loading ...
loading ...
ފިސްތޯލު ގެންގުޅުނު މައްސަލާގައި އަދީބަށް ކުރި ހުކުމް ބާތިލް ކުރަން ޖެހޭ: ޕީޖީ

ފިސްތޯލު ގެންގުޅުނު މައްސަލާގައި އަދީބަށް ކުރި ހުކުމް ބާތިލް ކުރަން ޖެހޭ: ޕީޖީ

0 comment

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅު މައްސަލާގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރަން ޖެހޭ ކަމަށް ދަޢުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި ދަޢުލަތުން ވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލް ކޮށްދިނުމަށް ބޭނުންވާ ސަބަބުތައް ހާމަކުރައްވާފައެވެ. އެގޮތުން ދަޢުލަތުން ވިދާޅުވީ ހެކިންގެ ހެކިބަހުން އަދީބު ފިސްތޯލައެއް ގެންގުޅުނުކަން ސާބިތު ނުވާ ކަމަށެވެ.

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކުރުމަށް ދައުލަތުން ހެކި ނުދެއްކޭ ކަމަށާއި އަދި ދައުލަތުން ހުށަހެޅި ތިން ހެކިވެރިންގެ ހެކިބަހުން ވެސް ދައުވާ ސާބިތުވާވަރަށް ދެއްކިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެހެންކަމުން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ވެސް ގޯސް ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން އަދީބު އަތުން ފިސްތޯލައެއް ތަހުގީގީ އެއްވެސް އިދާރައަކަށް ފެނިފައިނުވާ ކަމަށާއި އެ މައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ފިސްތޯލައެއް ފެނުމުން އެއީ އަސްލު އެއްޗެއްކަން ދެނަގަނެވޭވަރުގެ ގާބިލުކަން ހުރި ބައެއް ނޫން ކަމަށްވެސް ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި އަދުލުވެރި ހުކުމެއް އިއްވައި ދިނުމަށް އެދިފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު ދެން މި މައްސަލައިގައި އޮންނާނީ ހުކުމް އިއްވުން ކަމަށް މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު