loading ...
loading ...
ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

0 comment

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރުކޮށްފައިވާއިރު، ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑް ކުރަން އިއްޔެ ނިންމާފައެވެ.

މި ސަސްޕެންޝަނާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައާ ގުޅިގެން އެ ކޯޓުން މިއަދު ވިދާޅުވީ އެ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ޖޭއެސްސީގެ ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ.

އަދި ޖޭއެސްސީ އަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިޔުމަށާއި، ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން ފަނޑިޔާރު ދީދީއާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީގެ މައްޗަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކުރާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުއްވީ އެ ކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެ މައްސަލާގައި އެދިފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާތީ ދީދީގެ މައްސަލަ ބަލައިދިނުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެކެވެ. 2015 ވަނަ އަހަރުތެރޭ އެ ފައިސާ ޖަމާކޮށްފައިވަނީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަދި އެ ފައިސާ އަކީ ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފަނޑިޔާރު ދީދީ ނެންގެވި ރިޝްވަތެއް ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ފަނޑިޔާރު ދީދީ އަކީ ނަޝީދަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.

ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު