-
-
ވަޢުދު ވީމޭ...17

ވަޢުދު ވީމޭ...17

"ސިއްސައިގެންނޭ އެދިޔަ..." އަރޫން އާއި ދުރަށްޖެހިލި ޒޭބާގެ ދެލޯ ބޮޑުވިއެވެ. ބުނަން އުޅުނު ޖުމްލައިގެ ބާކީބައި އަރުތެރޭގައި ތާށިވެގެން ދިޔައެވެ.

ADS BY FENVARU

********

ކޮޓަރި ދޮރުމަތީގައި، ކަޅިއަޅާލައިގެން ހުރީ ޒަކްވާންއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު، ހީވަނީ ދެންމެދެންމެ އައިސް އަރޫންގެ ގައިގައި ހިފައިގަނެ، ދުރަށް އެއްލައިލަފާނޭ ހެންނެވެ. ފެންކަޅިވެފައިވާ އެދެލޮލުގެ ތެރެއިން އަނދަމުންދިޔަ އަލިފާންގަނޑުގެ ހުޅުގަނޑު ވަނީ ފަޅައިގެންދާން ކައިރިވެފައެވެ. ބަލަހައްޓައިގެން ހުރިގޮތުން، ނުރައްކާތެރި އިންޒާރެއް ދެމުންދިޔަ ކަހަލައެވެ.

ޒޭބާގެ ނޭވާ އެތެރެހަށީގައި ތާށިވެގެންދިޔައެވެ. ދެލޮލުން ދިލަނަގަން ފެށިއިރުވެސް، އެސްފިޔަ ޖަހައިލަންވެސް ނުކެރިފައި، އޭނަ ހުރީ ޒަކްވާންއަށް ބަލަހައްޓައިގެންނެވެ. ހުރެވުނީ، އަރޫންގެ އަތުތެރޭގައިކަން ހަނދާންވުމާއިއެކުހެން، ޒޭބާގެ ހިތް ހީވީ ބޭރަށް ފުންމައިލިހެންނެވެ. ޒަކްވާންގެ ރުޅި ހައްދުން ނައްޓައިފިނަމަ، އެވަގުތުވެސް އަރޫންއަށް ގެއްލުމެއް ދޭން ފަސްނުޖެހޭނޭކަން އޭނައަށް އެނގެއެވެ. އުނދަގޫ ގޮތަކަށް ހިންދިރުވައިލަމުން ޒޭބާ އަވަސްއަވަހަށް އަރޫން އާއި ދުރަށްޖެހުނެވެ. ފަސްފަހަތަށް ދެފިޔަވަޅެއް އަޅާލުމާއިއެކު، ހުއްޓެން މަޖުބޫރުވީ، އަލަމާރީގައި ޖެހުމުންނެވެ.

"ދެންވެސް އެކަހަލަ ކަންތައް ނުކުރައްޗޭ... ދެންމެ ވެއްޓިގެން ކަމެއްވިނަމަޔޯ؟... އަހަރެން ކިހާ ދެރަވާނެ... މަތީގަ ނުހުންނާނެ ޒޭބް ނަގަންޖެހޭނެ އެއްޗެއް..." ޒޭބާ އާއި ގާތަށް ޖެހިލަމުން އަރޫން ވާހަކަ ދެއްކިއެވެ.

ޒޭބާގެ ކޮނޑާއި ދިމާއިން އަލަމާރީގައި އެއް އަތް ވިއްދައިލަމުން އަރޫން ޒޭބާގެ މޫނާއި ކައިރިވެލިއެވެ. އަނެއް އަތުން ކޯތާފަތުގައި ހިފާލާފައި ޒޭބާގެ ތުނިތުނި ތުންފަތަށް ނަޒަރު ހުއްޓައިލިއެވެ. އޭރު ޒޭބާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. އަރޫންގެ އެންމެ ބީހިލުމަކުން އެ ހަށިގަނޑުގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ.

"މިހާ ލޯބި ކުއްޖެއް ދެން ހޯދާނީވެސް ކޮންތާކުން؟..." އަރޫން ވާހަކަ ދެއްކީ ލާނެތް ގޮތަކަށެވެ.

އަރޫންގެ ހޫނު ނޭވާ އެޅާހާ ކައިރިއަށް އައުމާއިއެކު، ޒޭބާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ. އޭރު އޭނަ ހުރީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ. އެވަރު ނުވިސްނާ ހުރި، އަރޫންގެ ތުންފަތް ގޮސް ޖެހުނީ ޒޭބާގެ ކޯތާފަތުގައެވެ. ޒޭބާގެ ގައިން ދުވި މީރުވަހުން ދުރަށްޖެހިލަންވެސް ނޭނގިފައި އަރޫން ހުއްޓެވެ.

އަރޫން އާއި ޒޭބާގެ ގާތްކަން ފެނި، ޒަކްވާންގެ ނޭވާ އަވަސްވިއެވެ. ދެއަތް މުށްކެވިގެން ދިޔުމާއިއެކު، ދެބުމަގޮށްޖެހުނެވެ. އެތެރެހަށީގައި އަނދަމުންދިޔަ އަލިފާންގަނޑު ފަޅައިގެން ދިޔައީ، ޕެޓްރޯލް އަޅައިލުމުން ހުޅުގަނޑު ފަޅައިގެންދާނޭހެންނެވެ. މަންޒަރު ބަލަން ހުންނާކަށް ޒަކްވާންއަކަށް ފަސޭހައެއް ނުވިއެވެ. އަރޫން އާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު  ލުއި ހިނިގަނޑެއް ޖަހައިލަމުން އަރޫން ޒޭބާ އާއި ދުރަށްޖެހިލި ތަން ފެނި، އޭނަ އަވަސް އަވަހަށް ފަހަތަށް ޖެހުނެވެ.

އަރޫން ފަސްއެނބުރި ބަލައިލުމުގެ ކުރިން ޒަކްވާން ކޮޓަރިން ބޭރަށް ނުކުމެ، ދޮރުމަތީގައި މަޑުކޮށްލިއެވެ. އަރޫން ބަލައިލުމާއިއެކު، މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ހިނިތުންވެލަމުން ދޮރުކަނީގައި ލެނގިލިއެވެ.

"ސޮރީ އިނގޭ... ހަނދާން ނެތިފައޭ މިހުރެވުނީ..." ޒަކްވާންގެ ކައިރިއަށް ހިނގައިގަންނަމުން އަރޫން ވާހަކަދެއްކިއެވެ.

"ޒޭބް... ލުކް، ހޫ އިޒް ހިއަރ..." ވަކި ހިސާބަކަށް ގޮސްފައި، އަރޫން ފަސްއެނބުރި ބަލައިލިއެވެ.

ޒޭބާ ހުރިގޮތަށް ހުރީއެވެ. އިސްޖަހައިލިގޮތަށް އިސް އުފުލައިވެސް ނުލުމުން، އަރޫން ގޮސް އުނަގަނޑުގައި އަތް އަޅުވައިލިއެވެ. އެއަށްފަހު، ކުރިޔަށް ހިނގައިގަތެވެ. ޒޭބާގެ ދެފައިގައި ހީވަނީ ކަސްތޮޅު އެޅިފައިވާހެންނެވެ. ކުރިޔަށް ފިޔަވަޅު ނަގަމުންދިޔައީ ގަދަކަމުންނެވެ.

"ޒޭބް، ކިހިނެތްތަ؟... ހާދަ ދުވަހެއް ފަހުންނޭ މިދިމާވީ... މިބުނީ މިހާ ފުރިހަމަގޮތަކަށް... ދެން މިހާރު ކުރިޔަށްވުރެ ގާތްވީއެއްނު މި... ދޯ އަރޫން..." އަރޫންގެ ކޮނޑުގައި ޖަހައިލަމުން ޒަކްވާން ބުންޏެވެ.

ޒަކްވާންގެ ވާހަކަތަކުގައި ފޮރުވިފައިވާ މާނަ އެނގުނީ ޒޭބާއަށެވެ. އަރޫން ހިނިގަނޑެއް ޖަހާލި ނަމަވެސް، ޒޭބާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.

"އާނ... ރައްޓެހިން އައީމަ ވާނެ ކޮންމެވެސް އެއްޗެއް ދޭން އިނގޭ ޒޭބް... ހިނގާ ދޯ އެހަށް އިށީންނަމާ..." ސޯފާއަށް އިޝާރާތްކޮށްފައި އަރޫން ބުންޏެވެ.

ސޯފާ އާއި ދިމާއަށް އެންމެ ފުރަތަމަ ހިނގައިގަތީ ޒަކްވާންއެވެ. ޒަކްވާން އިށީނީ އެންމެ ދިގުކޮށް ހުރި ސޯފާގެ މެދުގައެވެ. ވަކިން ހުރި ސޯފާގައި އިށީނީ އަރޫންއެވެ. ލަސްފިޔަވަޅުތަކެއް ނަގަމުން އައި ޒޭބާއަށް ބަލައިލާފައި ޒަކްވާން ހީލީ ވިހަ ގޮތަކަށެވެ. އޭނަ ސޯފާއިން ކުޑަކޮށް އެއްފަރާތަކަށް ޖެހިލީ ޒޭބާ އެތަނުގައި އިށީނުމަށް އެދޭފަދައިންނެވެ.

"ބޯނެ އެއްޗެއް ލިބިދާނެތަ؟..." ޒޭބާ އާއި ދިމާއަށް ބަލައިލާފައި ޒަކްވާން ސުވާލުކޮށްލިއެވެ.

"ފެންތައްޓެއް؟..." ޒޭބާ ދެބުމަ ގޮށްޖަހައިލަމުން ބަލައިލިތަން ފެނިފައި، ޒަކްވާންގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ފެންތަށި ހިފައިގެން އައި ޒޭބާ އެ ތަށި ޒަކްވާންގެ އަތަށް ދިނުމުގެ ބަދަލުގައި ބެހެއްޓީ، ޒަކްވާންގެ ކުރިމަތީގައި ހުރި މޭޒުމަތީގައެވެ. އެއަށްފަހު، ޒޭބާ ގޮސް ހުއްޓުނީ އަރޫން އިން ސޯފާގެ ކައިރީގައެވެ. ސޯފާގައި އަތް އަޅުވާލައިގެން ޒޭބާ ހުރީ ކޮޅަށެވެ.  އިސްޖަހާލައިގެން ހުރެފައި، އަރޫން ބޯ ހިއްލައި، ބަލައިލުމުން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ޒޭބާގެ އެ އަމަލުތައް ޒަކްވާންއަށް ބަރުދާސްތެއް ނުކުރެވުނެވެ. ކެތްތެރިކަން އިސްކުރަން ކުރި މަސައްކަތް ވީ ބޭކާރެވެ. ނޭވާ އަވަސްވެގެން އައުމާއިއެކު، ޒަކްވާން ފުންމައިގެން ތެދުވިއެވެ. އަރޫން ކަންބޮޑުވެފައި، ބަލައިލިއެވެ.

"ކޮބާ... މަސައްކަތް ފަށަންވީތަ؟..." އަރޫން ތެދުވިއެވެ.

"އާނ... ފަށަންވީ ހަމަ... ނުފަށައެއް މިކަމެއް ނުއެއް ވާނެ... ފޮށިގަނޑުތައް ކަނޑާލަމާ..." ހަމަޖެހޭގޮތް ދައްކަމުން ޒަކްވާން ވާހަކަދެއްކިއެވެ. އޭރު ދޭތެރެއަކުން އެ ނަޒަރު ޒޭބާއަށް ހުއްޓެމުން ދިޔައެވެ.

"ފާޚާނާ ހުންނަނީ ކިހާ ހިސާބަކު؟..." އަރޫން މަސައްކަތާއިގެން މަސްއޫލުވުމުން ޒަކްވާން ސުވާލުކުރިއެވެ.

ޒަކްވާންގެ މަޤުޞަދަކަށްވީ ޒޭބާ އާއިއެކު އެކަނިވާށެވެ. މަސައްކަތުގައި ހުރެފައި، ފާޚާނާ ދައްކަން އަރޫން ނުދާނެކަން އޭނައަށް އެނގެއެވެ. ކަންތައްވީވެސް، ޒަކްވާން ބޭނުންވި ގޮތަށެވެ.

ނުދާން ހުރެފައިވެސް، ޒޭބާ ކޮޓަރި އާއި ދިމާއަށް ހިނގައިގަތީ އިތުރުގޮތެއް ނެތުމުންނެވެ. ކޮޓަރިއަށް ވަދެވުމާއިއެކު، ޒޭބާގެ ހިތް ހީވީ މޭފަޅާފައި ނުކުންނަން އުޅުނުހެންނެވެ. ކުއްލިއަކަށް ޒަކްވާން ދޮރު ލައްޕާފައި އައިސް ފުރަގަހުން ބައްދައިލުމުން ޒޭބާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. އެކަމަކު އެ އަޑު އޮބިގެން ދިޔައީ ޒޭބާގެ އަނގަމަތީގައި ޒަކްވާން އޭނާގެ އަތް އަޅައި، ބާރުކޮށްލުމުންނެވެ.

ޒަކްވާންގެ ހަރަކާތްތައް އަވަހެވެ. ޒޭބާ ގެންގޮސް ދޮރުގައި ޖައްސައި، ގުޑި ނުލެވޭނޭހެން ހައްޔަރުކޮށްލީ ދާދި ފަސޭހައިންނެވެ.

"އަހަރެންގެ މީހަކަށް ވާން ބޭނުން ނޫނިއްޔާ، އެކަން ކުރެވޭނެ އެހެން ގޮތްގޮތްވެސް އަހަންނަށް އެނގޭ..." ޒޭބާގެ ކަނދުރާގައި ދަތްދޮޅި އަޅުވައިލާފައި، ކަންފަތްދަށުގައި ޒަކްވާން ވާހަކަދެއްކީ ވައި އަޑުންނެވެ.

ޒޭބާ އާއި ދުރަށްޖެހިލިއިރު، ޒަކްވާންގެ ތުންފަތްމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދެލޮލުން ފެންނަމުން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ. ޒޭބާގެ ދެއަތުގައި ހިފަހައްޓައިގެން ހުރެފައި، ޒަކްވާން ޖެހި ކުއްލި އާއިއެކު ޒޭބާ އައިސް ތަތްވީ، ޒަކްވާންގެ ގައިގައެވެ. ދުރަށްޖެހެން މަސައްކަތްކުރާކަށް ޒޭބާއަށް ފުރުޞަތެއްވެސް ނުލިބުނެވެ. ޒޭބާ އަނެއް ފަރާތަށް އަނބުރުވައިލާފައި ގެންގޮސް ދޮރުގައި ޖައްސައި ބާރުކޮށްލިއިރު، ޒަކްވާން ހުރީ ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންނެވެ. ކަރުގެ ނާރުތައް ފުއްޕާލާފައި ހުރިގޮތުން ޒޭބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބިރުން މުޅި ހަށިގަނޑުވެސް ރޫރޫ އަޅައިގަތެވެ.

"ދެން ކޮންތާކަށް ދާނީ؟... ހީކުރަނީތަ ކެމެރާ ހަރުކޮށްގެން ވަރަށް މޮޅުވާނެކަމަށް... ދެން މޮޅުވާނީ އަހަންނަށް... ވަރަށް ގާތުން ދެން އަހަންނަށް ޒޭބާގެ ކޮންމެ ހަރަކާތެއް ބެލޭނެ..." ޒަކްވާން ފެށީ ހޭށެވެ.

"މީ މާ ސަޅިގޮތެއް.... ވެން މަސް ވެނަށް..." ކުރިޔަށްވުރެ ބޮޑަށް ޒޭބާ އާއި ގާތަށް ޖެހިލަމުން ޒަކްވާން ވާހަކަ ދެއްކިއެވެ.

ޒޭބާ އެއްފަރާތްކޮށްފައި ޒަކްވާން ކޮޓަރިން ނުކުތެވެ. ހުރި ފިޔަވަޅުމަތިން ގުޑައިލަންވެސް ނޭނގިފައި ޒޭބާ ހުއްޓެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ހުއްޓުވާނޭ ހިތްވަރެއްވެސް ނުލިބުނެވެ.

ކެމެރާ ހަރުކުރެވުނެވެ. ސިޓިންގްރޫމާއި، އެޕާޓްމަންޓްއަށް ވަދެވެން ހުންނަ ދޮރު ފެންނާނޭހެން ދެ ކެމެރާއެވެ. ކުރެވުނު ކަންތަކާއި އަރޫން ހުރީ ހަމަޖެހިފައެވެ. ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓުނީ ޒޭބާއެވެ. ކެމެރާ ހަރުކުރުމަކުން އޭނައަށް ލިބުނު އެއްވެސް އުފަލެއް ނެތެވެ. ސިޓިންގްރޫމަށް ނުކުންނަންވެސް ޒޭބާ ހުންނަނީ ބިރުންނެވެ. ޒަކްވާން ބަލަން އިންނާނެއޭ ހީވާތީ، ބުރުގާ އަޅައިގެން ނޫނީ ކޮޓަރިން ބޭރަށްވެސް އޭނަ ނުނުކުމެއެވެ.

އިންޑިޔާއަށް ފުރަން ހަމަޖެހުނު ދުވަހުގެ ހަވީރުގެ ވަގުތެވެ. ތައްޔާރުވެލައިގެން ޒޭބާ ނުކުތްއިރު، އިންތިޒާރުގައި އަރޫން ހުއްޓެވެ. ޒޭބާ ފެނުމާއިއެކު ހިނިތުންވެލާފައި، ކާރުގެ ދޮރު ހުޅުވައިލަދިނެވެ. ޒޭބާ ކާރަށް އަރައި ހަމަޖެހިލިއެވެ. ދޮރު ލައްޕާފައި އަރޫން ހިނގައިގަތީ ކާރުގެ އަނެއް ފަރާތަށެވެ.

"ހެލޯ ބޭބީ..." ޑްރައިވަރު ޝީޓުގައި އިން މީހަކު ފަސް އެނބުރިފައި ޒޭބާ އާއި ދިމާއަށް ހިނިތުންވެލިއެވެ.

ޒޭބާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ބާރަށް ހަޅޭއްލަވައިގަނެފައި، ކާރުގެ ދޮރު ހުޅުވައިލިއެވެ. އަވަސް އަވަހަށް ބޭރަށް ނުކުތްއިރު، ހުރެވުނީ ކޮންތާކު ކަމެއްވެސް ނޭނގެއެވެ. ކުރިމަތިން ބާރު ދުވެލީގައި އައި ސައިކަލު ފެނުމާއިއެކު ޒޭބާއަށް އޭނަގެ މޫނުމަތީގައި ދެއަތް ހުރަސްކޮށްލެވުނެވެ.

ޒަކްވާންއަށް ކާރުން ނުކުމެވުނު ގޮތްވެސް ނޭނގުނެވެ. އެ ދެލޮލުގައިވީ ސިހުމެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޒޭބާ ގެއްލެނީއޭ ހީވެފައި ވަނިކޮށް، ފެނުނީ އަރޫން އައިސް އެއަތުގެ ހިމާޔަތުގެ ދަށަށް ޒޭބާ ގެންދިޔަ ތަނެވެ. އަރޫންގެ މޭގައި ބޮނޑިވެލައިގެން ޒޭބާ ހުއްޓެވެ. ދަތްތަކަށް ބާރުކޮށްލައިގެން ހުރި ޒަކްވާން ކާރަށް އަރައި، އަތުގައި ހުރި ބާރެއްލާފައި ދޮރު ޖެހިއެވެ. އެއަޑަށް ސިހިފައި، އަރޫން ޒޭބާ ދުރުކޮށްލިއެވެ.

އެއާޕޯޓާއި ހަމައަށް ދެވެންދެންވެސް ޒޭބާ އިނީ ހިމޭނުންނެވެ. އަރޫންވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ހަމަހިމޭންކަމުން އެންމެ އުނދަގޫވީ ޒަކްވާންއަށެވެ.

ޒޭބާގެ ކައިރީގައި ކާރުގައި މަޑުކުރުމަށް އެދިފައި، އަރޫން ދިޔައީ ޓްރޯލީ ބަލައެވެ. އަރޫން ދިޔުމާއިއެކު، ޒަކްވާންގެ ނަޒަރު ޒޭބާއަށް ހުއްޓުނެވެ. ބަލަހައްޓައިގެން އިންގޮތުން ހީވަނީ އުމުރު ދުވަހަށް ވާވަރަށް ބަލަން އުޅެނީހެންނެވެ.

"އަހަންނަށް ފިލަންތަ ތިއުޅެނީ؟... އެހާ ފަސޭހައިން އެކަމެއްވެސް ނުވާނެ އިނގޭ..." ޒަކްވާންގެ މޫނުމަތީގައިވި ނުތަނަވަސްކަން ފޮރުވަމުން ވާހަކަ ދެއްކިއެވެ.

އަރޫން އައުމާއިއެކު ޒޭބާ އަވަސްއަވަހަށް ކާރުން ފޭބިއެވެ. ފަހަތުން ޒަކްވާންވެސް ފޭބިއެވެ. އޭރު، މާއިރާ އާއި މުނާ އިން ކާރުވެސް އައިސް އެތަނަށް މަޑުކޮށްލައިފިއެވެ. ޒަކްވާން ފެނުމުން މާއިރާ އެދިމާއަށް ދިޔައެވެ. ދެމީހުންގެ މެދުގައި ކޮންމެވެސް ވާހަކަތަކެއް ދެކެވުނެވެ. އެ ވާހަކައިގެ ތެރެއިން ޒޭބާ އާއި ދިމާއަށް މާއިރާ ބަލައިލިއެވެ. މޫނުމަތި ހުރިގޮތުން ދެކެވުނީ ޒޭބާގެ ވާހަކައެއްކަން އެނގެއެވެ.

އިންޑިޔާގައި ޒޭބާމެންނަށް ތިބެންޖެހުނީ އެއް ގެއެއްގައެވެ. ދެކޮޓަރި އާއި ސިޓިންގްރޫމެއްގެ އިތުރުން، ކައްކައިގެން ކެވޭގޮތަށް ހުރިހާ ކަމެއް ހަމަޖައްސާފައި ހުއްޓެވެ. ގެއަށް ވަދެވުނީއްސުރެ، މާއިރާ އުޅުނީ ބޮލެއްގައި ރިއްސާތީއެވެ. އެނދުން ތެދުވެވުނު ކަމަކަށްވެސް ނުވިއެވެ. ވަރުބަލިވެފައި ހުރިނަމަވެސް، ޒޭބާއަށް ފުރަތަމަ ޖެހުނީ މާއިރާގެ ކަންތައްތައް ކޮށްދޭށެވެ. ގެ ބެލެހެއްޓުމަށް ޙަވާލުކޮށްފައި ހުރި މީހާގެ އެހީގައި ކުކުޅު ސޫޕް ހަދާފައި މާއިރާއަށް ކާންދިނެވެ.

ޖެހިގެން އައި ދުވަހު، ކުޑަކޮށް އަރާމުކޮށްލާފައި އަރޫން ބޭރަށް ދިޔައީ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށެވެ. ފޫހިވެގެން ގޭތެރޭގައި ހައްދާފައިވާ ގަސްތައް ބެލުމުގައި ޒޭބާ އުޅުނެވެ. ގޭގެ ވަށައިގެން ހިނގަމުންދަނިކޮށް، މާއިރާގެ ކޮޓަރި ކުޑަދޮރުގެ މަތީގައި އިން ދޫންޏެއް ޒޭބާގެ ލޮލުގައި އަޅައިގަތެވެ. ޒޭބާ މަޑުމަޑުން ދޮރާއި ހަމައަށް ދިޔަ ތަނައި، ދޫނި އުދުހިގެން ދިޔައެވެ. އެއަޑަށް އެނދުގައި އޮތް މާއިރާ ތެދުވެގެން ދޮރު ކައިރިއަށް އައެވެ.

މާއިރާ ހުރީ ފޯނެއްގައެވެ. ދޮރުގެ އެއްފަރާތުގައި ހުރި ޒޭބާ އޭނައަކަށް ނުފެނެއެވެ. އެ ނަޒަރު އަމާޒުވެފައިވީ ސާފު އުޑާއި ދިމާއަށެވެ.

"އުހުނ... މަރާލައިގެން ނުވާނެ..." މާއިރާ ބުނި އެއްޗެއް އަޑު އިވިފައި، ޒޭބާގެ ހިތުގެ ތެޅުން އަވަސްވިއެވެ.

(ނުނިމޭ)