-
-
ޑިމޮކްރަސީ: ދިވެހިންގެ އައު ދީން ބާ...؟ ދެވަނަބައި

ޑިމޮކްރަސީ: ދިވެހިންގެ އައު ދީން ބާ...؟ ދެވަނަބައި

ހުޅަގުން އެބައި މީހުންގެ މި ފިކުރު އިސްލާމީ މުޖުތަމަޢުގައި ފެތުރުމުގެ ހަޤީޤީ ބޭނުމަކީ މުސްލިމުން އެބައިމީހުންގެ ވަރުގަދަ އިލާހީ އަޤީދާއާއި ދުރުކޮށް ނިކަމެތިކުރުމެވެ. އަދި އެ ނިކަމެތިކަމުގެ ބޭނުންހިފާ އެބައިމީހުންގެ ބާޠިލް އަޤީދާއަށް މުސްލިމުން ގެންދިއުމެވެ.
ޑިމޮކްރަސީގެ މައިގަނޑު އަސާސްތަކަކީ އާންމު ސިކުނޑިއަކުން ވިސްނާލާއިރު އެގައި މާބޮޑު އުނިކަމެއް ފެންނާނޭ އަސާސްތަކެއް ނޫނެވެ. ނަމަވެސް ހުޅުވިފައިވާ ސިކުނޑިއަކުން ފުންކޮށް ވިސްނާލާއިރު އެ ނިޒާމުގެ މައިގަނޑު އަސާސަކީ އަޅުތަކުންގެ ވެރި ރައްބުގެ މައްޗަށް އިންސާނީ ފިކުރާއި ވިސްނުން އިސްކުރުމުގެ ނިޒާމެއްކަމުގައި ޤަބޫލުކުރެވޭނެއެވެ.

ADS BY FENVARU

ޚުދު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ މިހާރުގެ ވެރިކަމުގެ ނިޒާމަށް ނަޒަރުހިންގާ ހާވާބަލާލާއިރު އެކަމުގެ އެތަކެެއް މިސާލުތައް އެއޮތީ ދިމާ މެންދުރުގެ އިރުފަދައިން ފެންނާށެވެ. އިސްލާމުންނާއި އެންމެހާ އިންސާނުން ޚަލްޤުކުރެއްވި ﷲ سبحانه وتعالى‎ އަމުރުކުރައްވަނީ ރަލާއި، ޒިނޭއައި، ރިބާ ފަދަ ފާހިޝް ޢަމަލުތަކުން ދުރުހެލިވުމަށެވެ. ނަމަވެސް މި ޑިމޮކްރަސީ އަޅުގަނޑުމެންނަށް މަގު ދައްކަނީ އަދި މި ޑިމޮކްރަސީ ދީނުގެ ފާދިރީން އެދީނުގެ އަހުލުވެރިންނަށް މަގުދައްކަނީ ކޮންމެވެސް ޤަވައިދެެއް ނުވަތަ އުޞޫލުތަކެއްގެ ދަށުން، ރާ ބުއިމާއި، ވިއްކުމާއި، ޒިނޭ ޚާނާތައް ހިންގުމާއި، ރިބާ ކެއުން އެއީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައެވެ.

އިންސާނުންނާއި މުޅި ކާއިނާތުގެ ވެރި ރައްބު އަމުރުކުރައްވަނީ ލަވަޔާއި މިއުޒިކާއި، ނާޗަރަންގީ ކުޅުމާއި، ދެޖިންސް މަސްހުނިވެ ނިވަލެއްނެތި އުޅުމަކީ ފާހިޝްކަމުގެ ދަޮރުތައް ހުޅުވުމުގެ މަގެއްކަމުގައެވެ. ނަމަވެސް ޑިމޮކްރަސީ ދީނުގެ ފާދިރީން އެދީނުގެ އަޅުވެރިންނަށް މިކަންކަމަކީ ޒީނަތްތެރިކަމެއްކަމުގައްޔާއި ދުނިޔޭގެ ތަހުޒީބުގެ ރަމްޒެއްކަމުގައްޔާއި، ކުރިއެރުމާއި، އަޚްލާގު ރަނގަޅުވެ ދަރިންގެ ސިކުނޑި ހުޅުވިގެންދިޔުމުގެ އަސާސްކަމުގައި ދަނީ ބުނެދީ އެގޮތުގައި ސިޔާސަތުތައް ކަނޑައަޅަމުންނެވެ. އިންސާނުންނާއި ކާއިނާތު ޚަލްޤުކުރެއްވި މަތިވެރި އިލާޙް އަމުރުކުރައްވަނީ ދީނުގެ މަތިވެރި ޝިއާރުތައް ރައްކާތެރިކުރުމަށެވެ.

ނަމަވެސް މިދީނުގެ އަޙުލުވެރިން ބުނަނީ ދީނުގެ މަތިވެރި ޝިއާރުތައް އެބައިމީހުންގެ ކޮށި ސިކުނޑިން ތައްޔާރުކޮށްފައިވާ ކޮންމެވެސް ޤަވައިދެއްގެ ދަށުން ރަމްޒީކަމެއްގެގޮތުގައި ކޮށް ނިންމާލާ ދުނިޔަވީ ފައިދާއެއް ހާޞިލްކުރުމަށެވެ. އެބައިމީހުން ދީނުގެ މަތިވެރި ޝީއާރުތައް ވިޔަފާރު މުދަލެއްގެ ގޮތުގައި ދުނިޔެ ހޯދުމަށްޓަކައި ވިއްކާލަނީއެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަޝްވަރާގެ މަތިވެރި އުޞޫލްގެ ނިވަލުގައި ތިބެ ޑިމޮކްރަސީ ދީނުގެ ފާދިރީން ގެންދަނީ ހުޅަނގުން އެބައިމީހުންގެ ސިކުނޑިތަކަށް ދީފައިވާ ފިކުރީ ކެމިކަލް ހަތިޔާރުތަކުގެ ހަމަލާތަކުން ސިކުނޑިތަކަށް ލިބިފައިވާ އުނިކަމާއިއެކު އެބައިމީހުންގެ ސިކުނޑިތަކަށް ފެނުނުގޮތަކަށް ދުނިޔޭގެ ދިރިއުޅުމުގެ މަންހަޖު އެ ދީނުގެ އަހުލުވެރިންނަށް ބަޔާންކޮށްދީ އެގޮތުގައި އަމަލުކުރުމަށް މަޖުބޫރު ކުރުވަމުންނެވެ. އަދި އެއީވެސް ރައްޔިތުންގެ ސަރުކާރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ހައިބަވަންތަ ނަމުގެ ފަހަތުގައި ތިބެގެންނެވެ.
އޭ ޑިމޮކްރަސީ ދީނުގެ އަޙުލުވެރިންނޭވެއެވެ. އަދި އެދީން ފެތުރުމަށް ހުޅަނގުގެ ތަމައްދުނުން ފެންވަރައިގެންތިބި ފާދިރީންނޭވެއެވެ. ހޭއަރާށެވެ. ނޫނީ ޝައްކެތްނެތި ތިބާ ހޭ އަރާނޭދުވަހުން ތިބާއައް މަންފާއެއް ނުކުރާނެއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ތިމާއަށް އިޚްތިޔާރު ލިބިގެންވާ ހުވަފެނެކެވެ. އެ ހުވަފެންތަކުގައި ތިބާއަށް ބޭނުންކުލައެއް، ބޭނުން ޒީނަތްތެރިކަމެއް، ބޭނުން ލައްޒަތެއް ހާޞިލް ކުރެވިދާނެއެވެ. ނަމަވެސް ހަޤީޤީ ދުނިޔެއަށް ހޭލެވޭ ދުވަހު ތިބާ ކުރި ޢަމަލަކަށް މެނުވީ ޖަޒާއެއް ނުދެވޭނެއެވެ.

ތިބާއާއި ތިބާގެ ދަރިން ނަރަކައިން ސަލާމަތްކުރުމަށް ޑިމޮކްރަސީއަކުން ފައިދާއެއް ނުކުރާނެއެވެ. އެދުވަހުން ޑިމޮކްރަސީގެ ތިމަތިވެރި އުޞޫލުތައް ބޮލާލާޖަހަން ތިބާއަށް މަޖުބޫރުވާނެއެވެ. ފާފަވެރިއަޅުންނަށް އެދުވަހުން އަޤުލަބިއްޔަތު ލިބިފައިވީނަމަވެސް އެމީހުން ކިތަންމެ ބޭނުމަސް އެމީހުންނަށް ޞާލިޙް އަޅުވެރިންނަށް ކަނޑައަޅުއްވާފައިވާ ސުވަރުގެއަކަށް ނުވަދެވޭނެއެވެ.

ޑިމޮކްރަސީގެ ނަމުގައި އިސްލާމުންގެ މަތިވެރި މަންހަޖު، މަތިވެރި އަޤީދާ ނެތިކޮށްލާ މި ދުނިޔޭގައި މުސްލިމުންގެ ގަދަރު ކުޑަކޮށްލުމަށް ތިބަތިބާމެންގެ އަނގައިން ބޭރުވާ ކޮންމެ ލަފްޒެއް އެދުވަހުން ތިބާގެ އަނގަޔަށް އަނބުރާ ވަންނާނެއެވެ.

މުސްލިމުންގެ ނަމުގައި ޝަހާދަތުގެ ދެކަލިމަ ކިޔާހާލު އެއާއިމެދު ތިމާގެ ހިތުގައި ގަދަރެއް ލޯތްބެއް ނުވާނަމަ، އަދި ތިބާގެ ޢަމަލުން އެކަން ފެނިގެން ނުދާނަމަ އެއީ ހަމަ ޔަޤީނުންވެސް ތިބާގެ އަންނަންއޮތް ދުނިޔޭގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ މަގުކަމުގައި ނޫނީ ނުވާނެއެވެ. އަދި ދަންނާށެވެ. މި ދީބުގައި ހައްޤުގެ މަގުގައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެތިބި ދިވެހިދަރިން އެބަ ތިއްބެވެ.

ތިބާގެ ކޮންމެ ފިޔަވަޅެއް އަދި ތިބާ އަނގައިން ބޭރުކުރާ ކޮންމެ ލަފްޒަކަށް އެމީހުން ތިބީ ފާރަވެރިވެގެންނެވެ. އެކަންކަމަށް ލޯމަރައިލައިގެން ނުތިބޭނަމެވެ. ހައްޤުގެ މަގުގައި ޖާނާއި މާލުން ޤުރުބާންވާ ތައްޔާރައްތިބި ދިވެހި ދަރިން މި ފަސްގަނޑުގައި މަދުނުވާނޭކަން ތިބާ ދަންނާށެވެ.

އޭ ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ފާރަވެރި ވާށެވެ. ޔަހޫދިންނާއި ނަޞާރާއިން އެމީހުންގެ މި ފިކުރީ ހަނގުރާމައާއިގެން ނުކުމެ އެތަކެއް މުސްލިމް މުޖުތަމަޢުތަކެއް މީގެކުރިން ވަނީ ފަސާދަކޮށްފައެވެ.

ތުރުކީވިލާތާއި، ތޫނިސްފަދަ އިސްލާމީ ބޮޑު ބޮޑެތި ތަހުޒީބުތައް އެބައިމީހުންވަނީ މި ހަނގުރާމައިގައި އަޅުވެތިކޮށްފައެވެ. މިއަދު އަޅުގަނޑުމެން އިޒްރޭލާއި ހުޅަނގުގެ މި ހަނގުރާމައިގައި ޖެހިފައިވާއިރު އެ ކަންކަމުން އިބްރަތް ލިބިގަތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

އެ ހާދިސާތަކުގެ ޚަބަރުތައް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނާއި ކުރިޔަށްހުރި ލިޔުންތަކުގައި ހިއްސާކުރެވޭތޯ ﷲ ގެ ވާގިފުޅާއިއެކު މަސައްކަތްކުރާނަމެވެ. މިއަދު ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށް ހުޅަނގުގެ ފަލްސަފާ ތަޢުލީމީ މަންހަޖުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ މިހަނގުރާމަ ވަރުގަދަ ވަމުންދާކަމުގެ ހެއްކެކެވެ.

އިސްލާމީ ތަރުބިއްޔަތާއި ދަރިވަރުން ދުރުކޮށްލުމަށް އެމީހުން ފަށާފައިވާ މަސައްކަތް މިއަދު މިވަނީ މެކުހަށް ޖަހާފައެވެ. ދުނިޔަވީ ތަޢުލީމަކީ އިސްލާމްދީން މަނާކުރާ އެއްޗެއްކަމުގައި އެބައިމީހުން ސިފަކުރާކަމީ ދީނުގެ އަލިފުބާވެސް މި ބައިވަރުތަކަށް ނޭންގޭކަމުގެ އަލިގަދަ ހެއްކެކެވެ. ނަމަވެސް އަޅުގަނޑުމެން ދުނިޔަވީ ތަޢުލީމް ޙާޞިލްކުރުމުގެ މަޤްޞަދާއި އެބައިމީހުންގެ މަޤްޞަދު ވަރަށް ތަފާތެވެ.

އަޅުގަނޑުމެންގެ މަޤްޞަދަކީ، އެގޮތުގައިވެސް ﷲ ގެ ރުހިވޮޑިގަތުން ހޯދާ ދުނިޔޭގައި އެކަލާނގެ ދީން ފެތުރުމެވެ. އަދި ކިއެއްހެއްޔެވެ. އެކަކު އަނެކަކަށް އިޚްތިރާމްކުރާ، އެކަކުގެ ފުށުން އަނެކާއަށް ރައްކާތެރިކަން ލިބިގެންވާ މުޖުތަމައެއް ބިނާކޮށް ދުނިޔެ އާއި އާޚިރަތުގެ މާތްކަން ލިބިގަތުމެވެ.
ލޮބުވެތި ދިވެހި އަޚުންނާއި އުޚްތުންނޭވެ. ތިޔައިން ކޮންމެ މީހަކީވެސް މަސްޢޫލުވެރިއެކެވެ. އެމީހުއްގެ ބެލުމުގެ ދަށުގައިވާ ބަޔަކަށާއި ތަކެެއްޗަށް މަސްޢޫލުވާންޖެހޭ މީހެކެވެ.

ވީއިރު އަޅުގަނޑުމެންގެ ތުއްތު ދަރިންނާއި، މުޅި މުޖުތަމަޢު ސަލާމަތްކޮށް ޑިމޮކްރަސީ ދީނުގެ ނުބައި އޮއިވަރުން މި ޖީލު ސަލާމަތްކުރުމަކީ ތިޔައިން ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ތެދުވެރިކަމާއި އެކު ބަހާއި އަމަލުން ހައްޤުގެ މަގުގައި ޖިހާދުކުރުމަށް ލިބޭ މިފަދަ ފުރުޞަތުތަކަކީ ﷲ ގެ ހަޞްރަތުން ކުރިމަތިވާ އިމްތިޚާންތަކެކެވެ.

އެކަމުގައި ކުރިހޯދަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ. ކޮންމެ ހެޔޮކަމެއްގެ އަޖުރު ﷲ ގެ ރަޙްމަތުން އެތައްގުނައަކަށް އިތުރުކުރައްވައެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ. ތިބާއާއި ތިބާގެ އަޙުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ. މުނާފިގުންގެ ސިފައިން ސިފަ ލިބިނުގަންނާށެވެ.
މާތް ﷲ މި ދިވެހި ބިން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަބަދުމެ އަބަދައް ލަހައްޓަވާށިއެވެ. އާމީން.

ނިމުނީ