loading ...
loading ...
ސަރުކާރުގެ ނާސްތާ ޕްރޮގްރާމަށް އަނެއްކާވެސް ބޮޑެތި ފާޑު ކިއުންތަކެއް

ސަރުކާރުގެ ނާސްތާ ޕްރޮގްރާމަށް އަނެއްކާވެސް ބޮޑެތި ފާޑު ކިއުންތަކެއް

5 comments

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައި ވާއިރު، އެ ޕްރޮގްރާމަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެކަން އެނގިގެންދިޔަ އެއް ކަމަކީ ނާސްތާ ދޭން ފެށި ސްކޫލެއްގެ ކްލާސް ރޫމް ތެރޭގައި ކުދިންތަކެއް ތަށިމުށިގަނޑު މަތީގައި ކަރުދާސްގަނޑެއް އަޅައިގެން، އެ ކަރުދާސް މަތީގައި ކާތަކެތި ބަހައްޓައިގެން ކާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން ދިއުމެވެ. އެ ފޮޓޯތަކާއި ގުޅިގެން ރައްޔިތުންގެ ފާޑު ކިޔުން އެ ޕްރޮގްރާމަށް އަމާޒުވަމުން ދިޔައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ދެ ކްލާސް ރޫމެއްގެ ދަރިވަރުންނަށް ނާސްތާ ދީފައި ވަނީ ނާސްތާ ޕްރޮގްރާމްގެ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އަދި މަދު ކްލާސްރޫމްތަކެއްގައި އެފަދަ އަމަލުތައް ހިންގުމުން،  ވަކި މަޤްސަދެއްގައި ސަރުކާރުން ހިންގާ އެފަދަ ޕްރޮގްރާމްތަކަށް ބެލެނެވެރިންނާއި ރައްޔިތުން ކުރާ އިތުބާރު ގެއްލެން މެދުވެރިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނާފައި ވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ، ނާސްތާ ޕްރޮގްރާމް ކުރިއަށްގެންދާއިރު ކާތަކެތި ސާފްތާހިރުކަމަކީ އެ މިނިސްޓްރީން މުހިންމުކަންދޭ އެއް ކަންތައް ކަމަށެވެ. އަދި ދަރިވަރުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ސްކޫލްތަކުން އަމަލު ކުރަމުންދޭތޯ މިނިސްޓްރީން ބަލަމުން ގެންދާނެ ކަމަށެވެ. ނަމަވެސް ޕްރޮގްރާމް ފެށިގެން 3 ދުވަސް ހިނގާފައި ވާއިރު، އިތުރު ސްކޫލް ތަކުގެ ބެލެނިވެރިންވެސް އެ ޕްރޮގްރާމާއި ގުޅިގެން ތަފާތު ޝަކުވާތައް ދަނީ ކުރަމުންނެވެ. އެގޮތުން ނ. ހެނބަދޫ ސްކޫލްގައިވެސް ނާސްތާގެ ކަންކަން ކުރިއަށް ގެންދަނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ކަމަށްބުނެ އެރަށުގެ ބައެއް ބެލެނިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.

ނ.ހެނބަދޫ ސްކޫލްގެ ބެލެނިވެރިއެއް ފެންވަރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނާސްތާ ތައްޔާރު ކުރަނީ އެކަމަށް އެކަށީގެންވާ ސާފުތާހިރު ތަނެއްގައި ނޫން ކަމަށާއި، އެތަނުގައި ނާސްތާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރަޖިސްޓަރވެސް ނުކޮށް ކަމަށެވެ.

"މި ރަށު ސްކޫލްގައި އެ ޕްރޮގްރާމް ކުރިއަށްދަނީ އުސޫލުތަކާއި ޚިލާފަށް. ނާސްތާ ތައްޔާރު ކުރަނީ އެކަށީގެންވާ ތަނެއްގައެއް ނޫން. އަދި އެތަން ރަޖިސްޓަރ ވެސް ނުކުރޭ. ފުރިހަމަ ނާސްތާއެއް ނުލިބޭއިރު، ތައްޔާރު ކުރާ ބިސް ހުންނަނީ ތާޒާކަން މަތީއެއް ނޫން. ދަރިވަރުންނަށް ނާސްތާ ނެގުމަށް ދެނީވެސް އެންމެ 10 މެނެޓް. މިއީ ތޯ މިކަން ކުރަން ވާނެ ގޮތަކީ؟" އެރަށު ސްކޫލްގެ ބެލެނިވެރިޔަކު ބުންޏެވެ.

ކޮންމެއަކަސް، ނާސްތާ ޕްރޮގްރާމަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވަމުންދާން މިފެށީ އިއްޔެއަކު، ނޫނީ މިއަދަކު ނޫނެވެ. ފުރަތަމަ ޓާމްގައިވެސް އެ ޕްރޮގްރާމަށް ރައްޔިތުންގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ އެޑިއުކޭޝަން މިނިސްޓްރީން އެ ވިދާޅުވާ ގޮތަށް އެކަން ކުރަން ހަމަޖެހިފައިވާ އުސޫލުތަކާ، މިންގަނޑުތަކާ އެއްގޮތަށް އެ ޕްރޮގްރާމް ކުރިއަށްދޭތޯ ބަލާ، ފިޔަވަޅު އެޅޭނެތޯއެވެ؟ ރައްޔިތުންގެ މިފަދަ ޝަކުވާތަކަށް ސަރުކާރަށް އެންމެ ފުރިހަމައަށް ޖަވާބުދާރީ ވެވޭނެތޯއެވެ؟

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

5 ޚިޔާލު

  1. ޏާނަ

    ތީ ހަމަ ބައެއް ރަށްރަށުގައި ކަން އޮތްގޮތް… ސާފު ތާހިރުކަމުގެ ގޮތުން ދަށް ފެންވަރުގެ ތަންތަނަށް ހުއްދަދިނުން.
    ކާތަކެތި ބަންދު ކުރަންވާ ގޮތަށް ބަންދު ނުކޮށް ގެނައުން.
    ސަރުކާރުން ކުރާ ބޮޑު އިސްރާފެއް މިއީ. ދަރިވަރުންގެ ބޮޑު އިންސައްތައެއް ޕެކެޓާއި ކާތަކެތި ހުސްނުކުރޭ… ވައުދެއް ވެވުނީތީ ކަމަކަށް ކަމެއް ކުރަނީ. އެހާ ގާބިލްކަމެއްނެތް. ކުރަނީ ކިހިނެއްތޯ ބެލުމެއް ނޯވޭ.

  2. ހެނބަދޫ ހޮޅުއަށި

    ތި މައުލޫމާތު ދިން ފަރާރުގެ ދެ ދަރިން އެކަނީ ކީއްވެބާ. މައުލޫމާތު ދިނީ ހެނބަދޫގަ މީނަ ވަރެއް ނެއްކަމަށް އަމިއްލަޔަށް ފެނިގެން އުޅޭ މަރިޔަމް ސަހީމާ.

  3. މީހާ

    ސްކޫލުގެ ބަހެއްވެސް ލިޔެލިނަމަ ރަގަޅުވީސް ކަނބުލޯ .. ހަޖަމް ކުރަން ދަސްކުރޭ

  4. ގަމާރު

    މީކޮން ނާސްތާއްއެއް. ފ. މަގޫދޫ ސްކޫލްގަ ބަޔަކަށް ބޮލަކަށް -/25 ރުފިޔާ ނާސްތައަށް ދޭއިރު އޭގެ ތެރޭގައި އޮންނަނީ 5ރ. އަށްދޭ ކިރުޕަކެޓަކާއ، އާފަލެއް 12 ފޮތިކޮށްފަ އޭގެ ފޮއްޗަކާ ތެޔޮރޮއްތަކާ 130 ކުދިންނަށް 08 ދަޅުމަސްލައިގެން މޮޑެފަހުންނަށް ހުނި މަސްހުނިކޮޅެއް. 15 އަހަރުގެ ކުއްޖަކަށް މީ ދެން ކޮންނާސްތާއެއް.

  5. މޮޔަ ހިމާރު

    މީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން.