loading ...
loading ...
ވަޢުދު ވީމޭ...15

ވަޢުދު ވީމޭ...15

10 comments

ގޭގެ މައިދޮރަށް ތަޅުދަނޑި ޖަހާލި އަޑު އިވިފައި ޒަކްވާންގެ ދެލޯ ބޮޑުވިއެވެ. ފުންމައިގެން ތެދުވިގޮތަށް ދުވެފައިގޮސް ވަނީ ބަދިގެއަށެވެ. ސިޓިންގްރޫމަށް ވަންނަ މީހަކަށް ދެތިން ފިޔަވަޅު ކުރިޔަށް އަޅައިލުމުން އެއްވެސް ނިވާކަމެއްނެތި ބަދިގެ ފެންނާނެއެވެ. ހާސްވެފައި ޒަކްވާން ކަބަޑުމަތި ހޯދައިލިއެވެ. އެންމެ އަވަހަށް އެ އަތުގައި ޖެހުނީ މަސްވަޅިއެކެވެ. ވަޅި ހިފައިގެން މޭޒުގެ ކައިރިއަށް ތިރިވީތަނައި، ދޮރު ހުޅުވާލާފައި އެމީހަކު އެތެރެއަށް ވަތްކަން އެނގުނެވެ. ދޮރު ލެއްޕުނު އަޑާއިއެކު ތަޅުދަނޑިފަތީގެ އަޑު އިވުނެވެ. މޭޒުގެ ދަށަށް ވަދެ ޒަކްވާން އިންއިރު، ފެންނަމުންދިޔައީ ގޭތެރެއަށް ވަތް މީހެއްގެ ފައެވެ. ޒަކްވާން އިނީ ހުށިޔާރުވެގެންނެވެ. ވަޅީގެ މުއްގަނޑުގައި ހިފައި ބާރުކޮށްލައިގެންނެވެ. އެމީހެއްގެ ފިޔަވަޅުތައް ކޮޓަރި އާއި ދިމާއަށް ގޮސްގޮސް ހުރެފައި ހުއްޓުނެވެ. ދެން ފެނުނީ އެނބުރިފައި، ކާމޭޒާއި ދިމާއަށް އަންނަންފެށި ތަނެެވެ.

********

ކާމޭޒު ކައިރިއަށް ގޮސް ހުއްޓުނު އަރޫންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. މޭޒުމަތި އޮތީ ހުސްކޮށެވެ. ކާއެއްޗެއް ހަދާފައިވާކަމުގެ އެއްވެސް ނިޝާނެއްވެސް ބަދިގެއިން ފެންނާކަށް ނެތެވެ. ގިނައިރު ނުކައި ހުރުމުގެ ސަބަބުން އަރޫން ހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އަރޫން ހީކުރީ ޒޭބާ އަދިވެސް ނިދާނުހޭލަނީ ކަމަށެވެ. ރޭގެ ހަނދާންތައް އާކުރަމުންދިޔަ އަރޫންގެ ތުންފަތް މައްޗަށް އިސާހިތަކު ވެރިވީ ލުއި ހިނިތުންވެކެވެ. މޭޒު ވަށައި ހިނގާލާފައި ގޮސް، އޭނަ ހުއްޓުނީ އައިސްއަލަމާރި ކައިރީގައެވެ. އަލަމާރީގެ ދޮރު ހުޅުވައިގެން އޭނަ އިރުކޮޅަކު ހުއްޓެވެ.

ޒަކްވާން އިނީ ދާހިއްލާ ފޯވެފައެވެ. އޭނަ އިނީ މޭޒުގެ ދަށުން އަރޫންގެ ފަޔަށް ނަޒަރު ހުއްޓާލައިގެންނެވެ. އަރޫންގެ ކޮންމެ ހަރަކާތަކާއިއެކު އޭނައަށް ސިހުން ލިބެއެވެ. ނޭވާ އެތެރެހަށީގައި ތާށިވެދެއެވެ. އެސްފިޔަ ޖަހައިލަންވެސް އޭނަ އިނީ ބިރުންނެވެ. އެންމެ ސިކުންތަކުންވެސް ކިތަންމެ ކަމެއް ބަދަލުވެދާނޭކަމަށް ސިކުނޑި އިންޒާރު ދިނުމުންނެވެ.

ޒަކްވާން އިނީ ފުރުޞަތަކަށް ބަލަބަލައެވެ. އޭނަ ހީކުރީ ފެންބޮއެގެން އަރޫން ދާނީ ކަމަށެވެ. އެވަގުތެއްގެ އިންތިޒާރުގައި އިން ޒަކްވާންއަށް ލިބުނީ މާޔޫސްކަމެވެ. އޭނަ ހީކުރިގޮތަކަށް ނުވިއެވެ. އަރޫން ފެށީ ބިސްގަނޑު އަޅާށެވެ. އޭގެ ފަހުގައި ޕާން ޓޯސްޓު ކުރާށެވެ. އެންމެފަހުން ޒަކްވާންގެ ކެތްތެރިކަން ކޮޅުންލިއެވެ.

ޕާން ޓޯސްޓްކުރަން ހުރެފައި، އަރޫން ޖެހިލީ އުނދުން ކައިރިއަށެވެ. އުނދުން ހުންނަނީ ކާމޭޒުގެ އެއްކޮޅުގައި ހުންނަ ކަބަޑުމަތީގައެވެ. ކައްކަން ހުންނައިރު، ހުރެވޭނީ ކާގެއަށް ވަދެވެން ހުންނަ ދޮރަށް ފުރަގަސްދީގެންނެވެ.

މޭޒުގެ ދަށުން މަޑުމަޑުން ކުރިޔަށްދިޔަ ޒަކްވާންއަށް އެތަނުން ނުކުމެވޭވަރުވީ އެތައް އިރެއް ފަހުންނެވެ. ކޮންމެ ފަހަރަކު އަރޫންގެ ހިލަންވެގެން އޭނައަށް މަޑުކުރަން ޖެހެނީއެވެ.

ފައިގެ ކޮޅު ޖައްސަމުން ކުރިޔަށްދިޔަ ޒަކްވާން، ވަކި ހިސާބަކަށް ގޮސްފައި އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. މީހެއްގެ ޙިލަމެއްވިހެން ހީވެ، އަރޫން ފަސްއެނބުރި ބަލައިލީ ޒަކްވާންއަށް ދޮރާއި ހަމައަށް ދެވުނު ފަހުންނެވެ. ގޭގެ ދޮރު ހުންނަނީ ތަޅުދަނޑިއަކާއި ނުލައި އެތެރެއިން ހުޅުވޭނޭ ގޮތަށެވެ. ދޮރު ހުޅުވަން ޒަކްވާންއަށް ފަސޭހަވީ އެހެންވެއެވެ. ދުވެފައި ކަހަލަ ގޮތަކަށް އަރޫން ކާގެއިން ނުކުތްއިރު، ގޭގެ ދޮރު ލައްޕައިލި ތަން ފެނުނެވެ. އޭނައަށް އެދިމާއަށް ދުއްވައިގަނެވުނީ ދެފައިގައި ހުރި ބާރެއް ލާފައެވެ. އަރޫން ހީކުރީ ގެއަށް ވަގަކު ވަނީ ކަމަށެވެ. އެއްޗެހިތައް ފޭރިގަނެގެން ދަނީ ކަމަށެވެ.

"އޭތް..." އަރޫން ހަޅޭއްލަވައިގަތެވެ.

އޭނައަށް ދޮރާއިހަމައަށް ދެވުނުއިރު، ދޮރު ލައްޕާފައި އެމީހަކު ދުވެފައި ދާ އަޑު އިވެއެވެ. ލިފްޓްގެ ތެރެއަށް ޒަކްވާން ވަނީ ދުވެފައި ގޮހެވެ. އަތުގައި އޭރުވެސް މަސްވަޅި އޮތެވެ. ވަޅިއަށް ހަދާނޭ ގޮތަކާއިމެދު ވިސްނަން ހުއްޓައި ލިފްޓްގެ ދޮރު ހުޅުވުނެވެ. ގަރާޖުގެ ވަށައިގެން ހިނގައިލިތަނައި ޒަކްވާންއަށް ޑަސްޕިނެއް ފެނުނެވެ. އޭނަ ގޮސް ވަޅި ލީ އެ ޑަސްޕިނަށެވެ.

ސޯފާގައި އޮތް ޒޭބާ މާނޭވާއެއް ލާފައި ފުންމައިގެން ތެދުވިއެވެ. މޭގަ އާއި ކަރުގައި އަތުން ހިފަހައްޓައިގެން އިންއިރު، އެ ދެލޯ ވަނީ ބޮޑުވެފައެވެ. ކަރުގައި އެއްޗެއް ތާށިވުމުން މީހަަކު އުޅޭނޭހެން ޒޭބާ ތެޅިފޮޅިގަތެވެ.

ގެއިން ނުކުންނަން އުޅުނު އަރޫންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޒޭބާ އެފަދަ ޙާލެއްގައި ވާތަން ފެނުމުން، ހިތް ކުދިކުދިވިއެވެ. އަރޫންގެ ދެފަޔަށް އާދަޔާ ޚިލާފު ބާރެއް ލިބުނުހެން ހީވިއެވެ. ދުވެފައި ގޮސް ޒޭބާގެ ކައިރިއަށް ތިރިވިއެވެ. އޭރު ގެއިން ނުކުތް މީހާގެ މަތީން އޭނަ ހަނދާން ނެތިއްޖެއެވެ. ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ ޒޭބާއަށެވެ. ޒޭބާގެ ފުރާނަ އެހެން ހުރިހާ ކަމަކަށްވުރެ އޭނައަށް މުހިއްމުވިއެވެ.

އަރޫން ގެނައި އަވަސް ހަރަކާތާއިއެކު، ޒޭބާ ހިއްލައިލިއެވެ. ކުޑަކޮށް ގުދުކޮށްލާފައި، ބުރަކަށީގައި މަޑުމަޑުން ޖަހަންފެށިއެވެ. ޒޭބާއަށް ލުއިވާނޭހެން ބޯވެސް މޮޑެލައިދިނެވެ.

ޒޭބާ ހަމައަކަށް އެޅޭގޮތްވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަން ފެށި ފަހުންނެވެ. ނޭވާލުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް އުޅޭތީ، އެމެޖެންސީ ރޫމްގައި ބާއްވާފައި ވޯޑަށް ބަދަލުކުރިއެވެ. އަރޫންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޒޭބާގެ ކައިރިން އޭނަ އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދެއެވެ. ޒޭބާއަށް ނިދިފައި އޮތަސް، އަތުގައި ހިފާލައިގެން ކައިރީގައި އިނދެއެވެ.

މުނާ އާއި މާއިރާ ހޮސްޕިޓަލަށް އައީ ޒޭބާއަށް ނިދިފައި އޮއްވައެވެ. އޭރު އަރޫން އިނީ ޒޭބާގެ ކައިރީގައެވެ. ކުއްލިއަކަށް ޒޭބާ ބަލިވުމުން މުނާ ހުރީ ހާސްވެފައެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން އައި ގޮތުންވެސް މުނާ ހާސްވެފައި ހުރިވަރު އަރޫންއަށް އެނގުނެވެ.

މުނާ އެތެރެއަށް ވަނުމުން އަރޫން ތެދުވެގެން ގޮސް އިށީނީ އެނދުގެ ކުރިމަތީގައި ބަހައްޓާފައިވާ ސޯފާގައެވެ. މުނާ ގޮސް ޒޭބާގެ ކައިރީގައި އިށީނދެފައި އަރިއަކަށް އޮތް ޒޭބާގެ ބުރަކަށީގައި ފިރުމާލިއެވެ. މާއިރާ ހުރީ ޒޭބާ ފަޔާއި ދިމާއިން އެނދުގައި އަތް ޖައްސާލައިގެން ކޮޅަށެވެ. އޭނަ ސިއްރުން ބަލަމުން ދިޔައީ އަރޫންގެ މޫނަށެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟..." އަރޫންއަށް ބަލައިލަމުން މުނާ ސުވާލުކުރިއެވެ.

"ބުނީ ރަނގަޅަށް ނޭވާނުލެވުނީމަ ވީގޮތެކޯ..." އަރޫން އިނީ ހާސްވެފައެވެ.

"ކީއްވެ ނޭވާ ނުލެވެންވީ؟... ކުރިންވެސް އެކަހަލަ ކަމެއް ދިމާވިކަމެއް އެނގޭތަ؟..." މުނާ ތެދުވެގެން އައިސް އަރޫންގެ ކައިރީގައި އިށީނެވެ.

"ނުބުނޭ އެކަހަލަ ވާހަކައެއް..." އަރޫން އިސްޖަހާލައިގެން އަތުގެ އިނގިލިތަކާއި ކުޅެން ފެށިއެވެ.

"މާއިރާއަށް އެނގޭތަ؟..." މުނާގެ ނަޒަރު ހުއްޓުނީ މާއިރާއަށެވެ. ނޭނގެއޭ ބުނާފަދައިން މާއިރާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"މަންމަ ގުޅާލާނަން ޒާހިދާއަށް... ދަރިފުޅު މާބޮޑަށް ހާސްނުވޭ... އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..." އަރޫންގެ ބުރަކަށީގައި ފިރުމަމުން މުނާ ވާހަކަ ދެއްކިއެވެ.

"ނޫނޭ... އޭރުން މަންމަ މާބޮޑަށް ހާސްވެދާނެ... ދުރުގަ ހުންނައިރު، ވަރަށް ވިސްނާނެއެއްނު..." ހިނިތުންވެލަން މަސައްކަތް ކުރަމުން އަރޫން ބުންޏެވެ.

މާއިރާގެ ނަޒަރު ހުއްޓެމުންދިޔަކަން އެނގުމުން އަރޫން އިނީ އުނދަގޫވެފައެވެ. އޭނަ އިސް އުފުލައިލަން ބޭނުން ނުވެފައިވެސް އިނީ އެހެންވެއެވެ. އެވަރުގެ ބޮޑު ހާސްކަމެއްގެ ތެރޭގައި ވަނިކޮށް މާއިރާ މާގިނައިން ބަލަން ފެށުމުން އޭނަ ވީ ފާޑެއްގެ ފޫއްސެކެވެ. ބޮލުގައި ރިއްސަން ފެށިހެންވެސް ހީވިއެވެ. އޭނަ ކެތްތެރިވީ މުނާ އެތަނުގައި ހުރުމުންނެވެ. ނޫންނަމަ، މާއިރާ އެތަނުން ފޮނުވައިލިތާ ކިތަންމެ އިރެކެވެ.

ހޮސްޕިޓަލުގައި އެތައް އިރަކު ތިބެފައި، މުނާ އާއި މާއިރާ ގެއަށް ދިޔައީ ޢަޞުރުވީ ފަހުންނެވެ. އެމީހުން ދިޔުމުން އަރޫން މަޑުމަޑުން ހިނގާލާފައި އައިސް ޒޭބާގެ ކުރިމަތީގައި ހުއްޓުނެވެ. ފުން ނިންޖެއްގެ ތެރޭގައި އޮތް ޒޭބާގެ މޫނަށް އޭނަ ފަރުވާތެރިކަމާއިއެކުގައި ބަލައިލިއެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ޢަޞަރެވެ.

އަރޫން އޭނާގެ ތުރުތުރުލަމުންދިޔަ އަތުން ޒޭބާގެ ބުރުގަލުގައި ހިފިއެވެ. ޒޭބާއަށް ހޭލެވިދާނެތީ އޭނަ އުޅުނީ ވަރަށް މަޑުމަޑުންނެވެ. ބުރުގާ ހިއްލައިލީވެސް ޒޭބާއަށް އިޚްސާސް ނުވާނޭހައި މަޑުންނެވެ. ޒޭބާގެ ދޮން ކަނދުރާ ރީތިކޮށް ފެންނާނޭ ވަރަށް ބުރުގާ ހިއްލައިލާފައި އަރޫން ހުއްޓުނެވެ. އަނެއް އަތުން ޒޭބާގެ ކޮނޑާއި ދިމާއިން ޓީޝާޓުގެ ކަރުވަޅުގައި ހިފައި، މަޑުމަޑުން ތިރިކޮށްލިއެވެ.

ހާމަވެގެންދިޔަ ޒޭބާގެ އަތުގެ މަސްގަނޑުގައި ނޫފައިގަނެފައިވާ ނިޝާން ފެނުމުން އަރޫންއަށް ފަހަތަށް ޖެހިލެވުނެވެ. އޭނަގެ އަނގައިން ނުކުތީ މަޑު އާޚްއެއްގެ އަޑެވެ. ލާން އުޅުނު ނޭވާވެސް ހީވީ އަރުތެރޭގައި ތާށިވިހެންނެވެ. ނަރުސްކުއްޖާ ބުނިހެން، ނޫފައިގަނެފައިވާ ނިޝާނުން ފާޅުވަމުން ދިޔައީ މީހެއްގެ އިނގިލިތަކެއްގެ ނިޝާނެކެވެ. އިއްތިފާޤުން އެރޭ ޑިއުޓީގައި ހުރީ އޭނަގެ ރައްޓެއްސެކެވެ. ނޫންނަމަ، ފުލުހުންނާއި ހަމައަށް އެ މައްސަލަ ނުގޮސް ފަރު ނުޖެހޭނޭކަން އޭނައަށް އެނގެއެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ހުސްވެފައި، އަރޫން އެތައް އިރަކު ހުއްޓެވެ. އޭރު ސުވާލުތަކުން ހިތް ފުރެމުން ދިޔައެވެ.

ގެއިން ނުކުތް މީހާ އާއި ޒޭބާއަށް ދިމާވެފައި އެވާ ކަންތަކާއި ގުޅުމެއްވާނޭކަން އަރޫންއަށް ކަށަވަރުވިއެވެ. އެކަމަކު ޒޭބާއަށް އެވަރުގެ ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ ކޮންފަދަ ދުޝްމަނުކަމެއްގެ ސަބަބުން ހެއްޔެވެ؟ އަނެއްކާ އެ މީހަކު ގަދަކަމުން ޒޭބާއަށް ގޯނާއެއް ކުރީ ހެއްޔެވެ؟ ނޫނީ ގެއިން ފޭރުމަށް މަސައްކަތް ކުރަނިކޮށް ޒޭބާ އެކަން ހުއްޓުވުމުން، އޭގެ ބަދަލުގައި އަނިޔާ ކުރީ ހެއްޔެވެ؟

އަރޫންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ޒޭބާއަށް ގެއްލުމެއް ލިބޭކަށް އޭނަ ނޭނދެއެވެ. އޭނައަށް ވެގެންވާނަމަ، އެ ހަށިގަނޑުގައި ކޫރުމެއްވެސް އެޅުނަ ނުދޭނެއެވެ. ވީއިރު، އެހެން މީހަކު އެކަހަލަ ކަމެއް ކުރުމުން ބަލަހައްޓައިގެން ހުންނަން ފަސޭހަވާނީ ވަކި ކިހިނަކުން ހެއްޔެވެ؟

ރޭގަނޑުގެ ވަގުތެވެ. ޒޭބާއަށް ލޯ ހުޅުވާލެވުނުއިރު، ކައިރީގައި އަރޫން އިނެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ޒޭބާ އުޅުނީ ތެދުވާށެވެ. އަރޫންއަށް އެނގިގެން އެކަން މަނާކުރިއެވެ.

"ގަޑިން ކިހާއިރެއްވެއްޖެ؟..." ޒޭބާ ސުވާލުކޮށްލިއެވެ.

އަރޫން އޭނާގެ އަތުކުރީގައި އޮތް ގަޑި ޒޭބާއަށް ދައްކައިލިއެވެ. ގަޑިން ބަރާބަރު އަށެއް ޖެހީއެވެ. ޒޭބާ ދޫކޮށްލީ ފުން ނޭވާއެކެވެ. ވީގޮތެއް ނޭނގޭތީ އާއިއެކު، އަރޫންގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ފެނި އިތުރު ވާހަކައެއް ދައްކާކަށް އޭނައަކަށް ނުކެރުނެވެ. ޒަކްވާންގެ ކަންތައް އަރޫންއަށް އެނގިދާނެތީ ޒޭބާ ޖެހިލުންވިއެވެ. ޒަކްވާންގެ ހަޤީގަތް އެނގުމުން އަރޫން އޭނަދެކެ ފޫހިވާނޭކަމަށް ޒޭބާއަށް ހީކުރެވުނެވެ. ޒަކްވާންގެ ވާހަކަ އަރޫންގެ ކައިރީގައި ނުދެއްކުމަށް އޭނަ ނިންމީ އެހެންވެއެވެ.

ދެމީހުންގެ ދޭތެރޭގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ޒޭބާގެ އަތުގައި ހިފާލައިގެން އަރޫންވެސް އިނީ އިސްޖަހާލައިގެންނެވެ. ހިތު ތެރޭގައި ފުނިޖެހިފައިވި ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވިޔަސް އެ ސުވާލުތައް ކުރާނެ ހިތްވަރެއް ނުލިބުނެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ ޒޭބާ އިސްވެ، އެވާހަކަތައް ކިޔައިދޭނޭ ވަގުތަކަށެވެ.

"މަންމަ މަތިން ވަރަށް ހަނދާންވޭ... ރަށަށް ގޮސްލަން ވަރަށް ބޭނުން..." އެއްޗެއް ނުބުނެ އެތައް ވަގުތެއް ފާއިތުވިފަހުން ޒޭބާ ބުނި އެއްޗެއް އަޑު އިވިފައި، އަރޫންއަށް ލިބުނީ ސިހުމެކެވެ.

"ކުޑަ ދުވަސްކޮޅަކަށް ރަށަށް ފޮނުވާނަންތަ؟..." އަރޫންގެ މޫނަށް ބަލައިލަމުން އާދޭހުގެ ރާގެއްގައި ޒޭބާ ސުވާލުކޮށްލިއެވެ.

********

"ނުދެވޭނެ..." ޢަލީގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ އަޞަރެވެ.

"އަބަދު ފައިސާއެއް ނުދެވޭނެ... އަހަރެން މީ މުއްސަނދި މަހުޖަނެއް ނޫނޭ...  ޒަކްވާން ތީ ބޮޑު ފިރެހެނެކޭ... އަމިއްލައަށް މަސައްކަތްކޮށްގެން ފައިސާ ހޯދޭވަރަށް ކިޔައިވައިދީފަ ހުންނާނީ... އަބަދު އަހަރެމެން ދުނިޔެއަކު ނުތިބޭނެ... މައިންބަފައިންގެ ތައްޕާހުގައި އުޅެން ޒަކްވާން ލަދެއްވެސް ނުގަނޭތަ؟..." ޢަލީގެ އަޑު ހިނދެއްހިނދަކަށް ގަދަވަމުން ދިޔައެވެ.

ސިޓިންގްރޫމުގައި ޢަލީ ހުރީ ކޮޅަށެވެ. ޢަލީގެ އަތުގައި ހިފައިގެން އުބެއިދާ ހުރިއިރު، ދެލޯ ވަނީ ފެންކަޅިވެފައެވެ. ދެއަތް މުށްކަވާލައިގެން ޒަކްވާން ހުރީ ދެކޮޅަށް ހިނގާށެވެ. ދޭތެރެއަކުން ހުއްޓިފައި، ޢަލީގެ މޫނަށް ބަލައިލަނީ ނަފުރަތުގެ ބެލުމަކުންނެވެ. ހީވަނީ ދެންމެދެންމެ އައިސް ހަމަލާއެއް ދީފާނެ ހެންނެވެ.

"ބަލަ އަހަރެން މުޅި އުމުރު ދުވަހު ކުރި މަސައްކަތް އެފުށްމިފުށަށް ޖަހާލާފައޭ އައިސް ތިހުރީ... އެކައުންޓް އެކީ ހުލިކޮށް އަޅިއަށް ހަދާލާފަ އަައިސް ތި ބުނަނީ ފައިސާ ދޭށޭ... ލަދުގަންނަން މިޖެހެނީ އެހެން މީހުން..." ޢަލީގެ ރުޅި މަޑުވާކަށް ނޫޅުނެވެ.

"އަހަރެމެން ދެމީހުން އެތައް ބަޔެއްގެ ކުރިމަތީގަ ލަދުގަންނުވާލާފަ، ގޮސް ކުރި ކަންތައް ނުބުނެވިގެން ތިއުޅެނީ ކީއްވެތަ؟... ޒަކްވާންއަށް ހަމަ ރަނގަޅަށް އެނގޭނެ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަން... އަންހެންކުއްޖެއްގެ ހިތުގަ ޖައްސާފަ ގޮސް، މިއަދު އެމަންޖެ އެހެން މީހަކާ އިނދެގެން، އުފާވެރި ޙަޔާތެއް ފެށީމަ އައިސް، ތިފާޑަށް އުޅޭނެކަމެއް ނެތް... ތި އައިތާކަށް ދޭ... އަހަރެންގެ އަތުން ލޯ ލާރިއެއްގެ މިންވަރުވެސް ދެނެއް ނުދޭނަން... ލައްކަ ދުވަހު އަހަންނަށްވެސް ކެތް ކުރެވިއްޖެއެއްނު..." ރުޅި އައިސް، ޒަކްވާން އާއި ދިމާއަށް އަތް ހޫރަމުން ޢަލީ ވާހަކަ ދައްކަމުން ދިޔައިރު، އެ އަޑުގައި ރިހުމުގެ ޢަޞަރުވެސް ވިއެވެ.

ދަރިއަކު މަގުފުރެދިގެންދާ މަންޒަރު ބަލަން މައިންބަފައިންނަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ ދެލޮލުގެ ކޮއިފަދައިން ދަރިން ބަލައި ބޮޑުކުރަނީ ފޮނި އުއްމީދުތަކަކާއި އެކުގައެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިއަކީ ހެޔޮލަފާ ރަނގަޅު ކުއްޖަކަށް ވުމަށެވެ. މުސްކުޅިވާ ދުވަހު އެކުދިންގެ އަޅާލުމެވެ. އެކަމަކު އެއުއްމީދުތައް ވިއްސިވިހާލިވުމުން ހިތުގައި ކިހާ ވޭނެއް އަޅާނޭ ހެއްޔެވެ؟

"ހެޔޮނުވާނެ... އެސޮރާއި ދިމާއަށް ތިހާވަރަށް އެއްޗެހި ނުގޮވަބަލަ..." މައިވަންތަކަމުގެ ކުލުނުން އުބެއިދާގެ ހިތް ރޮއްވާލިއެވެ.

"އުބެއިދާ ހުރޭ މިކަމާ ދުރުގަ... މިހުރިހާ ދުވަހު އަހަރެން އެއްޗެއް ނުބުނެ ހުރީމަ، އޭގެ ފައިދާ އޭނަ އެނެގީ... ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށޭ... ހަނދާންކުރާތި، އުބެއިދާވެސް އޭނައަށް އެއްބާރުލުން ދީގެން ނުވާނެ..." ޢަލީ އަމުރުކުރިއެވެ.

"ކަލޭމެން އެކަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ... އެންމެންވެސް އަހަންނަށް އޮޅުވާލީ... ޒޭބާވެސް އަހަންނަށް އޮޅުވާލީ..." ޒަކްވާންގެ އަޑު މުޅި ސިޓިންގްރޫމުގައި ގުގުމާލިއެވެ. އަޑު ގަދަކަމުން އުބެއިދާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

ޢަލީ އެއްޗެއް ބުނަން އަނގަ ހުޅުވާލުމުގެ ކުރިން ޒަކްވާން އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށްވަދެ، ބަންލާފައި ދޮރުޖެހިއެވެ. ދޮރު އެތެރެއިން ތަޅުލީ އަޑު، ސިޓިންގްރޫމުގައި އެތައް އިރަކު ގުގުމާލާފައި ހުއްޓެވެ.

އެނދުމައްޗަށް ވެއްޓިގަތުމާއިއެކު ޒަކްވާންގެ ހަނދާނަށް އަންނަމުން ދިޔައީ މާޒީގެ ސަފުޙާތަކުގެ ތެރެއިން އެ ހިތުން ފިލައިގެން ނުދާނޭ ވަރުގެ ހިތްދަތި ދުވަހެކެވެ. ޒޭބާ ދޫކޮށް އޭނަ ދިޔަ ދުވަހުގެ ހަނދާންތައް ދެންމެ ވީކަމެއްހެން ކުރިމަތީގައި ސިފަވަމުން، އެ މަންޒަރުތަކުގައި ކުލަޖެހެމުން ދިޔައެވެ.

********

"އަރޫން..." ޒޭބާ ގޮވާލުމުން އަރޫން އަވަސްއަވަހަށް އިސްޖަހައިލިއެވެ.

"ޒޭބް ބޭނުންގޮތެއް ހެދުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެ... އަހަރެން އެއްވެސް ކަމެއް މަނައެއް ނުކުރާނަން..." އަރޫންގެ އަޑުގައިވި ރިހުން ޒޭބާއަކަށް ސިއްރެއް ނުވިއެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

10 ޚިޔާލު

  1. Sheen

    Yeyyyyy 1st o.. Kiyaafa adhi comment kollaanan inge. First hoadhaahithun.. 😆😆😆😍😍❤️❤️

  2. Sheen

    Maasha Allah
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 Mi baives haadha reehchey. Vvv furihama. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💙💙💙💙💙💙💜💜💜💜💜💜💙💙💙💙💙💙 V kiyaahithun indha. Nimunu iruves neyngunu.. Vvv interesting. Vvv emotional 💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚 Waiting for the next part. U r the best 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  3. ލަމް

    ބުނަން ހެއްޔެވެ. ނިމުނު އިރުވެސް ނޭނގުނެވެ. އެހާވެސް ޝައުގުވެރިއެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އިނދެވުނީ އިންތިހާއަށެވެ. ޖުމުލަތަކުގެ ސާދާ ކަމާއި ބަސްތަކުގެ ފަށުވިކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ވަރަށް ފުރިހަމައެވެ ވަރަށް މޮޅެވެ. ވަރަށް ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަން އިންތިހާއަށް. ހަމަ ތަޢުރީފު ޙައްގެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

  4. ސައިއްޓ

    ޒަކްވާންދެކެ ހައްތާ ފޫހިވާގޮތް މިވަނީ.. އަރޫން އާ ޒޭބާގެ ލައިފް ސެޓްލްވާނެ ދުވަހަކަށް ވަރަށް އެބަ އިންތިޒާރު ކުރެވޭ..

  5. ސައިއްޓޭ

    ޒަކްވާންދެކެ ހައްތާ ފޫހިވާގޮތް މިވަނީ.. ޒޭބާ އާ އަރޫން ސެޓްލްވާނެ ދުވަހަކަށް ވަރަށް އިންތިޒާރުކުރެވޭ..

  6. ސައިއްޓޭ

    ވާހަކަ ވަރަށް ވަރަށް ވަރަށް ފުރިހަމަ.. ސިފަކުރުންވެސް ވަރަށް ކަމުގޮސްފި

  7. Unbro

    Varah reethi.adhi ginairu kiyuntheringe hihthah thalhuvaalinama.💜💜💜💜💜

  8. Insha

    Super.varah manzaru dhakkaali part eh.varah chaalukoh thi dhany 😍😍😍

  9. Nee

    Zeyb rashah nufunavahcheyyy

  10. Naju

    Masha Allah 😘😍😘😍😘😍😘 Mi partvx v v v furihama vefa rythi ingey ❤❤❤❤❤❤❤❤❤ mi vaahakavx v v v intresting vefa rythi ingey ☀☀☀☀☀☀☀☀☀ thy hama enme best n enme loabi vaa writer ingey 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏