loading ...
loading ...
ބަރެސްދޫ ފަޅުވެ ކަޅައިދޫ އާބާދުވުން

ކަޅައިދޫ ރަށުތެރެ- ތަސްވީރު 2019--- ފޮޓޯ/މީސްމީޑިއާ

ބަރެސްދޫ ފަޅުވެ ކަޅައިދޫ އާބާދުވުން

0 comment

ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅައިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ.

މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅައިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅައިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅައިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ރަސްކަމާއި ހަވާލުވެލެއްވި ފަހުންނެވެ.

ދިވެހި ތާރީޚުން ކަޅައިދޫގެ ވާހަކަ ފުރަތަމަ އައިސްފައިވަނީ އަލްޣާޟީ ޙަސަން ތާޖުއްދީންގެ ކޮއްކޯފުޅު އައްނާއިބު ޙުސައިން އަފީފުއްދީން ނިޔައުވި ވާހަކައިގެ ތެރެއިންނެވެ. އަފީފުއްދީން ނިޔައުވީ 1159 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 07 ވީ ބުދަ ވިލޭރޭ ފަތިހުގެ ވަގުތެއްގައެވެ. މީލާދީގޮތުން މިތާރީޚަކީ، 30 މާރޗް 1736 އެވެ. ކަޅައިދޫ ޝައިޚް ޙަސަން ކަލޭގެފާނަކީ ޙުސައިން އަފީފުއްދީނުގެ ދަރިވަރެކެވެ.

ޣިޔާޘުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރު ކަޅައިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއްކަން ބެލެވެންއެބަ އޮތެވެ. އެހެނީ، "އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަމުގައި މާލޭގައި ހިނގި ސިޔާސީ މައްސަލަގަނޑަކާއި ގުޅިގެން ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބަފާ “ޙުސައިން ދޮށިމޭނާކިލެގެފާނުންގެ ފުތް މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިއެވެ.

މީނާ ކަޅައިދުވަށް ފޮނުއްވައިލެއްވި އޮޑިމަތީގައި އެއޮޑި ފުރައިގެންދަނިކޮށް މާލެއިން އެމަނިކުފާނުގޮވައިގެން ދާން ފޮނުއްވި ޢަސްކަރަކާއި ދެކޮޅުވެގެން އެމީހާ ބަންނަވައިފިޔެވެ. އަދި އެއޮޑިޔާއިގެން ރާއްޖޭން ނިކުމެގެންދާންވެސް ދިމާކުރެއްވިޔޭ. އެކަމަކު އެކަންތައް އެހެނަކުން ނުވެވުނޭ. ދެން ފަހެ އެމީހާޔާއި ޞުލްޙަވެ..އެމީހާ މޮހައިލެއްވިޔޭ.. ދެން އެޔަށްފަހު އެއޮޑިޔައިގެން ގޮސް ހައްދުންމަތީ ކަޅައިދުވަށް އޭނާ ބާލައިފައި މާލެއިން އޭނާ ގެންގޮސްލާން ފޮނުއްވިމީހާ މާލެ އައިސް އެކަންތައް ވީގޮތުގެ ވާހަކަ ދެންނެވީމާއި އަނެއްކާ ޢަސްކަރުންކުރެން ގަދަފަދަ ތިން މީހުން މާލެއިން ފޮނުއްވަވައި އެ މުޙައްމަދު މަނިކުފާނު ވަރަށް ތަޅައިފައި ކަޅައިދޫގައި ބެހެއްޓެވިޔޭ.

ދެން މިޔަށްފަހު އަހަރެއްހައި ދުވަހުން މި މުޙައްމަދު މަނިކުފާނު މާލެ ގެންނެވީއެވެ." (ދިވެހި ތާރީޚް، 1993). ކަޅައިދޫއަކީ އެދުވަސްވަރު ފަޅުރަށެއްނަމަ މުޙައްމަދު މަނިކުފާނުފަދަ ބޭފުޅަކު ފޮނުވާނުލައްވާނެ ނޫންތޯއެވެ. ޣިޔާޘުއްދީން ރަދުން ރަސްކަން ފެށިގެން އައީ 2 ރަމަޟާން 1180ހ. ގައި ދޮންބަންޑާރައިން ފަސްދާނަށް ވަޑައިގަތުމުންނެވެ. މީލާދީގޮތުން މިއީ 1 ފެބުރުއަރީ 1767 އެވެ. ލަފާކުރެވޭގޮތުގައި މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިފައިވާނީ 1769މ. އިން 1771މ. އާއި ދެމެދުގައެވެ.

ހައްދުންމަތީ ކަޅައިދޫ އާބާދުވުމާއި ބެހޭގޮތުން ޒަމާނުންސުރެ ދެކެވެމުން އަންނަ އެންމެ މަޝްހޫރު އެއްވާހަކަ އަކީ އެއަތޮޅު ބަރެސްދޫ ފަޅުވާން ދިމާވި ހާދިސާއާއި ގުޅިގެން ދެކެވޭ ވާހަކައެކެވެ. ބަރެސްދޫ މާލޫދު ހަރުގެމަތިން ގޮވާލި ބޮޑު ހާލުގެ ވާހަކައެވެ. މިވާހަކަ އަކީ މިއަދާއި ހަމައަށް އައިއިރުވެސް މަސްދަރު ބަދަލު ވުމެއްނެތި ދެކެވެމުން އަންނަ މަޝްހޫރު ވާހަކަ އެކެވެ. ބައެއް މީހުން ކިޔައިދޭ ގޮތް ފަހަރުގައި ކުޑަކޮށް ތަފާތުވެދާނެއެވެ.

މިކަން ހިގައި ދިޔަކަމަށް ކިޔައި އުޅެނީ މިހެންނެވެ.

ބޮޑު މައުލޫދަކަށް ކެއްކުމައްޓަކައި ބަރެސްދޫގައި އުޅުނު މީހުން މަޝަވަރާތަކެއް ކޮށްފޫއެވެ. ދެންފަހު ބޮޑުން ދަންނަވާއިފޫއެވެ. ހަރުގެ އަޅަންވާނީ ދުނބުރި ދާޖަހައިގެންނެވެ. ދުނބުރި ދަލަކީ ދުނބުރި ގަހުގެ ޅަދަނޑި ބޭނުންކޮށްގެ ގޮޅިހެދޭގޮތައް ދާގަނޑެއްހެން ހަދާފައި ހުންނަ ބިއްގަނޑެކެވެ. އާންމުކޮށް ހަދާފައި ހުންނަ މަޢުލޫދު ހަރުގެތަކާއި ޚިލާފަށް މިހަރުގޭގައި ވަދެނުކުމެވޭ ގޮތަށް ބަހައްޓާފައި ހުރީ އެންމެ ދޮރެކެވެ. އާންމުކޮށް ހަދާ މައުލޫދު ހަރުގެ ތަކުގައި ދެފަރާދު ދެ ދޮރުވާހެން ޖުމުލަ ހަތަރު ދޮރު ހުންނާނެއެވެ.

ކޮންމެއަކަސް މައުލޫދު ކައްކައިފިއެވެ. ބަރެސްދޫގައި އުޅުނު އެންމެން ތިބީ ކެއުމަށްޓަކައި ހަރުގެ ތެރެއަށް ޖަމާވެފައެވެ. ކެއުން ކުރިއަށް ދަނިކޮށް ހާލެއް އައިސް ހަރުގެމަތީގައި ޖައްސައިފިއެވެ. އެއަށްފަހު ހަރުގެ މަތީގައި އިނދެ ގޮވަން ފަށައިފިއެވެ. ހުއްޓުމެއްނެތި މިހާ ގޮވާއަޑަށް ހަރުގެ ތެރޭގައި ހުރި ކޭންމަތުރާ މީހާ ބުނެފޫއެވެ.

"ތެއްތާ ހުރެ ނުގޮވާ ކަންނާ ކާން އުމާށޭ" ( ތިޔަތާނގާ ހުރެ ނުގޮވާ ކަންޏާ ކާން އަންނާށެވެ. ) މިހެން ބުނުމާއެކު މި ހައު ހަރުގެމަތިން ފުންމައިގެން އައިސް ދޮރުމަތީގައި ޖެހިއްޖެއެވެ. އެއަށްފަހު ހަރުގެ ތެރެއަށްވަދެ މީހުން ކާންފަށައިފޫއެވެ. އެތެރޭގައި ހުރި މީހެއްގެ އަތުގައި އެވަގުތު ވަޅިއެއް އޮތްކަމުގައި ވެއެވެ. ކޮންމެއަކަސް މިމީހާ ހަރުގޭގެ އެތެރޭ ބިތުން ބާގަނޑެއް ހަދައި މީހުންތައް އެތަނުން ނެރެފިއެވެ. އެއަށްފަހު މިބައި މީހުން ބަރެސްދޫ ދޫކޮށް ކަޅައިދޫއަށް ހިޖުރަކުރީއެވެ.

މިކަން ހިނގާފައި ވާގިތްކަމަށް ގިނަބަޔަކު ކިޔައިދީ އުޅޭ ގޮތަކީ މިއީ އެވެ. އެހެނސް މިކަމުގައި ތަފާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކެމެކެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު