loading ...
loading ...
ވަޢުދު ވީމޭ...16

ވަޢުދު ވީމޭ...16

10 comments

"ޒޭބް ބޭނުންގޮތެއް ހެދުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެ... އަހަރެން އެއްވެސް ކަމެއް މަނައެއް ނުކުރާނަން..." އަރޫންގެ އަޑުގައިވި ރިހުން ޒޭބާއަކަށް ސިއްރެއް ނުވިއެވެ.

********

ރަށަށް ދިޔުމުގެ ޚިޔާލާއިމެދު ވިސްނައިލަން ޒޭބާއަށް މަޖުބޫރުވިއެވެ. އަރޫންގެ މޫނުމައްޗަށް ވެެރިވި ކުލަވަރު ފެނުމުން، އޭނަ ފޮނުވަން ބޭނުން ނުވާކަން ޒޭބާ ދެނެގަތެވެ. އަރޫންގެ މުޅި ދިރިއުޅުން އޭނައަށްޓަކައި ޤުރުބާންކުރަމުންދާއިރު، ދެރަކޮށްލާފައި ދާން ޒޭބާގެ ހިތް އެއްބަސްވާނީ ކިހިނަކުން ހެއްޔެވެ؟

"އަރޫންއަށް ޗުއްޓީ ލިބޭނެތަ؟... އެކަނި ދާކަށް ބޭނުމެއް ނޫން... މަންމަވެސް ވަރަށް ސުވާލުކުރާނެ އޭރުން... ހީކުރާނެ ދެމީހުން މައްސަލަޖެހިގެންނޭ..." ޒޭބާ ގަދަކަމުން ހިނިތުންވެލިއެވެ.

ޒޭބާގެ ހިތް އެތެރެއިން ރޮމުން ދިޔައެވެ. ޒަކްވާން ހުންނަ ފަސްގަނޑެއްގައިވެސް ހުންނަން މިއަދު އޭނަ ޖެހިލުންވެއެވެ. އޭނަ ބޭނުންވަނީ އަރޫން ގޮވައިގެން ދާށެވެ. އެކަމަކު، އެހާ އަވަހަށް އަރޫންއަށް ޗުއްޓީ ނުލިބޭނެކަންވެސް އޭނައަށް އެނގެއެވެ. އަރޫން ދޫކޮށްފައި ދާން ހިތް އެއްބަހެއް ނުވިއެވެ.

އަމިއްލަ އުފާތަކަށްވުރެ އެހެން މީހުންގެ އުފާތަކަށް އިސްކަންދޭން ޒޭބާއަށް ދަސްވެއްޖެއެވެ. ހަޤީގީ ލޯތްބަކީ ކޮބައިކަމާއި، ކިހާ މަތިވެރި ގުޅުމެއްކަން ޒޭބާއަށް ދަސްވީ އަރޫންގެ ފަރާތުންނެވެ. ވީއިރު، އަރޫންގެ ހިތުގައި ޖައްސާފައި، ދިރިއުޅުން ފުންމިން ނޭނގޭ ވަޅުގަނޑެއްގެ ތެރެއަށް ވައްޓައިލަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ޒޭބާއަކަށް ނުވިސްނުނެވެ. ޙަޔާތުގައި އެކިކަހަލަ ދުވަސްތަކާއި ކުރިމަތިލާންޖެހޭނެއެވެ. ހަޤީގީ އުފާވެރިކަމަކީ އެކަންކަމާއި ކުރިމަތިލައިގެން ދިރިއުޅުމުގައި ކާމިޔާބު ހޯދުމެވެ.

"ހިނގާ ދެދުވަހަކަށް ރަށަށް ގޮސްލަމާ ދޯ... ވީކެންޑެއްގަ ގޮސްލާފަ އަންނާނީ... އޭރުން ޗުއްޓީ ނަގާކަށް ނުޖެހޭނެއެއްނު... އެކަމަކު އިންޑިޔާއަށް ދާންވެފަ އޮއްވާ، ރަށަށް ދާ ވާހަކަ ދައްކައިފިއްޔާ މަންމަމެން ހީކޮށްފާނެ އެހެން ގޮތަކަށްވެސް..." ޒޭބާ މާޔޫސްކޮށްލާކަށް އަރޫން ބޭނުމެއް ނުވިއެވެ.

ފިރިއެއްގެ ހައިސިއްޔަތުން ދޭންވާ ހުރިހާ އޯގާތެރިކަމަކާއި އަޅާލުން ޒޭބާއަށް ދިނުމަށް އަރޫން ހުރީ ތައްޔާރަށެވެ. އަމިއްލަ ނަފުޞު ޤުރުބާންކޮށްގެންވިޔަސް އަނބިމީހާގެ ވާޖިބުތައް އަދާކޮށްދޭން އޭނަ ބޭނުންވެއެވެ.

"އުހުނ... އަނެއްކާ ބޮޑު ޚަރަދެއް ދާނީ... އެހާ ކުޑަ ދުވަސްކޮޅަކަށް ގޮއްސަ އަންނަންވީމަ މަންމަމެންވެސް ތިބޭނީ ދެރަވެފަ... އެހާވަރަށް ޝަކުވާވެސް ކުރާނެ..." ފިކުރެއްގެ ތެރޭގައި އޮވެފައި ޒޭބާ ބުންޏެވެ.

"ޒޭބް... އަހަރެން ވާހަކައެއް އަހާލަންތަ؟..." އަރޫން އޭނާގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލު، ޒޭބާއަށް ކުރިމަތިކުރަން ތައްޔާރުވިއެވެ.

ޒޭބާގެ ހިތް ތެޅިގަތެވެ. ހެނދުނުވީ ކަންތަކާއި ބެހޭގޮތުން އަރޫން ސުވާލުކޮށްފިއްޔާ ދޭނެ އެއްވެސް ޖަވާބެއް އެ ސިކުނޑިއަކަށް ނައެވެ. ބުނާނެ އެއްޗަކާއި ދޭތެރޭ ވިސްނަން ޒޭބާ އޮތެވެ. އޭރު ސިކުނޑީގައި އެނބުރެމުންދިޔައީ ޒަކްވާންގެ އިންޒާރުތަކެވެ.

ޒޭބާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަރޫން ކުއްލިއަކަށް ތެދުވުމުން ސިއްސައިގެން ދިޔައެވެ. އެއްވެސް އެއްޗެއް ބުނެ ނުލައި، އަރޫން ގޮސް ދޮރު ހުޅުވާލާފައި ބޭރަށް ނުކުތެވެ. ޒޭބާގެ ހިތް ތެޅިލިއެވެ. އޭނަ ހީކުރީ ޒަކްވާންގެ ހަޤީގަތް ކުރިންވެސް އެނގޭތީ، އަރޫން ހިތްހަމަނުޖެހިގެން ދިޔައީ ކަމަށެވެ.

އަރޫން ބޭރަށް ނުކުތީ ފޯނަށް މެސެޖެއް އައުމުންނެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ އެ އެ މެސެޖުގައި އޮތީ އޭނަ މަރާލާނެ ކަމަށް އިންޒާރުދީފައެވެ. އަރޫން ދެތިން ފަހަރު އެ ނަންބަރަށް ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެކަން މާބޮޑުކަމަކަށް ނުހަދައި އަރޫން އަނެއްކާވެސް ވަނީ އެތެރެއަށެވެ. އޭރު ޒޭބާ އޮތީ ލޯ މަރާލައިގެންނެވެ.

ޒޭބާ ގެއަށް ދޫކޮށްލީ ދަންވަރުގެ ވަގުތުގައެވެ. ގެއަށް އައިސް ވަނުމާއިއެކު، ޒޭބާގެ ކުރިމަތީގައި މަންޒަރުތައް ސިފަވިކަހަލައެވެ. ޒަކްވާންގެ އެއްވެސް ރަހުމެއް ނެތް ބަސްތައް ކަންފަތް ކައިރީގައި ހީވީ ގުގުމާލިހެންނެވެ. ހުއްޓުން އަރާފައި ޒޭބާއަށް ހުރެވުނީ އެއްދިމާއަކަށް ބަލަހައްޓައިގެންނެވެ. އޭރު އެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. އަރޫން އަތްލުމުންވެސް ލިބުނު ސިހުމުގައި ޒޭބާއަށް އެ އަތް ފޮޅުވައިލެވުނެވެ. ބާރަށް ހަޅޭއްލަވައިގަންނަމުން ޒޭބާ ހުރިތަނަށް ތިރިވީ ދެކަންފަތްމަތީގައި އަތް އަޅައިގެންނެވެ.

"ޒޭބް... ޒޭބް... މީ އަހަންނޭ... ކާމް ޑައުން... ޕްލީޒް..." ޒޭބާގެ ކޮނޑުގައި ހިފައި މަޑުމަޑުން ތަޅުވައިލަމުން އަރޫން ބުންޏެވެ.

އަރޫން އަތްލުމުން ޒޭބާގެ އަނގައިން ނުކުތީ ވޭނީ އާޚްއެއްގެ އަޑެވެ. އަތުގައި ނޫފައިގަނެފައިވާ ތަންތަނުން ދިލަ ނަގަމުން ދިޔަހެން އޭނައަށް ހީވިއެވެ. ޒޭބާ ހަމައަކަށް އެޅުމުން އަރޫންގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ. އެތައް އިރެއް ވީއިރުވެސް، ޒޭބާ އެހެން ހުއްޓެވެ. ދޭތެރެއަކުން އިވޭ ގިސްލުމުގެ އަޑާއިއެކު ނޭފަތް ދަމާލާ އަޑުވެސް އިވެމުން ދިޔައެވެ. ކުޑައިރުކޮޅެއް ފާއިތުވެ ދިޔުމުން ޒޭބާ ގެންގޮސް ސޯފާގައި ބައިންދާފައި، ކައިރީގައި އަރޫން އިށީނެވެ. އެއަށްފަހު ޒޭބާގެ ދެކޮނޑުގައި ހިފައި، މަޑުމަޑުން އޭނަ އާއި ދިމާއަށް ވާނޭހެން ސީދާކޮށްލިއެވެ.

"ޒޭބް... ލުކް އެޓް މީ..." އަރޫން އިނީ ޒޭބާގެ ފެންކަޅިވެފައިވާ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒޭބާގެ ނަޒަރު ސީލިންގް އިން ފެށިގެން އަރޫންގެ މޫނަށް ހުއްޓުނެވެ.

"އަހަރެން މިކުރާ ސުވާލުތަކަށް ތެދުތެދަށް ޖަވާބުދެއްޗޭ..." އަރޫން ވާހަކަ ދެއްކީ، ޒޭބާގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަތަކަށް ވިސްނައިގެންނެވެ.

"ހެނދުނު ވީގޮތް ކިޔައިދީބަލަ؟..." ފުން ނޭވާއެއް ދޫކޮށްލާފައި އަރޫން ސުވާލުކޮށްލިއެވެ.

ޒޭބާގެ ދެލޯ ބޮޑުވިތަން އަރޫންއަށް ރީތިކޮށް ފެނުނެވެ. ހާސްވެފައި ދެފަރާތަށް ބޯ ހޫރާލިގޮތުން އަރޫން މާޔޫސްވާގޮތްވިއެވެ.

"ޒޭބް... ތިކަހަލަ ކަންކަން ސިއްރުކުރާކަށް ނުވާނެ... ހިތްވަރުކޮށްލާފަ ވީގޮތް ކިޔައިދީ..." އަރޫން ބެލީ ޒޭބާއަށް ވިސްނައިދެވޭތޯއެވެ. އެވަރުންވެސް އެއްޗެއް ބުނާކަށް ނޫޅުނެވެ.

"އޯކޭ... ވެދާނެ އަދިވެސް އަހަރެން އެހާ ގާތް މީހަކަށް ނުވަނީ ކަމަށްވެސް... އެއްވެސް ކަމެއް އަހަންނާއި، ޝެއާކުރަން ބޭނުން ނެތިއްޔާ އޯކޭ ކިޔައި ނުދިނަސް..." އަރޫން ތެދުވިއެވެ.

"އެކަމަކު... އަހަރެން މީ ޒޭބްގެ ފިރިމީހާ... ޒޭބްއަށް އެއްވެސް މީހަކު ގެއްލުމެއް ދޭތަން ބަލާކަށް އަހަންނެއް ނުހުންނާނަން..." އަރޫންގެ އަޑުގައި ކުރިން ހުރި ގާތްގޮތެއް ނެތެވެ. އެ އަޑުގައިވީ ހަރުކަށިކަމެވެ. އެއާއި އެއްވަރަށް ހިތާމައިގެ އަޞަރުވެސް ވިއެވެ.

ޒޭބާ ދެރަވިއެވެ. އަރޫން ހިތުގައިޖެހުނީކަން އެނގުމުންނެވެ. އޭނަ ތެދުވެ، ކުރިޔަށް ހިނގައިގަތް އަރޫންގެ އަތުގައި ހިފައިލިއެވެ.

"ހިނގާ ނިދަން ދަމާ... ވަރަށް ލަސްވެއްޖެ..." އަރޫންގެ މޫޑު އޮފްވުމުން އިތުރަށް މަޑުކުރާހިތް ކެނޑުނެވެ.

"އަރޫން... ވެއިޓް..." ޒޭބާ ގޮވާލިގޮތުން އަރޫންއަށް ދެލޯ މަރާލެވުނެވެ.

"ޖަސްޓް ނޯ ދެޓް އައި ލަވްޔޫ މޯ ދެން އެނީވަން..." ޒޭބާގެ ޖުމްލަތައް އަޑުއިވިފައި އަރޫންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"މިއަދު އޭނަ..." ޒަކްވާންގެ ވާހަކަ ބުނަން އުޅެފައިވެސް، ޒޭބާ އެ ވާހަކަ ހުއްޓައިލިއެވެ.

އަރޫން އޭނަ އާއި ދުރަށް ހިނގައިދާނޭ ކަމުގެ ބިރު ޒޭބާގެ ހިތުގައި އުފެދުނެވެ. އެވާހަކަ ބުނާނޭ އިތުރުގޮތެއް ވިސްނަން ހުއްޓައި އަރޫން ބައްދައިލުމުން ޒޭބާއަށް ދެލޯ މަރާލެވުނެވެ.

"އައި ލަވްޔޫ ޓޫ... ހަމަ އެހާ ވަރަށް އަހަރެންވެސް ލޯބިވަން..." ޒޭބާ ކުޑަކޮށް ދުރުކޮށްލައި، އެ މޫނަށް ބަލައިލަމުން އަރޫން ބުންޏެވެ. އޭރު އަރޫން ހުރީ ހިނިތުންވެލައިގެންނެވެ.

ފިރެހެންވަންތަ ރީތި ހިިނިތުންވުމެކެވެ. ސައުވީސްގަޑިއިރު ބަލަންޖެހުނަސް ފޫހިނުވާނެއޭ ހިތަށް އެރުމުން ޒޭބާއަށްވެސް ހިނިތުންވެލެވުނެވެ. އެވަގުތު އަނެއްކާވެސް ޒޭބާގެ ހަށިގަނޑުގައި އަރޫން ބައްދައިލިއެވެ.

"އައިމް ސޮރީ ޒޭބް... އަހަންނަށް އެނގޭ މިއަދު މީހަކު އައިކަން... ޒޭބްއަށް އަނިޔާ ކުރިކަންވެސް..." ކުރިޔަށްވުރެ ބާރަށް ޒޭބާގެ ގައިގައި ބައްދައިލަމުން އަރޫން ވާހަކަ ދެއްކިއެވެ.

ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ޒޭބާ ހުއްޓައި، އަރޫން އޭނަ ދުރުކޮށްލާފައި ޓީޝާޓުގެ ކަރުވަޅުގައި ހިފައި ތިރިކޮށްލުމުން ސިހޭގޮތްވިއެވެ. ކުޑަކޮށް ފަހަތަށް ޖެހިލަން އުޅެފައިވެސް ޒޭބާ އިސްޖަހައިލީ އިތުރަށް ދެން ކުރެވޭނޭ ކަމެއް ނެތުމުންނެވެ.

"މިހިރީ ކޮށްލާފަ ހުރި ވަރު... މިވަރު ވީއިރުވެސް ޒޭބްއަށް އަހަރެން ކައިރީ ވީގޮތް ނުބުނެވުނު... އެނގެއޭ ޒޭބް ތިހުރީ ބިރުންކަން... އެވާހަކަ ދައްކައިގެން ހާޓްވާނެ ކަންވެސް... އެހެންވެކަން އެވާހަކަ ދައްކަން ނުކެރިގެން ތިއުޅެނީ... އެކަމަކު ޒޭބް ބުނެބަލަ.. އަހަރެންގެ އަނބިމީހާއަށް މިހާވަރުކޮށްލާފަ އެމީހަކު ދާއިރު، އަހަންނަށް އެއްވެސް ކަމެއް ކޮށް ނުދެވުނީމަ، އަހަރެން މީ އެއްވެސް މީހަކަށް ނުވެއެއްނު... ޒޭބް ތިހުރީ އަހަރެންގެ ބެލުމުގެ ދަށުގައި... ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އަހަރެން އެބަޖެހޭދޯ ނަގަން..." ޝަކުވާގެ ރާގެއްގައި އަރޫން ވާހަކަ ދައްކަމުން ދިޔައެވެ.

"ތި މީހަކު އަހަރެންގެ އަތުގައި ޖެހުނުނަމަ..." އަރޫން ދެދަތްޕިލަ ޖައްސައި ބާރުކޮށްލިއެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.

"އަހަރެން ބޭނުން މިކަން ކުރި މީހަކަށް އޭގެ އަދަބު ދޭން... އޭނަ ފެނިއްޖެއްޔާ އެނގޭނެދޯ؟..." ޒޭބާ އާއި ދުރަށްޖެހިލައި، ދެކޯތާފަތުގައި ހިފަހައްޓާލަމުން އަރޫން ސުވާލުކޮށްލިއެވެ.

އަރޫންގެ ދެލޮލަށް ބެލުން ނޫންކަމެއް ޒޭބާއަށް ނުކުރެވުނެވެ. އެދެލޮލުން ފެނުނު ޔަޤީންކަމާއި ނުރައްކާތެރި ވިދުވަރު ފެނުމުން ޒޭބާއަށް ބުނާނޭ އެއްވެސް އެއްޗެއް ނޭނގުނެވެ. ޖެހިލުންވީ، އަރޫންއަށް ގެއްލުމެއް ލިބިދާނެތީއެވެ. އަބަދުގެ އަބަދަށް އޭނަ އާއި ވަކިވެގެން ހިނގައިދާނެތީއެވެ. ހަމަ އެއާއި އެއްވަރަށް އޭނަ އުފާވެސް ވިއެވެ. އަރޫން އޭނަދެކެވާ ލޯބި ފެނިފައެވެ.

"ފުލުހުނަށް އެކަން ނުވެއްޖެއްޔާ އެކަން ކުރާނީ އަހަރެން..." އަރޫންގެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

އަރޫން އެހާ ރުޅި އައިސްފައި ހުއްޓައި ޒޭބާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަރޫންގެ އެ ސިފަ ފެނުމުން އޭނައަށް ހުރެވުނީ ބުނާނޭ އެއްޗެއްވެސް ނޭނގިފައެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައެވެ. އެ މީހަކީ ޒަކްވާންކަން އަރޫންއަށް އެނގިއްޖެނަމަ، ވާނެގޮތް އަންދާޒާކޮށްލަންވެސް ނޭނގޭނެތީ ޒޭބާ ޚިޔާރުކުރީ ހިމޭންކަމެވެ. އެކަން އެންމެ ރަނގަޅުވާނީ ސިއްރެއްގެ ގޮތުގައި ބޭއްވުން ކަމުގައި އޭނަ ޤަބޫލުކުރިއެވެ.

"ޒޭބް..." ޒޭބާ ސިހުނީ އަރޫން އޭނަގެ ލޯ މަތީގައި އަތް ހޫރާލުމުންނެވެ.

"އަހަރެން ބުނީ އެމީހަކު ފެނިއްޖެއްޔާ އެނގޭނެދޯ އޭ ކާކުކަން؟..." އަރޫން އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ޒޭބާ ދެފަރާތަށް ބޯ ހޫރާލިއެވެ. ދޮގު ހަދަންޖެހުމުން ޒޭބާ ދެރަވިއެވެ. އެހެން ނަމަވެސް ޙާލަތުގެ ގޮތުން އަރޫންއަށް ގެއްލުމެއްވާން ނޭނދޭތީ ދޮގުހަދަން އޭނައަށް މަޖުބޫރުވީއެވެ. ޒަކްވާން އާއި އަރޫން ގަދަހިފުމަކަށް ގޮސްފިނަމަ، އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ އަރޫންއަށެވެ. މެދުގައި ހުރެ، ފިތޭނީ އޭނައެވެ. ވީއިރު، ވީކަމެއް ނުވާ ކަމަކަށް ހަދައިގެން އަރޫންގެ ފުރާނަ ސަލާމަތްކުރުން މުހިއްމު ކަމުގައި ޒޭބާ ދެކުނެވެ.

"ފުލުހުންނަށް މައްސަލަ ހުށަހަޅާނެކަމެއް ނެތް... މިކަންތައް ދެން މި ނިމުނީނު... އެއީ ވައްކަން ކުރަން އައި މީހެއް... ދެން ނާންނާނެއެއްނު..." ޒޭބާ ބޭނުންވީ އެކަން ހިންދައިލާށެވެ.

"އުހުނ... ތިހުންނަނީކީ ދޫކޮށްލާވަރުގެ ކަންކަމެއް ނޫނެއްނު... މާދަމާ އެކަމާ އުޅޭނަން... ޒޭބް ބިރު ނުގަނޭ... މާދަމާ ގޭގަ ކެމެރާވެސް ހަރުކުރާނަން... ދެން ލާހިކެއްނޫން އެހާ ފަސޭހައިން މިގެއަށް ވަންނާކަށް..." އަރޫންއަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބުނުހެން ހީވިއެވެ.

********

އޮފީސް ނިންމާލާފައި އަރޫން އޮފީހުން ނުކުތްތަނައި، ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލުމާއިއެކުހެން، ކުރިމަތީގައި އައިސް ހުއްޓުނީ ޒަކްވާންއެވެ.

"މަށޭ މިގުޅަނީ..." ފޯނު ދައްކައިލަމުން ޒަކްވާން ބުންޏެވެ.

އަރޫން ހީލާފައި ފޯނު ޖީބަށް ލިއެވެ. އެއްޗެއް ހަނދާންވާ ފަދައިން އަނެއްކާވެސް ފޯނު ނަގާފައި ޒަކްވާންގެ ނަންބަރު ސޭވްކުރިއެވެ.

"ގޭ ފިހާރައަށް ވަދެލާފަ ނުކުތްތަނައި، މިތާ ހުއްޓާ ފެނިގެން މިއައީ..." ކުރިމަތީގައި ހުރި ފިހާރައަށް އިޝާރާތްކުރަމުން ޒަކްވާން ބުންޏެވެ.

"އޭ، އެބަޖެހެއޭ އެ ތަނަށް ވަދެލަން... ތަންކޮޅެއް ކޮލެޓީ ރަނގަޅު ސީސީޓީވީ ކެމެރާއެއް ހޯދަންޖެހިގެން މިއުޅެނީ..."ސައިކަލުން ފައިބަމުން އަރޫން ބުންޏެވެ.

"ކޮލެޓީއޭ... އެތާކު ނުހުންނާނެ ފޭކް އެއްޗެއްސެއް... އާދޭ އަހަންނާއެކީ... ޑިސްކައުންޓް ދޭނަމޭ..." ފިހާރަ އާއި ދިމާއަށް ހިނގައިގަންނަމުން ޒަކްވާން ބުންޏެވެ.

"ކީއްކުރާ ކެމެރާއެއް؟... އޮފީހަށްތަ؟..." ކުރިޔަށް ހިނގަމުންދިޔަ ޒަކްވާން ފަސްއެނބުރި އަރޫންއަށް ބަލައިލިއެވެ.

"ނޫނޭ، އެއީ ގޭގަ ހަރުކުރަން... މިއުޅެނީ ވަރެއްގެ ކަމަކާ ލައްވާލައިގެންނޭ... އިއްޔެވެސް އެއްކޮށް ހޮސްޕިޓަލުގަ... މިހާރު ވަގުން ގިނަވެގެން ގޮސް ގޭގަ އިންނަ އަނބިމީހާވެސް ވަގަށް ނަގާ ހިސާބަށް ގޮއްސި... ވަގުހިފޭތޯ މިއުޅެނީ..." އަރޫން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލާފައި، ލާނެތްގޮތަކަށް ހޭން ފެށިއެވެ.

ޒަކްވާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަގަމުންދިޔަ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ވަގުތުން މޫޑު ގެއްލުނެވެ. ބަސް ބުނާހައި ހިނދުކޮޅެއްގެ ތެރޭގައި، ނޭވާ އަވަސްވެގެން ދިޔައެވެ.

އޮޅިގެން ނަމަވެސް އަރޫންއަށް އެ ވާހަކަ ދެއްކުނީ އެ ވާހަކަ އެންމެ ދައްކަން ނުޖެހޭ ފަރާތާއެވެ. ފިހާރައަށް ވަދެފައިވެސް ޒަކްވާން އުޅުނީ ދުރުދުރުންނެވެ. އޭނަ ވިސްނަމުންދިޔައީ އަރޫން ދެއްކި ވާހަކައަކާއި މެދުގައެވެ. ކެމެރާ ހަރުކޮށްފިނަމަ، އޭނަ އެގެއަށް ވަންނަން އުނދަގޫވާނެއެވެ. ކުރި ހުރިހާ ޕްލޭންއެއް ފެއިލްވާނެއެވެ. އެހެން އެކަންވާނެ ފުރުޞަތެއް ޒަކްވާން ނުދޭނޭކަން ގައިމެވެ.

********

ގޭތެރެ ފޮޅައި ސާފުކުރުމުގައި ޒޭބާ އަވަދިނެތި އުޅުނެވެ. އަލަމާރީގެ އެތެރެ ސާފުކުރުމުގެ ތެރޭގައި އެ ލޮލުގައި އަޅައިގަތީ ކުޑަ ފޮއްޓެކެވެ. ރަތްކުލައިގެ އެ ފޮށީގެ އެތެރެ ބަލައިލުމަށް ޒޭބާގެ ހިތް އެދުނީ ކީއްވެކަމެއް ނޭނގުނެވެ. ގޭގައި ގެންގުޅޭ ކުޑަ ހަރުގަނޑަށް އަރާފައި ފޮށި ނެގިއެވެ. ފޮށި ހިފައިގެން ފައިބަން އުޅުނު ޒޭބާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފެނުނީ އަރޫން އައިސް ފޮށި އަތުލި ތަނެވެ. އެއަށްފަހު ޒޭބާގެ އުނަގަނޑުގައި ދެއަތުން ހިފައި ހިއްލައިލާފައި ގެނެސް ތިރީގައި ބަހައްޓައިލިއެވެ. ދެލޯ މަރައި ބާރުކޮށްލަމުން ޒޭބާއަށް އަރޫންގެ މޭގައި ބޮނޑިވެލެވުނެވެ. އޭނައަށް ހެވުނީ އަރޫންގެ އަތުގެ ބީހުން ބަނޑާއި ދިމާއިން އިޚްސާސްކުރެވުމުންނެވެ.

"ސިއްސައިގެންނޭ އެދިޔަ..." އަރޫން އާއި ދުރަށްޖެހިލި ޒޭބާގެ ދެލޯ ބޮޑުވިއެވެ. ބުނަން އުޅުނު ޖުމްލައިގެ ބާކީބައި އަރުތެރޭގައި ތާށިވެގެން ދިޔައެވެ.

(ނުނިމޭ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

10 ޚިޔާލު

 1. Sheen

  Mithanugaves 1st nulibeyne tha? 😕😕😕

 2. 💜🌹💙

  Vaahaka vvvv reethi

 3. Sheen

  Wowwww wowwww and wow haadha haadha furihamaey. 💙💜💛💕🧡❤️💙💜💛💕🧡❤️💙💕🧡❤️💙💛💜💕🧡❤️💙💜💕🧡❤️💙💜💛💕💕 Vvv shauguveri kamaa ekee kiyaalevijje. Hama vaahakaige thereah vadhe husvefa indha e nimunee. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Jumulakoh hama athuraalaafa huri goiyves v habeys. Vvv nala. ♥️💚♥️💚♥️♥️♥️💚♥️💚♥️💚♥️💚♥️💚♥️💚♥️💚♥️💖♥️💚♥️💚♥️💚 Dialogue thah ves v real vefa ehaame emotional. V kiyaahiyvaa kahala gothakah ibaaraaiy koffa huree 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Waiting for the next part. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

 4. ލަމް

  މާޝާ ﷲ. މި ބައިވެސް ވަރަށް ފުރިހަމައެވެ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. ޢިބާރާތް ކުރުމުގެ ފުރިހަމަ ކަމާއި ސިފަކޮށްދިނުމުގެ މޮޅު ކަމުގެ ވާހަކަ ބަޔާން ކޮށްދިނުމަށް މި ނިކަމެތި ހިތަށް އެނގޭނެ ހެއްޔެވެ. އަސްލުވެސް ވަރަށް ރީއްޗެވެ. އެހާމެ ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހާވެސް އަސަރު ގަދައެވެ. ސައުގުވެރިކަން އިންތިހާއެވެ. އޭޝް ވަރެއް ނެތެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ

 5. Besty

  Wow. Vvvv salhi p part ves. Vvvv interesting. Nimunu iru nuves engunu. Ehaaves furihama. Dhen vaanee kihineh baaey hithah ara araa mi indhevenee. Kuriah un bayah varah bodah inthizaaru kurevey. 😍 ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ 😍 😍 ♥ ♥ ♥ 😍 😍

 6. Neevaa

  Is it zakuwaan… I really hate that guy… Plx save her from him

 7. Unbro

  Varah reethi.mivareh nei.vaahaka kiyaafa nimmaafin ambimeehaa kairy miadhu chuttyga hunnan.ehaaves manzaru 💜💜💜💜💜

 8. Insha

  Farifari nalanala chaaluchaalu loabiloabi kameh huri part ei💟💟💟

 9. Zakuvaan

  Zeyb darling aroon dhookollaafa aadheba avahah.. Aroon akee bodu findi eh. Eyna ah nukereynu baby beynunvaa varah loabi dheynves. Baby thi jehenee hurihaa kameh kuran. Eyna e hunnanee anheneh hen nukerifa. Eythi kada ey babe. Aharen babe beynun hurihaa ufaleh hoadha dheynan. I love you so much baby. Please come back. I can’t live without you. 😍😍😍😍😘😘😘😘❤️❤️❤️

 10. Naju

  Wow 😍😍😍