loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...29

ފެވިފާ ތިނަންވޭ މިހިތުގާ...29

19 comments

ހުޒާމް ހަމައަކަށް އެޅުނީ އިވީޝާ އާއި ކައިވެނިކުރަން ރިޒްވީން އެއްބަސްވުމުންނެވެ. ހިތާއި ދެކޮޅަށް ރިޒްވީން އެނިންމުން ނިންމީ ރައިންގެ ލޯބީގެ ޙައްޤުގައެވެ. ހުރި ހަމައެކަނި ކޮއްކޮއަށް އަލަތު ލޯބި ހޯދައިދިނުމުގެ މަޤުޞަދުގައެވެ. ކޮންމެގޮތަކުންވިޔަސް އިވްޔާ އާއި ކައިލަންއަކީވެސް އޭނައަށް މުހިއްމު ދެމީހުންނެވެ. އެދެމީހުންގެ ޙައްޤުގައިވެސް ތެދުވަން އޭނައަށް މަޖުބޫރުވެއްޖެއެވެ.

********

ސަލްމާ ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ދެލޯ ބޮޑުކޮށްގެން ރިޒްވީންއަށް ބަލަން ހުރިއިރު، އެލޮލުން ފެނުނީ ޝަކުވާއެވެ. އެއްވެސް ދަރިއަކު އޭނަގެ ނިންމުމަކަށް އިޚްތިރާމެއް ނުކުރެއެވެ. ކަމެއް ނިންމުމުގެ ކުރިން އަހާލުންވެސް މުހިއްމުކަމަކަށް ނުހަދައެވެ. ރިޒްވީން އާއި ދޭތެރޭގައި އޭނަ ފޮނި އުއްމީދުތަކެއް ކުރިއެވެ. އެހެނަސް އެއްމީދުތައްވެސް ދިޔައީ ވިއްސިވިހާލިވެގެންނެވެ.

"އިވީޝާ... މިވަގުތު މިތަނުން ގޮސްދީ... ހުޒާމްބޭ... އަހަރެން ވަޢުދުވަން... އިވީޝާއާ ކައިވެނި..ކުރަން..." ހުއްޓަމުން ކަހަލަ ގޮތަކަށް ރިޒްވީން ބުންޏެވެ.

އިވީޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. މަޑުމަޑުން ހުރިއިރު، އޭނައަށް ބެލެމުން ދިޔައީ ރިޒްވީންއަށެވެ. މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް އެމޫނުމަތިން ނުފެނެއެވެ. އިވީޝާގެ ހިތުގައި ރިޒްވީން އާއިމެދު ހަމްދަރުދީ އުފެދުނެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރެވުނު ވަރުން އިސްޖަހައިލެވުނެވެ. އެއްބަޔަކު ލޯތްބަށްޓަކައި ޤުރުބާން ވަނީއެވެ. އަނެއްބަޔަކު، ގަދަބާރުން ލޯބި ހޯދަން މަސައްކަތް ކުރަނީއެވެ. ލޯތްބަކީ ކޮބައިކަން އޭނައަށް ވިސްނުނު އެއީ ފުރަތަމަ ފަހަރެވެ. އެއީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. ރިޒްވީން އޭނަދެކެ ނަފުރަތުކުރާކަށް އެންމެ ރަނގަޅަށް އެނގެނީ އޭނައަށެވެ. ރިޒްވީންގެ އެނިންމުމަކީ އިވްޔާ އާއި ރައިންއަށް ޓަކައި ނިންމި ނިންމުމެކެވެ. ދެލޯބިވެރިންގެ ދެމެދަށް ވަނުމަކުން އޭނައަށްވެސް ލިބޭނެ އުފަލެއް ނެތެވެ. ގަދަކަމުން ހޯދޭ ލޯތްބަކީ އުފަލެއް ނޫނެވެ. ބަދަލުގައި ލިބޭނީ އެހެން މީހުންގެ ނަފުރަތެވެ.

ކައިވެނީގެ ތައްޔާރީތައް ކުރިޔެކޭވެސް އެއްގޮތަށް ހަމަޖެއްސުމަށް އެދިފައި ހުޒާމް ދިޔައީ ހަމަޖެހިގެންނެވެ. ރައިންއެކޭ ރިޒްވީންއެކޭ އޭނައަކަށް މާބޮޑު ތަފާތެއް ނެތެވެ. ދުރުބަޔެއްގެ ތެރެއަށް ހުރި ހަމައެކަނި އަންހެން ދަރިފުޅު ދޫކޮށްލަން އޭނަ ބޭނުންނުވީއެވެ. ސަލްމާގެ ބެލުމުގެ ދަށުގައި އިވީޝާ ބަހައްޓަން އޭނަ ބޭނުންވީވެސް އެހެންވެއެވެ. ސަލްމާ އެދަރިފުޅުދެކެ ވާލޯބި އެހެން މީހަކު ނުވާނޭކަން އެނގޭތީއެވެ.

ހުޒާމް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި، ރިޒްވީންގެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ހިނިތުންވެލަން މަސައްކަތް ކުރަމުން އޭނަ ބަލައިލީ ރައިންއަށެވެ. ދިރިއުޅުމުގައި އޭނައަށް އެއްވެސް އުފަލެއް ނެތެވެ. ކުރި ހުރިހާ އުއްމީދެއްވެސް ދިޔައީ ވިއްސިވިހާލިވެގެންނެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ލޯތްބާއި ނުލައި އުޅުމަކީ ކިހާބޮޑު ވޭނެއްކަން އެންމެ ރަނގަޅަށް އިޚްސާސް ކުރެވުނު މީހަކީ އޭނައެވެ. ވީއިރު، އެއުފަލުން ރައިން މަޙުރޫމްވާކަށް އޭނަ ނޭދެއެވެ. ރައިންގެ އުފަލަކީ އޭނަގެވެސް އުފަލެވެ. އެދިރިއުޅުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަކީ އޭނަގެ ޒިންމާއެވެ.

ރިޒްވީން ބަލައިލުމާއިއެކު ރައިން ދެފަރާތަށް ބޯހޫރާލިއެވެ. އޭނައަށްޓަކައި އެހިތް ޤުރުބާން ނުކުރާށޭ ބުނާ ފަދައިންނެވެ. ހިތަށް ލިބުނު ފުން ޒަޚަމުގައި ރައިންއަށް މޭގައި ހިފަހައްޓާލެވުނެވެ. ހިންދިރުވައިލެވުނީ އޭނަގެ ސަބަބުން އެބޭބެގެ ދިރިއުޅުން އަނދަވަޅެއްގެ ތެރެއަށް ވެއްޓިދާނެތީއެވެ. އަމިއްލަ ބޭބެ، އުފާތަކުން މަޙުރޫމްކޮށްފައި އޭނަ އުފަލެއް ހޯދާނީ ކިހިނަކުން ހެއްޔެވެ؟ އަމުދުން އޭނައަށްޓަކައި އެބޭބެ އެހާބޮޑު ޤުރުބާނީއެއް ވާން ތައްޔާރަށް ހުއްޓައެވެ.

މަޑުމަޑުން ހިނގާލާފައި ގޮސް ރިޒްވީން ހުއްޓުނީ ސަލްމާގެ ކުރިމަތީގައެވެ. ސަލްމާގެ ދެއަތުގައި ހިފާލިއިރު، އެދެލޯ ފެންކަޅިވެއްޖެއެވެ.

"މަންމާ... މަންމަގެ އެއްދަރިފުޅުގެ ދިރިއުޅުން މިވަނީ ހަލާކުވެފައި... ކޮއްކޮގެ ދިރިއުޅުން ހަލާކުވިޔަ ނުދީ..." އާދޭހާއިއެކު ރިޒްވީން އެދުނެވެ.

"ދޮންބޭ..." ރައިންއަށް ދުރުގައި ހުރުމަށް ދަތިވިއެވެ. ދުވެފައި އައިސް ރިޒްވީންގެ ފަހަތުން އެހަށިގަނޑުގައި ދެއަތް ވަށައިލެވުނެވެ.

"ލޯބިނުވާ މީހަކާއިއެކީ ދޮންބެ ވަކި އުޅޭނީ ކިހިނެތް؟... އަހަންނަށްޓަކާ ދޮންބެގެ ދިރިއުޅުން..." ރައިން އެއްޗެއް ބުނަން އުޅުނެވެ. އޭގެ ކުރިން ރިޒްވީން އެކަން ހުއްޓުވިއެވެ. ފަސްއެނބުރި ރައިން އާއި ދިމާއަށް ބަލައިލަމުން، ރައިންގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"ދޮންބެ ފެއިލްވެއްޖެ... ދެން އިތުރަށް ލޯބި ހޯދާނެހައި ހިތްވަރެއް މިދޮންބެގެ ގަޔަކު ނެތް..." ކުރެހިފައިވާ އަޑަކުން ރިޒްވީން ވާހަކަ ދައްކަމުން ދިޔައިރު، ރައިންގެ ދެލޯ ފުރި، ކަރުނަތައް ބަންޑުންވާން ފަށައިފިއެވެ.

ރައިން ދެފަރާތަށް ބޯހޫރަންފެށީ އެއްޗެކޭ ބުނާނެ ހިތްވަރު ނެތުމުންނެވެ. ކެތްތެރިކަން އިސްކުރަން މަސައްކަތް ކުރި ވަރަކަށް ލަގޮނޑިޔަށް ބާރުކުރަމުން ދިޔައެވެ. ރިޒްވީންގެ ގައިގައި ބައްދައިލުން ފިޔަވައި އިތުރު ކަމެއް އޭނައަކަށް ނުކުރެވުނެވެ. ރިޒްވީންވެސް އިތުރު އެއްޗެއް ނުބުންޏެވެ. ރައިންގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

********

ގެއަށް ދިޔުމަށްޓަކައި ކާރަށް އެރީއްސުރެ، އިވީޝާ އިނީ ހިމޭންވެފައެވެ. ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައި އިނުމުން، އޭނައަށް ހުޒާމް ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނަސް އެސިކުނޑީގައި އެނބުރެމުންދިޔައީ އޭގެ ކުޑައިރުކޮޅެއް ކުރިން ހިނގައިދިޔަ ހާދިސާއެވެ. ރިޒްވީންގެ މިލައިގެން ގޮސްފައިވާ މޫނު، ސިފަވުމާއިއެކު އިވީޝާއަށް ދެލޯ މަރައިލެވުނެވެ.

"ދަރިފުޅާ... ބައްޕަ އެބަ ސުވާލެއް ކުރެއޭ..." އިވީޝާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ލުބުނާ ބުންޏެވެ.

ލުބުނާ ހާސްވީ ވެދިޔަ ކަންތަކާއިމެދު އިވީޝާ ދެރަވެ، ފިކުރުބޮޑުވެފައި އިނީކަމަށް ހީކޮށެވެ. އެހެންވެ ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. ހާސްވެފައި އޭނައަށް ބަލައިލެވުނީ ހުޒާމްގެ މޫނަށެވެ. އެވަގުތު ދެލޯ މަރައިލަމުން، ހަމަޖެހިގެން އިނުމަށް ހުޒާމް ބުނެލިއެވެ.

އިވީޝާ ކުޑަކޮށް ސިހޭގޮތްވިއެވެ. ހަމަ އެހާ އަވަހަށް ހަމަޖެހިލާފައި، ކޮންކަމެއްތޯ ސުވާލުކޮށްލިއެވެ.

"ބައްޕަ ބުނީ ދަރިފުޅު ވާނެއޭ ރިޒްވީންއާ ތަންކޮޅެއް ގާތްގުޅުމެއް އުފައްދަން... އިނގޭ..." އިވީޝާގެ ބޮލުގައި ފިރުމައިލަމުން ހުޒާމް ބުނެލިއެވެ.

"ބައްޕާ..." އިވީޝާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ގޮވާލި ގޮތުންވެސް އިވީޝާ ދައްކަން އުޅެނީ އޭނަ އެހާ ހިތްހަމަޖެހޭނޭފަދަ ވާހަކައެއް ނޫންކަން ހުޒާމްއަށް އެނގުނެވެ. ނަމަވެސް އޭނަ ހިމޭނުން އިނީ އިވީޝާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭން ބޭނުންވާތީއެވެ.

"އަހަރެން ބޭނުމެއް ނޫން ކައިވެނި ކުރާކަށް... ބައްޕާ މިކައިވެނި ހުއްޓުވައިދީ..." އިވީޝާ ފެންކަޅިވިއެވެ. ޖެހިލުންވެފައި އިނދެވެސް އޭނަ އެވާހަކަ ދެއްކީ ހުޒާމް އޭނަގެ ނިންމުމަށް އިޚްތިރާމް ކުރާނޭ ކަމުގެ އުއްމީދުގައެވެ.

ކަންތައްވީ އިވީޝާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ހުޒާމް އެއްޗެއް ނުބުނެ ހިމޭނުން އިނީ ގެއަށް ދެވެންދެނެވެ. ގެއަށް ވަދެވުމާއި އެކީހެން މައިގެ ތެރޭގައި ގުގުމައިލީ ހުޒާމްގެ ބާރު އަޑެވެ.

"އިވީޝާ ޖެހޭނީ މިކައިވެނި ކުރަން... އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ... މީއަހަރެންގެ ފައިދާއަށް ކުރާ ކަމެއް ނޫނޭ... ބަލަ އިވީޝާއަށް ނޭނގެނީތަ މީ އަހަރެން އިވީޝާގެ ފައިދާއަށް ކުރާ ކަމެއްކަމެއް..." ޝަހާދަތް އިނގިލި އިވީޝާ އާއި ދިމާއަށް ދިއްކޮށްލުމަށްފަހު، ހުޒާމް ހަޅޭއްލަވައިގަތެވެ.

އިވީޝާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ހުޒާމް ގޮސް ކޮޓަރިއަށް ވަންނަންދެން ޖެހި ބުދެއްހެން އޭނަ ހުއްޓެވެ. ދެން ފެނުނީ ހުރިތަނަށް ކުޑަކަކޫ މައްޗަށްވާހެން ތިރިވި ތަނެވެ. އަނގަމަތީގައި އަތްއަޅާލައިގެން ހުރި ލުބުނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން، އަވަސްއަވަހަށް އައިސް، އިވީޝާގެ ކައިރީގައި އިށީނދެލިއެވެ. އެހަށިގަނޑުގައި ބައްދާލުމާއިއެކު، އިވީޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ހިތުގައިޖެހި، ގިސްލައި ރޯން ފެށިއެވެ. ބައްޕަގެ އެރަޚުމެއް ބަސްތަކުން އެހިތް ކަތިލެވިގެން ދިޔައީއެވެ. އޭގެ ކުރިން ދުވަހަކުވެސް ރުޅި އައިސްގެން އެފަދަ ގޮތަކަށް ހުޒާމް، އިވީޝާ އާއި ވާހަކަ ދައްކާފައި ނުވާތީ، އެހިތަށް މާބޮޑަށް އަޞަރުކުރީއެވެ.

********

ޔުމާން ހުރީ އެނާގެ ކޮޓަރި ތެރޭގައެވެ. ދޭތެރެއަކުން ތަޅުވަޅުން ބޭރު ބަލައިލައެވެ. ޔުމާން އިންތިޒާރުކުރަމުން ދިޔައީ ރިޔާޒު އޭނާގެ ކޮޓަރިން ނުކުންނާނެ ވަގުތަކަށެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ރިޔާޒު ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލިތަން ފެނި، ޔުމާންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނަ މަޑުކުރީ، ރިޔާޒު ގޮސް ގެއިން ނުކުންނަންދެނެވެ.

މަޑުމަޑުން ދޮރު ހުޅުވާލާފައި ގޮސް ޔުމާން ހުއްޓުނީ ރިޔާޒުގެ ކޮޓަރި ދޮރުމަތީގައެވެ. އެއަށްފަހު ޖީބުން ނެގީ ތަޅުދަނޑިއެކެވެ. އެތަޅުދަނޑިއަކީ، ރިޔާޒުގެ ކޮޓަރިއަށް ވަނުމުގެ މަޤުޞަދުގައި އޭނަ ހައްދާފައިވާ ތަޅުދަނޑިއެކެވެ. ލަސްކުރާކަށް ޔުމާން ބޭނުމެއް ނުވިއެވެ. ރިޔާޒު ގެއަށް އައުމުގެ ކުރިން ހުރިހާކަމެއް ކޮށް ނިންމަން އޭނަ އަވަސްވެގަތެވެ. ތަޅުދަނޑި ތަޅުވަޅަށް ކޮއްޕައިލުމަށްފަހު، އަނބުރައިލިއެވެ. އޭރު އެހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ހިތުގެ އަޑިން ދުޢާ ކުރަމުންދިޔައީ އިތުރު ކަމެއް ކުރަންނުޖެހި ތަޅު ހުޅުވޭތޯއެވެ. ތަޅު، ހުޅުވިގެންދިޔަ އަޑާއިއެކު، ޔުމާންއަށް އުފަލުން ފުންމައިލެވުނެވެ.

ކޮޓަރިއަށްވަދެ ދޮރު ލައްޕައިލުމަށްފަހު، ޔުމާން އަވަސްއަވަހަށް ހިނގައިގަތީ ކުރިމަތިން ފެންނަން ހުރި އަލަމާރި އާއި ދިމާއަށެވެ. ތަޅުލާފައިވާ އެއަލަމާރީގެ ތަޅުދަނޑި ރިޔާޒު ފޮރުވާފައި އޮތްތަން އޭނަ ވަނީ ސިއްރުން ހޯދާފައެވެ. ތަޅުދަނޑި އޮތީ އާއްމުކޮށް ރިޔާޒު އެފޮރުވާފައި ބާއްވާ ތަނުގައެވެ. ޔުމާންގެ ނަޞީބު އަތުގައި ހިފިއެވެ. ބައްތީގެ އަތްގަނޑު އަނގަޔަށްލައި، ކުރިޔަށް އަލިވާނޭހެން އަނގައިން ހިފަހައްޓާލިއެވެ. އަތުގައި އޮތް ތަޅުދަނޑިފަތިން ފަހަރަކު ވަތްގަނޑެއް ހުޅުވަމުން ދިޔައެވެ. ދެއަތް ތުރުތުރުއަޅާވަރުން އެކަން ކުރުން ޔުމާންއަށް ވީ ދަތިކަމަކަށެވެ. ކުއްލިކުއްލިއަށް ފަސް އެނބުރި ބަލައިވެސްލައެވެ. ރިޔާޒު އައިސްދާނެތީ އެ ހިތް ހީވަނީ ބޭރަށް ފުންމައިލަން އުޅޭހެންނެވެ. ކިރިޔާ އަޑެއް އިވިލިޔަސް ހީވަނީ ރިޔާޒު އޭނަގެ ފަހަތުގައި ހުރީހެންނެވެ.

ފަހަރަކު ވަތްގަނޑެއް ހުޅުވައިގެން ބަލަމުންދިޔަ ޔުމާން ދާހިއްލައި ފޯވާކަށް ގިނައިރެއް ނުނެގިއެވެ. ކުރަން އައި ކަންތައް ނިންމާފައި ނޫނީ ނުހުއްޓަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. ހޯދަން އުޅޭ އެއްޗެއް ޔުމާންގެ ލޮލުގައި އަޅައިގަންނަވަރުވީ ދެތިން ވަތްގަނޑެއް ހުޅުވައި ބެލިފަހުންނެވެ. ގިނަދުވަސްވުމުގެ ސަބަބުން ބައުވެފައިވާ އެފައިލު ނަގައި އޭގެ ދެފަރާތް، ޔުމާން ވަރަށް ރަނގަޅަށް ބަލައިލިއެވެ.

ފައިލު ހިފައިގެން ކޮޅަށް ތެދުވި ޔުމާން ގަނޑުވީ، ފަހަތުން އިވުނު ފިޔަވަޅުގެ އަޑުންނެވެ. ލިބުނު ސިހުމުގައި ހަދާލެވުނު ގޮތަކުން، ފައިލު އަތުން ދޫވެ، މުށިތަކުގެ މައްޗަށް ވެއްޓުނެވެ. އެވަގުތު މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ޔުމާންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ފަސްއެނބުރި ބަލައިލަންވެސް ނުކެރިފައި ހުއްޓައި، ކޮޓަރިއަށް ވަތް މީހަކު އޭނަ އާއި ދިމާއަށް ހިނގައިގަތް ކަން އެނގުނެވެ.

********

ސަލްމާގެ ދެފައިގެ ވަރު ދޫވިއެވެ. ފަސްފަހަތަށް ދަމުންގޮސް ފާރުގައި ޖެހިފައި، މަތަވިއެވެ. ފުން ވިސްނުމަކަށް ގެއްލިފައި އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ކާގެއިން ނުކުމެގެން ގޮސް ކޮޓަރިއަށް ވަތްތަނެވެ. ސަލްމާގެ ފަހަތުން ނަޝީދުވެސް ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެލައިގެން އިން ސަލްމާގެ ކުރިމަތީގައި ހުއްޓުނު ނަޝީދުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަޞަރެވެ.

"މިއޮތީ އަހަރެން ބުނިތަން އައިއްސަ... މިހުރިހާ ކަމެއް މިވަނީ ސަލްމާގެ އަމިއްލަ އެދުން ބޮޑުކަމުން..." ނަޝީދުގެ އަޑު މަޑެވެ. އެހެނަސް ހިތްހަމަނުޖެހުން ފިޔަވައި އިތުރު އެއްޗެއް އެއަޑުގައި ނުވެއެވެ.

ސަލްމާ އިސްއުފުލައި ނަޝީދަށް ބަލައިލިއެވެ. ކަރުނައިން ފުރެމުންދިޔަ ދެލޮލުން ނަޝީދު ފެނުނީ ފުސްކޮށެވެ. އެމޫނުމަތީގެ ކުލަވަރު ސަލްމާއަށް ނުފެނުނީ އެހެންވެއެވެ. ކަންތައް ވީގޮތުން އިސްއުފުލައިގެން އިންނާނެހައި ހިތްވަރުވެސް ސަލްމާގެ ގަޔަކު ނެތެވެ. ހިތުގެ ކަނަކުން އަމިއްލަ ނަފުޞު ކުށްވެރިކުރެވުނަސް، އަމިއްލަ ކުށް ޤަބޫލުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ.

ސަލްމާގެ ކަރުނައިން ނަޝީދުގެ ހިތަށް މާބޮޑު އަޞަރެއް ނުކުރިއެވެ. ދަރިންގެ ދިރިއުޅުން ވެއްޓިފައިވާ އަނދަވަޅުތަކުން ސަލާމަތްކުރުމަށް އޭނަ ކުރަމުން އަންނަ ކޮންމެ މަސައްކަތެއް ފެނަށްވެގެންދަނީ ސަލްމާގެ ސަބަބުންނެވެ. ވިސްނައިދޭން އޭނަ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އެހުރިހާ ދުވަހު ސަލްމާގެ ފަރާތުން ފެންނަމުންދިޔަ ކަންތައްތަކަށް ކެތްކޮށްގެން ހުރިނަމަވެސް، ނަޝީދުގެ ކެތްތެރިކަން ކޮޅުންލީއެވެ. އެއްޗެއް ނުބުނެ ހުންނަން ބޭނުންވިޔަސް އެކަމެއް ނުކުރެވުނެވެ. ހިތްހަމަނުޖެހިފައިހުރެ ނަޝީދު އެތަނުން ދިޔައީ ހުރިހާ ކަމެއް ހަމައަކަށް އެޅުވުމަކީ ސަލްމާގެ ޒިންމާއެއް ކަމުގައި ހަނދާންކޮށްދީފައެވެ.

********

ރިޒްވީން އާއި ރައިންގެ ހަރަކާތްތަކަށް ބަލަން ހުރި އިވްޔާއަށް މޭގައި އަތް ޖައްސައިލެވުނެވެ. ރޮއެރޮއެ އެދެލޯ ވަނީ ދުޅަވެފައެވެ. އާއިލާއެއްގެ މުހިއްމުކަން އިވްޔާއަށް އިޚްސާސް ކުރެވެން ފެށީ މާބޮޑަށެވެ. މަންމަ އާއި ބައްޕަގެ މަތިން ހަނދާންވެ އެހިތް ފަޅައިގެން ދަނީއެވެ. ބިކަވެ، ނިކަމެތިވާ ކޮންމެ ވަގުތެއްގައިވެސް އެހީވާން ތިބޭނީ އާއިލާގެ މީހުންނެވެ. އެކަމަކު އޭނައަށް ކޮށްލެވުނީ ދުރެވެ. އެމީހުންގެ އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވީ ދުވަހުއެވެ. އަމިއްލަ މައިންބަފައިން ދުރުކޮށްގެން އޭނައަށް ލިބުނު އުފަލެއް ނެތެވެ. ހަޤީގަތް ސިއްރުކޮށްގެން އެމީހުންގެ ހިތުގައިވެސް ލައްވައިލެވުނީ ފާރުގަނޑެކެވެ. އެމީހުންގެ ދިރިއުޅުމުން ވަކިވެގަނެގެން ދުވަހަކުވެސް އުފަލެއް ނުލިބޭނޭކަން އިވްޔާއަށް އެނގުނެވެ. ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، ރައިންގެ ގެއިން އިވްޔާ ނުކުތެވެ.

އިވްޔާ ބޭނުންވީ ވަގުތުން ރަށަށް ދާށެވެ. މަންމަގެ ފައިބުޑަށް ވެއްޓި އާދޭސްކުރާށެވެ. ކަންތައްވީގޮތް ކިޔައިދީ މަޢާފަށް އެދޭށެވެ. ނަމަވެސް އެހިތްވަރު ލިބިދާނެކަމާއިމެދު އެހިތުގައި ސުވާލު އުފެދުނެވެ. ރޮމުން ގިސްލަމުން، ގެއާއި ދިމާއަށް އިވްޔާ ދުއްވައިގަތީ، ވިސްނާވިސްނައި ސިކުނޑި ފަޅައިގެންދާން ކައިރިވުމުންނެވެ.

********

ބެލްކަނިން ބޭރު ބަލަހައްޓައިގެން ހުރި ޙުސައިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ދޭތެރެއަކުން އެނދުގައި އޮށޯވެލައިގެން އޮތް ސާދުނާ އާއި ދިމާއަށް ބަލައިލައެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލި ޙުސައިންގެ ދެލޯ ބޮޑުވެގެން ދިޔައީ، ދުވާރުމަތިން ދުވަމުންކަހަލަ ގޮތަކަށް ދިޔަ އަންހެން ކުއްޖާ ފެނުމުންނެވެ. ދެލޯ އުނގުޅައިލުމަށްފަހު، އެކުއްޖާ އާއި ދިމާއަށް ޙުސައިންއަށް ބަލައިލެވުނެވެ. އެއީ އޭނަގެ ލޯބިވާ ދަރިފުޅެވެ. އެހާ ދުވަސްކޮށްފައިވެސް އެދަރިފުޅު ވަކިކުރަން އޭނައަށް އެނގުނެވެ. ހިކިވެ އަނަރޫފަވަމުންދިޔަ އެހަށިގަނޑު ފެނި ޙުސައިންގެ ހިތަށް ކުރީ ފުން އަޞަރެކެވެ. ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. އޭނަ ހީކުރީ އެމީހުންނާއި ވަކިން އިވްޔާ އުޅެނީ ނިކަން އުފަލުގައި ކަމަށެވެ. ނަމަވެސް އެހަށިގަނޑަށް ބަލައިލުމުން އެކަނިވެސް އެދަރިފުޅު އުޅެނީ އުފަލުގައި ނޫންކަން ޙުސައިންއަށް އެނގުނެވެ.

ޙުސައިންއަށް ހިނިތުންވެލެވުނެވެ. އަވަސްއަވަހަށް ސިޑިން ފައިބައިގެން ނުކުތީ ބޭރަށެވެ. ހުރި ހަމައެކަނި ދަރިފުޅާއި ބައްދަލުވާތީ، ހިތް އަވަސްވެފައިވާ ޙާލުގައެވެ. ޙުސައިން މާޔޫސްވީ އެއްވެސް ހިސާބަކުން އިވްޔާ ފެންނަން ނެތުމުންނެވެ. ހާސްވެފައި، އޭނައަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ދެކޮޅު ހޯދައި ބަލައިލި ޙުސައިންގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނަގެ ކުރިމަތީގައި އައިސް ހުއްޓިލި މީހަކު ފެނުމުންނެވެ.

(ނުނިމޭ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

19 ޚިޔާލު

 1. Sheen

  Yeyyy 1s libenvaane mivarun ♥️♥️♥️♥️💙💙💙💙💜💜💜😍😍😘😘😘

  • އޭޝް

   Yesss dear first libihje 😊❤❤

 2. Mishelin

  Wow wow varah varah reeeethi Mee furathama faharu dhw mi vaahaka ah Mishelin ge hiyaalu faalhukaolaa HeHe hama nuhurevunee mifaharu ehchekey nubune inthixaaru kuraanan dhen anna part ah good luck sis

  • އޭޝް

   varah ufaavehje mishelin ge comment eh libuneema and comment kiyaalaafa 😊 thank u so much dear 😊❤ keep waiting fr the next part 😊

 3. Feen

  Dhen ivyaage mamamenaa dhimaavebala. Rain aa ivy dhuru nukurahchey.

  • އޭޝް

   Ivy ge manmamenna varah avahah dhimaavaane 😊❤ hingaa dho vaagotheh balamaa 😊 thank u so much Feen. Keep waiting fr the next part 😊

 4. Sheen

  Maasha Allah.. Vaahaka vvv ves reethi. Kiyaahithun indha e nimunee nuves engi. 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 Alhey rixveen kahala beybe in emmengevea thibeynama dhw. So sweet. 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Rain and ivy gulhuvanvegen evaruge bodu kameh boluga elheema v respect kurevenfashaifi. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 Iveesha ah ves eynage kuh ihusaasve ekamaa dheravi iru e salma ey kiyaa meeha adhuves ehuree kuh gaboolu kuran beynun nuvefa dhw.. Keekey alhe dhen bunaanee. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 Anekkolhun yumaan ah vaane gothehves ingeneekee noon. E riyaax akah emeehaku viyyaa yumaan ge mas veedhaigen kaane. Alhe ae naaik ah vaane namaey ethah faharaku hithah eri. 💔💔💔💔💔💔💔💔💔💔💔💔💔💔 Ehurihaa kamakaa ekeeves v salhi kamehves ebain mi part ga. Anekkaveai part vea mi inee ummeedhee gothakah nimmaalaafa. Ivy bappa ah ivy dhakkaalaafa. Dhen in sha allaah v avahah ivy mammamennaa dhimaa vaanekamah mi balanee. Eysh mihaaru v sweet vejje. Maa bodah hiy tjalhuvan nahadhaa v fast koh eba vaanuvaa angamundhey. So vvv happy. U r the best my dear. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Waiting waiting waiting 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️

 5. 💕💙 besty 💜💕

  Yeyyyyyy ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Rain aa ivy ah dhuruvaan nujehi salaamaiveenu. Thank you rixveen. U r so sweet. 😍😍😍😍😍😍😍😍😍😍😍😍😍😍😍 Mi part ves vvvvv obi ingey. Asluves hama v molhu. Sifakolla dhinun molhukamun hama gain heebihi nagaa 😘😘😘😘😘😘😘😘😘😘😘😘😘😘 Hurihaa kamehves hama perfect. Mivenikameh madhuveyey buneveyne ehvea kameh netheema hama bunan jeheynee u r the bestest story writer ever ey. 😍😍😍😍😍😍😍😍😍😍 Waiting for the next part. 💙💙💙💙💙💙💙💙💙

 6. ލަމް

  ބުނާނެ އެއްވެސް އެއްޗެއް ނެތެވެ. ޖުމުލަތައް ނިކަން ސާދާއެވެ. ބަސްތައް އެހާ ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަން މިހިތަށް އުފާވެރިކަން ގެނެސްދީފިއެވެ. ހަޤީޤަތުގަވެސް އޭޝްގެ ވާހަކަތައް ކިޔާލުމުން ހިތަށް އެލިބޭ ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާންކޮށް ނުދެވޭނެއެވެ. ސައުގުވެރިކަން އިންތިހާއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ.

 7. 💙🌹💜

  Maasha Allah haaadha furihamaey. Varah varah Reethi. ❤️❤️❤️❤️❤️

 8. ކާކުކަން އިނގޭނެ 😊

  Vaahaka kiyaaleema eysh dheke vaa loabi ethah gunaeh ithuru vejje. Thihaa telented veema hama asluves hasadhaveringe esfeenaain rakkaatheri kohdhevvun edhi dhuaa kuran. Vvv liabivey. 😍😍😍😍😍😍😘😘😘😘😘😘

 9. Kujjeh

  Woww woww 😍😍😍😍Vvvvv rythi mi part vx .. Vrh vrh curious kuriah huri part thah kiyaalan vaane gotheh balaalan ❤❤❤❤Welldone eysh waiting for the nxt part.. Ma sha allah ..

 10. މުރުޝިދާ

  ވަރަށް ރީތި މިބައިވެސް މާޝާﷲ

 11. Naju

  Masha Allah 😘😘😘😘 v v v v v rythi mi story ❤❤❤❤❤❤

 12. jiji

  Ma Sha Allah..vvv Salhi mi part vec..dhn kihineh baa dhw vaany..I’m so curious…Plc uploading soon ingey eysh dhooniii..nd eysh sis esfiya.com ga kon irakun stry eh upkohlaany..I really miss ya😊😊💖💖💖😍😍❤❤🌹🌹🌹😊😊

 13. Support

  Kn dhuvahkun tha update vaani 😈😈

 14. Anonymous

  haadha slow vejjeyey

 15. Anonymous

  ކޮންއިރަކުން އަނެއްބައި އަޕްލޯޑުވަނީ

 16. ފޭން

  ލިޔުންތެރިޔާ މިހާރު އެހެން ވާހަކައެއް ލިޔަން ފަށައިފި. މިވާހަކަ މިހާރު ފޫހިވިކަންނޭގެ ލިޔަން، ކީއްކުރަންތަ ލިޔަން ފަށަްނީ