loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...25

ފެވިފާ ތިނަންވޭ މިހިތުގާ...25

22 comments

އިވްޔާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ޔުމާން އެއުޅެނީ އޭނަގެ ދިރިއުޅުން ހަލާކުކޮށްލާނޭ ގޮތެއް ނުފެނިގެން ބާއޭ ހިތަށް އެރިއެވެ. އޭނަގެ ފުރާނައިން އަތްދޮވެލަން އުޅެފައި، މިހާރު އެދިމާކުރީ އޭނަގެ ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅާއި ހެއްޔެވެ؟ ޔުމާންއަށް އެފުރުޞަތު ދޭކަށް އިވްޔާ ބޭނުމެއް ނުވިއެވެ. ކައިލަން އާއި ދިމާއަށް އޭނަ ހިނގައިގަތެވެ. އެވަގުތު ޔުމާންގެ އަތްދަށުން ދެމިގަނެގެން ކައިލަން އޭނަ އާއި ދިމާއަށް ދުއްވައިގަތެވެ.

"މަންމީ..." ކައިލަން އައިސް އިވްޔާގެ ގައިގައި ބައްދާލިއެވެ.

********

އިވްޔާއަށް ކައިލަންގެ ހަށިގަނޑުގައި ދެއަތް ވަށާލެވުނެވެ. ކައިލަންގެ އެއަމަލުން ނުތަނަވަސްވެފައިވާ އެހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެކަން  ދެމިގެންދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ޔުމާން އޭނަ އާއި ދިމާއަށް ހިނގައިގަތްތަން ފެނި އިވްޔާ އަވަސްއަވަހަށް ކައިލަން އުރާލިއެވެ. އަދި ކޮނޑުމަތީގައި ބާއްވައިލަމުން ދުރަށް ހިނގައިގަތެވެ. އޭނަގެ ފުރާނަ ދުއްވައިލަން އުޅުނު މީހަކު، އޭނަގެ ދަރިއެއްދެކެ ލޯބި ވެދާނޭ ކަމަށް އިވްޔާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެދުވަހުގެ ފަހުން، އޭނަ ޔުމާންއަށް ކުރަމުން އައި އިތުބާރު ވަނީ ވެއްޔާއި މޮޑެވިގެން ގޮސްފައެވެ.

އިވްޔާ ކަންތައް ކުރިގޮތުން ޔުމާންގެ ހިތަށް ތަދުވިއެވެ. ދުވަހަކު އެހިތް އޭނަ އާއިމެދު ސާފުނުވާނޭކަން އެނގުމުން ފުން ހިތާމައެއް ލިބިގެންދިޔައެވެ. އިވްޔާގެ ނަފުރަތު އޭނައަށް ޙައްޤެވެ. އޭނަގެ ސަބަބުން އިވްޔާއަށް ހިތާމަ އާއި ހިތްދަތިކަން ފިޔަވައި އިތުރު އެއްޗެއް ލިބިފައި ނުވެއެވެ. އިވްޔާ ހުރި އެމަޤާމުގައި އޭނަ ހުރިނަމަވެސް ވާނީ އެފަދަ ގޮތެކެވެ. ޔުމާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރާ ޙާލު، އޭނައަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހިތް ލޭކަރުނުން ފުރެމުންދިޔައީ އޭނައަކީ ދިރިއުޅުމުގައި ނާކާމިޔާބު ވެފައިވާ މީހެއްކަން އަމިއްލަ ސިކުނޑި ބުނަން ފެށުމުންނެވެ.

ރައިންގެ ޚިއްސުތައް ރަނގަޅަށް މަސައްކަތްކުރުން ހުއްޓާލާފައިވާ ކަހަލައެވެ. މުޅި ހަށިގަނޑުގެ ވަރު ދޫވެ، ކޮޅަށް ހުރުމަށް ދަތިވިއެވެ. ހިތުގައި އުފެދެމުންދިޔަ ރިހުން، ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. ހިތްއެކީ ޒަޚަމްވަމުން ދިޔަ ނަމަވެސް އިވްޔާއަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އިތުރުކަމެއް ރައިންއަކަށް ނުކުރެވުނެވެ. އެނޫން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލެވޭ ގޮތެއްވެސް ނުވިއެވެ.

ރައިންއަށް ބަލަހައްޓައިގެން ހުރި ނަޝީދުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އެދަރިފުޅުގެ ހިތުގެ ޙާލު އޭނައަށް އިޚްސާސްކުރެވުނެވެ. ލޯބީގައި ދިވާނާވެފައިވާ އެދަރިފުޅުގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓެނީ ހެއްޔެވެ؟ އެލޯބީގެ ބާރުގައި ތެދުވެ، ދިރިއުޅުމައިގެން ކުރިޔަށްދާނޭހައި ހިތްވަރު އެހަށިގަނޑުގައި ހުރެދާނެ ހެއްޔެވެ؟ ޙާލަތުގެ ނާޒުކުކަމުން ނަޝީދަށް ހުރެވުނީ ކުރަންވީ ކަމެއް ނޭނގިފައެވެ. ފުރާފުރިހަމަވެފައިވާ ދަރިފުޅުގެ އަތްމައްޗަށް ދިރިއުޅުމުގެ ހުންގާނު ދޫކޮށްލައިގެން އޭނަ ހުރީ އެގޮތް ބޭނުންވާތީއެއް ނޫނެވެ. އޭނަ ނެތް ދުނިޔެއެއްގައިވެސް އެދަރިފުޅަށް ކަންކަމާއި ކުރިމަތިލާން ދަސްކޮށްދިނުމުގެ މަޤުޞަދުގައެވެ.

އަޒުރާ އުއްމީދުކުރިކަހަލަ އެއްވެސް ކަމެއް ނުވުމުން މާޔޫސްވާގޮތްވިއެވެ. އޭނަ ހީކުރީ އިވްޔާގެ ހަޤީގަތް އެނގުމަށްފަހު، ރައިންގެ ޙަޔާތުން ހިތިގޮތަކަށް އިވްޔާ ނެރެ، އެއްލައިލާނޭ ކަމަށެވެ. އޭނަ އެންމެ އިންތިޒާރުކުރީ އެވަގުތަށެވެ. ނަމަވެސް އެކަހަލަ އެއްވެސް އިޝާރާތެއް ރައިންގެ ކިބައިން ނުފެނުނު ތަނުގައި އެއްވެސް އެއްޗެއްވެސް ނުބުނުމުން އަޒުރާގެ ލޭ ކެކޭގޮތްވިއެވެ. ދެއަތް މުށްކަވައިލަމުން އިވްޔާ އާއި ދިމާއަށް އަޒުރާ ދިޔައެވެ. ނަމަވެސް އޭގެ ކުރިން އެދެމެދަށް ޔުމާން ވަނެވެ. އިވްޔާ އާއި ދިމާއަށް އަޒުރާ މަޅައިލި އަތުގައި ޔުމާންއަށް ހިފެހެއްޓުނީ ކިރިޔާއެވެ. އަޒުރާގެ ޢަމަލުތައް ހުރިގޮތުން ޔުމާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެއަތް ހޫރައިލަމުން ޝަހާދަތް އިނިގިލި އަޒުރާގެ ލޮލާއި ދިމާއަށް ދިއްކޮށްލިއެވެ.

"ގަޔަށްބޮލަށް އަރަންޖެހޭވަރުގެ ކަމެއް މިތާ ހިނގައިފިތަ؟..." ހިތްހަމަނުޖެހިފައި ޔުމާން ބުންޏެވެ.

"ކޫޑި އަންހެނުންނާ ހެދި އުޅޭ ފިރެހެނުން ގިނަވާނެ... ނަހަލާލު ދަރިން ވިހާ..." އަޒުރާގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތް ނުވީ ޔުމާން ވާހަކަ ދައްކަން ފެށުމުންނެވެ.

"ކުށްކުރީ އަހަރެން... އަހަރެންގެ ދަރިފުޅެއް ނޫން... ކިޔާ އެއްޗެއް މަށާ ދިމާލަށް ކިޔާ..." ޔުމާންގެ އަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ.

އިވްޔާއަށް ކައިލަންގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނަ ދެލޯ ބޮޑުކޮށްގެން ޔުމާންއަށް ބަލަމުންދިޔައީ ޔުމާން ބުނި އެއްޗެއްގެ މާނަ ނަގަންވީ ގޮތެއް ނޭނގުމުންނެވެ. ކައިލަންއަކީ އަމިއްލަ ދަރިއެއްކަމަށް ޔުމާން ބުނަންޖެހޭ އެއްވެސް ސަބަބެއް އިވްޔާއަކަށް ނުވިސްނުނެވެ.

ރައިންއަށްވެސްވީ އެވަރެވެ. ޤަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށް ޔުމާންއަށް ބަލަހައްޓައިގެން ހުރިއިރު، ހިތް ސުވާލުން ފުރެމުންދިޔައެވެ. ތަޤުދީރު އޭނަ އާއި އެކުރަނީ ކޮން ސަމާސާއެއް ހެއްޔެވެ؟ ނޭނގި ހުއްޓައި ހުރިހާ އުފަލަކުން އޭނަ މަޚްރޫމް ވަނީ ހެއްޔެވެ؟ ލޯބި ވެވުނީތީ އެލޯބީގެ ބަދަލުގައި ލިބުނީ ކެއްސެވެ. ގާތްކޮށްގެން އުޅުނު އެކުވެރިޔާގެ ސަބަބުން އެލިބުނީ ހިތުން ނުފިލާވަރުގެ ފިލާވަޅެކެވެ. އަމިއްލަ ހިތަށް ވިސްނައިދެވޭތޯ ރައިން ކުރި މަސައްކަތް ވީ ބޭކާރެވެ. ހިތާމައިގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދާކަށް ގިނައިރެއް ނުނެގިއެވެ. އޭނަ ޔުމާން އާއި ދިމާއަށް ދާން އުޅެފައިވެސް އަމިއްލަ ނަފުޞު ހަމައަކަށް އެޅުވިއެވެ.

"ތިބުނީ އެއީ ޔުމާންގެ ދަރިއެކޭތަ؟..." އަޒުރާގެ ދެލޯ ވިދައިގަތެވެ. އެނގުނު ހަޤީގަތެއްގެ ސަބަބުން އިތުރަށް އެކަން ޔަޤީންކުރަން އޭނަ ބޭނުންވިއެވެ. އެއަޑު އަދި އެއްފަހަރު ރައިންއަށް އިއްވާލުމުގެވެސް މަޤުޞަދުގައެވެ.

"އާން... ކައިލަން އަކީ އަހަރެންގެ ދަރިއެއް... އެއީ އަހަރެންގެ ލޭ..." ޔުމާންގެ އަޑުގައިވީ ޔަޤީންކަމެވެ. އޭނަ އަޒުރާއަށް ފުރަގަސްދެމުން އިވްޔާ އާއި ކުރިމަތިލިއެވެ. އޭރު އެދެލޯ ފެންކަޅިވެއްޖެއެވެ. އިވްޔާ އާއި ކުރިމަތިލާނޭހައި ހިތްވަރު އެހަށިގަނޑުގައި ނެތްނަމަވެސް މަޢާފަށް އެދެން އޭނަ ހުރީ ނުހަނު ބޭނުންވެފައެވެ.

ރައިންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އިވްޔާގެ ހަށިގަނޑުގެ މިލްކުވެރިއަކީ އޭނަ ކަމުގައި ހީވިހީވުމަކީ ކުށްހީއެކެވެ. އޭނަ އެޙަޔާތަށް އައުމުގެ މާކުރިން އެ މަލުގެ ފޮނިކޮޅު އެވަނީ އެހެން މީހަކު ބޯލާފައެވެ. މާޒީގައި ހިނގާފައިވާ ކަމަކަށް ކުށްވެރިކޮށް ބަދުނާމު ކުރެވޭނޭ ގޮތެއް ނެތްނަމަވެސް އޭނަ އިވްޔާއަށް ކުރި އިތުބާރު ގެއްލުނެވެ. އިވްޔާ އޭނައަށް އޮޅުވާލީ ކަމުގައި ޤަބޫލުކުރަން މަޖުބޫރުވިއެވެ.

"އިވީ އައިމް ސޮރީ... ސޯސޮރީ... އަހަރެން ހުރިހާ ކަމެއްވެސް ހަމައަކަށް އަޅުވާނަން... އައި ޕްރޮމިސް... އިވީ ބޭނުމިއްޔާ އިވީއާ ކައިވެނި ކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް..." ޔުމާންގެ އަޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. ފަހު ޖުމްލަ ބުނެވުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ. އިވްޔާ އޭނަ އާއި ދިމާއަށް ބަލައިލިގޮތް ފެނި ޔުމާން ޖެހިލުންވިއެވެ. ހިންދިރުވައިލެވުނީ ދުވަހަކުވެސް އިވްޔާގެ މަޢާފު އޭނައަށް ނުލިބޭނޭ ކަން އެނގުމުންނެވެ.

ޔުމާންގެ ކޯތާފަތް މައްޗަށް އަރައިގެންދިޔަ އިވްޔާގެ އަތުގެ ހޫނު ހަމަލާއިން ޔުމާން ސިހޭގޮތްވިއެވެ. ކޯތާފަތުގައި އަތް ޖައްސައިލަމުން ޔުމާންއަށް ދެލޯ މަރާލެވުނެވެ. އޭނަ ލޯ ހުޅުވައިލީ އިވްޔާގެ މަޑު ގިސްލުމުގެ އަޑު އިވުމުންނެވެ. އެދެލޮލުން ހޯސްލާފައި އޮހެމުންދިޔަ ކަރުނަތަކުން ކޯތާފަތް ތެންމާލާފައިވިއެވެ. އެމަންޒަރު ފެނި ޔުމާންގެ ހިތް ފޮތިފޮތިވިއެވެ.

"އަހަރެންގެ މިދަރިފުގެ މަންމައަކީވެސް ބައްޕައަކީވެސް އަހަރެން... ހެޔޮނުވާނެ... އަހަރެން އެކަނި ޙާލަށް ދޫކޮށްލާ..."

ރޮވޭވަރުން އިވްޔާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ޔުމާންގެ ކޮންމެ ޖުމްލައެއް ވިހަ ތީރުތަކެއްހެން އެމެޔަށް ހެރިފައިވީ ދުވަހަކު އެއިން މިންޖު ނުވެވޭނޭ މިންވަރަށެވެ. ޔުމާން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރަން އިވްޔާގެ ޒަމީރު ދެކޮޅު ހެދިއެވެ. އޭނައަށް ޔަޤީންކުރެވުނީ ޙާލަތުގެ ނާޖާއިޒް ފައިދާ ނަގަން ޔުމާން މަސައްކަތް ކުރަނީ ކަމަށެވެ. އެހެން އެކަންވާނެ އެއްވެސް ފުރުޞަތެއް ޔުމާންއަށް ދޭކަށް އިވްޔާ ބޭނުމެއް ނުވިއެވެ. އެކެހިވެރި ދަލުގައި ދެވަނަ ފަހަރަށް ނުޖެހުމަށް އިވްޔާ އޭނާގެ އަމިއްލަ ނަފުޞަށް ވަޢުދުވިއެވެ.

ނާއިކްއަށް ހުރެވުނީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. ޔުމާން އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނޭ ކަމަށް ޤަބޫލުކުރަން ދަތިވީވަރުންނެވެ. އޭނަ ހީކުރީ ޔުމާން އެބީދައިން ވާހަކަ ދެއްކީ އިވްޔާގެ ދިފާޢުގައި ކަމަށެވެ. އަޒުރާގެ އަނގަ ބަންދުކޮށްލުމުގެ މަޤުޞަދުގައި ޔުމާން ކުރި ކަމެއްކަމަށް ހީވިޔަސް އެއީ ކުށްހީއެއް ކަމަށް ޤަބޫލުކުރަން މަޖުބޫރުކުރުވީ ޔުމާންގެ މޫނުމަތިން ފެންނަމުންދިޔަ އަޞަރުތަކެވެ.

ނާއިކްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ޔުމާންއަކީ އޭނަގެ އެކުވެރިއަކަށްވީތީ، އެފަދަ ވާހަކައެއް ދެއްކުމުން ލަދުވެތިކަން އިޚްސާސްކުރެވުނެވެ. އެހުރިހާއިރު ކުޅިބަލަން ހުރެވު މޮޔަ ހީވިއެވެ. އަނެއްކޮޅުން އިވްޔާގެ ޙާލު ފެނި އެހިތުގައި ހަމްދަރުދީ އުފެދުނެވެ. ކުރު މެސެޖެއް ލިޔެލުމަށްފަހު އޭނަ ޝިރުވާއަށް ފޮނުވީ ކަންތައް ވަރަށް ގޯސްވެއްޖެ ކަމަށް ބުނެ އަވަހަށް އޮފީހަށް އައިސްދިނުމަށް އެދިފައެވެ.

ނާއިކް ބާރުބާރަށް ހިނގާލާފައި ގޮސް ޔުމާންގެ ކުރިމަތީގައި ހުއްޓުނެވެ. ހިތްހަމަނުޖެހުނުވަރުން އެއްވެސް އެއްޗެއް ބުނާކަށް ނާއިކް ބޭނުމެއް ނުވިއެވެ. ޔުމާންގެ ބުރަކަށީގައި އަތްއަޅައި، ކޮށްޕަމުން ކަހަލަ ގޮތަކަށް ގޮސް އޮފީހުން ބޭރަށް ނުކުތެވެ.

އިވްޔާއަށް ރައިން އާއި ދިމާއަށް ބަލައިލެވުނެވެ. ކަރުނައިގެ ތެރެއިން ރައިން ފެނުނީ ފުސްކޮށެވެ. ފާރުގައި ލެނގިލައިގެން، އިސްޖެހިފައި ހުރި ރައިން ފެނި އިވްޔާއަށް އަމިއްލަ ނަފުޞު ކުށްވެރިކުރެވުނީ މާބޮޑަށެވެ. އޭނަ ހީކުރިފަދައިން ހަޤީގަތް އެނގުމަށްފަހު ރައިންގެ ހިތުން އޭނައަށް ދެވިފައިވާ މަޤާމު ފޮހެވިގެން ދިޔައީ ހެއްޔެވެ؟ ދުވަހަކު ބަދަލެއް ނާންނާނެ ކަމަށް ބުނި ލޯބި، އެނގުނު އެންމެ ހަޤީގަތެއްގެ ސަބަބުން އޮޔާލީ ހެއްޔެވެ؟ އިވްޔާގެ އުނަގަނޑަށް އަރާފައިވާ ތަދަށްވުރެ ހިތުގައި އުފެދެމުންދިޔަ ހައިޖާނުގަނޑު ބޮޑުވިއެވެ. ކައިލަންގެ ގައިގައި ބާރަށް ހިފަހައްޓާލަމުން އޭނަ ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. އޭނައަކީ ރައިންގެ ޙަޔާތަށް އެކަށީގެންވާ މީހެއް ނޫންކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

ބޭރަށް ނުކުމެވުމާއިއެކު ނާއިކް އައިސްފައިވާ ރުޅިގަނޑުގެ ހުޅު ފަޅައިގެން ދިޔައެވެ. އޭނަ ޔުމާން އާއި ދިމާއަށް ބަލައިލީ ދެބުމަ ގޮށްޖަހައިލަމުންނެވެ. ކުށްވެރިއެއްހެން އިސްޖަހާލައިގެން ޔުމާން ހުއްޓެވެ.

"ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟... ނޭނގޭތަ ކިހާވަރެއްގެ ވާހަކައެއް ކަމެއް ތިދެއްކުނީ؟..." ނާއިކް ހުރީ ހިތްހަމަނުޖެހިފައެވެ.

"ނަޝީދުބެ އެތާ ހުއްޓާ ތިވަރުގެ ވާހަކައެއް ޔާންއަށް ދައްކަން ކެރުނީތީ އަހަރެން މިހުރީ ލަދުން ބުނާނެ އެއްޗެއްވެސް ނޭނގިފަ..." ފުން ނޭވާއެއް ދޫކޮށްލަމުން ނާއިކް ބުންޏެވެ.

"އަހަރެން ކުރާކަމެއް މިކުރަނީ ވަރަށް ވިސްނާފައި..." ޔުމާންގެ އަޑު ނާއިކް އާއި ހަމައަށް ފޯރީ ކިރިޔާއެވެ.

"ވިސްނާފައޭ؟... ކޮންގޮތަކަށް ވިސްނާފަ؟... ނޭނގޭތަ އިވްޔާދެކެ ރައިން ލޯބިވާވަރެއް؟..." ނާއިކްގެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

"ބުނަން ރަނގަޅު ވާހަކައެއް... ތިކުރަންއުޅޭ ކަންތައް ހުއްޓާލާ..." އަމުރުވެރި ރާގަކަށް އެހެން ބުނުމަށްފަހު، ނާއިކް އުޅުނީ އެތަނުން ދާށެވެ. ނަމަވެސް ޔުމާން ބުނި އެއްޗެއް އަޑުއިވިފައި ނާއިކްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

"ކައިލަންއަކީ އަހަރެންގެ ކުއްޖެއް... މިއޮތީ ޑީއެންއޭ ރިޕޯޓް..." ޔުމާން އޭނާގެ ޖީބުން ނެގި ރިޕޯޓް ނާއިކްގެ އަތަށް ލައިދިނެވެ.

ނާއިކްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ދެތިން ފަހަރު އޭނަ ބެލިއެވެ. ޔުމާން ބުނިހެން ކައިލަންގެ ޑީއެންއޭ އާއި ޔުމާންގެ ޑީއެންއޭ ދިމާވެއެވެ. ސުވާލު އުފެދިފައިހުރެ ނާއިކްއަށް ޔުމާން އާއި ދިމާއަށް ބަލައިލެވުނެވެ.

"ވިސްނާވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށް ގޮއްސި... އަހަންނަކަށް ނޭނގެ އަހަރެންގެ ދަރިއަކު ހުންނަންޖެހޭ އެއްވެސް ސަބަބެއް... އެފަދަ ނުބައި ފާޙިޝް ޢަމަލެއް އަހަރެން ނުކުރަން... ކުރަން ހިތުވެސް ނުލަން..." ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލަމުން ޔުމާން ބުންޏެވެ.

"އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރިޔަސް އެއްވެސް ޝަކުވާއެއް ނެތް... އަމިއްލަ ނަފުޞަށް އިތުބާރުކުރުން އަހަރެންވެސް ހުއްޓާލައިފިން..." ފުލުފުލުގައި އެތައް ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޔުމާން ބުނެލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

ނާއިކްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނަ ޔުމާންއަށް އިތުބާރުކުރާކަމުގައި ބުންޏެވެ. ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމުގައި ބުނެ ހިތްވަރު ދިނެވެ.

ޔުމާންއަށް ކުޑަ ހިތްވަރެއް ލިބުނެވެ. ފިސްފިސްވެފައިވާ އެހިތަށް ކުޑަ ދިރުމެއް ލިބިގެން ދިޔައެވެ. ހުރިހާ ވާހަކައެއް ފެށިގެން ނިމެންދެން ނާއިކްއަށް ކިޔައިދިންއިރު ޔުމާންއަށް ރޮވިއްޖެއެވެ. އަމިއްލަ އާއިލާގެ ވާހަކަ އެނޫނީ އޭނަ އެއްވެސް މީހަކާއި ޚިއްސާކޮށްފައި ނުވެއެވެ. ފުރާފުރިހަމަވެފައިހުރި ބޮޑު ފިރެހެނަކަސް، އެހުރިހާ ކަމެއް ތަހަންމަލް ކުރާނޭހައި ހަކަތަ އެހަށިގަނޑުގައި ނެތުނީއެވެ. ހިތުގެެ އުދާސްގަނޑު ބޭރުކޮށްލެވުމުން ބޮލުން ބޮޑު ބުރައެއް ލުއިވިހެން ޔުމާންއަށް ހީވިއެވެ.

********

ފުލުހުންކުރި ތަޙުޤީގުތަކަށްފަހު، އިވްޔާއަށާއި ރައިންއަށް ހަމަލާދިނުމުގެ ފަހަތުގައި ހުރި މީހަކީ ނާޒްލީކަން ދެނެގަނެވުނެވެ. ސީސީޓީވީ ކެމެރާތަކުން ނެގިފައިވާ މަންޒަރުތަކުގެ އެހީގައި އެމައްސަލައިގައި އަމަލީގޮތުން ބައިވެރިވި ދެމީހުން ހައްޔަރުކުރެވި، އެމީހުންގެ ހެކިބަހުން އެކަމުގެ އަޑީގައި ހުރީ ނާޒްލީކަން ކަށަވަރުވިއެވެ. ފުލުހުން ނާޒްލީ ހައްޔަރުކުރީ، ނާއިކް ގުޅައިގެން އޮފީހަށް ދިޔުމަށްޓަކައި ރިޒްވީން އޭނާގެ ކްލިނިކުން ނުކުންނަނިކޮށެވެ.

ސަލްމާ ގުޅާފައި ނާޒްލީ ހައްޔަރުކުރި ވާހަކަ ބުނުމުން ރިޒްވީންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ނާޒްލީ ކުރި ކުށުގެ އަދަބު ދިނުމަކީ އޭނަ ބޭނުންވި ގޮތެވެ. ފުލުހުންނާއި ނާޒްލީ ޙަވާލުކުރަން މަސައްކަތްކުރީވެސް އޭނައެވެ. ނަމަވެސް ކަންވެ ނިމުމުން ހިތް ނުތަނަވަސް ވަމުންދިޔައީ ކީއްވެކަމެއް ނޭނގުނެވެ. ނާޒްލީގެ ނުބައިކަން އިންތިހާއަށް ގޮސް ހައްދުފަހަނައަޅައި ދިޔުމުންވެސް އޭނައަށް ނާޒްލީގެ މަތީން ހަނދާން ނައްތައިލުން ވެފައިވަނީ ދަތިކަމަކަށެވެ.

ރިޒްވީން ގެއަށް ދިޔައީ އެއްޗެހި ބަދަލުކޮށްލުމުގެ މަޤުޞަދުގައެވެ. އޮފީހަށް ދިޔުމުގެ ކުރީން ތާޒާވެލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ގެއަށް އައިސް ވަތް ރިޒްވީންގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ސިޓިންގްރޫމް ސޯފާގައި ސަލްމާ އިންއިރު، އިވީޝާ އާއި އޭނާގެ އާއިލާގެ މީހުން އެތަނުގައި ތިއްބެވެ. ދެކެވެމުންދިޔައީ ރައިން އާއި އިވީޝާގެ ކައިވެނީގެ ވާހަކައެވެ.

ރިޒްވީންގެ ތަބީޢަތު ބަދަލުވިއެވެ. އެއްޗެހި ބަދަލުކުރަން ބޭނުންވިޔަސް އެޚިޔާލު ދޫކޮށްލިއެވެ. އެއްވެސް މީހަކަށް ފެނުމުގެ ކުރީން ރިޒްވީން އަވަސްއަވަހަށް ބޭރަށް ނުކުތެވެ. އެފަދަ ވަގުތެއްގައި ގޭތެރެއަށްވަދެ، އެމަޝްވަރާގައި ބައިވެރިވާން އޭނަ ބޭނުން ނުވީއެވެ.

ރިޒްވީން ގޮސް ސައިކަލަށް އެރިތަނައި، ފަހަތުން އޭނަގެ ކޮނޑުމަތީގައި މީހަކު އަތް ބާއްވައިލިއެވެ. ފަސް އެނބުރި ބަލައިލިއިރު، ކައިރީގައި ހުރީ އިވީޝާއެވެ. އޭނަ ބަލައިލުމާއިއެކު ފުޅާކޮށް ހިނިތުންވެލިއެވެ. ރިޒްވީންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ރައިންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން އުޅޭތީ އޭނަ އިވީޝާދެކެ އިތުރަށް ފޫހިވާގޮތްވިއެވެ.

"ހާދަ ފިލައިގެން ތިނުކުތީ... ކުނިކޮޅެއްނަމަތާ ނުފެނުނީހީ..." އިވީޝާ ހޭން ފެށިއެވެ.

"އަދިވެސް މަދެކެ އެހާ ރުޅި އާދޭތަ؟... ކުޑައިރު ވީކަމަކަށް ތިހުންނަނީ މަށާ ވާހަކަ ނުދައްކަން ހިތުނިޔަތް ގަނެގެން... އެންމެ ކިސް އެއްނު މަދިނީ... އެވެސް މިކޮލަށް..." ރިޒްވީންގެ ކޮލުގައި ހިފާލަމުން އިވީޝާ ބުނެލީ މަޖާވެލާފައެވެ. ހަޑި އެއްޗެއް ގައިގައި ޖެހުމުން ފޮޅައިލާހެން އިވީޝާގެ އަތް ރިޒްވީން ފޮޅުވައިލިއެވެ.

"ގައިގަ އަތްނުލާ ހުރޭ..." ރިޒްވީން އަމުރުކުރިއެވެ. އިވީޝާ އެހާ ކައިރީގައި ހުރުމުން އޭނަ އިނީ ނޭވާލާންވެސް އުނދަގޫވެފައެވެ.

"ކަމްއޯން... ދެން ވެއްޖެއެއްނު ތިރުޅިގަނޑު މައިތިރިކުރަން... ނޮޅައިގެން ކާލާކަށް ނޫޅެމޭ... އެހެންނޫނަސް ރަސްމީކޮށް މަމިއުޅެނީ ތިއާއިލާގެ މެމްބަރަކަށް ވާން..." ރިޒްވީންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން އިވީޝާ ބުންޏެވެ.

"ތިދަނީ ރޭންގެ އޮފީހަށްތަ؟... މަވެސް ދާނަން... އޭނަ އޮފީހަށް ދިޔަގޮތަށް ޓަޓަސް... ގުޅިއިރު ފޯނުގަނޑުވެސް އޮތީ ބްލޮކް ކޮށްފަ... ހާދަ ޝޮޕިންގް އެއްވެސް އެބައޮތޭ ކުރަން..." ރިޒްވީން އެއްޗެއް ނުބުނަނީސް އިވީޝާ ސައިކަލަށް އަރައި ހަމަޖެހިލިއެވެ.

ރިޒްވީންއަށް ގޮތް ހުސްވިއެވެ. ސައިކަލުން ފޭބުމަށް އޭނަ ތަކުރާރުކޮށް އިވީޝާގެ ކިބައިން އެދުނެވެ. ނަމަވެސް އިވީޝާ އިންތަނުން ގުޑިވެސް ނުލިއެވެ. ރިޒްވީންއަށް ދެދަތްޕިލައަށް ބާރުކޮށްލެވުނީ އޭނައަށް ކުރެވޭނެ އިތުރުކަމެއް ނެތުމުންނެވެ. ސަލްމާގެ ކުރިމަތީގައިވެސް ކުރިހޯދާނީ އިވީޝާކަން އޭނައަށް އެނގެއެވެ. އެއުޅުން ހުންނަގޮތުން އޭނަ އަބަދުވެސް އިވީޝާދެކެ ފޫހިވެއެވެ. އެންމެފަހުން ރިޒްވީންއަށް މަޖުބޫރުވީ އިވީޝާ ގޮވައިގެން އޮފީހަށް ދާށެވެ.

********

ބެލްކަނިން ބޭރު ބަލަހައްޓައިގެން ސާދުނާ ހުރީ ފިކުރުގެ ފުން ކަނޑެއްގެ ތެރޭގައެވެ. މާލެ ދިޔުމަކުން އެހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އިވްޔާ އާއި ދޭތެރޭ ވިސްނައި ފިކުރުކުރުން ނޫންކަމެއް ސާދުނާއަކަށް ނުކުރެވެއެވެ. އެކަމާއި ވިސްނާވިސްނައި އޭނަގެ ނަފުސާނީ މައްސަލަ ބޮޑުވާން ފެށިއެވެ. ނިދިޖެހިލިޔަސް ގޮވެނީ އިވްޔާއަށެވެ. މުޅި ދުވަސް ހޭދަކުރަނީ އިވްޔާގެ ފިކުރުތަކުގައެވެ.

ފުން ވިސްނުމެއްގެ ތެރޭގައި ހުރިވަރުން ޙުސައިން އެތަނަށް އައިކަންވެސް ސާދުނާއަކަށް ނޭނގުނެވެ. ދިރިހުއްޓަސް ފުރާނަ ނެތް މަސްގަނޑެކޭ ސާދުނާއެކޭ އެއްފަދައެވެ. ހިކިކަމުން ހިމަ ހޯލިކޮޅަކަށްވަމުންދިޔަ އެހަށިގަނޑަށް ބަލަން ޙުސައިންއަށް ހުރެވުނީ ފެންކަޅިވެފައެވެ.

"ސާދުނާ... ނަދުރެއް ބުނެގެންތަ މަށާ ވާހަކަ ނުދައްކަނީ... ސާދުނާ ބޭނުންވިގޮތަށް މިއޮތީ މާލެވެސް އާދެވިފަ... ދެން ތިހެން ނުހުރެބަލަ..." ސާދުނާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޙުސައިން ބުންޏެވެ. ނުތަނަވަސްކަން ފޮރުވުމަށް އޭނަ ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

ސާދުނާ ފެށީ ރޯށެވެ. އޭނަގެ ހިތުގައި އެއްވެސް މީހަކާއި ދޭތެރޭ އެއްވެސް ނަފުރަތުކަމެއް ނެތްކަމަށް ބުނަމުން ދިޔައެވެ. އިވްޔާ ނުފެންނަނީސް އެހިތުގެ ފާރުގަނޑު ފަސޭހަ ނުވާނެކަމަށް ތަކުރާރުކޮށް ބުނަން ފެށިއެވެ. އެންމެފަހުން ޙުސައިންއަށް މަޖުބޫރުވީ ސާދުނާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރައިލާށެވެ. އޭނައަށް ސާދުނާ ގެނެސް މޭގައި ޖައްސާލެވުނެވެ. ޙުސައިން އުޅުނީ ސާދުނާ ގޮވައިގެން ކޮޓަރިތެރެއަށް ވަންނާށެވެ. ނަމަވެސް އެވަގުތު ސާދުނާ ތެޅިގަނެފައި ބެލްކަންޏާއި ދިމާއަށް ދިޔަގޮތުން ޙުސައިންއަށް ލިބުނީ ސިހުމެކެވެ. ސާދުނާގެ ނަމުން ގޮވައިލަމުން ޙުސައިންއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

(ނުނިމޭ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

22 ޚިޔާލު

 1. Rainbow

  Varah reethi.next part thankolhn Avahah nerehchey . I can’t wait 😍 to read that part

  • އޭޝް

   Thank u dear ❤❤ new part mihaaru kiyaaleveyne.. In Sha Allaah miadhu adhi ithuru part eh genesdheynan 😊

 2. Naju

  It’s amazing dear 😘😍😘 masha Allah ur so talented ❤❤❤ As usual mi partvx v v v rythi ingey n ehaame furihama 🌸🌿🌸🌿🌸🌿🌸🌿 Eysh dhonii ur my favourite writer n I love u n ur stories 💙💙💙💙 n I really appreciate your hard work dear 👏👏👏👏👏 Lysm dear 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • އޭޝް

   Thank u so much dear ❤❤

 3. 💖💖💖

  Vvvv rythi

  • އޭޝް

   Thank u dear ❤❤

 4. Sheen

  Maasha Allah vvv furihama.. Kiya kiyaa indha nimunu iruves neynge. Ehaavarah vadhevifa inee vaahakaige there ah.. ♥️💜💙♥️💜💙♥️💜💙♥️💜💙♥️💜💙♥️💜💙♥️ Asluves vvvv reethi. Eh jumula aneh jumula aa, eh paragraph aneh paragraph aa gulhuvaalaafa haadha salhi kohshey genes dheefa hunnanee.. Vaahaka kiyamundhaairu hama asluves ajaibuvey. Hithaa hithun eysh ge hunaruverikamah thaureef kurevey.. Thee hama v hunaruveri molhu writer eh. 😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍 Hmmm story ge miadhuge part ah buneveynee……. Alhe kihineh baaey vaan miulhenee.. Adhi hama mifhanee kolheh medheh nufeni.. Alhe dhen thivarah nuthalhuvaa rain ah ivy dheeba.. 💔💔💔💔💔💔💔💔💔💔💔💔 Haadha dheraveyey muvaa gothun. Mi mulhi oart ves mi dhiyaee ehaa emotional koh. Hama rovvaalaifi. 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪 Dhen hama rain hunnaaneerha ehen? Ivy ekani haalah dhookohlaaneetha? E ivysha aa kaivenu kuran ehbas vaaneetha? Kailan akee hama yumaan ge dhariehtha..? Kihinehtha ehenvee? Yumaan ge life ga thahammalu kuran jehunee kon kanthah thakehtha? Anekka ivy ge mamma ah ivy fenuneebaa magumathin? Hithuga fumi jehifa hurikanakan. Eysh please mi suvaaluthakah javaabu dheeba madu madun namaves. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Waiting for the next part. ILYSM ❤️❤️💜💜💙💙💚💚💓💓💓💓💓💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷

  • އޭޝް

   Thank u so much dear ❤❤ hingaa dho vaagotheh balamaa 😊

 5. 💕💙 besty 💜💕

  Alhey haadha reehchey mi partves.. Hama neyvaa nulaa undhe mi kiyaan jehunee. 💙💙💙💙💙💙💙💙💙💙💙💙💙 Vvvv reethi.. Ehaa asruves is ba huttey. Mi oart ekkoh miothee hama rovvaalaafa.. 😪😪😪😪😪😪 V baivaru suvaaluthakehge thereah genbaalaafa thu nimmaalee.. Alhe aneh part kiyaa hithun keiy nuvey.. Asluves vvvv interesting.. 💕💕😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘 Waiting waiting. U r my favorite. Love you. 💜💙💜💙💜💙💙💜💙💜💙💜💙💜💙💜💙💜💙💜

  • އޭޝް

   Thank u so much dear ❤❤

 6. ލަމް

  ހަމްދުކުރަމެވެ. ތިހާ ހުނަރުވެރި ދަރިން މި ފަސްގަނޑުގައި ތިބީތީއެވެ. ޝުކުރުވެރިވަމެވެ. މިހާ ރީތި ވާހަކަ ކިޔާލަން ލިބޭތީއެވެ. އަސްލުވެސް ވަރަށް ރީއްޗެވެ. އެހާމެ ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހާވެސް އަސަރު އެބަހުއްޓެވެ. ނިންމާ ތިޔަލީ ސުވާލުތަކުން މި ހިތް ފުރާލާފައެވެ. އެހެނަސް ޝަކުވާއެއްނެތެވެ. ގަބޫލުކުރަމެވެ. އެއީ އޭޝްގެ މޮޅުކަމާއި ގާބިލްކަމެވެ. ކިޔާހިތުން ކެތްނުވާ ހާލުވެސް ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. ވަރަށް ލޯބިވަމެވެ. ❤️💕💜💙💚💕💓❤️😘💙😍🌹🌷

  • އޭޝް

   Thank u so much dear ❤❤

 7. 💙🌹💜

  Maasha Allah vvv furihama. Thee hama number 1 😍😍😍😘😘😘😘

  • އޭޝް

   Thank u so much dear ❤❤

 8. Kujjeh

  Woww 😍😍😍😍Vvv rythi mi part vx .. Waiting for the next vvvvv curious .. When next part kiyaalan libeyny .. Waitings ❤❤❤❤❤Btw grt job eysh keep it up dear 💜💜💜Ma sha allah

  • އޭޝް

   Thank u so much dear ❤❤ new part eh miadhu In Sha Allaah upkohladheynan 😊

 9. jiji

  Vv curious vehje next part kiyaalaa hithun😊❤🌹…thanks eysh dhooniii mihaa rythi koh story genesdheythy❤🌹😊..ly sooo much dear

  • އޭޝް

   Thank u so much dear ❤❤

 10. Thiki.sis

  Vaahaka varah reethi.

  • އޭޝް

   Thank u dear ❤❤

 11. Unbro

  Vaahakaige ethereyah roadha veelumeh laagen kuriyah gendhaanebaa.mi mahaa gulhuvaafa 💜💜💜💜💜💜💜

  • އޭޝް

   Thank u dear ❤❤