loading ...
loading ...
މިނަން ތިހިތުން ފިލުވާލަނީހޭ...15

މިނަން ތިހިތުން ފިލުވާލަނީހޭ...15

1 comment

ނިޔާލްވީ އަހަރެން ހީކުރިވަރަށްވުރެ ރަނގަޅު އިންސާނަކަށެވެ. ޖަޒުބާތުގައިޖެހި އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. އެކަމަކު ރަނގަޅު މީހަކީ އެކުށް ޤަބޫލުކޮށް އެކަމަށް މަޢާފަށް އެދޭ މީހާއެވެ. ޚުދު ނިޔާލްވެސް އޭނައަށް ކުރެވުނީ ކުށެއްކަމުގައި ޤަބޫލުކުރެއެވެ. އޭނަވެސް އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ.

މަންޒަރު ބަލަން ހުރެފައި ޒެވިން އައިސް ނިޔާލްގެ ކައިރީގައި ހުއްޓުނެވެ. ބުރަކަށީގައި ޖަހާލިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެވިއްޖެއެވެ.

********

"އިފް ޔޫ އާ ޑަން، ކޭން ޔޫ އެކްސްކިއުޒް އަސް..." ނިޔާލްގެ ކަންފަތާއި ދިމާއަށް ގުދުވެލަމުން، ޒެވިން ބުންޏެވެ.

ޒެވިން ހީވަނީ އޭނާގެ އަތުގެ އިނގިލިތައް ނިޔާލްގެ ބުރަކަށްޓައް ވައްދައިލަފާނެ ހެންނެވެ. ހިނދެއްހިނދަކަށް އެއިނގިލިތަކަށް ބާރުލަމުން ދިޔައެވެ. ނިޔާލް ބަލައިލީ އަހަންނަށެވެ. ވީގޮތް ރޭކައިލީ ދެނެވެ. ޒެވިން ބޭނުންވަނީ އަހަންނާއިއެކު އެކަނިވެލާށެވެ. އަވަހަށް ހިނގައިގަންނަން ހަދައިގެން ދެފައި އޮޅުނެވެ. ނިޔާލް އިން ގޮނޑީގައި ހިފަހައްޓާ ނުލެވުނުނަމަ، އަހަރެން ބަނޑުވަތަށް ވެއްޓުނީހެވެ.

"ޒެވިން ލެޓްސް ގޯ..." އަހަންނަށް ބުނެވުނެވެ.

އެތަނުގެ ތެރޭގައި ބޮޑު ހައިޖާނުގަނޑެއް ހިނގުމުގެ ކުރީން، އަހަރެން ބޭނުންވީ ޒެވިން އެތަނުން ނެރޭށެވެ. އަހަރެންގެ އަޑު އިވުމުން ޒެވިން ނިޔާލްގެ ގައިން ދޫކޮށްލިއެވެ. އެއާއިއެކު، ނިޔާލް ތެދުވެފައި، ޒެވިން އާއި ކުރިމަތިލައިފިއެވެ.

"ރީތިކޮށް ބުންޏަސް، އޭނަ ގޮވައިގެން މިތަނުން ނުކުމެވިދާނެއޭ ބްރޯ... އަހަރެން މިއުޅެނީ އޭނައާ އިންނާކަށް ނޫނޭ... ނޫނީ ރައްޓެހިވާކަށް ނޫނޭ..." ޒެވިން ހިފެހެއްޓި ތަނުގައި ފިރުމާލަމުން ނިޔާލް ވާހަކަދެއްކީ ލާނެތް ރާގަކަށެވެ.

އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހާސްވެފައި ބަލައިލެވުނީ ޒެވިންގެ މޫނަށެވެ. އަހަރެން އައުމުން ހަމަޖެހިފައި ހުރި ޒެވިން ކުއްލިއަކަށް ދެބުމަ ގޮށްޖަހާލައިފިއެވެ. ރަތްވަމުންދިޔަ އެ މޫނު ފެނި، މޭގަނޑު ގުޑައިގެން ދިޔައެވެ. އަވަސްއަވަހަށް ޒެވިންގެ އަތުގައި ހިފައި، ދަމަމުން ކަހަލަގޮތަކަށް އެތަނުން ނުކުތުމަށް ހިނގައިގަތީމެވެ. ދަމުން ފަސްއެނބުރިފައި، ނިޔާލް އާއި ދިމާއަށް ދެލޯ ހަނިކޮށްލީމެވެ.

ބޭރަށް ނުކުމެވުމާއިއެކު ޒެވިން އަހަރެންގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. ހިތްހަމަނުޖެހިފައި އަހަންނަށް ބަލައިލިގޮތުން، ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހިތަށް އެރިއެވެ. އެއީ ހަމަ ލޯބި ވެވުމުން ވާހައި ގޮތްގޮތް ހެއްޔެވެ؟

"ޒެވިން ތީއަޅެ ކުޑަކުއްޖެއްތަ؟... ތިހެން އުޅުނީމަ މީހުން ކީކޭތަ ހީކުރާނީ؟... ހިނގާ އޮފީސްތެރެއަށް... އެތެރޭގަ ތިބި އެންމެންވެސް އެހާ ވަރަށް ބަލައިފިއޭ ތި އުޅުނު ގޮތަކުން... ނޭނގެ ފޮޓޯވެސް ނުނަގާނެ ކަމެއް..." އަހަރެން ހާސްވެފައި ބުނީމެވެ.

"އަހަރެން ކަމެއްކުރީމަ އެކަމެއް ދޯ ލިވީއަށް ގޯސްވަނީ؟... އެހެންމީހަކު އެއްޗެއް ބުނާއިރަށް، ހަޤީގަތެއް ބަލާވެސްނުލާ ތިހުންނަނީ ޤަބޫލުކޮށްގެންނެއްނު..." ޒެވިން ހިތްހަމަނުޖެހިފައި ބުންޏެވެ.

"މިހާރު ތިއުޅެނީ އަހަރެން ނިޔާލްއާއެކީ އިނީމަ އެކަމާ ރުޅި އައިސްގެން ދޯ... އަހަރެންމީ ޒެވިންހާ ހިތްހަރު މީހެއް ނޫނޭ... ނިޔާލްގެ ވާހަކަ އަހަރެން ޤަބޫލުކުރަން..." ޒެވިން އާއި ދިމާއަށް ދެލޯ ހަނިކޮށްލަމުން ބުނީމެވެ.

"އެހެންވެއޭ އަހަރެން ބުނަނީ މިތާ މިއިންނަނީ ސިކުނޑިއެއް ނޫނޭ... އެތެރެ އޮތީ ހުސްކޮށޭ..." އަހަރެންގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ޒެވިން ބުންޏެވެ.

"ޒެވިން ކޮންކަމަކާތަ މާ ރުޅިގަދަވެގެން ތިއުޅެނީ؟... ކިތައްފަހަރުތަ ބުނާނީ މީ އަހަރެންގެ ދިރިއުޅުމޭ..." އަހަރެން ނުރުހިފައި ބުނީމެވެ. އޭރު ކެތްތެރިކަން ކޮޅުންލައިދާނެހެން ހީވަނީއެވެ.

"އަހަރެން ރުޅިގަދަވަނީ ކީއްވެކަން ތަކުރާރުކޮށް ބުނެދޭކަށް ނުޖެހޭނެ... ކީއްކުރަންތަ އިރުއިރުކޮޅާ އޭނައާ ބައްދަލުކުރަން ތި އަންނަނީ؟... އެއީ މާ ރަނގަޅު މީހެއް ނޫނޭ... އޭނަ ލިވީއަށް ނުކިޔަދޭ ކިތަންމެ ކަމެއް ހިތުތެރޭ ފޮރުވާފަ އެބަހުރި... ލިވީއަށް ތިއެނގުނީ އޭގެން ބައެއް... އެވެސް ބަސްޓްވީމަ..." ޒެވިންގެ އަޑުގައިވީ ޔަޤީންކަމެވެ.

"ކީކޭތަ ބުނަން ތިއުޅެނީ؟..." ރުޅި އައި ވަރުން އަހަންނަށް ބުނެވުނީ ހިތުތެރޭގައި ހުރި އެތައް ވާހަކައަކުން މަދު މިންވަރެކެވެ. ފުންކޮށް ދެތިން ނޭވާ ބޭރުކޮށްލުމުން ކުޑަ ލުއިކަމެއް ލިބުނެވެ.

"ބުނަން މިއުޅެނީ ދޮންބެގެ ކަންތަކުގަ އޭނަ އެބަ ކަމެއް ސިއްރުކުރެއޭ..." ޒެވިން ކުރިޔަށްޖެހިލާފައި ބުންޏެވެ.

"ދެން ތިބުނަނީ އޭނައަކީ މަކަރުވެރިއެކޭތަ؟..." އަހަރެން ވަކީން ހިތްހަމަނުޖެހުނެވެ.

"ފުރަތަމަ ނަޒަރުންވެސް ޒެވިންއަށް އޭނަ ކަމަކު ނުދިޔައެއްނު... ހަމަ އެއްވެސް ސަބަބެއް ނެތި ރުޅި އައިސްގެން އެހެން މީހުންގެ ބޯވެސް ގޮއްވާލީ... އޮފީހުގަ އޭނަ ކޮންކަމެއް ކޮށްގެން އެވަރުކޮށްލީ؟... ތިކަހަލަ ކަންތައްކުރާތީއޭ އަހަންނަށް ޒެވިންދެކެ ރުޅި އަންނަންޖެހެނީ... އަހަރެންގެ ފަހަތުން ނާންނާތި... އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން..."

ދައްކަން ބޭނުންވާ ވާހަކަތައް ބުނެފައި، އަހަރެން އުޅުނީ އެތަނުން ދާށެވެ. ޒެވިން އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ކައިރިއަށް ދަމާލިގޮތުން އަތަށް ތަދުވެސް ވިއެވެ. ވަގުތުން އަތް ދަމައިގަތީމެވެ. އަހަންނަށް ތަދުވީކަން އެނގުމުން ޒެވިން ދެރަވިއެވެ. އަތުގައި ހިފާލަން އުޅުނެވެ. އަހަރެން އަތުގެ އިޝާރާތުން އަތް ނުލުމަށް އެންގީމެވެ.

"ލިވީ އިހަށް މަޑުކޮށްބަލަ... އަހަރެންގެ ވާހަކަވެސް އަޑުއަހާލަބަލަ... ގޯސްވާހަކައެއް ނޫނޭ ބުނަން މިއުޅެނީކީ..." އަހަރެން ހިނގައިގަތުމުން ޒެވިން ބުންޏެވެ. މަޑުކޮށްލާފައިވެސް އަހަރެން ހިނގައިގަތީއެވެ. އެފަހަރު ޒެވިން އައިސް އެރީ އަހަރެންގެ ކުރިމައްޗަށެވެ.

"ލިވީ، ވިސްނަބަލަ، އެހާ ދުވަސްކޮށްފަ ކުއްލިއަކަށް ފައިސާ ހޯދަން އޭނަ އެ އުޅުނުގޮތާއި ދޭތެރޭ... ހަމަޖެހޭ މީހަކު އެވަރު ކުރާނެހެން ހީވޭތަ؟... ބަލާބަލަ އޭނައަށް... އެވަރުގެ މޮޔަކަމެއް ކުރާނެ ވައްތަރު އޭނަގެ ގައިގަ ޖަހާތަ؟..." ޒެވިން ބުންޏެވެ.

"ފޮތުގެ ބޭރުގަނޑަށް ބަލައިގެން ޖަޖް ނުކޮށްބަލަ..." ޒެވިން ދުރުކޮށްލާފައި ހިނގައިގަންނަމުން ބުނީމެވެ.

"އޯކޭ އެހެންވިއްޔާ، އޭނަ ކީއްވެ ދޮންބެގެ ފެމެލީއަށް ނުގުޅާ ކުއްލިއަކަށް ލިވީއަށް ގުޅީ؟..." ޒެވިން ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގެއްގައެވެ.

އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއަށް ރައްދު ދިނުމަށް އަނގަ ހުޅުވައިލާފައިވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ އަދި އަހަންނަށް ވިސްނައިލެވިފައި ނުވާ ކަމެކެވެ. ޒެވިން އެބުނިހެން ނިޔާލް އަހަންނަށް ގުޅީ ކީއްވެ ހެއްޔެވެ؟ ވިސްނަމުންދިޔަ ވަރަކަށް އެ ވާހަކަތަކުގައި ބުރަދަނެއް ހުރިކަމަށް ޤަބޫލުކުރެވުނެވެ.

"ލިވީ މިތާ މަޑުކުރޭ... އަހަންނަށް ހަމަ އެންމެ ފުރުޞަތެއް ދީ..." ކެފޭ އާއި ދިމާއަށް ހިނގައިގަންނަމުން، ޒެވިން ބުންޏެވެ.

ކެފޭގެ ތެރެއަށް ވަތް ބާރުމިނުގައި، ޒެވިން ނުކުތީ ނިޔާލް ގޮވައިގެންނެވެ. ފަހަތުން ޝާޔަންވެސް ނުކުތީ ދުވެފައެވެ. ނިޔާލްގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ ޢަޞަރެވެ. ޝާޔަންވެސް ކަންބޮޑުވެފައި ވީގޮތެއް އޮޅުންފިލުވަން އުޅެގަތެވެ.

"ނިޔާލް ކަލޭ ހީނުކުރާތި އެންމެންގެ ވިސްނުން އެހާ ކޮށިވެދާނެއޭ... އަހަންނަށް އެނގެއޭ މަޖުބޫރީއެއް އޮތީމަކަން ކަމެއް ތި ސިއްރުކުރަނީ... އެކަމަކު ކުރިމަތީގަ ތިހުރީ ނިޔާލްގެ ގާތް އެކުވެރިއެއް ކަމަށްވަންޏާ، އަވަސްކުރޭ، ހުރިހާ ވާހަކައެއް ކިޔައިދީ..." ނިޔާލްގެ ކޮނޑުގައި ޖަހާލަމުން ޒެވިން ވާހަކަ ދެއްކިއެވެ.

ނިޔާލް އިރުކޮޅަކު ވިސްނަން ހުއްޓެވެ. އަހަންނާއި ދިމާއަށް ބަލައިލާފައި އިސްޖަހައިލިގޮތުން އޭނަ ކަމެއް ސިއްރުކުރާކަން ޔަޤީންވިއެވެ. ޝާޔަންވެސް ނިޔާލްގެ ނަމުން ދެފަހަރަކު ގޮވާލިއެވެ. ހަޤީގަތެއް ސިއްރުކޮށްފައިވާނަމަ، އެކަމެއް ހާމަކުރުމަށް އޭނަވެސް އެދުނެވެ.

"ރަނގަޅު... އަހަރެން އެއްކަމެއް ސިއްރުކުރިން..." ނިޔާލްގެ ޖުމްލައިން މުޅިތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ.

ލިބުނު ސިހުމުގައި އެކަކަށްވެސް ބުނާނޭ އެއްޗެއް ނޭނގުނެވެ. ޒެވިން ނިޔާލްގެ ގައިން ދޫކޮށްލާފައި ދުރަށްޖެހިލިއެވެ. ހުއްޓުން އަރާފައި ހުރި ޝާޔަންއަށްވެސް ވީ އަހަންނަށް ވީވަރެވެ. ނިޔާލްއަށް ބަލައިލެވުނީ ނަފުރަތުން ފުރިގެންވީ ބެލުމަކުންނެވެ.

"އެކަމަކު އެއީ އަހަރެންގެ އަމިއްލަ ފައިދާއަށް ކުރި ކަމެއް ނޫން... އަހަރެން އެކަން ކުރީ، މަސްލަހަތަށް ވިސްނާފައި..." ނިޔާލް ދެން ބުނި އެއްޗަކުން އެންމެންނަށް އެއްފަހަރާ ސިހުމެއް ލިބުނެވެ.

"ލަޔާ... އަހަންނަކީ ދުވަހަކުވެސް، މީހުންގެ ކައިރިން ސަލާންޖަހަން ބޭނުންވި މީހެއް ނޫން... އެކަން ކުރަން އަހަރެންގެ ކައިރިން އެދުނު މީހަކީ، ރަވާންގެ ބައްޕަ... އަހަރެންގެ ނާޒުކު ޙާލަތުގެ ފައިދާ އޭނަ ނެގީ... މަންމައަށް ބޭސްކުރާނެ ފައިސާ ނެތިގެން އަހަރެން ފުރަތަމަ ދިޔައީ ރަވާންގެ ބައްޕަ ކައިރިއަށް... ވީޑިއޯތައް ދައްކާފަ ރީތިކޮށް ބުނިން ފައިސާގެ އެހީއެއް ވެދޭން... ފައިސާ ދޭން ނާޒިމްބެ އެއްބަސްވެސްވި... ފަހުން ނޭނގެ ކީއްވެކަމެއް އެޚިޔާލު ބަދަލުވީ... އަހަންނަށް ގުޅާފަ އެދުނީ އެގޮތަށް ކަންތައް ކުރަން... ކީއްވެ ކަމެއް އަހަންނަކަށް ކުޑަކޮށްވެސް، ނޭނގެ... ކުރެވުނު ކަންތަކާއި ވިސްނުމުން، މިއަދު ވަރަށް ދެރަވެ، ލަދުވެސްގަނޭ..." ނިޔާލް ދޫކޮށްލީ ފުން ނޭވާއެކެވެ. ދެރަވެފައި ހުރިވަރު އެ މޫނުމަތިންވެސް އެނގޭހައިވެއެވެ.

"ލަޔާ އައިމް ސޯ ސޮރީ..." ނިޔާލް އަނެއްކާވެސް މަޢާފަށް އެދެން ފެށިއެވެ.

ނިޔާލް އުޅުނީ އަހަރެންގެ އަތުގައި ހިފާލާށެވެ. އޭގެ ކުރިން ޒެވިން އެ އަތުގައި ހިފައި ދުރުކޮށްލައިފިއެވެ. ހީވީ އަހަރެންގެ ގައިގައި މީހަކު ބީހިލަންވެސް، އޭނަ ބޭނުން ނުވާ ހެންނެވެ.

"ތިކަމުގަ ނިޔާލްގެ މާބޮޑު ކުށެއް ނެތް... އެކަމް ހަޤީގަތް ސިއްރުކުރުންތީ މައްސަލައެއް... ތިކަމުގެ ސަބަބުން ކުރިއަށް އޮތްތާވެސް ކަންކަން ގޯސްކޮށް ހިނގާފާނެ..." ޒެވިން ވާހަކަ ދައްކަމުންދިޔައިރު، ހުރީ ނިޔާލްގެ ކޮނޑުމަތީގައި އަތް ބާއްވާލައިގެންނެވެ.

"ތޭންކް ޔޫ... ނިޔާލް ތޭންކް ޔޫ..." ނިޔާލްގެ ފައިދަށަށް ތިރިވިއިރު އަހަންނަށް ގިސްލާފައި ރޮވެނީއެވެ.

އެކަކަށްވެސް އަހަންނަށް ވީގޮތެއް ނޭނގުނެވެ. ނިޔާލް އުޅުނީ އަހަރެން ނަގާށެވެ. އޭގެ ކުރިން ޒެވިން އަހަރެންގެ ދެކޮނޑުގައި ހިފައި ނަގައިފިއެވެ.

"ނިޔާލް ނޫން އެހެން މީހެއްނަމަ، އަހަރެން މަރާލީސް ކަންނޭނގެ..." އަހަންނަށް އަނެއްކާވެސް ރޮވުނީއެވެ. ވާހަކައެއް ނުދެއްކުނެވެ.

ޝާޔަން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެފަދަ ކަމެއް ދިމާނުވާނެ ކަމަށްބުނެ، ވިސްނައިދިނެވެ.

"މީ ބައްޕަގެ ކަންތަކޭ..." ޒެވިން ރުޅި އައިސްފައި ބުންޏެވެ.

"ލިވީ، ރޯނެ ކަމެއް ނެތް... އާދޭ އަހަންނާއެކީ... ނިޔާލްވެސް އާދޭ..." އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޒެވިން އަމުރުކުރިއެވެ.

އައިސްފައި ހުރި ރުޅިގަނޑުގައި، ޒެވިން ދިޔައީ އޭނަގެ ބައްޕަގެ ގެއަށެވެ. ސައިކަލު ޕާކުކޮށްފައި އައިސް އަހަރެންގެ އަތުގައި ހިފާލައިގެން އޭނަ ހުރީ ނިޔާލްގެ އިންތިޒާރުގައެވެ. ނިޔާލް އައުމާއިއެކު، ގޭތެރެއަށް ވަނުމަށް ހިނގައިގަނެއްޖެއެވެ. އަހަރެން ނުދާން އުޅުމުންވެސް ޒެވިން ނުހުއްޓުނެވެ. ގޭގެ ދޮރު ހުޅުވާލާފައި ނާޒިމް ނުކުތީ، ޒެވިން ދޮރު ހުޅުވާލަން އުޅެނިކޮށެވެ. ނާޒިމްގެ ނަޒަރު ހުއްޓުނީ އަހަރެމެންގެ ގުޅި ލާމެހިފައިވާ އަތަށެވެ. އޭގެ ފަހުގައި ނިޔާލްއަށެވެ. އެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުމުގެ ޢަޞަރުން ހުރިހާ ކަމެއް އެނގި ހާމަވިއެވެ.

"ބައްޕާ... އަހަރެން ހިއެއް ނުކުރަން ބައްޕަ ތީ ތިހާ އަމިއްލައެދުން ބޮޑު މީހެއް ކަމަކަށް..." ޒެވިން ރުޅި އައިސްފައި ބުންޏެވެ.

ނާޒިމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ހީވާގޮތުން ޒެވިންގެ ފަރާތުން އޭނަ އެފަދަ ކަމަކަށް އުއްމީދެއް ނުކުރެއެވެ. އޭނަ ޒެވިންއަށް އަމުރުކުރީ އެތެރެއަށް ވަނުމަށެވެ. ޒެވިން އޭނާ ހުރިތަނުން ގުޑާވެސް ނުލިއެވެ.

"ކީއްވެ، ލިވީއަށް އެހެން ހެދީ؟... އަހަރެން ބައްޕައަށް ހާދަ އިޚްތިރާމެއް ކުރީމޭ... އެކަމަކު މިއަދު އެ އިޚްތިރާމް ގެއްލިއްޖެ..." ޒެވިންގެ ރުޅި ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.

"ޒެވިން ހަމަ މިހާރު ލިވިޔާ ގޮވައިގެން އެތެރެއަށް ވަދޭ... އާއިލީ މައްސަލަތަކުގެ ތެރެއަށް އިތުރު މީހުން ވައްދާކަށް އަހަރެން ބޭނުމެއް ނޫން..." ނާޒިމް ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އޭނަ ބަލައިލީ ކުރިމަތީގައި އިސްޖެހިފައި ހުރި ނިޔާލްއަށެވެ.

"އާއިލީ މައްސަލައޭ... ފުރަތަމަ ކަމަކަށް ބައްޕަ ޤަބޫކުރަންތަ، ލިވީއަކީ އާއިލާގެ މީހެއް ކަމަށް؟... އެހެން ނޫނަސް، ބައްޕައެއް ނޫންތަ އެހެން މީހުން މިކަމުގެތެރެއަށް ވެއްދީ... ދެން މިހާރު ކީއްކުރަން ތިއުޅެނީ؟... ނިޔާލް މިތަނުން ގޮސްގެން ނުވާނެ... ސަބަބު ނުބުނަނީހެއް އަހަރެން ބޭނުމެއް ނޫން ކުރިމަތީގަ ތިހުރި ގެއަށްވެސް ވަންނާކަށް..." ޒެވިންއަށް ރުޅިއައިސްގެން ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ.

އަހަރެން ހުރީ ޖެހިލުންވެފައެވެ. އެތަނުގައި ހުންނާކަށް ކުޑަކޮށްވެސް ބޭނުމެއް ނުވިއެވެ. ޒެވިންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ދިޔައީމެވެ. އެކަމަކު ޒެވިން އެފުރުޞަތެއް ނުދިނެވެ.

"މިދުވަސް އަންނާނެކަން ކުރިން އެނގުނުނަމައޭ ހިތަށް އަރާ..." ނާޒިމް ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތީގެ މާނައަކީ؟..." ޒެވިންއަށް ލިބުނީ ސިހުމެކެވެ. އެކަން އެނގުނީ އޭނަ ކުއްލިއަކަށް ހިމޭންވި ގޮތުންނެވެ.

ބުނެވުނު އެއްޗެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. ނާޒިމް ވަކި އެއްޗެއް ނުބުންޏެވެ. އޭނަ ޒެވިންއަށް ބަލަހައްޓައިގެން ހުރީއެވެ. ޒެވިންއަށް އެކަން ބަރުދާސްތެއް ނުކުރެވުނެވެ. އޭނަ މަޑުމަޑުން ކުރިއަށް ޖެހިލައިފިއެވެ. އަހަރެންގެ އަތުން ދޫކޮށްލިގޮތުން ހިތަށް ވެގެންދިޔައީ ނުބައި ގޮތެކެވެ.

"ބައްޕަ ތިބުނީ އަހަރެންގެ ފުރާނަ ސަލާމަތް ނުކުރެވުނުނަމައޭތަ؟..." ޒެވިންގެ އަޑު މަޑުވިއެވެ.

ޒެވިން ކުއްލިއަކަށް، މައްޗަށް މޫނު އުފުލާލައިފިއެވެ. ހުއްޓުން އަރާފައި އެގޮތުގައި، އިރުކޮޅަކު ހުއްޓެވެ. އެ ހަށިގަނޑުގެ ވަރު ދޫވެގެން ތިރިވިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެ އުނަގަނޑުގައި އަތް އަޅުވައިލެވިއްޖެއެވެ. އޭރު ޒެވިން ހުރީ މޭގައި އަތް އަޅައިގެންނެވެ. ރަތްވަމުންދިޔަ ދެލޯ ވަނީ ބޮޑުވެފައެވެ. އޮހޮރެމުންދިޔަ ކަރުނަތައް އެއްވެސް ރަޙުމެއްނެތި އެ ކޯތާފަތުގައި ބީހެމުން ދަނީއެވެ. ޒެވިންގެ ކަޅި މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. ކަރުބުޑުން ނުކުތީ ވޭނީ އަޑެކެވެ. އަހަންނަށް ރޮއެގަނެވުނެވެ. އެކަނި ޙާލަށް، ޒެވިން ހިފަހައްޓައިލެވޭގޮތެއް ނުވިއެވެ. ނިޔާލް އާއި ނާޒިމް ދުވެފައި އައީ އެކުއެކީގައެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. ޛހ

    When next part