loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...34

ފެވިފާ ތިނަންވޭ މިހިތުގާ...34

7 comments

ޔުމާން ސިހޭގޮތްވިއެވެ. އެއްފަހަރު ސިޓީއުރައަށް އަނެއް ފަހަރު ރިޔާޒަށް އޭނަ ބަލައިލިއެވެ. އެއަށްފަހު މަޑުމަޑުން ގުދުވެ، ސިޓީއުރަ ނެގިއެވެ. ބަންދު ނުކޮށް އޮތް އެސިޓީއުރައިގެ ތެރޭގައިވާ އެއްޗެހިތައް ނަގައި ބަލައިލުމާއިއެކު ޔުމާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސިޓީއުރަ އަތުން ދޫވެގެން ދިޔުމާއިއެކު، ހައިރާންވެފައި ރިޔާޒާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ދެޖީބަށް އަތްޖަހާލައިގެން ރިޔާޒު ހުއްޓެވެ. މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

********

"މީ... މީ ހަޤީގަތެއް ނޫން... މި ފޮޓޯތައް މިހުރީ އެޑިޓުކޮށްފަ... މަންމަ އަކީ މިވަރުގެ ވިޔާނުދާ ކަމެއް ކުރާނެ މީހެއް ނޫން..." ޔުމާންގެ ދެފައިގެ ވަރު ދޫވެ، ހުރިތަނަށް ތިރިވިއެވެ.

މުށިތަކުގެ މަތީގައިވާ ތަސްވީރުތައް ނަގައި އެތަކެތި ވީދަމުން ދިޔައިރު، ޔުމާން ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ. އޭނަގެ މަންމަ، އެހެން ފިރެހެނަކާއި އެކު ގައިގޯޅިކޮށް ހުއްޓައި ނަގާފައިވާ އެފޮޓޯތައް ފެނި އެއީ ޙަޤީގަތެއްކަން ޤަބޫލުކުރާކަށް ޔުމާންގެ ޟަމީރު އެއްބަހެއް ނުވިއެވެ.

"އެނގޭތަ ފޮޓޯތަކުން ފެންނަން ތިހުރި ނުބައި އިންސާނަކީ ކާކުކަން؟..." ރިޔާޒު ދެދަތްޕިލަ ޖައްސައި ބާރުކޮށްލިއެވެ.

"އެއީ އިވްޔާގެ ބައްޕަ ޙުސައިން... އިވްޔާ އާއި ދުރުން އުޅެން އަހަރެން ޔުމާންއަށް އެންގީ ކީއްވެކަން އެނގިއްޖެދޯ މިހާރު... ޔުމާން ހީކުރީ ޔުމާންގެ މަންމައަކީ ވަރަށް މާތް މީހެއް ކަމަށްތަ؟... އެއީ ތި ހީކުރާވަރުގެ މާތް މީހެއް ނޫން..." ރިޔާޒު އައިސް ހުއްޓުނީ ޔުމާންގެ ކުރިމަތީގައެވެ. އެއަށްފަހު ޔުމާންގެ ދެކޮނޑުގައި ހިފައި ނެގިއެވެ.

"ސްޓޮޕް... މަންމައޭ ކިޔައިގެން ފާޑުފާޑުގެ ދޮގު ވާހަކަތައް ދައްކާނެ ކަމެއް ނެތް... އެންމެން ތިހާ ނުބައެއް ނުވާނެ..." ރިޔާޒުގެ އަތް ފޮޅުވާލާފައި އެތަނުން ނުކުތުމަށް ޔުމާން ހިނގައިގަތެވެ.

"ޔުމާން އާއި ލޭގެ ގޮތުން ގުޅުންހުރި އިތުރު މީހަކު އެބަހުރި..." ޔުމާން ގޮސް ދޮރާއި ހަމައަށް އެރިތަނައި ރިޔާޒު ބުންޏެވެ.

ޔުމާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ފަސް އެނބުރި ބަލައިލިއެވެ. ޔުމާން ބަލައިލުމާއިއެކު، ގޮތް ހުސްވެފައިވާ މީހަކު ފަދައިން ރިޔާޒު އިސްޖަހައިލިއެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ޔަޤީންކަން ޔުމާންގެ ހިތް އިތުރަށް ނުތަނަވަސް ކުރުވިއެވެ. ލަސްލަހުން ފިޔަވަޅުތައް ނަގަމުން އައިސް ރިޔާޒުގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ޔުމާންގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. ކަރުނައިން ދެލޯ ފުރި، ބަންޑުންވާކަށް ގިނައިރެއް ނުނެގިއެވެ.

"ކާކު؟..." ޔުމާންއަށް ހިންދިރުވައިލެވުނެވެ. އޭރު ނޭނގޭ ބިރުވެރިކަމަކުން މުޅި މީހާ ވަށާލާފައިވާ ކަމުގެ އިޚްސާސް ކުރެވެމުން ދިޔައެވެ.

ޔުމާންގެ ހިތުގެ ކަނަކުން ބުނަމުންދިޔައީ އެމީހަކީ އިވްޔާއަށް ވެދާނޭ ކަމެވެ. އެހެންވެއްޖެނަމަ، އޭނަ ދުނިޔެއިން މޮޔަވެދާނެއެވެ. ދެމީހުންގެ ކައިވެނި ޙަލާލުނުވާ  ޙާލު އޭނަގެ ދަރިއެއް އިވްޔާގެ ބަނޑުން އުފަންވެސް ވީއެވެ. ޔުމާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ބޮލަށް ބާރުކުރަން ފެށުމާއިއެކު އިސްކުރެވުނީ ރުޅިވެރިކަމެވެ. ހުރިހާ ކަމެއްވީ އޭނަގެ މައިންބަފައިން ކަންކަން ސިއްރުކުރުމުންނެވެ. މިއަދު ދެން އޭނަ ދުނިޔެއަށް ދައްކާނެ މޫނެއް ނެތެވެ. ގޮތް ހުސްވެއްޖެއެވެ. ހަތަރުފަރާތުން އައިސް މުޅި މީހާ ވަށައިލީއެވެ.

"އެމީހަކީ އިވްޔާތަ؟... އިވްޔާ ހޭ؟..." ރިޔާޒުގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޔުމާން ހަޅޭއްލަވައިގަތެވެ.

********

ހުޅުމާލޭގެ އެންމެ މަޝްހޫރު ރެސްޓޯރެންޓް "ޒެޑް ބީ" ގެ ހިތްގައިމު މާހައުލުގައި ރިޒްވީން އާއި އިވީޝާ ތިބިއިރު، މޭޒުމަތީގައި އާވި އަރައަރައި ހުރި ދެ ކޮފީތަށި ހުއްޓެވެ. އިވީޝާ އިނީ ކުރިމަތިން ފެންނަން އޮތް ސާފު މޫދާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މާލޭގެ ހަލަބޮލި މާހައުލު ދޫކޮށް އެފަދަ ހިތްގައިމު މާހައުލަކަށް އާދެވުމުން އެ ސިކުނޑިއަށް ލުއިވިހެންވެސް ހީވިއެވެ.

އިވީޝާ ތެދުވިއެވެ. އަރައިގެން ހުރި ފައިވާން މޭޒު ކައިރީގައި ބޭންދުމަށްފަހު، މޫދާއި ދިމާއަށް ހިނގައިގަތެވެ. ހުސްފައިގައި ހުރެ، ދޮންވެލި ފަސްގަނޑުގައި ހިނގުމަކީ އޭނަ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެކެވެ.

އިވީޝާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ރިޒްވީން އިނެވެ. އެ މަޑުމައިތިރިކަން އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ކޮފީ ތަށިން އެތިފޮދެއް ބޯލުމަށްފަހު ރިޒްވީން ތެދުވިއެވެ. އިވީޝާގެ ފަހަތުން ހިނގައިގަތްއިރު، ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތަކާއިމެދު އޭނަ ދިޔައީ ވިސްނަމުންނެވެ.

އިވީޝާ ގޮސް ހުއްޓުނީ ރާޅުފަށުގައެވެ. ލައިގެން ހުރި ޖީންސް ކުޑަކޮށް އޮޅާލުމަށްފަހު ކުރިޔަށް ޖެހިލިއެވެ. ދެލޯ މަރާލަމުން އިވީޝާ މައްޗަށް ބަލައިލީ ހުރިހާ ނުތަނަވަސްކަމަކުން ދުރުވެއްޖައީމޭ ބުނާ ފަދައިންނެވެ. ރިޒްވީން އައިސް ކައިރީގައި ހުއްޓުނު ކަމުގެ އިޚްސާސް ކުރެވުމާއިއެކު އިވީޝާ ބަލައިލިއެވެ. ދާދި ކައިރީގައި ރިޒްވީން ހުރިތަން ފެނުމުން އިވީޝާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އެއަށްފަހު އަނެއްކާވެސް އެނަޒަރު މޫދަށް ހުއްޓައިލިއެވެ.

"އިވީޝާ..." ރިޒްވީން ގޮވާލި އަޑު އިވިފައި އިވީޝާ މަޑުމަޑުން ބޯޖަހައިލިއެވެ.

"އަހަންނަށް އެނގޭ އިވީޝާވެސް މިކައިވެނި ކުރަން ބޭނުން ނުވާކަން... މީ އަހަރެންވެސް ބޭނުންވެގެން ކުރަންއުޅޭ ކަމެއް ނޫން... މީ އަހަރެން، އަހަރެންގެ ކޮއްކޮއަށްޓަކައި ކޮށްދޭ ކަމެއް... އިވީޝާ ތިގޮތަށް ނުކައި ރުޅިހަދައިގެން އުޅެންޏާ، އިވީޝާގެ ބައްޕަގެ ޚިޔާލު ބަދަލުވެދާނެ... އޭރުން އަނެއްކާ ރައިންގެ ޚަޔާތް..." ރިޒްވީން ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނަ އެހުރިހާ ކަމެއް ކުރަނީ ރައިންއަށް ދެރަގޮތެއް ވާން ނޭދޭތީއެވެ.

އިވީޝާ އާއި ދިމާއަށް ރިޒްވީން ބަލައިލިއެވެ. އޭރު އިވީޝާ ހުރީ އިސްޖަހާލައިގެންނެވެ. ފައިގެ އިނގިލިތައް ވެލިގަނޑުގެ ތެރެއަށް ކޮށްޕާލައިގެން ހުރިއިރު، އިސްޖަހައިގެން ހުރުމުން އެމޫނުމަތީގެ ކުލަވަރު ތަރުޖަމާ ކުރާކަށް ރިޒްވީންއަކަށް ފަސޭހައެއް ނުވިއެވެ.

"ކޮއްކޮ އަބަދުވެސް އުޅުނީ ވަރަށް ހިތްދަތި ދިރިއުޅުމެއް... މަންމައެއްގެ ލޯބިން މަޚުރޫމްވުމަކީ ކިހާ ވޭންހުރި ކަމެއްކަން އިވީޝާއަށްވެސް އެނގޭނެ ކަންނޭނގެ... އަހަރެން ބޭނުމެއް ނޫން މިއަދު އަނެއްކާވެސް އެ ކޮއްކޮ އެއްވެސް އުފަލަކުން މަހުރޫމްވެގެން ދާތަން ދެކޭކަށް..."

"އިވީޝާ..." ވާހަކައިގެ ތެރެއިން ރިޒްވީން ގޮވައިލިއެވެ.

ކުޑަކޮށް ތެޅިގަނެފައި، އިވީޝާއަށް ރިޒްވީން އާއި ދިމާއަށް ބަލައިލެވުނެވެ. އޭރު އެދެލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަޞަރު ވިއެވެ. ރިޒްވީންގެ އަޑުގައި ހުރި ވޭން އިވީޝާއަށް އިޚްސާސް ކުރެވުނެވެ. އަރުތެރެ ބެދިގެން ދިޔައީ އޭނަގެ ސަބަބުން އެންމެންގެ ޚަޔާތަށް ވަރުގަދަ ޒަލްޒަލާއެއް އައިކަން އެނގުމުންނެވެ.

"އަހަރެން އިވީޝާދެކެ ލޯބި ނުވިޔަސް، ފިރިއެއްގެ ޒިންމާތައް އަދާކޮށްދޭނަން... އިވީޝާގެ އެއްވެސް މިނިވަން ކަމަކަށް ހުރަސް އަޅާކަށްވެސް ނެތިން... ރައިންގެ ކައިވެނި ކުރެވޭ ދުވަހު އަހަރެމެންވެސް ކައިވެނި ކުރުން އެއީ އިވީޝާގެ ބައްޕަ ބޭނުންވާ ގޮތް..." ރިޒްވީން ހުރީ އިވީޝާގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރިއިރު، އިންތިޒާރު ކުރަމުންދިޔައީ އިވީޝާގެ ޖަވާބަކަށެވެ.

"ބައްޕަ އެއުޅެނީ އަހަންނާ ހެދި އުނދަގޫވެގެންތަ؟... ސިއްރުން ހުރިހާ ކަމެއް ނިންމާލާއިރު އަހަރެން ކައިރީ ބުނެލުންވެސް ބައްޕައަކަށް މުހިއްމެއް ނުވި... ކީއްވެ؟..." އިވީޝާގެ ހިތުގައި ޝަކުވާތައް ފުނިޖެހެމުން ދިޔަނަމަވެސް ދުލާއި ހަމައަށް ގެންނާނޭ ހިތްވަރެއް ނުލިބުނެވެ.

އިވީޝާ އެއްޗެއް ބުނޭތޯ ރިޒްވީން ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. އެހެނަސް އެ ވަގުތެއް ނައެވެ. އިސްޖަހައިލިގޮތަށް އަތުގެ އިނގިލިތަކާއި ކުޅެލަކުޅެލައި ހުރީއެވެ.

"ވިސްނާލާފަ ޖަވާބެއް ދިނަސް އެންމެ ރަނގަޅު... އަހަރެން އުއްމީދުކުރަން މާދަމާ ރޭގެ ކުރިން ޖަވާބެއް ލިބޭނެކަމަށް..." މޭޒާއި ދިމާއަށް ހިނގައިގަންނަމުން ރިޒްވީން ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ގަދަކަމުން ވަންނާކަށް..." އިވީޝާގެ އަޑުގައި މާޔޫސްކަމުގެ އަޞަރު ވިއެވެ.

ރިޒްވީންގެ ފިޔަވަޅުތައް ހުއްޓުނެވެ. އަނބުރާލާފައި ގޮސް އިވީޝާގެ ކުރިމަތީގައި ހުއްޓިފައި އެމޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ.

"މިއިން އެއްވެސް ކަމެއްގަ އިވީޝާގެ އެއްވެސް ކުށެއް ނެތް... މިހާރު އަހަރެންވެސް ބޭނުންވަނީ ރީތި ދިރިއުޅުމެއް ފަށަން... ހިނގާ... ކޮފީ ތަށި ހިހޫވެދާނެ..." ހިނިތުންވެލަން މަސައްކަތް ކުރަމުން ރިޒްވީން ބުންޏެވެ.

********

ކައިވެނީގެ ތައްޔާރީތަކުގައި އެންމެން އަވަދިނެތި އުޅުނެވެ. ސަލްމާ ފިޔަވައެވެ. ކޮޓަރިންވެސް ނުކުންނާކަށް ސަލްމާ ބޭނުމެއް ނުވިއެވެ. ސަލްމާ ހުރީ އެންމެން އައިސް އޭނަގެ ކައިރީގައި އާދޭސް ކުރާނެ ކަމަށް ހީކޮށްގެންނެވެ. ޚާއްސަކޮށް ނަޝީދު އިސްވެ، އޭނަގެ ކައިރީގައި އެކަންކަމުގައި އުޅެން އެދޭނޭ ކަމަށެވެ. އަމިއްލައަށް ރުޅިގަނޑު ފިނިކޮށްފައި ނުކުންނާކަށް ސަލްމާ ބޭނުމެއް ނުވެއެވެ. އެކަމަކު ކަންތައްވީ އޭނަ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ކައިވެންޏަށް އެއްދުވަހަށް ވީއިރުވެސް، އެއްވެސް މީހެއްގެ ދުލުން އޭނަގެ ކައިރީގައި އެކަމާއި ގުޅުވައިގެން އެއްވެސް އެއްޗެއް ނުބުންޏެވެ. ކޮޓަރިއަށް ވަދެވަދެފައި ނުކުންނައިރުވެސް، ނަޝީދުއަށް ސަލްމާ އެ ކޮޓަރީގައި އުޅޭހެންވެސް ހީނުވެއެވެ. އެންމެފަހުން ސަލްމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ނަޝީދު އޭނަ ދުރުކޮށްލިވަރު ފެނި މާބޮޑަށް އެ ހިތުގައި ޖެހުނީއެވެ.

"އެއްވެސް މީހަކަށް އަހަރެން މީ މުހިއްމު މީހަކަށް ނުވަނީތަ؟... އެހާ ބޮޑުކަމެއް ހިނގައިގެން ދާއިރު، އަހަންނަށް އަންގާލާނެ މީހަކުވެސް ނުވޭ..." ނަޝީދު އައިސް ކޮޓަރިއަށް ވަނުމާއިއެކު ސަލްމާ ކުދިކިޔަން ފެށިއެވެ.

ނަޝީދުގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އެއްޗެއް ނުބުނެ ދާން އުޅެފައިވެސް މަޑުކޮށްލިއެވެ. ސަލްމާ ކަންތައް ކުރާގޮތުން ނަޝީދު ހުރީ ފޫހިވެފައެވެ. ރައިން އަށާއި ރިޒްވީންއަށްވެސް ސަލްމާއަށް އެއްވެސް ކަމެއް ޚިއްސާކުރުން މަނާކުރީ އޭނައެވެ. އެއީ ސަލްމާއަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކޮށެވެ.

"ސަލްމާއަށް އެބަ އެނގޭތަ ސަލްމާއަށް ތިކިޔޭ އެއްޗެއް... ދަރިންގެ ކަންތަކުގަ މަވެސް މިއުޅެނީކީ ކޮންމެހެން އެކުދިން ބުނެގެނެއް ނޫނޭ... ދަރިންނަށް ކޮށްދޭންޖެހޭ ކަންތައް މަށަށް އެނގޭތީ..." މަޑުވެސް ކޮށްލުމެއްނެތި ނަޝީދު ގޮސް ވަނީ ފާޚާނާއަށެވެ. ނުކުތްއިރުވެސް، ސަލްމާ ހަމަ އެ ހުރިތަނުގައި ހުއްޓެވެ.

"އަހަރެން އެ އިވްޔާދެކެ ރުޅި އަންނަ ސަބަބު އެނގެއެއްނު... އޭގެ މާނައެއް ނޫނެއްނު އަހަރެންގެ ދަރިންދެކެ އަހަރެން ރުޅި އައީއޭ... އެއްވެސް ކުއްޖަކުވެސް އަހަންނަކާ އަނގައިން ނުބުނެއޭ... ބަލަ އަހަރެންމީ އެކުދިންގެ މައިމީހާއޭ..." ސަލްމާ އައިސް ނަޝީދުގެ ކުރިމަތީގައި ހުއްޓުނެވެ. ހިތުގައި ޖެހުނުވަރުން އަރުބެދޭގޮތްވެ، އިސާހިތަކު ދެލޯ ކަރުނުން ފުރާލިއެވެ.

"ސަލްމާ..." ނަޝީދު ދޫކޮށްލީ ފުން ނޭވާއެކެވެ.

"އަހަންނަށް އެނގޭ ސަލްމާވެސް އެކުދިންދެކެ ލޯބިވާކަން... ލޯބިވާތީކަން އެކަހަލަ ކަންކަމަށް ބާރު ފޯރުވަނީ... އެކަމަކު އެއީ އެކުދިންގެ ދިރިއުޅުން... ހެޔޮ ގޮތުގައި ދިރިއުޅުމެއް ފަށަން އެކުދިން އެ މަސައްކަތް ކުރަނީ... ދަރިންގެ ޒާތީ ކަންކަމާއި މައިންބަފައިން ނުފޫޒު ފޯރުވަން ވެއްޖެއްޔާ، ކިތަންމެ ރަނގަޅު ދަރިއެއް ވިޔަސް ކެތްކުރާނީ ވަކި ވަރަކަށް... ބައެއް ފަހަރު ޖެހޭނެ އަހަރެމެން ބޭނުންވާ ގޮތް ދޫކޮށްލާފަ އެކުދިންގެ އުފާތަކަށްވެސް އިސްކަންދޭން..." ނަޝީދުގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"އަދިވެސް ވަގުތު ފާއިތެއް ނުވޭ... ދޭ... ގޮސް އެކުދިންގެ އުފާތަކުގަ ބައިވެރިވެލާ ހަދާލާ... ދަރިންނާ ގުޅިގެން އުޅުންހާ އުފާވެރިކަމެއް މިދުނިޔެއަކު ނުވޭ... އެކުދިންވެސް ސަލްމާދެކެ ހާދަ ލޯބިވެޔޭ..." ނަޝީދު ހިނިތުންވެލިއެވެ.

ދުވަސްކޮޅަކަށްފަހު ނަޝީދު ވާހަކަދެއްކުމުން ސަލްމާއަށް އުފަލުން ރޮވުނެވެ. ނަޝީދުގެ މޭގެ ތެރޭގައި މޫނު ފޮރުވާލައިގެން ހުރެ، އެތައް އިރަކު ރުޔެވެ. އެންމެންނާއި އެކަހެރިވެގެން ސަލްމާ ހޭދަކުރީ ޚަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ. އެކަމުން އޭނައަށް ލިބުނީ ހިތުން ނުފިލާ ވަރުގެ ފިލާވަޅެކެވެ. ނަޝީދު އެބުނިހެން ދަރިންނާއި ގުޅިގެން އުޅުންހައި އުފާވެރިކަމެއް މިދުނިޔެ މަތީގައި ނުވެއެވެ.

********

ރައިން ގުޅާފައި ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން އިވްޔާ ހުރީ ގެއިން ބޭރަށް ނުކުމެއެވެ. އިންތިޒާރުގެ ވަގުތުތައް ގުނަގުނައި ހުއްޓައި ސައިކަލުގައި އައިސް މަޑުކޮށްލި ރައިން ފެނި އިވްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަޑު އަޅިކުލައަކަށްދާ ޖީންސަކާއި، ހަމަ އެކުލައިގެ ޓީޝާޓެއްގައި ރައިން ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ވަކީން ފުރިހަމަވެފައިވީ އެ ތުންފަތް މައްޗަށް ވެރިކުރުވައިގެން އިން ހިނިތުންވުމެވެ. އަނގަ ހުޅުވުނު ގޮތަށް ލައްޕަންވެސް ނޭނގިފައި އިވްޔާއަށް ހުރެވުނީ ރައިންއަށް ބަލާށެވެ.

އިވްޔާ ބަލަން ފެށުމުން ރައިންގެ ހިތް އުފަލުން ނަށައިގަތެވެ. ސައިކަލުގެ ހުންގާނުގައި އެއް އަތް އަޅުވައިލަމުން އިވްޔާ އާއި ދިމާއަށް އެއްލޯ މަރައިލިއެވެ. އެއާއިއެކު އިވްޔާ އަވަސް އަވަހަށް ނޫންކަމަށް ހަދައިލިއެވެ. އެތަން ފެނި ރައިންއަށް ހެވުނެވެ.

"ހޭންޑްސަމްވީމަ ހިތް ކީތަ؟..." ރައިން ސަމާސާ ކޮށްލިއެވެ. ރައިން ވާހަކަ ދައްކައި ނުނިމެނީސް އިވްޔާ އޭނާގެ އަނގަޔަށް ގޮތެއް ހަދާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

"ޔޫ ލުކް ޕްރިޓީ..." ރައިންގެ އެ ޖުމްލަ އާއިއެކު އިވްޔާ ލަދުން އިސްޖަހައިލިއެވެ.

"ކީއްވެ ސައިކަލުގަ ތިއައީ؟ ކޮންއިރަކު ލައިސަންސް ނެގީ؟... " މައުޟޫޢު ބަދަލުކޮށްލުމުގެ ގޮތުން އިވްޔާ ފެށީ އެހެން ވާހަކައެކެވެ.

"ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެތީ ބިރުގަތީ..." ރައިން ފެށީ ހޭށެވެ. ރައިންގެ ސަމާސާ މިޒާޖު އިވްޔާއަށް ވަރަށް ކަމުދިޔައެވެ. އެފަދަ ސަމާސާ ކުރުންތަކަށް ހޭނެން ފެށިއެވެ.

"ލައިސަންސް ލިބުނީ މިއަދު... މަ ބޭނުމެއް ނޫން ދެން އެހެން މީހެއްގެ ސައިކަލު ފަހަތުގައި ޕްރިންސަސް ބައިންދާކަށް... އެހެން ނޫނަސް ތީ މިހާރު ހަމައެކަނި މަގޭ ޙައްޤެއް..." މޭގައި އަތުން ޖަހައިލަމުން ރައިން ބުންޏެވެ.

ރައިންގެ އެ ޖުމްލަ އާއިއެކު އިވްޔާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ރައިން ދެއްކީ ޔުމާންގެ ވާހަކަ ކަން އެނގުމުންނެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ އިވްޔާ ހޭތަން ފެނި ރައިން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ޔުމާން އާއެކީ ދިޔައީމަ ބޮކި ދިއްލުނީތަ؟... މިހާރުވެސް ދިއްލިފަ ދޯ؟..." ހެމުން ހެމުން އިވްޔާ ބުންޏެވެ.

"މީނީ ދިއްލިފަ އެއްނު..." ސައިކަލަށް އިޝާރާތް ކުރަމުން ރައިން ބުންޏެވެ.

"ދެންވެސް އާދެބަލަ ދުއްވާލަން ދާން... އެހެންނޫނީ އެހެން ކުއްޖަކު ގޮވައިގެން ހިނގައިދާނަން..." ރައިން އިންޒާރު ދިނީ ލޯބިންނެވެ.

ސައިކަލާއި ދިމާއަށް އިވްޔާ ހިނގައިގަތުމާއިއެކު މަޑުކޮށްލުމަށް އެދިފައި، ރައިން އަވަސްއަވަހަށް ސައިކަލުގެ މަޑި ފުހެލަދިނެވެ.

"މީ ހަމަ މިއަދު ނެގި ސައިކެއް... ފުރަތަމަވެސް މިއައީ ޕްރިންސަސް އާއިއެކީ ދުއްވާލަންދާން..." ރައިން ހިނިތުންވެލިއެވެ.

އިވްޔާ ހުރީ ހިނިތުންވެލައިގެންނެވެ. ރައިން އުޅޭލެއް ލޯބިކަމުން އޭނައަކީ އިއްޒަތްތެރި ރާނީއެއްހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ.

އިވްޔާ ސައިކަލަށް އެރުމުގެ ކުރިން، ރައިން އަވަސްވެގަތީ ސައިކަލު ސްޓާޓް ކުރާށެވެ. އެވަގުތު ފަހަތުން މީހަކު ވަރަށް ބާރަށް ކޮނޑުމަތީގައި ޖަހައިލުމާއިއެކު ރައިން ސިހުނެވެ. ކުޑަކޮށް ހަޅޭއްލަވައިގަނެފައި ފަސް އެނބުރި ބަލައިލި ވަގުތު ފެނުނު ސޫރައަކުން ރައިންއަށް ތެޅިގަނެވުނެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

7 ޚިޔާލު

  1. ❤️Story lover ❤️

    ❤️❤️❤️

  2. Sheen

    Ain….. Kaakubaa?? Hama neyvaa hifahattaalanjehey vaguthu kolheh.. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 Dhen ekamves vaahaka midhaagiiy vvvv habeys 💕💕💕💕💕💕💕💕💕💕💕💕💕💕💕 Vvvv interesting. Hurihaa kamehves hama v perfect.. 😍😍😍😍😍😍😍😍😍💙💙💙💙💙💙💙💙💙💙💙💙💙💙💙 Waiting for the next part 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  3. 💜🌹💙

    Maasha Allah vvvv furihama ingey. Vvv reethi

  4. 💕 besty 💕

    Wow wow wow vvvvv furihama ingey.. Komme jumulaehvea hama ehaa interesting.. Jumulathah liyelaada hunna gothun vvvv salhivey story ithurah. My dear believe me. Thee hama emme best emme perfect meehaa 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 V inthizaaru kuran Tuesday ah. Keep it up my dear. 😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘

  5. ލަމް

    ހިތަށްއަރާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. އަހަރެންގެ ހިތް މިވަނީ ހަމަ ތައުރީފުން ފުރިފައެވެ. މާޝާﷲ އޭޝް ވަރަށް ހުނަރުވެރިއެވެ. ތިޔައީ ހަމަ މި ފަންނުގައި ތަރިއެކެވެ. ވާހަކަ ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. މިވަގުތަށެވެ 😘😍

  6. Anonymous

    ވަރަށް ވަރަށް ރީތި. ކުރިޔަށް އޮތް ބަޔަށް އިންތިޒާރުގަ

  7. Naju

    Masha Allah v v v furihama vefa rythi mi story n v v v curious vehje eyee kaaku thw balaalaa hiyy 😘😘😘😘