loading ...
loading ...
މީ މިހިތުގެ ޝަކުވާއޭ...01

މީ މިހިތުގެ ޝަކުވާއޭ...01

23 comments

މައިންބަފައިންގެ ލޯތްބަކީ ކޮންމެ މީހަކަށް ލިބޭނެ ނަޞީބެއް ނޫނެވެ. އަހަރެންމީ އެފަދަ ބަދުނަޞީބުވެރިއެކެވެ. މައިންބަފައިންނާއި އާއިލާގެ މީހުން ތިބެމެ، އެމީހުންގެ ލޯބިން އަހަރެން މިވަނީ މަޙުރޫމްވެފައެވެ. ވިސްނާ ވިސްނައިވެސް އެހެން އެކަން ވާންޖެހޭނެ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ކުށެއް ނުކުރަމެވެ. އަހަންނަށް ވީވަރަކުން އެންމެންނަށް އެހީތެރިވެދީ ހަދަމެވެ. ނަމަވެސް ބަދަލުގައި ލިބެނީ މަލާމާތާއި ފުރައްސާރައެވެ. ކޮށްލަނީ ބާކީއެވެ.

ހިތަށް އަރައެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެއްވެސް މީހެއްގެ ލޯތްބާއި އަޅާލުން އަހަރެންނަށް ނުލިބެނީ ކީއްވެ ހެއްޔެވެ؟ މިސުވާލު އަމިއްލަ ހިތާއި ކޮށްކޮށް އަހަރެން މިވަނީ ވަރުބަލިވެފައެވެ. ކެތްތެރިކަން އިސްކުރަން އުޅުނަސް އެކަން ކުރަން އުނދަގޫ ވެއްޖެއެވެ.

ވަރުބަލިވެފައިވާ ޙާލު، މާކަނޑުގެ މެދުގައި އަހަރެން ދިޔައީ ފަލިޖަހަމުންނެވެ. ލޯތްބަށް އެދި ސަލާންޖަހާ ހާލު، ނާށިގަނޑު ހިފައިގެންނެވެ. އެކަނި ހާލުގައި ދެވޭ ނުދެވޭއެއް ނޭނގި އަހަރެންގެ ދިރިއުޅުން ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުން ދިޔައެވެ. އެކަނިވެރިކަން މުޅި މީހާ ވަށާލާފައި ވަނިކޮށް، އަމާންކަމުގެ އައްސޭރިއަކަށް އާދެވުނީ ނަސީމްގެ އެހީތެރިކަމާއި އެކުގައެވެ. ނަސީމްގެ ލޯބިން އަހަރެންގެ އުނގު ފުރާލަދިނެވެ. ލޯބީގެ ވައުދާއި އަޙުދުތަކުން ހިނިތުންވާން ދަސްވިއެވެ.

ނަސީމް އަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. އިސްވެ، އަހަންނަށް ލޯބި ހުށަހެޅީވެސް ނަސީމްއެވެ. އަހަރެން ހުރީ އިންސާނެއްގެ ލޯތްބަށް ފެން ބޮވައިގަނެފައެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ. އަހަރެން ބޭނުންވީ މިނިވަން މާހައުލެއްގައި އުދުއްސައި ގަންނާށެވެ. މާމެލާމެލީގެ ބަގީޗާތަކުގައި ނިދާލާށެވެ. އަމިއްލަ އާއިލާގެ ކައިރީގައި އަހަރެންނަށް އުޅެންޖެހުނީ ބީރައްޓެއްސެއް ފަދައިންނެވެ. އާއިލާ އާއި ދުރުވާން އަހަރެންނަށް މަޖުބޫރު ކުރުވީ އެސަބަބެވެ.

އަމިއްލަ އާއިލާގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން އަހަންނަށް ދިނީ ނަސީމްއެވެ. ދުރުގައި ހުއްޓަސް، އަހަރެންނަށް އެކަން އިޚްސާސްނުވާ ވަރަށް ލޯބިދެއެވެ. ވަޒީފާގެ ވަގުތުތައް ފިޔަވައި އެހެން ހުރިހާ ވަގުތަކީ ނަސީމް އަހަންނަށް ހުސްކުރާ ވަގުތެވެ. ލޯބީގެ ބަސްތަކުން ހިތް ފޮޅުވައިދެއެވެ. މަޖާ ވާހަކަތައް ކިޔައިދީ ހެއްވާލައެވެ. ދުވަސްކޮޅެއްވީއިރު، އަހަންނަށް ނަސީމް އާއި ނުލައި ނޫޅެވޭނޭ ވަރަށް ލޯބީގެ އަވައިގައި ޖެހުނެވެ. ކައިރީގައިވާން ބޭނުންވިއެވެ. އެލޯބި ތާއަބަދަށް ލިބުން އެދެވެން ފެށުނެވެ. ހައްލަކަށް އަހަންނަށް ފެނުނީ ކައިވެނީގެ މަތިވެރި ގުޅުމެވެ.

އަހަރެން ހުރީ ކައިވެނި ކުރެވޭނޭ އުމުރު ހަމަ ނުވެގެންނެވެ. ކައިވެންޏަށްފަހު، ރަށުން ދާން އަހަރެން ހުރީ ނިންމައިގެންނެވެ. އެތަނެއްގައި އަމިއްލަ އެއްވެސް އުފާވެރިކަމެއް ނުވާތާކު، ހުންނަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ކައިވެންޏަށްފަހު ނަސީމް އާއިއެކު އެރަށަށް ބަދަލުވުން އެއީ ނަސީމްވެސް ބޭނުންވި ގޮތެވެ. އުމުރުން އަށާރަ އަހަރު ފުރުނުތަނައި އަހަންނާއި ނަސީމްގެ ކައިވެނި ކުރެވުނެވެ. ލޯބީގެ އެތައް އަހުދުތަކާއި ވަޢުދުތަކެއް ވަމުންނެވެ. އަހަރެންގެ ހުވަފެންތަކުގައި ކުލަޖެހުނީއެވެ. ކައިވެންޏަށްފަހު ދިރިއުޅުން ބަދަލުކުރީ އަހަރެން ބޭނުންވި މަންޒިލަށެވެ. ފިރިމީހާގެ ރަށަށެވެ.

ދިރިއުޅުމުގައި އަހަރެންވެސް ފޮނި އުއްމީދުތަކެއް ކުރީމެވެ. ޙާޞިލްކުރަން ބޭނުންވާ ކިތަންމެ ކަމެއް ހުއްޓެވެ. ކިޔަވައިގެން މޮޅު މީހަކަށް ވުމަކީ އަހަރެން ދުށް ހުވަފެނެކެވެ. ފެހުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ. އިންސާނުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. އެއްކަމެއް ޙާޞިލުވުމަށްފަހު އަނެއްކަމެއް ޙާޞިލްކުރަން ބޭނުންވެއެވެ. ދިރިއުޅުން އާރާސްތުކުރަން އަހަރެންވެސް ބޭނުންވިއެވެ. އަންހެނަކަށްވިޔަސް ކަމެއް ނުކޮށް ރީއްޗަށް ގޭގައި ހުންނާކަށް އަހަރެންގެ ޟަމީރު ތަނެއް ނުދިނެވެ.

މާމުއި ހަނދުގައި ރަނިކަން ކުރަމުންދިޔަ ދުވަސްތަކަށް އިސާހިތަކު ނިމުން އައެވެ. ޗުއްޓީ ނިންމައި ނަސީމް ރިސޯޓަށް އެނބުރި ދިޔުމުން އަހަރެންނަށް އެކަނިވެރިކަން އިޚްސާސްކުރެވެން ފެށުނެވެ. އެކަނިވެރިވާ ކޮންމެ ވަގުތެއްގައި މާޒީގެ ދުވަސްތައް ވަޔާއިއެކު ވިހުރެމުންދާ ފޮތެއްގެ ސަފުހާތަކެއްހެން އަހަރެންގެ ކުރިމަތީގައި ނިއުޅެމުން ދެއެވެ. މަންމަމެންނާއި ވަކިވެގެން ގޮސް، އުފަލުގައި އުޅެވޭނޭ ކަމަށް އަހަރެން އުއްމީދުކުރީމެވެ. ނަސީމްގެ ލޯބި އެހެން ހުރިހާ ކަމެއް ހަނދާން ނައްތައިލަން މަޖުބޫރު ކުރުވާނެކަމުގައި ހީކުރެވުނެވެ. އެހެނަސް ކަންތައްވީ އެހެނެއް ނޫނެވެ. ނަސީމް އާއި ނުލައި މާބޮޑަށް އެކަނިވެރިކަން އިޚްސާސްކުރެވެން ފެށިއެވެ.

އަނެއްކާވެސް އަހަރެންގެ ދިރިއުޅުން އުނދަގޫ ހަރުފަތަކަށް ވެއްޓުނެވެ. ކުރީގައި ސައުވީސް ގަޑިއިރު ގުޅައިގެން އޮތަސް އެކަންކަން ބަދަލުވާން ފެށިއެވެ. ފުރަތަމަކޮޅު ހުރިހާ ކަމެއް އަމާން އޮމާންކޮށް ދިޔަނަމަވެސް އިސާހިތަކު ކަންކަން ބަދަލުވިއެވެ. ކައިވެންޏަށްފަހު ދެމީހުން ދެތަނުގައި އުޅުންވީ އަހަންނަށް ބަރުދާސްތުކުރަން އުނދަގޫވި ކަމަކަށެވެ. އަބަދު އިންތިޒާރުކުރެވެން ފެށުނީ ނަސީމްގެ އަޑު ކަންފަތުގައި ޖެހޭނޭ އިރަކަށެވެ. ކައިވެންޏަށްފަހު އެފޯނުކޯލުތައް މަދުވިއެވެ. އެކޯލުތަކަށް ނުނިދާ އިނދެ، އިންތިޒާރުކުރަން މަޖުބޫރުވެއްޖެއެވެ. "ބިޒީ" އެލަފުޒު ނަސީމްގެ ދުލުން އިވުން އާއްމުވިއެވެ. އަހަންނަށް ވިސްނުނީ ކަމެއްނެތި ގޭގައި އިންނަން ޖެހުމުން މާބޮޑަށް ފޫހިވަނީ ކަމަށެވެ. ނަޞީމްގެ ކުށް ދައްކައި ކުށްވެރިކުރަން ބޭނުން ނުވާތީ އަހަރެން ވިސްނީ އެގޮތަށެވެ.

އަހަރެން މާލެދާން ގަސްތުކުރީމެވެ. ފަހާ ކޯހެއް ހަދައިގެން ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ނަސީމްގެ ކައިރިން ހުއްދަ ހޯދައިގެން އަހަރެން މާލެ ދިޔައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ފަހާކޯސް ނިމުމަކާއި ގާތްވެފައިވަނިކޮށް އަހަރެންގެ ދިރިއުޅުމުގައި ވަރުގަދަ ރެނދެއް ލިއެވެ. ނަސީމް އަހަރެންނަށް ޚަރަދު ނުކުރާތަނުގައި ގުޅައިވެސް ނުލައެވެ. ޙާލު ބަލައިލުންވެސް ނަސީމްއަށް ވަނީ ބޮޑުކަމަކަށެވެ. އަނެއްކާވެސް ހިތުގައި އުފެދުނީ އެއް ސުވާލުތަކެކެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެންމެންވެސް އަހަރެން ބާކީ ކޮށްލަނީ ކީއްވެ ހެއްޔެވެ؟

އަހަންނަކީވެސް އިންސާނެކެވެ. ދިރިއުޅުމުގެ މުހުތާދުތައް ފުއްދަން އަހަރެންވެސް ބޭނުންވެއެވެ. ޝަކުވާކުރަން ބޭނުން ނުވިޔަސް ކޮންމެ އިންސާނަކަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ޚަރަދު ނުކޮށްގެން އެޝަކުވާ ކުރެވެން ފެށުނެވެ. އަހަރެންނަކީ ނަސީމްގެ އަނބިމީހާއެވެ. ޚަރަދު ނުކުރެވެންޏާ އެކީ އުޅުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ކަންތައްތައް ގޯހުން ގޯހަށް ދިޔަނަމަވެސް އެކީގައި އުޅެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ކެތްކުރަން ދަތިވީ ފިރިމީހާގެ އާއިލާގެ ފިއްތުންތަކާއި ކުރިމަތިވާން ފެށުމުންނެވެ. ދިރިއުޅުމުގެ ފޮނި އުއްމީދުތަކާއިއެކު ކައިވެނީގެ ނަމުގައި ޖަހާލި ގޮށް މޮހިގެން ދިޔައީ އަހަރެން ހީކުރިވަރަށްވުރެ އަވަހަށެވެ. ދިރިއުޅުމުގެ ފޮނި މޭވާއެއް ނުލިބި އުޅެނިކޮށެވެ. ފެނުނީ އަވާމެންދުރެކެވެ. އަހަރެންނާއި އެކުގައި ނޫޅެވޭނެކަމަށްބުނެ ނަސީމް އަހަރެން ވަރިކުރިއެވެ. ދެކޮޅު ހަދައި އާދޭސްކުރާކަށް އަހަރެންވެސް ނުހަދަމެވެ. އަހަރެންނަކީ ނާކާމިޔާބު މީހެއްކަން އަމިއްލަ ހިތަށް ވިސްނައިދެމުން ލިބުނު މިންވަރަށް ޝުކުރު ކުރީމެވެ. ކަންތައް ވީގޮތުން ނަސީމްދެކެ ވީ ފޫއްސަށްވުރެ ބޮޑަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. އަވާމެންދުރަކަށް ތަބާވެވުނީތީ ހިތާމަކުރާ ހާލުގައެވެ.

އަހަރެން އެނބުރި ރަށަށް އައީ ހުސްއަތާއެވެ. އަނެއްކާވެސް ހަމަ އެމަންޒިލަށެވެ. މަންމަގެ ވިހަ ބަސްތައް ކުރިޔަށްވުރެ އިތުރުވިހެން ހީވިއެވެ. ފެންނަ ކޮންމެ ތާކުން ކޮންމެވެސް އެއްޗެއް ބުނެ އަހަރެންގެ ހިތުގައި ޖައްސައެވެ. އެކަނިވެރިވީ ދުވަހު އަހަރެން އިތުރަށް ނިކަމެތިވިހެން ހީވިއެވެ. އަހަރެންގެ ސުންޕާ ކަމާއި ހުރެ، މީހަކާއި އިނދެގެންވެސް ނޫޅެވޭނެކަމުގައި މަންމަ ބުންޏެވެ. ސުންޕާކަމުން އަހަރެންނަށް ކުރެވުނީ ކީއް ހެއްޔެވެ؟ އެހެން ދަރިންނާއި އަހަރެން ތަފާތުކުރަނީ އަހަރެން ސުންޕާކަމުން ހެއްޔެވެ؟ އަހަރެންނާއި އެއްބަނޑު އެހެން ކުދިންދެކެ މަންމަ އެވާ ލޯބި އަހަރެން ދެކެ ނުވަނީ އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އެމީހުންގެ އަނބިންދެކެވެސް އަހަންނަށްވުރެ ބޮޑަށް މަންމަ ލޯބިވެއެވެ. ދަރިންގެ މެދުގައި ބަހާ އެއްޗެހިވެސް އަހަރެންނަށް ލިބެނީ އެހެން މީހުންނަށް ދިނުމަށްފަހު ބާކީ ވިއްޔާއެވެ. ކީއްވެ ހެއްޔެވެ؟ ހަމަ އަހަރެންގެ ސުންޕާ ކަމުން ހެއްޔެވެ؟ ހިތްފަޅައިގެން ގޮސް މަރުވާނެނަމަ އަހަރެން މަރުވާނެތާ ކިތަންމެ ދުވަހެކެވެ.

އަހަރެން މުޅީން އެކަނިވެރިވިއެވެ. އެކުވެރިންނެއް ނެތެވެ. ގާތް މީހަކު ނެތެވެ. އެކަނި ގިނަ ވަގުތު އަހަރެން ހޭދަކުރަނީ ކޮޓަރީގައެވެ. އެކި ފިކުރުތައް ކުރުމުގައެވެ. އަހަރެންނަކީ ބާކީވެފައިވާ މީހެކެވެ. ދުނިޔެއަށް މިވަނީ ގިނަވެފައެވެ. މަރުވާނެނަމައޭ ހިތަށް އެރީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ. ކެތްތެރިވެގެން އަހަރެންނަށް ހުރެވުނީ އަހަރެންގެ އިމާންތެރިކަން ވަރުގަދަ ވުމުންނެއެވެ. ފަސްވަގުތު ނާޅައި ނަމާދުކުރާތީއެވެ. ގިނަވަގުތު ގުރުޢާން ކިޔެވުމުގައި ހޭދަކުރާތީއެވެ. ނޫންނަމަ ފެންނާނީ އަހަރެންގެ މަރުވެފައިވާ މަސްގަނޑެވެ. ކަރުނަ އަޅައި ރޯން ނުޖެހޭ އެންމެ ދުވަހެއްވެސް ނުދެއެވެ. އެންމެންނަށްވެސް އަހަރެންނަކީ ނެތް މީހެކެވެ. ވަކީން ދެރަވަނީ މަންމަ އަހަރެން ބާކީކޮށްލާތީއެވެ. ނަސީބަކީ ކޮންމެ މީހަކަށް ލިބޭނޭ އެއްޗެއް ނޫންތާއެވެ. އަމިއްލަ މައިމީހާގެ ލޯބިން މަޚުރޫމްވުމަކީ އިންސާނަކަށް ބަރުދާސްތުކުރަންޖެހޭނެ އެންމެ ހިތްދަތި ވޭނެވެ.

އަހަރެންގެ ޙަޔާތުގެ ދިރުން ގެއްލިއްޖެއެވެ. އުއްމީދުގެ ކަނިކޮޅު ނިވެމުން ދަނީއެވެ. ރޭގަނޑުގެ ނިދި ގެއްލިއްޖެއެވެ. ދެލޮލުން ކަރުނަ ނުހިކެއެވެ. ދުނިޔޭގައި ހުރުމުގެ އުއްމީދު މުޅިހެން ގެއްލިފައި ވަނިކޮށް ޖީހާން އާއި ދިމާވީ ދަތުރުވަރެއްގައި ރަށަށް އައިސް އުޅެނިކޮށެވެ. ޖީހާން ހުރީ އަހަރެންގެ ގޭގައެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ޖީހާން ހަދިޔާކޮށްލަނީ ރީތި ހިނިތުންވުމެކެވެ. އެހިނިތުންވުން އަހަރެންގެ ހިތަށް ނޭނގޭ ފިނިކަމެއް ލިބެމުން ދިޔައެވެ. އަހަރެންނަކީ ހަމުގެ ކުލަ އަލި ފިރެހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތިކަމެއް ލިބިފައިވާ މީހެއްކަމަށް ގިނަ މީހުން ބުނެއުޅެއެވެ. ޖީހާންވެސް އެރީތިކަމުގެ ޖާދޫގައި ޖެހުނީޔޯލައެވެ. އަހަރެންނަށް އިސްވެ ލޯބި ހުށަހެޅީ ޖީހާންއެވެ. ޖީހާން އަކީ ތިން އަހަރުގެ ކުއްޖެއްގެ ބައްޕައެއްކަން އަހަރެންނަށް އެނގުނީ ލޯތްބަށް އެދި ޖީހާން ދިއްކޮށްލި އަތުގައި ހިފައިލި ފަހުންނެވެ. ކުރީގެ އަނބިމީހާ ވަރިކޮށްފައި ހުރުމުން އަހަރެން އެކަން މާބޮޑު މައްސަލައަކަށް ނުހަދަމެވެ. ދަރިފުޅު އުޅެނީ މަންމަ އާއިއެކުގައި ކަމުން އަހަރެންގެ ދިރިއުޅުމަށް އެކަމުންވެސް އަޞަރު ނުކުރާނޭކަން އެނގޭތީއެވެ.

ކައިވެންޏަށްފަހު އަހަރެން ބަދަލުވީ ޖީހާންގެ ރަށަށެވެ. ފޮނި އުއްމީދުތަކެއް ކުރީމެވެ. ނަމަވެސް އެގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ މޫނުމަތި މިލައިގެން ދިޔައެވެ. ޖީހާންގެ މަންމަ އަހަރެންދެކެ އައިސްފައި ހުރީ އަމަށަކު ރުޅިއެއް ނޫނެވެ. ތުން އަނބުރައިލިގޮތުންވެސް އަހަރެންގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ހިތަށް އެރިއެވެ. އެންމެން އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ އަހަރެން އެއިން މީހަކަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި އެންމެންނަށްވެސް ވަނީ ހެޔޮ ދުޢާއެވެ. ނަފުރަތުގެ ކުޑަވެސް މިންވަރެއް ނުވެއެވެ.

އަހަރެންނަށް ކަރުނައަޅައި ރޮވުނީ ޖީހާން އަހަރެން ގެންގޮސް ވެއްދި ގުދަނެއްކަހަލަ ކުޑަ ކޮޓަރިގަނޑު ފެނިފައެވެ. ތަޅުންމަތީގައި އަޅާފައި އޮތީ ކުނަލެކެވެ. ފާޙާނާއެއް ނެތެވެ. އަލަމާރިއެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެކޮޓަރީގައި ނުވެއެވެ. ހިނގައިގަންނަންވެސް ނޭނގިފައި އަހަންނަށް ހުރެވުނީ ކޮޓަރީގެ އެތަންމިތަނަށް ބަލާށެވެ. ތަނަވަސް ދިރިއުޅުމަކަށްފަހު ކުޑަ ގޮޅިއެއްވަރުގެ ކޮޓަރިއެއްގައި އުޅެންޖެހުމުން އަހަރެން މުޅީން މާޔޫސްވިއެވެ. އެވަރުންވެސް ޝަކުވާއެއް ނުކުރަމެވެ. މިންވަރަށް ޝުކުރުވެރިވީމެވެ. އެންމެންގެ ދިރިއުޅުން އެއް ފެންވަރެއްގައި ނުހުންނާނެކަން އަހަރެން ޤަބޫލުކުރަމެވެ. އަހަރެން ބޭނުންވީ ޖީހާންގެ ލޯތްބެވެ. އެލޯބީގައި ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރުމަކީ އަހަރެންގެ ޒިންމާއެވެ.

ޖީހާން އުޅެނީ ކައިރި ރިސޯޓެއްގައެވެ. ކަންތައް ގޯސްވީ ޖީހާން ފުރައިގެން ދިޔަ ފަހުންނެވެ. މައިދައިތަގެ ފަރާތުން ހުއްޓުމެއްނެތި ކުރިމަތިލާންޖެހުނު އަނިޔާ ވީ، ބޮޑު ބައްޔަކަށެވެ. ގޭގެ ބަދިގޭގައި ކެއްކުން އަހަރެންނަށް މަނަލެވެ. ގޭގައި ހުންނަ އެއްވެސް އެއްޗެއްގައި އަތެއް ނުލެވެއެވެ. އަހަރެންގެ އަތަކު ފައިސާއެއް ނެތެވެ. އެއްޗެއް ގަނެގެން ކެވޭނެ ގޮތެއް ނެތި ހަށިގަނޑު އަނަރޫފަވާން ފެށިއެވެ. އެހުރިހާ ކަމެއް ޖީހާން އާއި ޚިއްސާކުރާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. ނުކައި ހުސްބަނޑާއި ހުރެ، އަހަރެން މަގުމަތިވިއެވެ. ކާއެއްޗެއް ލިބެނީ ކައިރި އަވައްޓެރިޔަކު އެއްޗެއް ދިއްކޮށްލިއްޔާއެވެ. އެކަން ޖީހާންއަށް އެނގުމުންވެސް މާބޮޑު ކަމަކަށް ވިހެނެއް އަހަރެންނަކަށް ހިޔެއް ނުވިއެވެ.

ޖީހާންވީ އަހަރެން ހީކުރިވަރަށްވުރެ ކަންނެތް މީހަކަށެވެ. އަދާކުރާ ވަޒީފާގެ އިތުރުން ދިރިއުޅުމުގެ އެއްވެސް ކަމެއް ކުރާކަށް ޖީހާން ބޭނުމެއް ނުވެއެވެ. އުޅެންޖެހިފައިވާ ނިކަމެތި ޙާލުން އަރައިގަތުމަށް އިތުރަށް މަސައްކަތްކުރަން ޖެހިފައިވިޔަސް، އެއިން އެއްވެސް ކަމަކާއި ޖީހާން ނުވިސްނާ ކަހަލައެވެ. ވިސްނާ ވިސްނައި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދަންވީ ގޮތެއް ނޭނގިފައި ހުއްޓައި އަހަރެން މާބޮޑަށް ބަލިވާން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަހަރެން ބަނޑުބޮޑުކަމެވެ.

ބަލިވެ އިނުމުން ހުރިހާ ކަމެއް ރަނގަޅުވެދާނެކަމަށް އަހަރެން ހީކުރީމެވެ. ޖީހާންގެ ފަރާތުން ލޯތްބާއި އަޅާލުމާއި، އާއިލާގެ ލޯބި ލިބޭނޭކަމަށް އުއްމީދުކުރެވުނެވެ. ނަމަވެސް ލިބުނީ އިތުރު ނިކަމެތި ކަމެކެވެ. ދުވަސްފުރައި ވިހޭއިރު، އަހަރެން ކިރިޔާ ދުނިޔޭގައި ހުރިކަން އެކަންޏެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ރަނގަޅު ކާއެއްޗެއް ނުކެވޭ ތަނުގައި، ހިތާމަކޮށްކޮށް އަހަރެންގެ ސޫރައަށްވެސް ވަނީ ބަދަލު އައިސްފައެވެ.

ދަރިފުޅު ލިބުނުފަހުން ޖީހާންގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިކަން އަހަންނަށް ފާހަގަވިއެވެ. ގިނަވަގުތު ފޯނުގައި އޮތުމާއި، އަހަރެންނާއި ދަރިފުޅުގެ ކަންކަމަށް ފަރުވާކުޑަ ކުރަންފެށިއެވެ. ފާޅުގައި އަންހެން ކުދިންނާއި ވާހަކަ ދައްކައި ހަދާކަން އަހަރެންނަށް އެނގުނެވެ. ޖީހާން އަހަރެންދެކެ ފޫހިވީއެވެ. ދެމަފިރިކަމުގެ އެއްވެސް ގުޅުމެއް އަހަރެނާއިއެކު ބާއްވަންވެސް ޖީހާން ފޫހިވާ ކަހަލައެވެ. އަހަރެން ކައިރިވެލިޔަސް ދަނީ ދުރަށެވެ. އެންމެފަހުން އެހަޔާތުން މުޅީންހެން އަހަރެން ދުރުކޮށްލިއެވެ. އެގޮތުގައިވެސް ކެތްތެރިވެވޭނޭ އެންމެ މަތީ ދަރަޖައަކަށް އަހަރެން ކެތްކުރީމެވެ. އިންސާނަކަށްވީތީ، އަހަރެންވެސް ލޯބި ބޭނުމެވެ. ކައިވެނީގެ އުފާތައްވެސް ބޭނުންވެއެވެ.

އަހަރެން ލޯބި ބޭނުންވިއެވެ. ބައިވެރިއެއްގެ ހިމާޔަތާއި އަޅާލުމަށްވުރެ އުފާވެރިކަމެއް ވަކި ކޮބައި ހެއްޔެވެ؟ ދެރަވެ، ހިތްދަތިވާ ވަގުތުތަކުގައި އަބަދުވެސް އެންމެ ގާތުގައި ވަނީ ޝައިތާނާކަން އަހަރެންނަށް އެނގެއެވެ. ހެވާއި ނުބައި އަހަރެންނަށްވެސް ވަކިވެއެވެ. އެހެންނަމަވެސް މާޔޫސްވުމުން އެކަންކަން ޤަބޫލުކުރަން ޟަމީރު އެއްބަސް ނުވަނީއެވެ.

(ނުނިމޭ)

ނޯޓް: މިއީ ކިޔުންތެރިއެއްގެ ފަރާތުން އަޅުގަނޑާއި ޚިއްސާކޮށްފައިވާ ޙަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެއްގެ ފުރަތަމަ ބަޔެވެ. އަޅުގަނޑުގެ ދުޢާއަކީ މިފަދަ ހިތްދަތިކަމެއް ލިބިފައިވާ ކޮންމެ މުސްލިމަކަށް ހެޔޮ މަގުގައި ޘާބިތުވެ ހުރުމުގެ ތަޢުފީޤު ދެއްވައި، އުފާވެރި ޚަޔާތެއް މިންވަރު ކުރެއްވުމެވެ.

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

23 ޚިޔާލު

 1. Saana

  Allah eh anhen kujjaj kehtheri kann dhrvaashi ah.maa Sha Allah vaahakah varah reethi

  • އޭޝް

   😊❤Thank u so much dear

 2. Naju

  Aameen… Insha Allah thikahala hiyy dhathi dhiri ulhumeh ehvx insaanakah minvaru nukurah vaashi eve… EYSH DHOONEE ur such a great ingey hama aslu vx ingey… mi story mi kiyaa ninmaa levuny v asaraa ekyga .. ibaaraaih kurunvx v furihama sifakurun tha hyvany hama real manzaru thakeh kuri mathin fennahen … 😘😘😘😘😘😘 waiting for the next

  10
  2
  • އޭޝް

   😊❤Thank u so much dear

 3. Shahoo

  Hageegee haadisa eh kan enguneema varah asaru koffi.

  • އޭޝް

 4. Sheen

  Alhey bunaanee keekey kamehves neynge. SPEECHLESS 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 V hiyvarun kiyaa nimmaalevuneemi. Asluves hama varah rovijje. 😪😪😪😪😪😪😪😪😪😪😪😪😪😪😪💔💔💔💔💔💔💔💔💔 Alhe haadha haalugaey efakeeru e dhiri ulhunee.. E hayaathakah insaaneh aikamakah gabiileh nukuran. Insaanun nakah ehaa rahumu kudavaakah nukereyne. Yaa allah e ukhuthah keiytherikamaai saabithukan dhevvai e hayaathah ufaaverikan lavvaashi. Aameen ❤️❤️❤️❤️❤️❤️❤️❤️ 💙💙💙
  Eysh vaahaka genes dheefa inleh haadha haadha furihamaey. Maasha allaah vvvvv furihama 💜💜💜💜💜💜💜💜💜💜💜💜💜💜💜 Feshun kiyaalaafaves gain dhiyaee heebihi nagaigen. Ehaa reethi. Vvvv asarugadha vv thafaathukoh fashun inee. Hithuge hama emme funah asaru kuruvaa kahaka. 😍😍😍😍😍😍😍😍😍😍😍😍 Komme jumulaehves ethah faharaku kiyaalevey. Vvvv hunaruverikan fenigen dhuya vvv molhah luyelaafa in vaahaka eh. Mi vaahaka kiyaafa vv liabivea vejje eysh dheke. Huvaa u r the bestest. ILYSM ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘 Waiting for the next part. 🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀💚💚💚💚💚💚💚💚💚💚
  💙💙💙💙💙💙💙s

  5
  2
  • އޭޝް

   😊❤Thank u so much dear

 5. 💙🌹💜

  Maasha Allah haadha furihama reethi molhu vaahaka ekey. Rovvijje huvaa. ❤️❤️❤️❤️❤️

  3
  1
  • އޭޝް

   😊❤Thank u so much dear

 6. ލަމް

  މާޝާﷲ މިހާ ހިސާބަށް މިފަދަ ފުރިހަމަ ރީތި ވާހަކައެއް އަދި ނުކިޔަމެވެ. ވާހަކައިގެ ކޮންމެ އަކުރެއް ހިތުގައި ބިންވަޅު ކަނޑާ ނެގިއްޖެއެވެ. ބަސްތައް އެހާ ހިތްގައިމެވެ ފަށުވިކަމުން މިފަދަ ދެވަނައެއް ނެތެވެ. އޭޝް އެވެ. ތިޔައީ އަޅުގަނޑުގެ އެންމެ ފޭވަރިޓް އެވެ. ހަމަ އެންމެ ލޯބިވާ ރައިޓާރއެވެ. 💙💙💙💙💙💙💙💙💙💙

  4
  1
  • އޭޝް

   😊❤Thank u so much dear

 7. Namza

  Mee hageegee story ekey otheema, mikan dhimaavi kuja ah hamdharudhee vevey. Mi story OK, ekam miavure interest ko Kankan detail kohlaafa genesdhin nama ey hitha aranee. Like, eynage family ge haalathu, family memberun, hama ekani bunefa inee mom kantha kuraa gothuge vaahaka. So, where’s her Father. And Naseem also works in a resort. E relationship ah vee goe engihure, same work (resort ga) kuraa person akaa marry kuree keeve? Naseem ves haradhu kurun hutaalee. That girl decision make kuri gothaa her feelings detail kohla din nama. Aslu kame dimaavefa hurima kurin evi gothaa medu visnaane hen heeve. So Jihan aah marry kurumuge kurin visneyne kaneyge anekaaves eburi Family kairiya annan jehidhaane. Ehenve marry kurumuge kurin ekahal situation ga hunna person eh v gina suvaalu kuraane.

  Actually, my Aunt ge marriage break vumun; I saw how she was living. How much she suffered from that relationship. Specially when a Husband becomes their whole world and the only dependent.

  5
  4
  • އޭޝް

   😊❤Thank u so much dear

 8. Unbro

  Reethi feshumeh 👏👏👏👏👏

  • އޭޝް

   😊❤Thank u so much dear

 9. ސީމާ

  މިފަދަ ޚިޔާލެއް ނުވަތަ ހާދިސާއެއް ވާހަކައެއްގެ ސިފައިގާ ގެންނަން ބޭންވާނަމަ ހަދަންވީ ގިތެއް ަންގާލަ ދެއްވުން އެދެން. އަދި ފޮނުވާނެ މެއިލް އެއް އަންގާލަދެއްވާ

  • އޭޝް

   Eysh Stories page ah msg kohla dhevvaa 😊❤

 10. Hawwu

  Aharege dhuriulhuma eves thafaatheh nei

  • އޭޝް

   In Sha Allaah hurihaa kamehves ragalhuvaane.. ❤❤❤ keep faith In Allaah ❤❤❤

 11. Anonymous

  އަޅޭ ރޮވިއްޖެ
  ދުވަހަކުވެސް މީހަކަށް މިފަދަ ކަމެއް ވާކަށް ބޭނުމެއް ނޫން

  • އޭޝް

 12. jiji

  Asluvec alhe haadha hiyy dhathi ey…hama kiriyaa nurovi myny.. molhukamaa medhu jiji shahkeh nukuraanan..Yuh are talented..keep it up sis..lysm😘😘😘🥰🥰😍😍🙂🙂❣❣💞💞💞💕💓💓💖💖❤❤💘💘💝💟💜💜🖤🖤