loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...37

ފެވިފާ ތިނަންވޭ މިހިތުގާ...37

17 comments

"އާނ... އިވްޔާ މަރާލަން އުޅުނީ އަހަރެން... ކަލޭ މަންމައެއްގެ ލޯބިން މަހުރޫމްކުރީވެސް އަހަރެން... ކަލޭގެ މަންމަ ހޮސްޕިޓަލުގައި އެއޮތީވެސް ހަމަ އަހަރެންގެ ސަބަބުން... ހުރިހާ ކަމެއްވެސް ރޭވީ އަހަރެން... އެންމެންނަށް އުފަލެއް ނުލިބިގެން އުޅެނީވެސް އަހަންނާއި ހެދި... ކީއްވެކަން އެނގޭތަ؟..." އަމިއްލަ މޭގައި އަތުން ޖަހަމުންދިޔަ ރިޔާޒު ހުރީ ކުރެވުނު ކަންތައްތަކަށް ވަރަށް ފަޚުރުވެރިވެފައެވެ.

********

ރިއްފަތުގެ ދެއަތް މުށްކެވިގެން ދިޔައެވެ. ދަތްތަކަށް ބާރުކޮށްލަމުން އޭނަ ރިޔާޒަށް ބަލައިލީ ނަފުރަތުން ފުރިގެންވީ ބެލުމަކުންނެވެ. އޭރު ރިޔާޒު އައިސް ހުރީ އޭނަ އާއި ދާދި ގާތުގައެވެ.

"އަހަރެން ބޭނުންވީ ޙުސައިންގެ ކިބައިން ބަދަލުހިފަން... އަހަރެންގެ މުޅި ދުނިޔެ އެފުށް މިފުށަށްޖެހި މީހަކީ އެއީ... އަހަރެންގެ މުޅި ވިޔަފާރި ބަނގުރޫޓުވެގެންދިޔައީ ހަމަ ކަލޭގެ ބައްޕަގެ ސަބަބުން..." ރިއްފަތުގެ މޭގައި އިނގިލި ޖައްސައިލަމުން ރިޔާޒު ބުންޏެވެ.

"އަހަރެންގެ މަޤުޞަދަކަށްވީ ކަލޭގެ އަތުން ކަލޭގެ ކޮއްކޮގެ އިއްފަތް ފޭރިގަތުން... ކައިވެނީގެ ބޭރުން ދަރިން ހޯދީމަ ވާގޮތް ޙުސައިންއަށް އަންގަދޭން... އެވެސް އޭނަގެ ދެދަރިން ލައްވައި... އެކަމަކު... އެންމެ ފަހުވަގުތު ކަލޭ އަހަންނަށް ދިނީ ލަނޑު... ކަލޭގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމަށް އޭގެ އަޞަރުކޮށްފި..." ރިއްފަތުގެ ގަމީހުގައި ހިފައި ގާތަށް ދަމައިގަންނަމުން ރިޔާޒު ހަޅޭއްލަވައިގަތެވެ.

"ބުނޭ... ރަނގަޅަށް ބުނޭ... ކުއްލިއަކަށް ކަލެޔަށް އަހަރެންގެ ހަޤީގަތް އެނގުނީ ކިހިނެތް؟... އަހަރެންގެ ހުރިހާ ޕްލޭންއަކަށް ކަލޭ ހުރަސްއަޅަމުން ދިޔައީ ކީއްވެ؟... އަހަރެންގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގޭ މީހަކަށް ނޫނީ އެ ފައިލު ވީ ތަނެއް ނޭނގޭނެ... ބުނޭ... އެމީހަކީ ކާކު؟... އެހެންނޫނީ..." ރިއްފަތުގެ ގިރުވާނުގައި ހިފައި ވާންކޮށްލަމުން ރިޔާޒު އޭނާގެ ދަތްތަކަށް ބާރުކޮށްލިއެވެ.

"އަހަންނަށް ކަލޭގެ ހަޤީގަތް އެނގުނުއިރު ވަގުތު ފާއިތުވެއްޖެ... އަހަރެންގެ އަމިއްލަ އަތުން އަމިއްލަ ކޮއްކޮ..." ރިއްފަތުގެ އަނގައިން ނުކުތީ މަޑު އާޚްއެއްގެ އަޑެވެ. ވާހަކަ ދައްކާނޭ ހިތްވަރު ނުލިބުނީ މާޒީގެ ސަފުހާތައް ކުރިމަތީގައި ނިއުޅެން ފެށުމުންނެވެ.

އެއީ ދެއަހަރު ކުރީގެ ހަނދާންތަކެވެ. ރިއްފަތަކީ ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ޒުވާނެކެވެ. ކައިގެން ބޮއެގެން އުޅުނީ ރިޔާޒު ޙަވާލުކުރާ ކަންކަން ކޮށްގެން ލިބޭ ފައިސާއިންނެވެ. ކޮންމެ ކަހަލަ ކަމެއް ރިއްފަތާއި ޙަވާލުކުރިޔަސް އެކަމެއް ކޮށް ނިންމާލުމަކީ ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެކެވެ. މަސްތުވާތަކެތީގެ ވަބާގައިޖެހި ފައިސާއަށްވުރެ މުހިއްމު އެއްޗެއް އޭރު ރިއްފަތަކަށް ނެތެވެ.

އިވްޔާ މާލެ އަންނަ ޚަބަރާއިއެކު، ރިޔާޒުގެ މޮޅު ރޭވުންގަނޑުގެ ތެރޭގައި ރިއްފަތު ޝާމިލްކުރިއެވެ. އެހެންނަމަވެސް ކަންތައް ބަދަލުވެގެން ދިޔައީ ރިއްފަތަށް އައި ފޯނުކޯލަކަށް ފަހުގައެވެ. ރިޔާޒުގެ ހަޤީގަތާއި ރިއްފަތާއި އޭނަގެ މަންމަ އާއި ދޭތެރޭގައި ކަންތައްކުރިގޮތް އެނގުމުން ރިއްފަތުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރިޔާޒުގެ ކިބައިން ބަދަލުހިފުމުގެ ރޫޚެއް ރިއްފަތުގެ ހިތުގައި އުފެދުނެވެ. ކެކެމުންދިޔަ ބޮނޑިބަތްގަނޑުގެ ކުޑަވެސް ޚިލަމެއްނުވާ ޚާލު ރިޔާޒު ހުރީ ރިއްފަތުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެންނެވެ.

"ކަލޭ ޖެހޭނީ ތިހެން ތެޅިތެޅި ހުންނަން... އަހަންނަށް ކަލޭ ދިން ކެހީގެ ހިތި ރަހަ، ކަލޭގެ އަރުތެރޭގަ ނުލައެއް މިކަމެއް ނުނިމޭނެ... އަހަންނާ ދެކޮޅަށް ކަލެއަށް ދެއްކޭނެ އެއްވެސް ހެއްކެތްވެސް ނޯންނާނެ..." ރިޔާޒު ހޭންފެށި އަޑަށް ރިއްފަތު ސިހުނެވެ.

މާޒީ ހަނދާންވާ ކޮންމެ ފަހަރަކު ރިއްފަތަށް ލަދުން އިސްޖަހައިލަން މަޖުބޫރުކުރުވައެވެ. އެދުވަހުގެ ހިތި ހަނދާންތައް އެހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެދުވަހު އިވްޔާ އާއި ދޭތެރޭގައި އޭނައަށް ކަންތައް ކުރެވުނީ ވަރަށްވެސް އިޚާނެތިކޮށެވެ. އޭނަ ކުރީ އިވްޔާ އޭނައަށް ދުވަހަކުވެސް ބޭބޭ އޭ ކިޔައި ގޮވައި ނުލާނޭ ވަރުގެ ނުބައި، ފާޙިޝް އަމަލެކެވެ. ރިއްފަތުގެ ހިތް ފޮތިފޮތިވެގެން ދިޔަކަމުގެ އިޚްސާސް ކުރެވުނެވެ. ގައިގެ ވަރު ދޫވިއެވެ. ދެލޮލުން ފާއްދާލި ކަރުނަތިކި، ކޯތާފަތުގައި ބީހިލުމާއިއެކު ކަންފަތް ދަށުގައި އިވެމުންދިޔައީ އިވްޔާގެ ވޭނީ ހަޅޭކުގެ އަޑެވެ. ސަލާމަތަށް އެދި ކުރަމުންދިޔަ އާދޭހުގެ އަޑެވެ. ތެޅި ފޮޅުނު މަންޒަރު ލޯ ކުރިމަތީން ސިފަވެގެން ދިޔައެވެ.

"ނޫން..." ރިއްފަތަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

އިރުކޮޅަކު ހިމޭންވެފައި ރިއްފަތު ހުއްޓެވެ. ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ދެން ކުއްލިއަކަށް އައިސް ރިޔާޒުގެ ގިރުވާނުގައި ހިފައި މައްޗަށް ހިއްލައިލިއެވެ. ހުރިހާ ހަޤީގަތެއް ހާމަކުރުމުގެ ވަގުތު އައިސް ޖެހުނީއެވެ. އުމުރު ދުވަހު ކުޑަގޮޅީގައި އިންނަންޖެހުނަސް ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމަށް ރިއްފަތު ޢަޒުމު ކަނޑައެޅިއެވެ.

********

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައި ރައިން ހުއްޓެވެ. ކައިވެނީގެ ހެދުމުގައި އިވްޔާ ހުއްޓައި ދެކިލާ ހިތުން އެހިތް ކެތް މަދުވެފައި ވިއެވެ. އެހެން ހުރެ އިވްޔާއަށް ގުޅުން ނޫންކަމެއް ރައިންއަކަށް ނުކުރެވުނެވެ. ރައިން އެތައް ފަހަރަކު ގުޅިފަހުން ފޯނު ނެގީ ސާދުނާއެވެ. ސާދުނާގެ އަޑު ޖެހުމާއިއެކު ރައިން އަވަސްއަވަހަށް ފޯނު ކަނޑާލީއެވެ.

ރައިން އުޅުނީ ފުރުމުގެ ކުރިން އިވްޔާ ދެކެލަން އެގެއަށް ދާށެވެ. އިވްޔާ ފޯނު ނުނަގާތީ ކުދިކިޔަމުންހުރެ، އެންމެންނަށް ސިއްރުން ކޮޓަރިން ނުކުތެވެ. ބޭރަށް ނުކުމެވެން ހުންނަ ދޮރާއި ދިމާއަށް ހިނގައިގަތްތަނައި ރައިންއަށް އެރުނީ ނަޝީދުގެ ކުރިމައްޗަށެވެ. ތުންފަތުގައި ދަތް އަޅައިލަމުން ރައިން ބޯކަހައިލިއެވެ. ނަޝީދުގެ ސުވާލުތަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ފެނުނީ ސަލްމާ އައިތަނެވެ. އެއްޗެއް ބުނަން ސަލްމާ އަނގަ ހުޅުވައިލުމާއިއެކު ރައިން އަވަސްއަވަހަށް ގޮސް ވަނީ ކާގެއަށެވެ.

ފުރަން ތައްޔާރުވެގެން އެންމެން ނުކުތްއިރުވެސް ރިޒްވީން އެއް ނައެވެ. އެންމެންގެ މޫނުމަތިން ހާސްކަން ފެންނަމުންދިޔައިރު، ރައިންގެ ޙާލު ވަކީން ބޮޑެވެ. ކާގޭގައި ހުރެފައި ރައިން ނުކުތީ، ސަލްމާ ހާސްވެގެން ރިޒްވީންގެ ވާހަކަ ދައްކާ އަޑު އިވިފައެވެ. ކޮށްފައި ނުކުރެވޭ ކަމެއްވެސް ރައިންއަކަށް ނޭނގުނެވެ. ދޮރުމައްޗަށް ނުކުމެލާފައި ގޭތެރެއަށް ވަދެލައެވެ. އަމިއްލަ ބޭބެ އާއި ދޭތެރޭ ކިތަންމެ ޔަޤީންކަން އޮތްނަމަވެސް ޙާލަތުގެ ގޮތުން ރިޒްވީން ނައިސްދާނެތީ، ރައިން ހުރީ ކަންބޮޑުވެފައެވެ. ނަޝީދަށްވެސް މާގިނައިރަކު މަޑަކުން ނުހުރެވުނެވެ. ރިޒްވީންގެ ފޯނަށް ގުޅިއެވެ.

"ބައްޕާ ފުރުމުގެ ކުރިން ނިންމަންޖެހޭ ވަރަށް މުހިއްމު ކަމެއްގަ މިއުޅެނީ... ފަސްވަރަކަށް މިނެޓްތެރޭ އެބަ ދަން..." ރިޒްވީން އެހެން ބުނެ ފޯނު ކަނޑައިލުމުން ނަޝީދު ނުތަނަވަސްވާގޮތް ވިއެވެ.

ފޯނު ބޭއްވުމަށްފަހު، ރިޒްވީން އެނބުރުނީ އަނެއް ފަރާތަށެވެ. ފަހަތުގައި ހުރި މީހަކާއި ދިމާއަށް ވަރަށް ފުންކޮށް އޭނަ ބަލައިލިއެވެ. ރިޒްވީންގެ ކުރިމަތީގައި ހުރީ ނާޒްލީއެވެ. ގަބުވެފައި ހުރިއިރު، އެއްދިމާއަކަށް ބަލަހައްޓައިގެން ހުރިގޮތުން އެތަނުގައި ރިޒްވީން ހުރިކަން ނުވެސް އެނގޭ ކަހަލައެވެ. ނާޒްލީގެ ހަށިގަނޑުގައި އެއްވެސް ދިރުމެއްނެތެވެ. މޫނުމަތިވެސް ހީވަނީ ފޮއްސިވެފައިވާ ހެންނެވެ. ދެލޯ ކައިރި ވަޅުވަދެ، ކަޅުވެފައެވެ. އޮމާން ހަންގަނޑުވެސް ވަނީ ކުރަކިވެފައެވެ. އެ ދެލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ.

ކޮންމެ އިންސާނަކަށްވެސް އެމީހަކު ކުރި ކުށުގެ ޝަޒާ ކޮންމެވެސް ގޮތަކަށް މިދުނިޔެ މަތީގައިވެސް ލިބެއެވެ. ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔަފަހުން، ނާޒްލީގެ ޙާލަތު ގޯސްވިއެވެ. ބަލި ބޮޑުވެ، އަބަދު ފަރުވާކުރަން ޖެހުނެވެ. ކުއްލިއަކަށް ފިޓުޖެހޭގޮތަށް ވާހަކަވެސް ނުދެއްކެއެވެ. އެޙާލުގައި ނާޒްލީގެ މުޅި ދުނިޔެ އަނދިރިވީއެވެ. މީހަކު ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް، ނާޒްލީއަށް އަޑުއިވޭހެންވެސް ހީނުވެއެވެ. ބައެއް ފަހަރު އެހެން އިނދެ ރޯންވެސް ފަށައެވެ. ދައްކަނީ ހަމަނުޖެހޭ ވާހަކައެވެ. މުޅި ދުނިޔެވެސް މަލާމާތް ކުރަމުން ދިޔަ ކަމުގެ އިޚްސާސްތަކުން ނާޒްލީ ވަނީ ދުވަހަކު އަރައި ނުގަނެވޭނޭ ފަދަ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ.

"ނާޒްލީ... އަހަރެން އަބަދުވެސް ނާޒްލީދެކެ ލޯބިވިން... ވަފާތެރިވީން... މިއަދުވެސް މިހިތުގަ ނާޒްލީ އާއިމެދު ހަމްދަރުދީވޭ... އެކަމަކު މިއަދަށްފަހު، އަހަރެންގެ ހިތުން ނާޒްލީގެ ނަން އަބަދަށްޓަކައި ފުހެވިގެން ދާނެ..." ރިޒްވީން ހުރީ ފެންކަޅިވެފައެވެ.

ނާޒްލީ ކިތަންމެ ނުބައިކޮށް ކަންތައް ކުރިޔަސް، ނާޒްލީގެ ޙާލު ފެނި ރިޒްވީންގެ ހިތުގައި އުފެދުނީ ހަމްދަރުދީއެވެ. ނާޒްލީ ކުރި ކުށަށް މަޢާފުކުރިއެވެ. ދިރުން ގެއްލިފައިވާ ނާޒްލީގެ މޫނަށް ބަލަހައްޓައިގެން ރިޒްވީން އިރުކޮޅަކު ހުއްޓެވެ. ދެވަނަ ފަހަރަށް ނަޝީދު ގުޅަން ފެށުމާއިއެކު، ރިޒްވީންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ވަރަށް އަވަހަށް ދާނެކަމަށްބުނެ ފޯނު ކަނޑައިލާފައި ކުރިޔަށް ހިނގައިގަތެވެ. އިތުރު އެއްޗެއް ބުނާނޭ ހިތްވަރު ނުލިބުމުންނެވެ. ބުނަންވެސް ދެން އޮތީ ވަކި ކޮން ވާހަކައެއް ހެއްޔެވެ؟ ނާޒްލީއަށްޓަކައި އޭނަ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ނުދެނީ ކޮން އުފަލެއް ހެއްޔެވެ؟ ކެތްތެރިވެވޭނޭ އެންމެ މަތީ ދަރަޖައަށް ކެތްކުރިއެވެ. ބޭވަފާތެރިކަން އެނގިހުރެ، އެކީ އުޅެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ދެން ފަސްއެނބުރި ބަލާކަށް ރިޒްވީން ބޭނުމެއް ނުވިއެވެ.

********

ފުރަން ލޯންޗަށް އެރީއްސުރެ، އިވްޔާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ކީއްވެކަމެއް ބުނެދޭކަށް ނޭނގުނެވެ. ވަކިވަކިން އެންމެންގެ މޫނަށް އިވްޔާއަށް ބަލައިލެވުނެވެ. އެންމެންގެ މޫނުމަތީންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ސާދުނާގެ އުނގުގައި ހެވިފައި އިން ކައިލަންގެ ތުންފަތް މަތީންވެސް ހިނިތުންވުން ފިލައި ނުދެއެވެ. އުފަލުން ތެޅިފޮޅިގަންނަގޮތުން ސާދުނާވެސް އިނީ މަޖާވެފައެވެ. އިވްޔާގެ ނުތަނަވަސްކަން ފިލައިދިޔައީ ކައިލަންގެ އެ މައުސޫމު މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުންނެވެ.

ލޯންޗް ފާލަމާއި ކައިރިކުރިއިރު، ރައިން ހުރީ ފާލަންމަތީގައެވެ. ކެތްތެރިކަން ކުޑަވެފައިވާ ޙާލު އަވަސްއަވަހަށް ގޮސް އިވްޔާ ފެނޭތޯ ހޯދަން ފެށިއެވެ. ކައިރީގައި ނާއިކްވެސް ހުއްޓެވެ. ރައިން އާއި ދިމާކުރުން ނޫންކަމެއް ނާއިކް ނުކުރިއެވެ. އެހުރިހާ ކަމަކާއިއެކުވެސް ނާއިކްގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. އެހިތުގެ މަލަކާ ޝިރުވާއެވެ.

ޝިރުވާ ދިމާކުރަން ފެށުމުން އިވްޔާ އިނީ ރައިން އާއި ދިމާއަށް ބަލައިލަންވެސް ނުކެރިފައެވެ. ކައިވެނީގެ ހެދުމުގައި ރައިން ހުއްޓައި ދެކިލާހިތްވި ނަމަވެސް ބަލައިލާކަށް ނުކެރުނެވެ. ދެއަތް ޖޯޑުކޮށްލައިގެން އިންއިރު، ހިތުގެ ތެޅުން އިތުރުވަމުންދިޔަހެން އިވްޔާއަށް ހީވިއެވެ.

ލޯންޗުން އެންމެ ފުރަތަމަ ފޭބީ ޙުސައިންއެވެ. ދެން ކައިލަންއެވެ. ކައިލަން ދުވެފައި ގޮސް ރައިންގެ ގައިގައި ބައްދާލާފައި އެދުނީ ތަންކޮޅެއް ދުރުން ފެންނަމުންދިޔަ ބޮކިތައް ކައިރިއަށް ގެންދިޔުމަށެވެ. އެހުރިހާއިރު ކުރަމުން އައި އިންތިޒާރު ފެނަށްވުމުން ރައިންގެ މޫނުމަތި މިލައިގެން ދިޔައެވެ. ނާއިކް އާއި ދިމާއަށް ބަލައިލީ މާޔޫސްވެފައެވެ. އެވަގުތު ނާއިކް ދެކޮނޑު އަރުވައިލި ތަން ފެނި ރައިންގެ ކަރު އެލުނެވެ. ކައިލަން ގޮވައިގެން ހިނގައިގަތުމުގެ ކުރިންވެސް ރައިން ފަސް އެނބުރި ބަލައިލިއެވެ. އެވަގުތު ޝިރުވާ އޭނާގެ ދޫ ނެރެ ވައްތަރެއް ޖައްސައިލި ތަން ފެނިފައި ރައިން އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.

********

ރިޔާޒު ގޮވައިގެން ރިއްފަތު ގޮސް އެރީ ފުރަން ތައްޔާރުވެފައި އޮތް ލޯންޗަށެވެ. ދެމީހުން އަރައި އިށީނުމާއިއެކު ލޯންޗު ދުއްވައިލިއެވެ. ރިއްފަތުގެ ހަރަކާތްތައް އަވަހެވެ. ފޯނު ނަގައި ޔުމާންގެ ފޯނަށް މެސެޖެއް ފޮނުވައިލިއެވެ. އޭގައި އޮތީ ހަޤީގަތް އެންމެންނަށް އެނގެންޖެހޭ ވަގުތު އައިސް ޖެހިއްޖެކަމަށާއި، ޔުމާންވެސް ކޮންމެހެން އަންނަންޖެހޭނެ ކަމަށް ބުނެފައެވެ.

ޔުމާން އިނީ ސަކީލާގެ ކައިރީގައި އިށީނދެލައިގެންނެވެ. ވާހަކަ ދެއްކޭވަރު ވީނަމަވެސް ސަކީލާގެ ކަމަކީ ރުޔުމެވެ. ހިތުގައިވި ސުވާލުތައް ސަކީލާގެ ކުރިމަތީގައި ބަންޑުންކޮށްލައިގެން ޔުމާން އިނެވެ. އެހިތްވެސް ލޭކަރުނުން ފުރެމުން ދިޔައެވެ.

ފޯނަށް މެސެޖެއް އައުމާއިއެކު ޔުމާންގެ ސަމާލުކަން އެ މެސެޖު އަތުލިއެވެ. ރިއްފަތުގެ މެސެޖު ފެނިފައި ޔުމާން ފުންމައިގެން ތެދުވިއެވެ. ސަކީލާ އާއި ދިމާއަށް ބަލައިލުމެއްވެސްނެތި، ދޮރާއި ދިމާއަށް ދިޔުމަށް އަވަސްވެގަތެވެ. ސަކީލާ ހީކުރީ ޔުމާން ހިތްހަމަނުޖެހުނީ ކަމަށެވެ. އެ ހިތުގެ ޙާލު ޔުމާންގެ ކުރިމަތީގައި ހާމަކުރުމުގެ ވަގުތު އައިސް ޖެހިއްޖެކަން އެނގުމުން ޝަކީލާގެ މޭގައި މަޑު ރިޚުމެއް އުފެދުނެވެ.

"ދަރިފުޅާ..." އަސަރުން ފުރިގެންވީ ގޮތަކަށް ސަކީލާ ގޮވާލި އަޑު އިވިފައި ޔުމާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ މަރާލީ މުޅި ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުމުންނެވެ.

މަންމަގެ ލޯތްބަށް އެދި ފެން ބޮވައިގަނެފައިވާ ޔުމާންއަށް އެހެން ހުރެވުނީ ކުޑަ އިރުކޮޅަކަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ސަކީލާގެ ގައިގައި ބައްދައިލުމާއިއެކު ދެލޮލުން ފައިބަން ފެށީ ތާޒާ ކަރުނައެވެ. ރުއިން ހުއްޓައެއް ނުލެވުނެވެ. ދެމައިންގެ އަޞަރުން ފުރިގެންވީ ވަގުތުކޮޅަކަށްފަހު، ދެން އިވުނު ވާހަކަތަކަކީ ޔުމާންއަށް އަޑުއަހަން ފަސޭހަ ވާހަކަތަކަކަށް ނުވިއެވެ.

********

ރައިންގެ ފަހަތުން ހިނގަމުންދިޔަ އިވްޔާގެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ. ކައިލަން ކުރާ ސުވާލުތަކަށް ރައިން ޖަވާބުދޭގޮތުން މަޖާވެފައި ހުރެ އިވްޔާ ހިނގަމުން ދިޔައެވެ. އެ މަންޒަރު ބަލާ ފޫހި ނުވިއެވެ. ހިތް ލޯބިން ފުރިގެން އަންނަހާ ވެއެވެ. ކައިލަންގެ ބައްޕައެއްގެ މަޤާމު ދިނުން އެންމެ އެކަށީގެންވާ މީހަކީ ރައިން ކަމުގައި އިވްޔާއަށް ޤަބޫލުކުރެވުނެވެ. އަމިއްލަ ނިންމުމާއިމެދު އިވްޔާ ހިތުގެ އަޑިން އުފާކުރިއެވެ.

ވަކި ހިސާބަކަށް ގޮސްފައި ރައިން ހުއްޓުނެވެ. އޭރު އެތުންފަތް މަތީގައިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އިވްޔާ އޭނަގެ ފަހަތުން އަންނަކަން ރައިންއަށް އެނގުނީއެވެ. އެކަމަކު އެކަން އެނގޭކަމަށް ހަދާކަށް ރައިން ބޭނުމެއް ނުވިއެވެ. އަނެއްކާވެސް ރައިން ކުރިޔަށް ހިނގައިގަތެވެ. އެ ފަހަރު ކައިލަން ނަގައި ކޮނޑުމަތީގައި ބައިންދައިގެންނެވެ.

"ކައިއްކޮއަށް އެނގޭތަ އޭނީ ކޯއްޗެއްކަން؟..." ހަނދަން އިޝާރާތް ކުރަމުން ރައިން ސުވާލުކޮށްލިއެވެ.

"މޫން..." މަޖާވެލާފައި ކައިލަން ޖަވާބު ދިނެވެ.

"ކައިއްކޮއަށް އެންމެ ރީތީ ކޮން މޫން އެއް؟..." އަތިރިމަތީގައި ހުރި ގޮނޑިއެއްގައި ކައިލަން ބޭންދުމަށްފަހު، ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ރައިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

ސުވާލު އުފެދިފައި ކައިލަން ބަލައިލީ ރައިންގެ މޫނަށެވެ. އެއާއިއެކު ރައިން މަޑުމަޑުން ހީލިއެވެ. އަދި ގޮނޑީގައި ހަށިގަނޑު ދަމާލުމަށްފަހު، އުޑުމަތިން ފެންނަމުންދިޔަ ބުރުހަމަ ހަނދަން ފުން ނަޒަރެއް ދިނެވެ.

"އެންމެ ރީތި މޫން އަކީ ކައިއްކޮގެ މަންމި..." ހަނދުން ނަޒަރު ވަކިކޮށްލުމެއްނެތި ރައިން ބުނެލިއެވެ.

އިވްޔާ ލަދުން އިސްޖަހައިލިއެވެ. ކައިލަންގެ ކައިރީގައި ރައިން އެފަދަ ވާހަކައެއް ދެއްކުމުން ލަދުން މަރުވާވަރު ވިއެވެ. އޭނަ އެތަނުގައި ހުރިކަން ރައިންއަށް އެނގިއްޖެކަން އެނގުމުން ދެން ހަނދަންވީގޮތެއް ނޭނގިފައި ހުރެވުނެވެ. ސާދުނާ އައީ އިވްޔާ އެގޮތަށް ހުއްޓައެވެ. އެންމެން ހަމަވެއްޖެކަމަށާއި، ޣާޒީވެސް އައިސްފިކަމަށް ބުނެ، އަވަހަށް އައުމަށް އެދުނެވެ.

ކައިލަން ގޮވައިގެން ސާދުނާ ހިނގައިގަތެވެ. ސާދުނާގެ ފަހަތުން ހިނގައިގަތް އިވްޔާއަށް ނެގުނީ ދެތިން ފިޔަވަޅެވެ. ރައިން ކުއްލިއަކަށް އަތުގައި ހިފައި ދަމައިލުމާއިއެކު އިވްޔާ ގޮސް ރައިންގެ ގައިގައި ޖެހިފައި މަތަވިއެވެ. ދެލޯ މަރާލިގޮތަށް ހުޅުވައިލަންވެސް ނޭނގިފައި އިވްޔާ ހުއްޓެވެ.

"އައި މިސްޑް ޔޫ ޕްރިންސަސް..." އިވްޔާގެ ފުރަގަހުން ވާހެން އެ ހަށިގަނޑުގައި ރައިން އޭނާގެ ދެއަތް ވަށާލިއެވެ. އަދި އިވްޔާގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލަމުން ދެލޯ މަރާލިއެވެ. އިވްޔާ ކުޑަކޮށް ތެޅިގަތެވެ. ރައިންގެ ތުނިކޮށް ފަޅާފައިވާ ތުނބުޅި އެއްވެސް ހުރަހެއްނެތި ކަނދުރާގައި ޖެހުމުން އެކުރެވުނު އިޚްސާސަކުންނެވެ.

"އޯކޭތަ ބަލާލިޔަސް... ޕްލީޒް... ހަމަ އެންމެ ފަހަރަކު ތި ރީތި ސޫރައަށް ބަލާލުމުގެ ހުއްދަ ދީ..." މަސްތީ އަޑަކުން ރައިން އެހެން ބުނީ އިވްޔާގެ ކަންފަތްދަށުގައި ވައި އަޑުންނެވެ. އިވްޔާގެ ނޭވާވެސް ހީވީ ހުއްޓުނު ހެންނެވެ. ރައިންގެ ހޫނު ނެވާ ކަނދުރާ އާއި ދިމާއިން އިޚްސާސްކުރެވެން ފެށުމުން ގުޑިލަންވެސް ނޭނގިފައި އޭނައަށް ހުރެވުނީއެވެ.

"ޕްލީޒް... ހަމައެކަނި ބަލާލަން ޕްލީޒް..." ރައިން އާދޭހާއިއެކު އެދުނެވެ.

ރައިންގެ އެ އެދުމަށް ދެކޮޅު ހަދާނެހައި ހިތްވަރެއް އިވްޔާއަކަށް ނުލިބުނެވެ. އަމުދުން ރައިން އޭނަ އާއި އެހާ ގާތުގައި ވަނިކޮށެވެ. އޭނައަށް ބެލުމުގެ ފުރިހަމަ އިޚްތިޔާރު މިހާރު ރައިންއަށް އެބަ އޮތެވެ. އެއީ އޭނަގެ ވާންއުޅޭ ފިރިމީހާއެވެ. ކައިވެނި ކުރެވޭކަށް ދެން މާ ގިނައިރެއް ނެތެވެ. ލަދުން ހުރެފައި، އާއެކޭ ބުނުމުގެ ގޮތުން އިވްޔާ މަޑުމަޑުން ބޯޖަހައިލިއެވެ. އެއާއިއެކު ރައިންގެ ލުއި ހިނިތުންވުމުގެ އަޑު އިވްޔާގެ މުޅި ހަށިގަނޑުގައި ނޭނގޭ ޖަޒުބާތުތަކެއް އުފަން ކުރުވިއެވެ. ދެލޯ މަރައިލިގޮތަށް ހުޅުވައިލަންވެސް އިވްޔާ ބޭނުމެއް ނުވިއެވެ. އަތިރިމައްޗަށް ބީއްސަމުންދިޔަ ރާޅުތަކުގެ މަޑު މިޔުޒިކުން ގުޅިފައިވާ ދެހިތަކަށް ފުރުޞަތުދޭފަދައެވެ. ޖެހެމުންދިޔަ ފިނިފިނި ރޯޅިތަކުން ދެހަށިގަނޑުގެ ހޫނުކަން ލިބިގަތުމަށް މަޖުބޫރު ކުރުވިއެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

17 ޚިޔާލު

  1. ދިމީ

    މާޝާ ﷲ ވަރަށް ރީތި މި ޕާޓްވެސް .. އޭޝް ވަރެއް ނެތޭ ބުނެވޭނީ

    • އޭޝް

      Thank u dear 😊❤

  2. ❤😘

    Maasha Allah

    • އޭޝް

      Thank u dear 😊❤

  3. lyn

    Haadha reehcheyyyy…..😍😍😍😍😍 Mashaa alllahh… Eysh hama thiii best 👏👏👏..😘😘😘😘. waiting for next part.. Eysh mifaharu thahkolheh avas kohlahcheyyy plxxxxxxxx 😊😊😊😊😊

    • އޭޝް

      Thank u dear 😊❤ In Sha Allaah Saturday ga new part 😊❤

  4. ކިޔާރާ

    ތޭންކް ޔޫ އޭޝް

  5. Anonymous

    ނޭވާ ހިފާއްޓައިގެން އިނދެ ކިޔާ ނިންމާލެވިއްޖެ. ދެން އޮތްބައި ކިޔާހިތުން މިހާރު ހުރެވެނީއެއް ނޫން. ހީވަނީ ރިއްފަތު އައިސް ހުރިހާ ކަމެއް ފަޅާއަރުވާލާނީހެން. އަޅެ އިވީއަށް އެހެން ހެދީ ރިއްފަަތުގަ ހަމަ. ހުސެން ކީއްވެބާ ރިޔާޒުގެ ބިޒްނަސް ހަލާކުކުރީ. އޭސް އަޅެ އިވީގެ ކައިވެނީގެ ފަހުން ހުރިހާ ކަމެއް އެނގޭގޮތަށް ހަދައްޗޭ ޕްލީޒް ޕްލީޒް. އިވީ އާ ރައިން ވަކިވާކަށް ބޭނުމެއް ނޫން. ވެރީ ކިއުރިއަސް.

    • އޭޝް

      Lets c what happns.. keep waiting dear 😊❤

  6. Saana

    Maa Sha Allah varah reethi wahakah waiting for next part keep it up.thank Eysh😍😍🤗🤗 love this story 😘😘

    • އޭޝް

      Thank u dear 😊❤ keep waiting saana dear 😊❤

  7. 💖💖💖

    ވަރަށް ވަރަށް ރީތި މި ބައި ވެސް 💖💖💖💖

    • އޭޝް

      Thank u dear 😊❤

  8. Thiki.sis

    Vaahaka vv reethi 💜💜💜💜💜

    • އޭޝް

      Thank u dear 😊❤

  9. Sheen

    Oh my god. Vvv reethi. V kiyaa hithun infha nimunu iruves neynge ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙 Ehas interesting asluves komme jumulaehves ehaa reethi. Hurihas gothakah beliyas vaahska v furihsms. 💜💜💜💜💜💜💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 Eysh thee hama best. Waiting for the next part. 😍😍😍😍😍😍😍😍😍😘😘😘😘😘😘😘

  10. Naju

    Masha Allah v v v v v loabi mi part 😍😍😍😍😍😍😍 I like it ❤❤❤❤❤❤❤❤❤