loading ...
loading ...
ވަޢުދު ވީމޭ...(ފަހުބައި)

ވަޢުދު ވީމޭ...(ފަހުބައި)

11 comments

މާއިރާ ހުރީ ފޯނެއްގައެވެ. ދޮރުގެ އެއްފަރާތުގައި ހުރި ޒޭބާ އޭނައަކަށް ނުފެނެއެވެ. އެ ނަޒަރު އަމާޒުވެފައިވީ ސާފު އުޑާއި ދިމާއަށެވެ.

"އުހުނ... މަރާލައިގެން ނުވާނެ..." މާއިރާ ބުނި އެއްޗެއް އަޑު އިވިފައި، ޒޭބާގެ ހިތުގެ ތެޅުން އަވަސްވިއެވެ.

********

"އަހަރެން މިހުރިހާ ކަމެއް ކުރަން މި އެއްބަސްވީ ބަދަލުގައި އަހަންނަށްވެސް އެއްޗެއް ނުލިބޭގޮތަކަށް ނޫނޭ..." މާއިރާ ވާހަކަ ދައްކަމުން ކުޑަދޮރަށް ފުރަގަސްދީފައި، ދޮރުކަނީގައި ލެނގިލިއެވެ.

"މިޒަމާނުގަ ކާކުތަ އަމިއްލަ އެދުމެއްނެތި ވެދުމެއް ކުރާނީ؟... އަމުދުން އަހަރެން ކަހަލަ މީހަކު..." ފަހު ޖުމްލަ ބުނެފައި، މާއިރާ ފެށީ ހޭށެވެ.

"ދެން ހެވޭ... އަރޫންއަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ... އަހަންނަށް އިނގޭ ތިހުރީ މިކޮޅުގަކަން... އެކަމަކު އަހަރެން މިތަނުގެ އެޑްރެސް ފޮނުވާނީ އަރޫންއަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިނީމަ... އަހަންނަށް ވަރިހަމަ ޒޭބާއަށް ކޮންމެ ގޮތެއް ހެދިޔަސް... އަހަންނަށް އަރޫން ލިބެން އޮތީ ޒޭބާ ދުރުކޮށްގެން... އެހެންވެ އަހަރެން މިކަމުގަ ޒަކްވާންއަށް މި އެހީވަނީ... ހަނދާންކުރާތި، އަރޫންއަށް ގޮތެއް ހަދައިފިއްޔާ ހުރިހާ ޕްލޭންއެއް ބޭޒާރުކޮށްލާނަން..." މާއިރާ ނުރުހިފައި ބުންޏެވެ.

ޒޭބާގެ ނޭވާ އަވަސްވެގެން ދިޔައެވެ. މާއިރާ ދެއްކި ވާހަކަތަކުން ކަމުގެ ނުރައްކާތެރިކަން ހާމަވެގެން ދިޔައެވެ. ޒޭބާގެ ދެލޯ ފެންކަޅިވިއެވެ. ހަމަ އެއާއި އެއްވަރަށް ރުޅިވެސް އައެވެ. މާއިރާއަށް އެވަރުގެ އިޚްސާންތެރިކަމެއް ވެދިނުމުން ބަދަލުދޭން ރޭވި މޮޅު ގޮތް އެނގުމުންނެވެ. ޒޭބާ ވީހާވެސް ބޮޑަށް ކުޑަދޮރާއި ގާތަށް ޖެހިލާފައި ދޮރުން އެތެރެ ބަލައިލިއެވެ. އޭރުވެސް މާއިރާ އެ ހުރި ތަނުގައި ހުއްޓެވެ.

"އޯކޭ... އެޑްރެސް ފޮނުވާލާނަން.... އާނ... ތިކަމާ ހާސްނުވޭ... ޒޭބާއަށް ދޮންކަޅުވެސް އަންގައިނުލާނަން..." ފޯނު ކަނޑާލިއިރު، މާއިރާގެ ތުންފަތްމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ.

މޭގައި ހިފަހައްޓައިލަމުން ޒޭބާއަށް ފާރުގައި ލެނގިލެވުނެވެ. އޭރު ކުރިއަށްވުރެވެސް ބޮޑަށް އޭނަގެ ނޭވާ އަވަސްވެއްޖެއެވެ. ދެލޯ ފެންކަޅިވިއެވެ. އެތެރެހަށި ފިނިވާކަހަލަގޮތެއް ވެފައި، ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. އެއީ ހަޤީގަތަކަށް ނުވުމަށް އެދި ދުޢާކުރާ ޙާލު ޒޭބާ އޭނާގެ ދެލޯ މަރާލިއެވެ.

ބޭރުގައި ބަހައްޓާފައިވާ ބެންޗްގައި، ޒޭބާ އެތައް އިރަކު އިނެވެ. އެކި ފިކުރުތަކުން އެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ކަންތައް ކުރާނޭ އެންމެ ރަނގަޅުގޮތަކަށް އޭނައަށް ވިސްނުނީ، އަރޫންއަށް ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނުމެވެ. އެކަމަކު، ކުއްލިއަކަށް ހަޤީގަތް އެނގުމުން އަރޫންއަށް ވާނީ ކިހިނެތް ހެއްޔެވެ؟ އޭނަ ދޮގު ހެދިކަން އެނގިއްޖެނަމަ، އަރޫން އޭނައަށް ނަފުރަތުކުރާނެއެވެ. އެކަމަކު އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް ޒޭބާއަށް މުހިއްމުވީ އަރޫންގެ ފުރާނައެވެ. އެކަމުން ކޮންމެ ނަތީޖާއެއް ނުކުމެ، ދެމީހުން ވަކިވާންޖެހުނަސް، އަރޫންއަށް ގެއްލުމެއް ވާކަހަލަ ކަމެއް ވާން، ޒޭބާ ބޭނުމެއް ނުވިއެވެ.

ވާހަކަ ފަށާނޭ ގޮތަކާއިމެދު ވިސްނައިވިސްނައި ޒޭބާގެ ބޮލުގައި ރިއްސަން ފެށިއެވެ. އަރޫންގެ އިންތިޒާރުގައި އިނދެއިނދެ ވަރުބަލި ވީއިރުވެސް ނައުމުން، އެންމެފަހުން އިންތަނުން ތެދުވެ، ހިންދެމިލިއެވެ.

ޒޭބާ ގޮސް ގޭތެރެއަށް ވަތްއިރު، މާއިރާ އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. ޒޭބާ އާއި ދިމާއަށް މާއިރާ ބަލައިލީ ފާޑަކަށެވެ. ވަކި އެއްޗެއް ނުބުނެ ޒޭބާ ހިނގައިގަތީ އޭނަގެ ކޮޓަރި އާއި ދިމާއަށެވެ. ޒޭބާ އޭނާގެ ކޮޓަރި އާއި އަރައި ހަމަވީއިރުވެސް، ކަޅިއަޅާލައިގެން މާއިރާ ހުއްޓެވެ.

"މާ އަވަސްއަވަހަށް ފިލަން އުޅޭނެކަމެއް ނެތް..." މާއިރާގެ އަޑަށް ޒޭބާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"އަހަންނަށް ނޭނގޭނެ ކަމަށް ދޯ ހީކުރީ... ފަސްވަގުތު ނަމާދުކޮށްގެން އުޅޭ މީހަކަށް، ސިއްރުން މީހުންގެ ވާހަކަ އަޑުއެހުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭނގުނީތީ އަހަރެން ހިތާމަކުރަން..." މާއިރާގެ އަޑު ކުރިއަށްވުރެ، ބާރުވިއެވެ. އެއަޑުގައި މަލާމާތާއި އެއްވަރަށް، ރުޅިވެރިކަމުގެ އަޞަރުވެސް ވިއެވެ.

ޒަކްވާން އާއި ގުޅައިގެން ހުރެ، މާއިރާ ދެއްކި ވާހަކަތައް ޒޭބާ ސިއްރުން އަޑު އެހިކަން ފަޅާއެރުމުން މާއިރާ ހުރީ ރުޅި އައިސް ފަޅައިގެންދާން ކައިރިވެފައެވެ. ފޯނުކޯލު ނިންމާލާފައި، އެނދާއި ދިމާއަށް މާއިރާ ދިޔަ ވަގުތު، ކުޑަދޮރު ކައިރީގައި ޒޭބާ ހުރިތަން ފެނުނީ ޑްރެސިންގްޓޭބަލްގެ ލޯގަނޑުންނެވެ. ކަންތައް ބޮޑުވެގެން ދެން ހަދާނެ ގޮތަކާއިމެދު ވިސްނަން އެތައް އިރަކު މާއިރާ އޮތެވެ. އެންމެފަހުން އޭނަ ނިންމީ ޒޭބާ އޭނަގެ މަގުން އެއްކިބާކޮށްލާށެވެ. އެކަމަށް އޭނަ ބޭނުންވީ މީހެއްގެ އެހީތެރިކަމެކެވެ.

މާއިރާއަށް ހަޤީގަތް އެނގުމުން ހިމޭނުން ހުންނާކަށް ޒޭބާވެސް ބޭނުމެއް ނުވިއެވެ. ހަނު ހުރުމުގެ ވަގުތު ފާއިތުވެއްޖެއެވެ. ދެން ޒޭބާއަށް އޮތީ ކެރިގެން އެކަމާއި ކުރިމަތިލުމެވެ. ލޯބިވާ ފަރާތްތަކުގެ ހިމާޔަތުގައި އެންމެ ތަންކޮޅެއްވެސް ފަސްޖެހޭކަށް ޒޭބާ ބޭނުމެއް ނުވިއެވެ.

"ފާފައޭ؟... މާއިރާތަ ތިހެން ތިބުނަނީ؟... ފާފައޭ ބުނާއިރު، ދެމަފިރިންގެ ދޭތެރެއަށް ވަންނަން މަސައްކަތް ކުރުމާއި، މީހުންނަށް ގެއްލުންދޭން މަސައްކަތްކުރުމަކީ ކިހާބޮޑު ފާފައެއް ކަމެއް މާއިރާއަކަށް ނޭނގޭތަ؟..." ޒޭބާ ފަސްއެނބުރިފައި، މާއިރާ އާއި ދިމާއަށް ބަލައިލިއެވެ.

"އަހަރެން އަރޫންދެކެ ވަނީ ތެދުވެރި ލޯބި... މިދޭތެރެއަށް ވަދެގެން މާއިރާއަށް ވާނެ އެއްވެސް މޮޅެއް ނޯންނާނެ... އެއީ އަރޫންވެސް އަހަރެންދެކެ ވަނީ ސާފު ތެދުވެރި ލޯބިކަން އަހަންނަށް ޔަޤީންވާތީ..." ޒޭބާ އެންމެ ތަންކޮޅެއްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

"ތީ މަކަރުވެރި، ކެހިވެރިއެއް..." މާއިރާ ހަޅޭއްލަވައިގަތެވެ.

"ތިކަހަލަ ބޭކާރު ވާހަކަތައް އަޑުއަހާނެ ވަގުތެއް ނެތް..." މާބޮޑަށް ރުޅިގަދަވެދާނެތީ ޒޭބާ އުޅުނީ އެތަނުން ދާށެވެ.

ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފައިލީ ތަނައި، ކުއްލިއަކަށް މާއިރާ އައިސް، ޒޭބާގެ ބުރުގަލުގައި ހިފައި ދަމައިގަތެވެ. ޒޭބާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. އެހެންކަމުން، ހަށިގަނޑު ބެލެންސް ނުކުރެވި މުށިތަކުގެ މައްޗަށް ވެއްޓުނެވެ.

"މާ އަނގަގަދަ ކުރާނެކަމެއް ނެތް... އަހަންނަށް އެނގޭ، ކަލޭމެން ދެމީހުންގެ މެދުގަ އެއްވެސް ގުޅުމެއް ނޯންނަކަން... މިހާރު ތިއުޅެނީ ޒަކްވާންއަށްވުރެ އަރޫން މުއްސަނދިވީމަ، އޭގެ ފައިދާ ނަގާކައްނު..." ޒޭބާގެ ބަނޑުމަތީގައި އިށީނދެ، މޫނުގައި ދެއަތުން ތަޅަމުން މާއިރާ އޭނާގެ ދަތްތަކަށް ބާރުކޮށްލިއެވެ.

"ކަލޭ ހިތުން ހުރިހާ ކަމެއް ކުރީ ވަރަށް ސިއްރުން ދޯ؟... އަހަރެން ކަލެއަށް ފާރަނުލާ އެންމެ ދުވަހެއްވެސް ނުދާނެ... ތިގެއިން ޒަކްވާން ފެނުނީއްސުރެ، އަހަރެން މިއަންނަނީ ފާރަލަމުން... ކަލޭ އެ ގެއަށް ދިޔަކަން އަރޫންއަށް ބަސްޓްކޮށްލީ އަހަރެން... ޒަކްވާން އާއި ގުޅުން ބަދަހިކުރަން އަހަންނަށް ޖެހުނީވެސް ކަލެޔާއި އަރޫން ދުރުކުރުވަން ވެގެން..." ޒޭބާގެ ބުރުގާ ދަމައިގަނެ، ދުރަށް ހޫރައިލަމުން، މާއިރާ ވާހަކަ ދެއްކިއެވެ. އެއަށްފަހު، ބުރުގާ އަތުގެ ކޮޅަށް ހޫރާލާފައި، ޒޭބާގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނެގިއެވެ.

"މާއިރާ..." ދޮރުމަތިން އިވުނީ ޒަކްވާންގެ އަޑެވެ.

ޒޭބާ ތެޅިފޮޅިގަތެވެ. ބުރުގާ އާއި ދިމާއަށް ދުއްވައިގަންނަން އުޅެއުޅެވެސް ކާމިޔާބެއް ނުވިއެވެ. މާއިރާ ހުރީ އެއަށްވުރެ ބާރަށް ޒޭބާގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެންނެވެ.

"އާދޭ އާދޭ... ހަމަ ދަނޑިވަޅަށް ތި އާދެވުނީ... މިއޮތީ ކަލޭގެ ޕްރޮޕަޓީ... މިއަށް ދެން ބޭނުންގޮތެއް ހަދާ..." ޒަކްވާން އާއި ދިމާއަށް ޒޭބާ ކޮއްޕައިލަމުން މާއިރާ ބުންޏެވެ.

މާއިރާ ކޮއްޕައިލި ބާރުމިނުގައި ޒޭބާ ގޮސް ވެއްޓުނީ ޒަކްވާންގެ ފައިދަށަށެވެ. ޒޭބާގެ ގައިގައި ހިފެހެއްޓޭތޯ ޒަކްވާން އުޅުނެވެ. އެކަމަކު އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ޒަކްވާން ތިރިވެ، ޒޭބާގެ ދެކޮނޑުގައި ހިފާފައި ނެގިއެވެ.

"ޒޭބްގެ ގަޔަށް އަތްއިސްކުރާކަށް އަހަރެން ކަލޭ ކައިރީ ނުބުނަމެއްނު..." ރުޅި އައިސް ދެބުމަ ގޮށްޖަހައިލަމުން ޒަކްވާން ބަލައިލީ މާއިރާ އާއި ދިމާއަށެވެ.

"މީހުން ރުޅި އަރުވަންޏާ އޭގެ އަދަބު ދޭންޖެހޭނެ..." މާއިރާ ރުޅި އައިސްފައި ހަށަމް ބަނދެލިއެވެ.

"ތިހެންވިއްޔާ އަރޫންއަށްވެސް އޭގެ އަދަބު ލިބެންޖެހޭނެ..." ޒަކްވާން ހިތްހަމަނުޖެހިފައި ބުންޏެވެ.

"ޒޭބް... އައިމް ސޮރީ... ދޭ އަވަހަށް ބުރުގާ އަޅައިގެން އަންނަން..." ޒޭބާގެ ކޮނޑުގައި އަތް ޖައްސައިލަމުން ޒަކްވާން ބުންޏެވެ.

ޒަކްވާން ބަލައިލި ވަގުތު ޒޭބާ އޭނާގެ އަތުގައި ހުރިހާ ބާރެއްލާފައި ޒަކްވާންގެ ކޯމަތީގައި ޖެހިއެވެ.

"އައި ހޭޓް ޔޫ... އަހަރެންގެ ގައިގަ އަތްލައިގެންވެސް ނުވާނެ..." ރޮމުން ގޮސް ޒޭބާ އޭނާގެ ކޮޓަރިއަށްވަނެވެ.

ޒޭބާ އުޅުނީ ކޮޓަރީގެ ދޮރު ލައްޕައި، ތަޅުލާށެވެ. އެކަމަކު އޭގެ ކުރިން ޒަކްވާން ދޮރުގައި ހިފެހެއްޓިއެވެ. އެއަށްފަހު، ގައިގައި ހުރި ބާރެއްލާފައި އެތެރެއަށް ކޮއްޕައިލިއެވެ. ޒޭބާވެސް ދިޔައީ ވިއްސައިގެންނެވެ. އެ ހަށިގަނޑުގައި ބޮޑު ފިރެހެނަކާއި، ދެކޮޅަށް ދައްކާނެހައި ބާރެއް ނެތެވެ.

"މިކަން ކުރަން އަހަންނަށް މަޖުބޫރު ތިކުރީ ޒޭބާ އަމިއްލައަށް... ލޯބިން ކަންތައް ކޮށްދޭން އުޅޭ ކޮންމެ ފަހަރަކު ތިހަދަނީ ތިހެންނޭ... އަހަރެން ރުޅި އަރުވައިގެން ޒޭބާއަށް ކޮން މޮޅެއްތަ ވަނީ؟..." ޒޭބާ ނަގައި، އެނދުމައްޗަށް ހޫރައިލަމުން ޒަކްވާން ހަޅޭއްލަވައިގަތެވެ.

ބަނޑުހައިވެފައިވާ ސިންގާއެއްހެން ޒޭބާގެ ނިކަމެތި ހަށިގަނޑުގެ މައްޗަށް ޒަކްވާން ޖެހިގަތެވެ. ޒޭބާގެ އަނގައިން ނުކުތް ހަޅޭކުގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ހަށިގަނޑުގައި ހުރި ހުރިހާ ކަށިތަކެއް ފުނޑުފުނޑުވެގެން ދިޔަކަމުގެ އިޚްސާސް ޒޭބާއަށް ކުރެވުނެވެ. ޒަކްވާން ދުރުކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޒޭބާ ކުރިއެވެ. އެކަމަކު، އޭނަގެ މައްޗަށް ޒަކްވާން ގަދަވެގަނެފައިވީ، ދުރުކުރެވޭ ވަރަކަށް ނޫނެވެ.

ދޮރުކައިރީގައި މާއިރާ ހުރީ ހޭށެވެ. ޒޭބާގެ ވޭނުން ފުރިގެންވީ އަޑު އިވޭ ކޮންމެ ފަހަރަކު، މާއިރާގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބެމުން ދިޔައެވެ.

ގޭތެރެއަށް ވަތް އަރޫންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޒޭބާގެ ވޭނީ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުން ކޮޓަރި އާއި ދިމާއަށް ދިޔައީ ދުވެފައެވެ. ދޮރުމަތީގައި ހުރި މާއިރާ ކޮއްޕައިލާފައި އަރޫން ދޮރު ހުޅުވައިލިއެވެ. ނަޞީބު ދިމާކުރިގޮތުން ދޮރު ހުރީ ތަޅު ނުލައެވެ. ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން އަރޫންގެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. ލިބުނު ޝޮކާއި އެއްވަރަށް އެ މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ. ދެއަތް މުށްކެވިގެން ދިޔުމާއިއެކު، ބާރަށް ހަޅޭއްލަވައިގަތެވެ.

ޒޭބާގެ ހެދުން ހަށިގަނޑާއި ވަކިކުރުމުގެ މަސައްކަތުގައި އުޅުނު ޒަކްވާން ސިހިފައި، ފަސް އެނބުރި ބަލައިލިއެވެ. އަރޫން ދުވެފައި ގޮސް ޒަކްވާންގެ ގައިގައި ހިފައިގަތީ ޒަކްވާންއަށް ވިސްނައިލާނޭ ފުރުޞަތެއްވެސް ދިނުމެއް ނެތިއެވެ. ބިންމައްޗަށް ވައްޓައިލާފައި، ބަނޑުގައި ފައިން ޖެހިޖެހީނުން ހިރިވެސް ނުލެވޭވަރު ކޮށްލިއެވެ. އެވަރުންވެސް އަރޫންއަކަށް ނުފުދުނެވެ. ގުދުވެ، ޒަކްވާންގެ މޫނުމަތީގައި ގޮށްމުށުގެ އެތިފަހަރެއް ޖެހިއެވެ.  އެއާއިއެކުހެން، ޒަކްވާންގެ އަނގަމަތި ފަޅައިގެން ގޮސް، އަނގައިގެ އެއް އަރިމަތިން ލޭ އަންނަން ފެށިއެވެ.

"އަރޫން ހެޔޮނުވާނެ ތިހެން ނުހަދާ..." މާއިރާ އައިސް އަރޫން ހުއްޓުވަން މަސައްކަތް ކުރިއެވެ. އެކަމަކު އަރޫން ހުރީ އެއަށްވުރެ ބޮޑަށް ރުޅި އައިސްފައެވެ. ޒަކްވާންގެ ބޮލުގައި ހިފައި މައްޗަށް ނަގާފައި ކަރުގައި ހިފެހެއްޓިއެވެ. އޭރު ޒަކްވާންގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ކޮޅަށް ހުރީ އަރޫންގެ އަތުގެ ބާރުގައެވެ.

"ޒަކްވާން ހީކުރީ އަހަންނަށް ހަޤީގަތް ނޭނގޭކަމަށްތަ؟... އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް ޝައްކުވި... އަހަރެން ހަމަ ގަސްދުގަ ނޭނގޭ ކަމަށް ހެދީ... ކީއްވެކަން ބުނަންތަ؟... އަހަރެން ބޭނުންވީ ކަލޭ ޒޭބްދެކެ ވަނީ ހަޤީގީ ލޯބިތޯ ބަލަން... ބަޓް ޔޫ ޑޯންޓް ޑިޒާވް ހާރ... ގޮޓް އިޓް... ޒޭބް އަކީ ހަމައެކަނި އަހަރެންގެ ހައްޤެއް... އެ ހަށިގަނޑުގަ އަތްލުމުގެ ހައްޤުވެސް އޮތީ އަހަންނަށް އެކަނި... އަޑު އިވިއްޖެތަ؟..." ކަންފަތް ކައިރީގައި އަރޫން ހަޅޭއްލަވައިގަތުމުން ޒަކްވާން ދެލޯ މަރައި ބާރުކޮށްލިއެވެ.

އެނދުގައި ދެލޯ ބޮޑުކޮށްގެން އިން ޒޭބާއަށް ދެކަންފަތްމަތީގައި އަތްއެޅުނެވެ. ބިރުންގޮސް، އެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. ލިބުނު ޝޮކް ފިލައިގެން ނުދަނީސް، ލިބުނީ އެޔަށްވުރެ ބޮޑު ޝޮކެކެވެ. އަރޫންއަށް ހުރިހާ ކަމެއް އެނގޭ ހެއްޔެވެ؟ ވީއިރު، ނޭނގޭކަމަށް ހަދައިގެން ހުރީ ކީއްވެ ހެއްޔެވެ؟ އޭނަގެ ތެދުވެރިކަން އިމްތިހާނު ކުރަން ހެއްޔެވެ؟ ޒޭބާގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އެއާއި އެއްވަރަށް ދެރަވެ، އަމިއްލަ ނަފުޞު ކުށްވެރިވެސް ކުރެވުނެވެ. އޭނައަށް އެ އިޚްސާސްކުރެވުނުގޮތަށް އަރޫންއަށްވެސް އިޚްސާސް ކުރެވޭނެ ނޫން ހެއްޔެވެ؟ ވީއިރު، ދެމީހުންވެސް ހަމަހަމަވީއެވެ. ތަފާތަކީ އޭނައަށް އަރޫންއަށް ދޮގުހެދިފައިވާކަމެވެ.

ކުއްލިއަކަށް ފެނުނީ ފުލުހުންގެ ޔުނީފޯމުގައި ތިބި ދެތިން ފުލުހަކު އައިސް ކޮޓަރިއަށް ވަތްތަނެވެ. އަރޫންގެ އަތްދަށުން ދެމިގަނެގެން ކުޑަދޮރާއި ދިމާއަށް ޒަކްވާން ދުއްވައިގަތެވެ. އެކަމަކު ހަށިގަނޑުގައި އެހާވަރު ނެތުމާއިއެކު، ވަކި ހިސާބަކަށް ދިޔަތަނައި، އޭނަ ވެއްޓުނީއެވެ. ފުލުހުން އައިސް ޒަކްވާން އާއި މާއިރާގެ އަތުގައި ބިޑި އެޅުވިއެވެ. އެމީހުންނާއިއެކު މާއިރާގެ ފޯނާއި ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

އަރޫން އާއި ޒޭބާ އެކަނިވިއެވެ. އަރޫން އިނީ ވީ ކަންތަކާއި ދެރަވެފައެވެ. އިސްވެ، ޒޭބާއަށް އަނގައިން ބުނެލަންވެސް ނުކެރިފައެވެ. ބުނާނޭ އެއްޗެއްވެސް އެ ދުލަކަށް ނައެވެ. އަރޫންއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުޞެވެ. ހަޤީގަތް އެނގިހުރެ، ޒޭބާއަށް އެކަން ސިއްރުކުރެވުނީތީ އޭނަވެސް އިނީ ދެރަވެފައެވެ.

"އައިމް ސޮރީ..." އެތައް އިރެއް ފާއިތުވެދިޔަފަހުން އިސްވެ މަޢާފަށް އެދުނީ ޒޭބާއެވެ.

ޒޭބާގެ އަޑު އިވުމުން އަރޫންގެ ހިތަށް ތަދުވިއެވެ. ވޭނުން ފުރިގެންވީ އެ އަޑުގައި އެތައް ހާސް ރިހުމެއް އެކުލެވިފައިވާކަން އެނގުމުން އަރޫންއަށް ހިންދިރުވައިލެވުނެވެ. ދެލޯ ފެންކަޅިވުމާއިއެކު، ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން އޭނަ ޒޭބާއަށް ބަލައިލިއެވެ.

ރޮއެރޮއެ ރަތްވެފައިވާ ޒޭބާގެ ދެލޯ ފެނި އަރޫންގެ ހިތް ފަޅައިގެން ދިޔައެވެ. ޒޭބާ ގެނެސް މޭގައި ފޮރުވާލިއެވެ. ދެން އިވުނީ ޒޭބާގެ މަޑު ގިސްލުމުގެ އަޑެވެ. އަރޫންގެ ހިމާޔަތް ލިބުމުން ޒޭބާއަށް ރައްކާތެރިކަން އިޚްސާސްކުރެވުނެވެ. ހިތުގައިވި ޝަކުވާތައް އޭނައަށް ބޭރުކުރެވެން ފެށުނީ ކަރުނައިގެ ސިފައިގައެވެ.

"ހުއްޓާލާ... ރޯންވީ ވަގުތު އެދިޔައީ... މީ އުފާކުރަންވީ ވަގުތު... މިއަދު މަޢާފަށް އެދެންޖެހޭނީ ޒޭބްއެއް ނޫން... އަހަރެން... ޒޭބްއަށް މި ދިމާވި ކަންތަކުގަ..." އަރޫންގެ ވާހަކަ ހުއްޓުވީ ޒޭބާއެވެ.

"އަހަންނަށް ޒަކްވާންގެ ކަންތައް ސިއްރުކުރެވުނީ އަރޫން ގެއްލިދާނެތީ ބިރުން..." ޒޭބާ ވާހަކަދެއްކީ ގިސްލަމުންނެވެ.

"ޒޭބް މަޢާފަށް އެދޭކަށް ނުޖެހޭނެ... މަޢާފަށް އެދޭ ވަރަށްވުރެ އަހަރެމެން މާ ގާތެއްނު... އަހަރެން މިއަދު އުފާކުރަން، އަހަންނަށް ތިކަހަލަ އަންބަކު ލިބުނީތީ..." އަރޫން ޒޭބާގެ ބުރަކަށީގައި ފިރުމާލިއެވެ.

އަރޫންގެ އަތުގެ ތެރޭގައި ޒޭބާ އެތައް އިރަކު އޮތެވެ. ޒަކްވާންގެ ފަރާތުން އަނިޔާ ލިބުނު ތަންތަނުގައި އަރޫން ބޭސްއަޅައިދިނެވެ. ހިތަށް ލިބުނު އަނިޔާއަށް ފަރުވާކޮށްދިނީ ލޯބިވެތި ފިރުމުންތަކުންނާއި، ބަސްތަކުންނެވެ.

"ޒޭބް ހިތަށް އަރާނެ ދޯ އަހަންނަށް ހަޤީގަތް އެނގުނީ ކިހިނެތް ބާއޭ... ޒަކްވާން އާއި ބައްދަލުކުރަން ޒޭބް ދިޔަކަން އަހަންނަށް އެނގޭ... އެދުވަހު ޒޭބް ފެންނަ ހިސާބުގަ އަހަރެން ހުރިން... ފަހުން ޒަކްވާންގެ ބައްޕަ އާއި ދިމާވެގެން ހުރިހާ ވާހަކައެއް ކިޔައިދިނީ... ޒޭބްގެ ގައިގައި އެދުވަހު ހުރި އަނިޔާގެ ނިޝާނަކީވެސް ޒަކްވާންގެ ފަރާތުން ލިބުނު އަނިޔާއެއް ދޯ؟..." އަރޫން ސުވާލުކޮށްލުމާއިއެކު، އެކަމަށް އެއްބަސްވުމުގެ ގޮތުން ޒޭބާ ބޯޖަހާލިއެވެ.

"އަހަންނަށް އެކަމަށް ޝައްކުވީ ޒޭބް ބިރުން އުޅުނު ގޮތުން... ކެމެރާގެ ވާހަކަ އަހަރެން ޒަކްވާން އާއި ދެއްކީވެސް އެކަން ޔަޤީންކުރަން ބޭނުންވާތީ..." އަރޫން އިތުރަށް ކިޔައިދިނެވެ.

"އަހަންނަށް އެނގޭ މާއިރާ އާއި ޒަކްވާން ގުޅުމެއް އޮތްކަން... މިކޮޅަށް އައި ދުވަހު ދެމީހުން ދެއްކި ވާހަކަތައް އަހަންނަށް ކޮންމެވެސް ވަރަކަށް އަޑު އިވުނު... އެމީހުން ދެއްކީ އަހަރެމެން ދެމީހުން ދުރުކުރުވަން ސިހުރު ހަދާ ވާހަކަ..." އަރޫންގެ ފަހު ޖުމްލަ އާއިއެކު ޒޭބާ ތެޅިގަނެގައި އަރޫންގެ މޫނަށް ބަލައިލިއެވެ. ބިރެއް ފެނިގެން ބަލާހެންނެވެ.

"އާން... ސިހުރު ހަދައިގެން އަހަރެމެން ދުރުކުރަން އެމީހުން މަސައްކަތްކުރީ... ޒޭބް... އެނގޭތަ ކީއްވެކަން ޒަކްވާން އޭރު ޒޭބް ދޫކޮށް ދިޔައީ..." އަރޫން ދެން ކިޔައިދިން ވާހަކަތަކުން ޒޭބާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ޒޭބް އާއި ރައްޓެހިވެގެން ހުރެ، ރާއްޖެއިން ބޭރު އަންހެނަކާއިއެކު ކައިވެނީގެ ބޭރުން ޒަކްވާން ވަނީ ގުޅުމެއް ހިންގާފަ... އެ އަންހެން މީހާ އެއިޑްސްއަށް ޕޮޒިޓިވް ވި ޚަބަރު ލިބިގެން ޒަކްވާން ރާއްޖެއިން ބޭރަށް ދިޔައީ އެ ޓެސްޓް ހަދަން... އެކަމަކު ކަންދިމާކުރިގޮތުން، އެއަންހެން މީހާއަށް އެއިޑްސް ޖެހިފައި ވަނީ ޒަކްވާން އާއިއެކު އެ ގުޅުމެއް ހިންގުމުގެ ފަހުން..." ޒޭބާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަރޫން ވާހަކަ ދެއްކިއެވެ.

ޒަކްވާންގެ ކިބައިން ސަލާމަތްވެ، އަރޫން ކަހަލަ ހުލްޤު ހެޔޮ، އޯގާތެރި ފިރިޔަކު ލިބުނު ކަމަށްޓަކައި ޒޭބާއަށް މާތްﷲގެ ކިބައަށް ޝުކުރު ދެންނެވުނެވެ. ދިރިއުޅުމުގައި ދަތި އުނދަގޫ ދުވަސްތަކާއި ކުރިމަތިވާނެއެވެ. ކެތްތެރިވެ، އުފާވެރި ޙަޔާތެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާނަމަ، މާތްﷲގެ އިރާދަފުޅާއިއެކު އެކަން ކާމިޔާބުވެދާނެއެވެ. މިއަދު ހިތާމަތަކާއި ކުރިމަތިވަނީ މާދަމާ އެޔަށްވުރެ ބޮޑު އުފާވެރިކަމެއް ލިބެން ކަމަށްވެސް ވެދާނެއެވެ. މާތްﷲއަށް ވަކީލުކުރާށެވެ. އުފާވެރި ޙަޔާތެއް ދެއްވުން އެދި، ގިނަގިނައިން ދުޢާ ކުރާށެވެ. ކާމިޔާބު ދެއްވާނީ މާތްﷲއެވެ.

މީހަކަށް ދެރައެއްދިނުން އެދި ކުރާ ގިނަ ކަންތައްތަކުން ގިނަ ފަހަރަށް ގެއްލުން ލިބޭނީ ހަމަ އަމިއްލަ ނަފުޞަށެވެ. އެމީހަކު ފޭހުނު އިލޮށިގަނޑެއް ހެރޭނީ އެމީހެއްގެ ލޮލަށޭ ބުނާ ފަދައިންނެވެ.

ޒޭބާ އާއި އަރޫން އެނބުރި ރާއްޖެ އައީ ހަނީމޫންގެ ދުވަސްތައް ނިންމާލުމަށްފަހު، ދެފަރާތުގެ އާއިލާއަށްވެސް އުފާވެރި ޚަބަރަކައިގެންނެވެ. ޒޭބާ މަންމައަކަށް ވަނީއެވެ. އަރޫން ބައްޕަ އަކަށެވެ. ދެފަރާތުގެ ޢާއިލާއަށް ބަހާރު މޫސުން އައި ކަހަލައެވެ. ވަކީން ބޮޑަށް ޒޭބާ ދެކެ އަރޫން ލޯބިވިއެވެ. އޮފީހުގެ ވަގުތުތައް ފިޔަވައި ބާކީ ހުރިހާ ވަގުތެއް އަރޫން ހޭދަކުރަނީ ޒޭބާ އާއި އެކުގައެވެ. އަންނަން އުޅޭ ތުއްތު މެހެމާނަށް މަރުޙަބާ ކިޔުމަށް، ދެމަފިރިންވެސް ތިބީ ތައްޔާރަށެވެ. އެ ތުއްތު ދަރިފުޅު ދެކިލުމަށް ކެތް މަދުވެފައިވާ ޙާލުގައެވެ.

(ނިމުނީ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

11 ޚިޔާލު

 1. Naina

  Varah reethi vaahakaeh❤

  • އޭޝް

   Thank u so much Naina 😊

 2. Naju

  Masha Allah v v v v v v v v furihama 😍😘😍😍😘😍😘😁😍😘👏👏☝🙏🙏🙌💔❤❤💚❤💞💞💞

 3. Unbro

  Varah furihama nimmaalumeh💜💜💜💜💜

 4. Insha

  Saabahey eysh.varah reethikohthi hushalhaadhineee.💗💖💕💓💓❤👏👏👏👏

 5. Sheen

  Wowwww wowwww and wow vvvvv perfect. ❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙❤️❤️❤️❤️ OBINESS TO THE MAXXXX.. Hama speechless 💜💜💜💜💜💜💜💚💚💚💚💚💚💚💜💜💜 Vaahaka nimigen midhiyaee hurihaa rahathah himenigen.vaahaka eh furihamavaan beynunvaa hurihaa baeh ekulevigen🧡🧡🧡🧡🧡🧡🧡💙💙💙💙💙💙💙🧡🧡🧡🧡🧡🧡🧡💙Vaahakaige ibaaraaiy kurunthah varah ves furihama. ❤️❤️❤️❤️❤️❤️❤️ Vaahakaige jumulathah saadhaavefa v hiygaimu. 💚💚💚💚💚💚💚💚💚💚 Sifakoh dhinun furihama kamun hama film eh fadha. Feshigen nimendhemves hama top level ga huri sifakoh dheefa 💜💜💜💜💜💜💜 haadhisaathah genessa hunnagoiy v molhu. Eh haadhisaa aneh haadhisaa aaa gulhuvaalaafa genesdheefa hunnanee shauguverikan nugelleyne gothah. 🧡🧡🧡🧡🧡🧡🧡 Beykaaru vaahakathah himanaigen vaahaka dhigukurumah nuvisnaa seedhaa vaahakaige character thakah focus koffa hunnaathee v fakkaa.. 💛💛💛💛💛💛💛💛💛💛💛 Dialogue thahves v Emotional. V real koh hunnanee. Hama komme situation akah e vaguthakaa noonee e sifakohdheefa inna character akaa gulhey gothah dialogue thah hunnaathee v salhi. 💕💕💕💕💕💕💕 Vaahakaige cover ves ehaaa nala. 💚💚💚💚💚💚💚💚 Vaahakaige name ves ehaa hiygaimu 💜💜💜💜💜💜💜 mulhi vaahaka ekkoh kiyaa nimmaaleeves vvvv shauguveri kamaa ekee ehaame kiyaahithun. 🌹🌹🌹🌹🌹🌹🌹🌹🌹 Emme furathama vaahakain feshigen kiyamun annaathee eysh ge liyuntherikamaa ufehdhuntherikan kuriaraa mi fannah ahuluverivefa huri minvaru vvvv rangalhah faahaga kurevey. 😍😍😍😍😍😍😍😍😍😍😍 Mihaaru thihuree fenah dhirifa. Dhen in sha allaah eysh vattaalaafa vaki kuri araigen ehen meehakahves nudheveyne. 😘😘😘😘😘😘😘😘😘 Maasha Allah mie anekkaves eysh reethi reethi vaahakathakuge thereah ithuruvi reethi vaahaka eh. ❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛 Eysh thee hama emme best. Thigothuga kuriah dhiumah edhen. 💕🌹💕🌹💕🌹🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕💕🌹 Eysh ah abadhuves kaamiyaabaai kurierumah hithuge emme fumminun edhen. LOVE YOU SO MUCH. 💙💜💙💜💙💜💙💜💙💙💜💙💜💙💜💙💙💜💙💜💙💜💙💜💜💙💜💜💙💜💙 Eysh ge aa vaahaka eh kiyaalan libeyne dhuvahakah inthixaaru kuramun vakivelan😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😘😍😘😍😘😍😍😘

 6. ލަމް

  މާޝާﷲ ހާދަ ހިތްގައިމު ހާދަ ފުރިހަމަ ވާހަކައެކެވެ. ވަރަށް ކިޔާ ހިތުން ކިޔާލެވުނު ވާހަކައެކެވެ. އޭޝްގެ ހިޔާލު ވަރަށް ތަނަވަހެވެ. ވަރަށް އުފެއްދުންތެރިއެވެ. އެހާމެ ހުނަރުވެރިއެވެ. ސިފަކޮށްދިނުން ހާދަ ފުރިހަމައެވެ. ވާހަކަ ވަރަށް ޝައުގުވެރިއެވެ. އޭޝްގެ ވާހަކައެއް ނެތިއްޔާ މިތަން ވަރަށް ވައިވާނެއެވެ. އެހެން ވާހަކައަކަށް އިންތިހާއަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

 7. Bestie

  Wow vvvvv reethi mi vaahaka ves. Vaahaka nimuneema v dheravey.. Please avahah genea dhehchey ithuru vaahaka Eysh ge vaahaka eh kiyaalan nulibuniyyaa hithah hama jehumeh ves Nulibeyne. Vaahaka vvv molhu. V thafaathu ehen writers liyaa stories thakaa.. Vvvvv perfect. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Waiting for the new story.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🧡🧡🧡🧡🧡🧡🧡🧡

 8. Zy

  V reethi vaahaka eh

 9. Zy

  Varah reethi story

 10. 💙🌹💜

  Wow vvvvvv reethi mi vaahaka. U r great writer. Waiting for the new story ❤️❤️