loading ...
loading ...
ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް: ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން އެސްއޯއާރުސީ ހޯދައިފި

ފޮޓޯ/ޕޮލިސް

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް: ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން އެސްއޯއާރުސީ ހޯދައިފި

0 comment

ކޮމިޝަނަރ އޮފް ޕޮލިސް ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ފުަރަތަމަ ޑިވިޜަންގެ އެންމެ ފަހުގެ ޗެމްޕިއަން އައިޑީ ކުލަބު ބަލިކޮށް، އެސްއޯއާރުސީ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އެސްއޯއާރުސީ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެސްއޯއާރުސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އައިޑީ ކުލަބާ ވާދަކުރިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 3-3 ން އެއްވަރުވުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 8-7 ން ކުރިހޯދައިގެންނެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އައިޑީ ކުލަބުންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި މިލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނާޒިމްއެވެ. މިލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވަނީސް އެސްއޯއާރުސީއަށް ލިބުނު ޕެނަލްޓީއަކުން މުއްަރަތު އަޙްމަދު ނަތީޖާ އެއްވަރުކޮށްދިނެވެ. މި ޕެނަލްޓީއަކީ ޕެނަލްޓީ އޭރިޔާގެ ތެރެއިން އައިޑީ ކުލަބުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެސްއޯއާރުސީން މިމެޗުގެ ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 39 ވަނަ މިނިޓްގައި ޢަލީ އަފްރާޙް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު އެސްއޯއާރުސީން އިތުބާރާއެކު ކުޅެމުންދިޔަ ނަމަވެސް، ލީޑުގައި މާގިނައިރު އޮވެވޭގޮތެއް ނުވިއެވެ. މެޗުގެ 58 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ލަނޑު ޖަހައި އައިޑީ ކުލަބުގެ މުޙައްމަދު ނާޒިމް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިންއިރު، އައިޑީ ކުލަބުން ވަނީ މެޗުގެ 73 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އައިޑީ ކުލަބުގެ ޙަސަން ޝިފާންއެވެ. އެސްއޯއާރުސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 85 ވަނަ މިނިޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ އަފްރާޙްއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައިޑީ ކުލަބުގެ މުޙައްމަދު ނާޒިމްއެވެ.  މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޑީޕީސީ އެފްސީގެ ޢަލީ ރާޝިދުއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ޓީމް އައިއެސްޑީގެ އިސްމާޢީލް ޙަމްދޫން ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އައިޑީ ކުލަބުގެ މުޙައްމަދު ނާޒިމްއެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ އެސްއޯއާރުސީގެ މުއްރަތު އަޙްމަދުއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްއޯއާރުސީގެ މުއްރަތު އަޙްމަދުއެވެ. އޭނާ ވަނީ މިމުބާރާތުގައި 10 ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ މުއްރަތު އަޙްމަދުއެވެ. ފުރަތަމަ ޑިވިޜަންގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އައިޑީ ކުލަބުގެ ޢަބްދުލް ހާލިޤް އަޙްމަދުއެވެ. 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އައިޑީ ކުލަބުގެ އަޙްމަދު ރީޝާން ހޮވުނުއިރު 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ އަޙްމަދު ޝާހިދުއެވެ.

އެންމެ ހިންގުންތެރި މެނޭޖަރަކަށް އައިޑީ ކުލަބުގެ މެނޭޖަރު އާދަމް ޝިހާމް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެސްއޯއާރުސީގެ ކޯޗު އައްސަދު ޢަބްދުލް ޣަނީއެވެ. ފުރަތަމަ ޑިވިޜަންގެ އެންމެ ރީތި ޖާޒީއަކަށް ހޮވުނީ ޓީމް އައިއެސްޑީގެ ޖާޒީއެވެ. އަދި ފެއަރޕްލޭ ޓީމަކަށް ހޮވުނީ ޓްރެފިކް ރެކްރިއޭޝަން  ކުލަބެވެ.

ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަަރަފްވެރިމެހެމާން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި ރަނަރަޕް ޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. ފުރަތަމަ ޑިވިޜަންގެ އެކި މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގައި 12 ޓީމަކުން ބައިވެރިވެފައިވެއެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު