loading ...
loading ...
ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދަމަހައްޓަން ޖޭއެސްސީން ނިންމައިފި

ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދަމަހައްޓަން ޖޭއެސްސީން ނިންމައިފި

0 comment

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމި ނިންމުން ދެމެހެއްޓުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމިއިރު ސުޕްރީމް ކޯޓުން މިއަދު ވަނީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޖޭއެސްސީން މިރޭ ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު އަސާސީގެ 159 (ށ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިފައިވާ ބާރަށް ހުރަސްއެޅޭ ގޮތަށް، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ގާނޫނީ ހުރަސްއެޅޭ އަމުރެއް ކަމަށެވެ.

އެހެންކަމުން ފަނޑިޔާރު ދީދީއާ މެދު ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ މި ނިންމުން ނިންމާފައިވަނީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 8 މެމްބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 7 މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ހުށަހެޅުމާ ގުޅިގެންނެވެ.

އެ ހުށަހެޅުން ޖޭއެސްސީ އަށް ހުށަހެޅުއްވީ އެ ކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެ މައްސަލާގައި އެދިފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާތީ ދީދީގެ މައްސަލަ ބަލައިދިނުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެކެވެ. 2015 ވަނަ އަހަރުތެރޭ އެ ފައިސާ ޖަމާކޮށްފައިވަނީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު