-
-
ދިވެހި މަސްވެރިންނަށް މިހާތަނަށް ވެސް ދެއްކީ ހުސް ހުވަފެން

ދިވެހި މަސްވެރިންނަށް މިހާތަނަށް ވެސް ދެއްކީ ހުސް ހުވަފެން

"ނެރެދޭ ރޯދިވަޔާ ފިނީގަޔާ ހޫނުގައި، ޤުރުބާން ޖާނާ ހިތޭ ވަނީ ކަނޑާ މޫދުގައޭ" ބުނެ އަދި "ވާތީ ލޯބި ޤައުމު ދެނީ އިތުބާރުތާ، ތިޔައޭ ލިބޭ ދިރުން ފުރާނައޭ ދީބުގައޭ" ކިޔައިގެން ކިތަންމެ ރީތި ރާގުތަކަށް ރިވެތި ބަސްތައް އަމުނައިގެން ޅެންތައް ހަދައިގެން މަސްވެރިކަމަށާއި މަސްވެރިންނަށް ތަޢުރީފުކޮށް ސަނާ ކިޔަމުން ގެންދިޔަ ނަމަވެސް ކަނޑުފަޅުގެ ދިވެހި ދަރީން ދިރިއުޅުމަށާއި ބަނޑުފުރާނެ މުއްތި ކުރުމަށް ކުރަމުން އައި ޒަމާންވީ ޖަޒީރާ ވަންތަ މަސްވެރިކަމަށް ނުވަތަ މަސްވެރި ކަމުގެ ސިނާޢަތުގެ ތަރައްޤީއަށް ވޭތުވެދިޔަ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލު ވެފައެވެ. ރިޔަލާއި ފަލީގައި ނުކުމެ ދޮށި އަޅައިގެންނާއި ނަނު ދޫކޮށްގެން ފަހަރަކު އެއްޗަކުން، އެއްޗަކުން ބާނަމުން ގެންދިޔަ ދިވެހި ވަންތަ ހަމައެކަނި ޖަޒީރާ ވަންތަ މަސްވެރިކަމަށް އައި އެންމެ ބޮޑު ތަރައްޤީއަކީ އަވަށްޓެރި ޤައުމުތަކަށް ވިއްކަމުން ގެންދިޔަ ދިވެހި ހިކި ކަނޑުމަސް ރޯމަހުގެ ގޮތުގައި ޤައުމުން ބޭރަށް ވިއްކޭނެ މަގު ފަހިވެގެން ދިއުމެވެ. ކޮޅުނބުގެ ބާޒާރަށް ދިވެހީން ވިއްކަމުން ގެންދިޔަ މިދެންނެވި ހިކި ކަނޑުމަސް ސްރީލަންކާގެ ބާޒާރަށް ވިއްކުމަށް ހުރަސްތަކެއް މެދުވެރިވި ހިސާބުން މަރުޙޫމް ރައީސް އިބްރާހީމް ނާޞިރުގެ ދުރުވިސްނުންފުޅުން ދިވެހި މަސްވެރިކަމަށް ގެންނެވި ބޮޑު ބަދަލާއެކު ދިވެހި މަސްވެރިން ބާނާ މަސް ފިނިކުރި މަހުގެ ގޮތުގައި ޖަޕާނުގެ ބާޒާރަށް ގަންނަން ފެށިއެވެ. އެއާއިއެކު ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ދިރުމެއް ލިބި މަސްވެރިންގެ ހިތްތަކަށް އާރޯކަމާއި ދިރުން ލިބެން ފެށިއެވެ.

ADS BY FENVARU

މިހާހިސާބުން ދިވެހީންގެ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ބަދަލެއް ގެނުވި ޔަންމާ އިންޖީނުގެ ބާރު ދުވެއްޔާއިއެކު ދިވެހި މަސްވެރިކަން އިތުރު ހަރުފަތަކަށް ޖެހިލައި މަސްވެރިކަމުގެ ދުވެލި ހަލުއިވެ އެން ހޯދުމަށާއި މަސް އައިން ހޯދުމަށް ރަށާއި އަތޮޅުގެ މަލަ ނުފެންނަ ފަށަށް ބޭރަށް ނުކުމެ މަސްބާނައިގެން އިރުހުއްޓާ ބޯޓު ދޮށަށް ގޮސް މަސްކޮޅު ކިރުވާލައިގެން ނުކިރޭ މަސްކޮޅު ހިފައިގެން އަނބިދަރީން ނުނިދަނީސް ރަށަށް އާދެވުމަކީ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ރަށަށް ނުވަތަ އަތޮޅަށް މަސް ނުބާނާ މޫސުމެއްގައި ނަމަ އަތޮޅުން ބޭރަށް، ނުވަތަ މަސްވެރިކަން ރަނގަޅު އަދި އެން ތިޔާގި ހިސާބުތަކަށް ދަތުރުކޮށް މަސްވެރިކަން ކުރުމަށް ފުރުސަތު ފަހިވެގެން ދިއުމީ ރާއްޖޭގެ މޫސުމީ މަސްވެރިކަމަށް ނުވަތަ މަސްވެރިކަމުން ލިބޭ އާމްދަނީއަކީ މޫސުމީ ކަމެއްގެ ގޮތުގައި އޮތް އޮތުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިކަމެކެވެ.

ޖަޕާނުގެ މަސްބޯޓްތަކަށް ރާއްޖެއައުމަށް މި ލިބުނު ދަޢުވަތަކީ ނުވަތަ ފުރުސަތަކީ ދެފަރާތަށްވެސް ފައިދާ ހުރި ފަހި ފުރުސަތެއްގެ ގޮތުގައި ބެލެވެން ފެށީ ފާދިއްޕޮޅު ފެލިވަރުން ފެންނަން ފެށި ތަރައްޤީގެ ސަބަބުންނެވެ. ފެލިވަރުގައި މަސް ކާރުޚާނާއެއް ތަރައްޤީކޮށް މަސް ރައްކާކޮށް ފިނިކުރި މަހުގެ ގޮތުގައާއި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް ފިނިކުރި މަހާއި ދަޅުމަސް ބޭރުކޮށްގެން ނަފާ ލިބެން ފެށި ހިސާބުން ދިވެހި މަސްވެރިކަމަކީ ނަފާ ލިބޭ ކުރިމަގު އޮތް މަސައްކަތެއް ކަމުގައި ގަބޫލުކުރެވެން ފެށިއެވެ.

މިހާހިސާބުން ދިވެހި މަސްވެރިކަމުގެ ނަފާ ދިވެހިގައުމަށާއި ދިވެހި ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގުތަކާއިމެދު ސަރުކާރުން ކޮންމެވެސް ވަރަކަށް ވިސްނުން ގެންގުޅެން މަޖުބޫރުވިއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން މަސް ގަންނަ ކުންފުންޏެއް ހަދައިގެން އެއިރަކު މަސްބާނާ ސަރަހައްދުތަކަށް ބޯޓުތައް ފޮނުވައިގެން މަސް ގަނެ މަސް ބޭރުކޮށް ދަޅުގައި މަސްބަންދުކޮށްގެން ދުނިޔޭގެ ބޮޑެތި ބަޒާރުތަކަށް މަސް ވިއްކަން ފެށިއެވެ. ދޮށި އަޅައިގެންނާއި ނަނު އެއްލައިގެން ފަހަރަކު މަހަކުން ބާނައިގެން ދިވެހިން ކުރާ ދިވެހީންގެ ޒަމާންވީ ޖަޒީރާ މަސްވެރިކަން މުޅި ދުނިޔެއިން ބަލައިގަނެ ތިމާވެއްޓާއި އެންމެ ރައްޓެހި މަސްވެރިކަމުގެ ގޮތުގައި ދިވެހީންގެ މަސްވެރިކަމަށް އެއްވަނަ ދިނީ ދިވެހީންގެ މަސްވެރިކަމަށް އިންޖީނުގެ ހަލުއި ދުވެލި އައިސް މަސް ބަންދުކުރާ ކާރުޚާނާ އަޅައިގެން މަސްބަންދުކުރަން ފެށި ނަމަވެސް ދިވެހީން ކުރާ ޒަމާންވީ ސަޤާފީ ޖަޒީރާ މަސްވެރިކަމަށް ބަދަލު ނައިސް އެގޮތުގައި މަސްވެރިކަން ކުރުމުގައި ދެމިތިބުމުންނެވެ.

މަސްދޯންޏެއް މަސް އައިނެއްގައި- މަސްވެރިކަމުގެ ނަފާ ވަނީ އިތުރުކުރަންޖެހިފައި- (ފޮޓޯ. ޒުވާންމަސްވެރިޔާ ޓްވިޓަރ)

22 ހޯސްޕަވަރުގެ ޔަންމާ އިންޖީނު އަޅައިގެން ދިވެހީން މަސްވެރިކަމަށް ގެނައި ތަރައްޤީގައި މަސް އޮޑިތައް މަސް ގަންނަ ބޯޓު ފަހަރަށް ވުރެ ބޮޑެތިވެ، އިންޖީނުގެ ދުވެލި 22 ހޯސްޕަވަރުން 500 ހޯސްޕަވަރަށް މަތިވެ ހަފުތާ، ދެހަފުތާ ވަންދެން ކަނޑުމަތީގައި މަސްވެރިކަން ކޮށްފައި އެމަސް ކުނި ނުކޮށް ބެހެއްޓުމަށް ބޭނުންވާ އައިސް އާއި ހަފުތާ، ދެ ހަފުތާ ދުއްވޭ ވަރަށް ބޭނުންވާ ތެޔޮ ހޯދައިގެން މިހާރު ހުރި މަސްކިރާ ބޯޓުތަކަށް ނުކިރޭވަރަށް ނުވަތަ ސަރުކާރުގެ މަސް ކުންފުންޏަށް ސަކޭގާ ނުވާ ވަރަށް މަސް ހިފައިގެން އައިސް، މަސްކޮޅު ނުއަގުގައި ވިއްކާލަން ޖެހުން ނުވަތަ ކުނިކޮށް އުކާލަން ޖެހުމާއި އަލުން މަހަށް ފުރަން ބޭނުންވާ ވަރަށް އައިސް ނުލިބުމާއި ތެޔޮހޯދުމާއި މަސްކޮޅު ކިރުވަން އެތައް މޭލެއްގެ ދުރަށް ދާންޖެހޭ މައްސަލައަށް ހައްލެއް ނުލިބި ނުވަތަ ހޯދައި ނުދެވި އޮތުމަކީ ރާއްޖޭގެ މަސްވެރިންނާއި މަސްވެރި އުޅަނދުތައް ތަރައްޤީވި ވަރާއި ގާތަށް ވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމުގެ ހެއްކެކެވެ.

ޖަޕާނު މަސް ކުންފުނި ތަކުން ރާއްޖެއައިސް 58 ލާރިއަށް 2 ކިލޯއިން މަތީގެ މަސް ގަންނަން ފެށުމުން އޭރު މަސްވެރިންގެ ތުންފަތް މައްޗަށް ހިނިތުންވުން ލިބި ހިތްހަމަ ޖެހިލައިގެން ތިބި ނަމަވެސް ދިވެހި މަސްވެރިން ބާނާ މަސްކޮޅު 4 ރުފިޔާއިން މައްޗަށް ގޮސް މަސްކިލޯއެއްގެ އަގު ދެ އަދަދަށް އެރީވެސް ދާދި މިދާކަށް ދުވަހުއެވެ.

އެކި ފަހަރު މަތިން ސަރުކާރު ތަކުން ދިން އުއްމީދުގައި ދިވެހި މަސްވެރިން ބޮޑެތި ލޯނުތައް ނަގައިގެން ބިޔަ ފައިބަރު ދޯނިފަހަރު ބަނދެގެން ދިވެހި މަސްކަނޑުތަކަށް ނުކުމެ އޮޑިތައް ފުރައި މަސްބާނައިގެން އައިއިރު އެ މަސްކޮޅު ގަނެވޭވަރަކަށް ވަސީލަތްތައް ތަރައްޤީ ކުރެވިފައެއް ނެތެވެ. އަދި ކުރާކަށް މަސައްކަތެއް ނުވެސް ކުރެއެވެ. އަލުން މަހަށް ނުކުންނާން ބަލާއިރު އޮޑިއަށް ވާވަރަށް އައިސް ހޯދުމާއި ތެޔޮކޮޅު ހޯދުމަކީ އުފުލޭ ވަރަށް ވުރެ ބޮޑު ތަކުލީފެކެވެ.

ދިވެހި މަސްވެރި ކަމުގެ ސިނާޢަތް ތަރައްޤީ ކުރުމުގައި އެކި ސަރުކާރުތަކުން އިހުމާލުވެފައި އެކަނި އޮތީއަކީ ނޫނެވެ. ދިވެހި މަސްވެރިން ބާނާ މަސްކޮޅު ވަކި ބަޔަކަށް ނޫނީ ނުގަނެވޭ ގޮތަށް ފަސް ކުންފުންޏެއްގެ އަތްމައްޗަށް މުޅި ސިނާއަތުގެ ކޮންޓްރޯލް ދިނުމަކީ ގަސްތުގައި ރޭވިގެން ކޮށްފައި އޮތް ކަމެކެވެ. ދިވެހިންގެ ނަންމަތީގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ހޯދައިގެން ބޭރު މީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުން ދާއިރުވެސް އެކަމަށް ލޯމަރާލައިގެން ތިބީއެވެ.

ދިވެހި މަސްވެރިން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ގަންނާނެ ރަނގަޅު ގޮތްތަކެއް ފަހިކޮށްދީ އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކޮށް ޤާއިމުކުރުމަށް އެއްވެސް ވަރެއްގެ އިސްކަމެއް ދީފައެއް ނުވެއެވެ. ފެލިވަރު ކާރުޚާނާ ތަރައްޤީ ކުރާ ވާހަކަ ދެއްކިޔަސް އެކަމެއް ނުކުރެއެވެ. މަސްގަންނަ ބޯޓުތަކުގެ ސައިޒް ބޮޑެއް ނުވެއެވެ. ދެވަނަ ކާރުޚާނާއެއް ނުވަތަ މަސްގަންނަ ދެވަނަ ވަސީލަތެއް ތަރައްޤީ ކުރުމުގެ ނަމުގައި ކޫއްޑޫގައި މަސްގަނެ ރައްކާކުރެވޭނެ ކޮންމެވެސް ވަރެއްގެ ކާރުޚާނާއެއް ހެދިއެވެ. ނަމަވެސް އެއީކީ މާބޮޑު ތަރައްޤީއަކަށް ގުނޭ ވަރުގެ، ރަނގަޅު ވަސީލަތަކަށް ފުދޭވަރުގެ ތަނަކަށް ނުވެއެވެ. ފެލިވަރުގައި ހެދި ކާރުޚާނާ ވީރާނާވެ މަސްގަންނަން ގެންގުޅު ބޯޓުފަހަރުގެ ހަސްފަސް ނެތި ދިޔައިރުވެސް ސަރުކާރުން އުފެއްދި މަސްކުންފުނި ނުވަތަ، މިފްކޯ އޮތީ ގަދަ ނިންޖަކުން ނިދާފައެވެ. މަސްވެރިން ކިރުވާ މަސްކޮޅަށް ލާރިނުދެވި މަސްވެރިންނަށް ސަރުކާރު އޮތީ ދަރާ ވިކިފައެވެ. ސިޔާސީ ބަޔަކު ލައިގެން "ދަނޑިބާނައިގެން" ހަލުވަން ބަޖެޓުން ލާރިތައް އަޅަމުން ގެންދިޔަ ނަމަވެސް ދަރަނިވެރިވުން ފިޔަވައި އެހެން ކަމެއް ނުވެއެވެ. ދިވެހީންގެ މަސްކުންފުނި ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވަނީ މަސްގަނެ މަސްވެރިކަމުގެ ވިޔަފާރި ހިންގާ ކުންފުންޏަކަށްވުރެ، ސިޔާސީ ހަރަކާތްތަކެއް ހިންގާ ސިޔާސީ ބޭނުންތަކަށް ބޭނުންވަރަކަށް އަތްބާނައިގެން "ދަވާ" ސިޔާސީ ޖަގަހައެއްގެ ގޮތުގަވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތަކީ މަސްވެރިންގެ އަޑު އައްސަވައިގެން އެކުލަވާލައްވައިފައިވާ މަސްވެރި ކަމުގެ ސިޔާސަތެވެ. މަސްވެރިންގެ ގާތަށް ވަޑައިގެން މަސްވެރިންގެ އަޑުއައްސަވައިގެން މި ސިޔާސަތު އެކުލަވައިލައްވަން ކުރެއްވި މަސައްކަތުގައި އެމަނިކުފާނަށް އެންމެ ގިނަ ޝަކުވާ ލިބިވަޑައިގެންފައިވަނީ ވެސް ކުރިން މިދެންނެވި ދާއިރާތަކުންނެވެ. މަސްކޮޅަށް ހަމައަގު ނުލިބުމާއި މަސްކޮޅު ހަމަ އަގުގައި ކިރޭނެ ގޮތެއް ނެތުމުގެ ޝަކުވާއެވެ. އައިސް ހޯދުމަށާއި ތެޔޮކޮޅު ހޯދަން ދިގު ދުއްވުން ދުއްވައިގެން ތަކުލީފު އުފުލަން ޖެހުމުގެ ޝަކުވާއެވެ.

އައިސް ޕްލާންޓުތައް ބޮޑުކޮށްދިނުމަށާއި ހަލާކުވެފައި ހުރި ޕްލާންޓްތައް މަރާމާތުކޮށްދިނުމަށާއި ބުރަ މަސައްކަތުން ބާނާ މަސްކޮޅު ނުއަގުގައި ވިއްކާލަން ނުޖެހޭގޮތަށް މަސްކޮޅު ވިއްކާލެވޭނެ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް އެދި އެމީހުން އާދޭސް ކުރިއެވެ. މަސް ދޯނިތައް ބޮޑުކޮށް މަސްބާނާ މިންވަރު އިތުރުކޮށް ދިވެހި މަސްވެރިން ތަރައްޤީވަމުން ދިޔަ މިންވަރަށް މަސްގަންނަ ބޯޓުފަހަރު ބޮޑެތިވެ ޒަމާނީކުރެވިފައި ނެތުމާއި މަސްވެރިންނަށް ދަރާވިކި، "ހުލިވެ ހަސްފަސްނެތިފައިވާ" ސަރުކާރުގެ މަސްކުންފުނި އަލުން ތަރައްޤީކޮށް ކޮޅަށް ޖަހައި މަސްވެރިން އެދޭ ކަންކަމަށް އަވަސް ހައްލުތަކެއް ހޯއްދަވައި ދެއްވުމަށް މަސްވެރިންނާ އޮޑިވެރިން އެދި އާދޭސް ކުރިއެވެ.

މަސްވެރިންގެ ހުރީ ހުސް ޝަކުވާއެވެ. ވޭތުވެދިޔަ ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ވާހަކައެވެ. ބެޔަސް ނުބެޔަސް ފައިސާ ދޭނަމޭ ކިޔައިގެން މޮޅެތި ހިސާބުތައް ޖެހުން ފިޔަވައި ހަމަ އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާއެވެ.

މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ މައިގަނޑު މަޤުޞަދަކީ މަސްވެރިކަމުގެ ނަފާ އިތުރުކޮށްދީ މަސްވެރިކަމުން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދީ މަސްވެރިކަން ތަރައްޤީކޮށް ޒަމާނީ އީޖާދީ ހޯދުންތަކުގެ އަލީގައި މަސްވެރިކަމަށް ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމެވެ. ތަޢުލީމީ ޒުވާނުން މިމަސައްކަތަށް އަހުލުވެރި ކުރުވައި ލޯބިޖައްސައިގެން ދިވެހި ޖަޒީރާ މަސްކަނޑުތަކަށް ނެރުމެވެ. މަސްވެރީން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގު ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމެވެ. މަސްވެރިން ބޭނުންވާ އައިސް އަދި ތެޔޮ ފަސޭހައިން ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމެވެ. ކިތަންމެ ގިނައިން މަސް ބޭނިޔަސް މަސްކޮޅު ނުއަގުގައި ވިއްކާލަން ނުޖެހޭނެކަން ނުވަތަ ކުނިކޮށް އުކާލަށް ނުޖެހޭނެކަން ކަށަވަރުކޮށްދިނުމެވެ.

މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ލިބި ފަސޭހައިން މަސްކޮޅު ވިއްކާލެވޭނެ މަގުތައް ތަނަވަސް ކުރުމަށްޓަކާ މިހާރު ފަސް ކުންފުންޏަށް ދީފައިވާ މަސްގަތުމުގެ އެކްސްކްލޫސިވް ހުއްދަތައް އުވާލައި މަސްގަންނަން ބޭނުންވާ އިތުރު ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ސަބަބުން ވަކި ބަޔަކު މުޅި ދިވެހި މަސްވެރިކަމުގެ ސިނާޢަތު ކޮންޓްރޯލް ކޮށްގެން ތިބިތިބުމަށް ނިމުމެއް އައީއެވެ. މީގެ ސަބަބުން މަސްގަތުމަށް ހަރަކާތްތެރިވާ ކުންފުނިތައް އިތުރުވެ މަސް ގަނެވޭ މިންވަރު އިތުރުވެ މަހަށް ރަނގަޅު އަގު ލިބޭނެކަން ކަށަވަރު ކޮށްދެވުނީއެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދީފައި އޮތީ ދިވެހި ކުންފުނިތަކަށް ކަމުގައި ވީ ނަމަވެސް އެމަސައްކަތުގެ ފައިދާ ލިބެމުން ދަނީ ބޭރުގެ ކުންފުނިތަކަށެވެ. މިދެންނެވި ލޭނު މަސްވެރިކަމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތެއްގައި ދިވެހީންނަކަށް ނުލިބެއެވެ. އަދި ލޭނުމަސްވެރިކަމުގެ ސަބަބުން ދިވެހީންގެ ޒަމާންވީ ދޮށީގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތައް ކުރާކަން ފާހަގަ ކުރެވޭތީ ލޭނު މަސްވެރިކަމުގެ ހުއްދަ ނުދޭގޮތަށް މި ސަރުކާރުން ނިންމި ނިންމުމަކީވެސް ދިވެހި މަސްވެރިންނަށް ލިބޭނެ އުފާވެރި ޚަބަރެކެވެ.

ވަކި މަސްވެރިކަމެއްގެ ގޮތުގައި އެންވެރިކަން ތަޢާރަފުކޮށް ކަންނެލީގެ މަސްވެރިކަމަށް އައު އިންވެސްޓްމަންޓްތައް ތައާރަފު ކުރުމާއި ކަންނެލީގެ މަސްވެރިކަމަށް ރަނގަޅު އަގު ލިބޭނެމަގުތައް ތަނަވަސްކޮށްދިނުމަކީ ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރުވެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު އާރޯކަމެއް ލިބިގެންދާނެ ކަމެކެވެ.

ބާނާ މަހުގެ ކޮލިޓީ ހިފެހެއްޓުމާއި މަސްވެރިކަމުގެ އާމްދަނީ އިތުރު ކުރުމަށް ޒާމާނީ އައު އީޖާތުތަކާއި އާލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަކީވެސް މިސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ސިޔާސަތެކެވެ.

މީގެއިތުރުން ރަށުފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދަން އެހީތެރިވެދީގެން އަގުއެއްކުރެވޭ މަހުގެ ބާވަތްތައް ބަންދުކޮށްގެން ރަނގަޅު އަގުލިބޭ ބާޒާރުތަކަށް ނެރުމުގެ ފުރުޞަތު ފަހިކޮށްދިނުން ވެގެންދާނީ ރަށުފެންވަރުގައި، ގޭދޮށުގައި، ލޮލަށް ދިލަ ނާރުވައި ޒަމާނާ އެއްގޮތަށް މަހުގެ އައު އުފެއްދުންތައް އުފައްދައިގެން ނަފާ ހޯދޭނެ އިތުރު މެގަކަށެވެ.

ކުރިން މިދެންނެވި ބަދަލުތަކާއެކު ބޮޑުކަންނެލި ގަންނަ އިތުރު 3 ކުންފުނި އުފެދި ދޮށީގެ މަސްވެރިކަމުން ބާނާ މަސްގަންނަ އިތުރު ދެ ފެސިލިޓީއެއް ޤާއިމު ކުރުމަކީވެސް މިސަރުކަރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔަސަތުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. އަދި މަސްވެރިންނަށް މިހާރު އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ އައިސް ހޯދުމުގެ މައްސަލައަށް ހަލްލެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ދުވާލަކު 500 ޓަނުގެ އައިސް އުފެއްދޭ ވަރަށް އައިސް ޕްލާންޓްތަކުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫޢަކީވެސް ވަރަށް މުހިންމު ބޮޑު މަޝްރޫޢެކެވެ. މީގެއިތުރުން 60 އުޅަނދެއްގެ ވަތުގައި މަސް ފިނިކޮށް ބެހެއްޓޭނެ ނިޒާމު ޤާއިމުކޮށްދިނުމަށް އެހީވެދިނުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ މަސްވެރިން ބާނާ މަހުގެ ފެންވަރު ހިފެހެއްޓި ބާނާ މަހަށް ރަނގަޅު އަގު ލިބުމަށް މަގުފަހިވެގެންދާނެ މުހިންމު ކަމެކެވެ.

މިސަރުކާރުން އަމާޒު ހިފާފައިވާ މިދެންނެވި ސިޔާސަތުތައް ފުރިހަމަ ވެގެންދާއިރު މަސްވެރިންނަށް ސީދާ ގޮތުން ލިބިގެންދާނެ މުހިންމު ފައިދާ ތަކާއި ފަސޭހަ ތަކުގެ ތެރޭގައި މަސްވެރިކަމަށް ހޭދަވާ ވަގުތު މަދުވެ ޚިދުމަތާއި ފެންވަރު ރަނގަޅުވެ މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެން ދިއުމަކީ މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށާއި މަސްވެރި އާއިލާތަކަށް އިތުރު އުއްމީދު ތަކެއް ލިބި ރާއްޖޭގެ އިޤުތިޞާދަށް އެކަމުން ހެޔޮ މަންފާތަކެއް ލިބޭނެ ކަމެކެވެ. މި ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ސީދާ ގޮތުން ލިބޭ ފަސޭހަތަކާއި މަންފަތަކުގެ އިތުރުން މަސްގަންނަ އިތުރު ވަސީލަތްތައް ޤާއިމު ވެގެން ދިއުމުން މި ދާއިރާއިން 1500 ވަޒީފާ އިތުރުވެގެން ދިއުމަކީ ނުސީދާ ގޮތެއްގައި މުޅި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާއެކެވެ.

ދެންއޮތީ މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ވަޢުދުގައި ހިމެނޭ މިދެންނެވި ކަންކަން ފުއްދައިދެވި ނަތީޖާއަކާއި ހަމައަށް ވާސިލު ވެވިދާނެ ކަމާއިމެދު އުފެދޭ ސުވާލެވެ. ހަޤީޤީ އުއްމީދެއް އޮވެގެން ހެޔޮ ނިޔަތުގައި ކަމެއް ކުރަން ތެދުވެ އަމާޒަށް ވާސިލުވާން މަސައްކަތްކުރުމުގެ ޢަޒުމުގައި މަސައްކަތްކުރާ ބަޔަކަށް ނަތީޖާ ޙާޞިލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ.