loading ...
loading ...
އިހަސްދޫ ސްކޫލް ފަށައިގަތީ ދޮންވެލި ބިމެއްގައި- އިހައްދޫ ސްކޫލްގެ ބާނީ  އަޙްމަދު ޒާހިރު

އިހަސްދޫ ސްކޫލް ފަށައިގަތީ ދޮންވެލި ބިމެއްގައި- އިހައްދޫ ސްކޫލްގެ ބާނީ އަޙްމަދު ޒާހިރު

0 comment

އިހައްދޫ ސްކޫލްގެ ކިޔެވެލި ފަށައިގަނެވުނީ ރުކެއް ގަހެއް އަދި ބޯނެ ފެންފޮދެއްވެސްނެތް ހަނަފަސް ދޮންވެލި ބިމެއްގައި ކަމަށާއި، ނަމަވެސް އިހައްދޫ ސްކޫލް ފެނުމުން މިއަދު އުފާކުރައްވާކަމުގައި 271 ދަރިވަރުންނާއި އެކު އިހައްދޫ ސްކޫލް ވުޖޫދައްގެނެސްދެއްވި އެ ސްކޫލްގެ ބާނީ އަދި އިހައްދޫ ސްކޫލްގެ ފުރަތަމަ ޕްރިްނސިޕަލް އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ލ.ގަން އިހައްދޫ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން އިހައްދޫ ސްކޫލްގެ ބެލެނިވެރިންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ޒާހިރު ވިދާޅުވީ 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 03 ވަނަ ދުވަހު ރަޖިސްޓަރީ ކުރެވުނު އިހައްދޫ ސްކޫލްގައި ކިޔެވުން ފަށާފައިވަނީ 03 ސްކޫލެއް ބަންދުކޮށް އެ 03 ސްކޫލްގެ 271 ދަރިވަރުންނާއި އަދި އެ ސްކޫލްތަކުގެ މުވައްޒަފުންނާއި އެކުގައި ކަމުގައެވެ. އެހެން ކަމުން އޭރު ވަރަށްބޮޑު ގޮންޖެހުންތަކާއި އެކުގައިވެސް އޭރު ތިއްބެވި ޓީޗަރުންނާއި މުވައްފުންގެ ހިއްވަރާއި ހިންމަތާއި މިނަންތުން މިއަދު އިހައްދޫ ސްކޫލަކީ ހިތްފަސޭހަ ހިޔާބޮޑު ތަނަވަސް މާހައުލެއްގައި ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާ ސްކޫލެއްކަމުގައިވެސް ޒާހިރު ވިދާޅުވި އެވެ.

"2010 ވަނަ އަހަރު ޖަނަވަރީމަހުގެ 03 ވަނަ ދުވަހު މި ސްކޫލް ރަޖިސްޓަރީކުރެވުން. އަދި 05 ވަނަ ދުވަހު ތިން އަވަށުގެ އާއްމުންނާ ބެލެނިވެރިންނާ ޓީޗަރުންނާއި މުދައްރިސުންނާ އެކުގައި ބައްދަލުވުމެއް ބޭއްވުނު. އަދި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު މި ސްކޫލްގެ ކިޔެވެލި ފަށައިގަނެވުން. އޭރު މި ސްކޫލަކީ ދޮންވެލި ބިމެއް. ހަނަފަސް ތަނެއް. ރުކެއް ގަހެއް ނެތް، ބޯނެ ފެންފޮދެއްވެސް އޭރު މިތަނުގައި ނެތް، ފެން ހަމެއްވެސް ނެތް، އަޅުގަނޑުމެންނަށް އިހައްދޫ ސްކޫލްގެ މުދައްރިސުން ތަފާތުވާ ސަބަބަކީ މިއީ، އެ ނޫނީ ނެތް ރާއްޖޭގައި  އެބައެއްގެ ޙަޔާތުގައި ސްކޫލެއް ފަށައިގަންނަށް ލިބުނުބައެއް. އެނޫން ކޮންމެ މުދައްރިސް އަކީވެސް މާދިގު މާޒީއެއްގައި ހުރި ސްކޫލެއްގައި މާފަހުން އެ ސްކޫލެއް ހުރިގޮތައްހުއްޓައި މަސައްކަތްފަށާ ބައެއް. އެހެންކަމުން އާއްމު ސްކޫލްތަކާއި ޚިލާފަށް މި ސްކޫލްގެ ކޮންމެ މުވައްޒަފަކީވެސް އަދި ކޮންމެ މުދައްރިސްއަކީވެސް ހާސްގުނަ މަސައްކަތްކުރަން ޖެހުނު މުދައްރިސުންނަށް ވެގެންދިޔަ."އިހައްދޫ ސްކޫލްގެ ފުރަތަމަ ޕްރިްނސިޕަލް އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ލ.ގަން ތުނޑީ އިހައްދޫ ސްކޫލްއަކީ ސްކޫލްގެ މުޅި ޢިމާރާތާއި ގޯތި ވަށައިގެން ބިޔަ ގަސްތަކުން ހިޔާ ލިގޭ ހިތްފަސޭހަ މާހައުލެއްގައި ހުންނަ ސްކޫލެއްކަން ފާހަގަ ކުރެވެއެވެ. އަދި އިހައްދޫ ސްކޫލްގެ ދަރިވަރުން ކުޅިވަރުކުޅުމަށްޓަކައި ސްކޫލް ގޯތި ތެރޭގައި ވަރަށް ފުރިހަމަ ކާޕެޓް ގްރާސް ފުޓްބޯޅަ ދަނޑެއް ޤާއިމް ކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ.

ޒާހިރު ވިދާޅުވީ އިހައްދޫ ސްކޫލް ގޯތި ތެރެއިން ފެންނަ ހިތްގައިމު ކާޕެޓް ގްރާސް އޭރިޔާއާއި ސްކޫލް ވަށައިގެން ހެދިފައިވާ ހިޔާބޮޑު ބިޔަގަސްތަކަކީ އެދުވަހު އިހައްދޫ ސްކޫލްގެ މުވައްޒަފުންނާއި މުދައްރިސުންގެ އަގު ނުކުރެވޭފަދަ ބުރަމަސައްކަތް ކަމުގައެވެ. އަދި އެދުވަހު އެބައިމީހުން އެކުރެއްވި ބުރަމަސައްކަތުގެ ފޮނި މޭވާ އިހައްދޫ ސްކޫލްގައި މިއަދު ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނާއި މުދައްރިސުންނަށް އަބަދާއި އަބަދު ލިބިލިބި ހުންނަކަމުގައެވެ. އަދި އިހައްދޫ ސްލޫލްގެ ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ސްކޫލްގެ މުވައްޒަފުންނާއި ރަށުގެ ރައްތިތުންނަށްވެސް އަބަދާއި އަބަދު ލިބިގެން ދިއުމަކީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް އިހައްދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންގެ އިތުރުން އިހައްދޫ ސްކޫލްގެ ޕްރިްނސިޕަލްއާއި ގިނަ އަދަދެއްގެ ބެލެނިވެރިްނ ބައިވެރިވެ ވަޑައިގެންނެވި އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު