-
-
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ނަޒަރެއް!

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ނަޒަރެއް!

އާސަރުކާރެއް އައިފަހުން އަށްމަސް ވަނީއެވެ. ނިމިދިޔަ ސަރުކާރުގެ ފަސް އަހަރެކޭ އެއްގޮތަށް، ރައްޔިތުން އެދިގެންތިބީ މިސަރުކާރުންވެސް ރާއްޖޭގައި އިގްތިސާދީ ގޮތުން މަންފާކުރަނިވި ގިނަ ހަރަކާތްތަކެއް ހިންގާތަން ދެކުމަށެވެ. އިގްތިސާދީ ބޮޑެތި މަސައްކަތްތައް ނުވަތަ އިންވެސްޓްމެންޓްތަކާއި، އުމްރާނީ ތަރައްޤީން ފެށިގެން ވިޔަފާރިވެރީންގެ ދާއިރާގެ ހަރަކާތްތައް ގިނަވުމަށެވެ. ކުރިން އޮތް ހަމަ ނުޖެހުންބޮޑު ސިޔާސީ މާހައުލުގެ ސަބަބުން ޤައުމަށް ގެއްލުމެއްވާކަށް އެއްވެސް ރައްޔިތަކު ނޭދެއެވެ. ރައްޔިތުން އެދެނީ ސަރުކާރުން ގޯހުން ކަމެއްކުރާނަމަ އިދިކޮޅު ފަރާތްތަކުން އެކަމެއްގައި ޒިންމާދާރު ކަމާއެކު ޖަވާބުދާރީ ކުރުވުމެވެ.

ADS BY FENVARU

އާސަރުކާރަށް އަހަރެއް ނުވަނިސް މިވަނީ ބޮޑެތި ގިނަ ގޮންޖެހުންތަކަކާއި ކުރމަތިލާންޖެހިފައެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ވަނީ، މިއަހަރު ރާއްޖޭގެ އިޤްތިޞާދު މަޑުޖެހިދާނެކަމުގެ އިންޒާރުދީފައެވެ. މިފަދަ ކަންކަން ގިނަ ފަހަރަށް ދިމާވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެރިކަން ބަދަލުވެގެންދާ ފަހަރުތަކުގައެވެ. ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަރުވައި، އިގްތިސާދީ ތަސައްވުރު ރަނގަޅުކޮށް ވާދަވެރިކަން ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އިންވެސްޓްމަންޓް ތަކަށް އޮންނަ ފުރުސަތު ހަނިވުމުންނެވެ. އައިއެމްއެފް އިން ބުނާ ގޮތުގައި ގައުމީ އުފެއްދުންތެރިކަން 2019 އަދި 2020 ވަނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު 2018 ވަނަ އަހަރަށް ވުރެ ކުޑަ މިންވަރަކަށް ދަށްވެދާނެއެވެ.

އާ ސަރުކާރުން ވެރިކަމާއި ޙަވާލުވީ މިހާތަނަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓާއެކުއެވެ. އެގޮތުން މިހިނގާ 2019 ވަނަ އަހަރަށް ތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވެއެވެ. ނަމަވެސް ހިތާމައަކީ މި ބޮޑު ބަޖެޓުންވެސް ބަރާބަރަށް ކުރެވޭ ހަރަދަކީ ރިކަރަންޓް ހަރަދަށް އެކަނިވުމެވެ. މިހާރުވެސް ހިނގަ ހިނގާހުރި ތަރައްގީގެ މަޝްރޫއުތަކަށް މިއަހަރު ކަނޑައަޅާފައިވާ ގާތްގަނޑަކަށް ހަތަރު ވަރަކަށް ބިލިއަން ރުފިޔާގެ ތެރެއިންވެސް ހޭދަކުރެވިފައިވަނީ ވަރަށް ކުޑަމިންވަރެކެވެ. އެކަމުގެ ސަބަބުން ބައެއް މަޝްރޫއުތައްވަނީ ހުއްޓިފައެވެ. އަނެއްކޮޅުން ސަރުކާރުގެ ދަރަނިބޮޑުވެ މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ ދަރަންޏަށް 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ވަރަށްވުރެ އާމްދަނީވަނީ ދަށްވެފައެވެ. ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހު ލިބުނު 1.09 ބިލިއަން ރުފިޔާ އަކީ، އެ މުއްދަތުގައި ލިބޭނެ ކަމަށް މީރާއިން ލަފާކުރި އަދަދަށް ވުރެ 5.5 ޕަސެންޓް ދަށް އަދަދެކެވެ. އެކަމަކު ސަރުކާރަށް ދެއްކޭނެ މާބޮޑު ބަހަނާއެއް މިކަމުގައި ނެތެވެ. ސަރުކާރުގެ މަސައްކަތްތައް ފަށައިގަތީ ތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާއިއެކުއެވެ. ރައްޔިތުންގެ މަޖްލީހުގެ ފުރިހަމަ އަޣްލަބިއްޔަތު އޮތީ ސަރުކާރަށެވެ. މިހުރިހާކަމެއް ފާހަގަވިޔަސް ސަރުކާރު ޒިންމާދާރު ކުރުވަން ތިބި އިދިކޮޅު ފަރާތްތަކުން އަދި ފެންނަނީ ވަރަށް އާދައިގެ ގޮތަށް ތިބޭ ތަނެވެ. އިދިކޮޅު ފަރާތްތަކުން މި ސަރުކާރު ސިފަކުރަނީ "ފޯކަސްއެއް ނެތި ކުރިއަށްދާ ސަރުކާރެއް"ގެ ގޮތުގަ އެވެ. ނަމަވެސް މާބޮޑު މަސައްކަތްތަކެއް ސަރުކާރު ޒިންމާދާރު ކުރުވާކަށް ނުކުރެއެވެ.

ސަރުކާރު ޒިންމާދާރު ކުރުވުމަށް މިވަގުތު އިދިކޮޅުގައި އޮތީ ދެ ޕާޓީއެކެވެ. އެއީ ކުރިން ވެރިކަންކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ. ނަމަވެސް ދެ ނަމެއް ކިޔަސް ދެ ޕާޓީގައިވެސް ޙަރަކާތްތެރިވާތަން ފެންނަނީ އެއް ބަޔެކެވެ. ފަހަރުގައި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއި އަނިޔާވެރިކަން އިންތިހާއަށް އޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވިފައި އޮތުމަކީ އެ ސިޔާސީ ޕާޓީތަކުން ފަހަތު ފަހަޔަށް ބުރަވާ ކަމަކަށްވެދާނެއެވެ. އެހެންވެއްޖެނަމަ ސަރުކާރު ޒިންމާދާރު ކުރުވުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކަންމިހެން އޮތުމުން ރާއްޖޭގެ ސިޔާސީ މަޝްރަހު ކުރަހާލަދޭ ޗާޓު ވަރަށްވެސް ސާފެވެ. ސަރުކާރުން ބޭނުންގޮތަކަށް ކަންތައްތައް ކުރަމުން ގެންދިޔަނަމަވެސް ކޮންމެވެސް ސަބަބަކާއިހުރެ އިދިކޮޅު ފަރާތްތަކަށް ތިބެންޖެހިފައި އެވަނީ އަމިއްލައަށް ބަދެވިގެންނެވެ.