loading ...
loading ...
ކިތަންމެ ބައްތިއެއް ބޭލިއަސް އޭގެ ހުޅުކޮޅު ނިއްވާލާނަން

ކުރީ ޒަމާނުގައި ދަތުރު ފަތުރުކުރި އުޅަނދު ފަހަރުގެ ނަމޫނާ ކުރެހުމެއް--- ފޮޓޯ/މީސް މީޑިއާ

ކިތަންމެ ބައްތިއެއް ބޭލިއަސް އޭގެ ހުޅުކޮޅު ނިއްވާލާނަން

0 comment

އިހު ޒަމާނުގައި ދިވެހި ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓްފަހަރު ބަނދަރަށް ލެފުމާއިއެކު އެ ބޯޓްފަހަރު ބަލައި ފާސްކުރުމަށްޓަކައި  އެ އުޅަނދަށް މީހުން އަރައެވެ.

އޭރުގެ އޮޑިފަހަރު ފަރުމާ ކޮށްފައި ހުންނަ ގޮތުން ރާއްޖެއިން ބޭރުން ގެންނަ މުދާ ބަރުކޮށްފައި ހުންނަނީ ބޯޓްގެ އަޑިއަށް ހަދާފާހުންނަ ފަލްކާތަކުގަ އެވެ.

ނުވަތަ އޮޑީގެ ވަތުތެރޭގަ އެވެ. އެހެންކަމުން މިގޮތަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ބަލައި ފާސްކުރުމަށް އޭގެ ފަލްކާއަށް މީހުން ފޭބުމުގެ ކުރިން ވާގަނޑެއް އައްސާފައި ފުޅިބައްތިއެއް ރޯކޮށްފައި( ދިއްލާފައި) ފަލްކާގެ ތެރެއަށް ބާލައެވެ.

އެ ބައްތި ފަލްކާ ތެރޭގައި އިރުކޮޅަކު ބެހެއްޓުމަށްފަހު ވާގަނޑަށް ދަމާ ފުޅިބައްތި މައްޗަށް ނަގާއިރު އޭގެ ހުޅުކޮޅު ނިވިފައިވާނަމަ ފަލްކާތެރެއަށް މީހުންނެއް ނުފައިބާނެ އެވެ. ފަލްކާއަށް މީހުން ފައިބާނީ ބައްތީގެ ހުޅުކޮޅު ނުނިވި ހުރި ނަމަ އެވެ. އޭގެ ބޭނުމަކީ އެ ފަލްކާގެ ތެރޭގައި އޮކްސިޖަން ހުރި މިންވަރު ވަޒަން ކޮށްލުމެވެ.

އަލިފާން ރޯވުމަށް އޮކްސިޖަން ބޭނުންވާތީ އެވަތުގައި އޮކްސިޖަން ނެތްނަމަ ހުޅުކޮޅު ނިވޭނެއެވެ. އެހެންކަމުން އިންސާނަކު ފަލްކާއަށް ބޭލުމުގެ ކުރިން އެތަނުގައި އޮކްސިޖަން ހުރިތޯއާއި، އޭނާއަށް އެތަނުގައި ކެތްވާނެތޯ ބަލައި ވަޒަން ކުރަންޖެހެއެވެ.

މިއަދު އަޅުގަނޑުމެންގެ ތެރެއިންވެސް ފެނިގެން މިދަނީ މިފަދަ މަންޒަރުތަކެކެވެ. "ބައްތި ބޭލުމެވެ." ދިވެހި ރާއްޖެ މިސްރާބު ހިފާފައިވާ ގޮތައް ބަލާއިރު ކޮންމެ މީހަކަށްވެސް ފެންނަނީ ކަޅުކަމާ އަނދިރި ކަމެވެ. ނާމާންކަމާ ބިރުވެރިކަމެވެ.

އަޅުގަނޑުމެން އެ އަޤީދާއެއްގެ މަތީގައި ސާބިތުވެ ތިބި ހައްޤު އަޤީދާ ބަލިކަށިކޮށް ނިކަމެތިވަމުންދާކަމުގެ ބިރުވެރި ރަނގަބީލު ޖަހަންފެށީ އަދަކު އިއްޔެއަކު ނޫނެވެ.

ނުރައްކަލުގެ މި ރަނގަބީލު ހުއްޓުމެއްނެތި ޖަހަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. މި އަޤީދާ ނިކަމެތިކޮށްލުމަށް އަދާވާތްތެރިން ބޭނުންކުރަނީ އިންސާނީ ހައްޤާއި، އަންހެނުންގެ ހައްޤާއި، ކުޑަކުދިންގެ ހައްޤާއި، ޑިމޮކްރަސީ ފަދަ ތަފާތު ނަންތަކެވެ.

ނަމަވެސް އެބައިމީހުންގެ ހަޤީޤަތާއި ވިސްނުން މެންދުރުގެ އިރުފަދައިން ސާފެވެ. ބޭނުމަކީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނުގެ އަސާސްތަކަށް ދީފައިވާ ލޯތްބާއި ޤަދަރު ކުޑަކޮށްލުމެވެ.

އެއްވެސް ހާލެއްގައި ދިވެހިންނަކީ މާ ދީންވެރި ބައެކޭ އަޅުގަނޑު ނުދަންނަވަމެވެ. ދަންނަވާނޭ ޖާގައެއް އޮތްކަމަކަށްވެސް ނުދެކެމެވެ.

އެހެނަސް ދެބަސްވެވެން ނެތް ހަޤީޤަތަކީ އިސްލާމްދީނުގެ އަސާސްތަކާއި އެދީނަށް ދިވެހިންގެ ހިތުގައި ދީފައިވާ ލޯތްބާ ގަދަރު ދެމިއޮތްކަމެވެ. ދީނުގެ އަދާވާތްތެރިންނާއި، ދިވެހި ޤައްދާރުން ލޮލުފިޔަނުޖަހައި ބުރަ އެތައް މަސައްކަތްތަކެއް ކުރަމުން ދިޔަނަމަވެސް ގިނަ ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ އެދީނުގެ އަސާސްތަކަށް ތަބާވާބައެއްކަމުން އެމީހުންގެ އަޤީދާ ނިކަމެތިކޮށް ހީނަރުކުރުމުގައި އަދާވަތްތެރިންނަށް މާކަބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމެވެ.

ޤައްދާރުންގެ އެކި ހަމަލާ އެކި ދުވަސްވަރު އެކި ގޮތްގޮތައް ދިވެހިން މިދަނީ ދެކެމުންނެވެ. ހީވެސް ނުކުރާހާ ބާރުމިނެއްގައި އެމީހުންގެ ޕްލޭން ތަންފީޒުކުރުމަށް އެބައިމީހުން ތިބީ ފޫގަޅައިގެންނެވެ. އެ މަސައްކަތުގެ ބޮޅަށް އިތުރުކޮށްލި އައު ބޮޅަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް ޑީ އެން) އިން އިސްލާމްދީނުގައި ހައްދަފަހަނައަޅާފައިވާ މިންވަރު ދެނެގަތުމުގެ ނަމުގައި ހެދި ދިރާސާ ރިޕޯޓްގައި އިސްލާމްދީނާއި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ ހައްދުތަކާއި ރަސޫލުﷲ ﷺ ގެ ސުންނަތުން ސާބިތުވާ މަތިވެރި މުޢުޖިޒާތްތަކަށް މަލާމާތްކޮށް އެއީ ފްލޯކް  ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްދައްކާ ދިވެހިންނަށް ދޫކޮށްލި ރިޕޯޓެވެ. އެޔާއެކު ދިވެހި އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންގެ ލޭ ކެކިގަތެވެ.

މާދީންވެރި ނޫންނަމަވެސް އިސްލާމްދީނާމެދު އެ އަޚުންނާއި އުޚްތުންގެ ހިތުގައި އޮތް ޤީރަތްތެރިކަމުގެ ހުޅުކޮޅުގެ އަލުންބޮޑުވެ އަދަންފެށިއެވެ. އެއާއިއެކު ދީނުގެ ޤައްދާރުން އެމީހުންގެ މަސައްކަތް ވަޒަންކޮށް ދިވެހިންގެ ހާލަތުދެނެގަތުމަށް ބާލާލި ބައްތީގެ ހުޅުކޮޅު ކަނިކޮށް ނިއްވާލައިފިއެވެ. ހޯހޯ ގޮވަމުން އެމީހުން ބޭލި ބައްތި ނަގާ އަނެއްކާވެސް ކުޑަކޮށް އެއްފަރާތްވެލީއެވެ.

އާނއެކެވެ. އަދާވާތްތެރިން ކުރަމުން އެގެންދާ މަސައްކަތަކީ ދޭތެރެ ދޭތެރެއިން މިފަދަ ރިޕޯޓްތަކާއި، ފޯރަމްތަކާއި، ސޯޝަލް މީޑިއާގެ ގްރޫޕްތަކާއި ޕޭޖްތައް މެދުވެރިކޮށް އިސްލާމްދީނާމެދު ދިވެހިންގެ ހިތުގައި ޝައްކު އުފެއްދުމުގެ މަސައްކަތެވެ.

އެއީ ވަކި ރާގަކަށް ހަމަޔަކަށް ފެތިގެން ރޭވިގެން ކުރަމުންގެންދާ މަސައްކަތްތަކެކެވެ. އެގޮތުން އެކަމުގައި މައިގަނޑު ދެ މަޤްޞަދެއް އެބައޮތެވެ. އެއްކަމަކީ މިފަދަ ވާހަކަތައް ދިވެހިންގެ ތެރޭގައި ގިނަ ގިނައިން ފަތުރާ އެފަދަ ވާހަކަ ތަކަކީ އާންމު ވާހަކަތަކެއްކަމުގައި ހެދުމެވެ. އަދި އެވާހަކަތައް މީހުންގެ ކަންފަތުގައި ހަރުލައްވާ އެއީ އާދައިގެ ކަމެއްގެގޮތުގައި ފަތުރާ އާންމުކުރުމެވެ.

މިކަމުގެ ދެވަނަ އަދި އެންމެ މުހިންމު މަޤްސަދެއްގެ ގޮތުގައި މިމަސައްކަތް ފުޅާކޮށް ވަރުގަދަކޮށް ދޭތެރެ ދޭތެރެއިން އާންމުގެ ތެރެއަށް ދޫކޮށްލަނީ ބޯޓުގެ ފަލްކާއަށް ބައްތި ބާލާ އުޞޫލުންނެވެ. ދިވެހިންގެ ވިސްނުމާއި އެމީހުންގެ އެ ފިކުރު ދިވެހިން ބަލައިގަންނަ މިންވަރު ނުވަތަ އެއަސް ރިއެކްޓްކުރާގޮތް ވަޒަންކޮށްލުމަށެވެ.

އެމީހުންގެ އެ ތިރިކުރާ ބައްތީގެ ހުޅުކޮޅު ނިއްވާ ނުލެވިއްޖެނަމަ އެމީހުން ފަލްކާއަށް ފައިބާނެއެވެ. އަދި ދިވެހިންގެ އަޤީދާ ފަސާދަކޮށް މި ލޮބުވެތި ވަޠަނުގައި ޒަމާނުންސުރެ މިއޮތް އިސްލާމްދީނުގެ ނޫރު ކަނިކުރާނެއެވެ.

އެހެނަސް ދިވެހި މުސްލިމުން އެމީހުންނަށް އެފުރުޞަތު ނުދޭނެއެވެ. އެމީހުންގެ ބައްތި ނިއްވާލާނެއެވެ. އެއީ ވެރިން އެކަމުގައި ފިޔަވަޅު އެޅިޔަސް ނޭޅިޔަސްވެހެވެ.

މިއަދު ދިވެހި ރާއްޖޭގެ ވެރިކަމުގެ އިސް ސަފުގައި މިފަދަ ލާދީނީ ފިކުރުގެ އެތައް އެތައް ބަޔަކު ތިބިކަމީ ސިއްރުވާހަކައެއް ނޫނެވެ. އަދި ހިނގަމުން ނިއުޅެމުން މިދާ ކަންތައްތަކުގައިވެސް ދިވެހި ދަޢުލަތުގެ ވެރިން ހަނުތިއްބަވާ ޚާއިނުންގެ މަކަރުވެރި މަސައްކަތައް ބީރުކަންފަތެއް ދީގެން އެތިއްބަވަނީކީ ނޭންގުމެއްގެ ތެރެއިންނެއް ނޫނެވެ.

ރޭވިގެން ތަންފީޒުކުރެވެމުންދާ މާސްޓަރ ޕްލޭނެއްގެ ތެރެއިންނެވެ. އެހެނަސް ދަންނާށެވެ. ދިވެހި މުސްލިމުން ތިބީ ހޭލައެވެ. ދިވެހި ޒުވާނުންގެ ލެޔާއި، ހިތުގައި ޖަހާވިންދަކީ ހައްޤު ދީނާއި އެދީނުގެ މަތިވެރި ނަބިއްޔާގެ ދިފާޢުގައި ޖަހާވިންދެވެ.

ވެރިކަމަކަށް، ޤާނޫނު އަސާސީއަކަށް، އަނިޔާއަކަށް، މަރަކަށް ދިވެހި މުސްލިމުން ނުސިހޭނެއެވެ. އިރު އިރު ކޮޅުން ވަކަރަށްޖަހާ ދިވެހި މުސްލިމުންގެ ޤީރަތްތެރިކަމުގެ އާރު ބަލަން ތިޔަ ކުޅިވަރެއް ކުޅޭނޭކަމެއްނެތެވެ.

ދިވެހިންގެ ހިތުގައި ﷲގެ ދީނާ އެދީނުގެ މާތް ރަސޫލާ ﷺ ގެ މައްޗަށް އޮތް ލޯތްބާއި ޤީރަތްތެރިކަން އެންމެވަރުގަދަ އާރުލާ ވަކަރަށްވުރެ ވަރުގަދަވާނޭކަން ދަންނާށެވެ. ޚަބަރުދާރު ވާށެވެ! ދިވެހިންގެ ދީނާ، ދިވެހިންގެ ޤައުމިއްޔަތާ، އެޤައުމުގެ އަމްނާ އަމާންކަމާއި ކުޅެންނޫޅޭށެވެ. ތިޔަކަން ނުހުއްޓައިފިނަމަ އެބަޔެއްގައި ކަރުގައި ލޭރަހަ ލައްވާނުލާ ހަމަ ހިލާ ދިވެހިން ނުތިބޭނެއެވެ. ޤައުމުގެ ވެރިންނޭވެއެވެ. މިހެން އިރުއިރުކޮޅުން ބައްތި ބާލާތަން ބަލަން ދިވެހިންނަކަށް ކެތެއްނުވާނެއެވެ. އިސްނަންގަވާށެވެ. ދީނާ ޤައުމުގެ ދިފާޢުގައި ފިޔަވަޅު އަޅުއްވާށެވެ. ނޫންނަމަ ނަތީޖާ ހިތިވާނެއެވެ.

ފިދާ ވާނަމޭ މާތް މި ދީނުގެ ޝަރަފުގައި

ހިދާޔަތުގެ ނޫރުން ހިތާމޭ ފުރުމުގައި

ހިލާ ދޫނުދޭނަން ފުކެއްވެސް މިކަމުގައި

ފަހާ ބަލިކުރާނަން ޢަދުއްވުން އެކީގައި.

ސޯސް: ދަހަނާ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު