loading ...
loading ...
ފެވިފާ ތިނަންވޭ މިހިތުގާ...38

ފެވިފާ ތިނަންވޭ މިހިތުގާ...38

8 comments

ރައިންގެ އެ އެދުމަށް ދެކޮޅު ހަދާނެހައި ހިތްވަރެއް އިވްޔާއަކަށް ނުލިބުނެވެ. އަމުދުން ރައިން އޭނަ އާއި އެހާ ގާތުގައި ވަނިކޮށެވެ. އޭނައަށް ބެލުމުގެ ފުރިހަމަ އިޚްތިޔާރު މިހާރު ރައިންއަށް އެބަ އޮތެވެ. އެއީ އޭނަގެ ވާންއުޅޭ ފިރިމީހާއެވެ. ކައިވެނި ކުރެވޭކަށް ދެން މާ ގިނައިރެއް ނެތެވެ. ލަދުން ހުރެފައި، އާއެކޭ ބުނުމުގެ ގޮތުން އިވްޔާ މަޑުމަޑުން ބޯޖަހައިލިއެވެ. އެއާއިއެކު ރައިންގެ ލުއި ހިނިތުންވުމުގެ އަޑު އިވްޔާގެ މުޅި ހަށިގަނޑުގައި ނޭނގޭ ޖަޒުބާތުތަކެއް އުފަން ކުރުވިއެވެ. ދެލޯ މަރައިލިގޮތަށް ހުޅުވައިލަންވެސް އިވްޔާ ބޭނުމެއް ނުވިއެވެ. އަތިރިމައްޗަށް ބީއްސަމުންދިޔަ ރާޅުތަކުގެ މަޑު މިޔުޒިކުން ގުޅިފައިވާ ދެހިތަކަށް ފުރުޞަތުދޭފަދައެވެ. ޖެހެމުންދިޔަ ފިނިފިނި ރޯޅިތައް ދެހަށިގަނޑުގެ ހޫނުކަން ލިބިގަތުމަށް މަޖުބޫރު ކުރުވިއެވެ.

********

"އައި މިސް ޔޫ..." ދެލޯ ހުޅުވައިލަންވެސް ބޭނުން ނުވެފައި ހުރެ ރައިން ބުންޏެވެ.

އިވްޔާގެ ހިތުގެ ހިމަ ނާރުތަކާއި ހަމައަށް އެ އަޑު ފޯރިއެވެ. ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހުމާއިއެކު ދެލޮލުން ފާއްދައިލީ އުފާވެރި ކަމުގެ ކަރުނައެވެ. އެފަދަ އުފަލެއް އޭނަގެ ޙަޔާތުގައި ލިބިދާނޭކަމަށް އިވްޔާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެ ޚަޔާތަށް ރައިން އައުމަށްފަހު، އިވްޔާގެ ހިތުގެ އުދާސްތަކަށް ލުޔެއް ލިބިއްޖެއެވެ. ކަށިކުނބުރު ޖަންގައްޔެއްގެ ތެރެއިން ނިކުމެ، ހަޤީގަތާއި ކުރިމަތިލާން ދަސްވެއްޖެއެވެ.

ބޭއިޚްތިޔާރުގައި ރައިން އާއި ވީފަރާތަށް އިވްޔާއަށް އެނބުރެވުނެވެ. އޭރު ދެލޮލުން ފާއްދައިލި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފަށައިފިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެތައް ދުވަހަކު ބޭނުންވިފަދަ ލޯތްބާއި އަޅާލުން ލިބުމުންނެވެ. އިވްޔާއަށް ރައިންގެ މޭގައި ބޯއަޅާލެވުނެވެ. ދުވަހަކުވެސް ދެމީހުން ވަކިވާނެފަދަ ސަބަބެއް މެދުވެރިނުކުރެއްވުމަށް އެދި ހިތުގެ އަޑިން ދުޢާ ކުރަމުންނެވެ.

"އައި ލަވް ޔޫ..." ރައިންގެ ގައިގައި ބާރަށް ބައްދައިލަމުން އިވްޔާ ބުންޏެވެ.

ދެހިތުގެ ތެޅުމުގެ އަޑު އެކުވެގެން ދިޔައެވެ. ދެމީހުންވެސް ވަނީ އެކަކު އަނެކެއްގެ ލޯތްބަށް އެދި ފެންބޮވައިގަނެފައެވެ. އިވްޔާގެ ކޯތާފަތުގައި ދެއަތުން ހިފައި ދުރުކޮށްލުމަށްފަހު، އެ މޫނާއި ދިމާއަށް ރައިން ގުދުވެލިއެވެ. ދެ ލޮލުގައި ބޮސްދިނެވެ. ނިތްކުރީގައި ތުންފަތް ޖައްސާލައިގެން ހުރެ، ކަރުނަތައް ފޮހެލައި ދިނެވެ. ރައިންގެ ނޭވާގެ ހޫނުން އިވްޔާގެ ހަށިގަނޑުގައި އުފަންވެގެން ދިޔަ ޖަޒްބާތުތައް އުތުރި އަރައިގަތެވެ. ރައިންއަށް ފުރުޞަތުދެމުން މަޑުމަޑުން ދެލޯ މަރާލިއެވެ.

ހިތް ފުރެންދެން އިވްޔާގެ މޫނަށް ބަލަން ރައިން ހުއްޓެވެ. ހިތުގެ ގޮވުމަށް އިޖާބަދޭން ބޭނުންވިއެވެ. އެހެނަސް ކައިވެނީގެ ކުރިން އެ ހަށިގަނޑުން އުފަލެއް ހޯދާކަށް ރައިން ބޭނުމެއް ނުވިއެވެ. އެހެންކަމުން ރަތް ފިނިފެންމަލެއްފަދަ އިވްޔާގެ ތުންފަތުގައި މަޑުމަޑުން އަތް ޖައްސައިލުމަށްފަހު ދުރުކޮށްލީއެވެ.

"އައިލަވް ޔޫ ޓޫ ޕްރިންސަސް..." އިވްޔާ އުރާލައި، ވައިގެ ތެރޭގައި އަނބުރައިލަމުން ރައިން ބުންޏެވެ.

"ތި ދެމީހުންނަށް ހަމަ ސާބަސް... މާ ފޮޅުވާނެ ވަގުތު ލިބޭނެއޭ... ހިނގާ އަވަހަށް ދާން.... ކިހާ ވަރަކަށް ހޯދައިފިން ކަން އެނގޭތަ..."

ޝިރުވާގެ އަޑަށް ރައިން އާއި އިވްޔާ ދިޔައީ ސިއްސައިގެންނެވެ. ރައިން އަވަސްއަވަހަށް އިވްޔާ ތިރީގައި ބަހައްޓާލިއެވެ. ދެމީހުން އެކަކު އަނެކަކާއި ދުރަށްޖެހިލަންވެސް ނޭނގިފައި ތިއްބައި ޝިރުވާ އައިސް އިވްޔާގެ އަތުގައި ހިފައި، ދަމައިގަތެވެ.

"އަޅެ ތިދެމީހުން ތިތިބެނީ ތަތްލާފަތަ؟... އެވަރަށް ބުނީމަވެސް މީޓް ކުރީއޭ ދޯ... ޕިސްޕިސްޕިސް... ލޯބިވިޔަސް ބޮޑުވަރު ތީ... ކައިވެނި ކުރެވޭކަށް ގިނައިރެއްވެސް އޮތީކީ ނޫނޭ..." އަނގަޔަށް ގޮތެއް ހަދައިލަމުން ޝިރުވާ ބުންޏެވެ. އޭރު އޭނަ ހުރީ އުނަގަނޑުގައި ދެއަތް ވިއްދާލައިގެންނެވެ.

"ހެވިފަ ހުންނާނެކަމެއް ނެތް... ފަހުން އަދި މީގެ އަދަބު ލިބޭނެ..." ރައިން އާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ޝިރުވާ އިންޒާރު ދިނެވެ.

އެއްޗެއް ބުނަން އުޅެފައިވެސް ރައިން ހިމޭންވިއެވެ. ޝިރުވާގެ ކުރިމަތީގައި އެއްޗެކޭ ބުނެގެން ކުރި ނުލިބޭނެކަން އެނގޭތީއެވެ. ކަނދުރާގައި ފިރުމާލަމުން ރައިން ބަލައިލީ ޝިރުވާގެ ފުރަގަހުގައި އިސްޖަހާލައިގެން ހުރި އިވްޔާއަށެވެ. ޝިރުވާގެ ފަހަތުގައި ހުރުމުން ރައިންއަށް ފެންނަމުންދިޔައީ އިވްޔާގެ މޫނުން ބައެކެވެ. ހިތް ފުރެންދެން ބަލައިލަން ބޭނުންވިޔަސް އެފުރުޞަތު ޝިރުވާ ނުދޭނެކަން އެނގޭތީ، ހިނިތުންވެލައިގެން ހުރެ އެތަނުން ދިޔުމަށް ރައިން ހިނގައިގަތެވެ.

ރައިންއަށް ދެވުނީ ތަންކޮޅަކަށެވެ. އެދިމާއަށް ދުވެފައި އައި މީހެއްގެ ގައިގައި އަޅައިގަނެފައި އަރިއަޅައިލިއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ރައިން އޭނާގެ ހަށިގަނޑު ސީދާކޮށްލިއެވެ.

"ޔޫ؟..." ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނިފައި ރައިންއަށް ބުނެވުނެވެ.

"ސޮރީ... މީ މަންމަ..." ހުއްޓަމުން ކަހަލަ ގޮތަކަށް އަންހެންކުއްޖާ އެހެން ބުނިއިރު، މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނަމުން ދިޔައެވެ. ކުޑައިރުކޮޅަކު އެހެން ހުރެފައި އެ ކުއްޖާ ދުއްވައިގަތީ، ކުރިމަތިން މީހަކު ފެނިގެން ދުއްވައިގަންނާނޭ ފަދައިންނެވެ.

"އެއީ... އެއްކަލަ ދުވަހު ސައިކަލަށް އެރި ދައްތަގެ ދަރިފުޅު ދޯ..." ރައިން އާއި އަރައި ހަމަވެފައި އިވްޔާ ބުންޏެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލާފައި ރައިން ހިނގައިގަތީ ޝިރުވާއަށް ނޭނގޭނޭހެން އިވްޔާގެ އަތުގައި ހިފައިލާފައެވެ.

"އީވޫ..." ވަކި ހިސާބަކަށް ގޮސްފައި ޝިރުވާ ގޮވާލިއެވެ. އެއަޑުގައި ކޮންމެވެސް ވަރަކަށް ހިތާމައިގެ ޢަޞަރު ވިއެވެ.

"އީވޫ އާ ނުލާ އުޅެން ވަރަށް އުނދަގޫވާނެ... ވަރަށް ހަނދާންވާނެ..." ކުއްލިއަކަށް އިވްޔާގެ ގައިގައި ބައްދައިލަމުން ޝިރުވާ ބުންޏެވެ.

"ޝިރޫ މަތިން މާބޮޑަށް ހަނދާންވާނެ... ޕްލީޒް މިގަޑީ ނުރޮއްޗޭ... އެހެންނޫނީ ޚިޔާލު ބަދަލުވެދާނެ..." އިވްޔާގެ ދެލޯވެސް ފެންކަޅިވިއެވެ.

އިވްޔާ އެހެން ބުނުމާއިއެކު ޝިރުވާ ދުރަށްޖެހިލިއެވެ. ކަރުނަތައް ފޮހެލަމުން ހިނިތުންވެލިއެވެ. އަދި އިވްޔާއަށް އުފާވެރި ޚަޔާތެއް ލިބޭތީ ވަރަށް އުފާވާކަމުގައި ބުނެ، އިވްޔާގެ ރީތިކަމަށް ތަޢުރީފުކުރިއެވެ. ކޮންމެ ތާކު އުޅެންޖެހުނަސް، އަބަދުވެސް އެންމެ ގާތުގައިވާ މީހެއްގެ ގޮތުގައި ހުރެދޭނެ ކަމަށް ބުނެ، އިވްޔާގެ ހިތް ހަމަޖައްސައިދިނެވެ.

********

ކަނޑުގެ ލޮނުގަނޑު ކަފަމުން ކަހަލަގޮތަކަށް ދުއްވަމުންދިޔަ ލޯންޗްގެ މިސްރާބު ހުރީ ކުރިމަތިން ފެންނަން އޮތް ރިސޯޓާއި ދިމާއަށެވެ. ލޯންޗްގެ ފަހަތު ޝީޓުގައި އިށީނދެލައިގެން ޔުމާން އިންއިރު، އެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތީގައި ތިބި ތިން ފުލުހުންނަށެވެ. ރިޔާޒުގެ ގޮތް ނޭނގޭ ހަޤީގަތް ހޯދުމަށް ފުލުހުންގެ ޓީމް ފަށާފައިވާ މަސައްކަތުގެ ތެރޭގައި އޭނަ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަމިއްލަ ނަފުޞު ޤުރުބާން ކުރަންޖެހުނަސް ޔުމާން އެކަމާއި ކުރިމަތިލީ ހުދު އޭނައަށްވެސް އަދަބު ލިބެންޖެހޭ ވަރުގެ ކުށެއް ކުރެވިފައިވާ ކަން އެނގި ހުރެއެވެ. އެހުރިހާ ހަޤީގަތަކާއިއެކުވެސް އޭނައަށް މުހިއްމުވީ އިވްޔާއެވެ. މިނިވަންކަމާއިއެކު އުދުހެން ރިޔާޒަށް ފުރުޞަތު ދޭން ބޭނުން ނުވާތީއެވެ. އެހެންވެ، ރިޔާޒު ނަގަމުން އައި ކޮންމެ ފިޔަވަޅެއްގެ ތަފްޞީލް އޭނަ އައީ ފުލުހުންގެ އިންޓެލިޖެންސް ޓީމާއި ޚިއްސާކުރަމުންނެވެ.

ރިޔާޒުގެ ހަޤީގަތް ހޯދުމަށް ގެއެއްގައި ބަންދުކުރަން ޔުމާންއަށް މަޖުބޫރުވީ ހަޤީގަތް ހޯދާނެ އިތުރު ގޮތެއް ނޭނގުމުންނެވެ. އެ ގޭގައި ކެމެރާތަކާއި އަޑު ރެކޯޑުކުރާ ޑިވައިސްތައް އޭނަ ހަރުކުރީ ރިއްފަތަށް ވެސް ސިއްރުންނެވެ. ރިއްފަތުވެސް އޭނައަށް ކަމެއް ސިއްރު ކުރާހެން ހީވާތީއެވެ. ކެމެރާތަކުގެ އެހީގައި ޔުމާން އައީ ރިޔާޒު އުޅޭނޫޅޭގޮތް ވަރަށް ރަނގަޅަށް ބަލަމުންނެވެ. އެންމެފަހުން ނަޞީބު އޭނަގެ އަތުގައި ހިފީއެވެ. ރިޔާޒު އަމިއްލައަށް އޭނަ ކުރި ހުރިހާ ކުށަކަށް އިޢުތިރާފުވީއެވެ. ދެން އޮތީ އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އެ ހޯދައިދިނުމުގެ މަސައްކަތެވެ. އޭނަ އެ އިނީ އެކަމަށްވެސް އަތުކުރި އޮޅާލައިގެންނެވެ.

ޔުމާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެންމެންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާއިރު، އަމިއްލަ މަންމައަށް އިންސާފު ހޯދައިދޭން އޭނަ އެވަނީ ނުކުޅެދިފައެވެ. ރިއްފަތަކީ ކޮންކަހަލަ މީހެއްކަން އެނގޭ ހިނދު، އެމަންމަގެ ހިތް ކުދިކުދިވާނެއެވެ. ކައިލަން އަކީ އޭނަގެ ދަރިއެއް ކަމާއި، ނަހަލާލަށް ލިބިފައިވާ ކުއްޖެއްކަން އެނގޭ ހިނދު، އެ މަންމަގެ ހިތަށް ހާދަ އަޞަރެއް ކުރާނެއެވެ. ދަރިންނާއި ދޭތެރޭ އެ މަންމަ ދެކުނު ފޮނި ހުވަފެންތައް ވިއްސި ވިހާލިވެގެން ދާނެކަން ކަށަވަރެވެ. ދެ ދަރިންނާއި، ފިރިމީހާ ޖަލުގެ ތޭރިތަކުގެ ތެރޭގައި ވާތަން ދެކެން އަމުދުން އެހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކުން ޔުމާންގެ ބޮލުގައި ރިއްސަން ފެށިއެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ސަކީލާ ކިޔައިދިން ވާހަކަތަކެވެ. އެ މަންމަގެ ޚަޔާތް ބަރުބާދުކޮށްލި ހިތި ހަޤީގަތެވެ.

*******

ޙުސައިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްތަކަކީ ސަކީލާގެ ޙަޔާތަށް ބަހާރު މޫސުން އައި ދުވަސްކޮޅެވެ. އެހެންނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. މަޖުބޫރުން ރިޔާޒާއި ކައިވެނިކުރިއިރު، ސަކީލާ އިނީ ޙުސައިންގެ ދަރިއަކަށް ބަލިވެއެވެ. ރިޔާޒު ކޮންމެފަދަ ކަމެއް ކުރަންވެސް ފަސްނުޖެހޭނެކަން އެނގޭތީ ސަކީލާ އެކަން ސިއްރުކުރީ އެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ވާން ނޭދޭތީއެވެ. ސިއްރުން ކުރާ ކޮންމެކަމެއް އަބަދު ސިއްރެއްގެ ގޮތުގައި ދެމިއެއް ނޯންނާނެއެވެ. ކޮންމެވެސް ދުވަހަކުން ހަޤީގަތް ހާމަވެއެވެ. ސަކީލާ ވިހޭ ދަރިފުޅު ޙުސައިން އާއި ވައްތަރުގޮތެއް ހުރިކަން ރިޔާޒަށް ފާހަގަ ކުރެވުނެވެ. ސަކީލާއަށްވެސް ނޭނގި، އެދަރިފުޅުގެ ޑީއެންއޭ ޓެސްޓެއް ރިޔާޒު ހެއްދިއެވެ. އެއީ ރިޔާޒުގެ ދަރިއެއް ނޫންކަން ސާބިތުވީ އެހިސާބުންނެވެ.

ސަކީލާ ބިރުން އުޅުނު ހުރިހާކަމެއް ވިއެވެ. އެ ތުއްތު ފުރާނަ އޭނަ އާއި ވަކިކޮށް ނުވެސް ދަންނަ ބައެއްގެ ތެރެއަށް ދޫކޮށްލިއިރު، މަޔެއްގެ ހިތުގައި އަޅާނޭ ވޭން ރިޔާޒަށް ކުޑަކޮށްވެސް އިޚްސާސްނުވާ ކަހަލައެވެ. މައިވަންތަކަމުގެ ލޯބިން އުތުރިއަރަމުންދިޔަ ސަކީލާގެ ހިތް ފުނޑުފުނޑުކޮށްލައި، އެދަރިފުޅުގެ މޫނުވެސް ދައްކައިނުލިއެވެ.

އެދުވަހުގެ ފަހުން ގޭގެ ހަތަރުފާރުން އެތެރެ ވީ ސަކީލާއަށް ޖަލަކަށް ވުރެވެސް ނުރައްކާތެރި ތަނަކަށެވެ. ރިޔާޒުގެ އަނިޔާތަކާއި ކުރިމަތިލާން ނުޖެހޭ އެންމެ ދުވަހެއްވެސް ނުދެއެވެ. ގޭތެރޭގައި ބަންދުވެގެން ސަކީލާ ހޭދަކުރީ ޙަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ.

ސަކީލާ ހުރީ ފުރުޞަތަކަށް ބަލަބަލައެވެ. ޙުސައިންއަށް ހަޤީގަތް އެންގުމަށް ކެތްމަދުވެފައި ހުރި ސަކީލާއަށް އެފުރުޞަތު ލިބުނީ ރިޔާޒު ރާއްޖެއިން ބޭރަށް ދިޔަކަން އެނގުމުންނެވެ. ރިއްފަތު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަކީލާ ކުރިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އެދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ސަކީލާ ބޭނުންވިއެވެ. އެކަން ކުރެވޭނީ ޙުސައިންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކަމުގައި އޭނަ ގަބޫލުކުރިއެވެ. ޙުސައިންއަށް ގުޅައިގެން މާލެ ގެނައީ އެ ދަރިފުޅު ޙުސައިންއަށް ޙަވާލުކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ކަންތައްތައްވީ ސަކީލާ ހީކުރި ގޮތަކަށް ނޫނެވެ. ރާއްޖެއިން ބޭރަށް ދިޔުމުގެ ބަހަނާގައި ރިޔާޒު ކުޅުނު ތަމްސީލަކީ އޭނަގެ ލޮލުގައި އަޅުވައިލި އަނދުނެކެވެ. ސަކީލާގެ ހުރިހާ ކަމެއް ރިޔާޒު ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. އެއީ ޙުސައިންގެ ފަރާތުން ބަދަލު ހިފުމުގެ މަޤުޞަދުގައި އެތައް ދުވަހެއް ވަންދެން އޭނަ ރޭވި ރޭވުމެކެވެ.

އެދުވަހު އެނބުރި ގެއަށް އައިސް ރިޔާޒުގެ އެތައް އަނިޔާއަކާއި ސަކީލާއަށް ކުރިމަތިލާންޖެހުނެވެ. ރިޔާޒު ފޮރުވައިގެން އުޅުނު ތަސްވީރުތަކުގައިވީ އެ ދުވަހު ރިޔާޒު ކޮށްފައިވާ އަނިޔާތަކުގެ މަންޒަރުތަކެވެ. އެ ތަސްވީރުތައް ނެގީ ކިހިނެތް ކާކުކަމެއް ރިޔާޒަކަށް ނޭނގެއެވެ. އެކަން އެނގެނީ ހަމައެކަނި ސަކީލާއަށެވެ.

ސަކީލާގެ ޙާލަތު ގޯސްވީ ރިޔާޒުގެ ފުށުން ލިބުނު އަނިޔާތައް ތަހަންމަލް ކުރާނޭ ހަކަތަ އެ ހަށިގަނޑުން ހުސްވުމުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުމުން ރިޔާޒު ކަންބޮޑުވިއެވެ. ފުލުހުންނާއި ހަމައަށް އެ މައްސަލަ ދިޔުމުގެ ކުރީން އެކަން އޮއްބައިލުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ރިޝްވަތުގެ ދަޅަ ދެއްކިއެވެ. ފައިސާގެ އެހީގައި އަމިއްލަ ޑޮކްޓަރަކާއި ނަރުހުން ޝަކީލާގެ ކައިރީގައި ބޭތިއްބިއެވެ. ސަކީލާ ހޭއަރާ ކޮންމެ ފަހަރަކު ނުބައި ބޭސްތަކެއް ދީ އަނެއްކާވެސް ނިންދަވައިލަނީއެވެ.

********

ކުރިޔަށް ހިނގަމުންދިޔަ ވަރަކަށް އިވްޔާގެ ދެލޯ ބޮޑުވަމުން ދިޔައެވެ. ހައިރާންކަމާއި އެއްވަރަށް އުފާވެރިކަންވެސް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. ވަށައިގެން ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުންދިޔައީ ސަންފްލާވަރ ތަކެވެ. ކައިވެނިކުރަން ހަމަޖައްސާފައިވަނީ އަތިރިމަތީގެ ހުދު ފަސްގަނޑުގައި ކަމުން އެތަނަށް ދެވެން އޮތް މަގުވެސް ހަދާފައިވަނީ ސަންފްލާވަރ ބޭނުން ކޮށްގެންނެވެ. ކައިވެނީގެ މޭޒުގެ މެދުގައި ސަންފްލާވަރ މަލުން ޒީނަތްތެރިކުރެވިފައިވާއިރު، މޭޒުގެ ދެފަރާތުން ޖަހާފައިވާ ތަނބުތަކާއިއެކު މަތިވެސް ހިޔާކުރެވިފައިވީ ހަމަ އެ މަލުންނެވެ. މާތަކުގެ ތެރެއިން ދިއްލާފައިވާ އޮރިންޖްއަލިން ތަނަށް ވެރިކުރުވާފައިވީ އާދަޔާ ޚިލާފު ހިތްގައިމު ކަމެކެވެ. މަޑުމަޑުން ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން ސިކުނޑި ތާޒާކުރުވާ ފިނިކަމެއް މާހައުލުގައި ހަރުލާފައި ހުއްޓެވެ.

ކައިވެނީގެ ޙަފުލާ ފެށިގެން ކުރިޔަށް ދިޔައެވެ. ހަމަޖެހޭގޮތް ދައްކައިގެން އިންނަމަވެސް ރިޒްވީން އިނީ ނުތަނަވަސްވެފައެވެ. ރިސޯޓަށް އައީއްސުރެ، އޭނަ އިވީޝާ އާއި ދިމާއަށް ބަލައިވެސް ނުލައެވެ. އިވީޝާގެ ހާލަކީވެސް އެޔެވެ. ރިޒްވީން އާއިމެދު އޭނަ އެފަދަ ނަޒަރަކުން ނުވެސް ދެކޭއިރު، ފިރިއެއްގެ ގޮތުގައި ކުރިމަތިލާނެގޮތެއް ޚިޔާލަށްވެސް ގެންނާކަށް ނުކެރުނެވެ.

ލޮލުގެ ހިމަކޮޅުން އިވީޝާ ބަލައިލީ ރައިންގެ މޫނަށެވެ. އެމޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ފެނި އިވީޝާގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. ރައިން އަކީ އޭނަގެ އަލަތު ލޯތްބެވެ. ކުޑައިރޫއްސުރެ، ހިތުގައިވީ ހަމައެކަނި ރައިންގެ ނަމެވެ. ނަމަވެސް ބޭނުންވާ ކޮންމެ އެއްޗެއް ނުލިބޭނެކަން އޭނަ މިއަދު ގަބޫލުކޮށްފިއެވެ. އުފާވެރި ޙަޔާތެއް ލިބޭނީ އެހެން މީހުންގެ އުފާތައްވެސް ހޯދައިދީގެން ކަން އިވީޝާ ގަބޫލުކުރިއެވެ.

********

ލޯންޗު ފާލަމާއި ކައިރިކުރުމާއިއެކު ޔުމާން ފުންމައިލިއެވެ. ރިއްފަތުވީ ކޮންތާކުތޯ ބެލުންވެސް އޭނައަށް މުހިއްމުކަމަކަށް ނުވިއެވެ. ބާރުބާރަށް ހިނގާފައި ދިޔައީ ކައިވެނީގެ މަޖިލީސް އޮންނާނެކަމަށް ބުނި ދިމާއަށެވެ. ކައިވެނީގެ ކުރިން އިވްޔާއަށް ހުރިހާ ހަޤީގަތެއް އެނގެން ޖެހޭނެކަމުގައި ޔުމާން ގަބޫލުކުރިއެވެ.

ވަކި ހިސާބަކަށް ގޮސްފައި ޔުމާންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ކައިވެނީގެ މޭޒުދަށުގައި އިން އިވްޔާ ފެނިފައެވެ. އަންހެންވަންތަ ކަމުގެ ހުރިހާ ސިފައެއް ލިބިފައިވާ ހޫރު ޕަރީއެއް ފަދައެވެ. ދުވަހަކު އެ މޫނުމަތިން ނުދެކޭ ހަމަޖެހުމާއި އުފާވެރިކަމުގެ ޢަޞަރު އެ މޫނުމަތިން ފެންނަން ހުއްޓެވެ. އެތައް ދުވަހަކަށްފަހު އެ ޙަޔާތަށް އެތައް އުފަލެއް ލިބިފައިވާ ކަހަލައެވެ.

ކަރުނައިގެ މުތީތައް ދެލޮލުގައި ވިދައިގަތުމާއިއެކު ޔުމާންގެ މޭގައި މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. ދެން އޭނައަށް ބަލައިލެވުނީ އެ ހުރިހާ ދުވަހު ދެގޮތެއް ނުވެ، އޭނަގެ ޙަޔާތުގައި ހުރި އެކުވެރިޔާއަށެވެ. އޭނަގެ ކޮންމެ ހިތާމައަކާއި އުފަލެއްގައި އަބަދުވެސް އެންމެ ގާތުގައިވާ މީހަކަށް ވާނީ ރައިން އާއި ނާއިކްއެވެ. އެ ދެމީހުންދެކެ، އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް ޔުމާން ލޯބިވެއެވެ. ރައިންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ފެނި، ކުރަން އުޅޭ ކަންތަކާއިމެދު ޔުމާންގެ ހިތް އަރައިރުންވާން ފެށިއެވެ. އެ ކައިވެނި ހުއްޓުވަންވީ ހެއްޔެވެ؟ ހަޤީގަތް އަންގައިގެން އެންމެންވެސް ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓައިލަންވީ ހެއްޔެވެ؟ ނޫނީ ހަޤީގަތް ސިއްރުކޮށް، އެ ދެ މީހުން އުފަލުގައި އުޅެން ދޫކޮށްލަންވީ ހެއްޔެވެ؟ އިންސާފަކީ ކޮބައި ހެއްޔެވެ؟

ޔުމާންއަށް ވަކިގޮތެއް ނިންމަން ނޭނގިފައި ހުއްޓައި، ރިޔާޒު ގޮވައިގެން ރިއްފަތު އެދިމާއަށް އަންނާތީ ފެނުނެވެ. އޭނަ އަވަސް އަވަހަށް ގޮސް ރިއްފަތު ހުއްޓުވިއެވެ. ކައިވެނީގެ ކުރިން އެއްވެސް ޙަޤީގަތެއް ހާމަކޮށްގެން ނުވާނެކަމުގައި ބުންޏެވެ. ރިއްފަތުވެސް އެގޮތާއި އެއްބަސްވީ، އިވްޔާއަށް ދެރަގޮތެއް ވާން ނޭދޭތީއެވެ. އޭނަ އެޅި ހަމަ އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުން އެ ކޮއްކޮގެ ދިރިއުޅުން ބަރުބާދުވެފައިވާތީއެވެ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ވާކަށް ރިއްފަތު ބޭނުމެއް ނުވިއެވެ. ނަމަވެސް ރިޔާޒު މަޑުން ހުރެދާނެ ހެއްޔެވެ؟ ޙުސައިން އާއި އޭނަގެ އާއިލާ ބަރުބާދުކޮށްލުމަކީ ރިޔާޒުގެ އެންމެ ބޮޑު ހުވަފެނެވެ.

"އަނބި ގަބޫލުކޮށްފިން..."

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

8 ޚިޔާލު

  1. Unbro

    Vaahaka varah reethi 💜💜💜💜💜

  2. Unbro

    Vaahaka varah reeethi

  3. Shyryna

    Wow nice waiting for the next

  4. Saana

    Ma Sha Allah varah reethi wahakah waiting for next part.thanks Eysh 😍😍

  5. Naju

    Amazing 😍😍😍 Eysh dhoooneeee ur a great n wonderful writer 💙💙💙 I love u n ur story 😘😘😘😘😘😘

  6. ފޭން

    ވަރަށް ރީތި މިބައިވެސް. ނޭވާ ހިފާއްޓާލަން ޖެހުނު ޕާޓެއް މީ. ވާހަކަ ނިމެނީތަ އޭސް؟

  7. Anonymous

    ނެކްސްޓް ޕާޓް ޓުޑޭ އޯ ޓުމޯރޯ؟

  8. Sheen

    Alhey kihinehbaa dhen vaanee? Kaakuge kaivenyehbaa e kurevunee? Komme gotheh viyas vvv reethi mi parz ves. V shauguveri kuranivi gothakah ineeves ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Vvv kiyaahithun indha hama e nimunee ehaa interesting gothakah 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚 Waiting for the next part 😍😍😍😍😍😍😍😍😍😍😍😍😍😍😍🌹🌹😘😘😘😘😘😘😘😘😘😘