-
-
ރެހެންދި ޚަދީޖާ: ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކަ - ފުރަތަމަ ބައި

ރެހެންދި ޚަދީޖާ: ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކަ - ފުރަތަމަ ބައި

ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކައަކީ ތާރީޚުގައިވާ ބޮޑު އޮޅުންގަނޑެއް؟

ADS BY FENVARU

ތަޢާރަފު

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ނިސްބަތްވަނީ ދިވެހިރާއްޖޭގެ ރަސްކަމަށް އައި ބޭރުގެ ފުރަތަމަ ދަރިކޮޅު ކަމަށްވާ އުމަރުވީރު ދަރިކޮޅަށެވެ. ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީން ޞާލިޙަކީ ބަންގާޅުގެ ވިޔަފާރިވެރިއެކެވެ.

ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބުލްފަތުޙި ޖަލާލުއްދީން ޢުމަރު ވީރު (1306މ. – 1335މ.) ގެ ރަސްކަމަށްފަހު، އޭނާގެ ދަރިކަލުން އައްސުލްޠާން އަޙްމަދު ޝިހާބުއްދީން (1335މ. – 1341މ.) ގެ ރަސްކަމަށް ފަހުގަ އެވެ. ޝިހާބުއްދީނު ރަދުންނަކީ ރެހެންދި ޚަދީޖާގެ އެއްބައްޕާ، ވަކި ބަނޑު ކޮއްކޯފުޅެކެވެ. ޝިހާބުއްދީނު ރަސްކަމުން އަޒުލުކުރެވުނީ ރަސްކަމުގެ ބޮޑުން އެ ރަދުންގެ ދޯދިޔާ އަޚުލާޤާ ނުރުހިލައްވައިގެންނެވެ.

އިބުނު ބަތޫތާ ލިޔުއްވުމުން އެނގޭގޮތުގައި ޝިހާބުއްދީން ރަދުން ރަސްކަމުން އަޒުލުކުރެވުނީ އާދަވެގެން ރޭގަނޑު ސަރުކާރުގެ ކުރިއަށް ތިއްބެވި ބޭފުޅުންގެ އަނބިންނާއި އާދައިގެ އަންހެނުންނާއެކު ވެސް ހިންގަވާ އުޅުއްވި ދަށު ދަރަޖައިގެ ޢަމަލުފުޅުތަކުގެ ސަބަބުންނެވެ. ޝިހާބުއްދީން އަވަހާރަކޮށްލީ ރަސްކަމުން ދުރުކޮށް އަރުވާލައްވާފައި ހުންނަވަނިކޮށް ރަސްކަމުގެ ބޮޑުން މާލެއިން މީހަކު ހައްދުންމައްޗަށް ފޮނުވައިގެން ކަމަށް އިބުނު ބަތޫތާގެ ލިޔުއްވުމުން ދޭހަވެއެވެ.

ޝިހާބުއްދީން ރަދުން އަވަހާރަކޮށްލެއްވުމާ ވެސް ރެހެންދި ޚަދީޖާއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ. އެކަމަކު އެ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް އޮތްތަނެއް ނުފެނެއެވެ. 7 އަހަރު ރަސްކަން ކުރެއްވި ޝިހާބުއްދީން ރަދުންނަށްފަހު އެ ރަދުންގެ ދައިތާފުޅު ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ ރަސްކަމުގެ ބޮޑުން އެކަމަނާއަށް ރަސްކަން ދެއްވީމައެވެ. ޝިހާބުއްދީނުގެ ދަރިކަލަކު އަދި ޝިހާބުއްދީނާއި ރެހެންދި ޚަދީޖާގެ ބައްޕާފުޅުގެ އެހެން ބޭފުޅަކު ވެސް ނެތަތީއެވެ. ރެހެންދި ޚަދީޖާ ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ 1341 މ (742ހ.) ގައެވެ.

ރެހެންދި ޚަދީޖާގެ ރަސްކަން

ރެހެންދި ޚަދީޖާގެ ރަސްކަމުގެ ދުވަސްވަރަކީ ދިވެހިން ވަރަށް ހަމަޖެހިގެން އުޅުނު ވަރަށް ތިޔާގި ދުވަސްވަރެކެވެ. ރެހެންދި ޚަދީޖާގެ ރަސްކަމުގައި ދެ ފަހަރު ރާއްޖެ ވަޑައިގެންނެވި މޮރޮކޯގެ މަޝްހޫރު ސައްޔާޙު އިބުނު ބަތޫތާގެ ދަތުރުނަމާއާއި، ރެހެންދި ޚަދީޖާގެ ދުވަސްވަރު ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނުގެ ލިޔުންތަކުން ސާބިތުކޮށްދޭ އެންމެ ބޮޑު ޙަޤީޤަތަކީ ރާދަވަޅިތަކުގައާއި އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ތާރީޚު އިސްލާމި ދީބާ މަޙަލުގައި ރެހެންދި ޚަދީޖާއާ އާ ބެހޭގޮތުން ލިޔުއްވާފައިވާ ވާހަކަތަކުގައި އޮޅުންބޮޅުންތަކެއް ހުރިކަމެވެ.

ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކޮށް ވެރިކަމަށް އިސްވިކަމަށް ލިޔެފައިވާ ރާދަވަޅިތަކަކީ އެ ކަމަނާގެ ރަނިކަމަށްފަހު މާފަހުން ލިޔުނު އަދި އެކަތިން އަނެކައްޗަށް ނަކަލުކުރަމުން އައި އެއްޗެކެވެ. ތާޖުއްދީނު ލިޔުއްވި ތާރީޚު ފޮތަކީ ރެހެންދި ޚަދީޖާގެ ޒަމާނުގެ 350 ވަރަކަށް އަހަރު ފަހުގެ މަސައްކަތްޕުޅެކެވެ. އެ ފޮތުގައި ރެހެންދި ޚަދީޖާގެ ވާހަކަތައް ކަނަލު ކުރެވިގެންދާނީ ރާދަވަޅިތަކުގައި ހުރި މަޢުލޫމާތާއި މީހުންގެ ތުންތުންމަތިން ދެކެވެމުންދިޔަ ވާހަކަތަކުގެ މައްޗަށް ކަމަށް ގަބޫލުކުރެވެއެވެ.

ތާޖުއްދީނުގެ ތާރީޚު ފޮތުގެ އަސްލު މީލާދީން 1753 ގައި މަލަބާރީން ރާއްޖެއަރައި ގަނޑުވަރު އަންދާލިއިރު ވަނީ އަނދައިގެން ގޮސްފައެވެ. ފަހުން ފެނިފައި ވަނީ އެހެން ބޭފުޅުން އެ ފޮތުން ނުވަތަ އެ ފޮތް ކިޔާފައިވާ މީހުންގެ ހަނދާންތަކުގެ މައްޗަށް ލިޔުއްވާފައިވާ އެ ފޮތުގެ ނަކަލު ނުވަތަ އަތުން ލިޔެފައިވާ ކޮޕީތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ފެނިފައިވާ ކޮޕީތަކުގައި ވެސް ތަފާތުތައް ހުއްޓެވެ.

އިބުނު ބަތޫތާ ދެފަހަރު ރާއްޖެ ވަޑައިގެންނެވިއިރު އޭނާއާ ރެހެންދި ޚަދީޖާގެ ދެ ފިރިކަލެއްގެ ދައުރާ ބައްދަލުވެއެވެ. އެ ދެ ދައުރުގެ ވާހަކަތަކުން ވެސް އެނގެނީ ރެހެންދި ޚަދީޖާގެ ރަސްކަމުގައި އިންނެވި ނަމަވެސް ރަސްކަމުގެ ހުރިހާ ކަމެއް ހިންގަވައި ބަލަހައްޓަވަމުން ގެންދެވީ އޭރަކު އެ ކަމަނާއާ ކައިވެނި ބައްލަވައިގެން ހުންނެވި ފިރިކަލެއް ކަމެވެ.

އެއިން ބޭފުޅަކާ އެކަމަނާއާ މައްސަލައެއް ޖެހިވަޑައިގެން ޚިޔާލު ތަފާތުވެގެން ދެބަސްވެގެން އުޅުއްވި ވާހަކައެއް އިބުނު ބަތޫތާ ލިޔުއްވާފައެއް ނުވެއެވެ. އަދި އެއްވެސް ފިރިކަލަކު ގަތުލުކުރެއްވި ކަމެއް އަދި ގަތުލު ކުރައްވަން އުޅުއްވި ކަމެއް އަދި ފިރިކަލެއްގެ ރަސްކަން އެ ފިރިކަލަކު އަވަހާރަކޮށްލެއްވުމަށްފަހު ހޯއްދެވި ކަމަކަށް ވެސް ލިޔުއްވާފައެއް ނުވެއެވެ. އެހެންވީމާ ސުވާލަކީ އެފަދަ ވާހަކަތަކެއް ތާރީޚުގެ ޞަފުޙާތަކުގައި ލިޔެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟

(ނުނިމޭ