-
-
"އެ ޝައިޠާނުންނަކީ، ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިން ވާ ޝައިޠާނުން." (އައްނާސު: 6)

"އެ ޝައިޠާނުންނަކީ، ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިން ވާ ޝައިޠާނުން." (އައްނާސު: 6)

ޝައިޠާނުންނަކީ ޖިންނީންގެ ތެރޭގައިވާ ކާފިރު ޖިންނީންނެވެ. މި މީހުންގެ ބައްޕައަކީ އިބްލީހެވެ. އިބްލީހަކީ މަލާއިކަތުންގެ ތެރެއިންވާ މީހެއްކަމަށް، މަދުބަޔަކަށް ހީވެފައި އޮންނަ ހީވުމަކީ ކުށްހީއެކެވެ. އިބްލީހަކީ ފަހަރެއްގައި ވެސް މަލާއިކަތެއް ނޫނެވެ. ނަމަވެސް އޭނާ މަލާއިކަތުންގެ ތެރޭގައި އުޅުނީއެވެ. އެތައް ގޮތަކުން މިކަން ފިސާރި ރަނގަޅަށް އެނގެން އެބަ އޮތެވެ. މިގޮތުން ކީރީތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައި ވަނީ: وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ
އާޔަތުގެ ތަފްސީރީމާނަ: “ތިޔަބައިމީހުން އާދަމުގެފާނު މަތިވެރިކޮށް މާތްކުރުމުގެގޮތުން ސަޖިދަކުރާށޭ، މަލާއިކަތުންނަށާއި އަދި އިބްލީހަށް، ތިމަންރަސްކަލާނގެ ވަޙީކުރެއްވިހިނދު ހަނދުމަކުރާށެވެ! އެހނިދު އިބްލީސް މެނުވީ، އެ އެންމެ ބޭކަލުން ސަޖިދަކުރެއްވޫއެވެ. އެ އިބްލީސްވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ.“ (އަލްކަހްފު: 50)

ADS BY FENVARU

މި އާޔަތުން އެނގޭ އެއްޗަކީ އިބްލީހަކީ ޖިންނީންގެ ތެރެއިންވާ މީހެއް ކަމެވެ.

ދެވަނައަށް، އިބްލީސް ވަނީ ﷲ އަށް ނުކިޔަމަންތެރިވެ އުރެދިފައެވެ. ނަމަވެސް މަލާއިކަތުންނަކީ އެއްވެސް ހާލެއްގައި ﷲ އަށް އުރެދި ނުކިޔަމަންތެރިވާނެ ބައެއް ނޫނެވެ. މަލާއިކަތުންނާ މެދު ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ: لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
އާޔަތުގެ މާނަ: “އެބޭކަލުންނަށް ކުރައްވާ އަމުރަކަށް، އެބޭކަލުން ނުއުރެދެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައްތައް އެބޭކަލުން ކުރައްވާނެތެވެ.“ (އައްތަޙްރީމް: 6)

ތިންވަނައަށް، ޤުރުއާން ޞަރީޙަކޮށް ބަޔާންކުރާ ގޮތުގައި، އިބްލީސް އުފައްދަވާފައި ވަނީ އަލިފާނުންނެވެ. ނަމަވެސް މަލާއިކަތުންނަކީ އަލިފާނުން އުފައްދަވާފައިވާ ބޭކަލުންތަކެއް ނޫނެވެ.

ޤުރުއާނުގައި ޝައިޠާނުން:

1- ޝައިޠާނުންނަކީ އިންސާނުންގެ އެންމެ ބޮޑު ދުޝްމަނެވެ. އާދަމުގެ ދަރީންގެ ބައްޕަ ސުވަރުގެއިން ނެރެލީ އިބްލީސް ވަސްވާސް ދީގެންނެވެ. އަދި މިހާރުވެސް އިބްލީސް ދަނީ އާދަމުގެ ދަރިން އެ ސުވަރުގެއަށް ވަނަނުދިނުމަށް މަސައްކަތްކުރަމުންނެވެ. ސުވަރުގެއަށް ދެވޭ މަގާ ދުރުކުރެވޭތޯ ބަލަމުންނެވެ. އަދި ނަރަކައަށް ދެވޭ މަގަށް ހެއްލުންތެރިކުރަމުންނެވެ. ނަމަވެސް ހިތާމައަކީ ގިނަ ބަޔަކަށް މިކަން ނޭނގި، ﷲ ގެ ޝަރީޢަތް ދޫކޮށްފައި ޝައިޠާނާގެ ވަސްވާސްތަކަށް ތަބާވަމުން ދިއުމެވެ. ނަބީބޭކަލުން ގެނެސްދެއްވި ހިދާޔަތަށް ފުރަގަސްދީ ޝައިޠާނާގެ މަގުފުރެދުމަށް ކުރިމަތިލާތަނެވެ.

އިންސާނުންނަށް ގަދަފަދަ ޢަޛާބާއި ގެއްލުމާއި ހަލާކު ދިނުމަށް މަސައްކަތްކުރާ ފަރާތަށް އިޖާބަދީފައި، އެ މީހުންނަށް ރަޙްމަތްލައްވައި ފާފަފުއްސަވާ ރަސްކަލާނގެ އަށް އިޖާބަ ނުދިނުމަކީ، އިންސާނުންގެ މޮޔަކަން ހާމަކޮށްދޭ ކަމެކެވެ. މިމޮޔަ ޢަމަލުގެ ކުށްވެރިކުރައްވައި، ކަމުގެ ނުބައިކަން، މާތް ﷲ ބަޔާންކުރައްވާ ވަޙީކުރައްވަނީ: أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ بِئْسَ لِلظَّالِمِينَ بَدَلاً
އާޔަތުގެ ތަފްސީރީމާނަ: “ފަހެ އެ އިބްލީސްއާއި އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދައި، އެމީހުންނަށް ކިޔަމަންވެ ހަދަނީހެއްޔެވެ؟ އެއުރެންނީ، ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވުންނެވެ. ރަޙްމާންވަންތަ ރަސްކަލާނގެއަށް ކިޔަމަންވެ، އެހީތެރިއަކުކަމުގައި އެކަލާނގެ ހެދުމުގެ ބަދަލުގައި، އަނިޔާވެރިވި މީހުން ޝައިޠާނާއަށް ކިޔަމަންވެ އެހީތެރިއެއްކަމަށް ހެދުމުގެ ހުރި ނުބައިކަމާއެވެ.“ “(އަލްކަހްފު: 50)

2- މަތީގައިވާ އާޔަތުން ދޭހަވަނީ ޝައިޠާނުންނަކީ ދަރިފަސްކޮޅު އިތުރުކުރާ ބައެއްކަމެވެ. އަދި ހުރިހާ ޝައިޠާނުންނަކީ އިބްލީހުގެ ދަރިފަސްކޮޅުން އައިސްފައިވާ ބައެއްކަމެވެ.

3- އިންސާނުންނަށް ވަސްވާސްދިނުމުގެ ބާރު، ﷲ، ޝައިޠާނުންނަށް ދެއްވާފައިވެއެވެ. ނަމަވެސް އެ މީހުންނަށް މަންފާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ބާރެއް ޝައިޠާނުންނަށް ދެއްވާފައި ނުވެއެވެ. އަދި ދެކޮޅަށް މަސައްކަތްކޮށް އިންސާނުންނަށް ދިފާޢުނުވެވޭނެފަދަ ގަދަ ބާރެއް ވެސް ޝައިޠާނުންނަށް ލިބިގެންނުވެއެވެ. ޝައިޠާނުންނަށް ލިބިފައިވާހާވެސް އެއްޗަކީ ވަސްވާހާއި މަކަރުވެރިކަމެވެ. މިބީދައިން ﷲ ވަޙީކުރައްވަނީ: إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا
އާޔަތުގެ ތަފްސީރީމާނަ: “ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަމާއި ރޭވުމަކީ، ބަލި ނިކަމެތި އެއްޗެކެވެ.“ (އައްނިސާ: 76)

وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ
އާޔަތުގެ ތަފްސީރީމާނަ: “އަދި ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، އެ ޝައިޠާނާއަކަށް އެއްވެސް ކަމަކުން މުއުމިނުންނަކަށް ގެއްލުމެއް ނުދެވޭނެތެއެވެ.“ (އަލްމުޖާދިލާ :10)

وَمَا كَانَ لَهُ عَلَيْهِمْ مِنْ سُلْطَانٍ إِلاَّ لِنَعْلَمَ مَنْ يُؤْمِنُ بِالآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ
އާޔަތުގެ ތަފްސީރީމާނަ: “އެ ކާފިރުންގެ މައްޗަށް އެއްވެސް މަޖްބޫރުކުރުމުގެ ބާރެއް، އިބްލީސްއަކަށް ލިބިގެނެއް ނުވެއެވެ. ނަމަވެސް އާޚިރަތާމެދު ޝައްކު ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ އަޒަލުއްސުރެ ދެނެވޮޑިގެން، އެކަން ފާޅުކުރައްވާ ހާމަކުރެއްވުމަށްޓަކައި، ކާފިރުވެގަންނަ މީހުންނަށް ވަސްވާސްދީ މަގުފުރެއްދުމުގެ ބާރު، އިބްލީސަށް ދެއްވީއެވެ.“ (ސަބައު: 21)

4- ޝައިޠާނާ ކުރާ މަސައްކަތަކީ މީހުންނަށް ވަސްވާސް ދިނުމާއި، ހުތުރު ކަންތަކަށް ގޮވާލާ، އަދި މީހުން ހެއްލުންތެރިކުރުމެވެ.

الشَّيْطَانُ يَعِدُكُمْ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ وَاللَّهُ يَعِدُكُمْ مَغْفِرَةً مِنْهُ وَفَضْلاً وَاللَّهُ وَاسِعٌ عَلِيمٌ

އާޔަތުގެ ތަފްސީރީމާނަ: “ހެޔޮ މަގުގައި ފައިސާ ހޭދަކުރަން ވީމާ ދަހިވެ، ޞަދަޤާތް ދޭ އިރު ދެރަ ތަކެތި ހޮވައި ޞަދަޤާތް ދިނުން، މި ކަންކަމަކީ ކަލޭމެން ފަޤީރުވެދާނެ ކަމަށް ޝައިޠާނާ ދައްކާ ބިރެއްގެ ސަބަބުން ކަލޭމެންނަށް ވާ ކަމެކެވެ. އަދި ޝައިޠާނާ ކަލޭމެންނަށް އަމުރުކުރަނީ ހަޑިހުތުރު ކަންތައް ކުރުމަށެވެ. ނަމަވެސް ﷲ ކަލޭމެންނަށް ވަޢުދުވެވޮޑިގަންނަވަނީ، ހެޔޮކަންކަމަށް ކަލޭމެން ހޭދަކުރުމުން، ކަލޭމެންނަށް އެކަލާނގެ ކިބައިން ފާފަ ފުއްސެވުމާއި ތަނަވަސް ވެގެންވާ ރިޒުޤު ދެއްވާނެ ކަމަށެވެ.“ (އަލްބަޤަރާ: 268)

يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمْ الشَّيْطَانُ إِلاَّ غُرُوراً
އާޔަތުގެ ތަފްސީރީމާނަ: “ޝައިޠާނާ އޭނާއަށް ތަބާވާ މީހުންނަށް ދޮގު ވަޢްދުކުރެތެވެ. އަދި، އެމީހުން ލައްވައި ޙަޤީޤަތެއް ނެތް ބާޠިލު އުންމީދުތަކެއް ކުރުވަތެވެ. ޝައިޠާނާ އެ މީހުންނަށް ވާ ވަޢްދަކީ ހެއްލުންތެރިކަމާއި އޮޅުވާލުމުގެ ވަޢްދުތަކެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ.“ (އައްނިސާ: 120)

އަދި ހަމައެހެންމެ، ރަލާއި މަސްތުވާތަކެއްޗާއި ޖުވާގެ ތެރެއިންލާފައި، މީސްތަކުންގެ ތެރޭގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފެތުރުމެވެ. إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمْ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنْ الصَّلاةِ
އާޔަތުގެ މާނަ: “ޝައިޠާނާ އެދޭކަން ކަށަވަރީ، ރަލާއި ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ.“ (އަލްމާއިދާ: 91)

ޝައިޠާނުން އަމިއްލައަށް އަދާކުރާ ވަޒީފާއަކީ ފާޙިޝްކަންތަކާއި ނުބައިކަންތަކާއި ބައިބައިވުން ފެތުރުމެވެ. މިގޮތުން އޭނާ އެންމެ ފުރަތަމަކުރުވި ކަމަކީ އަދި އާދަމުގެފާނާއި ޙައްވާގެފާނު ފިތުނައިގައި ޖެއްސީ، އޮރިޔާންވުމާއި ނިވާކަންކުޑަކުރުމަށްޓަކައެވެ. ކުރުހެދުން ލެއްވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ:  يَا بَنِي آدَمَ لا يَفْتِنَنَّكُمْ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا

އާޔަތުގެ މާނަ: “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި، އާދަމުގެފާނާއި ޙައްވާގެފާނާއި، ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ.“ (އަލްއަޢްރާފް: 27)

ވީމާ ހެދުން ބޭލުމާއި، އައުރަ ކަޝްފުކުރުވުމަކީ، ޝައިޠާނީ ޤާނޫނުގައި އޮންނަ އެންމެ ފުރަތަމަ މާއްދާއެވެ.

އަދި މީގެ އިތުރުންވެސް އިބްލީސް ކުރާ ކަންތަކުގެ ތެރޭގައި، ހުތުރު ކަންތައް، އޭނާއަށް ތަބާވާ މީހުންގެ ލޮލުގައި ރީތިކަންތައް ކަމުގައި ހަދައި، ރީތި ކަންތައް ހުތުރުކަންތައް ކަމުގައި ހަދައެވެ. މި ކަމަށް އިޝާރާތްކުރައްވާ މާތް ﷲ ވަޙީކުރައްވަނީ: وَزَيَّنَ لَهُمْ الشَّيْطَانُ مَا كَانُوا يَعْمَلُونَ
އާޔަތުގެ މާނަ: “އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް ޝައިޠާނާ ޒީނަތްތެރިކޮށް ދެއްކިއެވެ.“ (އަލްއަންޢާމް:43)

ހަމައެހެންމެ އޭނާ ކުރާ އަނެއް ކަމަކީ، ދީނީ ކަންކަމުގައި މުއުމިނުންގެ ހިތްތަކުގައި އޮޅުމާއި ޝައްކުތައް އުފެއްދުމެވެ. އިސްލާމްދީނުގެ ޙައްޤު މަގަށް ގޮވާލަން އުޅުމުގެ ބަދަލުގައި، ބޭނުމެއް ނެތް ބަހުސްތަކާއި ޖަދަލުތަކެއް ތެރޭގައި މުސްލިމުން ބޭތިއްބުމެވެ. މާތް ﷲ ވަނީ މުސްލިމުން މިކަމަށް ސަމާލުވެތިބުމަށްޓަކައި އާޔަތެއް ބާވައިލައްވާފައެވެ: وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
އާޔަތުގެ މާނަ: “އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިޠާނާ އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެތެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، މުޝްރިކުންކަން ކަށަވަރެވެ.“ (އަލްއަންޢާމް:121)

ޝައިޠާނާ ކުރާ އަނެއް ކަމަކީ، ހެއްދެވި ކަލާނގެ މަތިން މުއުމިނާ ހަނދާންނެތިކުރުވުމެވެ. އޭރުން ދެން އޭނާ ފާފަތަކަށް އަރައިގަންނާނެއެވެ. ފާފަވެރިންނަކީ އެމީހުންގެ މައްޗަށް ޝައިޠާނާ ވެރިވެގެންފައި ތިބޭ ބައެކެވެ. اسْتَحْوَذَ عَلَيْهِمْ الشَّيْطَانُ فَأَنسَاهُمْ ذِكْرَ اللَّهِ أُوْلَئِكَ حِزْبُ الشَّيْطَانِ أَلا إِنَّ حِزْبَ الشَّيْطَانِ هُمْ الْخَاسِرُونَ

އާޔަތުގެ ތަފްސީރީމާނަ: ”ޝައިޠާނާވަނީ، އެއުރެންނަށް ވަސްވާސްދީ އެއުރެންގެ މައްޗަށް ވެރިވެގެންފައެވެ. ދެން ފަހެ، އެ ޝައިޠާނާ، އެއުރެން ﷲ ހަނދުމަކުރުން ހަނދާންނެތިކުރުވިއެވެ. ﷲ ހަނދުމަނެތިކޮށްފައި ޝައިޠާނާއަށް ތަބާވާ މީހުންނީ، ޝައިޠާނާގެ ޖަމާޢަތުގެ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ޖަމާޢަތުގެ މީހުންނީ ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންނެވެ.“ (އަލްމުޖާދިލާ: 19)

ނަމަވެސް އަނެއްކޮޅުން ތަޤުވާވެވެރިންގެ ޙާލަތު މިއާ މުޅިން ތަފާތެވެ. إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ
އާޔަތުގެ ތަފްސީރީމާނަ: “ހަމަކަށަވަރުން ތަޤްވާވެރިވީމީހުން، ޝައިޠާނާގެ ފަރާތުން އަންނަ ވަސްވާހެއް ޖެހިއްޖެނަމަ، ﷲ އަށް ކިޔަމަންވުމާއި ތައުބާވުމަކީ، އެ މިހުންގެ މައްޗަށް ﷲ އަމުރުކުރައްވާފައި އޮތް ކަމެއްކަން ހަނދާންކުރެއެވެ. އެ ހިނދު އެ މީހުން ތިބޭނީ އެ ފާފައިން ދުރުވެގަނެ ތެދުމަގުގައެވެ.“(އަލްއަޢްރާފް: 201)

5- ފަސާދަކުރުމަށް ޝައިޠާނާ ކެނޑިނޭޅި މަސައްކަތްކުރާއިރު ވެސް، އަދި އާދަމުގެ ދަރިންނާ ޢަދާވާތްތެރިކަންމަތީ ދެމިހުންނައިރުވެސް، އަދި ހުރިހާ ދިމާއަކުން އައިސް އިންސާނުންނަށް ވަސްވާސްދީ ހަދާއިރުވެސް، އަދި ﷲ އަށް ނުކިޔަމަންތެރިވެ އުރެދުމަށް ގޮވައި ފޯރިދީ، މޮޔަހައްދައިގެން ހެއްލުންތެރިކުރެވުނު ބަޔަކު ހެއްލުންތެރިކޮށް، ނުބައިކަންތަކަށް ގޮވާލާ ޝައިޠާނާގެ ލަޝްކަރުގެ އަސްވާރުންތަކާއި ފައިމަގުގައިވާ ހަނގުރާމަވެރިންތައް އެއްކޮށްގެން ގޮސް ގޮވައި ހަމަލަދީ، މީހުންގެ މުދަލާއި ދަރިފަސްކޮޅުގައި ބައިވެރިވެ، މިހުރިހާ ކަމެއް ޝައިޠާނާ ކުރާއިރުވެސް، މީހުންނަށް ވަސްވާސްދިނުމުގެ ބާރު ނޫން އެހެން ބާރެއް ޝައިޠާނާއަށް ލިބިގެނެއް ނުވެއެވެ. އޭނާއަށް ކުރެވޭހާވެސް ކަމަކީ ނުބައިކަންތަކަށް މީހުން ހެއްލުންތެރިކުރުމެވެ. ނަމަވެސް ގެއްލުންދިނުމާއި މަންފާ ލިއްބައިދިނުމަކީ ޝައީޠާނާއަށް ލިބިގެންވާ ބާރެއް ނޫނެވެ. މިގޮތުން، ކާފިރުންނާއި ޝައިޠާނުން ޤިޔާމަތްދުވަހުން ޒުވާބުކުރާއިރު ދައްކާވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ: وَقَالَ الشَّيْطَانُ لَمَّا قُضِيَ الأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلاَّ أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ

އާޔަތުގެ ތަފްސީރީމާނަ: “މާތް ﷲ، ޚަލްޤުތަކުންގެ ހިސާބު ބައްލަވައި ނިޔާކަނޑައަޅުއްވައި އަދި ސުވަރުގެވެރިން ސުވަރުގެ ވަދެ، ނަރަކަވެރިން ނަރަކައަށް ވަދެ ނިމުނީމާ، ޝައިޠާނާ ބުނާނެއެވެ: އަލުން ދިރުއްވުމާއި، ޖަޒާދެއްވުމާއި ނަރަކަވެރިން ނަރަކަ އަށް ވެއްދެވުމާއި މެދު، ﷲ ކަލޭމެންނަށް ވަޢްދުވެވަޑައިގަތީ ތެދު ވަޢްދެކެވެ. މަރުވުމަށްފަހު ދިރުމެއް ނެތް ކަމަށާއި، އަދި ދުނިޔޭގައި ކުރާ ކަމަކަށް ޖަޒާ ދިނުމެއް ނޯންނާނޭ ކިޔާފައި، ކަލޭމެންނަށް އަހަރެންވީ ދޮގު ވަޢްދެކެވެ. މަގުފުރެދުމަށް ކަލޭމެންނަށް ގޮވައިލުން ފިޔަވައި، ކަލޭމެންގެ މައްޗަށް، އެހެން އެއްވެސް ބާރެއް އަހަރެންނަކަށް ލިބިގެން ނުވެއެވެ. އަހަރެން ގޮވާލިހާއިރުން ކަލޭމެން އަހަރެންނަށް ތަބާވީއެވެ. ވީމާ އަހަރެން ކުށްވެރިނުކުރާށެވެ. އަމިއްލަ ނަފްސު ކުށްވެރިކުރާށެވެ. ކުށަކީ ކަލޭމެންގެ ކުށެވެ.“ (އިބްރާހީމް: 22)

އަދި މަރުވުން ފަސްކޮށްދެއްވުމަށް އެދި، އިބްލީސް، މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވުމުން، އެކަން ފުއްދަވައި ދެއްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ ވެސް، އިބްލީހަށް ބާރު ލިބިގެންވަނީ ﷲ އަށް އިޚްލާޞްތެރި ނޫން އަޅުތަކުންގެ މައްޗަށް ކަމެވެ. قَالَ رَبِّ بِمَا أَغْوَيْتَنِي لأزَيِّنَنَّ لَهُمْ فِي الأَرْضِ وَلأغْوِيَنَّهُمْ أَجْمَعِينَ (39) إِلاَّ عِبَادَكَ مِنْهُمْ الْمُخْلَصِينَ
އާޔަތުގެ ތަފްސީރީމާނަ: “އެކަލޭގެ ދެންންވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވީތީ، ހަމަކަށަވަރުން އިންސާނުންނަށް ބިމުގައި ނުބައިކަންތައްތައް ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން ތެދުމަގުން އެއްކިބާކޮށް މަގުފުރައްދާހުށީމެވެ. (39) އިންސާނުންގެ ތެރެއިން، އިބަރަސްކަލާނގެ ތެދުމަގު ދެއްކެވުމަށް ޚިޔާރުކުރެއްވުން، އިޚްލާޞްތެރިކަމާއެކު އިބަރަސްކަލާނގެއަށް އަޅުވެތިވާ މީހުން މެނުވީއެވެ.“ (އަލްޙިޖްރު: 39-40)

އަދިވެސް ހަމަ މިކަމާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: قَالَ هَذَا صِرَاطٌ عَلَيَّ مُسْتَقِيمٌ (41) إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنْ اتَّبَعَكَ مِنْ الْغَاوِينَ (42)

އާޔަތުގެ ތަފްސީރީމާނަ: “އެކަލާނގެ ވަޙީކުރެއްވިއެވެ. މިއޮތީ، ތިމަންރަސްކަލާނގެ ޙަޟްރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ. (41) ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް އިޚްލާޞްތެރިވެގެން ތިބި އަޅުން މަގުފުރައްދައި، އެމީހުންގެ މައްޗަށް ބާރުހިންގުމެއް، ކަލޭގެއަކަށް ލިބިގެނެއް ނުވެއެވެ. ކަލޭގެއަށް ބާރުލިބިގެންވަނީ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން ކަލޭގެއަށް ތަބާވާ މީހުންގެ މައްޗަށެވެ.“ (އަލްޙިޖްރު: 41-42)

6- ޝައިޠާނާއަށް ތަބާވާމީހުންނަށް ދަތިހާލު ޖެހޭ ވަގުތު، ޝައިޠާނާ އެ މީހުންގެ ކިބައިން ބަރީއަވެގަނެ، ޚިޔާނާތްތެރިވާނެއެވެ. އެމީހުން އެކަނި ދޫކޮށްލާނައެވެ. ބަދުރު ހަނގުރާމަ ހިނގި ދުވަހުވެސް، ހަނގުރާމައިގެ ތެރެއަށް މުޝްރިކުން ވައްދާފައި ފަހު ވަގުތު އޭނާ ފިލީއެވެ.

އިންސީންގެ ތެރެއިންވާ ޝައިޠާނުން:

ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވަނީ، ޝައިޠާނުންނަކީ، މީހުންގެ ތެރޭގައި ﷲ އަށް ކުފުރުވުން ފަތުރާ ބައެކެވެ. ފާޙިޝް ކަންތައްތައް ޢާއްމުކޮށް، އާދަމުގެ ދަރީންގެ އައުރަ ކަޝްފުކުރަން މަސައްކަތްކުރާ ބައެކެވެ. ހުތުރު އާދަކާދަތަކާއި ގޮތްތައް އެއީ ރީތި ރަނގަޅު ގޮތްތަކެއް ކަމަށް ދައްކައި ޒީނަތްތެރިކުރާ ބައެކެވެ. ޝުބުހާތަކާއި ޝައްކުތައް އުފައްދާ، ބާޠިލު ކަންކަމަށް ޖަދަލުކުރާ ބައެކެވެ. މުސްލިމުން ޢަދާވާތްތެރިކޮށް ބައިބައިވުން އުފައްދާ، އަދި އެމީހުންނަށް ތަބާވެގެން ތިބޭ މީހުން ދަތިހާލު ޖެހޭ ވަގުތު ދޫކޮށްފައިދާ ބައެކެވެ.

އިންސާނުންގެ ތެރެއިން، މި ސިފަތަކުން ކުރެ ސިފައެއް ޖެހިގަނެއްޖެ މީހަކީ، އެއީ އިންސީންގެ ތެރޭގައިވާ ޝައިޠާނެކެވެ. ޝައިޠާނުންނަކީ ހަމައެކަނި ޖިންނީންގެ ތެރޭގައިވާ ބައެއް ނޫންކަމާއި، އެއީ އިންސީންގެ ތެރޭގައިވެސް ތިބޭ ބައެއްކަން، އައްނާސު ސޫރަތުންވެސް އެނގެން އެބަ އޮތެވެ. مِنْ الْجِنَّةِ وَالنَّاسِ
އާޔަތުގެ ތަފްސީރީމާނަ: “އެ ޝައިޠާނުންނަކީ، ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިން ވާ ޝައިޠާނުންނެވެ.“ (އައްނާސު: 6)

ވީމާ ފާޙިޝް ކަންތައްތަކަށް ގޮވާ ހިތްވަރުދީ، މުޖްތަމަޢުގައި ބަރަހަނާކަމާއި، ލަދުކުޑަ އަދަބީ ލިއުންތަކާއި ތަމްސީލުތަކާއި ފިލްމުތައް ފަތުރާ، އެކަމުގައި ބައިވެރިވާ މީހުންނަކީ، އެއީ އިންސީންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ.

އިހުގެ ޖާހިލިއްޔަތަށް ވިޔަސް އަދި ފަހުގެ ޖާހިލިއްޔަތަށް ވިޔަސް ގޮވާލާ، އިސްލާމީ އުއްމަތް ބައިބައިކޮށް، އެއްބައިވަންތަކަން ފުނޑުފުނޑު ކުރާ މީހުންނަކީ، އެއީ އިންސީންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ.

ސުވަރުގެއަށް ދެވެން އޮންނަ މަގުން މީހުން އެއްކިބާކޮށް، ނަރަކައަށް ދެވެން އޮންނަ މަގަށް މަގުދައްކާ މީހުންނަކީ، އަދި ﷲ ހަނދުމަކުރުން ހަނދާން ނައްތުވާލާ، އާޚިރަތް ދުވަސް މަތިން ޣާފިލުކުރުވާ މީހުންނަކީ، އެއީ އިންސީންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ.

މަސްދަރު: ކަވާސާ