loading ...
loading ...
އެމްއެމްޕީއާރުސީގެ މައްސަލައިގައި ބީއެމްއެލްގެ މުވައްޒަފުންގެ މައްޗަށް އޭސީސީން ކުރި ތުހުމަތުތައް އެ ބޭންކުން ދޮގުކޮށްފި

އެމްއެމްޕީއާރުސީގެ މައްސަލައިގައި ބީއެމްއެލްގެ މުވައްޒަފުންގެ މައްޗަށް އޭސީސީން ކުރި ތުހުމަތުތައް އެ ބޭންކުން ދޮގުކޮށްފި

0 comment

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތުހުމަތުތައް ބީއެމްއެލް އިން ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޯޑުން އެކުލަވާލާފައިވާ ބޯޑް ރިޒޮލިއުޝަނަކާ ހިލާފަށް އެމްއެމްޕީއާރުސީގެ ޗެކްތައް ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުންދާތީ އެގޮތަށް އަމަލު ކުރި ސަބަބު ސާފުކުރުމަށް ބޭންކްގެ ޗެކް ކްލިއަރަންސްގައި މަސައްކަތް ކުރާ 38 މުވައްޒަފަކާ ސުވާލުކުރަމުންދާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ބީއެމްއެލް އިން ކުރިއަށްގެންދިޔަ އިންޓާނަލް އޮޑިޓުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ކުރިއަށްގެންދިޔަ އޮޑިޓުން ކޮރަޕްޝަނާ ގުޅޭ އަމަލެއްގައި މުވައްޒަފުން ބައިވެރިވެފައިވާކަން ނުދައްކާ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ބޭންކުން ހެދި އިންޓާނަލް އޮޑިޓުގެ އިތުރުން އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށްގެންދިޔަ އޮޑިޓްތަކަށްފަހު ޔަގީންވެފައިވަނީ ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާއްވަތެއްގެ އަމަލެއްގައި ބޭންކުގެ މުވައްޒަފުން ޝާމިލްވާކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. މިއިން އެއްވެސް އޮޑިޓަކުން ބޭންކުން މި މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަކަށް ވެސް ފާހަގަކޮށްފައެއް ނުވެއެވެ..،" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައަކީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަކީ ބޭންކުގެ އުސޫލެއް ނޫން ކަމަށާއި ނަމަވެސް ފުރިހަމަ ނުވާ އެ ތަހުގީގާ ގުޅޭ ގޮތުން އިއްޔެ އާންމުކުރެވިގެން ދިޔަ މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާ ކަމަށް ދޭހަވާގޮތަށް ހާމަކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ތަހުގީގު ކުރިއަށް ދަނިކޮށް އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން، އެ ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލްއަގުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި، އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުއާމަލާތްތައް ކުރާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު