން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނަ ހީކުރީ ރިޒްވީން އައީ ކަމަށެވެ.

ރައިން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އެމީހަކު އައިސް އޭނަގެ ގައިމައްޗަށް ޖެހިގަތުމުންނެވެ. ރައިންގެ އަނގައިން ނުކުތީ ވޭނީ ހަޅޭކެއްގެ އަޑެވެ. މޭގެ ކަށިތައްވެސް ހީވީ އުފުރިގެން އައިހެންނެވެ. ފޯނުވެސް އަތުން ދޫވިއެވެ. އޭނައަށް ރަނގަޅަށް ނޭވާވެސް ލެވެން ފެށީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އޮތް ރައިންގެ މޫނުމަތީގައި އެމީހެއްގެ ފަން އިސްތަށިގަނޑު އެޅުނެވެ.

މޫނުމަތީގައި އެޅިފައިވާ އިސްތަށިތައް އެއްފަރާތްކުރުމަށްފަހު، ރައިން އުޅުނީ އެމީހަކު އޭނަގެ ގައިމަތިން ނެގޭތޯއެވެ. ރައިން ދުރުކުރަން އުޅޭވަރަކަށް އެމީހަކު އޭނަ އާއި ގާތްވަމުން ދިޔައެވެ. ބޯވައެއްހެން އެހަށިގަނޑުގައި ތަތްވެގަތެވެ. ދެކޮނޑުގައި ހިފައި ހިއްލައިލަން އުޅޭ ކޮންމެ ފަހަރަކު މޭގައި ބޯއަޅާލައެވެ. ރައިންގެ ގައިގައި ހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހުނީ އެމީހަކު އޭނަގެ ކަނދުރާ އާއި ދިމާއަށް ފުމެލުމުންނެވެ. ވަގުތުން ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

ރައިން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ތަނައި، އެމީހަކު އޭނަގެ އަނގަމަތީގައި އަތް އެޅިއެވެ. ދެން އިވުނީ ތުއި ގޮތަކަށް ހީލި އަޑެވެ. ރައިން އައި ރުޅީގައި އެމީހެއްގެ އަތް ފޮޅުވައިލިއެވެ.

"ސަޕްރައިޒް... އިވީ އިޒް ބެކް... މިސްވިތަ ޑާލިންގް؟..." އިވުނީ ރައިންއަށް އައު އަޑެއް ނޫނެވެ. އެއީ ކުރިންވެސް އޭނައަށް އިވިފައިވާ އަޑެކެވެ.

ރައިން ދެލޯ ހުޅުވައިލިއެވެ. ދާދި ކައިރިން އިވީޝާގެ މޫނު ފެނުމުން ރައިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އިވީޝާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލަން ރައިން މަސައްކަތް ކުރިއެވެ. ނަމަވެސް އިވީޝާ އޮތީ ރައިން އާއި ދުރަށްދާ ގޮތަކަށް ނޫނެވެ. ރައިންގެ ކަނދުރާ އާއި ދިމާއަށް ގުދުވެ ކަންފަތުގައި މަޑުމަޑުން ދަތްއެޅިއެވެ.

"ޔަމީ ވަސް..." އިވީޝާ މަޑުމަޑުން ހީލިއެވެ. ނޭފަތް އެތެރެއަށް ދަމާލަމުން އޭނަ އެހެން ބުނީ އަކުރުތަކަށް ދަމާލާފައެވެ.

އިވްޔާގެ ދެފައިގެ ވަރުދޫވިހެން ހީވިއެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރިއިރު ކޮންމެވެސް ވަރަކަށް ވާނުވާ އެނގެމުން ދިޔައެވެ. އޭނަގެ ހިތަށް ގޮތްތަކެއް ވާން ފެށިއެވެ. އެކުއްޖާ ރައިންއާއި މުހާތަބުކުރިގޮތް އެސިކުނޑީގައި ހަރުލައިގެން ދިޔައެވެ. އިވްޔާ ހާސްވީ މާވަރަކަށެވެ. އަމިއްލަ ހިތަށް ވިސްނައިދޭން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ކޮންމެ ކަމެއް އޭނައަށް ވިސްނެމުން ދިޔައީ އެންމެ ގޯސްކޮށެވެ.

ރައިންގެ ޚަބަރެއްނުވެ ގިނައިރުވާން ފެށުމުން އިވްޔާއަށް ދެކޮޅަށް ހިނގެން ފެށުނެވެ. އިސާހިތަކު މުޅި މީހާ ދާހިއްލައި ފޯވިއެވެ. އޭނައަށް އެނގުނީ އެދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގައިފިކަމެވެ. އަދިވެސް އެކުއްޖާ ރައިން އާއި ދުރަށް ނުދާކަމެވެ. އިވްޔާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުންލުމުން އޭނައަށް ރޮވެން ފެށުނެވެ. ހަމަ އެހާ އަވަހަށް ހުއްޓައިލަމުން އަމިއްލަ ނަފުޞު ހަމައަކަށް އަޅުވައިލިއެވެ. އިވްޔާ ހީވަނީ ފޯނުވެސް ކަންފަތް ތެރެއަށް ކޮށްޕައިލަފާނެ ހެންނެވެ. ފޯނުގެ އަނެއްކޮޅުން އިވެމުންދިޔަ ކޮންމެ އަޑަކަށް ސަމާލުކަން ދޭންފެށި ވަރަކަށް ކަންފަތަށް ބާރުކުރަމުން ދިޔައެވެ.

"އިވީޝާ... ކިހިނެތް ވެގެންތަ ތިއުޅެނީ... ދުރަށްދޭބަލަ... ތީ ކުޑަކުއްޖެއް ނޫނެއްނު..." ރައިން ހިތްހަމަނުޖެހޭގޮތްވިއެވެ.

"ރޭން... އަޅެ އުފަލެއް ނުވޭތަ މަ އައީމަ..." އިވީޝާ ތުއިވެލިއެވެ.

"ގައިގަ އަތްނުލާވެސް ވާހަކަ ދެއްކިދާނެ... ދުރަށްދާނީތަ ނޫނީ ދުރުކުރަންވީތަ؟... އަނިޔާއެއް ވިޔަސް އޭގެ ޒިންމާ މަށެއް ނުނަގާނަން..." ރައިން އުޅުނީ އިވީޝާ ދުރުކުރާށެވެ.

"ރޭން އަތުން އަނިޔާއެއްވިޔަސް ފަރުވާކުރަންވެސް ހުރީ ހަމަ ރޭން... އެހެންވީމަ ނޯވޮރީސް..." ރައިން އާއި ދުރަށްދާކަށް އިވީޝާ ޚިޔާލުވެސް ނުކުރިއެވެ. އޭގެބަދަލުގައި ރައިންގެ މޭމަތީގައި ފިރުމަން ފެށިއެވެ.

"އަހަރެން ހީކުރިވަރަށްވުރެ ރޭން މާ ހޭންޑްސަމް... ވަރަށް ލައިކްވެއްޖެ... މިހެން އޮއްވާ ފެނުނީމަ ދުރަށް ދާހިތްވެސް ނުވޭ..." ރައިންގެ މޭގައި ބޯއަޅާލަމުން އިވީޝާ ބުންޏެވެ.

"މިބުނީނު ދުރަށްދާށޭ... ހަމަމިހާރު މިތަނުން ދޭ..." ރައިން ރުޅި އައިސްގެން ބާރަށް ހަޅޭއްލަވައިގަތެވެ. އިވީޝާގެ އަތުގައި ހިފައި ބާރުކޮށްލީ ތަދުވާ ވަރަށެވެ.

ފޯނު ކަންފަތުގައި ޖަހައިގެން ހުރި އިވްޔާއަށްވެސް ލިބުނީ ސިހުމެކެވެ. ހިތް ވިރިގެން ފައިބަން ފެށިހެން ހީވިއެވެ. އިވްޔާ ހާސްވެގެން ރައިންއަށް ގޮވަން ފެށިއެވެ. ޖަވާބެއް ނުލިބުމުން އެހާސްކަން ވީ އިތުރެވެ. އަތުގެ ނިޔަފަތިތައް ހަފަހަފައި އޭނަ ހުރީ އިތުރު ގޮތެއް ނެތުމުންނެވެ.

"ކީއްވެތަ ކުއްލިއަކަށް ދުރުވާން ތިއުޅެނީ... އަހަރެން ހުތުރީތަ؟... ކައިރިއަށް އައީމަ ތިހާ ބަދަލުވާންޖެހޭ އެހެން ސަބަބެއް މަށަކަށް ނޭނގުނު..." އިވީޝާ ހިތްހަމަނުޖެހުނެވެ. އޭނަ ރައިން އާއި ދުރަށްޖެހިލިއެވެ. އޭރު އޭނަ އިނީ ފުސްމޫނު ހަދާލައިގެންނެވެ. ތުން އަނބުރައިލި ގޮތުން ރައިންވީ އިތުރަށް ފޫއްސެވެ.

ރައިން އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އެނދުމަތީގައި އޮތް ބާލީސް ނަގައި މޭމަތީގައި ޖައްސައިލިއެވެ. އޭނަ އިވީޝާއަށް އަމުރުކުރީ ވަގުތުން ކޮޓަރިން ނުކުތުމަށެވެ. އޭނަގެ ލޯކުރިމަތިން ފެއްސިގެން ދިޔުމަށް ބުންޏެވެ. އޭރު ރުޅި އައިސްގެން އޭނަގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅަމުންދިޔައެވެ.

އިވީޝާ ރޮމުން ކޮޓަރިން ނުކުތުމަށް ދުއްވައިގަތެވެ. ބާލީސް އެނދުމައްޗަށް ހޫރާލުމަށްފަހު، ރައިންއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އޭރު އޭނަގެ ސިކުނޑިވެސް ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. ފުލުފުލުގައި އެތައް ނޭވާއެއް އެއްފަހަރައި ބޭރުކޮށްލެވުނެވެ.

އިވީޝާ ނުކުތުމުން ރައިން އަވަސްއަވަހަށް ގޮސް ކޮޓަރި ތަޅުލިއެވެ. އެވަގުތު ހަނދާނަށް އައީ އިވްޔާ އާއި ގުޅައިގެން އޮވެވުނު ކަމެވެ. އޭނައަށް އެނދާއި ދިމާއަށް ބަލައިލެވުނެވެ. އެނދުމަތީގައި އޮތް ފޯނު ފެނި ރައިންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"އޯހް ނޯ...." ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން ފޯނާއި ދިމާއަށް ރައިންއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އިވްޔާ ހީކުރާނެ އެއްޗެއް ނޭނގޭތީ އޭނަ ކަންބޮޑުވިއެވެ.

"އިވީ... އިވީ... އެބަހުރިންތަ؟..." ފޯނު ކަންފަތުގައި ޖައްސާލަމުން ރައިންއަށް ސުވާލުކޮށްލެވުނީ ހާސްވެފައި ހުރެއެވެ. އޭރު އޭނަގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.

އިވްޔާ ވަކި އެއްޗެއް ނުބުންޏެވެ. ނޭވާގެ އަޑު އިވޭތީ އިވްޔާ ނުދާކަން ރައިންއަށް އެނގުނެވެ. އޭނަ ކަންބޮޑުވީ އިވްޔާ ނޭފަތް ދަމާލި އަޑު އިވުމުންނެވެ. އިވްޔާ ރޮނީކަން އެނގުމުން ރައިން ހާސްވިއެވެ. ވެދިޔަ ހުރިހާކަމެއް އިވްޔާއަށް އެނގިއްޖެކަން އޭނައަށް އެނގުނެވެ.

"އިވީ ޕްލީޒް... ކޮންމެސް އެއްޗެއް ބުނެބަލަ... އައި ކެން އެކްސްޕްލެއިން... ތިހެން އަނގައިން ނުބުނެ ހުރީމަ..." ރައިންއަށް ބުނެވުނީ އެހިސާބަށެވެ.

ވަކި އެއްޗެއް ނުބުނެ އިވްޔާ ފޯނު ކަނޑާލި އަޑު އިވުމުން ރައިންއަށް ގޮތް ހުސްވިއެވެ. މޫނުމަތީގައި ދެއަތް އަޅައިގެން ދެކޮޅަށް ހިނގެން ފެށުނެވެ. ދެވަނަ ފަހަރަށް ގުޅަން ހިތަށް އަރާފައިވެސް އެކަން ކުރާކަށް ނުކެރުނެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން ރައިން ނުކުތީ އޮފީހަށް ދިޔުމުގެ މަޤުޞަދުގައެވެ. އިވްޔާ ފޯނު ކަނޑާލާނީ ދެރަވެގެންކަން އެނގޭތީ، ރައިން ބޭނުންވީ ވީއެންމެ އަވަހަކަށް އިވްޔާގެ ކައިރިއަށް ދާށެވެ. އިވްޔާ އޭނަގެ އަތުގެ ތެރެއަށް ގެނެސް އޭނަގެ މިލްކަކަށް ހަދާނެ ވާހަކަ ބުނާށެވެ. އެހިތުން އިވްޔާ ފިޔަވައި އިތުރު އަންހެނަކަށް ޖާގައެއް ނެތްކަން ބުނެދޭށެވެ.

ރައިން ބޭރަށް ނުކުތްއިރު، ކާމޭޒު ކައިރީގައި ސަލްމާ ހުއްޓެވެ. އިވީޝާ އިނީ ސޯފާގައި އިށީނދެލައިގެންނެވެ. ކަންތައްވީގޮތުން އިވީޝާދެކެ ރައިން ހުރީ ވަރަށް ރުޅި އައިސްފައެވެ. އެސޫރަ ދެކެވެސް ނަފުރަތު ކުރެވުނެވެ. އޭނަ ހުރީ އެދެމެދުގައި ކުރިން އޮތް ގާތް ރަޚުމަތްތެރިކަމުގެ ގުޅުންވެސް ކަނޑާލައިގެންނެވެ. އިވީޝާގެ އަމަލުތައް ހުރީ ގާތް އެކުވެރިއެއްގެ އަމަލުތައް ހުންނާނޭ ވަރަށްވުރެ މަތީގައެވެ. އެގޮތް ރައިންއަކަށް ކަމަކު ނުދިޔައެވެ. އެކުވެރިކަމުގައިވެސް ކޮންމެވެސް ހައްދެއް އޮންނަން ޖެހޭނެކަމަށް އޭނަ އަބަދުވެސް ގަބޫލުކުރެއެވެ.

"ދަރިފުޅާ... އާދޭ އިވީ ގޮވައިގެން ސައިބޯން..." ސަލްމާ ހީވަނީ ދެޢީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ. ރައިން ފެނުމާއިއެކު ހުރިހާ ދަތެއް ފެންނަވަރަށް ހީލިއެވެ.

"އެބަ އަންނަން..." ރައިން އުޅުނީ ގެއިން ނުކުންނާށެވެ. އެތަނުގައި ހުންނަންވެއްޖެނަމަ އޭނަގެ މޫޑު ވާނީ އިތުރަށް ގޯސްކަން އެނގޭތީއެވެ.

"ބޭރަށް ނުކުންނާނީ ދެކުދިން އެކީގައެއްނު... އިހަށް އާދޭ ސައިބޯން... އިވީ އެހުރީ އަދި އެއްވެސް އެއްޗެއް ނުކައި... ދަރިފުޅު އަންނަންދެނޭ އެއިންނަނީ... މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެސްވެފަ..." ސަލްމާ ދޫދޭކަށް ނޫޅުނެވެ.

"ސަލްމާ ދޭބަލަ އެމަންޖެ ގޮވައިގެން ސައިބޯން... އަހަރެމެން މިދަނީ އޮފީސް ކަމެއްގަ ކޮންމެހެން ތާކަށް ދާންޖެހިގެން..." ސޯފާގައި އިން ނަޝީދު ތެދުވަމުން ބުންޏެވެ. އޭނަ ގޮސް ރައިންގެ ކައިރިއަށް ހުއްޓި، ބުރަކަށީގައި އަތްއަޅައި މަޑުމަޑުން ކޮށްޕައިލިއެވެ.

ސަލްމާގެ މޫނުމަތި ބަނަވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އިވީޝާގެ އަތުގައި ހިފައިގެން ކާގެ އާއި ދިމާއަށް ހިނގައިގަތެވެ. ހައިރާންވެފައި ނަޝީދާއި ދިމާއަށް ރައިންއަށް ބަލައިލެވުނެވެ. އޭނަ އޮފީހަށް ދާންއުޅޭކަން ނަޝީދަށް އެނގުނީ ކިހިނެތް ބާއޭ ރައިންގެ ހިތަށް އެރިއެވެ.

"ހިނގާ... ބޭރަށް ގޮއްސަ ތިވާހަކަ ދައްކާނީ..." ރައިން ބަލަހައްޓައިގެން ހުންނަން ފެށުމުން ނަޝީދު ދޫކޮށްލީ ފުންނޭވާއެކެވެ.

ކާރަށް އަރާފައި ނަޝީދު ފެށި ވާހަކައަކުން ރައިންގެ މުޅި ތަބީޢަތު ބަދަލުވިއެވެ. ހަތަރުފަރާތުން މުޅި މީހާ ފިތުނުހެން ހީވިއެވެ. ސަލްމާ އޭނަގެ ކައިވެނި އިވީޝާ އާއި ހަމަޖައްސާފައިވާކަން އެނގުމުން ހިތުގައި އުފެދުނީ ޝަކުވާއެވެ. މަންމައެއްގެ ލޯބިން މަޙުރޫމްވެ އެލޯބި ލިބުނުއިރު، އެމަންމަގެ ސަބަބުން އޭނަގެ ދިރިއުޅުން އަނދަވަޅެއްގެ ތެރެއަށް ވެއްޓެނީބާއޭ ހިތަށް އެރިއެވެ. އޭނަ ހީކުރިގޮތަށް ސަލްމާއަކީ އަމިއްލަ އެދުން ބޮޑުމީހެއްކަން ރައިންއަށް ޔަޤީންވިއެވެ.

"ދަރިފުޅާ... މަންމަ ބުނި ދަރިފުޅު އިވީޝާއަށް ގުޅާ ވާހަކަ... އެއީ ތެދެއްތަ؟..." ނަޝީދު ސުވާލުކޮށްލިއެވެ.

"ދަރިފުޅު ލޯބިވާ ކުއްޖަކު ހުރިއްޔާ އަވަހަށް އެކުއްޖަކާ ކައިވެނި ކުރޭ... ބައްޕަގެ އެހީތެރިކަން ދަރިފުޅަށް ލިބޭނެ..." ރައިންގެ ކޮނޑުގައި ޖަހާލަމުން ނަޝީދު ބުނެލިއެވެ.

ރައިންގެ ހިތްވަރު އެލުނެވެ. ދެލޯ ފެންކަޅިވިއެވެ. ސަލްމާގެ ރޭވުންތެރިކަން ހިތަށް އަރައި، ހިތުގައި ޖެހުނީ މާވަރަކަށެވެ. އެހުރިހާ ދުވަހު އިވްޔާކަމަށް ހީކޮށް އޭނަ ގުޅީ އިވީޝާއަށް ކަން އެނގުމުން ހިތަށް ވެރިވީ ފޫހިކަމެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރެވުނެވެ.

"ބައްޕާ ގޯސްހެދިފައިމިވަނީ އަހަންނަށް..." ވީގޮތް ނަޝީދަށް ކިޔައިދިންއިރު ރައިން އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ގޮތް ހުސްވެ ދެން ހަދާނެ ގޮތެއް އެސިކުނޑިއަކަށް ނައެވެ.

"އަހަރެމެންމީ އިންސާނުން... ކުށްވެސް ކުރެވޭނެ... އެކަމާ ނުވިސްނާ..." ރައިންގެ ބޮލުގައި ފިރުމާލަމުން ނަޝީދު ބުނެލިއެވެ.

********

އިވްޔާ ކެބިންއިން ނުކުތްއިރު، އޮފީސްތެރޭގައި ތިބި އެންމެންގެ ނަޒަރު ވަނީ އޭނައަށް އަމާޒުވެފައެވެ. އެކަކު އަނެކަކަށް ސިއްރުން ވާހަކަތަކެއް ދައްކަމުންދިޔައެވެ. އިވްޔާ މަޑުމަޑުން ހިގާލާފައި ދިޔައީ އޮފީހުން ނުކުންނާށެވެ. އެވަގުތު ކުރިމައްޗަށް އެރީ އަޒުރާއެވެ.

"މުޑުދާރު އަންހެނާ..." އިވްޔާގެ ކޮނޑުގައި އަތްއަޅައި ދުރަށް ކޮށްޕައިލަމުން އަޒުރާ ބުންޏެވެ.

"ކަލޭކަހަލަ އަންހެނަކަށް މިތަނުން ވަޒީފާ ޙައްޤެއް ނޫން..." އަޒުރާ ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

އިވްޔާ ހުރީ ވާނުވާ ނޭނގިފައެވެ. ފަހަރަކު މީހަކާ ދިމާއަށް އޭނައަށް ބެލެމުން ދިޔައީ ހައިރާންވެފައި ހުރެއެވެ. އަޒުރާ އޭނައަށް އެފަދައިން ވާހަކަ ދައްކަންޖެހުނު ސަބަބެއް އިވްޔާގެ ސިކުނޑިއަކަށް ނައެވެ.

"މޫނުމަތީގަ ޑޮޓެއް ޖަހައިގެން ހުންނާނެކަމެއް ނެތް... ހީވާކަހަލަ މީ މާ އިނޮސެންޓް މީހެކޭ... ކިތަންމެ ވަރަށް ގޮތް ދައްކަން އުޅުނަސް ތީ ގޮތެއްފޮތެއް ނެތް މުޑުދާރު އަންހެނެއް... ތީ އިއްފަތްތެރި އަންހެނެއް ނޫންކަން ރައިންގެ ކައިރީ ބުނާނީ އަހަރެންގެ ދުލުން.... ކަލޭ ހުރޭ ކުޅި ބަލަން... ރައިންގެ ކުރިމަތީ ކަލޭ ބަދުނާމުކޮށް ނުލައިފިއްޔާ މަގޭ ނަމަކަށް އަޒުރާއެއް ނުކިޔާނެ... ކަލޭގެ މުޑުދާރުކަން އެނގޭ ހިސާބުން ކަލޭ ހުންނަ ހިސާބެއްގައިވެސް ރައިންއެއް ނުހުންނާނެ..." އިވްޔާގެ މޭގައި އަތް އަޅައި ކޮށްޕަމުން އަޒުރާ ވާހަކަ ދެއްކިއެވެ.

ވާނުވާ ރޭކާލާން ފެށުމުން އިވްޔާ ސިހޭގޮތްވިއެވެ. އޭނަގެ ބޮޑު ސިއްރު އެންމެނަށް ފަޅާއެރީއެވެ. އަޒުރާގެ ކޮންމެ ޖުމްލައެއް ވިހަ ތީރުތަކެއްހެން އައިސް އެމެޔަށް ހެރެމުން ދިޔައެވެ. އަޒުރާ އެބުނިހެން ހަޤީގަތް އެނގުމަށްފަހު ރައިންގެ ހިތުން އޭނަގެ ނަން ނެރެ، އެއްލައިލާނެއެވެ. އޭރުން ރައިންވެސް އޭނައަށް ކުރާނީ ނަފުރަތެވެ. ކުޑަމިނުން އޭނަ އާއި ދިމާއަށް ބަލައިވެސް ނުލާނެއެވެ.

އިވްޔާގެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ދެފަރާތަށް ބޯހޫރާލެވުނީ އެހެން މީހެއްގެ ފަރާތުން އެވާހަކަ ރައިންގެ ކަންފަތާއި ހަމައަށް ފޯރަފާނެތީއެވެ. އެހެން އެކަން ވާކަށް އިވްޔާ ބޭނުމެއް ނުވިއެވެ. އޭނަ އަވަސްވެގަތީ އޮފީހުން ނުކުންނާށެވެ. ރައިންގެ ކަންފަތާއި ހަމައަށް އެޚަބަރު ފޯރުމުގެ ކުރިން އޭނަގެ ދުލުން އެވާހަކަ ކިޔައިދޭށެވެ. ނަމަވެސް އަޒުރާ އެފުރުޞަތެއް ނުދިނެވެ. އޮފީހުން ނުކުންނަށް ދޮރު ހުޅުވައިލިތަނައި އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އިވްޔާ ފަހަތަށް ގޮސް އުއްޑުން ވާހެން މުށިތަކުގެ މައްޗަށް ވެއްޓުނެވެ. އެވަގުތު އެންމެން އެއްފަހަރައި ކަހަލަ ގޮތަކަށް ހޭންފެށިއެވެ. އޮފީސްތެރެއަށް ރައިން އަށާއި ނަޝީދަށްވެސް ވަދެވުނީ އެވަގުތުއެވެ. ކެބިންގައި އިނދެފައި ނާއިކްވެސް ބޭރަށް ނުކުތީ އަޑުގަދަވެގެންނެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

30 ޚިޔާލު

  1. Princess

    Vr reethi 😍when next part 💞

    • އޭޝް

      Thank u so much dear 😊❤next part In Sha Allaah v soon 💕

  2. hama bunely

    Reethi kamaaeh veh .. Alhey can’t wait for next part !!! When next part ? Ivy ah dera gotheh nahadhacchey waiting………waiting

    • އޭޝް

      Thank u so much dear 😊❤ hingaa dho vaagotheh balamaa 😊💕next part In Sha Allaah v soon 💕 keep waiting

      4
      1
  3. jiji

    Alheyy ivy ah dhera gotheh nuhadhahchey 😢😭..mi prt vec v v v rythi nge😊😍❤😘🌹🌹😍💕💖sifakohlaafa huri ekamu vec v furihama..Curiously waiting for the next..Ly 🎉🎉💛💛💙💙😁😁😉😉👏👏👌👌👊👊💛💛

    • އޭޝް

      Thank u so much dear 😊❤ hingaa dho vaagotheh balamaa 😊💕 💕 keep waiting

  4. Naju

    Alhey no plxxxxx Ivy ah dheragotheh nuhadhahchey eysh dhooniii… N mi partvx hama v v v v rythi ingey ❤❤❤😘😘😘 I just love u n ur stories 😍😍😍💖💖💖 Masha Allah ur soooo talented n good 👏👏👏💚💚💚 I really appreciate it 👍👍👍🌼🌼🌼 I can image each n every scene in it 🌹🌹🌹💙💙💙 curiously waiting for the next 💛💛💛💐💐💐 Lysm dear ⭐⭐⭐❄❄❄

    • އޭޝް

      Thank u so much dear 😊❤ hingaa dho vaagotheh balamaa 😊💕 💕 keep waiting

  5. Sheen

    Whaaaat axuraaaaa😠😠😠😠😠😠😠😠😠😠😠 Nubai anhenaaa…. Thihen ais ivy gayah aiylan kon haggeh othee. Thee kaaki ivy ah ehen hadhan. Amilla haisiyyathu dhanegen size ga hurey… Noonee maa reehcheh nuvaane.. 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠 Komme gotheh viyas ivy libeynee rain ah dhw eysh.. Rain ok vaane ivy ge hageegaiy engunas. Ivy ah ehen dhimaavee ivy amilla kushakun noon. Ae nubai insaanehge sikaara akahvi mausoom kujjeh.. Ivy ah ufawverikan haggu. 😍😍😍😍😍😍😍😍😍😍😍😍😍😍😍 Komme gotheh viyas vaahaka aa dheytherey neiy hama bunelaakah evves ehvheh. Vvvvv furihama ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖👌💓💓💓💓💓💓💓💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚Ibaaraaiy thakaa sifakurunthah ves hama obi noavey. 💚💚💚💚💚💖💖💖💖💖💖💖💜💜💜💜💜💜💜💜💜💚 V hama kiyaahithun indha e nimunee.. Vvv interesting.. Dhen in part ah haadha inthixaaru kureve. Nimmaalee hama emme dhahi kollaa gothah. Vvv salhi..

    • އޭޝް

      Thank u so much dear 😊❤ hingaa dho vaagotheh balamaa 😊💕next part In Sha Allaah v soon 💕💕💕 keep waiting

  6. 💙🌷💜

    Maasha Allah.. Vaahaka vvvv furihama. Eysh vareh hama neiy ingey. Much love. 😍😍😍😘😘😘❤️❤️❤️💓

    • އޭޝް

      Thank u so much dear 😊❤ 💕 keep waiting

  7. Besty

    Waah waaah waaah vaahaka genesdheefa inleh molhukamun gos hama gain heebi nagaa varuvey.. Evves meehaku hithahves naanna kahala gothakahviyya kanthah vamun midhanee.. Eysh ge ideas hama molhuvefa unique ee’ey dhw hama 💙💜💙💜💙💜💙💜💙💜💙💜💙💜💙💜 Hama. Asluves ingey v fakkaaa dialogues thah. Anekka salhi kamakee komme part ehgaves hurihaa rahaeh hunnaane. Love, romantic. Angry, naughty. Friendship. Jealousy.. Dhen mihen kiyaane kamarh neiythaa. Ehaaves sifakurunthah perfect ❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚 Eysh vareh hama noannaane ingey vaahaka liyaakah. 😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘

    • އޭޝް

      Thank u so much dear 😊❤💕 v ufaavehje 💕keep waiting

  8. ލަމް

    ކިޔާހިތުން ކިޔާލެވިއްޖެއެވެ. ބޭނުންވެފައި އިންދާ ނިމިއްޖެއެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ފުރިހަމަކަމުން ދެވަނައެއް ނެތެވެ. ޖުމުލަތައް ނިކަން ސާދާއެވެ. ބަސްތައް އެހާ ހިތްގައިމެވެ. ކުރެވޭ އިންތިޒާރު އިތުރު ވެއްޖެއެވެ. ދެން އިންނަ ބައި ކިޔާހިތުން ކެތްތެރިކަން ކުޑަވެއްޖެއެވެ. މި ވަގުތަށް ވަކިވެލަމެވެ. ❤️💖💜💚💙💓😘😘😘😘😍😍😍😍😍

    • އޭޝް

      Thank u so much dear 😊❤💕 keep waiting

  9. Kujjeh

    Hello eysh .. ✋✋✋Sorry for late comment .. Adhi kiriya mikiyaalevuny mi part .. Mi part vx ehn part thakekey eh gothah vvvv rythi 😍😍😍😍Vrh vrh kiyaalaahithun indhaa minimuni adhi vrh rythi hisaabakun.. Vvvv curious vaane gotheh balaalan 😘😘😘😘😘Waitings hama vvv fr nxt part .. Alhe azuraaaa😠😠😠😠😠😠Ivy ah ehen hadhaakah nuvaanennu adhi kan v goi rngalhah nubalaey echs mikiyany 😈😈😈Grt wrk eysh dear ma sha allah u r the best ❤❤❤❤❤❤❤Wish you more success 💜💜💜

    • އޭޝް

      Thank u so much dear 😊❤ hingaa dho balamaa vaagotheh. Next part mirey upvaane 😊❤ keep waiting dear. V happy vehje story kamudhiyaeema 😊

  10. 😊😊

    Ebainey olhun araa thankolheh .. Rain ivysha ah mioh haa dhuhu gulhi vaahaka ebain dhw mi part ga ivya kamah hykoffa .. Ebaiga kihineh evy ?? Hama ivya akannu gaimu ivysha ai iru vx gulhain eothy ?? Ethan explain kohla dhyba eysh.. Hama kudakh olhun eryna ahaali dnt mind pls eysh dear.. Btw mi story hama eh vana❤

    • Anonymous

      ކުރިން ޕާޓެއްގަވެސް އިންކަންނޭނގެ ބުނެފަ ދެ ނަންބަރެއް ސޭވްކޮށްފަ އިން ވާހަކަ. ހީވަނީ އެއްނަމެއްގަ ދެ ނަންބަރުވެސް ސޭވްކޮށްފަހެން އޮތީދޯ

    • ސައިރާން

      10 ވަނަ ޕާޓުގަ އެބައިން ރައިންގެ ކޮންޓެކްޓް ލިސްޓްގަ އިވީ ޖަހާފަ ދެ ނަންބަރެއް ސޭވްކޮށްފަ އިން ވާހަކަ. އެހެންވީމަ އެދެމީހުންގެ އެއްނަމެއް އިނީމަ ރައިންއަށް އިވީކަމަށް އިވީޝާއަށް ގުޅުނީ އެ ދޯ އޭޝް

    • އޭޝް

      Yes dear. 10 vana part ga innaane 2 number ivy jahaafa save kurevunu vaahaka bunefa. Ehenve mi part ga ehaa bodah ekamah alialhuvaanulee. 😊❤ thank u so much dear 😊❤

  11. Thiki.sis

    Vaahaka kiriyahdhaaagoi varah salhi 💜💜💜💜💜

    • އޭޝް

      Thank u so much dear 😊❤

  12. Unbro

    Eysh vaahakaeh liyanvynu emburi annaanenama kiyaafa.vaahaka varah obi ⭐⭐⭐⭐⭐⭐⭐

    • އޭޝް

      Thank u so much dear 😊❤

  13. Anonymous

    ވާހަކަ ވަރަށް ސައުގުވެރި. ބޮޑަށް ހީވަނީ އެ ރިޔާޒުގެ މޮޅު ރޭވުމެއްގެ ދަށުންހެން އަޒުރާ އެކަން އެކުރަނީ

    3
    1
    • އޭޝް

      Thank u so much dear 😊❤

  14. Mai

    Next part up vaany kn irakun waiting ga indhe indhe varu bali vehje mihaaru..avaha up koh dhybala

    • އޭޝް

      Mirey upvaane ingey 😊❤