loading ...
loading ...
އުފާވެރި ޙަޔާތަކަށް-އެމީހުންނަށް ފައިދާއެއް ނުކުރި-01

އުފާވެރި ޙަޔާތަކަށް-އެމީހުންނަށް ފައިދާއެއް ނުކުރި-01

0 comment

އަހަރެންގެ މޮބައިލް ފޯނަށް އެއްފަހަރު އައި މެސެޖެއްގެ މަތިން ހަނދާންވެއެވެ. އެ މެސެޖުގައި ވެއެވެ. "އޭ، ޝޭޙްއެވެ، އަމިއްލައަށް މަރުވުމުގެ
ހުކުމަކީ ކޮބާތޯ އެވެ؟" އަހަރެން އެ މެސެޖް ފޮނުވި ފަރާތައް ގުޅައިލީމެވެ. ފޯނުނެގީ ވަރަށް ޒުވާން މީހެއްކަން އެނގުނެވެ. އަހަރެން އޭނާއާއި ސުވާލުކުރީމެވެ. "އަޅުގަނޑަށް މަޢާފްކުރައްވާށެވެ.

ތިބާގެ ސުވާލު އަޅުގަނޑަކަށް ރަނގަޅަކަށް ނޭންގުނެވެ. އަލުން އެސުވާލު ތަކުރާރުކޮށްދީބަލާށެވެ؟" އޭނާ މާޔޫސްކަމާއެކު ޖަވާބުދިނެވެ. "ސުވާލު ވަރަށް ސާފުނޫންތޯ؟، އަޅުގަނޑު ސުވާލުކުރީ އަމިއްލައަށް ފުރާނަ ދުއްވާލުމުގެ ހުކުމަކީ ކޮބައިތޯއެވެ؟

"އަހަރެން ގަސްދުކުރީ އޭނާ ހީނުކުރާފަދަ ޖަވާބެއްދީ އޭނާ ސިއްސުވާލުމަށެވެ. އަހަރެން ބުނީމެވެ. "ތިއީ އެންމެ ރަނގަޅުކަމެއް!" އޭނާ ހާސްވެފައި ޖަވާބުދިނެވެ. "ކީކޭ؟!"

"އާނ! އެކަމަކު ތިކަން ކުރަން އެންމެރަނގަޅު ގޮތަކީ ކޮބައިތޯ މަޝްވަރާކޮށްލަމާ؟" ފޯނުން ވާހަކަދެއްކި ޒުވާނާގެ އަޑުމަޑުވިއެވެ. އަހަރެން ބުނީމެވެ.

"އެންމެ ރަނގަޅު، ތިބާ އަމިއްލައަށް މަރުވާން ބޭނުންވަނީ ކީއްވެ؟

"އޭނާ ޖަވާބުދިނެވެ. "އަހަރެންނަށް ވަޒީފާއެއް ނުލިބުނު، މީހުން އަހަރެންދެކެ ލޯތްބެއްނުވޭ، ދެން ހުރިހާގޮތަކުންވެސް އަހަރެންނަކީ ބާކީފެއިހުރި ބޭކާރު މީހެއް..." އެއަށްފަހު އޭނާ އޭނާގެ މާޔޫސްވެފައިވާ ހަޔާތުގެ ދިގު ވާހަކަ ކިޔައިދޭން ފެށިއެވެ.

މީހުންނާއި މުޢާމަލާތުކޮށް މީހުންގެ ރުހުންހޯދަން އޭނާއަށް ނޭގޭންކަމާއި، އެ ހުނަރު އޭނާއަށް ތަރައްޤީ ނުކުރެވުނު ކަމުގައި އޭނާ ބުންޏެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ކުރިމަތިވާ ގޮންޖެހުމެކެވެ. އަހަރެމެންގެ ތެރެއިން ބައެއްމީހުން އެމީހުންގެ އަމިއްލަނަފްސު ދަށްކޮށްލަނީ ކީއްވެހެއްޔެވެ؟

ފަރުބަދައިގެ މަތީގައި ތިބި މީހުންނަށްބަލައި، އެމީހުން ފަދައިން އެހިސާބައް ނޭރޭނެކަމުގައި ހީކުރަނީ ކީއްވެހެއްޔެވެ؟ ފަރުބަދައަށް އަރަން ބިރުގަންނަ މީހާ އަބަދުވެސް ހުންނަންޖެހޭނީ ހަމަބިމުގަ އެވެ. އެއަށްވުރެ އުހަކަށް އޭނާއަކަށް ނޭރޭނެ އެވެ. މިފޮތުން ނުވަތަ މިފަދަ އެހެން ފޮތްތަކަކުން ފައިދާނުވާނީ ކޮންބައެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟

އެއީ އޭނާގެ އަމިއްލަ ނަފުސަށް ހެދޭ ކުއްތަކަށް އަޅުވެތިވެ، ލިބިފައިވާ މަދު ހުނަރުތަކަށް ރުހިގެން ހުންނަ މީހުންނެވެ. އެމީހުން ދެކޭގޮތުގައި، އެއީ އެބައިމީހުންގެ މިޒާޖެވެ. އެ މިޒާޖު ބަދަލެއް ނުކުރެވޭނެއެވެ. އެންމެންނަށްވެސް އެއީ އަހަރެންގެ މިޒާޖުކަން އެނގޭނެއެވެ.

އަހަރެންނަށް ޚާލިދު ފަދައިން ވާހަކަ ނުދެއްކޭނެކަމާއި، އަޙްމަދު ފަދަ އުފާވެރި މޫނެއްގެ ވެރިއަކަށް ނުވެވޭނެ ކަމާއި، ޒިޔާދު ފަދައިން އެންމެންގެ ލޯބި ލިބިފައިވާ މީހަކަށް ނުވެވޭނެ ކަމުގައި އޭނާ ޔަޤީންކުރެ އެވެ. އެފަދަ މީހަކަށް މިފޮތުން އެއްވެސް މިންވަރެއް ހާޞިލެއް ނުވާނެއެވެ.

އަހަރެން އެއްފަހަރަކު އާންމު އެއްވުމެއްގައި ވަރަށް ދުވަސްވީ މީހަކާއި އެކު އިނީމެވެ. އެތަނުގައި ޖަމާވެތިބި ގިނަ މީހުންނަކީ އާންމު އާދައިގެ ހުނަރުތައް ލިބިފައިވާ މީހުންނެވެ. ނަމަވެސް މި ދުވަސްވީ މީހާ އަވަދިނެތި އުޅުނީ އޭނާއާއި ގާތުގައި ތިބި މީހުންނާއި ވާހަކަދެއްކުމުގައެވެ. އޭނާގެ އުމުރުން ދުވަސްވުމުން ލިބިފައިވާ މާތްކަން ނޫން އިތުރު އެހެން ކަމެއް އޭނާގެ ކިބައިން ފާހަގައެއް ނުކުރެވުނެވެ.

ނުނިމޭ.

އިންޝާﷲ - ދެވަނަބައި މާދަމާ މެންދުރުފަހު ގެނެސްދެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ކިއުންތެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަން. އިންތިޒާރުކޮށްލައްވާ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު