loading ...
loading ...
މީ މިހިތުގެ ޝަކުވާއޭ...02 (ފަހުބައި)

މީ މިހިތުގެ ޝަކުވާއޭ...02 (ފަހުބައި)

19 comments

އަހަރެން ލޯބި ބޭނުންވިއެވެ. ބައިވެރިއެއްގެ ހިމާޔަތާއި އަޅާލުމަށްވުރެ އުފާވެރިކަމެއް ވަކި ކޮބައި ހެއްޔެވެ؟ ދެރަވެ، ހިތްދަތިވާ ވަގުތުތަކުގައި އަބަދުވެސް އެންމެ ގާތުގައި ވަނީ ޝައިތާނާކަން އަހަރެންނަށް އެނގެއެވެ. ހެވާއި ނުބައި އަހަރެންނަށްވެސް ވަކިވެއެވެ. އެހެންނަމަވެސް މާޔޫސްވުމުން އެކަންކަން ޤަބޫލުކުރަން ޟަމީރު އެއްބަސް ނުވަނީއެވެ.

********

ތުއްތު ދަރިފުޅު ގޮވައިގެން ޖީހާންގެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީމެވެ. ބަދަލުގައި އެއްޗެއް ލިބޭނެތީއެއް ނޫނެވެ. ކައިވެނީގެ މަތީގައި ދެމިހުރީތީއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަވަރަކަށް، އަހަންނަށް އެކަނިވެރިކަން އިޚްސާސްކުރެވެން ފެށީ މާބޮޑަށެވެ. ސިކުނޑިއަށް ފުނިޖެހިފައިވާ ޝަކުވާތަށް ބައިވަރެވެ. ނެތީ އެއަޑު އަހާނޭ މީހެކެވެ. ނުވެސް ދަންނަ ބައެއްގެ ތެރޭގައި އަހަރެން މުޅީން އެކަނިވެރިވިއެވެ. ދަރިފުޅާއިއެކު ބިކަވެ، ހެދޭ ނުހެދޭއެއް ނޭނގި އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނު ކަމުގެ އިޚްސާސް ކުރެވުނެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އުފާތައް އެންމެ ބޭނުންވި ދުވަހު އެއުފާތަކުންވެސް އަހަރެން މަޚުރޫމްވީއެވެ. ދުވަހަކު މީހެއްގެ ކައިރީގައި އާދޭސް ނުކުރާވަރަށް އަހަރެން ޖީހާންގެ ކައިރީގައި އާދޭސްކުރީމެވެ. ފިރިއެއްގެ ލޯތްބާއި ފިރުމުންތަކަށް އެދި ސަލާންޖެހީމެވެ. ޖީހާން ހިތްއެދޭ ހުރިހާ ގޮތަކަށް އަހަރެންގެ ކަންކަން ބަދަލުކުރީމެވެ. އަބަދު ފެންވަރައި ރީތިވެލައިގެން ހުންނަނީ ޖީހާންގެ ނަޒަރު އަހަންނަށް އަމާޒުވެދާނޭ ކަމުގެ އުއްމީދުގައެވެ. އެއިން އެއްވެސް ކަމަކުން ކުރި ފައިދާއެއް ނެތެވެ. އަހަރެންގެ ކަރުނަތައް ވީ ބޭކާރެވެ. ކުރި މަސައްކަތްވީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.

އަހަރެންގެ ޙާލަތު ޖީހާންއަކަށް ނުވިސްނުނެވެ. ފިރިއެއްގެ ލޯތްބާއި އަޅާލުން އަހަރެންގެ ހަށިގަނޑަށްވެސް ބޭނުންވާނެކަން ޖީހާން ހަނދާން ނައްތައިލީއެވެ. ފިރިއެއްގެ މަޤާމުގައި ހުރެ، އަހަރެންނަށް ޙައްޤު ހުރިހާ އުފަލަކުން މަޙުރޫމުކޮށްލީ ގަސްތުގައެވެ. ނޭނގެނީ ޖީހާން އަހަރެންދެކެ ފޫހިވާން މެދުވެރިވި ސަބަބެވެ. އަހަރެންގެ ހިތުގައި ފެށުނީއްސުރެ އުފެދިފައިވާ ސުވާލުތަކުގެ ޖަވާބެއް ނުލިބުނެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެންމެންވެސް އަހަރެން ބާކީކޮށްލަނީ ކީއްވެ ހެއްޔެވެ؟

އަހަރެން މާޔޫސްވާން ފެށިއެވެ. ދިރިއުޅުން މަތީން އެކީހެން ފޫހިވިއެވެ. ދުވަހަކުވެސް އަހަރެންނަށް އުފަލެއް ނުލިބޭނެ ކަމުގައި ގަބޫލުކުރެވުނެވެ. އެވަގުތު އެންމެ ކައިރީގައިވި ޝައިތާނާ އަހަރެންގެ ސިކުނޑި އާއި ކުޅެލިއެވެ. އެހުރިހާ ދުވަހު ނުލިބުނު ލޯތްބާއި އުފާ ހޯދާނޭގޮތް އެޝައިތާނާ ދިޔައީ ކިޔައިދެމުންނެވެ. ދަރިފުޅާއިއެކު ހޭދަކުރާ ވަގުތުތަކުގެ އިތުރުން އެކަނިވެރިކަން ފިލުވުމަށް އަހަރެން ބޭނުންކުރަންފެށީ މީސްމީޑިޔާއެވެ. އެއީ އަހަރެންގެ ތެދުވެރިކަމުގެ ބިންގާ ފުނޑުފުނޑުކޮށްލުމަށް ހުޅުވާލެވުނު ދޮރެއްކަން އެނގުނުއިރު ވަގުތު ވަނީ ފާއިތުވެފައެވެ. ޖެހެންނުވާވަރުގެ މަޅިއެއްގައި ޖެހި ހައްޔަރުވެވިފައެވެ.

ކުށްކުރެވޭނީވެސް އިންސާނުންނަށްތާއެވެ. މީހަކު ގޯސްކޮށް ކަމެއް ކުރުމުން އަނެކާވެސް އެދަރަޖައަށް ވެއްޓޭކަށް ނުޖެހެއެވެ. ނޭނގުމެއްގެ ތެރެއިން ވިޔަސް އަހަރެންނަށްވެސް އެގޯސް ހެދުނެވެ. ފިރިމީހާގެ އިން ފަހަނައަޅައި، ދިޔުމަށް މަޖުބޫރުވީ "ފޭސްބުކް" އިން އައި ހަމަ އެންމެ "ފްރެންޑް ރިކްއެސްޓް" އެކެވެ. އޭރު އަހަރެން ހުރީ ބަރުދާސްތުކުރަންޖެހުނު ވޭނުގެ ސަބަބުން މޮޔަވާން ކައިރިވެފައެވެ. ހިތުގައިވި އުދާސްތައް މީހަކާއި ޚިއްސާކޮށްލަން ކެތްމަދުވެފައެވެ. އެކަނި ޙާލަށް ހުރިހާ ކަމެއް ބަރުދާސްތުކުރެވޭ ވަރަށްވުރެ އަހަރެން ނިކަމެއްޗެވެ. އާއިލާގައިވެސް ކަމެއް ޚިއްސާކޮށްލެވޭނޭ ވަރުގެ މީހަކު ނެތެވެ. ރިލްވާން ކަހަލަ ދުރުހިލޭ މީހަކު އަހަންނަށް ޚާއްސަވީ އެހެންވެއެވެ.

އަންހެނުންނަކީ ހިތްބަލި ބައެއްކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އެމީހުންނަކީ ކަންކަމުގައި އުއްމީދުތައް ގިނަ، ޝަކުވާވެސް ގިނަ ބައެކެވެ. ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވެއެވެ. އެމީހުންގެ ޝަކުވާތަކުގެ އަޑު ނާހާނަމަ، އެކަން ވަނީ ބޮޑު މައްސަލައަކަށެވެ. ގިނަފަހަރު އެހެން ދިމަދިމާއަށް އަންހެނުން ދާން މެދުވެރިވަނީ ބައިވެރިޔާގެ އަޅާލުން ކުޑަވުމުންނެވެ. އަހަރެންނަށްވެސްވީ އެހެންނެވެ. އަޅާލުމާއި އޯގާތެރިކަން ލިބެންފެށީ، ނުވެސް ދަންނަ، ހިލޭ ފިރެހެނެއްގެ ފަރާތުންނެވެ. އެމީހަކީ ރިލްވާން އެވެ. ރިލްވާން އަހަރެންގެ ޙާލު ބަލައެވެ. އަޅާލައެވެ. އޯގާތެރިކަމުގެ ބަސްތަކުން ހިތުގެ ވޭން ލުއިކޮށްދެއެވެ. އަހަރެން ދައްކާ ކޮންމެ ވާހަކައެއް ޝައުޤުވެރިކަމާއިއެކު އަޑުއަހައެވެ.

ރިލްވާން އާއި ވާހަކަ ދައްކަން ފެށުމުން އަހަރެންގެ މަރުވަމުންދިޔަ ހިތަށް ދިރުން ލިބެން ފެށިއެވެ. ހަނަފަސްވެފައިވާ ސަހަރާއަކަށް ފެން ލިބުނުކަމުގެ އިޚްސާސް ކުރެވުނެވެ. އަހަރެން ބޭނުންވީ އަހަރެންގެ ހިތުގެ އަޑު އަހާލާނޭ މީހެކެވެ. ކޮންމެ މީހަކަށް ވިޔަސް ވެހެވެ. ކޮންމެ ކަމެއް އުއްމީދުކުރާގޮތަކަށް ނުވެދާނެއެވެ. ނޭނގި ހުއްޓައި އެކުވެރިކަމަކުން ފެށުނު އެގުޅުމުގެ މިސްރާބު ބަދަލުވާން ފެށިއެވެ. ހެދެނީ ގޯހެއްކަން ރޭކާލިއިރު، ރިލްވާން އާއި ދުރަށްދާކަށް އަހަރެންގެ ހިތެއް ނޭދުނެވެ.

ރިލްވާން އަކީ މީހެއްގެ ފިރިއެކެވެ. ތިން ކުދިންގެ ބައްޕައެއްވެސް މެއެވެ. އެކަން އަހަރެންނަށްވެސް އެނގެއެވެ. ދެމީހުންގެ ގުޅުން ކުރިޔަށް ދިޔައީ އެކަކު އަނެކަކު ރަނގަޅަށް އެނގިގެންނެވެ. ރިލްވާން ބުނާގޮތުންނަމަ، އޭނަ ދިރިއުޅެމުންދަނީ ވަރަށް ޙާލުގައެވެ. ނުރޯ ދުވަހެއް މަދެވެ. އަނބިމީހާ ކަންތައް ކުރާ އިހާނެތި ގޮތުންނެވެ. ގިނަދުވަސްދުވަހު ކާއެއްޗެއް ނުދެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއްވެސް ނެތްތާ އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. އަނބިމީހާގެ ކަމަކީ ޒުވާބުކުރުމާއި، ޖެއްސުން ކުރުމެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އޮތީ އެކީގައި ނޫޅެވޭ ވަރަށް ހީނަރުވެފައެވެ. އެކައިވެނީގެ މަތީގައި ރިލްވާން ދެމިހުރީ ހަމައެކަނި ދަރިންނަށް ޓަކައެވެ. ކެތްކޮށްގެން ހުރީ އިތުރުގޮތެއް ފެންނަން ދެނެވެ. ދަރިންގެ މުސްތަޤުބަލަށް ހިޔަނި ނޭޅޭނޭހެން އެހެން ގޮތެއް ފެނުމުން، އަންހެނުން ދޫކޮށްލަން ތައްޔާރަށް ހުރި ކަމުގައި ރިލްވާން ބުންޏެވެ. އަހަރެންގެ ހިތުގައި ރިލްވާން އާއިމެދު ހަމްދަރުދީ އުފެދުނެވެ. އެފަދަ ނިކަމެތިކަމެއް ތަޖުރިބާކުރަން ޖެހިފައިވާތީ، އެއިޚްސާސް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަންހެނަކު ފިރިއެއްގެ ލޯބި ބޭނުންވާނޭހެން ފިރިއަކުވެސް އަނތްބެއްގެ ލޯބި ބޭނުންވާނެ ނޫން ހެއްޔެވެ؟

އަހަރެންގެ އެކަނިވެރިކަމުގެ ފައިދާ ރިލްވާން ނެގީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އަހަރެން އުއްމީދުކުރި ކަހަލަ ލޯބީގެ ދަޅަ ދައްކައިގެން ހިތާއި ކުޅެލިއެވެ. ރިލްވާން އެދުނީ ފިރިމީހާގެ ކައިރިން ވަރިވެގެން އޭނަގެ ގާތަށް ދިޔުމަށެވެ. ދެމީހުންގެ ދިރިއުޅުންވެސް އުޖާލާވާނީ އެހެން ހެދުމުން ކަމުގައި ބުނެ އަހަރެންނަށް ވިސްނުން ލައިދިނެވެ. ދެވަނަ އަނތްބެއްގެ ގޮތުގައި އަހަރެން ބަހައްޓައިދޭނެ ކަމަށާއި އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެކަމަށް ބުނެ ވައުދުވިއެވެ.

ރިލްވާން އެދުނު ފަދައިން ޖީހާން އާއި ދުރަށް ދާން އަހަރެން ނިންމީމެވެ. ކެޔޮ ކޭ ވަރެއް އެނގޭނީ ބިތު ފަންގި ނެގީމަތާއެވެ. އެހާ ހިސާބުން އަނެއްކާވެސް އިތުރު ކަމެއް ފެންމަތިވިއެވެ. ޖީހާންގެ ކުރީގެ އަނބިމީހާ އާއި ޖީހާން އާއި ގުޅުން އޮންނަކަން އަހަންނަށް އެނގުނެވެ. ދެމީހުން ތިބީ އަލުން ކައިވެނިކުރަން ބޭނުންވެފައެވެ. ޖީހާން އަހަރެންނާއި ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. ޖީހާން އަބަދުވެސް ލޯބިވަނީ އޭނަގެ ކުރީގެ އަނބިމީހާ ދެކެއެވެ. އަހަންނަކީ އެއްޗެއް ނެތްތަން ފޫބައްދައިލަން ޖީހާން ބޭނުންކޮށްލި އުނގުރިގަނޑެކެވެ.

ކުރީގެ އަނބިމީހާ އާއި ދަރިފުޅާއި ނުލައި ނޫޅެވޭނޭ ކަމަށް ޖީހާން ތަކުރާރުކޮށް ބުންޏެވެ. އަހަރެން ހިތަށް ތަދުވިއެވެ. ހިތުގައި ޖެހުނެވެ. ކޮންމެ ތަނެއްގައިވެސް ބާކީވާ މީހަކަށް މިވީ އަހަންނެވެ. ހަމައެއާއިއެކު އެލިސްޓަށް އަހަރެންގެ ދަރިފުޅުގެ ނަންވެސް އިތުރުވީއެވެ. އެތުއްތު ދަރިފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ލޭ އެހަށިގަނޑުގައި ދައުރުވުން ހެއްޔެވެ؟ ބައްޕައެއްގެ ލޯބި އެދަރިފުޅަށްވެސް ބޭނުންވެއެވެ. އެހެނަސް އާޚިރުގައި އަހަންނާއި އަހަރެންގެ ދަރިފުޅު ނިކަމެތިވީ އެއްވެސް ކުށެއް ނެތިއެވެ.

އަހަރެންގެ ހަމަހޭވެރިކަން ފިލާދިޔަ ކަހަލައެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެދިރިއުޅުމުގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ވަރިއަށް އެދުނީމެވެ. އެހެނަސް ވަރިކުރާކަށް ޖީހާން އެއްބަހެއް ނުވިއެވެ. ޖީހާން ބޭނުންވީ އަހަރެން އެދިރިއުޅުމުގެ ތެރޭގައި ބަހައްޓައިގެން ކުރީގެ އަނބިމީހާ އާއި އަލުން ކައިވެނިކުރާށެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން ވަރިކޮށްފައި އެއްލައިނުލާން ނިންމީ އެނަމަށް ހުތުރުވެދާނެތީ ހެއްޔެވެ؟ ލޯތްބާއި އަޅާލުން ނުދެވޭއިރު، ހަމައެކަނި ނަމެއްގައި އިންނަ މީހަކަށް ވާން އަހަރެން ވަކި ބޭނުންވާނެ ހެއްޔެވެ؟ އަހަރެންގެ ކުރިމަތީގައި އިތުރު އަންހެނަކު ގޮވައިގެން އުފާކުރާއިރު، ނިކަމެއްޗެއްހެން ސަލާންޖަހާ ނާށިގަނޑު ހިފައިގެން އިނުމަށް ކެތްވާނެ ހެއްޔެވެ؟

ޖީހާންގެ ކައިރިން އަހަރެން ވަރިވީމެވެ. އެފަދަ ނިންމުމެއް ނިންމަންޖެހުނީތީ ދެރަވިއެވެ. އެކަން ކުރަން ފަސޭހައެއްވެސް ނުވިއެވެ. އެކަމަކު އެނޫން ގޮތެއް ނެތުނީއެވެ.

މީހެއްގެ ހަޤީގަތް އެނގޭނީ އެއް އޮޑިން ދަތުރުކޮށްލީމައެވެ. އޭގެ ކުރިން ފެންނާނީ ބޭރުފުށުން އެމީހާ ދައްކާލާ ރީތި ކުލަތަކެވެ. އަހަރެން ޖީހާންގެ ކައިރިން ވަރިވިކަން އެނގުމާއިއެކު ރިލްވާންގެ ކޯލުތައް މެދުކެނޑުނެވެ. މެސެޖު ކުރިޔަސް ޖަވާބެއް ނުދެއެވެ. އަހަރެން ތަކުރާރުކޮށް ގުޅުމުން ބުނީ އޭނަގެ އަންހެނުން ދޫކޮށްލެވެން ނެތްކަމަށެވެ. ދަރިން ތިބީތީ، އެކުދިން ބިކަކޮށްލާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ބިކަވީ ކާކު ހެއްޔެވެ؟ ދިރިއުޅުމުގައި "ފެއިލް ބޯޑު" އަޅުވަންޖެހުނީ ހަމަ އަހަރެންނަށެވެ. އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވާކަމަށްބުނެ، އެދިރިއުޅުމުގެ ތެރެއިން ރިލްވާން އަހަރެން ނެރެ އެއްލައިލީ މޫނުފޮހެފައި އެއްލައިލާ ޓިޝޫކޮޅެއް ފަދައިންނެވެ. އަހަރެންނަކީ އެއްވެސް އަގެއް ނެތް އެއްޗެއް ފަދައެވެ. އެންމެންވެސް ބޭނުން ފުދުމުން އަހަރެން އެއްލައިލާހެން ރިލްވާންވެސް އަހަރެން ދޫކޮށްލީއެވެ. އޭގެ ފަހުން ރިލްވާނާއި އަނގައިން ނުބުނުމަށް އަހަރެން ހުވާކުރީމެވެ. އެފަދަ ކެހިވެރިއެއްގެ ދަލުގައި ޖެހެވުނީތީ ހިތާމަކުރާ ޙާލުގައެވެ. އެނބުރި ރަށަށް އައިއިރު އަހަރެންގެ ހިތް ވަނީ ލޭކަރުނުން ފުރިފައެވެ. އެވަރުންވެސް ޝަކުވާގެ އެންމެ ބަހެއްވެސް މިދުލަކަށް ނުގެންނަމެވެ. އެތެރެއިން ފުނޑުފުނޑުވަމުން ދިޔަނަމަވެސް، އެއްވެސް މީހަކު ކުށްވެރިކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މިއީ އަހަރެންގެ ތަޤުދީރުގައި ރޭވިފައިވާ ގޮތެވެ. މިއީ އަހަންނަށް މިންވަރު ކުރެއްވި ގޮތެވެ.

ދަރިއަކު ގޮވައިގެން އައިސް މަންމަމެންގެ ކައިރީގައި އުޅެން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ބައްޕަވެސް އަނގަޔަކުން ނުބުނެއެވެ. އެންމެންވެސް ހީވަނީ އަހަރެންނާއި އަނގައިން ނުބުނަން ހުވާކޮށްގެން ތިބޭހެންނެވެ

ރަށަށް އައިތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރިލްވާންގެ ފޯނުކޯލުތައް ލިބެން ފެށިއެވެ. އަހަރެންދެކެ އަބަދުވެސް ލޯބިވާކަމަށް ބުންޏެވެ. މުއުމިނެއްގެ ގައިގައި އެއްހޮރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެއޭ ބުނެ އުޅެއެއް ނޫން ހެއްޔެވެ. ޖަޒުބާތުގައި ޖެހި އަހަރެންނަށް ހެދުނީ ގޯހެކެވެ. ރިލްވާންގެ ކޯލުތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ދެވަނަ ފަހަރަށް އެފަދަ ކެހިވެރިއެއްގެ ދަލުގައި ޖެހޭވަރުގެ މޮޔައަކަށް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކުށް ކުރެވުމުން އެކަމާއި ތަޢުބާވެ، އެފަދަ ކުށެއް ތަކުރާރު ނުކުރުމަށް އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. ރިލްވާންއަށް އަހަރެން ދިން ޖަވާބަކީ އެޔެވެ.

ކުޑަ ކުއްޖަކު ބަލައި ބޮޑުކުރުމަކީ ބޮޑު ޚަރަދެއް ދާނޭ ކަމެކެވެ. ދަރިފުޅަށްޓަކައި އަހަރެން ނިންމީ އެއްވެސް މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ވަޒީފާއަކަށްދާން އަހަރެން ނިންމީމެވެ. ވަޒީފާއެއް ލިބޭތޯ އަހަރެން ކުރި މަސައްކަތުން ރަށު ސިއްޚީމަރުކަޒުން މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުނެވެ. ބުރަ އަދި ޒިންމާ ބޮޑު ވަޒީފާއެކެވެ. އެހެނަސް ކެތްތެރިކަމާއިއެކު އަހަރެން ކުރިޔަށް ދިޔައީމެވެ. ދަރިފުޅުގެ ކަންކަން ކުރަމުން ވަޒީފާގައި އުޅުން ވީ ބުރަ ކަމަކަށެވެ. އަހަރެންދެކެ ހިތްހަމަނުޖެހުނަސް، ވަޒީފާގައި އުޅޭވަގުތުތަކުގައި މާމަ ދަރިފުޅުގެ ކަންކަން ބަލަހައްޓައިދޭނެކަމަށް މަންމަ ބުނުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ދުވަސްތައް ފާއިތުވަމުންދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. އަހަރެންގެ ދަރިފުޅަށް ހަތަރު އަހަރުވީއެވެ. އަހަންނާއި ދޭތެރޭ މަންމަ ދެކޭގޮތް ބަދަލެއް ނުވިއެވެ. އެހެނަސް އެދުރުކަމަށް އަހަރެން ހޭނިއްޖެއެވެ. އެއްޗެއް ބުންޏަސް ބޮޑުކަމަކަށް ނުހަދަމެވެ. ބޭކާރު މީހުން ތިބެންޖެހޭނީ އެމީހުންގެ މަޤާމުގައި ކަން އަހަރެން ގަބޫލުކުރަމެވެ.

އަނެއްކާވެސް އަހަރެންގެ ދިރިއުޅުމަށް ޒަލްޒަލާއެއް ކުރިމަތިވަނީއެވެ. މިފަހަރު އަހަރެންގެ ދިރިއުޅުމުގެ ބިންގާ އެޅުމަށް އަތުކުރި އޮޅައިލީ މަންމަ އާއި ބައްޕައެވެ. އަހަރެން ކައިވެންޏެއް ނުކޮށް ހުންނާތީ މަންމަމެން ކަންބޮޑުވީއެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. މަންމަމެން ދައްކާ ކޮންމެ މީހަކާއި ކައިވެނި ކުރާނަން ކަމަށް ބުނެ އެއްބަސްވީމެވެ. އަމިއްލައަށް ނިންމި އެއްވެސް ނިންމުމެއް ކާމިޔާބުވެފައި ނުވާތީ އާއި ދިރިއުޅުމުގެ އުއްމީދު ގެއްލިފައިވާތީ އަހަރެން ހުރީ ކޮންމެ ގޮތެއް ވާން ވަރިހަމަކަމަށް ޙަޔާތުގެ ލަގަން މަންމަމެންގެ އަތްމައްޗަށް ދޫކޮށްލައިގެންނެވެ.

އަހަރެން ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިޔަށް ނަޒަރު ހުއްޓާލާ ކޮންމެ ފަހަރަކު ހިތް އޮބިނޯންނަވަރަށް ތެޅިގަނެއެވެ. އޭސީގެ ފިނިކަމުން ހަށިގަނޑަށް ލިބުނު އެއްވެސް ފިނިކަމެއް ނެތެވެ. މުޅި މީހާ ދާހިއްލަން ފެށުމުން ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނީމެވެ. އެވަގުތު ދަރިފުޅު އައިސް އަތުގައި ހިފާލިއެވެ. އަދި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ސިޓިންގްރޫމަށް ނުކުތްއިރު އެތައް ބަޔަކު ގޭތެރޭގައި އުޅެއެވެ. އަހަރެން ފެނުމުން މަންމަ އައިސް އަހަރެންގެ ލަސްކަމުގެ ވާހަކަ އާއި ކަންކަމާއި ފަރުވާކުޑަ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. ދަރިފުޅުގެ ކޮލުގައި ހިފައިލުމަށްފަހު އަހަރެންގެ ޖާގައިގައި އިށީނީމެވެ. ކައިރީގައި އިނީ ވާންއުޅޭ ފިރިމީހާ ނުޖައިދެވެ. ދެފަރާތުގައި އާއިލާގެ އެތައް ބަޔަކު މޭޒު ވަށާލާފައި ތިއްބެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަހަރެން ފިޔަވައެވެ. ކަރުނުން ދެލޯ ފުރެމުން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ވަނީ ފުސްވެފައެވެ.

ނުޖައިދަކީ ރަށު މީހެކެވެ. ކައިވެންޏެއް ކުރަނީ މުޅީން އަލަށެވެ. އަހަންނަށްވުރެ ނުޖެއިދު ދޮށީ ހަތަރު އަހަރެވެ. އެ ކައިވެނި މަންމަމެން ހަމަޖެއްސީ ދެފަރާތުގެ އާއިލާ އާއި ވާހަކަ ދައްކައިގެންނެވެ. އަހަރެން ކަހަލަ މީހަކާއި ނުޖެއިދު އިންނަން އެއްބަސްވުމުން ހައިރާންވެސް ވިއެވެ. ޤަބޫލުކުރަންވެސް ދަތިވިއެވެ.

ކައިވެންޏަށްފަހު އަހަރެން ބަދަލުވީ ނުޖައިދުގެ ގެއަށެވެ. ރީތި ބޮޑު ގެއެކެވެ. އަހަރެމެން އުޅެން ހަމަޖެހުނީ ތަނަވަސް ކޮޓަރިއެއްގައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އަހަރެން ގޮސް އެނދުގައި އޮށޯވެލީމެވެ. ދަރިފުޅުގެ ޙައްޤުގައި އެކައިވެނި ރޫޅިގެން ނުދާނެ ކޮންމެކަމެއް ކުރަން އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އަހަރެންގެ ފުށުން ގޯސް އެއްވެސް ކަމެއް ނުދައްކާނަމެވެ. އައު ބާބަކުން ޙަޔާތް ފަށާނީ އައު ހިތްވަރަކާއި އެކީގައެވެ.

ކައިވެނީގެ ފުރަތަމަ ރޭ އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އެހެންނަމަވެސް ނުޖެއިދުގެ އިންތިޒާރުގައި އަހަރެން އެތައް އިރަކު ހުރީމެވެ. އެންމެފަހުން އިންތިޒާރުގައި ވަގުތުތައް ގުނަގުނައި އޮއްވައި އަހަންނަށް ނިދުނީއެވެ. ހޭލެވުނީ އަރައިގެން އައި އިރުގެ ދޯދިތަކުން ގައި ފިއްސަން ފެށިހެން ހީވުމުންނެވެ. ހޭލެވުމާއިއެކު އަހަރެން ފުންމައިގެން ތެދުވީމެވެ. ނުޖެއިދެއް ނެތެވެ. ނުޖެއިދު ކޮޓަރިއަށް އައިކަމުގެ އެއްވެސް ނިޝާނެއްވެސް ނުފެނުނެވެ.

ހަފްތާއެއް ވީއިރުވެސް ނުޖައިދުގެ ފުށުން އަހަރެންމީ ނުޖައިދުގެ އަނބިމީހާ އޭ ހީވާކަހަލަ އެއްވެސް އަމަލެއް އަދި އިޝާރާތެއްވެސް ނުފެނުނެވެ. އުޅެނީވެސް އަހަރެންނާއި ދުރުދުރުންނެވެ. ދެމީހުންނެކޭ ދެބީރައްޓެހިންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އަހަރެން އެކަނި ހުއްޓައި ފެނިއްޖެނަމަ ނުޖައިދު ބަލަނީ އަވަހަށް އެތަނަކުން ދެވޭތޯއެވެ. އެކަމާއި ވިސްނަންޖެހުމުން އަހަރެން މުޅީން މާޔޫސްވިއެވެ. އެކަނިވެރިވިއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ދެމީހުންވެސް ދުރުވަމުން ދިޔައެވެ. އަހަންނަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ދިރިއުޅުމުގައި އަހަރެން އެތައް ފަހަރަކު "ފެއިލް" ވެއްޖެއެވެ. ދެން އެފަދަ ގޮތެއް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް ކޮންމެ ކަމެއް ކުރަންވެސް އަހަރެން ތައްޔާރުވީމެވެ. އަހަރެން ހުރީ ފުރުޞަތަކަށް ބަލަބަލައެވެ. ނުޖެއިދު ގެއަށް އަންނަނީ އަހަރެން ނިދާހާއިރު ކޮށްފައިކަމުން އަހަރެން ނުނިދާ ހޭލާ ހުރީމެވެ.

ދަންވަރުގެ ވަގުތެވެ. ނުޖެއިދު އައިސް ދޮރު ހުޅުވާލުމާއިއެކު އަހަރެން ލޯ ހުޅުވައިލީމެވެ. އަހަރެންނާއި ދިމާއަށް ބަލައިލުމެއްވެސް ނެތި، ނުޖައިދު ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ލައިގެން ހުރި ގަމީސް ބާލައި، ކޮނޑުގައި އަޅުވައިލިތަން ފެނިފައި އަހަރެން ގޮސް ނުޖައިދުގެ ފަހަތުގައި ހުއްޓުނީމެވެ. އެހަށިގަނޑުގައި ބައްދައިލީ ނުޖައިދު އެކަމަށް ނުވިސްނައި ހުއްޓައެވެ.

ނުޖެއިދު ދިޔައީ ސިއްސައިގެންނެވެ. ހަޑި އެއްޗެއް ޖެހުމުން ފޮޅައިލާހެން އަހަރެން ފޮޅުވައިލިއެވެ. ނުޖައިދު އެފަދަ ގޮތެއް ހަދާފާނެކަމަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ. ވިއްސައިގެން ގޮސް އަހަރެން ޖެހުނީ މުށިތަކުގެ މަތީގައެވެ. އަނގައިން ނުކުތީ މަޑު އާޚްއެއްގެ އަޑެވެ. ވެއްޓި އުޅަނބޮށި ވިދުނު ގޮތަކުން ހުޅު ނައްޓައިގެން ދިޔަހެން ހީވިއެވެ. އަތުގެ ހުޅުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު އަހަރެންގެ ދެލޯ ކަރުނުން ފުރެމުންދިޔައެވެ. އިސްއުފުލައި ނުޖައިދަށް ބަލައިލިއިރު، ފާޚާނާއަށް ވަދެ، ދޮރު ލައްޕައިލަނީއެވެ.

އަހަރެން އެގޮތުގައި އިނދެ އެތައް އިރަކު ރުއީމެވެ. ނުޖައިދުވެސް އަހަރެން ބޭނުން ނުވަނީ ހެއްޔެވެ؟ ވީއިރު އަހަރެންނާއި ކައިވެނި ކުރީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ގިސްލުމުގެ އަޑު ގަދަވިއެވެ. ނުރޯން އުޅުނަސް ރޮވުނީއެވެ. ނުޖެއިދު ފާޚާނާއިން ނުކުތީ އަހަރެން އެހެން އިންދައެވެ. ނުޖެއިދު ފެނުމުން އަހަންނަށް ބަލައިލެވުނީ ޝަކުވާއިން ފުރިފައިވާ ނަޒަރަކުންނެވެ. އަހަރެންނަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ގައިގައި އުނި ސިފައެއް ހުރީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ވިޔަސް ނުޖައިދާއި ވާހަކަ ދައްކާނޭ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.

މާގިނަ ދުވަހެއްނުވެ، އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބުނެވެ. ނުޖައިދަކީ ކޮންކަހަލަ މީހެއްކަން އެނގުމުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ރަށު ތެރޭގައި ނުޖެއިދުއޭ ކިޔައިގެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ހަޤީގަތް އޮޅުން ފިލުވީ ނުޖައިދުގެ ކައިރިންނެވެ. އަހަރެންނާއި އެއްވެސް ގުޅުމެއް ބާއްވަން ނުޖެއިދު ބޭނުން ނުވަނީ ނުޖައިދަކީ އަންހެން ކުދިންނާއި ގަޔާވާ މީހަކަށް ނުވާތީއެވެ. ހުރިހާ ދިމާއަކުން ފެނިފައިވާ ކަންކަން ގުޅުވައިލުމުން އަހަރެންގެ ކުރިމަތީގައި ބޮޑުމަންޒަރު ސިފަވެގެން ދިޔައެވެ. އެތައް ދުވަހަކު ނުޖައިދު އެކި ފިރެހެނުން ގޮވައިގެން މަޖާކޮށް ސަރަކާތްޖަހާ މަންޒަރު އަހަރެންނަށް ވަނީ ފެނިފައެވެ. އެފަދަ ކަމަކަށް ކުރިން ޝައްކުވެފައި ނުވާތީ، ނުޖައިދަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ނޭނގުނީއެވެ. ނުޖައިދުގެ އާއިލާއިން އަހަރެން ކަހަލަ މީހަކާއި ނުޖެއިދު ކައިވެނި ކުރުވުމުގެ ސިއްރަކީ އެޔެވެ. ބޭނުމަކަށްވީ އާއިލާ ބަދުނާމުން ސަލާމަތްކުރުމެވެ. އެކަން އެނގުމުން އެންމެ ވަގުތުކޮޅަކަށްވެސް ނުޖެއިދާއި އެކުގައި އުޅޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ނުޖައިދުގެ ކައިރިން ވަރިވީ އަހަންނެވެ. އެފަދަ މީހަކާއިއެކު ދިރިއުޅުމެއް ވޭތުކުރާނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ޚަރާބުވެގެންދާނީ ހަމަ އަހަރެންގެ ދިރިއުޅުމެއް ނޫން ހެއްޔެވެ؟ އަހަރެން އެނބުރި އަމިއްލަ އާއިލާގެ ކައިރިއަށް އައިއިރު، ދިރިއުޅުމުގެ އުއްމީދު ގެއްލިއްޖެއެވެ. ޚަޔާތުގައި އަހަރެން ނެގި ކޮންމެ ފިޔަވަޅެއް އަހަރެންގެ ބަދުނަސީބުކަން ދައްކަމުން ދިޔައެވެ. މަރުވާނެނަމައޭ އަހަރެންގެ ހިތަށް އެރި އަދަދެއް ނޭނގެއެވެ. އެހެނަސް ދަރިފުޅަށްޓަކައި އަހަރެންނަށް ކެތްކުރަން މަޖުބޫރެވެ. އަހަރެން ނެތް ދުނިޔެއެއްގައި އެދަރިފުޅުގެ ހުންނާނީ ވަކި ކާކު ހެއްޔެވެ؟

ވިސްނާ ވިސްނައި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ނުލެވެއެވެ. އަބަދުމެ ބޮލުގައި ރިއްސަނީއެވެ. ކޮޅަށް ހުރުމަށް ދަތިވަނީއެވެ. ތަންމަތީގައި އޮތުން އާއްމުކަމަކަށް ވެއްޖެއެވެ. ބޭނުންވަނީ އެކަނިވާށެވެ. އެންމެންނާއި ދުރަށް ގޮސް ފަހުނޭވާ ދޫކުރާށެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅޭނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނުހުރެއެވެ. "ކައިވެނި" އެލަފުޒު ދެކެވެސް އަހަރެން މިއަދު ޖެހިލުންވެއެވެ. އެއަޑު އިވުނަސް އަހަރެން ހޮޑުލަވައިގަނެއެވެ.

އާދައިގެ މަތިން އަހަރެން ވަޒީފާއަށް ދިޔަ ދުވަހެކެވެ. ކުރަންހުރި މަސައްކަތްތައް ނިންމާލާފައި އަހަރެން ގޮސް އޮށޯވެލީ ސިއްޚީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ޖޯއްޔެއްގައެވެ. ކައިރީގައި ހުރީ ބޮޑު ހިތި ގަހެކެވެ. ގަހުގެ ހިޔާ ލިބިފައި އޮތްނަމަވެސް ކޮންމެވެސް ވަރަކަށް ކޮކާ އަވި، އަހަރެންގެ މޫނަށް އެޅިފައި ހުއްޓެވެ. ދެލޯ މަރާލައިގެން އަހަރެން އޮތްއިރު، ހިތަށް ސިފަވަމުންދިޔައީ އުސް ފަރުބަދައެކެވެ. އަހަރެން ހުރީ ފަރުބަދައިގެ އެންމެ މަތީގައެވެ. އެހެން ހުރެ، ތިރިއަށް ބަލައިލެވުނެވެ. އެވަގުތު ފާޑަކަށް ސިހިފައި ފުންމައިގެން ތެދުވެވުނެވެ.

މިއީ އަހަރެންގެ ވާހަކައެވެ. އެތައް ދުވަހަކު ހިތުގައި ފޮރުވައި ރައްކާކޮށްފައިވާ ހަޤީގަތެވެ. އަހަރެންގެ ތަޤުދީރުގައި މިނޫން ގޮތެއް ނެތެވެ. ނަޞީބުގައި އުފަލެއް މިންވަރު ކުރެއްވުން ނުވަނީއެވެ. ފުރާނަހުރެ، ހަށިގަނޑުގެ ދިރުން މިވަނީ ގެއްލިފައެވެ. ދިރިމިހުރީ ހަމައެކަނި ދަރިފުޅަށްޓަކައެވެ. މާޒީ ހަނދާން ނައްތާލާފައި ކުރިޔަށް މިދަނީ އެދަރިފުޅުގެ ޙައްޤުގައެވެ. މިއީ މިގަލަމުން ބަޔާންކުރާ މިހިތުގެ ޝަކުވާއެވެ. ދުވަހަކުވެސް މިފަދަ ދުވަހެއް އެހެން މީހަކަށް ނުދެއްކެވުން އެދި ދުޢާ ކުރަމެވެ. ހިތުގެ އެންމެ ފުންމިނުން އަބަދުވެސް އެންމެންނަށް ހެޔޮދުޢާ ކުރާ ޙާލު، އަހަރެންގެ ޙަޔާތުގެ ހިތްދަތި ސަފުހާތައް ލައްޕައިލަމެވެ.

********

އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން އަހަރެން ބަލައިލީމެވެ. ގުޅީ ކުޑައިރުގެ ރަޚުމަތްތެރިއެކެވެ. ރާއްޖެއިން ބޭރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު ރަށަށް އައީއެވެ. އެންމެ ފުރަތަމަ ކަމަކަށް ހޯދީ އަހަރެންގެ ނަންބަރު ކަމުގައި ބުންޏެވެ. ރިފާޢު ފެނުމުން އަހަރެންނަށް ކުރެވުނީ ތަފާތު އިޚްސާސެކެވެ. ކުޑައިރު އެހާ ގާތްކޮށް އުޅެފައި ދެމީހުން ކުއްލިއަކަށް ވަކިވާންޖެހުނީ ރިފާޢު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ފަހުންނެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަރެންނާއި ރިފާޢު އާއި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެގެން ދިޔައެވެ. އަހަރެންގެ ދަރިފުޅަށް ރިފާޢު އެބަހައްޓާ ޚާއްސަގޮތް ފެނި އަހަރެންގެ ހިތުގައި ރިފާޢުއަށް ޙާޢްސަ ގަދަރެއް ދެވުނެވެ. ދެއާއިލާގެވެސް ރުހުމާއިއެކު އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ލޯބީގެ އަހުދުތަކެއް ނުވަމުއެވެ. އަހަރެންގެ ޙާލާއިމެދު ރިފާޢު ހަމްދަރުދީވީއެވެ. އެކުވެރިއަކަށްވީތީ އެހާލުގައި އުޅޭތަން ބަލަން ކެތްނުވާނެ ކަމުގައި ބުންޏެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ދެމީހުންވެސް އުޅުނީ ދުރުދުރުންނެވެ. އެކަކު އަނެކަކާއި ކައިރިވާކަށް ނުކެރެއެވެ. ގާތް ރަޚުމަތްތެރިންނަށްވީތީ، އެފަދަ ގުޅުމެއް ކުއްލިއަކަށް ފަށަން ވުމުން ހާސްވީއެވެ.

ކައިވެންޏަށްފަހު އަހަރެންނާއި ދަރިފުޅު ގޮވައިގެން ރިފާޢު ބަދަލުވީ ރާއްޖެއިން ބޭރަށެވެ. ކިޔެވުމުގެ ބާކީބައި ފުރިހަމަކުރުމުގެ މަޤުޞަދުގައެވެ. ދެން އަހަރެންގެ ޙަޔާތުގައި ހޭދަވެގެން ދިޔައީ ދުވަހަކުވެސް ނިމުމެއް އަންނަން ބޭނުންނުވާފަދަ އުފާވެރި ދުވަސްކޮޅެކެވެ. ލޯތްބަކީ ކޮބައިކަން އަހަންނަށް ދަސްވީ ރިފާޢުގެ ފަރާތުންނެވެ. ޙަޔާތުގައި ދިމާވެފައިވާ ހިތާމަތަކުން އަރައިގަނެވި، އުފަލުން ހިތް ފުރި، ބަންޑުންވިއެވެ. އަހަރެންގެ ޚަޔާތަށް ބަޚާރު މޫސުން އައީއެވެ. ރިފާޢުގެ ލޯބީގެ އެތައް ހަދިޔާތަކެއް އަހަރެންނަށް ލިބެމުންދިޔައެވެ. ދުވަހަކުވެސް އަގުނުކުރެވޭނޭފަދަ ލޯބިވެތި ވަގުތުތައް ދެމީހުން އެކުގައި ހޭދަކުރީމެވެ. އެކަކު އަނެކަކާއިއެކު ހޭދަކުރާ ވަގުތަކީ ހާދަބޮޑު ހަދިޔާއެކެވެ. ފައިސާގެ އަގުބޮޑު ހަދިޔާތަކަށްވުރެ އެކީ ހޭދަކޮށްލެވޭ ވަގުތުތަކުގެ އަގު މާ ބޮޑެވެ.

އަހަރެމެންގެ ކައިވެންޏަށް އަހަރުވަނީއެވެ. އެމުނާސަބަތާއި ގުޅުވައިގެން އަހަރެން މިހުރީ ލޯބިވާ ފިރިމީހާއަށް ހަދިޔާއެއް ދިނުމަށް ނިންމައިގެންނެވެ. އިންތިޒާރުގެ ވަގުތުތައް ގުނަގުނައި އިންދައި ރިފާއު އައިސް ގެއަށް ވަނެވެ. ކައިރީގައި ހުރީ އަހަރެންގެ ހަތް އަހަރުގެ ދަރިފުޅެވެ. އެދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތާއަބަދު ނުފިލައި ހުންނަ ހިނިތުންވުން  ރިފާޢުގެ ތުންފަތް މަތީގައިވެސް ވިއެވެ. ރިފާޢު ފުރަތަމަވެސް އައީ އަހަރެންގެ ކައިރިއަށެވެ. ލޯބިން ބައްދައިލިއެވެ. ލައިގެން ހުރި ކޯޓުގެ ތެރެއިން ނެގި ރަތް ފިނިފެންމާ އަހަރެންގެ އަތަށް ލައިދެމުން އުފާވެރި ޙަޔާތަކަށް އެދޭ ކަމުގައި ބުންޏެވެ.

އަހަރެން ހިނިތުންވެލީމެވެ. ރަތްކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް ކުޑަ ޕާރުސަލް ނަގައި ދިއްކޮށްލީ ރިފާޢުގެ މޭގައި ބޯއަޅާލަމުންނެވެ. އެތެރޭގައި އޮތް އެއްޗެއް ފެނުމާއިއެކު ރިފާޢުގެ ލުއި ހިނިތުންވުމުގެ އަޑު މަޑު މިޔުޒިކެއް ފަދައިންގެ އަހަރެންގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ދެން އިޚްސާސްކުރެވުނީ ރިފާޢުގެ އަތުގެ ބީހުންތަކެވެ. އަހަރެން އުރާލުމަށްފަހު ވައިގެ ތެރޭގައި އަނބުރާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު، ތިރީގައި ބަހައްޓާލިއެވެ. ރިފާޢުއަށް އުޅެފައި ނޫޅެވޭގޮތްވެސް ނޭނގެއެވެ. ގުދުވެ، އަހަރެންގެ ބަނޑުގައި ތުންފަތް ޖައްސައިލިއެވެ.

އާނއެކެވެ. އަހަރެން މިއިނީ ބަލިވެއެވެ. އަހަރެމެންގެ ލޯބީގެ ނިޝާން މިދުނިޔެއަށް އުފަންކުރާ ހިތުން ކެތްތެރިކަން ކޮޅުން ލަނީއެވެ. ބާކީ އޮތީ ހަތް މަސްދުވަހެވެ. މިއަދު އަހަރެން ޖެހިލުމެއް ނުވަމެވެ. މިހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރުކޮށްލެވިއްޖެއެވެ. އެޝަކުވާތައް ފޫހިކަމެއްނެތި އަޑުއަހާނޭ ބައިވެރިއަކު ލިބިއްޖެއެވެ. އަހަރެން މިހުރީ އުފަލުންނެވެ. މުޅި ހަޔާތުގައިވެސް ނުލިބުނު ލޯތްބާއި އަޅާލުން މިއަދު އަހަރެންނަށް މިދަނީ ލިބެމުންނެވެ. ހަޤީގީ ލޯތްބަކީ މިއެވެ. މިހާރު އަހަރެން އިންތިޒާރުގެ ވަގުތުތައް ގުނަމުން މިދަނީ އަހަރެމެންގެ ލޯބީގެ ނިޝާން މިދުނިޔެއަށް އުފަންވާނެ ވަގުތަކަށެވެ.

(ނިމުނީ)

ނޯޓް: މިއީ ޙަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް ނަމަވެސް ވާހަކައިގެ ނިމުން އަޅުގަނޑު ގެނެސްދީފައި އެވަނީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް، ކިޔުންތެރިންނަށް ކަމުދާނެފަދަ ގޮތަކަށެވެ.

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

19 ޚިޔާލު

 1. Naju

  Wow eysh dhoonee 😘😘😘 I’m speechless 🌸🌸🌸 awesome story 😍😍😍 I can image each n every scene in it ❤❤❤ Eysh dhoonee ur my favourite 💐💐💐 n ur the best writer 💙💙💙 lysm bodu koh 😘😘😘😘😘😘😘😘😘😘😘😘😘

  • އޭޝް

   Thank u so much dear 😊❤❤

 2. jiji

  First baa..btw mi story hama v rythi..Ending vec v lwbi..eysh ge thi masaiykathah hiyyvaraa saabas dhn💙💙.

  • އޭޝް

   Second dho mifaharu 😊 Thank u so much dear 😊❤❤

 3. Sheen

  Maasha Allah vvvv furihama vvv molhu ehaame asaru gadha vaahakaeh. Alhamdhulillaahi anejjaves eysh Stories thereah ithuruvegen dhiya reethi nala vaahaka eh ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 Mihaathanah kiyunu hama emme furihama vaahaka. Hurihaa gothakunves hama perfect. 💖💖💖💖💖💖💖💖💖💖💖💖💖💖💖💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛 Liyuntherikanves vvvvv molhu. 💗💗💗💗💗💗💗💗💗💗💗💗💗💗💗 Keep it up dear. U r the best 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • އޭޝް

   Thank u so much dear 😊❤❤

 4. 💜🌹💙

  Maasha Allah mue haadha reethi vaahaka ekey. Eysh vareh hama neiy 💜💜💜💜💜💜💜💙💙💙💙💙💙💙💙💙🌹🌹🌹🌹🌹🌹🌹🌹🌹

  • އޭޝް

   Thank u so much dear 😊❤❤

 5. ލަމް

  އޭޝްއެވެ. މިއީ އޭޝް ލިޔުނު ހާދަ ރީތި ވާހަކައެކެވެ. ބުނާނެ އެއްޗެއް ވެސް ނެތެވެ. ވަރަށް ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަން މިހިތަށް އުފާވެރިކަން ގެނެސްދީފިއެވެ. އެހެންނަމަވެސް ވާހަކަ ކިޔާ ނިމުނު އިރު ހުރީ ރޮވިފަ އެވެ. މިހާ އަސަރު ހުރި ވާހަކައެއް އަދި ނުކިޔަމެވެ. މާޝާﷲ ތިޔައީ ހަމަ އެންމެ ސަޅި ވާހަކަ ލިޔުންތެރުޔާއެވެ. ތިގޮތުގައި ކުރިއަށް ދާށެވެ. އިންޝާﷲ އަބަދުވެސް އޭޝްއަށް ކުރިއެރުމާއި ކާމިޔާބު ލިބޭނެ އެވެ.

  • އޭޝް

   Thank u so much dear 😊❤❤

 6. Bestie

  Haafha reethu vaahaka ekeve. V molheve. Thee hama ehvana eve.

  • އޭޝް

   Thank u so much dear 😊❤❤

 7. Amina

  Mihaa rewthi vaahaka eh adhi nukiyan.. 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️

  • އޭޝް

   Thank u so much dear 😊❤❤

 8. Mikko

  Miee haafha reethikoh liyelaafain vaahaka ekey. Kiyaa nimunu iru roe roe halaakuvejje.. Vvvv rewthi molhu vaahaka eh. Vaahaka liyununtheriyaa ah huy dhevijje 💙💙💙💙💙💙💙💙💙💙💙💙😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘

  • އޭޝް

   Thank u so much dear 😊❤❤

 9. Anonymous

  ވާއު ވާއު ވާއު ވަރަށް އަސަރުގަދަ އެހާމަ ފުރިހަމަ ވާހަކައެއް

  • އޭޝް

   Thank u so much dear 😊❤❤

 10. Anonymous

  މީގެ އެހެން ވާހަކައެއް ކިޔަން ލިބޭނީ ކޮން ދުވަހަކުންތަ އޭސް