-
-
ވަޢުދު ވީމޭ...14

ވަޢުދު ވީމޭ...14

އެންމެ ތިރީ ފްލޯގައި އޮންނަނީ ބޮޑު ގަރާޖެކެވެ. ބޭރަށް ނުކުމެވޭނީ އެ ގަރާޖުގެ ތެރެއިން ލާފައެވެ. ޒަކްވާން ބަލައިލީ އެއްވެސް މީހަކު ފެންނަން ހުރިތޯއެވެ. މުޅި ތަން އޮތީ ހަމަހިމޭންކޮށެވެ. ޒަކްވާންގެ ތުންފަތުގައި ދުވެލީ ނުރައްކާތެރި ހިނިތުންވުމެކެވެ. ލިފްޓްގެ ތެރެއިން ފުރަތަމަ ނުކުތީ އަރޫންއެވެ. ހޫނުގަދަ ދުވަހެއްކަމުން އަރޫން ހުރީ ކޮންމެވެސް ވަރަކަށް ދާހިއްލާލާފައެވެ. އަރޫން ކުރިޔަށް ހިނގައިގަތްތަނައި، ކުއްލިއަކަށް އޭނާގެ ފަހަތުން ޒަކްވާން ހިފެހެއްޓުމުން ސިހުނެވެ.

ADS BY FENVARU

********

އަރޫން ފަސްއެނބުރި ބަލައިލިއިރު އެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެެވެ. ވިހަ ގޮތަކަށް ހިނިތުންވެލައިގެން ޒަކްވާން ހުއްޓެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ނުރައްކާތެރި ވިދުވަރު ފެނުމުން އަރޫންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ. ޒަކްވާން ހުރީ އަރޫންގެ ކޮނޑާއި ދިމާއިން، ގަމީހުގައި ހިފައިގަނެގެންނެވެ. އެ އަތުގެ ތެރޭގައި ގަމީސް ބޮނޑިކޮށްލައިގެން ހުރިއިރު، މަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ކަމުގެ ނުރައްކާތެރިކަން އެނގޭހައިވެއެވެ. އަރޫންގެ ނަޒަރު ޒަކްވާންގެ އަތުން ފެށިގެން މޫނަށް ހުއްޓުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު ތިއްބެވެ. ދެން ފެނުނީ ޒަކްވާން ހިނިތުންވެލި ތަނެވެ. ކުރިން ފެންނަމުންދިޔަ ކުލަތަކެއް މިހާރު އެ މޫނުމަތިން ނުފެނެއެވެ.

"އޯޚް... ސޮރީ..." ޒަކްވާން އަވަސްއަވަހަށް އަރޫންގެ ގައިން ދޫކޮށްލިއެވެ.

އަމާން ދީފީމޭ ބުނާ ކަހަލަގޮތަކަށް ދެއަތް މައްޗަށް ހިއްލައިލަމުން ޒަކްވާން ތިރިވިއެވެ. އަނެއްކާވެސް ތެދުވެ ދެއަތް މައްޗަށް ނެގީ ސަމާސާއެއް ކޮށްލާ ފަދައިންނެވެ.

"ކަމްއޯން..." ވާނުވާ ނޭނގިފައި ހުރި އަރޫންއަށް ބަލައިލާފައި ޒަކްވާން ބުންޏެވެ. އެއަށްފަހު، އަރޫންގެ ކޮނޑާއި ދިމާއިން ގަމީހަށް އަރާފައިވާ ރޫތަކުގައި އަތް ކާއްތައިލަމުން ރީތިކޮށްލިއެވެ.

"ނަންބަރުވެސް ނުދީ މާ ބާރަށް ދާންފެށީމަ ހިފޭއްޓުނީ... އެއްވެސް ޙާލެއްގަ ބިރުގަންވާކަށް ނޫން އިނގޭ..." ޒަކްވާން ވާހަކަދެއްކީ ގާތް ރަޙުމަތްތެރިއަކުވެސް ވާހަކަ ދައްކާނެހައި ގާތްކޮށެވެ.

ޒަކްވާންގެ ޖުމްލަ އާއިއެކު އަރޫންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މީހާ ހަމައަކަށް އެޅިލަމުން އޭނަ ބޯޖަހައިލީ މާބޮޑުކަމެއް ނޫނޭ ބުނާ ފަދައިންނެވެ. ހަޤީގަތް އެނގުމުން ހުރިހާ ނުތަނަވަސްކަމެއް ފިލައިގޮސް ހިނިތުންވެލިއެވެ.

"އަހަރެން ހީކުރީ..." އަރޫން އެއްޗެއް ބުނަން އުޅުނެވެ. އޭގެ ކުރިން ޒަކްވާން ވާހަކަ ދައްކަން ފެށުމުން އޭނަ ހުއްޓައިލިއެވެ.

"މަރާލަން އުޅެނީއޭ..." އަރޫން ބުނަން އުޅުނު ޖުމްލައިގެ ބާކީބައި ފުރިހަމަކުރީ ޒަކްވާންއެވެ.

އަރޫންއަށް ވީގޮތް އެނގުމުން ޒަކްވާން ބާރަށް ހޭން ފެށީ މަލާމާތްކުރާ ކަހަލަ ގޮތަކަށެވެ. އަމިއްލަ މޮޔަކަން ހިތަށް އަރާފައި އަރޫންއަށްވެސް ޒަކްވާންގެ ހުނުމުގައި ބައިވެރިވެވުނެވެ.

"އާނ... ނޭނގޭނެދޯ... މިޒަމާނަކީ ކުރިމަތިންވެސް އައިސް ހަމަލާދީ މަރާލާ ޒަމާނެއް..." ހެމުންދިޔަ އަރޫން، ހަމައަކަށް އެޅިލުމަށް މަސައްކަތް ކުރަމުން ބުންޏެވެ.

"ރަނގަޅަށް ތިބުނީ... މީހެއްގެ ގޮތެއް ނޭނގޭނެ... މިހާ ގާތްކޮށް އުޅެފަ ފެންނާނީ ކުއްލިއަކަށް ދުވަސް ދުއްވާލާތަން..." ޒަަކްވާން ހީހީފައި ބުނެލީ މާނަފުން ބަސްތަކެކެވެ.

ޒަކްވާންއަށް ފޯނު ނަންބަރު ދީފައި، އަރޫން އޮފީހަށް ދިޔައީ ލަސްވާކަމަށް ބުނެއެވެ. އަރޫން ދިޔަ ފަހުންވެސް އެގެއިން ނުކުންނަން ނޭނގިފައި، ޒަކްވާން ހުއްޓެވެ. ގެއަށް ދާން އުޅެފައިވެސް އެ ޚިޔާލު ބަދަލުވެ، އަނެއްކާވެސް އޭނަ ވަނީ ލިފްޓްގެ ތެރެއަށެވެ. ލިފްޓް ގޮސް ޒޭބާ އުޅޭ ފްލޯއަށް ހުއްޓުމާއިއެކު، ޒަކްވާންގެ ތުންފަތް މައްޗަށް ވެރިވީ ނުރައްކާތެރި ހިނިތުންވުމެކެވެ. ދެލޮލުގައިވި ވިދުވަރުން ކުރިމަތީގައި މީހަކު ހުރިނަމަ ފިހޭނޭކަން ގައިމެވެ.

ނިދިފައި އޮތް ޒޭބާއަށް ހޭލެވުނީ ގޭގެ ބެލް އަޅަންފެށި އަޑު އިވުމުންނެވެ. އޭނައަށް ފުރަތަމަވެސް ހޯދައިލެވުނީ އަރޫންއެވެ. އަރޫން ނެތުމުން ކަންނެތް ގޮތަކަށް ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ރޭގެ ހާދިސާ ހަނދާނަށް އައުމާއިއެކު، ޒޭބާގެ ތުންފަތް މައްޗަށް ވެރިވީ ލަދުވެތިކަމުން ފުރިގެންވީ ހިނިތުންވުމެކެވެ. ލަދުން ރަތްވެގެންދިޔަ މޫނު، ދެއަތުގެ ތެރޭގައި ފޮރުވާލައިގެން ޒޭބާއަށް އިރުކޮޅަކު އިނދެވުނެވެ. އެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. އަރޫންގެ ލޯބިވެތި ބީހުންތަކުގެ ޢަޞަރު އަދިވެސް އެހަށިގަނޑަށް ކުރެވޭހެން ޒޭބާއަށް ހީވިއެވެ. އަނެއްކާވެސް ގޭގެ ބެލްއަޅާލި އަޑު އިވުނެވެ.

ޒޭބާއަށް ބަލައިލެވުނީ އެނދާއި ދިމާއިން ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. ދިހަގަޑި ބައިވެފައި ހުއްޓައި ފެނުމުން ފުންމައިގެން ތެދުވި ގޮތްވެސް ނޭނގެއެވެ.

ޒޭބާ ނިދަންލާން ގެންގުޅޭ އަތްދިގު ޓީޝާޓާއި، ހަރުވާޅު އޮތީ އެނދުގެ އެއްފަރާތުގައި ރީތިކޮށް ބާއްވާލާފައެވެ. އަރޫންގެ ކަމެއްކަން އެނގުމުން އޭނައަށް ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. ފަހަރަކު އަންނައުނެއް ލަމުންދިޔަ އިރުވެސް، ޒޭބާއަށް ވިސްނެމުންދިޔައީ ރޭގެ ހާދިސާ އާއި މެދުގައެވެ. އެ އަންނައުނުތައް ހަށިގަނޑާއި ވަކިވެގެންދިޔަ ވަގުތު ކުރެވުނު އިޚްސާސްތައް އޭނައަށް ކިތަންމެހައިވެސް ކަމުދިޔައެވެ.

ހުއްޓާނުލައި ގޭގެ ބެލް އަޅަންފެށި އަޑު އިވުމުން ޒޭބާ އޭނާގެ އަތްމަތި އަވަސްކޮށްލިއެވެ. އޭރު ކަންބޮޑުވުމުގެ އަޞަރުވެސް އެމޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަ ހީކުރީ ބޮޑުކަމެއް ޖެހިގެން އަރޫންއަށް ގެއަށް ނުވަދެވިގެން އުޅެނީ ކަމަށެވެ. އަވަސްކުރަން ހަދައިގެން އޭނައަށް ޓީޝާޓުވެސް ލެވިފައިހުރީ ނުބައި ފަރާތުންނެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭގެ ދޮރު ހުޅުވައިލި ޒޭބާ ދިޔައީ ސިއްސައިގެންނެވެ. ބޭރުގައި ހުރި މީހަކު ކުއްލިއަކަށް ދޮރު އެތެރެއަށް ކޮއްޕައިލިގޮތުން، ދޮރު ޖެހުނީ ޒޭބާގެ ނިތްކުރީގައެވެ. ހަމަ ޖެހުމާއިއެކު، ޒޭބާ ދިޔައީ ފަހަތަށް އެއްލިގެންނެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން ހަށިގަނޑު ބެލެންސް ނުކުރެވި އޭނަ ގޮސް މުށިތަކުގެ މައްޗަށް އިނދަޖެހުނެވެ. ދެއަތް ވިއްދައި ނުލެވުނުނަމަ، ޒޭބާގެ ބޯ ވަރަށް ބާރަށް މުށިތަކުގައި ޖެހުނީހެވެ.

ޒޭބާގެ އަނގައިން ނުކުތީ ވޭނީ އާޚްއެއްގެ އަޑެވެ. އަތުގެ ކުޑަހުޅު ވިދުނުގޮތުން ވީ ތަދުގައި، އޭނަ އިނީ ގުޑިލަންވެސް ނޭނގިފައެވެ. ފެންކަޅިވަމުންދިޔަ ދެލޮލުން އިސާހިތަކު އޮހިގަތް ކަރުނަތަކާއިއެކު ޒޭބާއަށް ދެލޯ މަަރައި ބާރުކޮށްލެވުނެވެ. ހަށިގަނޑަށް އިޙްސާސްކުރެވުނު ތަދަށްވުރެ ބޮޑު ސިހުމެއް ޒޭބާއަށް ލިބުނީ ދޮރުން އެތެރެއަށް ވަތް ޒަކްވާން ފެނުމުންނެވެ. މަންޒަރު ފުސްވެފައި ވިޔަސް، ޒަކްވާންގެ ސޫރަ އޭނައަށް ވަކިކުރަން އެނގުނެވެ.

ދޮރު ލެއްޕުމަށްފަހު، ޒަކްވާން އެނބުރުނެވެ. ޒޭބާގެ ހިތް ހީވީ މޭފަޅާފައި ނުކުންނަން އުޅޭހެންނެވެ. މުށިތަކުގެ މަތީގައި ކޭއްތެމުން އޭނަ ފަހަތަށް ދިޔައިރު، އަތުގައި އަޅާ ވޭނަށް ކެތް ނުވެއެވެ. ހިފެހެއްޓުމެއްނެތި ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއި އެއްވަރަށް ޒޭބާގެ ގިސްލުމުގެ އަޑު ސިޓިންގްރޫމުން އިވިއިވި ހުއްޓެވެ.

"ޒޭބް..." ޒޭބާ އިން ޙާލު ފެނުމުން ޒަކްވާން ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އޭނަ އަވަސްއަވަހަށް އައިސް ޒޭބާ ނަގަން އުޅުނެވެ.

"އަތްނުލާތި..." ތުރުތުރުއަޅަމުންދިޔަ އަޑަކުން ޒޭބާއަށް ބުނެވުނެވެ.

ވޭނުން ފުރިގެންވީ އެ އަޑު ކަންފަތުގައި ޖެހުމާއިއެކު ޒަކްވާންގެ ހިތް، ހަމްދަރުދީއިން ފުރާލިއެވެ. އޭނަ އަނެއްކާވެސް އުޅުނީ ޒޭބާ ނަގާށެވެ. އެވަގުތު، ރަތްކަމުން އަނގުރު އަލިފާންކޮޅެކޭ އެއްފަދަ ދެލޮލުން ޒޭބާ ބަލައިލިގޮތް ފެނިފައި، ޒަކްވާންއަށް ދުރަށްޖެހެވުނެވެ.

"މި ބުނީނު އަތް ނުލާށޭ..." ޒޭބާ ހިންދިރުވައިލީ ކަރުގައި އެއްޗެއް ތާށިވުމުން ހިންދިރުވައިލާ ފަދައިންނެވެ.

"ސޮރީ... ތަނަކަށް ތަދުވިތަ؟..." ޒަކްވާން ވާހަކަދެއްކީ މަޑުމަޑުންނެވެ. އޯގާތެރިކަމާއި އެކުގައެވެ.

"ޒޭބް ސޮރީއޭ... ދެން ތިތަނުން ތެދުވެބަލަ..." ޒަކްވާން ހާސްވީ ޒޭބާގެ ގިސްލުމުގެ އަޑު ގަދަވުމުންނެވެ.

"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް... އޯކޭ... ޒޭބްގެ ގައިގަ އަތެއް ނުލާނަން... އަވަހަށް ތެެދުވޭ..." ޒަކްވާން އޭނާގެ އަތް ޖީބަށް ކޮއްޕައިލަމުން ބުންޏެވެ.

"އަހަންނަށް އެނގެޔޭ އެ އަރޫންގެ ސަބަބުންކަން ޒޭބްއަށް ތިހެން ތިވީ... އޭނަ ކައިރިން ޒޭބް ސަލާމަތްކޮށްގެން..." ޒަކްވާންއަށް ބުނެވުނީ އެހިސާބަށެވެ.

"ހުއްޓާލާ..." ޒޭބާ ހަޅޭއްލަވައިގަތެވެ.

"ކޮންމެ ކަމެއް ކޮށްފަވެސް ސޮރީ... ސޮރީ... މީހަކު މަރާލާފަވެސް ބުނާނީ ތިހެންތަ؟..." ޕެޓްރޯލްހަމެއްގައި ހުޅުހިފައިގެން ދާފަދައިން، ޒޭބާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

ސަލާމަތުން އޮތް އަތުގެ އެހީގައި، ޒޭބާ މަޑުމަޑުން ތެދުވިއެވެ. އަތުގެ ހުޅުގައި ބާރަށް ހިފަހައްޓައިގެން ހުރިނަމަވެސް އަޅަމުންދިޔަ ވޭނަށް ކެތްކުރުން ޒޭބާއަށް ވީ ދަތިކަމަކަށެވެ.

"އަހަރެން ޒޭބްއަށް އަނިޔާކުރާކަށް ނޫނޭ އެހެން ހެދީ... އައި ސްވެއަރ... އަހަންނަށް އެނގޭ އަހަރެން ފެނުނީމަ ދޮރު ނުހުޅުވާނެކަން... އެހެންވެއޭ އެހެން ހެދުނީ... މިހާރު މަޢާފަށްވެސް އެދެވިއްޖެއެއްނު... ޒޭބް ތިހާ ހިތްހަރުވީ ކޮންއިރަކުތަ؟..." ޒަކްވާން ހުރީ ދެރަވެފައެވެ.

ޒޭބާއަށް އައިސްފައިވާ ބޮޑު ބަދަލު ފެނުމުން ޒަކްވާންގެ ހިތް ކުދިކުދިވަނީއެވެ. ހަމަ އެއާއި އެއްވަރަށް އޭނައަށް ކުށްވެރި ކުރެވެމުންދިޔައީ އަރޫންއެވެ. އެ ހުރިހާ ކަމެއްގެ ބަދަލު އޭނައަށް ހޯދައިދޭންޖެހޭނެ މީހަކީ އަރޫންކަމުގައި އޭނަގެ ހިތް ބުނީ އެވަގުތުއެވެ.

"ޒޭބް... ހަމަ އެއްވެސް އެއްޗެކޭ ނުބުނާނަންތަ؟..." ޒަކްވާން އުޅުނީ ޒޭބާގެ ކޮނޑުގައި އަތް ޖައްސައިލާށެވެ.

ޒޭބާ ޖެހިލީ ދުރަށެވެ. ޒަކްވާންގެ ސަބަބުން އޭނަގެ ސިކުނޑިވަނީ ފަޅައިގެންދާން ކައިރިވެފައެވެ.

"އަހަރެން ކިހިނެތް ހަދައިދޭންވީ... މާ ބޮޑަށް ތަދުވަނީތަ؟..." ޒަކްވާން ސުވާލުކުރިއިރު އެނަޒަރު އަމާޒުވެފައިވަނީ ޒޭބާގެ އަތަށެވެ.

"ހެޔޮނުވާނެ... އާދޭސްކޮށްފައި މިބުނަނީ، މިތަނުން ގޮސްދީ..." ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްފައި ޒޭބާ ބުންޏެވެ.

"ކީއްވެތަ އަހަރެން ފޮނުވާލަން ތިއުޅެނީ؟... ޒޭބްއަށް އަދިވެސް ނޭނގޭތަ އަހަރެން ލޯބިވާ ވަރެއް؟..." އެތަނުން ދާ ޚިޔާލެއް ޒަކްވާންގެ ނެތެވެ.

"އަހަރެންގެ ކެތްތެރިކަން އިމްތިހާނުކުރަން ނޫޅޭ..." ޒޭބާ ހުރީ، ޒަކްވާން އާއި ދިމާއަށް 'ނުބަލަންވެގެން ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އަހަރެން މިއައީ ޒޭބްގެ ޙަޔާތުން ދުރަށް ދާގޮތަކަށް ނޫނޭ ބުނެފީމެއްނު... ތީ މުޅީން އެހެން މީހެއް... އަހަރެންގެ ޒޭބްއަކީ ތިހާ ހިތްހަރު މީހެއް ނޫން..." ޒަކްވާން ކުރިޔަށްޖެހިލާފައި ޒޭބާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

ޒޭބާ ސިހުނެވެ. އެކަން ފޮރުވުމަށް އޭނަ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.

"ރަނގަޅަށް ތިބުނީ... މީ މިހާރު އެހެން މީހެއް... މީ ތި ޒަކްވާންގެ ޒޭބާއެއް ނޫން..." ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ޒޭބާ ބުންޏެވެ.

ޒަކްވާންގެ ދެއަތް މުށްކެވެމުންދިޔަ ވަރަކަށް ޒޭބާގެ ކޮނޑާއި ދިމާއިން އަތުގެ މަސްގަނޑުގެ ތެރެއަށް އެ އިނގިލިތައް ވަންނަމުން ދިޔައެވެ. ތަދުވި ނަމަވެސް، ދެލޯ މަރައި ބާރުކޮށްލައިގެން ޒޭބާ ހުރީއެވެ. ޒަކްވާން ކުރިޔަށްވުރެ ބޮޑަށް ޒޭބާ އާއި ގާތަށް ޖެހިލިއެވެ. ޒޭބާއަށް ނޭވާލާން އުނދަގޫވާވަރަށް އެ ހަށިގަނޑު ގެނެސް މޭގައި ޖައްސައި ބާރުކޮށްލިއެވެ. ގުޑިވެސް ނުލެވޭނޭ ވަރަށް އެ ހަށިގަނޑު އަތުގެ ތެރޭގައި ޤައިދުކޮށްލައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ބުރުގަލުގެ މަތިން އިސްތަށިގަނޑުގައި ހިފާފައި މޫނު ކުޑަކޮށް ދުރުކޮށްލިއެވެ.

"އަދި އެއްފަހަރު ބުނެބަލަ... ބުނެބަލަ ތީ މަގޭ މީހެއް ނޫނޭ..." ޒޭބާގެ ދަތްދޮޅީގައި ހިފައި އޮބައިގަންނަމުން ޒަކްވާން ހަޅޭއްލަވައިގަތެވެ.

މޮޔަވެފައިވާ މީހަކު ފަދައިން ޒަކްވާން ވަށައިގެން އެނބުރެން ފެށިއެވެ. ޒޭބާ އެ އަތުގެ ތެރޭގައި ހައްޔަރުކޮށްލައިގެން ހުރެއެވެ. ދެތިން ހަތަރު ފަހަރަކު އެނބުރިފައި ހުއްޓުނުއިރު، ޒޭބާގެ ބޮލަށް ވަނީ އެނބުރުން އަރާފައެވެ. ނޭވާލުމަށްވެސް ވަނީ ދަތިވެފައެވެ. ދެލޯ ބޮޑުވެ، ދެންމެދެންމެ ލޮލުގެ ކަޅި ފުންމައިލަފާނޭހެންވެސް ހީވެއެވެ.

"އަހަރެމެން ދެމީހުންގެ ދެމެދަށް ވަތް މީހަކީ އެ އަރޫން... ދާންޖެހޭނީވެސް އޭނަ... ނުގޮއްސިއްޔާ..." ޒޭބާގެ ކަރުގެ އެއްކޮޅުން ފެށިގެން އަނެއްކޮޅާއި ހަމައަށް އިނގިލި ހިންގައިލަމުން ޒަކްވާން ބުނެލިއެވެ. އޭނަގެ އެ އިންޒާރަކީ އަރޫން މަރާލާނޭ ކަމަށް ދިން އިންޒާރެކެވެ.

ޒަކްވާންގެ އަތުގެ ތެރެއިން ނުކުންނަން މަސައްކަތް ކުރަމުންދިޔައިރު، ޒޭބާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ރަތްވެފައިވާ ދެލޮލުގެ ކަޅި މައްޗަށް އަރަމުންދިޔައިރު، ނޭވާ ނުލެވިގެން އެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ޒޭބާއަށް އެވަރުވަމުން ދިޔައިރުވެސް ޒަކްވާން ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"އެނގޭތަ ކީއްވެކަން އަހަރެން ދިޔައީ؟... ސަބަބު އެނގެން ބޭނުންތަ؟..." ޒޭބާގެ ކަންފަތްކައިރީގައި ޒަކްވާން އެ ސުވާލުތައް ތަކުރާރުކުރަމުން ދިޔައެވެ.

ޒޭބާގެ ހަށިގަނޑުގެ ހަރަކާތް ކެނޑުނެވެ. އެ ހަށިގަނޑު ޒަކްވާންގެ އަތުގެ ތެރެއަށް ދެމުނުއިރުވެސް ޒަކްވާންއަކަށް ނޭނގެއެވެ. މޮޔަވެފައިވާ މީހަކު ފަދައިން ސުވާލުތައް ތަކުރާރު ކުރަމުން ދިޔައެވެ. ވަށައިގެން އެނބުރިއެނބުރިފައި ޒަކްވާން ހުއްޓުނެވެ. ކުއްލިއަކަށް ޒޭބާ އާއި ދިމާއަށް ބަލައިލާފައި ދެލޯ ބޮޑުކޮށްލިއެވެ.

"ޒޭބް... ޒޭބް..." ޒަކްވާން ހާސްވިއެވެ.

ޒޭބާ ގެންގޮސް ސޯފާގައި ބޭއްވިއިރު ޒަކްވާންއަށް މާނޭވާ ލެވެމުން ދިޔައެވެ. ޒޭބާގެ ދެކޮލުގައި ހިފައި އެތައް އިރަކު ތެޅުވި އިރުވެސް، ދެލޯ ހުޅުވައި ނުލުމުން ޒަކްވާންގެ ހާސްކަން އިތުރުވިއެވެ. އެ ހަށިގަނޑު ތަޅުވައި ފެންޖަހައި ހެދުމުންވެސް އެއްވެސް ހަރަކާތެއް ނުކުރިއެވެ. ހަދާނޭ ގޮތެއް ނޭނގިފައި ޒަކްވާން ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރިތަނަށް ތިރިވެގެންވެސް އެތައް އިރަކު އިނެވެ. އެންމެފަހުން އެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބުނީ ކަރު ހަލާކުވާހާ ބާރަށް ހަޅޭއްލަވައިގަނެވުމުންނެވެ.

ގޭގެ މައިދޮރަށް ތަޅުދަނޑި ޖަހާލި އަޑު އިވިފައި ޒަކްވާންގެ ދެލޯ ބޮޑުވިއެވެ. ފުންމައިގެން ތެދުވިގޮތަށް ދުވެފައިގޮސް ވަނީ ބަދިގެއަށެވެ. ސިޓިންގްރޫމަށް ވަންނަ މީހަކަށް ދެތިން ފިޔަވަޅު ކުރިޔަށް އަޅައިލުމުން އެއްވެސް ނިވާކަމެއްނެތި ބަދިގެ ފެންނާނެއެވެ. ހާސްވެފައި ޒަކްވާން ކަބަޑުމަތި ހޯދައިލިއެވެ. އެންމެ އަވަހަށް އެ އަތުގައި ޖެހުނީ މަސްވަޅިއެކެވެ. ވަޅި ހިފައިގެން މޭޒުގެ ކައިރިއަށް ތިރިވީތަނައި، ދޮރު ހުޅުވާލާފައި އެމީހަކު އެތެރެއަށް ވަތްކަން އެނގުނެވެ. ދޮރު ލެއްޕުނު އަޑާއިއެކު ތަޅުދަނޑިފަތީގެ އަޑު އިވުނެވެ. މޭޒުގެ ދަށަށް ވަދެ ޒަކްވާން އިންއިރު، ފެންނަމުންދިޔައީ ގޭތެރެއަށް ވަތް މީހެއްގެ ފައެވެ. ޒަކްވާން އިނީ ހުށިޔާރުވެގެންނެވެ. ވަޅީގެ މުއްގަނޑުގައި ހިފައި ބާރުކޮށްލައިގެންނެވެ. އެމީހެއްގެ ފިޔަވަޅުތައް ކޮޓަރި އާއި ދިމާއަށް ގޮސްގޮސް ހުރެފައި ހުއްޓުނެވެ. ދެން ފެނުނީ އެނބުރިފައި، ކާމޭޒާއި ދިމާއަށް އަންނަންފެށި ތަނެެވެ.

(ނުނިމޭ)