loading ...
loading ...
މިނަން ތިހިތުން ފިލުވާލަނީހޭ...16

މިނަން ތިހިތުން ފިލުވާލަނީހޭ...16

2 comments

ޒެވިން ކުއްލިއަކަށް، މައްޗަށް މޫނު އުފުލާލައިފިއެވެ. ހުއްޓުން އަރާފައި އެގޮތުގައި، އިރުކޮޅަކު ހުއްޓެވެ. އެ ހަށިގަނޑުގެ ވަރު ދޫވެގެން ތިރިވިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެ އުނަގަނޑުގައި އަތް އަޅުވައިލެވިއްޖެއެވެ. އޭރު ޒެވިން ހުރީ މޭގައި އަތް އަޅައިގެންނެވެ. ރަތްވަމުންދިޔަ ދެލޯ ވަނީ ބޮޑުވެފައެވެ. އޮހޮރެމުންދިޔަ ކަރުނަތައް އެއްވެސް ރަޙުމެއްނެތި އެ ކޯތާފަތުގައި ބީހެމުން ދަނީއެވެ. ޒެވިންގެ ކަޅި މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. ކަރުބުޑުން ނުކުތީ ވޭނީ އަޑެކެވެ. އަހަންނަށް ރޮއެގަނެވުނެވެ. އެކަނި ޙާލަށް، ޒެވިން ހިފަހައްޓައިލެވޭގޮތެއް ނުވިއެވެ. ނިޔާލް އާއި ނާޒިމް ދުވެފައި އައީ އެކުއެކީގައެވެ.

********

ހޮސްޕިޓަލަށް ގެންގޮސް، ޒެވިންއަށް ފަރުވާކުރަން ފެށިއެވެ. އަހަރެން ހުރީ ދެކޮޅަށް ހިނގާލަހިގާލައެވެ. ޒެވިން ނޫން އިތުރު ކަމެއް އަހަރެންގެ ސިކުނޑީގައި ނުވެއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަކާއި އެއްވަރަށް މަޑު ގިސްލުމުގެ އަޑުވެސް ބޭރުވަމުން ދިޔައެވެ. ކައިރީގައި ހުރި ނިޔާލްވެސް ހާސްވެގެން ދެކޮޅަށް ހިނގަނީއެވެ. އަވަސް ފަރުވާ ދޭ ކޮޓަރީގެ ބޭރުގައި ނާޒިމް ހުރީ ފާރުގައި އަތް ވިއްދާލައިގެންނެވެ. އެހުރިހާއިރު ވީއިރުވެސް، އިސްއުފުލައިވެސް ނުލިއެވެ. ހީވަނީ ކުރެވުނު ކަންތަކާއި އަމިއްލަ ނަފުޞު ކުށްވެރިކުރާ ހެންނެވެ.

ޒެވިންގެ ޚަބަރު ލިބުމާއިއެކު ޝާޔަން ހޮސްޕިޓަލަށް އައެވެ. އަހަރެންގެ ޙާލާއިމެދު ކަންބޮޑުވެފައިވާވަރު، އެ މޫނުމަތީގެ ޢަޞަރުތަކުންވެސް ހާމަވަމުން ދިޔައެވެ. ޝާޔަން ފެނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެ ހަށިގަނޑުގައި ބައްދާލުމާއިއެކު، ގިސްލާފައި ރޮވެން ފެށުނެވެ.

"ޝާޔަން... ކިހިނެތް މިވީ؟... ޒެވިން... ޒެވިން ވެސް އަހަރެން ދޫކޮށްލާފަ ދަނީތަ؟... އަހަރެން ދެން ކިހިނެތް ހަދާނީ؟... އަހަންނަށް ކެއާ ކުރާ އެންމެން ގެއްލެނީ ކީއްވެތަ؟... ރަވާން ހެދިހެން ޒެވިން ވެސް އެ ހަދަނީ..." އަހަންނަށް ރޮވެންފެށިގޮތަށް ހުއްޓައެއް ނުލެވުނެވެ. ޝާޔަންގެ ކައިރީގައި ޝަކުވާކުރަމުންދިޔައީ، ކުޑަ ކުއްޖަކު ފަދައިންނެވެ. ވަށައިގެންވި މާހައުލުގައިވާ އެއްވެސް ކަމެއް އަހަންނަކަށް މުހިއްމެއް ނޫނެވެ. އަހަރެންގެ ޙާލަތު ފެނި، މީހުން މަލާމާތް ރައްދުވިޔަސް، އެވަގުތު ކެތްތެރިކަން އިސް ނުކުރެވޭނެއެވެ.

"ލިވީ... ތިކަހަލަ ވާހަކަ ނުދައްކަބަލަ... ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށޭ ވިސްނަންވާނީ.. ހިތްހަމަޖެހިގެން ހުރެވޭނީ އޭރުން..." ޝާޔަން މަސައްކަތްކުރީ އަހަންނަށް ވިސްނައިދޭށެވެ.

"އަހަރެން ކިހިނެތް އެގޮތަށް ވިސްނާނީ؟... ވިސްނާނެ ފުރުޞަތެއްވެސް އަހަންނަށް ލިބިއްޖެތަ؟... ވިސްނާވިސްނާ މިހާރު އަހަރެން ވަރުބަލިވެއްޖެ އޭ... އެއްކޮށް ހިތްވަރު ގެއްލިއްޖެ... ހަމަޖެހިގެން ހުންނަން އަހަރެން ކިހާ މަސައްކަތެއް މިކުރަނީ... އެކަމަކު އަހަންނަށް އެއްވެސް ހަމަޖެހުމެއް އެބަ ލިބޭތަ؟... ރަވާން އަހަރެން ދޫކޮށްދިޔައީ، އަހަރެން އެގޮތް ބޭނުންވެގެނެއް ނޫން... ދެންވެސް ބެލިން، ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް އަމިއްލަ ނަފުޞަށް ވިސްނައިދެވޭތޯ... އެކަމަކު، ތަޤުދީރު ނިޔާކުރިގޮތް ބަލާބަލަ... ދެން އެނބުރި އައީ އެ ސޫރައިގަ ހުރި އެހެން މީހެއް... އެއީކީވެސް އަހަރެން ބޭނުންވިގޮތެއް ނޫނޭ... ދެން މިހާރު، މިހާރު އަހަރެން އެ ސޫރައަށް އާދަވީމަ، ޒެވިންވެސް އެއުޅެނީ އަހަރެން ދޫކޮށްލާފަ ދާން... ޝާޔަން... އަހަރެންގެ ވެސް އޮންނަނީ ހިތެކޭ... މިހިތަށް ތަދުވެސް ވެޔޭ... ހިތްވަރުކޮށްކޮށް އަހަރެން މިހުރީ މޮޔަވާން ކައިރިވެފަ..." އަމިއްލަ މޭގައި މަޑުމަޑުން ޖަހަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީ ޝަކުވާގެ ރާގަކަށެވެ. އަޑު ތުރުތުރުއަޅާވަރުން އަހަރެން ކީ އެއްޗެއް ޝާޔަންއަށް ސާފުވާނެ ކަމެއްވެސް ނޭނގުނެވެ.

ދުރުގައި ބަލަން ހުރެފައި ނިޔާލް އައެވެ. އަހަރެންގެ ޙާލު ފެނުމުން، ނިޔާލް ހުރީ އިންތިހާއަށް ދެރަވެފައެވެ. ކުރެވުނު ކަންތަކާއި އަމިއްލަ ނަފުޞު ކުށްވެރިކުރާ ކަހަލައެވެ. ނިޔާލް އަހަންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު އެ ދެލޮލުގައި ކަރުނަތައް ވިދަމުންދިޔައެވެ.

"މީ އަހަރެންގެ ސަބަބުން ވީކަމެއް... ޒެވިންއަށް އެހެން އެވީ، އަހަރެންގެ ސަބަބުން... ފުރަތަމަ ދުވަހުވެސް އަހަންނަށް އެކަމަށް އެއްބަސް ނުވެވުނުނަމަ، މިހެން މިކަމެއް ނުވީސް... މިހާރު ހިތަށް އަރަނީ، އަހަރެން ކުރި ކަންތަކަށް މާފުވެސް ޙައްޤެއް ނޫނޭ... ޒެވިންއަށް ދެރަކަމެއް ވެއްޖެއްޔާ އަމިއްލަ ނަފުޞަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ..." ކުށްވެރިއެއްހެން އިސްޖަހާލައިގެން ހުރި ނިޔާލްގެ ލޮލުން ކަރުނަތައް އޮހެން ފެށިއެވެ. ޝާޔަން އަވަސްއަވަހަށް ނިޔާލްގެ ކައިރިއަށް ޖެހިލާފައި ކަރުނަތައް ފޮހެލަދިނެވެ.

"މީ ނިޔާލްގެ ކުށެއް ނޫން... ޒެވިންއަށް ދިމާވި އެއްވެސް ކަމަކަށް، ނިޔާލް މާފަށް އެދޭކަށް ނުޖެހޭނެ... ހަޤީގަތް ހާމަކޮށްގެން ނިޔާލްއަށް ތިކޮށްދެވުނީ ހެޔޮކަމެކޭ... ދޯ ލިވީ..." ޝާޔަން ބެލީ ނިޔާލްއަށް ވިސްނައިދެވޭތޯއެވެ. ފަހު ޖުމްލަ ބުނެފައި، އަހަންނާއި ދިމާއަށް ބަލައިލުމުން، އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީމެވެ.

އަވަސްފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި، ޑޮކްޓަރު ނުކުތީ، އަހަރެމެން އެހެން ތިއްބައެވެ. ޝާޔަންގެ ގައިން ދޫކޮށްލާފައި އަހަންނަށް އެ ދިމާއަށް ދުއްވައިގަނެވުނެވެ. އޭގެ ކުރިން ޑޮކްޓަރާއި އެކުގައި ނާޒިމް އެތެރެއަށްވަދެ، ދޮރު ލައްޕާލައިފިއެވެ. ދޮރުމަތީގައި އަހަރެން ހުރީ އެ ދޮރު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވެ، ދޮރު ހުޅުވާލާފައި، ނަރުސްކުއްޖަކު ނުކުމެއްޖެއެވެ. އެކުއްޖާ ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ.

އަހަރެން އަވަހަށް ގޮސް އެކުއްޖާގެ އަތުގައި ހިފައި ހުއްޓުވީމެވެ. އެކުއްޖާ އަހަންނަށް ބަލައިލާފައި، ނިތް އަރުވާލިއެވެ. އެ މޫނުމަތިން ފެނުނު ހިތްހެޔޮކަން، ސުވާލުކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

"ސިސްޓަރ... ޒެވިން، ޒެވިން ކިހިނެތް؟..." ނަރުސްކުއްޖާގެ އަތަށް ފިތައިލަމުން، އަހަރެން ސުވާލުކޮށްލީމެވެ.

"މިހާރު، މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަނީ... މާބޮޑަށް ލޭ މަދުވީމަ އެހެން އެވީ..." ނަރުސްކުއްޖާ ވާހަކަ ދެއްކީ ހިތްހެޔޮ ރާގަކަށެވެ.

"ދެން ކިހިނެތްތޯ ހަދަންޖެހޭނީ؟..." އަހަރެން ހާސްވެފައި ސުވާލުކުރީމެވެ.

"ޕޭޝަންޓްގެ ބައްޕަ ކައިރީ ބުނެލައިފިން ބްލަޑް ޑޯނަރ އެއް ހޯދާލަން... މިހާރު އެކަމާވެސް އެބަ އުޅޭ... އެހާ ހާސްވާވަރުގެ ބޮޑު މައްސަލައެއް ނެތް..." ނަރުސްކުއްޖާ ބުންޏެވެ.

"ދެން ކިހާއިރަކުތޯ އަޅުގަނޑަށް ޒެވިން އާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބޭނީ؟..." ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް، އަހަންނަށް ސުވާލުކޮށްލެވުނެވެ.

"ވަރަށް އަވަހަށް ލިބޭނެ... ކުޑަ ވަގުތުކޮޅަކު މަޑުކޮށްލަދީ އިނގޭ... އެތާ ގޮނޑީގަ އިށީނދެލައިގެން އިނަސް އޯކޭވާނެއޭ..." ނަރުސްކުއްޖާ އެހެން ބުނެފައި، ހިނިތުންވެލިއެވެ. ހީވީ އަހަރެންގެ ޙާލާއިމެދު ހަމްދަރުދީވެފައި ހުރި ހެންނެވެ.

"ސިސްޓަރ އަދި އެއްޗެއް އަހާލަން ބޭނުން..." ނަރުސްކުއްޖާ ހިނގައިގަތުމުން އަހަންނަށް ބުނެވުނެވެ. އެކުއްޖާ ހުއްޓިފައި ބޯޖަހާލިއެވެ.

"މާބޮޑު މައްސަލައެއް ނެތިއްޔާ، ދެން ކީއްވެގެންތޯ އެތާ ތެރޭގަ އެހާ ގިނައިރުވަނީ؟... ވޯޑަށް ބަދަލު ނުކުރަނީ ކީއްވެތޯ؟..." ހާސްވެފައި ހުރުމުން އަހަންނަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ.

އަހަރެން ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ނަރުސްކުއްޖާ ބަލައިލީ ޝާޔަންއަށެވެ. އެ ނަޒަރުން ބުނެދިނީ، ފުލުފުލުގައި ޖަވާބުދިނަސް، އަހަރެންގެ ސުވާލުތަކަށް ނިމުމެއް ނާންނާނެ ކަމެވެ. ޝާޔަން އަވަހަށް އައިސް އަހަރެން ދުރަށް ގެންދިޔައެވެ.

"ލިވީ ކިހިނެއްތަ ތިއުޅެނީ؟... ތިހެން އުޅޭނީ ކުޑަކުދިންނޭ... އެބުނީނު ދެން ނުވާނޭ މާގިނައިރެއް... ހިނގާބަލަ އެތާ އިށީންނަން..." އަހަރެން ގޮވައިގެން ގޮނޑިތަކާއި ދިމާއަށް ހިނގައިގަންނަމުން ޝާޔަން ބުންޏެވެ.

"ޝާޔަން... އަހަރެންގެ ހިތަށް ވަރަށް ބޮޑު ލުއިކަމެއް ލިބިއްޖެ... ދެން އިށީނދެލައިގެންވެސް އިނދެވިދާނެ... އެކަމަކު އަދިވެސް ހިތަށް ހަމަޖެހުމެއް ލިބޭނީ ޒެވިން ފެނުނީމަ..." އަހަރެންގެ ހިތަށް ލިބުނު އުފާ ބުނެދޭންވެސް ނޭނގުނެވެ. ދެލޯ މަރާލުމާއިއިއެކު، އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައީ، އުފާވެރިކަމުގެ ކަރުނައެވެ. ޝާޔަން އަހަރެންގެ ދެއަތުގައި ހިފާލަމުން، އެ އުފަލުގައި ބައިވެރިވެލިއެވެ.

"އަހަރެން ބުނީމަ ލިވީއަށް ޤަބޫލުނުކުރެވުނީނު... އޭރުވެސް ބުނީމެއްނު ޒެވިންއަށް ދެރަގޮތެއް ނުވާނެއޭ... އެވާހަކަ ޤަބޫލުނުކުރީ ހަމަ އަހަރެންގެ ހަންގަނޑު ކަޅުވީމަދޯ..." ޝާޔަން ސަމާސާކުރަން ފެށިއެވެ. އެ ސަމާސާއިން އިސާހިތަކު އަހަންނަށް ހެވިއްޖެއެވެ. ޝާޔަންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލީމެވެ.

"ލިވީ... އަހަރެން މިއަދު އެހެން ކަމަކާވެސް ވަރަށް އުފާވޭ އެބަ... އަހަރެމެންގެ ހީނަރުވެފަވާ ގުޅުން، ކުރީގެ ގޮތަށް އިޔާދަވީކަން އިޚްސާސްވީމަ، ހިތަށް ވަރަށް ލުއިވެއްޖެ... ދެން ދުވަހަކުވެސް، ލިވީ ދެރަވާކަހަލަ ކަމެއް ނުކުރާނަން... އެއްވެސް ސިއްރެއް ނުބާއްވާނަން..." ޝާޔަން ޔަޤީންކަމާއި އެކުގައި ބުންޏެވެ. އަހަރެންވެސް އެ ޖުމްލަތައް ތަކުރާރުކޮށްލީމެވެ.

އަހަންނަށް ޒެވިން އާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނީ، އަވަސްފަރުވާ ދިނުމަށްފަހު، ވޯޑަށް ބަދަލުކުރި ފަހުންނެވެ. އަހަރެން ހުރީ އެވަގުތަކަށް ކެތް މަދުވެފައެވެ. ލަހެއް ނުކުރަމެވެ. ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނީ، ނާޒިމް އެތާ ހުރިކަން އެނގޭ ޙާލުގައެވެ. ނާޒިމް ކޮންމެ އެއްޗެއް ކިޔަސް، އަހަރެން އެތަނުން ފައްސައި ބޭރުކުރަން އުޅުނަސް، ގުޑުމެއް ނާރާނެހައި، އަހަރެންގެ ޢަޒުމް ވަރުގަދަވެފައި ވިއެވެ.

އަހަރެން އެތެރެއަށް ވަންއިރު، ޒެވިން އޮތީ އެނދުގައެވެ. އެ ނަޒަރު ހުއްޓިފައިވީ ކައިރީގައި އިށީނދެލައިގެން އިން ނާޒިމްއަށެވެ. ނާޒިމް އިނީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ. އަހަރެން ދޮރު ހުޅުވައިލުމުން ދެމީހުންވެސް ދޮރާއި ދިމާއަށް ބަލައިލީ އެކުއެކީގައެވެ. އަހަރެން ފެނުމާއިއެކު، ނާޒިމް ފުންމައިގެން ތެދުވެއްޖެއެވެ. ޒެވިންގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަހަންނާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި، ނާޒިމް ނުކުތީ ބޭރަށެވެ. ހީވީ އަހަންނަށް ފުރުޞަތު ދީފައި ނުކުތް ހެންނެވެ. ޤަބޫލުވެސް ނުކުރެވިފައި، ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ.

އެހުރިހާއިރު، ޒެވިން އޮތީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަހަރެން ކައިރިއަށް ދާންފެށުމުން އެ ތުންފަތް މަތީގައިވި ހިނިތުންވުން، ފުންވެގެން ދިޔައެވެ. އެ ނަޒަރުގައި ތަފާތު ގޮތެއް ހުރިކަން އަހަންނަށް ފާހަގަވިއެވެ. އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ޒެވިންގެ ކައިރީގައެވެ. ކުޑައިރުކޮޅަކު އެ މޫނަށް ބަލަން ހުރެފައި އަހަރެން ދެލޯ ހަނިކޮށްލީ، ހިތާމައިގެ މައްޗަށް އެހެން އިޚްސާސްއެއް އުފަންކުރުމުގެ މަޤުޞަދުގައެވެ. ޒެވިންގެ ކުރިމަތީގައި ރޯކަން ދައްކައިގެން ފިނޑިއަކަށް ވާން ބޭނުން ނުވާތީއެވެ.

"އަހަރެން މިހުރީ ވަރަށް ރުޅި އައިއްސަ..." އަނެއްފަރާތަށް މޫނު އަނބުރައިލަމުން އަހަރެން ބުނީމެވެ.

ރުޅިވެރިކަން އިސްކުރަން އުޅުނަސް، އެކަން ކުރަން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތީ ދާދި އަވަހަށެވެ. ހިތް އެދި ގޮވަމުން ދިޔައީ، ރޮއެރޮއެފައި ޝަކުވާކުރުމަށެވެ. ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް، ޒެވިން ލައްވައި، ވަޢުދު ކުރުވާށެވެ. ވެދިޔަ އެއްވެސް ކަމަކީ ޒެވިން ގަސްދުގައި ކުރި ކަމަކަށް ނުވާއިރުވެސް މެއެވެ. ތަކުރާރުކޮށް އެސްފިޔަ ޖަހާލާފައި ކަރުނަތައް ހިންދައިލީމެވެ. އެކަމަކު ލަގޮނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ.

"އޯޚް... އަހަރެން މިހާލުގައި އޮއްވާވެސް، ތިވާހަކަ ބުނަންތަ ތިއައީ؟... އެއީ ކީއްވެކަން ބުނެދީފާނަންތަ؟..." ޒެވިންގެ އަޑު މަޑެވެ. ލޯބިން ފުރިގެންވީ އެ އަޑު އިވުމުން، އިތުރަށް ޝަކުވާކުރަން ބޭނުންވިއެވެ.

ރުޅި އައިސް ތުން ފިއްތާލާފައި އަހަރެން ޒެވިންއަށް ބަލައިލީމެވެ. ޒެވިން އޮތީ ރީތި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. ހީވަނީ އަހަރެންގެ އެ އަމަލުން އެ ހިތަށް ހަމަޖެހުން ލިބުނު ހެންނެވެ. ރުޅި އައިސް ހުރިކަން ދެއްކުމުގެ ގޮތުން، ކުރިއަށްވުރެ ބޮޑަށް ދެލޯ ހަނިކޮށްލާފައި، ހަށަމް ބަނދެލީމެވެ.

"ނޮޓް ފަނީ އޯކޭ... އަހަރެން މިހުރީ ހަމަ އަސްލަސްވެސް ރުޅި އައިސްފަ... ކީއްވެކަން ބުނެފާނަން... އެއީ އަހަރެން ދައްކާ ވާހަކަ އަޑު ނީވޭތީ... ބުނީމަ ބުނާގޮތް ނަހަދާތީ... އަޑު އިވިއްޖެތަ؟..." އަހަރެން ނުރުހިފައި ބުނީމެވެ.

"ތިބުނީ ހާދަ ހެއްވާ ވާހަކައެކޭ... އަހަރެން ތިއަށް ކޮން ޖަވާބެއް ދޭންވީ؟... ތިބުނީވިއްޔަ އަޑު ނީވޭތީއޭ ރުޅި އަންނަނީ..." ޒެވިން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

"ދެން ހެޔޮ، ނޫޅެން..." އަހަރެން ތުން ފިއްތައިލީމެވެ.

"އަހަރެން ހިތަށްއަރާ ތީހަމަ ލިވީ ބާއޭ... ލިވީ ތިހާ ހަރުކަށިވާން ދަސްކުރީ ކާކު ކައިރިންކަން ބުނެދީފާނަންތަ؟..." އަހަރެންގެ އަތުގައި ހިފާލަމުން ޒެވިން ސުވާލުކުރިއެވެ.

"ބުނީމަ ބުނާގޮތް ނުހަދަންޏާ ރުޅި އަންނާނަން... ދެންވެސް ބުނީމަ ބުނާ ގޮތް ހަދާތި، އޭރުން ރީތިކޮށް ވާހަކަ ދެއްކޭނީ..." ޒެވިން އާއި ދިމާއަށް ބަލައިލަމުން އަހަރެން ބުނީމެވެ.

"އަހަރެން ބަލިވީމަވެސް ލިވީއަށް އެނގެނީ ތޮޅެންތަ؟..." ލުއި ހިނިގަނޑެއް ޖަހާލަމުން ޒެވިން ބުންޏެވެ.

"އަހަރެން ތޮޅެން ދަސްކުރީ ކާކު ކައިރިންކަން އެނގެއެއްނު... މިހާރު އަހަރެން މިހުރީ އެދުރުވެގެން... ދެން ހިނގާނީ އަހަރެންގެ ބާރު... އަޑު އިވިއްޖެތަ؟..." އަހަންނަށް ބުނެވުނީ އެހިސާބަށެވެ.

ޒެވިން އަހަރެންގެ އަތުގައި ހިފައި ގާތަށް ދަމާލައިފިއެވެ. އަހަރެން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ޒެވިން އާއި ދިމާއަށް އަރިއަޅައިލުމުން، ދެއަތް އަޅުވައިލެވުނީ އެނދުގައެވެ. އޭރު އަހަރެންގެ މޫނު ވަނީ ޒެވިންގެ މޫނާއި ޖެހޭ ނުޖެހޭހައި ކައިރީގައެވެ. އަހަންނަށް އިތުރު ކަމެއް ކުރާނެ ފުރުޞަތު ނުލިބެނީސް، ޒެވިން އަހަރެންގެ ދެކޯތާފަތުގައި ހިފަހައްޓާލައިފިއެވެ. އެ ހޫނު ނޭވާގެ އިޚްސާސް ވާހައި ކައިރިއަށް ގެންދިޔުމާއިއެކު، އިޚްސާސްކުރެވިގެން ދިޔައީ އެ ތުންފަތުގެ ބީހުމެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ޒެވިން އާއި ދުރަށްޖެހިލުމަށް ގަދަ ހަދައިލީމެވެ. އެކަމަކު ޒެވިން އެ ފުރުޞަތެއް ނުދިނެވެ. ކުރިޔަށްވުރެ ބާރަށް އަހަރެންގެ ދެކޯތާފަތުގައި ހިފަހައްޓާލައިފިއެވެ. އިރުކޮޅަކު ގަދަހަދާލާފައި، ހުއްޓާލަން އަހަންނަށް މަޖުބޫރުވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އެ އަމަލުގައި އަހަންނަށް ބައިވެރި ވެވުނެވެ.

(ނުނިމޭ)

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

2 ޚިޔާލު

  1. Saana

    wow varah intrest.waiting for nrxt part.laager love that story😍😍😘😘😘😘💚💚💚💚💚💚💚💚💚💚💚💚

  2. Saana

    wow nice story waiting for next prt😍😍😍😍😍😍😍😍😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚