loading ...
loading ...
ދަރިފުޅު

ދަރިފުޅު

16 comments

ދަރިންނަކީ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމަކީ އަހަރެމެން އެންމެންވެސް ކުރަންޖެހޭނެ ކަމެކެވެ. ގިނަ ފަހަރު އަހަރެމެންނަށް އެ އަމާނާތަށް އެންމެ ފުރިހަމައަށް ރައްކާތެރި އެއް ނުވެވެއެވެ. އިޙުމާލު ވެވުނު ކަން ވިސްނެނީ އެ ކުދިންނަށް ކޮންމެވެސް ދެރަ ކަމެއް ދިމާވުމުންނެވެ. އޭރު އޮންނަނީ ވަގުތު ފާއިތުވެފަ އެވެ. ލިބުނު ގެއްލުން އަނބުރާ އިޢާދަ ނުކުރެވި، މުޅި އުމުރަށް ރޯންޖެހިފަ އެވެ. އެކަމަކު އޭރުން އެ ކަރުނައިން ކުރާނެ ފައިދާއެއް ނޯވެ އެވެ.

އަހަންނާއި އަރުޝަދުގެ ކައިވެންޏަށް ފަސް އަހަރު ފުރުނު އިރުވެސް ދަރިއެއްގެ ނަޞީބެއް ނުލިބުނެވެ. ކައިވެންޏަށް އެއް އަހަރު ވީއްސުރެ، ދަރިއަކު ހޯދުމަށް އަހަރެމެން އައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ދެކެމުންދިޔަ ހުވަފެންތަކުގައި، ކުލަޖެހޭގޮތެއް ނުވި އެވެ. އެންމެފަހުން ޑޮކްޓަރީ ފަރުވާ ދޫކޮށްލާފައި ހިޖާމާ ޖެހީމެވެ. ބަދަލެއް ފެނުނީ އޭގެ ފަހުންނެވެ. މާތް ﷲގެ އިރާދަފުޅާއިއެކު، ތިން މަސް ފަހުން އަހަރެން އިނީ ޢަލަތު ދަރިފުޅަށް ބަލިވެ އެވެ.

ދަރިއަކު ލިބޭތީ އަހަރެން ހުރީ އުފަލުންނެވެ. އެ ތުއްތު ދަރިފުޅު ދެކެލާ ހިތުން ކެތްމަދުވެފަ އެވެ. އެ ދަރިފުޅު މިދުނިޔެއަށް ފުރަތަމަ ނޭވާލާ ދުވަހަކީ އަހަރެންގެ ޙަޔާތުގައި އަންނާނޭ އެންމެ އުފާވެރި ދުވަހެވެ. އަޅަމުންދާ ވޭނާއި އުފުލަންޖެހޭ ތަކުލީފު ތަކަކީ އެ އުފާވެރި ކަމާއި ބަލާފައި އެއްވެސް އެއްޗެއް ނޫނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އަހަރެންގެ އިންތިޒާރަށް ނިމުން އައިސްފި އެވެ. ދުވަސްފުރައި އަހަރެން ވިހެއީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އެ ތުއްތު މޫނުކޮޅު ފެނުމުން، ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނު ކަމުގެ އިޚްސާސް ކުރެވުނެވެ. ލޯބިން ހިތް ފުރިގެން އައެވެ. ޖަޒުބާތުގައި ޖެހި، އަހަރެންގެ ދެލޯ ފުރާލީ އުފާވެރިކަމުގެ ކަރުނައިންނެވެ.

އަހަރެންގެ ކުރިމަތީގައި ދަރިފުޅު ބޮޑުވަމުން ދިޔައީ، ހީވެސްނުކުރާހައި އަވަހަށެވެ. ލޮލުގެ ކޮއި ފަދައިން ލޯބިން ގެންގުޅުނު ދަރިފުޅަށް ހަތަރު އަހަރު ފުރިއްޖެ އެވެ. މަންމަ އާއި ބައްޕަ ނެތި، ދުވަހަކު ވެސް އެކަނި ޙާލަށް ގެއިން ނުނެރޭ ދަރިފުޅު، އިސްކޫލަށް ފޮނުވަން ޖެހުނީ އެވެ. ފުރަތަމަކޮޅު ހިތް ނުތަނަވަސް ވިޔަސް، ފަހުން ހަމައަކަށް އެޅުނެވެ.

އަހަންނަކީ ރަސްމީ އިދާރާއެއްގެ އިސް މަޤާމެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. ދުވަސް ފެށެނީ އެހާމެ ބުރަ ތާވަލަކުންނެވެ. ދަރިފުޅު އިސްކޫލަށް ލާފައި އައިސް އޮފީހަށް ދިޔުމުގެ ކުރިން ގޭތެރޭގައި ކުރަންޖެހޭ ކަންކަން ނިންމައިލެވެނީ ކިރިޔާ އެވެ.

އާދައިގެ މަތިން ދަރިފުޅު ބަލައި އިސްކޫލަށް ދާން އޮފީހުން ނުކުތީމެވެ. އޮފީހުން ބޭރަށް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ. ސެކްޝަނުގައި އަހަރެންގެ ދަށުން މަސައްކަތް ކުރާ ރައުހާ ދުވެފައި އައެވެ. އައި އިރު، މާނޭވާ ލެވޭ ވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކެ އެވެ. ރައުހާ ދިނީ އަހަރެން ހީކުރި ވަރަށްވުރެ، މާ ނުރައްކާތެރި ޚަބަރެކެވެ. ބަޔަކު އަހަރެން ޙަވާލުވެ ހުރި ތިޖުރީ ފަޅާލީ އެވެ.

އަހަންނަށް ލިބުނީ ސިހުމެކެވެ. އަހަރެން ނުކުތް އިރުވެސް، އެކަހަލަ އެއްވެސް ކަމެއް ނުވެ އެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ވަރުގެ ކަމެއް ކުރެވޭނީ ތަނުގެ މުވައްޒަފަކަށް ކަމުގައި ހިތް ބުންޏެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ރައުހާގެ ފަހަތުން އޮފީހަށް ވަނީމެވެ. ދެތިން މިނެޓް ތެރޭގައި ފުލުހުން ވެސް އަތުވެއްޖެ އެވެ.

ދަރިފުޅު ޔޫމީ ބަލައި އިސްކޫލަށް ދާންޖެހޭ ކަން ހަނދާންވީ، އިސްކޫލް ނިމޭ ގަޑި ޖެހެން، ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ފުލުހުންގެ ތަހުޤީގު ކުރިއަށް ގެންދަނިކޮށް އޮފީހުން ނުކުމެވޭކަށް ނެތެވެ. އަރުޝަދަށް ގުޅަން އުޅެފައި ވެސް ޙާލަތުގެ ގޮތުން އެ ޚިޔާލު ދޫކޮށްލީމެވެ. އަރުޝަދަކީ ފޯނަށް ސަމާލުކަން ދޭ މީހެކެވެ. ޚާއްސަކޮށް ފޯނަށް އަންނަ މެސެޖު ތަކަށެވެ. އެހެންވެ، ދަރިފުޅު ގެއަށް ގެންގޮސްދިނުމަށް އެދި، މެސެޖެއް ލިޔެފައި ފޮނުވައިލީމެވެ.

ތަނުގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި ވައްކަން ކުރި މީހަކު ދެނެގަންނަން މާ ގިނަ ވަގުތު ތަކެއް ހޭދަ ކުރާކަށް ނުޖެހުނެވެ. ނަޞީބު ރަނގަޅެވެ. އެކަން ކުރީ އަހަރެންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެކެވެ. ކުއްލިއަކަށް ފުލުހުން އައުމުން، އޭނަ އެ ހުރިހާ ފައިސާ އެއް ފޮރުވާފައި ހުރީ ސެކްޝަނުގައި ހުރި ކަބަޑެއްގެ ތެރޭގަ އެވެ. ތަހުޤީގުގެ ހުރިހާ ކަމެއް ނިމުނު އިރު، އަހަރެން ހުރީ ވަރުބަލި ވެފަ އެވެ.

އެހެން ދުވަސްދުވަހާއި ޚިލާފަށް އަހަންނަށް ގެއަށް ދެވުނީ އިރު އޮއްސެން އުޅެނިކޮށެވެ. ގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ ހިތް ތެޅިގަތީ ގޭތެރެ ހިމޭންވެފައި އޮތުމުންނެވެ. އެއްވެސް މީހަކު ނޫޅޭ ކަން އެނގުނީ، ގޭތެރެ ފެންނަން އޮތްލެއް އަނދިރި ކަމުންނެވެ. އެ ވަގުތަކީ އެކަކު ވެސް ބޭރަށް ދާނެ ވަގުތެއް ނޫނެވެ. އިރު އޮއްސޭ ވަގުތު ޔޫމީ ހުންނާނީ ނަމާދު ކޮށްގެން ޤުރުޢާން ކިޔަވަން ތައްޔާރު ވެގެންނެވެ.

އަހަރެން ހާސްވެގެން ތެޅިގަތީމެވެ. އަރުޝަދުގެ ފޯނަށް ގުޅިއިރު ފޯނު އޮތީ ނިވާލާފަ އެވެ. ރޮމުން، ދަރިފުޅުގެ ނަމުން ގޮވަން ފެށީމެވެ. މުޅި ގޭތެރެ ހޯދި އިރުވެސް އެ ދަރިފުޅެއް ނުފެނުނެވެ. ސްކޫލަށް ގުޅުމުން ލިބުނީ އަހަރެން ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ. ދަރިފުޅު ދިޔައީ އޭނަގެ ބޭބެ އަކާއި އެކުގައި ކަމަށް ބުނުމުން އަހަރެންގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދަތުރު ކޮށްލި އެވެ.

"ޔޫމީގެ ބޭބެ އެއް ނުހުންނާނެ... ކާކާ އެކީހޭ ދިޔައީ؟..." ހާސްވެފައި ހުރި ވަރުން އަހަރެން ރުޅި ގަދަވާ ގޮތްވި އެވެ.

"މެދު އުމުރުގެ ފިރެހެނަކު އައީ... އެއީ މިރަށު މީހެއް ނޫން... އަޅުގަނޑު ހީކުރީ ޔޫމީގެ ބޭބެ ކަމަށް..." މުދައްރިސް ވަރަށް ދެރަވެލާފައި ބުންޏެވެ.

"ހީކުރީ އޭ... ބަލަ ކުޑަ ކުއްޖެކޭ އެއީ... މީހަކާ އެއްކޮށް ފޮނުވާލުމުގެ ކުރިން އަހަންނަށް ގުޅާނުލީ ކީއްވެތަ؟..." ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެފައި އަހަރެން ފޯނު ކަނޑާލީ އެވެ.

ޔޫމީ ގޮސްދާނެހެން ހީވާ ހުރިހާ ގޭގެއަށް ގުޅައިގެން ސުވާލު ކުރީމެވެ. ލިބުނީ މާޔޫސް ކަމެވެ. ޔޫމީ ދިޔައީ ކާކާއި އެކީ، ކޮން ތާކަށް ކަން އެނގޭ ހަމަ އެކަކު ވެސް ނެތެވެ.

އަރުޝަދު އައިސް ގެއަށް ވަނީ އަހަރެން އެފަދަ ހާސްކަމެއްގެ ތެރޭގައި ވަގުތުތައް ހޭދަކުރަމުން ދަނިކޮށެވެ. އަހަރެން ދުވެފައި އަރުޝަދުގެ ކައިރިއަށް ދިޔައީމެވެ. ދަރިފުޅު ހުރިތޯ ބެލީމެވެ. ނެތެވެ. އަރުޝަދު އައީ ހުސްއަތާ އެވެ.

"ޔޫމީ ކޮބާ؟... ޔޫމީ ކޮބާ ހޭ؟..." އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ.

ރޮއެރޮއެ އަހަރެންގެ ދެލޯ ވަނީ ރަތްވެފައެވެ. ވާހަކަ ދައްކާނޭ ހިތްވަރުވެސް ގަޔަކު ނެތެވެ. އަރުޝަދު ހައިރާންވެފައި، އަހަރެންގެ ދެކޮނޑުގައި ހިފަހައްޓާލި އެވެ.

"މަރީ... މަރީ... ހަމަޖެހިބަލަ... ޔޫމީ އަށް ކިހިނެތް ވީތަ؟..." އަހަރެންގެ ދެކޮނޑުގައި ހިފައި ތަޅުވައިލަމުން އަރުޝަދު ބުންޏެވެ.

އަރުޝަދުގެ ރާގު ހުރިގޮތުން، އަހަރެންގެ ހިތް ތެޅިގަތީ އޮބި ނޯންނަ ވަރަށެވެ. ދެލޯ ބޮޑުކޮށްގެން އަރުޝަދަށް ބަލަން އަހަންނަށް ހުރެވުނެވެ.

"ކީއްވެ ޔޫމީ ބަލާ ސްކޫލަށް ނުދިޔައީ؟... ނޫނީ އެއީ އަރުޝަދު ފޮނުވި މީހެއްތަ؟..." އަރުޝަދުގެ ގަމީހުގައި ހިފައިގަންނަމުން އަހަންނަށް ސުވާލު ކުރެވުނެވެ.

"ކީކޭތަ މަރީ ތި ކިޔަނީ؟... މަރީ އާއި އެކުގައެއްނު ޔޫމީ ކޮންމެ ދުވަހަކުވެސް ގެއަށް އަންނަނީ..." އަރުޝަދުގެ ޖުމްލަ އަޑު އިވުމުން އަހަރެންގެ ހަށިގަނޑުގެ ވަރު ދޫވި އެވެ.

"އަރޭ އަހަންނާ ސަމާސާ ކުރަނީދޯ... ބުނޭ ސަމާސާ ކުރަނީއޭ... އަހަރެން މެސެޖުކުރީމެއްނު... ބުނީމެއްނު ޔޫމީ ގެނެސްދޭށޭ..." އަހަންނަށް އަނެއްކާވެސް ރޮވުނީ އެވެ.

"އަހަންނަށް ކިހިނެތްތަ މެސެޖު ފެންނާނީ... ފޯނު ހަލާކުވެފަ އޮތްކަން މަރީއަށް ހަމަ ރަނގަޅަށް އެނގޭނެ..." އަރުޝަދު ހިތްހަމަނުޖެހުނެވެ. އަހަރެންގެ ދެ އަތުގައި ހިފައި ދުރުކޮށްލި އެވެ.

އަހަރެން ތެޅިގަތީމެވެ. އަނެއްކާ ވެސް އިސްކޫލަށް ގުޅީމެވެ. ލިބުނީ ހަމަ ކުރިން ވެސް ލިބުނު ޖަވާބެވެ. ޔޫމީ ދިޔައީ ކޮންތާކަށް ކަން ބުނެދޭކަށް އިސްކޫލުގެ ޓީޗަރުންނަކަށްވެސް ނޭނގުނެވެ. ކޮންމެ މީހަކުވެސް ތެޅިގަތީ ޔޫމީގެ ޚަބަރެއްނުވެ ގިނައިރުވި ކަން އެނގުމުންނެވެ. އަހަރެންގެ ދެލޮލުން ކަރުނަ ނުހިކެ އެވެ. ދަރިފުޅު ހެޔޮ ޙާލުގައި ލެއްވުން އެދި ދުޢާ ކުރެވުނު ޢަދަދުވެސް ނޭނގުނެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅުނެވެ. ކަމާއިބެހޭ އެންމެން ޙާޟިރުކޮށް ސުވާލު ކުރަން ފެށި އެވެ. ރޮވޭވަރުން ތަހުޤީގުގައި ޖަވާބުދާރީވާން އަހަންނަށް ދަތިވި އެވެ. އާދޭސް ކުރެވެމުންދިޔައީ އެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދި އެވެ.

ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ޔޫމީ ހޯދުމުގެ މަސައްކަތް ފެށި އެވެ. ފަޅުގެ ތަކާއި، ރަށުގެ މީހުން ނޫޅޭ ހިސާބު ބަލައި ފާސްކުރި އެވެ. ޔޫމީ ފެނުނީ އަނެއް ދުވަހުގެ އިރު އޮއްސުނު ފަހުންނެވެ. ރަށުގެ އެންމެ ޖަންގަލި ބޯ ގަސްތަކުގެ ތެރޭގައި އެއްލައިލާފައި އޮއްވަ އެވެ. މުޅި ހަށިގަނޑުގައި އަނިޔާގެ ނިޝާންތަށް ވިއެވެ. ލައިގެން އޮތް އަންނައުނުވެސް ވަނީ ވީދާލާފަ އެވެ. ލެއިން ތަތްތެޅިފައިވާ އެ ހަށިގަނޑު ފެނުމާއިއެކު އަހަރެންގެ ޙަބަރު ހުސްވި އެވެ.

********

ޔޫމީގެ ޙާލު ނާޒުކެވެ. އެތައް އޮޕަރޭޝަންއެއް ކުރަން ޖެހުނެވެ. ފުރާނަ ސަލާމަތް ކުރެވޭނޭ ކަމުގެ އުއްމީދު ވަރަށް ވެސް ކުޑަ އެވެ. އަހަރެންގެ ދެފައި އެއްތާކު ނުޖެހެ އެވެ. ހޮސްޕިޓަލުގެ އެކި ކޮޅުކޮޅަށް ދުވެލަ ދުވެލައި އަހަރެން ހުރީމެވެ. އަހަންނަށް ހިތްވަރުދޭން ހުރިނަމަވެސް އަރުޝަދުގެ ޙާލަކީވެސް އެއީ އެވެ. ތަފާތަކީ އަހަރެން ފަދައިން ކަރުނައަޅައި ނުރޯ ކަމެވެ.

"އަހަރެން ދެން ކިހިނެތް ހަދާނީ... މީ އަހަރެންގެ ކުށް... އަހަރެންގެ އިޙުމާލު... އެގަޑީ ދަރިފުޅު ބަލައި އެތަނަށް ދެވުނުނަމަ، މިހެނެއް ނުވީސް..." އަހަންނަށް ރޮވެނީ އެވެ. ހިތުގެ ޝަކުވާތައް ބޭރުކުރެވުނީ އަރުޝަދުގެ ދެ އަތުގެ ހިމާޔަތުގެ ތެރޭގައި ހުރެ އެވެ.

"މަރީ... އިންސާނުންވީމަ ކުށްވެސް ކުރެވޭނެ... މީ ހަމައެކަނި މަރީގެ ކުށެއްވެސް ނޫން... އަހަރެންގެ ކުށްވެސް މިކަމުގައި އެބައޮތް... ސްކޫލުގެ އިޙުމާލު ވެސް އެބަ އޮތް... ދަރިފުޅުގެ ކަންކަން އަހަންނަށް ވެސް ގާތުން ނުބެލުނީމަ މިހެން މި ދިމާވީ... މިކަންކަމާ މިހާރު ވިސްނައިގެން ކުރާނެ މާބޮޑު ފައިދާއެއް ނެތް... ދެން އޮތީ ދަރިފުޅަށް ދުޢާކުރުން... ޙެޔޮ ޙާލުގައި އެނބުރި އާދޭތޯ ދުޢާ ކުރުން ނޫން ގޮތެއް ނެތް..." އަރުޝަދު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލި އެވެ.

އަހަރެމެންގެ އިންތިޒާރު ނިމުމަކަށް އައީ ދެ ދުވަސް ފަހުންނެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވުނެވެ. އެހެނަސް މިއަދު އެ ދަރިފުޅަކީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެކެވެ. ދުޅަހެޔޮ ރަނގަޅަށް ސިއްހަތެއްގައި ހުރެގެން އުފާވެރި މާޙައުލެއްގައި ބޮޑުވަމުން އައި ކުއްޖެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ އެންމެ ހާދިސާ އަކުންނެވެ.

ޔޫމީގެ ލޮލުގެ ފެނުން ގެއްލުނެވެ. ވާހަކައެއް ނުދެއްކެ އެވެ. ނުހިނގެ އެވެ. މީހަކު އެއްޗެކޭ ކިޔަސް އަޅާލާކަށް ނޭނގެ އެވެ. އެ އަޑު އިވޭ ހެންވެސް ހީނުވެ އެވެ. މީހަކާއި ދިމާއަށް ބަލައިވެސް ނުލަ އެވެ. ކާންދޭން ޖެހެނީ ހޮޅިންނެވެ. މިދުނިޔެއަށް ނޭވާލިޔަސް، އެ ފުރާނަ ހަށިގަނޑާއި ވަކިވެފައިވާ ކަހަލަ އެވެ.

"މަންމަގެ ދަރިފުޅާ... މަންމައަށް މަޢާފު ކުރޭ..." ދަރިފުޅުގެ ގައިގައި ބައްދާލަމުން އަހަންނަށް ބުނެވުނުހާވެސް އެއްޗަކީ އެއެވެ.

އަހަރެންގެ ހިތް ފަޅައިގެން ދަނީ އެވެ. ލޮލުން ކަރުނަ ހުސްވާ އެންމެ ހިނދުކޮޅެއް ވެސް ނާދެ އެވެ. އަރުތެރެ ވަނީ ހިކިފަ އެވެ. މީހަކާ ވާހަކަ ދައްކާނޭ ހިތްވަރެއް ނުހުރެ އެވެ. ދަރިފުޅަށްވުރެ އަހަރެންގެ ޙާލު ބޮޑެވެ. އެކަނި ބިތްޖެހިފައި ތަންތަނުގައި އިނދެވެނީ އެގޮތް ބޭނުންވާތީކީ ނޫނެވެ. ދަރިފުޅު އުޅޭ ޙާލު ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފުޞު ކުށްވެރި ކުރެވޭ ވަރުންނެވެ.

2 އަހަރު ފަސް

އަހަރެން އިނީ ޙަބަރު ބަލާށެވެ. ކައިރީގައި ހަ އަހަރުގެ ޔޫމީ އިނެވެ. އެ މޫނުމަތީގައި މާ ބޮޑު ޢަޞަރެއް ނެތެވެ. ކުޅޭ އެއްޗަކަށް ގޮސް ގެއްލިފައި އިންއިރު، ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއް ނޭނގޭ ކަހަލަ އެވެ. ކުއްލިއަކަށް ޓީވީއިން ކިޔަންފެށި ޙަބަރަކުން އަހަރެންގެ ސަމާލުކަން ޓީވީއަށް ހުއްޓިއްޖެ އެވެ. އެއިން ދައްކާފައިވަނީ މެދު އުމުރުގެ ފިރެހެނެއްގެ ތަސްވީރެވެ. އެއީ އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލި ނުބައި އިންސާނާގެ ތަސްވީރެވެ. ޙަބަރުގައި ކިޔަމުން ދިޔައީ އެ މީހާ ހައްޔަރުކުރެވުނު ވާހަކަ އެވެ.

އަހަރެންގެ ލޭ ކެކިގަތެވެ. ބޭނުންވީ އެމީހާއަށް މަރުގެ އަދަބު ދޭށެވެ. ދެން ދުވަހަކުވެސް ކުއްޖަކާއި ދިމާއަށް އެފަދަ ނަޒަރަކުން ބަލައިވެސް ނުލާވަރު ކުރާށެވެ. އެކަމަކު އަހަރެން ބޭނުންވާ ކޮންމެ ކަމެއް ނުވާނެ އެވެ. ދުނިޔެމަތީގައި އިންސާފު ނުލިބުނަސް، އިންސާފު ލިބޭނޭ އެހެން ދުވަހެއް އެބަ އޮތެވެ. އެ ދުވަހަކުން އެ މީހަކަށް ނުފިލޭނެކަން ޤައިމެވެ.

ޔޫމީ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ ނަޒަރު ހުއްޓިފައިވީ ޓީވީއަށެވެ. ޓީވީގެ ސްކްރީނުން ފެންނަމުންދިޔަ ތަސްވީރު ފެނި، ބިރުން އެ ހަށިގަނޑު ވެސް ތުރުތުރު އަޅައެވެ. އަހަންނަށް ދަރިފުޅުގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ޔޫމީ ރޮއެރޮއެފައި އެދުނީ ޓީވީ ނިވާލުމަށެވެ.

މިއަދު ޔޫމީއަށް ވާހަކަ ދެއްކެ އެވެ. ދެލޮލުގެ ފެނުން އަނބުރާ އައިސްފި އެވެ. ހިނގާބިނގާވެ އުޅެވެ އެވެ. އެހެނަސް، އެތެރެހަށީގައި ޖެހިފައިވާ ލައްގަނޑު ފިލައިގެނެއް ނުދިޔަ އެވެ. ނަފުސާނީގޮތުން އެ ތުއްތު ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް ޢަޞަރުކޮށްފަ އެވެ.

ކުރާނީ ކީއް ހެއްޔެވެ؟ ދަރިފުޅު އެނބުރި އަހަރެންގެ ޙަޔާތަށް އައުން އެއީ އަހަންނަށް ލެއްވި ރަޙުމަތެކެވެ. ކޮންމެ ޙާލެއްގައިވެސް އަހަރެން އެ ދަރިފުޅު ބަލާނަމެވެ. މިއަދު އަހަންނަށް ކުރެވޭނެ ކަމަކީ ދަރިފުޅު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމެވެ. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވޭތޯ ބެލުމެވެ.

އަހަރެން ވަޒީފާއިން ކެނޑުނީމެވެ. މުޅި ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރުމަށް ޓަކައެވެ. އަހަރެންގެ އުއްމީދަކީ އަހަރެންގެ ދަރިފުޅަށް ދިމާވި ކަހަލަ ބިރުވެރިކަމެއް އެހެން ކުއްޖަކަށް ދިމާ ނުވުމެވެ. އެކަމަށްޓަކައި ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާ ވެސް ކުރަމެވެ.

ދިރިއުޅުމުގައި އަހަންނަށް ހެދުނު ކުޑަކުޑަ ގޯހެއްގެ ސަބަބުން އަހަރެންގެ ކުޑަ ދަރިފުޅުގެ މުޅި ދިރިއުޅުން ބަނަވީ އެވެ. ހަމައެކަނި ދަރިފުޅުގެ އެއް ނޫނެވެ. އެކަމުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމަށް ވެސް އޭގެ ޢަޞަރު ކޮށްފި އެވެ. ދަރީންގެ ކަންކަމަކީ އަހަރެމެން ފަރުވާކުޑަކޮށް ދޫކޮށްލަންވީ ވަރުގެ ކަންކަމެއް ނޫނެވެ. ކިތަންމެ ކުޑަ ކަމަކުންވެސް މުޅި ދިރިއުޅުން ނޭނގޭ ފުންމިނެއްގެ ތެރެއަށް ވެއްޓިދާނެ އެވެ. ދިރިއުޅުމުގައި އަހަންނަށް ދަސްވި އެންމެ މުހިއްމު ކަމަކީ ގެއްލިއްޖެ ވަގުތެއް އަނބުރާ އިޢާދަ ނުކުރެވޭނޭ ކަމެވެ. ވަގުތަކީ އެންމެ އަގުބޮޑު ޖަވާހިރެވެ.

(ނިމުނީ)

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

16 ޚިޔާލު

 1. އަހުސަން

  މާޝާﷲ ވަރަށް ސަޅި ވާހަކައެއް ރީތި ހަމައަސްލުވެސް މިވާހަކ ކިޔާފަ މަށައް ހަމަ އަސްލުވެސް ދެރަވެއްޖެ

  • އޭޝް

   Thank u so much dear 😊❤

 2. Sheen

  Alheyyyyy 😭😭😭😭😭😭😭💔💔💔💔💔💔💔💔💔💔 SPEECHLESS 😢😢😢😢😢😢😢😢😢 nukiyigen ethah faharaku huttaalan jehunu. Hama kuriah nugendhevigen roveythee.. Hithah baaruve mey fithey kahala gotheh vanee 😭😭😭😭😭😭😭 hama heevanee e kujjaafulhu lolah fennahen. E oiy haalu💔💔💔💔💔💔💔💔💔💔💔💔 Vvvvvv reethi. Vvvv molhu sifakurunthah. Ibaaraaiythahves ehaa emotional vefa hiygaimu 💜💙💚💛🧡❤️💜💙💚💛🧡❤️💜💙💚💛🧡❤️💜💙💚💛🧡❤️💜💙💚💛🧡❤️💜💙💚💛🧡❤️💜💙💚💛🧡❤️💜💙💚 Mie mi mujuthamaugai hingaa ekamaku kommes sababakaa hure sirru kuramun anna hithaamahuri nurakkaatheri kameh 💘💘💘💘💘💘💘💘💘💘💘 Mikahala muhimmu maulhoo akah vaahaka eh genes dhineethee vvv ufaakuran. 💜💜💜💜💜💜💜💜💜💜💙💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💛💛❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Mujuthamau heyluntheri kuranvefa oiy kameh. Mi vaahakaige sababunves ethah bayakah iburatheh libigen dhaanekan kashavaru💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚 Vvvvv molhu. Liyuntherikanves hama vv perfect. Dhivehi bahah v bodah iskandheegen liyefa hurikan faahaga kollan 💓💓💓💓💓💓💓💓💓💓💓💓💓🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 Eysh favorite vanee hama best veemaey hurihaa gothakun ves. You are the best writer. Lysm 💓💓💓💓💓💓💓💓💓💛💛💛💛💛💛💛💛💙💙💙💙💙💙💙😍😍😍😍😍😍😘😘😘😘😘😘😘 Mie hama eysh ge reethi reethi vaahaka thakuge thereah anekkaves ithuruvi reethi nala bolheh💓💓💓💓🧡🧡🧡💚💚💓💛💙💚❤️💜🌹💚🧡💜🌹❤️😘😍😍😘

  • އޭޝް

   Thank u so much 😊❤

  • Kairaa

   Speechless…..varah varah reethi….varah furihama…..mi vhk kiyaafa hama rovihjje😭😭😭😭….ehaame furihama sis liyaa hurihaa vhk eh vx….lysm sissssss….

 3. Aana

  Vrh kamudhiya mivaahaka ves, miee mainbafainnah dheynjehey enme rangalhu filaavalhu,eysh full name akee yashfa hussain tha? Eysh , u are the best story writer of mine😘😘😀😁

  • އޭޝް

   Yes.. Thank u so much dear 😊❤

 4. ލަމް

  މާޝާﷲ ހާދަ ފުރިހަމަ ރީތި ވާހަކައެކެވެ. ހާދަ އަސަރެއް ކުރިއެވެ. ނުރޯން ވަރަށް ހިތްވަރު ކުރީމެވެ. އެހެނަސް މި ހިތަކަށް ކެތެއްނުވިއެވެ. ހާދަ އިބުރަތްތެރި މެސެޖެކެވެ. ހިތްތައް ޒަހަމްވާނެކަން ޔަގީނެވެ. ވަރަށް ހިތްގައިމެވެ. އިންތިހާއަށް ޝައުގުވެރިއެވެ. އޭޝް ވަރެއް ނެތެވެ. އޭޝްގެ މިކަހަލަ ރީތި ވާހަކަ އަކަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

  • އޭޝް

   Thank u so much dear 😊❤

 5. Dhimy

  Varah asarugadha vaahaka eh .. lolun karunaaasfi 💔 varah rythi varah iburaitheri vaahaka eh ❤💚

  • އޭޝް

   Thank u so much dear 😊❤

 6. Kairaa

  Speechless…..varah varah reethi….varah furihama…..mi vhk kiyaafa hama rovihjje😭😭😭😭….ehaame furihama sis liyaa hurihaa vhk eh vx….lysm sissssss….

  • eysh

   Thank u so much dear 😊❤

 7. Livy

  masha allah

  • eysh

   Thank u so much dear 😊❤

 8. Saana

  އަޅޭ😢😢😭😭💔💔kiyaa rahumkuda ae kann hingaa guiii