loading ...
loading ...
ހަޤިގަތް-06

ހަޤިގަތް-06

1 comment

އޭގެ ދެދުވަސް ފަހެވެ. ޝިރުހާންއިނީ ގޭގެ ފެންޑާގައި ވާހަކަ ފޮތެއް ކިޔާށެވެ. ވަރަށް ބޯކޮށް ވާރޭވެހެމުން ދެއެވެ. ފޮތަށް ގެއްލިފާ އިން ޝިރުހާންގެ ނަޒަރު ހުއްޓުނީ ވާރެޔާ ތެމިފޯވެގެން ހުރި ހޭޒަލްއަށެވެ.

" ހޭޒަލް!" ހިތާހިތާ ކިޔާލެވުނެވެ.

ޝިރުހާން ކުޑައެއް ހިފައިގެންގޮސް ހޭޒަލް އެތެރެއަށް ވެއްދިއެވެ.

" މިއޮތް ވިއްސާރަ ދުވަހު މިތާ ކީއްތިކުރަނީ!" ޝަިރުހާން ހުރީ ހައިރާންވެފައެވެ.

" އަހަރެން ޝިރޫ އާ މެރީ ކުރަން ތައްޔާރު" ހޭޒަލް ވަރަށް އުދަގުލުން ބަސް ބޭރުކޮއްލިއެވެ.

ޝިރުހާންވީ އުފަލެއްގެ ބޮޑުކަމުން ޤަބޫލުކުރަން ދަތިހާލެއްގައި ހޭޒަލް އޭނަގެ މެޔާ ބޮޑިކޮށްފިއެވެ. މާގިނަ ދުވަހެއްނުވެ ކައިވެނިވެސް ކުރެވިއްޖެއެވެ. ކައިވެންޏަށް ދެއަހަރު ވީތަނާ ހޭޒަލް ޝިރުހާނުއަށް ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ.  މިއަދު ހޭޒަލް އަށްވުރެ އުފަލުގައި އުޅޭ މީހަކު މިދުނިޔޭގަވެސް ހުރިހެނެއް ހިޔެއްނުވެއެވެ.

" ހޭޒަލް...ހޭޒަލް... ހޭލަބަލަ! މިހާރު އެއޮތް ނުވައެއް ޖަހަނީ. މިއަދު ސްކޫލަށްވެސް ނުދާ ދުވަހަކީތަ" ހޭޒަލް ލޯ ހުޅުވާލިއިރު ކައިރީގައި މަންމަ ހުއްޓެވެ.

" މަންމާ!" ހޭޒަލް މަޑު މަޑުން ކިޔާލިއެވެ.

" އަދިވެސް އިންނަނީތަ! މިހާރު އެއޮތް ގަޑި ޖެހެނީ" އެދުގެ ތަންމަތި އަޅަމުން މަންމަ ބުނެލިއެވެ. ތަންމަތި އެޅުމަށްފަހު މަންމަ ނުކުމެގެން ހިގައްޖެއެވެ.

" މަންމާ! އަނެއްކާ މީ ހުވަފެނެއްތަ ނޫނީ އެއީ އަހަނަށް ފެނުނު ހުވަފެނެއްތަ" ހައިރާންވެ އިދެ ހިތާހިތާ ހޭޒަލް ސުވާލުކޮށްލިއެވެ. އެތަނަށް ޝަމާއާއި ފަލަކް އަތުވެއްޖެއެވެ.

" އަދިވެސް ކަމަނާފުޅުގެ ލޯ ނުހުޅުވޭދޯ! ދެން ތެދުވެ ބަލަ" ކަންނެތް ގޮތަކަށް ފަލަކް ބުނެލިއެވެ.

"ޝާއިން"

"ކޮންޝާއިނެއް" ހޭޒަލްގެ ދުލުން ބޭރުވި ބަހަކާ ގުޅިގެން ޝަމާ އަހާލިއެވެ.

" އަހަރެންގެ ފިރިމީހާ....ޖިންނިއެއް..މަރާލީ" ދެއްކޭ ނުދެއްކޭ ވާހަކައެއް ހޭޒަލްއަކަށް ނޭގެއެވެ.

" ފިރިމީހާއޭ! ބަލަ ކޮންއިރަކުތަ ހޭޒަލް މީހަކާއިނީ. އަހަަަރެމެންނަށް އަންގާވެސް ނުލާ!" ދެކުދިން ބާރަށް ހީގަތެވެ.

" ހޫ..އެއުޅެނީ ހުވަފެނެއް ފެނިގެން ކަންނޭގެ." ފަލަކް ބުނެލިއެވެ.

"ޝިރުހާން"

"އާ ޝިރުހާން މިހާރު ހުންނާނެ އިންތިޒާރުގަ.އަވަހަށް ހިގާ ދަމާ!" ލާނެތް ފާޑަކަށް ފަލަކް ބުނެލިއެވެ.

" އަހަންނަށް މިފެނުނީ ހުވަފެނެއްތާ! އަލްހަމްދުލިﷲ ޝުކުރު" ހިތުގެ އަޑިން ހޭޒަލް ޝުކުރު އަދާކުރިއެވެ.

ހޭޒަލް ފެންވަރައިގެން ނިކުތްތަނުން މީހަކު ހޭޒަލްގެ ހެދުމުގެ ފަސްބައިގައި ހިފިއެވެ.

"މަންމާ!" ހޭޒަލްގެ ކަންފަތުގައި ތުއްތު ތުއްތު ކުއްޖެއްގެ އަޑުޖެހުނެވެ. އާއެކެވެ. އެއީ ހަމަ އެއަޑެވެ. ހުވަފެނުގަވެސް އިވުނު އަޑެވެ. ރާއީގެ އަޑެވެ. ބިރުންހުރެ ހޭޒަލް ފަސްއެބުރި ބަލާލިއެވެ. ކުރިމަތީގައި އެހުރީ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. ހަމަ އެމޫނެވެ. އެއީ ޝާއިންގެ މޫނެވެ.

" މީ ރާއީން! ދަރިފުޅުގެ ތިމާގެ ކުއްޖެއް. މީނަގެ މައިންބަފައިން އެކްސިޑެންޓެއްގަ މަރުވެއްޖެ. މީގެ ފަހުން ރާއީ ހުންނާނީ މިގޭގަ" މަންމަ މިހެން ބުނުމުން ހޭޒަލްގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ.

" މަންމާ.." ރާއީ ދުވެފަ އައިސް ހޭޒަލްގެ ގައިގައި ބައްދައިގަތެވެ. މިމަންޒަރު ދެކެން ހުރި ބިޔަބޮޑު ފިރިހެނަކު އެގޭ ދޮރާށިން ނުކުމެގެން ހިގައްޖެއެވެ. ދަމުން ފަސްއެބުރި ބަލާލިއެވެ. މޫނު ސާފުކޮށް ފެންނަވަރުވީ އަދި ކިރިޔާއެވެ. އެއީ ހަމަ ޝާއިންއެެވެ. މޫނުގެ އެއްފަޅިވަނީ އަދާފައެވެ. ވިހަ ހިނިތުންވުމަކާއެކު ޝާއިން ގެއްލިއްޖެއެވެ. ރާއީ ހޭޒަލްގެ ގައިގައި ބައްދައިގެންއޮވެ އޭނަގެ ބައްޕަ ޝާއިންއަށް ހަނާ އަޅާލިއެވެ...........

ތިންކުދިން ސައިބޮއެގެން ދިޔައީ ސްކޫލަށެވެ. ޝިރުހާން ހުރީ އެމީހުންގެ އިންތިޒާރުގައި ސްޓާފްރޫމް ދޮރުމަތީގައެވެ. ޝަމާއާއި ފަލަކް ވަންނަން އައުމުން އެމީހުން ވެއްދިއެވެ.ނަމަވެސް ހޭޒަލް ވަންނަން އުޅުމުން ދޮރުކަނީގައި ދެއަތް ވިއްދާލައިގެން ހުރީއެވެ.

"ރޭގަ ކީއްވެ އަހަރެން ގުޅީމަ ފޯނުނުނެގީ؟" ޝިރުހާން ކޮށްލީ ސުވާލެކެވެ.

ހޭޒަލް ޝިރުހާންގެ މޫނަށް ބަލާލިއެވެ.

"އަހަރެންނަށް ނިދުނީ! ސިމްޕަލް" ހޭޒަލްގެ ޖަވާބު ކުރުވެފައި ފޮންޏެވެ.

"އެހެންތަ؟ އެހެންޏާ ތީ ފަތިސްވާއިރުވެސް ނިދާމީހެއްނޫން. ޤަބޫލްނުކުރެވޭ."

"އޯކޭ ޤަބޫލުނުކުރިޔަސް. އަހަރެން ގޮސް ޖައްސާލިތަނުން ނިދުނީ. " ހޭޒަލްބުންޏެވެ.

އެއްޗެކޭ ނުބުނެ ޝިރުހާން ދުރަށް ޖެހިލިއެވެ. ދިޔަގޮތަށް އެބުރި ހޭޒަލްއަށް ބަލާވެސްނުލިއެވެ. ޝިރުހާން ދިޔުމުން ހޭޒަލް ސްޓާފްރޫމަށް ވަނެވެ.

"ސާބަސް ހޭޒަލްއަށް." ޝަމާ ބުނެލިއެވެ.

"މިހާރު ކިހިނެއްވީ!" ފާޑަކަށް އިދެ ހޭޒަލް ޝަމާއަށް ކަޅިއެއްލާލިއެވެ.

" މިހާރުގޮސް ބެލިޔަސް ވަރިހަމަ ޝިރޫ އިންނާނެ ރޯން. ޔޫ ހާޓް ހިމް." ފަލަކް މިހެންބުނެ ޝަމާއާއި ދެކުދިން ހީގަތެވެ.

އެކުދިން އެހެންބުނުމުން ހޭޒަލް ވަރަށް ދެރަވިއެވެ. ޝިރުހާން އޭނަދެކެ ލޯބިވާކަން ހޭޒަލްއަށް އެގެއެވެ.

ހޭޒަލް ސެޝަން ނިންމާފަ ގެޔަށްދާން ނުކުތުމުގެ ކުރިން ޝިރުހާން ކޮބައިތޯ ބެލިއެވެ. މުޅިސްކޫލް ޗެކްކުރިއިރުވެސް ޝިރުހާން ނުފެނުނެވެ.

" ހައި! " ހޭޒަލް ސްޓާފްރޫމަށް ވަދެމުން ޝަމާއަށް ހައު ޖަހާލިއެވެ.

"ހައި. ކޮންކަމަކާ ހާސްވެފަ. ކޮބާ ފަލަކް! އޭނަ އަދި ނުނިމެނީތަ؟" ޝަމާ އަހާލިއެވެ.

" ދެކުނިނތަ ޝިރުހާން؟" ޝަމާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ހޭޒަލްވެސް ކޮށްލީ ސުވާލެކެވެ.

"ޝިރޫ ދޯ. ހެދުނު ހޭޒަލް އޭނަ ރޮއްވާލީ ވިއްޔާ. އޭނަ ގޮސްސި ގެޔަށް ޝިފްޓް ހަދާފަ. ވަރަށް ދެރަވެފަހުރީ. އޭނަ ހާދަ ލޯބިވޭ ހޭޒަލްދެކެ. އެހެންވީމަ ދޯ ހޭޒަލް އެއްޗެކޭ ބުނާ އިރަށް އޭނައަށް އެވަރު އެވަނީ." ޝަމާގެ ވާހަކަތައް އަޑުއިވިފަ ހޭޒަލްވެސް ދެރަވިއެވެ.

"ހެއި ދަނީތަ. މަޑުކޮށްބަ އަހަރެމެން އެކީގައި ދާން!" ޝަމާ ގޮވަގޮވާ ހުއްޓާ ހޭޒަލް ދަބަސް ނަގައިގެން ނުކުމުގެން ދިޔައީއެވެ.

ހޭޒަލް ދިޔަގޮތަށް ދިޔައީ ޝިރުހާންމެން ގެޔަށެވެ. ދިޔައިރު ޝިރުހާން ގެޔަކުނެތެވެ. ދަބަހުން ފޯނުނަގައި ގުޅާލިއެވެ. ޝިރުހާން ފޯނުނުނަގައެވެ. ދެތިންފަހަރު ގުޅާފަހުއްޓާ ޝިރުހާންގެ މެސެޖެއްލިބުނެވެ. މެސެޖް ބަލާލުމަށްފަހު ހޭޒަލް ގެޔަށްދާން ހިގައިގަތެވެ.

"ސޮރީ!" ފަހަތުން މީހަކު ސޮރީ ބުނެލިއަޑަށް ހޭޒަލް އެބުރި ބަލާލިއެވެ.

"ހޭޒަލްގެ ދިރިއުޅުމަށް ހަމަ އެއްވެސް މީހަކު ނާންނަނީތަ؟" ޝިރުހާން އަހާލިއެވެ.

"ޝިރޫ!" ޝިރުހާން ފެނުމުން ހޭޒަލް ދުވެފަ އައިސް އޭނަ ގައިގައި ބައްދައިގަތެވެ.

"ހަމަ ތިވަރަށްވެސް އަހަރެންދެކެ ލޯބިވޭތަ؟" ޝިރުހާން އަހާލިއެވެ.

"ކީކޭ ތިބުނީ." ހޭޒަލް ޝިރުހާންގެ މޫނަށް ބަލާލިއެވެ.

"މިބުނީ ހޭޒަލް އަހަރެންދެކެ އެހާވެސް ލޯބިވޭހޭ މިހާގިނަ ދުވަހު އަހަރެންގެ އިންތިޒާރުގައި ތިހުންނަނީ މީހަކާވެސް ނުއިދެ." ހޭޒަލްގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފެނިފައި ޝިރުހާން މައުޟޫ ބަދަލުކޮށްލިއެވެ.

" ހޫމް ދެން މިޝިރޫވެސް އުޅޭ ފާޑެއްދޯ! ލޯބިނުވަންޏާ ކީއްކުރަން އަހަރެން މިތާ މިގަޑީގައި ޝިރޫކައިރީ ހުންނަންްވީ."

"އެވާހަކައެއްނޫނޭ. މިހާރު  އެއޮތް ހަތަރެއް ޖަހަނީ ދެންހިގާ ގެޔަށް ދަމާ! ހޭޒަލް މަންމަ ހުންނާނެ މިހާރު ކަންބޮޑުވެފައި ހޭޒަލް ވީތަނެއް ނޭގިފައި. މިރޭ އަދި އެބަޖެހޭ ސްކޫލަށް ދާންވެސް. ޗެކްކޮށްލަންޖެހޭ ފޮތްތަކެއް އެބަހުރި ސްޓާފްރޫމްގައި.މިއަދު ހާފް ސެޝަން ނަގާފަ އަހަރެން އައީ ގެޔަށް ދެރަވި ވަރުން."

"ސޮރީ. އެގަޑީގައި ރަގަޅަށް މޯނިންގ ނުވެ ހުރީމަ ރޫޑްލީ ވާހަކަ ދެއްކުނީ." ހޭޒަލް ބުނެލިއެވެ.

ބައްދަލުވުމަށްފަހު ހޭޒަލް އާއި ޝިރުހާން ދިޔައީ ގެޔަށެވެ.

ހޭޒަލް ގެޔަށްދިޔައިރު ސަކީނާ ހުރީ އިންތިޒާރުގައެވެ. އެހެންދުވަހަށް ވުރެ ލަސްވީމައި ހޭޒަަަލް ހީކުރީ މަންމަ ހުންނާނީ ރުޅިއައިސްފަ ކަމަށެވެ.

"ދަރިފުޅާ. ތިއައީތަ. އަވަހަށްދޭ އަސްރު ނަމާދުކޮށްލަން. މަންމަ ހުންނާނެ ސައި ހަދާފަ. ނަމާދުކޮށްލައިގެން އާދޭ ސައިބޯން" ސަކީނާ މިހެން ބުނުމުން ހޭޒަލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަވަހަށް ގޮސް ކޮޓަރިއަށްވަދެ އެދުގައި ޖައްސާލިއެވެ. ދޮރުގައި ޓަކިޖެހި އަޑަށް ހޭޒަލް ދިޔައީ ސިއްސައިގެންނެވެ.

"ދަރިފުލާ! ނުނިމޭތަ އަދިވެސް؟" ސަކީނާ ގޮވާލި އަޑަށް ހޭޒަލް ތެދުވެ އަތުކުރީ އޮތް ގަޑިޔަށް ބަލާލިއެވެ. 5ޖެހީއެވެ. ހޭޒަލްގެ ދެލޯބޮޑޮވިއެވެ.

'މިދަނީ މަންމާ!" ބައިގަޑިއިރުވަންދެން ނިދުނީއެވެ. ހޭޒަލް ތެދުވެ ހެދުން ބަދަލުކޮށްގެން ސައިބޯން ނުކުތީއެވެ.

އިރުއޮއްސި 7 ޖެހީއެވެ.ހޭޒަލް އިނީ ސިޓިންރޫމްގައި ޓީވީން ދެއްކި ޑްރާމާއެއް ބަލާށެވެ. ޝިރުހާން މަޑުމަޑުން އައިސް ހޭޒަލްގެ ލޯމަތީ އަތްއެޅިއެވެ.

"ކާކު!..ޝިރޫ!" ޝިރުހާންކަން އެގުނީ އޭނަ ޖަހައިގެން ހުރި ސެންޓަކުންނެވެ.

"ސާބަސް. ކިހިނެއް އަހަރެންކަން އެގުނީ."

"ތީ ނޭފަތުން ފިލާނެ ވަހެއްނޫނޭ." ހޭޒަލް ޝިރުހާންގެ އަތުގައިހިފައި ގެނެސް ސޯފާގައި ބޭންދިއެވެ.

"އަހަ ދަރިފުޅާ! ހާދަ ނުގަޑިޔެއްގައި. ކޮަންވަޑާމެއް؟" ކޮޓަރިން ނުކުމެގެން އައި  ސަކީނާއަށް ޝިރުހާން ފެނިފައި އަހާލިއެވެ.

"އަހަރެން ސްކޫލަށް ދަމުން ހޭޒަލް ކޮބައިތޯ ބަލާލީ" ލަދުރަކިގޮތަކަށް ޝިރުހާން ބުނެލިއެވެ.

"އެހެންތަ. އެހާ ދަންވަންދެން ބޭރުގައި ނޫޅެއްޗޭ. ހިގާ ދެކުދިން ކާން. މަންމަ ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ."

"މަންމާ ކޮބައިތަ ރާއީ މިރޭ." ކާއެތިކޮޅު އަގަޔަށް ލަމުން ހޭޒަލް އަހާލިއެވެ.

"އޭނަ ވަރަށް ފޯރިދައްކާފަ ނިދައިފި."

ރޭގަނޑުގެ ކެއުމަށް އިންސާފްކުރުމަށްފަހު ޝިރުހާން ނުކުތީ ސްކޫލަށް ދިއުމަށެވެ. ވަކިހިސާބަކަށް ދެވުނުތަނާހެން ފަހަތުން މީހަކު އަންނަހެން ހީވިއެވެ. ޝިރުހާން އެބުރި ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. Nonni

    Eii shaain kanneyge fahathun e annaani ,hee vaa gothun shaain adhi mareh nuveyyyyy.plz mi vaahakaa ga shiruhaan marai nulajcheyyy