loading ...
loading ...
އުފާވެރި ޙަޔާތަކަށް-އެމީހުންނަށް ފައިދާއެއް ނުކުރި-02

އުފާވެރި ޙަޔާތަކަށް-އެމީހުންނަށް ފައިދާއެއް ނުކުރި-02

0 comment

ދެވަނަބައި.

އަހަރެން އެއްފަހަރަކު އާންމު އެއްވުމެއްގައި ވަރަށް ދުވަސްވީމީހަކާއި އެކު އިނީމެވެ. އެތަނުގައި ޖަމާވެތިބި ގިނަ މީހުންނަކީ އާންމު އާދައިގެ ހުނަރުތައް ލިބިފައިވާ މީހުންނެވެ. ނަމަވެސް މި ދުވަސްވީ މީހާ އަވަދިނެތި އުޅުނީ އޭނާއާއި ގާތުގައި ތިބި މީހުންނާއި ވާހަކަދެއްކުމުގައެވެ.

އޭނާގެ އުމުރުން ދުވަސްވުމުން ލިބިފައިވާ މާތްކަން ނޫން އިތުރު އެހެން ކަމެއް އޭނާގެ ކިބައިން ފާހަގައެއް ނުކުރެވުނެވެ.

އަހަރެން އެތަނުގައި އެމީހުންނާ މުޚާތަބުކޮށް ވާހާކަދައްކަމުން ދިޔައީމެވެ. އަދި ވާހަކައިގެ ތެރޭގައި މަޝްހޫރު މާތް ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް އަބްދުލް ޢަޒީޒް ބިން ބާޒްގެ ފަތުވާއެއްގެ ވާހަކަ ދެއްކީމެވެ. އަހަރެންގެ ވާހަކަ ނިމުމުން އެ ދުވަސްވީމީހާ ފަޚުރުވެރިކަަމާއިއެކު އަހަރެންގާތު ބުންޏެވެ.

"ޝައިޚް އިބްނި ބާޒް އެއީ އަހަރެންނާއިއެކު އުޅުއްވި ބޭކަލެކެވެ. މީގެ ސާޅީސް އަހަރުކުރިން ޝައިޚް މުޙައްމަދު ބިން އިބްރާހިމްގެ އަރިހުގައި މިސްކިތުގައި އަހަރެން އެކަލޭގެފާނާއިއެކު ކިޔަވަން އުޅުނީމެވެ. އަހަރެން އެނބުރި އޭނާގެ މޫނަށް ބަލައިލީމެވެ.

މިވާހަކަ ބުނިއިރު އޭނާގެ މޫނުމަތިން އެކަމަށްޓަކައި އުފާވާކަން ދޭހަވެއެވެ. އޭނާ އޭނާގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެފަދަ މަތިވެރި ޢިލްމުވެރިޔާކާއިއެކު އުޅުމުގެ ނަޞީބު ލިބުނުކަމަށްޓަކައި ފަޚްރުވެރިވިއެވެ. އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ.

"އޭނައަށް ހިތާމަހުއްޓެވެ! ތިބާއަށް އިބްނު ބާޒްފަދަ މީހަކަށް ނުވެވުނީ ކީއްވެހެއްޔެވެ؟ ތިބާއަށް ކާމިޔާބުގެ މަގު އެނގުނު ހިނދު އެމަގުން ނުހިނގުނީ ކީއްވެހެއްޔެވެ؟

އިބްނު ބާޒް އަވަހާރަވުމުން އެކަލޭގެފާނުގެ ވަކިވެދިއުމާއިމެދު، މިމްބަރުތަކުންނާއި، މިސްކިތްތަކުންނާއި، ކިޔަވައިދޭ ބޮޑު ބޮޑެތި މަރުކަޒުތަކުންނާއި، އެތަކެއް ޤައުމުތަކުން ދެރަވެ ހިތާމަކުރަމުންދަނީ ކީއްވެހެއްޔެވެ؟ ތިބާގެ ވަކިވެދިއުމުން ހިތްހެޔޮކަމުން ނުވަތަ އާދަކާދައެއްގެ ގޮތުން މެނުވީ އެންމެ މީހަކުވެސް ކަރުނަތިކެއް ވައްޓާނުލާނެއެވެ!"

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބައެއްފަހަރު އަޅުގަނޑުމެންނަށް އެވެނި މިވެނި މީހަކު އެނގޭކަމުގައި ނުވަތަ މިވެނި އެވެނި މީހަކާއިއެކު އުޅުނިންކަމުގައި ބުނެވެއެވެ. ނަމަވެސް އެއީ ފަޚްރުވެރިވާންވީ ކަމެއް ނޫނެވެ. ފަޚްރުވެރިވާންވީ އެމީހުންފަދައިން އެމީހުން ހާޞިލްކުރި އުސްހަރުފަތްތައް ހާޞިލްކުރެވުމުންނެވެ.

ތިބާގެ އަޒުމް އާކުރާށެވެ. ތިބާއަށް ލިބިވާ ހުރިހާ ހުނަރަކާއި ޤާބިލްކަމެއްގެ ބޭނުން ފުރިހަމަގޮތުގައި ހިފާ ކާމިޔާބު މީހަކަށް ވާށެވެ. ތިބާގެ މޫނުގައިވާ މާޔޫސްކަން ފޮހެލާ ހިނިތުންވުމަކަށް ބަދަލުކޮށްލާށެވެ. ކަންބޮޑުވުމާއި ހާސްވުން އެއްފަރާތްކޮށް އުފާވެރިކަން ހޯދާށެވެ. ދަހިވެތިކަން ދޫކޮށްލާ ދީލަތިމީހަކަށްވާށެވެ.

ރުޅި ކޮންޓްރޯލްކޮށް މައިތިރިކޮށް ހިކުމަތްތެރިއަކަށްވާށެވެ. ތިމާއަށް ކުރިމަތިވާ މުސީބާތްތަކަކީ އިމްތިޚާނެއް ކަމުގައިދެކި އެއިން އުފަލާއެކު ފިލާވަޅު ލިބިގަންނާށެވެ. އަދި ތިމާގެ ދިނާ އަޤީދާއަކީ ހަތިޔާރެއްކަމުގައި ހިފާށެވެ! ދިރިއުޅުން އުފާވެރިކުރާށެވެ. ދުނިޔޭގެ ދިރިއުޅުމަކީ މަދު ދުވަސްކޮޅެކެވެ. ނުރުހުންތެރިކަމާއި ނަފްރަތާއި ހިތްނުތަނަވަސްވުމުން މި ކުރުހަޔާތް ބޭކާރުކޮށްނުލާށެވެ.

އެކަން ހާޞިލްކުރާނީ ކިހިނެތްބާއެވެ. މިފޮތުގެ މަޤްޞަދަކީ އެގޮތް ބަޔާންކޮށްދިނުމެވެ. ﷲ ގެ ވާގިފުޅާއެކު މިފޮތް ނިމެންދެން އަޅުގަނޑާއިއެކު ކުރިއަށް ހިންގަވާށެވެ. ތިބާއަށް އަޅުގަނޑާއިއެކު ކުރިއަށް ދެވޭނީ...

ތިބާ އަކީ ތިބާއަށް ލިބިވާ ހުނަރުތައް ތަރައްޤީކޮށް އަދި އަނެކާއާއި މުޢާމަލާތްކޮށް އަނެކާއާއި އޮންނަ ގުޅުން ހަރުދަނާކުރުމުގެ ހުނަރުތައް ފުރިހަމަގޮތުގައި ބޭނުންކުރުމަށް ކެތްތެރިކަމާއެކު ފުރިހަމަ ޢަޒުމެއްގައި ސާބިތުވެ ހުންނަން ކެރޭ ހިތްވަރުގަދަ މީހެއްނަމައެވެ.

ނިމުނީ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު