loading ...
loading ...
ކުރީގެ ތަޖުރިބާއިން އެމްޑީޕީ ފިލާވަޅު ދަސްކޮށްފި

ކުރީގެ ތަޖުރިބާއިން އެމްޑީޕީ ފިލާވަޅު ދަސްކޮށްފި

0 comment

މިވާހަކަ ފެށެނީ ރާއްޖޭގައި މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ހިސާބުންނެވެ. އޭރުގައި އޮތް 30 އަހަރުގެ ދިގު ވެރިކަމަށް ނިމުމެއް ގެނަސް ރާއްޖޭގައި އަލަށް ތައާރަފުކުރި ޒަމާނީ ޑިމޮކްރެސީގެ ޤާނޫނު އަސާސީގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ގެނަސްދޭން އޭރުގެ ސަރުކާރާއި ދެކޮޅަށް ނުވަތަ އެސަރުކާރު ބަދަލުކުރަން އެއްބަސް ކިޔާފައި ނުކުތް ފިކުރު ތަކާއި ހިސާބުންނެވެ. މިދެންނެވި އާ ޤާނޫނު އަސާސީ ވުޖޫދު ކުރުމުގެ މަސައްކަތް ކުރުމަށް ތަފާތު އިދިކޮޅު ފިކުރުތައް އެއް ޕްލެޓްފޯމަކަށް އަރައި އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރަށް ވަރުގަދަ ރައްދުތައްދީ ބަހުސް ކުރަމުން ދިޔައެވެ. ތަފާތު ފިކުރު ތަކުގެ ސިޔާސީ ބޭފުޅުން އެކައްޗެއް ވިދާޅުވެ އެއް ޕްލެޓްފޯމަކަށް އަރާވަޑައިގެންނެވީ ހަމަ އެންމެ މަޤުޞަދެއްގައެވެ. އެއީ 30 އަހަރުގެ "ޚުދުމުޚުތާރު" ވެރިކަމަށް ނިމުމެއް ގެނަސް ޒަމާނީ ޑިމޮކްރެސީއާއި ފައިހަމަވާ ފަދަ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށް އެފަދަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ހަގީގީ މިނިވަން ކަމާއި އިންސާނީ ޙައްގުތަކާއި ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ވެރިކަމެއް ޤާއިމު ކުރުމަށެވެ.

މިދެންނެވި ގޮތަށް ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް ވާދަކުރާ ނިޒާމުގެ ތެރެއިން ބޭއްވި ފުރަތަަމަ ރިޔާސީ އިންތިޚާބާއި ހަމައިން އޭރު މިދެންނެވި ސިޔާސީ އިދިކޮޅު ޕްލެޓްފޯމުގައި މަސައްކަތް ކުރެއްވި އެކި ފިކުރުގެ ބޭފުޅުން ފުރަތަމަ ނުކުމެވަޑައިގެންނެވީ އެބޭފުޅަކު ގަބޫލުކުރައްވާ ސިޔާސީ ފިކުރާއި އެއްގޮތަށް ވަކިވަކިންނެވެ. ނަމަވެސް 2008ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ބޭފުޅަކަށް ގިނިކަންޏާ ނުކުމެވަޑައިގެން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުން އޭގެތެރެއިން އިންތިޚާބުގެ ދެވަނަ ބުރުގައި ގިނަ ބޭފުޅުން ޚިޔާރު ކުރެއްވީ އޭރު އިދިކޮޅު މައި ޕާޓީ ނުވަތަ އިދިކޮޅު މައި ފިކުރުގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަހަތުގައި ނުވަތަ އެޕާޓީއާއެކު 30 އަހަރުގެ ވެރިކަމުގެ ބާނީ ބަލި ކުރަން ނުކުންނާށެވެ.

މިދެންނެވި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ ގާތުގައި ބުނަމުން ގެންދިޔައީ 30 އަހަރުގެ "ޚުދުމުޚުތާރު" ވެރިކަމަށް ނިމުމެއް ގެނަސް ޒަމާނީ ޑިމޮކްރެސީގެ ހަމަތަކާއި އެއްގޮތަށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން އެ ކޯލިޝަނަށް ފުރުސަތު ދިނުމަށެވެ. ބޭއިންސާފާއި އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ކޯލިޝަނަށް ފުރުޞަތު ދިނުމަށެވެ. ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށާއި ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ނިމުމެއް ގެނައުމަށް ފުރުސަތު ދިނުމަށެވެ. ދެން އެބޭފުޅުން ރައްޔިތުންނަށް ވެވަޑައިގެންނެވީ ބޮޑެތި ބިޔަ ވަޢުދުތަކެވެ. އެވަޢުދުތައް ލިޔެގެން މެނިފެސްޓޯ ހަދައިގެން ނުކުމެ އެ ކޯލިޝަންގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންނަށް ހާސިލު ކޮށްދޭނެ ކަންކަން ވަރަށް ސާފުކޮށް ކިޔައިދިނެވެ. ވެރިކަމަށް އަންނަ ބޭފުޅަކު ވަޢުދުތަކެއް ވެގެން، ރައްޔިތުންނަށް ކަންތައް ތަކެއް ކޮށްދޭނެ ގޮތުގެ އަހުދުނާމާއެއް ހިފައިގެން ނުކުތް މީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ކޯލިޝަނުން އުފައްދާ ސަރުކާރަކާއިމެދު ރައްޔިތުން ކުރީ ވަރަށް ވެސް ފޮނި އުއްމީދު ތަކެކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ އޮގަސްޓް މަހު ބޭއްވި އެމްޑީޕީ ޔޫތު ކޮންގްރެސްގައި (ފޮޓޯ-ރައީސް އޮފީސް)

2008 ގެ އިންތިޚާބަށް ކޯލިޝަނުން ކުރި އުއްމީދުތައް ވަރަށް ފޮންޏެވެ. ކިތަންމެ ހަނި އަޣުލަބިއްޔަތަކުން ވެރިކަން ކާމިޔާބު ވި ނަމަވެސް ކޯލިޝަންގެ ބައިވެރިން އެކުގައި އަތުގުޅާލައިގެން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މުޅިން އާ ބާބެއް ފެށީ ތާރީޚު ބަދަލުކޮށްލާފައެވެ. ރައްޔިތުންނަށް ވަރަށް ފޮނި އުއްމީދުތަކެއް ދެމުންނެވެ.

ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުންނާއެކު ބޮޑު ކޯލިޝަނުން އުފެއްދި ސަރުކާރު ރަނގަޅަށް ހަށިފުރާ ނޭވާ ނުލެވި އުޅެނިކޮށް ސަރުކާރުގެ މައި ބަދައިގައި ރެނދުއަޅަންފެށީ ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކޯލިޝަންގެ މައި އެއް ތަނބު ކަމުގައިވާ ވިޔަފާރިވެރިޔާ ޤާސިމު އިބްރާހީމް ކޯލިޝަނާއި ވަކިވި ހިސާބުންނެވެ. ސަރުކާރުގެ މާމުއިހަނދުގެ ރަހަ ރަނގަޅަށް ނުފިލަނީސް ސަރުކާރުގައި އެޅުނު މި ބޮޑު ބާގަނޑާއެކު ކޯލިޝަންގެ އެހެން ބައިވެރިންގެ ނުތަނަވަސްކަން ފާޅުވާން ފެށިއެވެ. އަދި ވެރިކަން ދެބައި ނުވަނީސް ކޯލިޝަންގެ ދެވަނަ ބައިވެރިޔާ، ޤައުމީ ޕާޓީ ނުވަތަ ޑޮކްޓަރ ހަސަން ސަޢީދުގެ ޓީމު ކޯލިޝަން ދޫކޮށްލާފައި ނުކުމެ ސަރުކާރަށް ފާޑުކިޔާން ފެށިއެވެ. ސަރުކާރުގެ ދައުރުގެ މެދަކާއި ހަމައިން އެންމެ ފަހުން ކޯލިޝަން ދޫކޮށް ނުކުތް އަދާލަތު ޕާޓީ ކޯލިޝަނުން ނުކުތްއިރު ސަރުކާރާއި ދެކޮޅަށް އުފެދުނު އިދިކޮޅު ފިކުރު އޮތީ ވަރަށް ރަނގަޅަށް އަތުގުޅާލައިގެން ނުކުމެ ސަރުކާރުގެ ކުރިމަތީގައި "ހަތިޔާރާއެކު" ސަފަކަށް އެތުރިލާފައެވެ.

މިހާހިސާބުން ދެން ފެނިގެން ދިޔައީ ބޮޑު ކޯލިޝަނަކާއެކު ނުކުމެ ރައްޔިތުންގެ ތާއީދު ހޯދައިގެން ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ދިން އެތައް ވަޢުދުތަކެއްގެ ފޮނިއުއްމީދުތަކާއި ގުޅިފައިވާ ސަރުކާރުގެ ނިމުން އައިތަނެވެ. މިހާދިސާއިން ލިބުނު ތަޖުރިބާއަކީ ނުވަތަ ދަސްވި ފިލާވަޅަކީ ފަސްއަހަރުގެ ދައުރު ފުރިހަމަ ނުވަނީސް ވެރިކަމެއް ވެއްޓުނު ވާހަކައެއް ނުވަތަ ވެރިކަން ނިމުނު ވާހަކައެއްނޫނެވެ. ވެރިކަން ހޯދުމަށް ރައްޔިތުންގެ ގާތަށް ދިޔަ ވަރުގަދަ ބޮޑު ކޯލިޝަން ރޫޅި ވެރިކަން ނިމެން މެދުވެރިވި ހާދިސާ ތަކުގެ ތަޖުރިބާއާއި ފިލާވަޅެވެ. ފަސް އަހަރު ވާންދެން އެކުގައި އުޅެން އަހުދުނާމާތައް ހަދައިގެން އެއްބަސްވެގެން ވެރިކަމަށް އައި ކޯލިޝަންގެ ލީޑަރުން އަރައި ތިބި ބޮޑު ގާ ފުނޑުފުނޑުވެ ކޯލިޝަން ރޫޅެން މެދުވެރިވި ސަބަބުތަކެވެ. ލީޑަރުން ވެވަޑައިގެން އެއްބަސްވުމާއި އެއްގޮތަށް އެކުގައި އިނގިލީގައި ހިއްޕަވައިގެން ނޫޅެވުނު ސަބަބާއި އެކުގައި ގުޅިގެން ނޫޅެވުނީ ކީއްވެގެން ކޮން މައްސަލަތަކެއް ހުރެގެންކަން ދެނެގަތުމެވެ.

ކޯލިޝަނަކީ ޤާނޫނީ ސިފައެއް ޤާނޫނީ ހައިސިއްޔަތެއް ނެތް ވެރިކަމުގެ ނިޒާމެކެވެ. އެހެނަސް 2008 ގައި އާ ޤާނޫނު އަސާސީގެ ދަށުން ރާއްޖެއަށް ތަޢާރަފުކުރި ވެރިކަމުގެ ނިޒާމުގެ ތެރެއިން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބުކޮށްފައިވަނީ ކޯލިޝަނަކުންނެވެ. މިއިން ކޮންމެ ފަހަރަކު ރައްޔިތުން ވެރިކަން ހަވާލުކޮށްފައިވަނީ އެކި ސިޔާސީ ފިކުރުތަކުގެ ލީޑަރުން ގުޅިގެން ނުކުމެ އުފެއްދި ކޯލިޝަނާއެވެ. މިއީ 2008 ގައިވެސް 2013ގެ ވެސް ސިޔާސީ ހަގީގަތެވެ.

މިހާރު އޮތް ސަރުކާރުގެ ވެސް މައި ޕާޓީ އަކީ 2008 ގައި ވެސް އެކަން އޮތް ގޮތަށް އެމްޑީޕީއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓްގައި ކޯލިޝަނާއެކު ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. 2008 ވަނަ އަހަރުގެ ކޯލިޝަންގެ ތަޖުރިބާއަކީ މާދުރު ނޫނަސް މާޒީއެވެ. އިސްކޮށް ތިއްބެވީ ތަފާތު ފިކުރުގެ ބޭފުޅުންނެވެ. މިފަހަރުވެސް ކޯލިޝަންގައި އިސްކޮށް ތިއްބެވީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. 2008 ގައި ފެނިގެން ދިޔަ ޑޮކްޓަރ ހަސަން ސަޢީދުގެ ފިކުރުވެސް އޮތީ ކޯލިޝަނާއި ގުޅިފައެވެ. އެންމެ ބޮޑު ތަފާތަކީ މީގެކުރިން މިހުރިހާ ބޭފުޅުން އެބޭފުޅަކާއި ދެކޮޅަށް ނުކުމެ ވަޑައިގެންނެވި ރައީސް މައުމޫންވެސް މިފަހަރުގެ ކޯލިޝަންގައި ހިމެނިވަޑައިގެންނެވުމެވެ.

މިފަހަރުގެ ކޯލިޝަންގެ ވާހަކަ ވަރަށް ތަފާތެވެ. މިހާތަނަށް ނަތީޖާ ފެނުނީ ގިނަ ބަޔަކު އުއްމީދު ކުރި ގޮތާއި މުޅިން ޚިލާފަށެވެ. އެންމެ ފުރަތަމަ ހީކުރެވުނީ ކޯލިޝަންގައި ރެނދުލާނީ ސަރުކާރުގެ ވަޒީފާތައް ބަހާލުމާއި ހަމައިން ކަމަށެވެ. ވަޒީރުން އައްޔަން ކުރާ ހިސާބުން ކޯލިޝަން ފަޅައިގެން ދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޙިކުމަތު ޢަމަލީ އަކީ ހަމަ އަޖައިބެކެވެ. ބޭރުން އިވޭ އަޑުތަކަށް ދެއްވީ ބީރު ކަންފަތްޕުޅެކެވެ. ކޯލިޝަންގެ ބައިވެރިންގެ މެދުގައި ސިޔާސީ މަޤާމުތަކާއި ބާރުތައް ބެހިގެންދާ ކޮންމެ ވަގުތަކު މީސް މީޑިޔާ ކެކި އަރައިގަނެއެވެ. ނަމަވެސް ކޯލިޝަނަށް ބުރޫއަރައި ކޯލިޝަންގެ ލީޑަރުން ތުންފިތޭނެ އެއްވެސް ބަހެއް ވިދާޅެއް ނުވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ އޮގަސްޓް މަހު ބޭއްވި އެމްޑީޕީ ޔޫތު ކޮންގްރެސްގައި (ފޮޓޯ-ރައީސް އޮފީސް)

މިއަށްވުރެ ތަންކޮޅެއް ފަހަތަށް އަދި ޖެހިލާނަމެވެ. 2008 ގެ ކޯލިޝަން ރޫޅުމުން އެންމެ ގިނަ ބަޔަކު އިނގިލި ދިއްކުރީ ރައީސް ނަޝީދާއި ދިމާއަށެވެ. 2008 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓާއެކު ކޯލިޝަން ލީޑްކުރެއްވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ ކޯލިޝަނެއްގެ ވެރިކަން ކާމިޔާބުވެދާނެ ކަމަށް މާބޮޑަށް ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށް ނުވެފައި 2008ގެ ކޯލިޝަންގެ ހިތި ތަޖުރިބާގެ އަލީގައި ގިނަ ބަޔަކަށް ގަބޫލުކުރެވުނީ މިފަހަރުވެސް ކޯލިޝަނަށް ބުރޫއަރާނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ވެސް އާދަޔާ ޚިލާފު ތަފާތު މަންޒަރެކެވެ.

އެންމެ ގިނަ ބަޔަކު މިފަހަރުގެ ކޯލިޝަން ރޫޅޭނެ ކަމަށް ބެލި އެއް ހިސާބަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބެވެ. އިންތިޚާބުގައި ވީހާވެސް ގިނަ ގޮނޑި އެމްޑީޕީއަށް ލިބޭނެ ގޮތަކަށް ކުޅިބައި އަތުރައިލެއްވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅު ތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެގެން ދިޔައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރާއި ރައީސް ނަޝީދާއި ދެމެދު ވަރަށް ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެވިގެން ދިޔައެވެ. ނަމަވެސް މި އިންތިޚާބަށްފަހު ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާއެކު ރައީސް ނަޝީދު ވަރަށް މަޑުމައިތިރިކަމާއެކު ވެންނެވީ ރައްޔިތުންގެ މަޖިލީހަށެވެ. އެއްވެސް ދެކޮޅުވެރިކަމެއް ވާދަވެރިކަމެއް ނެތެވެ. މީގެކުރިން އެފަދަ ކަމެއް ހިނގާދިޔަ ކަމުގެ ނިޝާނެއްވެސް ނެތެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދަށްވެސް މިހާ އޮމާންކޮށް ތަފާތު ފިކުރުގެ ބޭފުޅުންނާއިއެކު މިހާތަނަށް ވަޑައިގެންނެވުނު އެންމެ ބޮޑު ސަބަބަކީ 2008 ގެ ތަޖުރިބާއިން ދަސްކުރެއްވި މުހިންމު ފިލާވަޅުކަމުގައި ދެންނެވޭނެ ޖާގަ އެބައޮތެވެ. އިއްޔެ ދުޝްމަނުންގެ ގޮތުގައި ތިއްބެވި، އެހާމެ ޚިޔާލު ތަފާތު ބޭފުޅުންނާއެކު އެއް މަޖިލީހަކުން ބައްދަލު ކޮށްލައި ބަހުސް ކޮށްލައި ނިންމާލައްވަނީކީ އެކަންޏެއް ނޫނެވެ. އެފަދަ މަޖިލިސް ތަކުގައި އެބޭފުޅުންނާއި ދެކޮޅަށް އަންނަ ބަހުގެ ހަމަލާތައް ދިފާޢު ކުރައްވައި އެބޭފުޅުންގެ ދިފާޢުގައި ވާހަކަފުޅުވެސް ދައްކަވަނީއެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް މިހާތަނަށް ފެނިގެން ގޮސްފައިވަނީ ދޫދެއްވުމާއި ކެތްތެރި ކަމެވެ. އަޑުއެއްސެވުމާއި އިޙުތިރާމު ކުރެއްވުމެވެ. ޒާތީ ދުޝްމަން ކަމާއި ބަދަލު ހިއްޕެވުމުގެ ކުޑަވެސް ރޫޙެއް ނުފެނެއެވެ. މިހުރިހާ ކަމެއްގެ ނަތީޖާ ވަރަށް ވެސް ސާފެވެ. މި ފެންނަ ކަންކަމަށް ބަލާއިރު ދެންނެވޭނީ ކުރީގެ ތަޖުރިބާއިން އެމްޑީޕީ ހަމަ ރަނގަޅަށްވެސް ފިލާވަޅު ދަސްކޮށްފި ކަމުގައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު