-
-
ހިނގާދިޔަ ހާދިސާ ޢިބްރަތަކަށް ނުވޭތޯ!! ޒިންމާ ނަގާނީ ކާކު...؟

ހިނގާދިޔަ ހާދިސާ ޢިބްރަތަކަށް ނުވޭތޯ!! ޒިންމާ ނަގާނީ ކާކު...؟

ފާއިތުވެ ދިޔަ ދެތިން ހަފްތާ ތެރޭގައި ރާއްޖޭގެ މޫސުން ރަނގަޅެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އެކިވަރުގެ ގެއްލުންތަކާއި ކަނޑުމަތީގެ އެކި ހާދިސާތައް ދިޔައީ ހިނގަމުންނެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުއްޓުމެއްނެތި އެދަނީ އިލްތިމާސް ކުރަމުންނެވެ. ފުލުހުންނާއި ސިފައިންގެ އިލްތިމާސް ރާއްޖޭގެ ހުރިހާ މީޑިއާ ތަކުން މެނދުކެނޑުމެއްނެތި އެދަނީ ގެނެސްދެމުންނެވެ.

ADS BY FENVARU

އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ވިސްނޭނީ ކިހާ ވަރެއް ވީމަތޯއެވެ. ގެއްލިގެން އެދިޔައީ ފަސް ފުރާނައެވެ. މިއަދު މި ހިނގާދިޔަ ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައިވާ ފަރާތްތަކަށް ސުވާރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރާ ހާލު އަދި އަޅުގަނޑުގެ ދެލޮލުން ކަރުނަ ނުހިކޭ ހާލު އަޅުގަނޑުގެ ގަލަމުން މި ލިޔުން ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރާނަމެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. ކުށެއް ނެތް ކުޑަކުއްޖާ އަކީ ޔަޤީނުންވެސް އަމިއްލައަށް ލޯންޗަކަށް އަރައިގެން ދަތުރުކުރެވޭނެ ވަރުގެ ކުއްޖެއްނޫނެވެ. އެކުއްޖާގެ ބެލެނިވެރިޔާ މިކަމުގައި ޒިންމާނަގަން ނުޖެހޭތޯއެވެ. ނުވަތަ އެމީހުން ފުރިކަން ނުވަތަ ފުރަން އުޅޭކަން އެނގިފައި ތިބި މީހުން އެ ދަތުރު ހުއްޓުވަން މަސައްކަތް ނުކުރޭތޯއެވެ. މަސައްކަތް ކުރިނަމަ ކުރީ ކިހާ ވަރަކަށްތޯއެވެ؟

ވަކި މީހެއްގެ ބޮލަށް މިކަން ޖަހައިގެން އެމީހަކަށް ދެއްކުނު ގޮތަށް ވާހަކަދެއްކުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވަކިވެގެން ދިޔަ އާއިލާގެ ދުނިޔޭގައި ތިބި މެންބަރުންގެ އިހުސާސްތައް މިދަނޑިވަޅުގައި ވިސްނަންވާނެއެވެ. އެމީހުންގެ ހިތުގައި އަޅަމުންދާ ވޭން ހިތަށް އަރުވާ ބަލާށެވެ.

ހިތާމައަކީ އަޅުގަނޑުމެންނަށް ކޮންމެ ކަމެއްގެވެސް ވަގުތު ފާއިތުވާފަހުން ވިސްނޭކަމެވެ. ކުރިން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ ގުދުރަތީ ކާރިސާތައް އަޅުގަނޑުމެންނާއި ކުރިމަތިލާނީ މިވެނިކަމެއް ނުވަތަ އެވެނިކަމެއް އަޅުގަނޑުމެންނާއި ކުރިމަތިވާނޭ ބުނެފައެއް ނޫނެވެ. އެކަންތައްތަކަކީ އަޅުގަނޑުމެން ދުރާލާ ވިސްނަންޖެހޭ ކަންތައްތަކެކެވެ.

ވަރަށް ރަނގަޅު ވާހަކައެކެވެ. މީހެއްގެ މަރު އަންނާނެ ގޮތެއް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ނޭނގެއެވެ. ބައެއް މީހުން މިހާރުވެސް ބުނާނެއެވެ. 'އެއީ އެމީހުންގެ މަރު އަންނަން އޮތް ގޮތެވެ' އެ ހާދިސާ އަކީ އެގޮތަށް ހިނގަން މާކުރިން ވެނިފިފައިވާ ކަމެކޭ ބުނެ އެ ވާހަކަތައް އެހިސާބުން ނިންމާލެވޭކަށް ނެތެވެ. ބަލާއަށް ރައްކާތެރިވާން ކީރިތިވަންތަ މާތްﷲ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ.

ވިއްސާރައާއި ބޯ ކަޅު ވިލާ އަޅުގަނޑުމެންގެ ބޯމަތިން ހަނާއަޅަމުން ދާ ވަގުތެއްގައި ހިކިފަސްތަނެއްގައި ހުރެ ކަނޑުމައްޗަށް ނިކުތުމަކީ މޮޔަ ކަމެކެވެ. އަޅުގަނޑުމެންނަށް ސަލާމަތުގެ އައްސޭރިއަކަށް ދެވިދާނެކަމުގެ އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ؟ ދަތުރަށް ފެށުމުގެ ކުރިން އުޅަނދުގައި ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ބަލާލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ތޯއެވެ. އަދި ސަލާމަތީ ވަސީލަތްތައް ހަމައަށް ނެތް އުޅަނދުން ފައިބައިގެން އަމިއްލަ ފުރާނަ ސަލާމަތްކުރެވެނީ ކިތައް މީހުންނަށްތޯއެވެ.

ވިސްނާށެވެ! ޢިބްރަތް ހާސިލްކުރާށެވެ. ފުރާނައަކީ އަޅުގަނޑުމެންގެ މިލްކެއް ނޫނެވެ. މުސީބާތްތަކާއި ކުރިމަތިވާނީ އަޅުގަނޑުމެންނަށް އެނގިފައެއް ނޫނެވެ. ގަދައަށް ވިއްސާރަވެ ސަމާލުވާން ސަލާމަތީ ބާރުތަކުން އިލްތިމާސް ކުރަމުންދާއިރު ފުރާނަ އަތްމައްޗަށް ލައިގެން ކިތަންމެ ކައިރީގައިވާ ތަނަކަށް ދަތުރުކުރި ނަމަވެސް އެކަމުގައި އަޅުގަނޑުމެންގެ ލޯބިވާ ތުއްތު ދަރިން ބައިވެރި ނުކުރާށެވެ. ދަތުރު ފަސްކޮށްލެވިދާނެއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތެއް އަނބުރާ ނާންނާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.