loading ...
loading ...
މިނަން ތިހިތުން ފިލުވާލަނީހޭ...14

މިނަން ތިހިތުން ފިލުވާލަނީހޭ...14

6 comments

"ހަޤީގަތް އެނގެން ބޭނުމިއްޔާ ދިހަ ހާސް ރުފިޔާ ހިފައިގެން މިރޭ ދިހައެއްޖަހާއިރު، ތި އޮފީސް ކުރިމަތީގައި ހުރި ކެފޭއަށް އާދޭ... ހަނދާންކުރާތި، މިފަހަރު ގޯސްކޮށް ކަމެއް ހިނގައިފިއްޔާ މި ހަޤީގަތް އޮންނާނީ ސިއްރެއްގެ ގޮތުގައި..." އެމީހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

ގަޑިޖެހުމުގެ ކުރިން ތައްޔާރުވެލައިގެން އަހަރެން ހުރީ ކެފޭގެ ދޮރުމަތީގައެވެ. ކުޑައިރުކޮޅަކުން ފެނުނީ އެދިމާއަށް އައި ޝާޔަންއެވެ. ކެފޭ އާއި ޖެހިގެން ހުރި ގޯޅިގަނޑާއި ނިވާވެލީމެވެ. އަހަރެންގެ ހައިރާންކަން އިތުރުވީ ޝާޔަންގެ ފަހަތުން ދުވަމުން ކަހަލަގޮތަކަށް އައި މީހާ ފެނުމުންނެވެ.

********

"ނިޔާލް..." އަހަންނަށް ހިތާއިހިތައި ކިޔައިލެވުނެވެ.

އަހަރެންގެ ދެލޯ ބޮޑުވީ ނިޔާލް ދުވެފައި އައިސް ޝާޔަންގެ އުނަގަނޑުގައި އަތްއަޅުވައިލީތަން ފެނުމުންނެވެ. ޝާޔަންވެސް ނިޔާލްއަށް ބަލައިލާފައި މޫނަށް ހަދާލިގޮތުން ދެމީހުންގެ ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ހުއްޓުންއަރާފައި އަހަންނަށް ހުރެވުނީ އެމީހުންނަށް ބަލާށެވެ. ހިތަށް އެރިއެވެ. އަހަންނަށް އަންނަ ފޯނުކޯލުތަކާއި އެމީހުންނާއި ގުޅުމެއް ވެދާނޭ ހެއްޔެވެ؟ އެކަމަކު އެމީހުންނާއި އެކޯލުތަކާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ހަޤީގަތެއް ނޫނެވެ. އެމީހުން އެދަނީ އެހެން ކަމަކުއެވެ. އޭގެ ތެރެއިން މީހަކު އަހަންނަށް އިންޒާރުދޭންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޔަޤީންނުވެފައި އަހަރެން ހުއްޓައި، ދެމީހުން އައިސް ކެފޭގެ ދޮރުމަތީގައި މަޑުކޮށްލައިފިއެވެ.

"އޭނަ އަންނާނެހެން ހީވޭތަ؟..." ނިޔާލް ސުވާލުކުރީ ކައިރީގައި ހުރި ޝާޔަންއަށެވެ.

"އަންނާނެ..." ޝާޔަން ޔަޤީންކަމާއި އެކުގައި ބުންޏެވެ.

"އަންނަންދެން މިތާ މަޑުކުރާނީތަ؟..." ނިޔާލް އަނެއްކާވެސް ސުވާލުކުރިއެވެ.

"ޔާލް ވަންނަންވީނު އެތެރެއަށް އަހަރެން ބޭރުގަ މަޑުކޮށްލަފާނަން... މީހަކާއި އެއްކޮށް އައިއްސިއްޔާ އަހަރެން މެސެޖްކޮށްލާނަން... އަހަރެން ފެނުނަސް، ލިވީއަށް ޝައްކެއް ނުވާނެ... ދޭ އެތެރެއަށް..."

ޝާޔަންގެ ޖުމްލައިން އަހަރެންގެ ކަންފަތް ކައިރީގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. އަހަންނަށް އަންނަ ފޯނުކޯލުތަކާއި ގުޅިފައިވަނީ ޝާޔަން އާއި ނިޔާލްއެވެ. ނިޔާލް އެވަރުގެ ކަމެއް ކުރުމަކުން އަހަރެން ހައިރާނެއް ނުވިއެވެ. އެކަމަކު އެކަމުގެ ފަހަތުގައި ޝާޔަން އެހުރީ ކީއްވެ ހެއްޔެވެ؟ އަހަންނާއިމެދު ޝާޔަން އެވަރުގެ ދުޝްމަނުކަމެއް އެއޮތީ ކީއްވެ ހެއްޔެވެ؟

އަހަންނަށް ކޮޅަށް ހުރުމަށް ދަތިވިއެވެ. މޭގައި އަތް ޖައްސައިލެވުނެވެ. ހިތުގައި އުފެދެމުން އައި ދިލަ ރިހުން ގަދަވެއްޖެއެވެ. ނޭވާ ހީވަނީ ކުރުވެފައިވާ ހެންނެވެ. ޝާޔަންއަށް އައި ބަދަލުގެ އަސްލަކީ އެއީތާއެވެ. އަހަރެންގެ އެންމެގާތް އެކުވެރިޔާގެ ގޮތުގައި ހުރެ، އެވަރުގެ ކެއްސެއް ދޭން މަސައްކަތް ކުރުމުން އަހަރެންގެ މުޅި ތަބީޢަތު ބަދަލުވެއްޖެއެވެ.

ވިސްނަމުންދިޔަ ވަރަކަށް އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. މޫނުމަތިން ފެންނަމުންދިޔަ ހިތާމަތައް، އިސާހިތަކު ނަފުރަތަށް ބަދަލުވެއްޖެއެވެ. އަހަރެން އުޅުނީ ފޯނު ނަގައި ޝާޔަންއަށް ގުޅާށެވެ. ޝާޔަންގެ ތެދުވެރިކަން އިމްތިޙާނު ކުރުމުގެ ގޮތުންނެވެ. އާދެވުނީ ފޯނު ނުލައިކަން ހަނދާންވުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވިއެވެ. ކޮންމެގޮތެއްވިޔަސް އަހަރެން ބޭނުންވީ ހަޤީގަތް އެނގޭށެވެ. މަޑުމަޑުން ހިނގާލާފައި އެތަނުން ނުކުތީމެވެ. ޝާޔަންއަށް އަހަރެން ފެނުމުން ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ.

"މިތާ ކީއްކުރަނީ؟..." އަހަރެން ސުވާލުކުރީ ޝާޔަން ދެލޯ ބޮޑުކޮށްގެން ބަލަން ފެށުމުންނެވެ. ހީވީ އަހަރެން އެތަނަށް އަންނާނެކަމަށް ޝާޔަން އުއްމީދު ނުކުރާ ހެންނެވެ.

ކިތަންމެ ފޮރުވަން އުޅުނަސް އަހަރެންގެ މޫނުމަތީގެ ކުލަވަރު ފެނި، ޝާޔަންއަށް ކަމެއް ޝައްކުވެއްޖެއެވެ. އޭނަ އުޅުނީ އަހަރެންގެ ކުރިމަތީން ދުރަށްދާށެވެ. އަހަރެން އެ ފުރުޞަތެއް ނުދެމެވެ. ޝާޔަންގެ އަތުގައި ހިފައި ދަމާފައި ކަހަލަގޮތަކަށް ގެންގޮސް، އޮފީސްތެރެއަށް ވެއްދީމެވެ. އަހަރެންގެ އަތް ފޮޅުވައިލަން ޝާޔަން އެތައް މަސައްކަތެއް ކުރިއެވެ. އަހަރެން ހުރީ ދޫކުރާގޮތަކަށް ނޫނެވެ. އޮފީސްތެރެއަށް ވަދެވުމާއިއެކު އަތުގައި ހުރި ބާރެއްލާފައި ޝާޔަންގެ އަތް ފޮޅުވައިލީމެވެ. އޮފީސް ތަޅުލާފައި ތަޅުގަނޑި ޖީބަށްލަމުން ޝާޔަން އާއި ކުރިމަތިލީމެވެ. އޭރު އެ އަތުގައި އަހަރެން ހިފެހެއްޓިތަނުގައި އަތް ޖައްސާލައިގެން ޝާޔަން ހުއްޓެވެ. އެ ދެލޯ ފެންކަޅިވަމުންދިޔަތަން ފެނި އަހަރެންގެ ހިތަށް ރަޙުމު ވަނެވެ. އެކަމަކު ހަޤީގަތް އެނގެން ބޭނުންވާތީ ހިތް ހަރު ހިލަގަނޑަކަށް ހަދަން މަޖުބޫރުވެފައިވިއެވެ.

"ތެދަށް ބުނޭ... ހުރިހާ ވާހަކައެއް ކިޔައިދީ..." އަހަރެން ހަޅޭއްލަވައިގަތީމެވެ.

ލިފްޓްގެ ތެރެއިން ނުކުތް ޒެވިންއަށް އަހަރެމެން ފެނުމުން ދުރުގައި މަޑުކޮށްލިއެވެ. އަހަރެން އެއިން ކަމަކަށް ސަމާލުކަމެއް ނުދެމެވެ. އެދިޔަ ބާރުމިނުގައި ގޮސް ޝާޔަންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތީމެވެ.

"ޝާޔަން ކީއްވެހޭ ތިވަރުގެ ކަމެއް ތިކުރަނީ؟... އަހަރެން ޝާޔަންއަށް ކީއްކުރީ؟... ޖަވާބުދީބަލަ..." އަހަރެން އަނެއްކާވެސް ހަޅޭއްލަވައިގަތީމެވެ.

ޝާޔަން އަނގަޔަކުން ނުބުންޏެވެ. ފޫނެއް ފަޔަށް ފެންފުރޭހެން ހީވެ، ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަހަންނަކީ އަނިޔާވެރިއެއް ނޫނެވެ. އެކަމަކު އައިސްފައިވާ ރުޅީގައި، އަހަންނަށް އަމިއްލަ ނަފުޞުވެސް އޮޅިއްޖެއެވެ. ޝާޔަންގެ މޫނުމައްޗަށް އަތުގެ ދެތިން ހަމަލާ އަމާޒުކޮށްލެވުނެވެ. އެވަރުންވެސް ޝާޔަން އެއްޗެއް ނުބުންޏެވެ. ކުށްވެރިއެއްހެން އިސްޖަހާލައިގެން ހުރީއެވެ.

"ޝާޔަން ހެޔޮނުވާނެ... އަހަރެން ލޯބިވާ އެންމެން އަހަންނަށް ގެއްލެނީ ކީއްވެތަ؟... ރަވާން އަހަރެން ދޫކޮށްފައި ދިޔައީ... މިހާރު ޝާޔަންވެސް... ކީއްވެތަ؟... އަހަންނަކީ ހަމަ އެހާ ނުބައި މީހެއްތަ؟..." އަހަންނަށް ރޮވޭގޮތްވިއެވެ.

ރުޅި އައިސްފައި ވާހަކަ ދައްކަންފެށި ނަމަވެސް އާޚިރުގައި އަހަރެންގެ ހުރިހާ ހިތްވަރެއް އެލުނެވެ. ޝާޔަންގެ ގައިން ދޫކޮށްލާފައި ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އޭރު ދެލޯ ކަރުނައިން ފޯވަމުން ދިޔައެވެ.

"ލިވީ... އަހަންނަށް އެނގޭ އަހަރެންމީ ކުށްވެރިއެއްކަން... އެކަމަކު އަހަރެން ދުވަހަކުވެސް ލިވީއަށް ދެރަގޮތެއްވާކަށް ނޭދެން..." ޝާޔަން ދެރަވެފައި ބުންޏެވެ.

"އަހަރެން ކިހިނެތް ތިވާހަކަތައް ޤަބޫލުކުރާނީ؟... ޝާޔަންގެ ދުލުން ތިހެން ބުނީމަ ޤަބޫލުކުރަން ބޭނުންވިޔަސް، މި ދެލޯ ހެކިދިން ކަންތަކަށްފަހު، އަހަރެން ޝާޔަންއަށް ކުރަމުން އައި އިތުބާރުވަނީ މީގެ ހިނދުކޮޅެއް ކުރިން ގެއްލިފައި..." އަހަރެންގެ އަޑު ތުރުތުރުއަޅައެވެ.

ޝާޔަން ހިންދިރުވައިލިއެވެ. ދެލޯ މަރާލުމާއިއެކު އެދެލޮލުން އޮހެންފެށީ ތާޒާ ކަރުނައެވެ. ދެންވެސް ޝާޔަން ޚިޔާރުކުރީ ހިމޭންކަމެވެ.

"ކީއްވެތަ؟... އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ..." އަހަރެން އަނެއްކާވެސް ބުނީމެވެ.

"ލިވީއަށް ހީވޭތަ އަހަރެން ލިވީއަށް ދެރަގޮތެއް ހަދާފާނެހެން؟..." ޝާޔަން ސުވާލުކުރިއެވެ.

އަހަރެން ޝާޔަންގެ މޫނަށް ބަލަން އިރުކޮޅަކު ހުރީމެވެ. ދޭނެ ޖަވާބަކާއިމެދު ވިސްނައިލަން އަހަންނަށް މަޖުބޫރުވިއެވެ.

"ޤަބޫލުކުރާކަށް ބޭނުމެއް ނޫން..." އަހަރެން ބުނީމެވެ.

"އަހަރެން މިހުރިހާ ކަމެއް މިކުރަނީ މަޖުބޫރުވެގެން..." ޝާޔަން ހިތިގޮތަކަށް ހިންދިރުވައިލިއެވެ. އަހަރެން ހައިރާންވެފައި އެ ދެލޮލަށް ބަލައިލީމެވެ. އެ ދެލޮލުން ފެނުނީ ޔަޤީންކަމެވެ.

"މީ އަހަރެން ބޭނުންވާ ގޮތެއް ނޫން... މީ ނިޔާލް ބޭނުންވާ ގޮތް... މިކަމެއް ފެށުނީ ނިޔާލްގެ ބައްޕަގެ ސަބަބުން... އެއީ ރަވާންގެ ކާރު ޑްރައިވަރު... އެކްސިޑެންޓްގައި އޭނަ ނިޔާވީ ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން... އޭރު އަހަރެން އުޅުނީ ނިޔާލް އާއި ރައްޓެހިވެގެން... ނިޔާލްގެ އާއިލާއަކީ މާ ފޯރައިގެން އުޅޭ އާއިލާއެއް ނޫން... އޭނަގެ މަންމައަކީ ވަރަށް ބަލި މީހެއް... ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހިފައިވާ މީހެއް... އެކަން ނިޔާލްއަކަށް ބަރުދާސްތެއް ނުކުރެވުނު... އޭނަ ބޭނުންވީ ބަދަލުހިފަން... ކާރުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ރެކޯޑުކުރެވިފައި ހުންނަނީ އެގޭގައި ހުންނަ ސިސްޓަމެއްގައި... އެ އެއްޗެހި ނަގައިގެން ނިޔާލް އުޅުނީ ލިވީ ބްލެކްމެއިލްކުރަން..." ޝާޔަން ވާހަކަ ދެއްކީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.

މާޒީގެ ތެރެއިން އެކްސިޑެންޓްވީ ދުވަސް އަހަރެންގެ ހަނދާނަށް އައެވެ. ޝާޔަން ބުނިހެން އެދުވަހު ކާރުގެ ޑްރައިވަރު ވަނީ މިދުނިޔެ ދޫކޮށްފައެވެ. ރަވާންއަށް ދިމާވި ކަންތަކުގެ ހިތާމައިގައި އަހަންނަށް އެ އާއިލާގެ ޚަބަރެއް ބަލައިނުލެވުނެވެ. އެއީ އަހަރެންގެ މައްސަލައެވެ. އެކަމުގައި އަހަރެންގެ އިޚްމާލު ފުރިހަމައަށް އެބައޮތެވެ.

"ލިވީ... ނިޔާލްއަކީ ނުބައި މީހެއް ނޫން... އޭނަ ފައިސާގެ ބޭނުމުގައި ކުރި ހުރިހާ ކަމެއް ކުރީ... އޭނަ ބޭނުންވީ އޭނަގެ މަންމައަށް ފަރުވާކުރަން... އަހަރެން ކިތަންމެ ދުވަހަކު ބުނިން ލިވީ ކައިރީގައި ރީތިކޮށް ބުނާށޭ... އެކަމަކު ނިޔާލް ޤަބޫލުކުރީ ރީތިކޮށް ބުނެގެން އެކަމެއް ނުވާނެކަމަށް... އަހަރެން ވަޒީފާއިން ވަކިވީވެސް އެހެންވެ... އެކަމަކު އަހަރެން ހިއެއް ނުކުރަން ނިޔާލް އެ މަޤާމަށް ކުރިމަތިލައިފާނެ ކަމަކަށް... އެރޭ ނިޔާލް ގުޅައިގެން ލިވީ އެތަނަށް ދިޔައިރު، އަހަރެންވެސް އެތާ ހުންނާނެ... އަހަރެން އެތަނަށް ދިޔައީ ލިވީއަށް ދެރަގޮތެއްވާން ނޭދޭތީ... އަހަރެން ދުރުގައި މަޑުކުރީ ލިވީ ޒެވިން އާއިއެކު ދިޔަތަން ފެނުނީމަ... އެހެންނޫނީ އަހަރެން ހުރީ ހުރިހާ ހަޤީގަތެއް ކިޔައިދީފައި، ލިވީ އެތަނަށް ނުފޮނުވަން... އައި ޕްރޮމިސް ލިވީ... އަހަރެން ދުވަހަކުވެސް ލިވީއަށް ދެރަގޮތެއް ވާކަށް ނޭދެން... އަހަރެން ލިވީ އާއި ދުރަށްދިޔައީވެސް އެހުރިހާ ކަމަކަށްފަހު، ލިވީ އާއި ފޭސްކުރާނެ ހިތްވަރު ނުލިބިގެން... އަހަންނަށް ނިޔާލްވެސް ދޫކޮށްލެވެން ނެތީމަ..." ޝާޔަން އައިސް އަހަރެން އަތުގައި ހިފައިލިއެވެ.

"ދެން ކީއްވެ އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުބުނީ؟... ކީއްވެ މިހުރިހާ ދުވަހު އަހަންނަށް ހުރިހާ ކަމެއް ސިއްރުކުރީ؟..." ޝާޔަންގެ އަތް ފޮޅުވައިލަމުން އަހަރެން ސުވާލުކުރީމެވެ.

"ބިރުން... ލިވީއަށް ހަޤީގަތް އެނގިދާނެތީ ޖެހިލުންވެގެން..." ޝާޔަންއަށް ރޮވެން ފެށުނެވެ.

"ކޮން ހަޤީގަތެއް؟..."

އަހަރެން ހައިރާންވިއެވެ. ޝާޔަން އަހަރެންދެކެ ޖެހިލުންވާންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ ޝާޔަން ހުރިގޮތުން، ހަރުކަށިކަން ފިލައިގޮސް ހިތަށް ހަމްދަރުދީ ވަދެއްޖެއެވެ.

"އަހަރެން ރަވާންދެކެ ލޯބިވާތީ..." ޝާޔަންގެ ޖުމްލަ އަޑުއިވިފައި އަހަންނަށް ދުރަށްޖެހިލެވުނެވެ.

ހައިރާންވެފައި ޝާޔަންއަށް ބަލަން އަހަންނަށް ހުރެވުނެވެ. ކުށްވެރިއެއްހެން ޝާޔަން އިސްޖަހައިލިއެވެ.

"ތިދެމީހުން މެރީކުރުމުގެ މާކުރިންވެސް އަހަރެން ރަވާންދެކެ ލޯބިވަން... އަހަރެން ނިޔާލް އާއި ރައްޓެހިވީވެސް، ލިވީ އާއި ރަވާން ގުޅުނުކަން އެނގިގެން، އެ ހަނދާންތަކާއި ދުރަށްދާން... ނިޔާލްއަށް އެކަން އެނގޭނެ... އަހަރެން ބޭނުންނުވީ ނިޔާލްގެ ފަރާތުން އެ ހަޤީގަތް ލިވީއަށް އެނގެން..." ޝާޔަން އެހެން ބުނެފައި ހުއްޓައިލިއެވެ. އެއަށްފަހު، އައިސް އަހަރެންގެ ދެއަތުގައި ހިފައިލިއެވެ.

"ލިވީ... އަހަންނަށް މަޢާފުކުރޭ... އަހަރެން ބޭނުމެއް ނޫން ލިވީގެ އެއްވެސް އުފަލަކަށް ހުރަސްއެޅޭކަށް... އަހަރެން މިއަދު މިތަނަށް މިއައީވެސް، އަހަރެން ރަވާންދެކެ ލޯބިވާކަން ލިވީއަށް އަންގާނެކަމަށް ނިޔާލް ބުނުމުން... އެކަމަކު މިހާރު ދެން މިއޮތީ ހުރިހާ ހަޤީގަތެއް ލިވީއަށް ކިޔައިދެވިފައި..." ޝާޔަންގެ ދެލޮލުން ފެނުނީ ނޭނގޭ ރިހުމެކެވެ.

އިރުކޮޅަކު ޝާޔަންއަށް ބަލަން ހުރެފައި އެ ހަށިގަނޑުގައި ބާރަށް ބައްދާލެވުނެވެ. ލޯބިވާ މީހާ ނުލިބުމުން އެކުރެވޭ އިޚްސާސް އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވީއިރު، އަހަރެން ރަވާން އާއި ގުޅުމުން އެ ހިތުގައި ކިހާ ވޭނެއް އަޅާނެ ހެއްޔެވެ؟ އެކަމަކު އެ ހުރިހާ ވޭނަކަށް ކެތް ކޮށްގެން އަހަރެންގެ ކުރިމަތީގައި ޝާޔަން ވަނީ އަހަރެންގެ އުފަލުގައި ބައިވެރިވެފައެވެ. ހަޤީގީ އެކުވެރިންނަކީ އެއީއެއް ނޫން ހެއްޔެވެ؟

"އައިމް ސޯ ސޮރީ..." އަހަންނަށް ރޮވުނެވެ. ހުއްޓައިލަން އުނދަގޫވިއެވެ.

ޝާޔަން އާއިއެކުގައި އަހަރެން ނިޔާލް އާއި ބައްދަލުކުރުމަށް ދިޔައީމެވެ. ދިމާވި ހުރިހާ ކަމަކަށް މަޢާފަށް އެދުނީމެވެ. ހުރިހާ ވާހަކައެއް އަޑުއަހަން ނިޔާލް އިނެވެ. އެތައް ޝަކުވާއެއް ކޮށްފައި އެންމެފަހުން ފެށީ ރޯށެވެ. އަހަރެން ދެރަވިއެވެ. އެ ކަރުނަތައް ފެނި ކުރެވުނީ ކުށްވެރިވެފައިވާ ކަމުގެ އިޚްސާސެވެ. ނިޔާލްގެ މަންމަގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ކޮށްދިނުމަށް އަހަރެން ވަޢުދުވީމެވެ.

ނިޔާލްވީ އަހަރެން ހީކުރިވަރަށްވުރެ ރަނގަޅު އިންސާނަކަށެވެ. ޖަޒުބާތުގައިޖެހި އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. އެކަމަކު ރަނގަޅު މީހަކީ އެކުށް ޤަބޫލުކޮށް އެކަމަށް މަޢާފަށް އެދޭ މީހާއެވެ. ޚުދު ނިޔާލްވެސް އޭނައަށް ކުރެވުނީ ކުށެއްކަމުގައި ޤަބޫލުކުރެއެވެ. އޭނަވެސް އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ.

މަންޒަރު ބަލަން ހުރެފައި ޒެވިން އައިސް ނިޔާލްގެ ކައިރީގައި ހުއްޓުނެވެ. ބުރަކަށީގައި ޖަހާލިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެވިއްޖެއެވެ.

(ނުނިމޭ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

6 ޚިޔާލު

 1. Kiyuntheri eh

  Alhe haadha kurey vaahaka

  • އޭޝް

   Next part dhiguvaane

 2. Riyaashaa

  Mivaahaka v reethi😊😊

  • އޭޝް

   Thank u so much dear

 3. Yanaall

  V salhi

  • އޭޝް

   Thank u so much dear