loading ...
loading ...
ޑިޕްރެޝަން – މިވާހަކަ ދައްކަމާ؟

ޑިޕްރެޝަން – މިވާހަކަ ދައްކަމާ؟

0 comment

ޑިޕްރެޝަންއަކީ ނުވަތަ މާޔޫސް ބައްޔަކީ ކަންކަން ކުރުމުގެ މޫޑު ނެތުމާ، ތިމާގެ ވިސްނުމާ ފިކުރާ އިޙްސާސްތަކާ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމުން ދުރުވާކަމެކެވެ. މިބަލީގައި ދެރަވުމާ، މާޔޫސްކަމާ، ހާސްވެ ކަންބޮޑުވުމާ، ހުސްކަން އިޙްސާސްވުން ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފްސުގެ އަގު ނެތްކަމުގެ އިޙްސާސްކުރެވުމާ ކުށްވެރިއެއްކަމުގެ އިޙްސާސްކުރެވުން ބުނެދޭން ނޭނގޭފަދަ އިޙްސާސްތައް ކުރެވުން ހިމެނެއެވެ.
މި ބައްޔަކީ އަދުގެ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އަދި ނުރައްކާތެރި މައްސަލައެކެވެ. ޑިޕްރެޝަންގެ ތަފާތު ބާވަތްތައްވެއެވެ. ޑަކްޓަރުން ވިދާޅުވާގޮތުން މީގެތެރެއިން އެންމެ ނުރައްކާތެރި ވައްތަރަކީ “މޭޖަރ ޑިޕްރެޝަން” އެވެ. މީގެ އިތުރުންވެސް ޑަކްޓަރުން ފާހަގަކުރައްވާ ގޮތުގައި އެހެން ބާވަތްތަކުގެ ކޮންމެ ޑިޕްރެޝަންއަކީ މޭޖަރ ޑިޕްރެޝަންއަށް މަގުފަހި ކޮށްދޭ ކަމެކެވެ.

ޑިޕްރެޝަން ޖެހުމަށް ދިމާވާ ބައެއް ސަބަބު.
މިއަދު އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކުވަނީ ޑިޕްރެޝަންނާ ހަނގުރާމަ ކުރަން ޖެހިފައެވެ. ތަފާތު އެތައް ސަބަބުތަކާއި ހުރެއެވެ. އެހެންކަމުން ޑިޕްރެޝަންނަށް މަގުފަހިކުރާކަމަށް ނަފްސާނީ ޢިލްމުވެރިންނާއި ޑަކްޓަރުންނާއި އަދި ކުރެވިފައިވާ ބައެއް ދިރާސާތައް އެއްބަސްވާ ބައެއް ކަންތައްތައް ބަޔާންކޮށްލާނަމެވެ.
# އަނިޔާ: ކުރިން ލިބިފައިވާ ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ އަނިޔާއަކީ ފަހުން ޙަޔާތުގައި ޑިޕްރެޝަންނަށް މަގުފަހިވުމަށް ދިމާވެދާނެ ސަބަބެކެވެ.

# ބަނގުރާ ބުއިމާ، ޑްރަގް ބޭނުން ކުރުމާއި އަދި ޒިނޭކުރުމާއި ފާޙިޝްކަންތައްތައް ކުރުމަކީވެސް މީހާ ޑިޕްރެޝަންގެ ތެރެއަށް ވައްޓައިލާކަމެކެވެ.

# ތިމާ ލޯބިވާ މީހަކު ގެއްލުން ނުވަތަ މަރުވުމަކީ ޑިޕްރެޝަންއަށް މަގުފަހިވެދާނެ ކަމެކެވެ.

# ބައެއް ބަލިތަކުން ފަރުވާހޯދުމަށް ބޭނުންކުރާ ބޭހަކީވެސް މީހާ ޑިޕްރެޝަންގެ ޝިކާރަޔަކަށް ވައްޓައިފާނެ އެއްޗެކެވެ.

މި ބަޔާންކޮށްލި ކަންކަމުގެ އިތުރުންވެސް މީހާ ޑިޕްރެޝަންގެ ޝިކާރަޔަކަށް ހަދައިފާނެ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރޭގައި މުދަލާއި ފައިސާގެ ކަންކަން އަދި ދުނިޔޭގައި ކުރިމަތިވާ ތަފާތު އިމްތިޙާނުތައް ހިމެނެއެވެ.
ޑިޕްރެޝަންގެ ސަބަބުން ކުރާނޭދެވޭ އަސަރު
ޑިޕްރެޝަންގެ ޙާލަތުގައި މީހަކަށް ދިރިއުޅުމަކީ ދަތި އަދި އުނދަގޫކަމެކެވެ. ޑިޕްރެޝަންގެ ސަބަބުން ތަފާތު މީހުންނަށް ކުރިމަތިވަނީ ތަފާތު އުނދަގޫތަކެވެ. އެހެންކަމުން ޑިޕްރެޝަންގެ ސަބަބުން މީހުންނަށް ޢާންމުކޮށް ކުރާ ނޭދެވޭ އަސަރުތައް ހިމަނައިލާނަމެވެ.

# ޑިޕްރެޝަން ހަށިގަނޑާއި ފުރާނަ ބަލިކަށިކޮއްލައެވެ.

މިގޮތުން ހުޅަނގުގެ މަޝްހޫރު ޑޮކްޓަރެއްކަމަށްވާ އެލެކްސިސް ކާރލައިލް Dr. Alexis Carlyle ވިދާޅުވެފައި ވެއެވެ. “މަސައްކަތް ކުރާ މީހުންގެ ތެރެއިން މަޔޫސްކަމާ އަދި ދަތިކަމާއި ހަނގުރާމަކުރަން ނުދަންނަ މީހުން އެހެން މީހުންނަށްވުރެ އަވަހަށް މަރާއި ބައްދަލުކުރެއެވެ.” ހަމަކަށަވަރުންވެސް ހުރިހާކަމެއްވަނީ ﷲ މިންވަރުކުރައްވާ ގޮތަކަށެވެ. އަހަރުމެންނަށް ޑރ. ކާރލައިލްގެ ވާހަކައިން އެނގިގެން ދިޔައީ މާޔޫސްކަމަކީ ހަށިގަނޑު ހަލާކުކޮށްލުމަށް މެދުވެރިވާ ސަބަބެއްކަމެވެ.

# ނިދީގެ މައްސަލަތައް ކުރިމަތިވުން:

ޑިޕްރެޝަންނާއި ނިންޖާއި ޢާންމު ގޮތެއްގައި ހުންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ބަލިމީހާ ބައެއް ފަހަރު އާދަޔާއި ޚިލާފަށް މާގިނައިން އަރާމްކުރަން ފަށައެވެ. ނުވަތަ ބައެއްފަހަރު އަރާމްކުރުމާއި ދުރުވެ އެއްގޮތަކަށްވެސް އަރާމު ނުކުރެވޭގޮތް ދިމާވެއެވެ. އަރާމްކުރުމުގައި ރަނގަޅު އުސޫލެއް ނެތުމުގެ ސަބަބުން މީހާ ބަލިކަށިވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ދިމާވެފައިވާ ކަންތައް އިތުރަށް ގޯސްވެގެންދެއެވެ. އަދި މީގެ އިތުރުން އެމީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލިކަށިކޮށްލައެވެ. އެހެންކަމުން ތަފާތުބަލިތައް ޖެހުމުގެ ބިރުވެރިކަން އިތުރުވެއެވެ.

# އަމިއްލައަށް މަރުވުން:

ޑިޕްރެޝަންގެ ސަބަބުން ދިރިއުޅުމާއި މެދު މީހާ ފޫހިވެއެވެ. އަދި އެހެންކަމުން ޑިޕްރެޝަންގެ ސަބަބުން މީހާ އަމިއްލައަށް މަރުވުމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ. އެއީ އޭނާއަށް އިޙުސާސްކުރެވޭ ގޮތުގައި ދިމާވެފައިވާ ހުރިހާ ވޭންތަކުން ސަލާމަތްވާން އޮތް ހަމައެކަނި ޙައްލަކީ މަރެވެ. އަމިއްލައަށް މަރުވާން ވިސްނުމަކީ ޑިޕްރެޝަންގެ ވަރަށް ސީރިއަސް ޢަލާމާތެކެވެ. އެހެންވީމާ މީހަކު އަމިއްލައަށް މަރުވުމުގެ ވާހަކަ ނުވަތަ އެފަދަ ޢަމަލެއް ފެނިއްޖެނަމަ އެކަމާއި އަޅާނުލާ ދޫކޮށްނުލާށެވެ. ހަމައެކަނި އެއީ މީހާ އަމިއްލައަށް މަރުވާން އުޅޭކަމުގެ އިންޒާރެއް ނޫނެވެ. އަދި ކިއެއްތަ އެއީ އެހީތެރިކަމަށް އެދި މީހާ ރޯ ރުއިމެކެވެ.
ޑިޕްރެޝަންނަށް ކުރެވިދާނެ ބައެއް ފަރުވާ
ޑިޕްރެޝަންނަށް ފަރުވާކުރުމަށްޓަކައި ތަފާތުވައްތަރުގެ ޑަކްޓަރީ ބޭސްތައްވެސް ހުރެއެވެ. ނަމަވެސް ހިތާމަޔަކީ މި ބޭސްތަކުގެ ސައިޑް އިފެކްޓްތައް ވަރަށް ވަރުގަދަކަމެވެ. އެހެންކަމުން ޑަކްޓަރުންވެސް ޢާންމުގޮތެއްގައި މި ބޭސްތައް ދެނީ އެނޫން އެހެންގޮތެއް ނެތުނީމައެވެ. އެހެންކަމުން ބުއްދިވެރި މުސްލިމަކާއި އެއްދުވަހަކު ކާފަރަކު ސުވާލުކުރިއެވެ.
ޑިޕްރެޝަންނަށް އޮތްފަރުވާއަކީ ކޮބައިހެއްޔެވެ؟

ޖަވާބުގައި މުސްލިމް މީހާ ބުންޏެވެ.

“ތިބާގެ ނޭފަތަށް އުނދަގޫވުމުން ކުރަނީ ކީއްހެއްޔެވެ؟ މީރުވަސްދުވާ އެއްޗަކުން ވަސް ބަލަނީއެވެ. ކަންފަތަށް އުނދަގޫވުމުން ކަންތައްކުރަނީ ކިހިނެއް ހެއްޔެވެ؟ ކަންފަތަށް އަރާމް ލިއްބައިދޭ އަޑު އަހަނީއެވެ. ނަމަވެސް ތިބާގެ ހިތަށް ދަތިވުމުން ކުރާކަމަކީ އެހެނިހެން ގުނަވަން ތަކަށް އުފާހޯދައި ދިނުމެވެ.”

1 – ނަމާދާއި ދުޢާއިން ރައްކާތެރިކަން ހޯދުން.
މި މާނައިގައި ﷲ ވަޙީކުރައްވާފައިވެއެވެ. “އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ.” (سورة البقرة 2:45)
حذيفة (رضي الله عنه‎) ވިދާޅުވިއެވެ. “ރަސޫލާ صلى الله عليه وسلم‎ އަށް ހިތާމައެއް ކުރިމަތިވާ ކޮންމެ ފަހަރަކު ނަމާދުކުރައްވައެވެ.
ފިކުރުބޮޑުވެ ހިތާމައިގެ ވަގުތުގައި ކުރާދުޢާ،
1 اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي

މާނަ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަﷲގެ އަޅަކީމެވެ. އިބަﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަން ވަނީ އިބަﷲގެ ޤުދުރަތްތެރިކަމުގެ ދަށުގައެވެ. އިބަﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަﷲގެ ފައިޞަލާ މިއަޅާއާމެދުގައި ޢަދުލުވެރިވެގެންވެއެވެ. އިބަﷲގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟުރަތުން ޣައިބުގެ ޢިލްމުގައި އިބަﷲ ޚާއްސަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުޢާން ލައްވައިދިނުމަށް އިބަﷲގެ ޙަޞްރަތުން އެދިދަންނަވަމެވެ.”

اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال

މާނަ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެން ވުމުންނާއި، ކަންނެތް ކަމުންނާއި، ބަޚީލު ކަމުންނާއި، ފިނޑި ކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.”
2 – މިދުނިޔޭގެ ހަޤީގަތް އޮޅުންފިލުވުން.

މިދުނިޔެއަކީ ވަގުތީ ތަނެއްކަމާ މިތަނުގެ މުދަލަކީ މަދުއެއްޗެއްކަމާ އަދި މިތަނުގައިވާ ކޮންމެ ހިތް ހަމަޖެހުމަކީ އަބަދުވެސް އުނިއެއްޗެއްކަން އީމާންވެގެންވާ މީހާއަށް އެނގޭނެއެވެ. އަދި މިތަނުގައި ކުޑަކޮށް ހިނިތުންވެލަން ޖެހުނަސް، ކަރުނައެޅުމައް އެތައް ސަބަބެއް މެދުވެރިވާނެކަން އީމާންވެގެންވާ މީހާއަށް އެނގޭނެއެވެ. މިތަނުގައި އީމާންވެގެންވާ މީހާގެ ޙާލަތަކީ ރަސުލާ صلى الله عليه وسلم‎ ޙަދީޘްގައި ވާފަދައިންނެވެ. “ދުނިޔެއަކީ މުއުމިނުންނަށް ހުރަގެއެކެވެ. އަދި ކާފިރުންނަށް ސުވަރުގެއެކެވެ.”

3– އެމީހެއްގެ އެންމެ މުހިއްމު ކަމަކީ އާޚިރަތްކަމުގައި ބެލުން.

މީހާގެހުރިހާވެސް އެއްޗަކީ ދުނިޔެކަމުގައި ބަލައިފިއްޔާ އިސާހިތަކު އެމީހެއްގެ ބޯ ގޮވައިފާނެއެވެ. ނަމަވެސް އެމީހެއްގެ އެންމެ މުހިންމުކަމަކީ އާޚިރަތްކަމުގައި ބަލައިފިއްޔާ ﷲ އޭނާޔަށް އެހީތެރިވެވޮޑިގަންނަވާނެއެވެ.

4 – އަބަދުވެސް ﷲއަށް ވަކީލްކުރުން.

ﷲއަށް ވަކީލުކުރުމުން އެމީހަކަށް އަބަދުވެސް ހިތަހަމަޖެހުމާއި ލުއިފަސޭހަކަން އިޙުސާސް ކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އެމީހަކު ނަފްސާނީ އަދި ޖިސްމާނީ އެތައް ބަލިތަކަކުން ސަލާމަތްކޮށްދޭނެއެވެ. ދުނިޔެވީގޮތުން އަދި ދީނީގޮތުން އެމީހަކު ކުރާ ކޮންމެ ކަމެއްގައި އެހީތެރިކަން ލިބޭނެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.
“އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.” [سورة الطلاق 65:3]
5 – އަބަދުވެސް މުޞީބާތެއް ދިމާވެދާނެކަމަށް ވިސްނުމާ އަދި ދިމާވެދާނެ މުޞީބާތަކަށް ތައްޔާރުވެ ހުރުން.

ތިބާ ލޯބިވާ މީހަކު ގެއްލިދާނެކަމަށާ، ތިބާއަށް މުދަލުގެ ދަތިކަން ކުރިމަތިވެދާނެކަމަށާއި އަދި ދުޝްމަނެއްގެ ފަރާތުން ލިބިދާނެ ގެއްލިމަކަށް ނުވަތަ މިނޫންވެސް ތިބާއަށް ހިތާމައެއް ކުރިމަތި ކުރުވައިފާނެ ކަމަކަށް ތައްޔާރުވެ ހުރެއްޖަނަމަ އަދި އެކަމުން ލިބިދާނެ ގެއްލުމަކަށް ވިސްނައި ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިގެން ހުރެއްޖެކަމުގައި ވަނީނަމަ އެކަމުގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަވާނެއެވެ. ސަބަބަކީ މާކުރިއްސުރެ ތިބާ އެކަމަށް ތައްޔާރުވެހުރީ ތީއެވެ.
6 – ޑިޕްރެޝަން ނުވަތަ މާޔޫސް ބަލީގެ ޝިކާރައަކަށް ވެފައިވާ މީހާ އަބަދުވެސް ހަނދާން ބަހައްޓާށެވެ. ކޮންމެ ދަތިކަމަކަށްފަހު ފަސޭހައެއް އަންނާނެއެވެ. އެހެންކަމުން އެމީހާ  ވިސްނަންޖެހޭނީ ރަނގަޅަށެވެ. އަދި އެމީހަކަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތްވާނެ މަގު ﷲ ދައްކަވާނެކަން ޔަޤީންކުރަންވާނެއެވެ.

سورة الشرحގެ 5ވަނަ އާޔަތާއި އަދި 6ވަނަ އާޔަތުގެ މާނައިގައިވެއެވެ.
“ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.” ދަންނަށެ ކާމިޔާބު އަންނަނީ ކެތްތެރިކަމުގެ ތެރެއިންނެ، ފަސޭހަކަން އަންނަނީ ދަތިކަމުގެތެރެއިންނެވެ.

މަސްދަރު: ދިއިސްލާމް

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު