-
-
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ ރޭ

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ ރޭ

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ADS BY FENVARU

އިސްލާމީ މަރުކަޒުގައި ބާއްވާ މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި، ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް އިޢުލާން ކުރާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ 29 ދުވަސް ހިމެނޭ މަހެކެވެ. އަދި މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ ޖޫން 4 ވާ އަންގާރަ ދުވަހެވެ.

ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަދި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ.

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގައި ކަމާބެހޭ އިދާރާއަށް އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ޚަރަދު އެޑިޕާޓުމެންޓުން ދޭނެކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ވިދާޅުވެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާދަމާ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށުކައުންސިލް އިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެކަމަށެވެ.