loading ...
loading ...
ކަނޑި ބަޑި ހިފައިގެން ނޫނަސް ކުރަމުން މިދަނީ ހަނގުރާމައެއް، ހަތިޔާރަކީ "އިންސާނިއްޔަތު"ކަން - ސިއްޚީ ޚިދުމަތްތެރިން

ކަނޑި ބަޑި ހިފައިގެން ނޫނަސް ކުރަމުން މިދަނީ ހަނގުރާމައެއް، ހަތިޔާރަކީ "އިންސާނިއްޔަތު"ކަން - ސިއްޚީ ޚިދުމަތްތެރިން

0 comment

1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޤައުމަށްޓަކައި، ޤައުމު ދިފާޢު ކުރުމުގެ މަތިވެރި މަޤުސަދުގައި ދިވެހި ސިފައިން ދެއްކި ހިތްވަރު ހަނދާނަށް ގެންނަވާށެވެ. އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން ޖަހަމުން ދިޔަ އުންޑައިގެ ކުރިމައްޗަށް އަމިއްލަ މޭ ދިއްކުރި ދިވެހި ދަރިން އަދިވެސް މި ޤައުމުގައި އެބަތިއްބެވެ. އެ ހަނދާންތައް ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވެއެވެ. ހަނދާން އާވާ ކޮންމެ ފަހަރަކު ލޭ ކައްކުވައެވެ. މަންޒަރުތައް ފެންނަހިނދު ލޮލުން ކަރުނަ އޮހިގެންދެއެވެ. ޖުމްލަ 19 ދިވެހިން ޝަހީދުވެގެން ދިޔަ އެދުވަހުގެ އެ ހާދިޡާއިން ސަލާމަތްވީ ޝައްކެއްވެސް ނެތްގޮތުގައި ދިވެހި ސިފައިންގެ ހިތްވަރާއި ނުގުޑާފަދަ އަޒުމުގެ ސަބަބުން ކަން ކަށަވަރެވެ.

އެދުވަހު ހަނގުރާމަކޮށް ދިވެހި ސިފައިން ކާމިޔާބު ހޯދީ ބަޑިޔާއި ލޮންސިއާއި އައްޑަނަތަކުގެ އެހީގައެވެ. ނަމަވެސް މިއަދު ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުންދަނީ "އިންސާނިއްޔަތު" ކަން ހަތިޔާރަކަށް ބަލައިގެން ސިއްޚީ ހިދުމަތްތެރިންނެވެ. މުޅި ދުނިޔެ ދެކެމުންދާ އާލަމީ ބޮޑު ވަބާ، ކޯވިޑް 19 ދިވެހިންނާ ހަމަޔަށް އައީ ބަލަބަލައި ތިއްބައެވެ. ލޮލަށް ނުފެންނަ ގޮތްނޭގޭ ކުޑަ ޖަރާސީމެއް މުޅި ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރި ކޮށްފިއެވެ. ނުފޫޒު ގަދަ އެމެރިކާ ކޮބާހެއްޔެވެ؟ އާބާދީގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ތަނަވަސް ޗައިނާއަށް ވީ ކަމެއް އެބައޮތްހެއްޔެވެ؟ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ރާއްޖެޔަށް ލިބިދާނެ ގެއްލުން އަންދާޒާކުރަންވެސް ދައްޗެވެ.

ހީވެސް ނުކުރާހާ ބާރުމިނެއްގައި ފެތުރި މުޅި ދުނިޔެ ފަތަޙަ ކުރަމުންމިދާ ކޯވިޑް 19 ގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ ސިއްޙީ ޚިދުމަތްތެރިންކަން ޔަޤީނެވެ. ރެޔާއި ދުވާލު ބަލިމީހުންގެ ޚިދުމަތުގައި ހޭހަން ކުރަމުންދާ ނަރުހުންގެ ވާހަކައިން ފަށަމާތޯއެވެ. އަމިއްލަ އާއިލާއާއި ދަރިންނަށްޓަކައި ގޭގައި މަޑުކުރުމުގެ ހައްޤު އެމީހުންނަށްވެސް އެބައޮތެވެ. ނަމަވެސް އެ ހުރިހާ ކަމަކަށްވުރެއް ޤައުމު އިސްކޮށްފިއެވެ. ޤައުމު ތިމާއަށް ކޮއްދިނީ ކޮންކަމެއްތޯ ނާހާ ތިމާޔަށް ޤައުމަށް ކޮއްދެވޭނީ ކޮންކަމެއްތޯ ބަލައި ވަމުންދާ ޤުރުބާނީގެ އަގު އަހަރެމެންނަށް ވަޒަން ކުރެވޭތޯއެވެ.

ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯސް އަދޮނަމް ވިދާޅުވަނީ ކޯވިޑް 19ގެ ނުރައްކާ އެންމެ ބޮޑީ ސިއްޚީ ޚިދުމަތްތެރިންނަށެވެ." އެހާ ނުރައްކާތެރި ހާލަތެއްގައިވެސް ސިއްޚީ ދާއިރާގައި މަސައްކަތް ކުރާ މީހުން އެދަނީ އެމީހުންގެ ވަޒީފާ އަދާ ކުރަމުންނެވެ. އެހެންކަމުން އާންމު ފަރުދުން އެމީހުންގެ ޒިންމާ އަދާކުރަންޖެހޭނެއެވެ" ޑރ ޓެޑްރިސް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވަފައިވާއިރު އާންމު ފަރުދުންގެ ޒިންމާ އަކީ ކޮބާތޯއެވެ؟ މި ސުވާލުގެ ޖަވާބު ނުލިބިވާ ދިވެހި ފަރުދަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. މިހާރު ސިއްޚީ ޚިދުމަތްތެރިންގެ އެންމެ ބޮޑު އިލްތިމާސަކީ ހުރިހާ ބޭފުޅުންވެސް ގޭ ބަންދުގައި މަޑުކޮށްދިނުމެވެ.

ކުރިމަތިވެގެން އައިސްދާނެ ބޮޑު ގޮންޖެހުމަކަށް ނުވަތަ މުސީބާތަކަށް ދުރާލާ ފިޔަވަޅު އެޅުން ނޫން ހަމައެއްގޮތެއްވެސް ނެތެވެ. ފަރުވާ ކުޑަކުރީ ތިބާ ކަމުގައިވިޔަސް މުޅި މުޖުތަމައު ތިބާގެ ސަބަބުން ނުރައްކަލަށް ހުށަހެޅިގެންދާނެއެވެ. މިކަމުގައި އިސްސަފުގައި ހަރަކާތްތެރިވަމުންދާ އެންމެ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކަށްޓަކައިވެސް ފަރުދީ ޒިންމާ ނަންގަވާށެވެ. އިންސާނިއްޔަތުކަން އިސްކުރައްވާ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން، ލެބްޓެކްނީޝިއަނުންނާއި، ހެލްތު ވޯކަރުން، އަދި ހަމައެޔާއެކު ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން ގޭގައި ނުތިބެ ޚިދުމަތުގައި ތިބީ ޤައުމަށް ދިމާވެގެން މިއުޅޭ މި ނުރައްކާތެރި ހާލަތުން ޤައުމު މިންޖު ކޮށްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

މުޅި ދުނިޔޭގައި 304،524 މީހުންނަށް މިހާތަނަށް މިބަލި ޖެހިފައިވާއިރު މިބަލިން މަރުވި މީހުންގެ އަދަދު 12 ހާހަށްވުރެއް މައްޗަށް އަރައިފިއެވެ. އަދިވެސް ދިވެހިންނަށް މުހިންމީ ސިޓިންގ ރޫމުގައި ކާތަކެތި ގުދަންކޮށް، މާސްކު އަޅައިގެން މަގުމަތީގައި އުޅުންތޯއެވެ؟ ސޯޝަލް މީޑިޔާގައި ޤައުމު ލޮކްޑައުން ކުރާން ގޮވުމަށްފަހު ޖެހިގެން ހުރި ކެފޭގައި ކޮފީބޯންތިބުންތޯއެވެ؟

ދަންނާށެވެ. ފަރުދީ ޒިންމާ އަދާނުކުރާނަމަ ސިއްޚީ ޚިދުމަތްތެރިން ރެޔާއި ދުވާލު ނުކައި ނުބޮއެ އާއިލާޔާއި ދުރުގައި ވަމުންދާ ޤުރުބާނީގެ އެއްވެސް ބޭނުމެއްނެތެވެ. ޤައުމަށް މީގެ ކުރިންވެސް ދިމާވި ކޮންމެ ގޮންޖެހުމަކުން ދިވެހިން އަރައިގަތީ ނުހަނު އެއްބައިވަންތަކަމާއި އެއް ރޫޙެއްގައި މަސައްކަތްކޮށްގެންނެވެ. މިއަދުވެސް ޤައުމު އެދިގެންގޮވަމުންމިދަނީ އެފަދަ ރޫހަކަށެވެ. ހަނގުރާމަދަނީ ކުރެވެމުންނެވެ. ކަނޑި ބަޑިއަކުންނޫނެވެ. އެހެންނަމަވެސް "އިންސާނިއްޔަތު"ކަން ހަތިޔާރަކަށް ބަލައިގެންނެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު