loading ...
loading ...
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް "ކޮރޯނާ" ދޭ އިންޒާރު އަޑުއަހާ!

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް "ކޮރޯނާ" ދޭ އިންޒާރު އަޑުއަހާ!

0 comment

އަޑުއަހާށެވެ. 2019 ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީއިން، އަލިފާންގަނޑެއްހާ ބާރުމިނުގައި ފެތުރިގެން މިދާ އާލަމީ ބޮޑުވަބާ ރާއްޖެ އަތުވެއްޖެއެވެ. ބަލި ފެތުރެން ފެށިތާ އަދިމިވީ އެންމެ 4 މަހެވެ. ގުރާފުގެ ބޮންތި ތިރިވާކަށް ނޫޅޭއެވެ. މިހާތަނަށް 7905 މީހުން މިބަލީގައި ދުނިޔެ ދޫކޮށްފިއެވެ. 197،146 މީހުންނަށް މިބަލި ޖެހިއްޖެއެވެ. މިބަލީގެ އިންޒާރު އެންމެ ވަރުގަދަޔަށް ދެވޭ އެއްބަޔަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ.

ކޯވިޑް-19 އާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގައި އެންމެ އިސްސަފުގައި މިވަގުތު ވެސް ހަރަކާތްތެރިވަމުންގެންދަވާ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު މުޙައްމަދު އަލީ ވިދާޅުވަނީ" ކޯވިޑް 19 ޖެހުމުން ބަލިހާލު ސީރިއަސްވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން ސިނގިރޭޓު ބުއިމާއި ވޭޕް ކުރާމީހުންނަކީ މިބަލިން މަރުވުމުގެ ފުރުސަތު ބޮޑު ބައެކެވެ." އަދިވެސް ހޭލާކަށް ނުވޭތޯއެވެ. ޚާއްސަކޮށް ސިއްޚީ މާހިރުން ދެއްވާ މިފަދަ އިރުޝާދުތަކުން ހިތްވަރު ލިބިގަނެގެން، ދުންފަތާ ދުރުވާންވީ ވަގުތު އަދިވެސް ނުޖެހޭތޯއެވެ؟

ފެނިގެންދަނީ ވަރަށްވެސް ހިތާމަވެރި މަންޒަރެކެވެ. މަގުމަތީގަޔާއި، އާންމުން އެއްވެ އުޅޭ ތަންތަނުގައި ތިބެ، އަނގަމަތީ އަޅާފައިވާ މާސްކު ނަގައި ދަތްދޮޅީގައި އަޅުވާލައިން ތިބެ ސިނގިރޭޓު ބޮމުންދާތަނެވެ. މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ އަންހެނުންނާއި، ކުޑަކުދިންނާއި މާބަނޑުމީހުންވެސް މި ނުރައްކަލުގައި ބައިވެރި ކުރަމުންނެވެ. މިފަދަ މީހުންގެ ކިބައިން މިސާލު ލިބިގަނެގެން ދެންތިބޭ ބިދޭސީންވެސް މިގޮތަށް އަމަލު ކުރަމުންދަނީއެވެ. ކަންމިހެން ހުރިއިރު މިއީ ދެވޭ އަނިޔާއެކޭ ނުބުނެވޭނެތޯއެވެ! ދުވާރު މަތީގަޔާއި ގޭގޭގެ ސިޓިންގ ރޫމުތަކުގައި އަދި އެނޫންވެސް އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ހަޤީގަތުގައިވެސް ދެންތިބޭ މީހުންނަށްވެސް ދެވޭ އަނިޔާއެކެވެ.

އެނގޭހެއްޔެވެ! ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ދިހަ ބަލިތަކުގެ ތެރެއިން ފުރަތަމަ ނުވަ ބަލީގެ ސަބަބަކީ ދުންފަތެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހިމެނެއެވެ. ގައިން ގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މިހާ ގިނަވެގެންދާ ސަބަބަކަށް ވެސް ވަނީ ދުންފަތެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އިތުރުވުމެވެ.

ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ފުއްޕާމޭގެ ކެންސަރެވެ. ތަރައްޤީ ވަމުން އަންނަ ޤައުމު ތަކުގައި ބަލި މީހުން މަރުވާ ނިސްބަތައް ބަލާއިރު އެންމެ ގިނައިން މަރުވަނީ ފުއްޕާމޭގެ ކެންސަރު ޖެހިގެންނެވެ. ދެންވެސް ސަބަބަކަށް ވަނީ އާންމުކޮށް ދުންފަތުގެ އިސްތިޢުމާލު ކުރުމެވެ.

ސިނގިރޭޓުން އަރާ ދުމުގައި އެއްހާހަށް ވުރެއް ގިނަ ކެމިކަލް މާއްދާތައް އެކުލެވިގެން ވާއިރު، އޭގެ ތެރެއިން 50 ކޮމްޕައުންޑަކީ ކަނޑައެޅިގެން "ކާރސިނޯޖަންސް" ކަން ޔަގީންވާކަމަށް އެމެރިކާގެ "ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓް" އިން ބުނެއެވެ. ކާރސިނޯޖަންސް އަކީ އޭގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކަށް ކެންސަރުގެ އަސަރުކުރުވާ މާއްދާތަކެވެ.

ދުވާލު ހަތަރުދަމު މަސައްކަތްކޮށްގެން ހޯދާ ލާރީގައި އަލިފާން ޖެހުމެކޭ ސިގިރޭޓު ބުއިމެކޭ ތަފާތެއް ނެތެވެ.

ކޮންމެއަކަސް ދުންފަތުގެ ނުރައްކާ އިންތިހާއަށް ބޮޑުކަން އެނގޭއިރުވެސް މިކަމާ ދުރުނުވެވިގެން އުޅޭ މީހުންނަށް ދަންނަވަމެވެ. ކޯވިޑް 19 އަކީ އާދައިގެ ބައްޔެއްކަމަށް ހީނުކުރާށެވެ. އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެޔަށް ގަސްތުގައި އެއްލައި ނުލާށެވެ. ދުންފަތުގެ ވަބާއިން ސަލާމަތްވެތިބެ ދުނިޔެ ދެކެމުންމިދާ އާލަމީ ބޮޑު ވަބާ، "ކޮރޯނާ" އިން ރައްކާތެރިވާށެވެ. ދުވާލު ހަތަރުދަމު މަސައްކަތްކޮށްގެން ހޯދާ ލާރީގައި އަލިފާން ޖެހުމެކޭ ސިގިރޭޓު ބުއިމެކޭ ތަފާތެއް ނެތެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު