loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...36

ފެވިފާ ތިނަންވޭ މިހިތުގާ...36

23 comments

އިވްޔާ ނެގިމަޑުވެފައި ހުންނާތީ، ރައިންއަށް އެނޫންކަމަކާއި ނުވިސްނެއެވެ. ވަކީން ޙާއްސަކޮށް ރައިން ކަންބޮޑުވީ ރިޒްވީން އިސްވެ ވާހަކަ ދެއްކުމުންވެސް އިވްޔާ އެތަނަކުން ދުރައްދާކަށް ފާހަގަކުރެވުމުންނެވެ. އެކަމާއި ގުޅުވައިގެން އިވްޔާ އާއި ސުވާލުކުރަން އުޅެފައިވެސް އޭނަ އެކަން މަޑުޖައްސައިލީ ކައިވެނީގެ ކުރިން އިވްޔާ ހިތްހަމަނުޖެހޭފަދަ ކަމެއް ވާން ބޭނުން ނުވާތީއެވެ. ރައިން ގަބޫލުކުރީ އިވްޔާ މާބޮޑަށް ހާސްވުމުން ވާގޮތެއް ކަމަށެވެ.

********

ޔުމާން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އެއްއަތް ނިތްކުރިމަތީގައި ބާއްވާލައިގެން އޮތްއިރު، އެ ނަޒަރު އަމާޒުވެފައިވަނީ ސީލިންގްގައި ހަރުކޮށްފައިވާ ފަންކާއަށެވެ. އެސިކުނޑި ވަނީ ބޮޑު ހައިޖާނު ގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. ހަޤީގަތް އެނގުމުން އެއްވެސް މީހަކާއި ކުރިމަތިލާނޭހައި ހިތްވަރުވެސް އެ ހަށިގަނޑުގައި ނެތެވެ.

ކޮޓަރިތެރޭގައިވީ ހަމަހިމޭންކަމެވެ. ހަމައެކަނި އިވެމުން ދިޔައީ ޔުމާންގެ ނޭވާގެ އަޑު އެކަންޏެވެ. ފާއިތުވެދިޔަ އެއް ހަފުތާގެ ތެރޭގައި ޔުމާން ވަނީ އެ ހަމަހިމޭންކަމަށް ހޭނިފައެވެ. އެންމެންނާއި އެކަހެރިވެގެން އޭނަ ވޭތުކުރަމުން އެދަނީ ޙަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ.

އެކަނި އޮވެ ފިކުރުކުރުން ނޫންކަމެއް ޔުމާންއަކަށް ނުކުރެވެއެވެ. ހުރިހާ އުފާތަކުން އަމިއްލައަށް މަޚުރޫމްވެގެން އޮންނަންވުމުން ޔުމާންގެ ޙާލަތު ދިޔައީ ގޯސްވަމުންނެވެ. މުޅި މީހާ ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގޮސް، ދުވަހަކު އަރައިނުގަނެވޭނޭ ފައްތަރަކަށް ވެއްޓެމުން ދިޔައެވެ. ޙުދު އަމިއްލަ ނަފުޞަށްވެސް އެނގުމެއް ނުވާ ޚާލުގައެވެ.

ޔުމާން ސިހުނީ ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނާއިކްގެ ނަން ފެނި، ޔުމާންއަށް ހިންދިރުވައިލެވުނެވެ. ނާއިކް އާއި ރައިންގެ އެއްވެސް ކޯލަކަށް އޭނަ ޖަވާބެއް ނުދޭތާ ހަފްތާއެއް ވީއެވެ. ގުޅަނީ ކީއްވެކަން އެނގޭތީ ޖަވާބުދޭން ބޭނުން ނުވީއެވެ. ކަމެއް ދިމާވިޔަސް އެހީވާން ތިބޭނެ ހަމައެކަނި ބަޔަކީ އެއީކަންވެސް ޔުމާންއަށް އެނގެއެވެ. ފޯނަށް ޖަވާބު ނުދެވޭތީ، ދެރަވެސް ވެއެވެ. އެހެންނަމަވެސް ހިތްމަތީގައި އަތްއަޅައިގެން ކެތްތެރިވަނީ، އެ ފޯނަށް ޖަވާބުދީގެން އެއަށްވުރެ ބޮޑު ހިތްދަތިކަމެއް ލިބުން ނޫން ކަމެއް ނުވާނެކަން އެނގޭތީއެވެ.

ދެތިން ފަހަރު ރިންގްވެފައި ފޯނު ކެނޑުނެވެ. ދެން އައީ ނާއިކްގެ މެސެޖެކެވެ. ފޮނުވާފައި އޮތީ އިވްޔާ އާއި ރައިންގެ ކައިވެނި ޙަފުލާގެ ދަޢުވަތު ކާޑުގެ ފޮޓޯއެކެވެ. އެ ދަޢުވަތު ބޮލާލައި ނުޖެހުމަށް މެސެޖުގައި ނާއިކް އެދިފައި އޮތެވެ. އެމީހުންގެ މެދުގައި ޒަމާނުއްސުރެ އޮތް ރަޚުމަތްތެރިކަމަށްޓަކައެވެ.

ޔުމާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ދަޢުވަތު ކާޑުގައިވާ އިވްޔާ އާއި ރައިންގެ ނަން ފެނި މުޅި ތަބީޢަތު ގޯސްވިއެވެ. އެއްކޮޅުން ރަޚުމަތްތެރިކަމެވެ. އަނެއްކޮޅުން ލޯތްބެވެ. ފޯނު ދުރަށް ހޫރައިލަމުން ޔުމާންއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އޭރު ހަތަރުފަރާތުން ބެދިފައިވާ ކަމުގެ އިޚްސާސް ޔުމާންއަށް ކުރެވެމުން ދިޔައެވެ.

ނާއިކް އެބުނިހެން އެކުވެރިންނަށްޓަކައި އޭނަގެ އުފާތައް ޤުރުބާން ކުރަންވީ ހެއްޔެވެ؟ އެހިތުގައި އުފެދުނު ލޯބި، އުފަން ނުވަނީސް ކަފުން ކުރަންވީ ހެއްޔެވެ؟ އެހުރިހާ ކަމެއް އޭނަ ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ހިތްވަރު އޭނަގެ ހުރެދާނެ ހެއްޔެވެ؟ އޭނައަކީވެސް އިންސާނެކެވެ. ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން ދަނީ ލޯތްބަށް އެދި ފެންބޮވައިގަނެފައިވާ ހިތެކެވެ. ވީއިރު އެ ހިތުގެ އުފާތަކުން މަޚުރޫމްކުރުމަށް އޭނައަށް އެއްބަސްވެވޭނީ ކިހިނަކުން ހެއްޔެވެ؟

ޔުމާންގެ މޭގައި އުފެދެމުންދިޔަ ރިހުން ގަދަވެ، ބޮލަށް ބާރުކުރަން ފެށިއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަށްވެސް ހިތަށް ރަޚުމު ނުކުރާ ކަހަލައެވެ. ދެކޯތާފަތުން ރޮނގަކަށް ވާހެން އޮހެރެމުންދިޔަ ކަރުތަކަކަށް ނިމުމެއް ނައެވެ. އަމިއްލަ ހަށިގަނޑަކަށްވެސް ބާރެއް ނުފޯރުވުނެވެ. އެކަނިވެރިކަން ފިޔަވައި އިތުރު އެއްޗެއް ޔުމާންގެ ދިރިއުޅުމުގައި ނުވާ ކަހަލައެވެ. ޔުމާން އެންމެ ލޯބިވީ އޭނަގެ މަންމަ ދެކެއެވެ. ދުނިޔެއިން އެންމެ އިތުބާރުކުރި މީހަކީވެސް އެއީއެވެ. އެހެންނަމަވެސް އާޚިރުގައި އެ މަންމަވެސް ވީ އޭނަ ހީކުރިފަދަ މާތް މީހަކަށް ނޫނެވެ.

ކޮޓަރި ދޮރުގައި ޓަކިޖަހާލި އަޑު އިވުނީ ޔުމާން އެހެން ހުއްޓައެވެ. ކަރުނަތައް ފޮހެލުމަށްފަހު ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ޔުމާން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ރިއްފަތެވެ. އެ މޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. ޔުމާން އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ރިއްފަތު ފެނިފައި ޔުމާންގެ މޫނުމަތިން އެއްވެސް އަޞަރެއް ނުފެނުނެވެ.

"ޔުމާން... ކޮއް..ކޯ..." ރިއްފަތު އެއްޗެއް ބުނަން އުޅުނެވެ.

ކުއްލިއަކަށް ޔުމާން ބަލައިލިތަން ފެނިފައި ރިއްފަތު ހުއްޓުން އެރިއެވެ. ބުނަން އުޅުނު ބަސްތައްވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ. މައިންބަފައިންގެ ލޯތްބެއް ނުލިބި އެހުރިހާ ދުވަހު އޭނަ އުޅުނީ ބައެއްގެ އަޅަކަށް ވެގެންނެވެ. ދިރިހުރުމުގެ އުއްމީދު ގެއްލި، ލެއްވިހާ ނުބައި ކަމެއް ކުރަމުންދިޔައީ ކުޑައިރު ލިބުނު އަނިޔާގެ ސަބަބުންނެވެ. އަޅާލާނެ މީހަކު ނެތި މަގުފުރެދިގެން ދިޔައީ އެއްވެސް މީހެއްގެ ލޯބި ނުލިބުނީތީއެވެ. ހަޤީގަތް އޮޅުވާލައިގެން އޭނަ ލައްވައި ރިޔާޒު ވަނީ އެތައް ގޯހެއް ހަދުވާފައެވެ. ރިޔާޒުގެ މަކަރުވެރިކަމުގެ ދަލުގައިޖެހި، އޭނައަށް ގެއްލުންދެވިފައިވަނީ އޭނަގެ އަމިއްލަ އާއިލާއަށެވެ. އެއްވެސް ކުށެއްނެތް އޭނަގެ ދެ ކޮއްކޮއަށެވެ.

ހަޤީގަތް އެނގުމަށްފަހު، ހުރިހާ ކަމެއް ހަމައަކަށް އަޅުވަން ރިއްފަތު ބޭނުންވިއެވެ. ހުރިހާ ނުބައި ކަމަކުން ދުރުވެ، އާއިލާ އާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދުވަހަކަށް އޭނައަށް އިންތިޒާރު ކުރެވެއެވެ. އެހެންނަމަވެސް މާޒީގައި އޭނައަށް ހެދިފައިވާ ގޯސް، އެހުރިހާ ކަމަކަށް ހުރަސްއަޅާނެކަން އޭނައަށް އެނގެއެވެ.

ޔުމާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ވެދިޔަ ހުރިހާ ކަމެއްގައި ރިޔާޒާއި އެއްވަރަށް ރިއްފަތުގެވެސް ޚިއްސާ އެބައޮތެވެ. ނޭނގިނަމަވެސް ރިއްފަތަށް ހެދިފައިވާ ގޯހުގެ ސަބަބުން އޭނަގެ ދިރިއުޅުން ދުވަހަކު އަރައި ނުގަނެވޭ ފައްތަރަކަށް ވެއްޓިއްޖެއެވެ. އޭނަގެ މުޅި ދިރިއުޅުމުގައި އެވަނީ އެ ޒަހަރުގެ އަޞަރެވެ.

މާޒީ އަނބުރައި އިޢާދަ ނުކުރެވުނަސް، ރިއްފަތަށް އެހާ ފަސޭހައިން މަޢާފުދޭކަށް ޔުމާން ބޭނުމެއް ނުވިއެވެ. ދަތްތަކަށް ބާރުކޮށްލުމާއިއެކު ޔުމާންގެ އަނގައިން ނުކުތީ އެންމެ ޖުމްލައެކެވެ.

"ދުވަހަކުވެސް މަޢާފެއް ނުކުރާނަން..."

********

ކައިވެނިކުރުމަށް ހަމަޖެހިފައި އޮތީ ރިސޯޓެއްގައެވެ. މާބޮޑު ޕާޓީއެއް ބާއްވަން އިވްޔާ ބޭނުން ނުވިނަމަވެސް އެހެން މީހުންނާއި ދޭތެރޭގައި ވިސްނާފައި އެގޮތާއި އެއްބަސްވީއެވެ. ފުރުން އޮތީ ރޭގަނޑު ހަތްގަޑި ބައިގައެވެ. ލޯންޗް ހަމަޖައްސާފައިވަނީ ކޮންމެ އާއިލާއަކަށްވެސް ވަކިންނެވެ.

ތައްޔާރުވެލައިގެން ޝިރުވާ ނުކުތްއިރު، ދޮރުމަތީގައި ނާއިކް ހުއްޓެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއިއެކު މެރޫންކުލައިގެ ޓައީއެއް އަޅައި، ބެގީކޮށްފައެވެ. ދެއަތް ޖީބަށް ކޮއްޕާލައިގެން ހުރިގޮތުން އެރީތިކަމަށް ޝިރުވާއަށް ހިތުގެ އަޑިން ތަޢުރީފުކުރެވުނެވެ. ހަމައެގޮތަށް ޝިރުވާ ފެނިފައި ނާއިކްއަށްވެސް ހުރެވުނީ އާޝޯހުވެފައެވެ. ކަޅު ރަތްކުލައިގެ ކުޑަ ވިދުމެއް ހުރި ދިގު ހެދުމުގައި ޝިރުވާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ގަހެއްގައި ފަރިވެ ފޮޅިފައިވާ ރަތްފިނިފެންމަލެކޭ އެއްވެސް ތަފާތެއް ނެތެވެ. އާއްމުކޮށް އެއްވެސް ވަރަކަށް މޭކަޕް ނުކުރާ ޝިރުވާގެ ތުންފަތުގައި ރަތްކުލަ ޖައްސާފައި ހުރުމުން އާދަޔާ ޚިލާފަށް އެ ރީތިކަން އިތުރުވެފައިވާހެންވެސް ނާއިކްއަށް ހީވިއެވެ.

"ތަލިން ކުޅުހިކިފައި ހުއްޓަކަސް ނުވާނެ... އަވަސްކުރޭ... އިންނަން އަހާ... ތެޔޮނާށި ކާޅު ޖަހައިގަނެފާނެ... އެކަހަލަ ކަމަކަށް މިއަށްވުރެ ރަނގަޅު ފުރުޞަތެއް ދެން ނުލިބޭނެ..." ނާއިކްގެ ސިކުނޑި ގޮވަމުން ދިޔައެވެ.

"މަޑުކޮށްބަލަ އަހާނަމޭ..." ނާއިކްއަށް ބުނެވުނެވެ.

"ކީކޭ އަހާނަމޭ؟..." ވާނުވާ ނޭނގިފައި ޝިރުވާ ސުވާލުކޮށްލިއެވެ.

ނާއިކް ކުޑަކޮށް ހާސްވާގޮތްވިއެވެ. މުޅި މީހާ ފިނިވެފައިވާ ޙާލު މަޑުމަޑުން ކަރު ކެހިލިއެވެ. ފިނޑިވެގެން އެއްވެސް ކަމެއް ނުވާނޭކަމަށް ހިތް ބުނަމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ނާއިކް އޭނާގެ ޖީބުން ނެގީ ކުޑަ ފޮއްޓެކެވެ. ޝިރުވާއަށް ވިސްނައިލާނޭ ފުރުޞަތެއްވެސް ދިނުމެއްނެތި، އެއްފައި މައްޗަށް ވާހެން ޝިރުވާގެ ކުރިމަތީގައި އިށީނެވެ. އެއަށްފަހު ދެލޯ މަރައިލަމުން ފޮށީގެ މަތި ހުޅުވައި ޝިރުވާ އާއި ދިމާއަށް ދިއްކޮށްލިއެވެ.

"މަށާ ކައިވެނި ކުރަން އެއްބަސްތަ؟..." ނާއިކްގެ އަޑާއި އެއްވަރަށް އަތުގައިވެސް މަޑު ތުރުތުރުލުމެއް ހުއްޓެވެ.

ފޮށި ތެރޭގައި އޮތް ހުދުކުލައިގެ އެސްޖެހި އަނގޮޓި ފެނިފައި ޝިރުވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގިފައި، ނާއިކްއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އޭރު ނާއިކް ބުނި އެއްޗެއް އޭނަގެ ކަންފަތްދަށުގައި ތަކުރާރުވަމުން ދިޔަހެން ހީވިއެވެ. ޝިރުވާ އެހެން ހުރެފައި، ކުޑަކޮށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު، ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.

ނާއިކް ސިހިފައި ދެލޯ ހުޅުވައިލިއިރު، ޝިރުވާ ފެންނަންވެސް ނެތެވެ. އަނގޮޓި އާއި ދިމާއަށް ބަލައިލި ނާއިކްގެ މޫނުމަތިން ފެނުނީ މާޔޫސްކަމުގެ އަޞަރެވެ. އެހާ ގާތްކޮށް އުޅެފައި ޝިރުވާ އޭނައަށް ފުރަގަސްދިނީ ހެއްޔެވެ؟ އޭނަގެ ލޯބި ބޮލާލައި ޖެހީ ހެއްޔެވެ؟  ނާއިކްގެ ހިތަށް ތަދުވިއެވެ. ގުޑިލަންވެސް ނޭނގިފައި އިނދެވުނީ ޝިރުވާ ކަންތައް ކުރިގޮތުން ހިތަށް ލިބުނު ފުން ޒަޚަމަކުންނެވެ.

ޝިރުވާ ދުވަމުން ގޮސް ލޯގަނޑުގެ ކުރިމަތީގައި އިން އިވްޔާގެ ގައިގައި ހިފައިގަތްއިރު، ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ވީގޮތް ކިޔައިދެވުނީވެސް ދެތިން ނޭވާ އެއްފަހަރާ ބޭރުކޮށްލެވުނު ފަހުންނެވެ. ނާއިކްގެ ވާހަކަ ބުނުމުން އިވްޔާ ވަކި ޖަވާބެއް ނުދީ އިރުކޮޅަކު މަޑުކޮށްލިއެވެ. އެހުރިހާއިރު ޝިރުވާ ހުރީ އިވްޔާގެ ޖަވާބެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެންނެވެ.

އިވްޔާ ވަރަށް ބާރަށް "ޔެސް" އޭ ބުނެ ހަޅޭއްލަވައިގަތެވެ. ޝިރުވާ ދިޔައީ ސިއްސައިގެންނެވެ. ހަމަ އެހާ އަވަހަށް ޝިރުވާގެ މުޅި މޫނުމަތި އުޖާލާވެގެން ދިޔައެވެ. އިވްޔާގެ ގައިގައި ކުޑަކޮށް ބައްދައިލުމަށްފަހު ބޭރަށް ނުކުތުމަށް ދުއްވައިގަތީ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެއެވެ.

ޝިރުވާ ނުކުތްއިރުވެސް ނާއިކް ހަމަ އެއިން ގޮތަށް އިނެވެ. އިސްޖަހާލައިގެން އިންއިރު އަތުގައި އަނގޮޓި އޮތެވެ. ޝިރުވާ ގޮސް އަނގޮޓި ނަގައި އިނގިލީގައި އެޅިއެވެ.

ޝިރުވާ އާއި ދިމާއަށް ބަލައިލާފައި ނާއިކް ކުއްލިއަކަށް ތެދުވިއެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެވެ. އެއްފަހަރު ޝިރުވާއަށް އަނެއްފަހަރު އަނގޮޓިއަށް އޭނަ ބަލަމުން ދިޔައެވެ.

"ތައްޔާރު..." އިނގިލީގައި އަޅާފައިވާ އަނގޮޓި ނާއިކްއަށް ދައްކައިލަމުން ޝިރުވާ މަޑުމަޑުން ހީލިއެވެ.

********

ޝިރުވާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި އިވްޔާ ހިނިތުންވެލިއެވެ. އެކުވެރިޔާ އުފަލުގައި ލެއްވުމަށް އެދި ހިތުގެ އަޑިން ދުޢާކުރާ ޙާލުގައެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށް އިވްޔާ ބަލައިލިއެވެ. ގަޑިން ހަތެއް ޖެހީއެވެ. ކައިވެނީގެ ވަގުތު އައިސް ޖެހެނީއެވެ.

ފަހުފަހަރަށް އިވްޔާ ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް ބަލައިލުމާއިއެކު، ހިތް ނުތަނަވަސްވާން ފެށިއެވެ. އެފަދަ އުފާވެރި ދުވަހެއްގައިވެސް ހިތަށް ލިބެންވާ ހަމަޖެހުމެއް އިވްޔާއަކަށް ނުލިބުނެވެ. އެންމެފަހު ވަގުތު އޭނަގެ ނިންމުމާއިމެދު ސުވާލު އުފެދުނެވެ. ރައިން އާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ލިބިދާނެ ކަމާއިމެދު ޝައްކުވާން ފެށިއެވެ. ރިޒްވީން އާއި އެއްގެއެއްގެ ތެރޭގައި ކެތްކުރަން އޭނައަށް ފަސޭހަކަމަކަށް ނުވާނެއެވެ. ތަފާތު ފިކުރުތަކުން އިވްޔާ ވަށައިލިއެވެ. މުޅި މީހާ ހާސްކުރުވަން ފެށިއެވެ. އިވްޔާއަށް އަވަސްއަވަހަށް އެސްފިޔަ ޖަހަމުންދިޔައީ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދައިލުމަށެވެ. އެފަދަ ވަގުތެއްގައި ރޮއެގެން ކޮށްފައިވާ މޭކަޕާއި އެއްޗެހި ޚަރާބުވާކަށް އޭނަ ބޭނުމެއް ނުވިއެވެ.

ކޮންމެ ގޮތެއްވެސް ވަރިހަމަކަމަށް ނިންމައި އިވްޔާ ގަސްތުކުރީ ކައިވެނި ކުރާށެވެ. ރިޒްވީން ކުރި ކުށެއްގެ އަދަބު ރައިންއަށް ދޭން ބޭނުން ނުވާތީއެވެ. އެފަދަ ކަމެއް ކޮށްފިނަމަ އޭނަ އާއި ރިޒްވީންގެ ތަފާތެއް އެބަ އޮތް ހެއްޔެވެ؟ ރައިންއަކީ ކުށެއް ނެތް އިންސާނެކެވެ. ވީއިރު، އެހެން މީހަކު ކުރި ކުށެއްގެ އަދަބު ރައިންއަށް ލިބިގެން ނުވާނެ ނޫން ހެއްޔެވެ.

ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް އިވްޔާ ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ. އިސްތަށިގަނޑުގައި ހުޅިއެއްޖަހައި، މޫނުގެ ދެފަރާތުން ދެ އިސްތަށިކޮޅު ގެނެސް ވައްޓާލާފައި އޮތުމުން އޭނަ އާއި އެހާ ނުގުޅޭނެއޭ އިވްޔާގެ ހިތަށް އެރިއެވެ. އެހެންވެ، އިސްތަށިކޮޅު ކަންފަތް ކައިރިއަށް ޖަހައިލަމުން ދެފަރާތުން ބަލައިލިއެވެ. އެގޮތެއްވެސް ކަމަކު ނުދިޔައެވެ. އަނެއްކާވެސް އިހު ހުރިގޮތަށް ބަދަލުކުރިއެވެ. ދެން އޭނަ ބަލައިލީ ލައިގެން ހުރި ހުދުކުލައިގެ ވެޑިން ޑްރެސް އަށެވެ. އެ ހެދުމުގައި އޭނަ ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. އަންހެންވަންތަ ވެފައި، ހެދުން ހަށިގަނޑުގައި ހިފާލާފައި ހުރިގޮތުން ވަނާތައް ރީތިކޮށް ހާމަވާން ހުއްޓެވެ.

ހެދުމުގެ ދިގު ފަސްބައިގައި ހިފައި ކުޑަކޮށް ހިއްލައިލަމުން އިވްޔާ ވަށައިގެން އެނބުރިލިއެވެ. އެހާ ފަރުވާތެރިކަމާއިއެކު އެހެދުމަށް އޭނަ ބަލައިލި އެއީ ފުރަތަމަ ފަހަރެވެ. ހެދުމުގެ ތިރީބައިގައިވާ ލޭސްގަނޑުގެ ވަށައިގެން ހުދުކުލައިގެ ކުޑަ ވިދުމެއްހުރި ތުނި ރޭނދާ އެއް އަޅާފައިވާއިރު، ހެދުމުގެ ކަރާއި ދިމާއިން މޭމަތީގައިވެސް ވަނީ ހަމަ އެ ރޭނދާ އަޅާފައެވެ. ހެދުމުގެ އަތާއި މަތީބައިގައިވެސް ބޭނުންކޮށްފައިވަނީ ހުދުކުލައިގެ ޑިޒައިން ލޭސް ފޮއްޗެވެ. ހެދުމުގެ މަތީބައިގައި އެތެރެއަށް ހުދުކުލައިގެ އޮފް ފޮތި ލާފައި ވީނަމަވެސް އަތުގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ލޭސް ފޮއްޗެވެ. އެހެންކަމުން އޭނަގެ އަތްވެސް އެ ލޭސްފޮތީގެ ތެރެއިން ފެންނަމުން ދިޔައެވެ. އެހެދުމަކީ ރައިން ބޭނުންވި ގޮތަށް ފަރުމާކޮށްފައިވާ ހެދުމެކެވެ. ކުރިން އެކަންކަން އެނގުނުނަމަ އެގޮތަށް ހެދުން ފަރުމާ ކުރުމުގެ ހުއްދައެއް އޭނަ ނުދިނީހެވެ.

ކޮޓަރި ދޮރުގައި ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަތް ސާދުނާ ފެނިފައި އިވްޔާ އަވަސްއަވަހަށް ލޯގަނޑު ކުރިމަތީން ދުރަށް ދިޔައެވެ. ހިނިތުންވެލަމުން އައިސް ސާދުނާގެ ކައިރީގައި ހުއްޓުނެވެ. އިވްޔާއަށް ބަލަން ސާދުނާ ހުރިއިރު، ދެލޯ ކަރުނުން ފުރެމުން ދިޔައެވެ. އެދަރިފުޅު ކައިވެނީގެ ހެދުމުގައި ހުއްޓައި ފެނުމުން އެލިބުނު އުފާ އެމޫނުމަތިން ފެންނަން ހުއްޓެވެ.

ސާދުނާ އޭނާ ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުމުގެ ޖީބުން ނެގީ ރަން ފަށެކެވެ. ފަށުގެ ފުލުގައި އޮތީ އިވްޔާގެ ނަން ޖަހާފައެވެ. ފަށް އިވްޔާގެ ކަރުގައި އަޅުވައިދިނުމަށްފަހު އެއީ ކައިވެނީގެ ހަދިޔާ ކަމުގައި ސާދުނާ ބުންޏެވެ.

ސާދުނާ ދިޔައީ އިވްޔާއަށް އެތައް ނަސޭހަތެއް ދީފައެވެ. ކައިވެނިކޮށްގެން ފިރިމީހާއަށް ކިޔަމަންތެރިވުމާއި ދެމަފިރިންގެ ސިއްރުތައް ހިފެހެއްޓުމާއި، ޖެހޭ މައްސަލަތައް ޙައްލުކުރާނެގޮތާއި، ހަރުދަނާ ދިރިއުޅުމެއް އުޅެވޭނޭ ގޮތްތަކާއި ބެހޭގޮތުންނެވެ.

އެނދުމަތީގައި އޮތް ފޯނު އިވްޔާގެ ލޮލުގައި އަޅައިގަތީ، ސާދުނާ ކޮޓަރިން ނުކުތް ފަހުންނެވެ. ގުޅީ ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އިވްޔާގެ ކަންފަތުގައި ޖެހުނީ އޭނަ ދަންނަ އަޑެއް ނޫނެވެ. އެމީހަކު އެދުނީ ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބޭނުންވާތީ ވީއެންމެ އަވަހަކަށް ބައްދަލުކޮށްލުމަށެވެ. ފޯނުން ހުރިހާ ވާހަކައެއް ކިޔައި ނުދެވޭނެ ކަމުގައި ބުންޏެވެ. ނުދަންނަ މީހުންގެ ފޯނު ކޯލުތަކަށް ޖަވާބުދޭން ބޭނުން ނުވާތީ އިވްޔާ އަވަސްއަވަހަށް ފޯނު ކަނޑާލީއެވެ. އޭރު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިތަށް ވެރިވަމުން ދިޔައެވެ.

********

ފޯނަށް ބަލަހައްޓައިގެން ހުރި ރިއްފަތުގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. އޭނަ އިވްޔާއަށް އެތައް ފަހަރަކު ގުޅައިފިއެވެ. ވަގުތު ފާއިތުވެ ނުދަނީސް ހަޤީގަތް ހާމަކުރަން އޭނަ ބޭނުންވެއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އިވްޔާ ފޯނު ކަނޑައިލުމުން ރިއްފަތު ހުރީ ނުތަނަވަސްވާގޮތް ވެފައެވެ. ކަންތައްތައް ގޯހުންގޯހަށް ދިޔައީ އޭނަގެ ސަބަބުންނެވެ. ވީއިރު، އެހުރިހާ ކަމެއް ހަމައަކަށް އެޅުވުމަކީ އޭނަގެ ޒިންމާއެކެވެ. އިވްޔާއަށް މެސެޖެއް ފޮނުވަން އުޅެފައިވެސް ރިއްފަތުގެ ޚިޔާލު ބަދަލުވިއެވެ. އެއަށްވުރެ ރަނގަޅު ވިސްނުމެއް އެސިކުނޑިއަށް އައުމުންނެވެ.

ރިއްފަތު މަޑުމަޑުން ހިނގާލާފައި ގޮސް މަޑުކޮށްލީ ދެބުރިއަށް ހަދާފައިވާ ގެއެއްގެ ކުރިމަތީގައެވެ. ޖީބުން ތަޅުދަނޑިއެއް ނަގައި، އެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، ތަޅު ހުޅުވައި އެތެރެއަށް ވަނެވެ. ގޭތެރެއަށް ނަޒަރު ހިންގަމުން ގޮސް، މައްޗަށް އެރެންހުރި ސިޑި އާއި ދިމާއަށް ރިއްފަތު ހިނގައިގަތެވެ. އެބޮޑު ގޭތެރޭގައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ދިރޭ ފުރާނައެއްގެ ޚިލަމެއްވެސް އެގޭގައި ނުވާ ކަހަލައެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުންދިޔަ ވަރަކަށް އޭގެ ހަފްތާއެއް ކުރީގެ ހާދިސާ ރިއްފަތުގެ ކުރިމަތިން ފެންނަމުން ދިޔަހެން ހީވިއެވެ.

ރިޔާޒުގެ ހައްޔަރުގައި ރިއްފަތު ހުއްޓައި ސަލާމަތްކޮށްދިނީ ޔުމާންއެވެ. އޭގެ ފަހުގައި ރިޔާޒު ގެނެސް އެގޭގައި ބަންދުކުރީވެސް ޔުމާން އަމިއްލައަށެވެ. ޔުމާން އެކަން ކުރީ އެންމެންނަށް ހަޤީގަތް ހާމަކުރަން ރިޔާޒު ދެކޮޅު ހެދުމުންނެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރާ ޙާލު ޔުމާން އެކަން ކުރީ އެހެން މީހުންގެ ސަލާމަތަށްޓަކައެވެ. އެއްގޮތަކަށްވެސް އެފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރަން ބޭނުން ވެގެނެއް ނޫނެވެ. އޭގެ ފަހުގައި ޔުމާން އޭނާގެ އަމިއްލަ ނަފުޞުވެސް ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައި ބަންދުކުރީއެވެ.

ރިއްފަތު ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު، ރިޔާޒު އިނީ އެނދުގައި އިށީނދެލައިގެންނެވެ. ރިއްފަތު ފެނުމާއިއެކު ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ހަރުކޮށް ހިނގާލާފައި އައިސް ރިއްފަތުގެ ގަމީހުގައި ހިފައިގަނެފައި ދުރަށް ކޮއްޕައިލިއެވެ. ހީވީ ފުރިހަމައަށް ތައްޔާރުވެގެން ހުރި ހެންނެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް ރިޔާޒު އެ ކޮޓަރިން ނުކުތެވެ. ރިޔާޒު އުޅުނީ ރިއްފަތު އައުމުގެ ކުރިން ގެއިން ނުކުމެގެން އެތަނުން ފިލާށެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ބޭރަށް ނުކުމެވެން ހުރި ހުރިހާ ދޮރުތައް ހުރީ ތަޅުލާފައެވެ. ރިއްފަތު ވީ ރިޔާޒު ހީކުރިވަރަށްވުރެ ވިސްނުން ތޫނު މީހަކަށެވެ.

"ކަލޭ ތިހުރީ ކިތައް މީހުންގެ ދިރިއުޅުން ބަރުބާދުކޮށްލާފައި ކަން އެނގޭތަ؟..." ރިއްފަތުގެ އަޑު ކުރެހުނެވެ. ވާހަކަ ދައްކަން އުނދަގޫވުމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކަލެއަށް މިތަނުން ސަލާމަތްވެވެން އޮތީ ހަމަ އެންމެ ގޮތެއްގެ މަތިން... އިވްޔާއަށް ހުރިހާ ހަޤީގަތެއް ކިޔައިދީ... ކަލޭ ހެދި ހުރިހާ ދޮގެއް ހާމަކޮށް އެންމެންގެ ކިބައިން މަޢާފަށް އެދޭ... އަހަރެން... އަހަންނަކީ ކާކުކަން އެންމެނަށް ބުނެދޭންޖެހޭނެ މީހަކީވެސް ކަލޭ... މިތާ އުމުރު ދުވަހު އިންނަން ބޭނުން ނޫނިއްޔާ ކަލެޔަށް އޮތް ހަމައެކަނި ގޮތަކީ އެއީ..." ރުޅިވެރިކަން އިސްކުރަމުން ރިއްފަތު ހަޅޭއްލަވައިގަތެވެ.

"އެކަން ކުރަން އެންމެ ރަނގަޅު މީހަކީ ކަލޭ... އަމިއްލަ ކޮއްކޮއަށް އެވަރުގެ ލަނޑެއް ދިނީ ކަލޭގެ ދެއަތުން... ޔުމާންވެސް، އިވްޔާވެސް އެއީ ކަލޭގެ ދެ ކޮއްކޮ... އެދެމީހުންގެ ދިރިއުޅުންވެސް އެވަރުގެ އަނދަވަޅަކަށް ވައްޓާލި މީހަކީ ކަލޭ... އެކަމުގެ ޒިންމާ އަހަރެން ނަގާކަށް ނުޖެހޭނެ..." ރިޔާޒު ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އޭނަގެ ކޮންމެ ޖުމްލައަކާއިއެކު ރިއްފަތުގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ވީ އިތުރެވެ. އެއްވެސް އެއްޗެއް ނުބުނެ ރިއްފަތު ހިމޭންވި ތަން ފެނިފައި ރިޔާޒަށް ލިބުނީ އިތުރު ހިތްވަރެކެވެ.

"އާނ... އިވްޔާ މަރާލަން އުޅުނީ އަހަރެން... ކަލޭ މަންމައެއްގެ ލޯބިން މަހުރޫމްކުރީވެސް އަހަރެން... ކަލޭގެ މަންމަ ހޮސްޕިޓަލުގައި އެއޮތީވެސް ހަމަ އަހަރެންގެ ސަބަބުން... ހުރިހާ ކަމެއްވެސް ރޭވީ އަހަރެން... އެންމެންނަށް އުފަލެއް ނުލިބިގެން އުޅެނީވެސް އަހަންނާއި ހެދި... ކީއްވެކަން އެނގޭތަ؟..." އަމިއްލަ މޭގައި އަތުން ޖަހަމުންދިޔަ ރިޔާޒު ހުރީ ކުރެވުނު ކަންތައްތަކަށް ވަރަށް ފަޚުރުވެރިވެފައެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

23 ޚިޔާލު

  1. Saana

    Ma Sha Allah varah reethi waiting for next part.keep it up.Eysh💞💞 love this story.dhen kihineh baa vany? Yeh first me saana😁😀

    • Anonymous

      V nice story waiting for the next part Eysh keep it up

      • އޭޝް

        Thank u so much Anonymous dear 😊❤❤ v ufaavehje story kamudhiyaeema 😊😊 keep waiting for the next part dear 😊😊

    • އޭޝް

      Thank u so much Saana 😊❤❤ vv ufaavehje story kamudhiyaeema 😊😊 hingaa dho vaagothdh balamaa ❤❤ saana ah first 😊😊 keep waiting dear 😊😊

  2. lyn

    Dhn koniraku next part? vvv reethi mi partvx 😍😍😍😍😍

    • އޭޝް

      Next part In Sha Allaah Tuesday ga 😊❤❤ thank u so much dear 😊❤ v happy vehje story kamudhiyaeema 😊❤ keep waiting 😊

  3. Shab

    Wow splendid keep it up😍😍😍😍😍waiting for the next part

    • އޭޝް

      Thank u so much Shab 😊❤❤ v happy vehje story kamudhiyaeema 😊😊 keep waiting for the next part dear 😊❤❤

  4. Sheen

    Wowwww vvvv furihama reethi part eh anehkaaves kiyaalan mu libunee.. Anekka ehaa dhiguvefa ehaa interesting 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️💙❤️💙❤️ Ibaaraaiythahves ehaa furihamavefa reethi.. V fashuvi baskodhaaruves.. 💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜 Suvaaluthakah v avahah javaabu libeyne kamuge signal libijje mi part in.. Si v happyvefa mihuree ekamaa. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Eysh vareh hama neiy ingey… Thee hama emme best… 💕💕💕💕💕💕💕💕💕💕💕💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 Waiting for the next part. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • އޭޝް

      Thank u so much Sheen 😊❤❤ v happy vehje story kamudhiyaeema 😊😊 lets see wht happns 😊 keep waiting for the next part dear 😊❤❤

  5. Thiki.sis

    Vaahaka varah varah reethi 💜💜💜💜💜

    • އޭޝް

      Thank u so much thiki sis 😊❤❤ v happy vehje story kamudhiyaeema 😊😊

  6. Naju

    I’m speechless 😍😍😍 Masha Allah this part is so amazing 🌹🌹🌹🌹🌹🌹🌹🌹 I love it 💙💙💙💙💙💙💙 Keep up the good work dear 😘😘😘😘😘😘 I really appreciate your hard work 🌸🌸🌸🌸🌸🌸🌸 lysm ❤❤❤❤❤❤❤❤❤💛💛💛💛💛💛💛💛💛💙💙💙💙💙💙💜💜💜💜💜💜💚💚💚💚💚💚💕💕💕💕💕💖💖💖💖💞💞💞💞

    • އޭޝް

      Thank u so much Naju 😊❤❤ v happy vehje story kamudhiyaeema 😊😊 keep waiting for the next part dear 😊❤❤

  7. ލަމް

    މަޢާފަށް އެދެމެވެ. ލަސްވީތީއެވެ. އެކަމުވެސް ބުނަމެވެ. ވާހަކަ ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. އެހާމެ ޝައުގުވެރިއެވެ. ބަސްތައް ފަށުވިއެވެ. އިބާރާތްތައް ނަލައެވެ. އިންތިޒާރު ކުރަމެވެ. ކުރިއަށް އޮތް ބަޔަށެވެ. ވަކިވެލަމެވެ. މިވަގުތަށެވެ 😍😍😍😘😘😘😘😘❤️❤️❤️❤️💙

    • އޭޝް

      Its ok lam.. Thank u so much 😊❤❤ v happy vehje story kamudhiyaeema 😊😊 keep waiting for the next part dear 😊❤❤

  8. 💙🌹💜

    Maasha Allah vvv furihama reethi vaahaka eh. 💕💕💕💕💙💙💙💜💜💜💜

    • އޭޝް

      Thank u so much dear 😊❤❤ v happy vehje story kamudhiyaeema 😊😊 keep waiting for the next part dear 😊❤❤

  9. 💕 besty 💕

    Wow wow wow.. Vvvv salhi. Komme jumulaeh ves ehaa shauguveri vefa hiythelhey kahala gothakah inee liyelaafa.. Vvv furihama hurihaa kamehves. Thigothugsi kuriah dhey. In sha allaah musthagubalu v ujawlaa vaane. 💙💙💙❤️❤️❤️❤️💚💚💚💜💜🌹🌹🌹😘😘😘ai

    • އޭޝް

      Thank u so much besty 😊❤❤ v happy vehje story kamudhiyaeema 😊😊 keep waiting for the next part dear 😊❤❤

  10. Azuhan

    Next part kiyaalan kairi musthagubalehga libeyne kamah unmeedhu kuran

    • އޭޝް

      In Sha Allaah Tuesday 🙂❤

  11. ފޭން

    މާޝާﷲ ވަރަށް ރީތި މިބައިވެސް ދެން އިންނަ ބައި އަވަހަށް އަޕްކޮށްދޭތި ޕްލީޒް