-
-
ނަޞީބަކީ ކަތީބަކު ދޭއެއްޗެއްނޫން

ނަޞީބަކީ ކަތީބަކު ދޭއެއްޗެއްނޫން

މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ލައިބްރަރީއެއް ކަމުގައިވާ "ލައިބްރަރީ އޮފް އެލެކްސޭންޑްރިއާ" އަންދާލެވުނެވެ. މި ލައިބްރަރީއިން ސަލާމަތްވެފައިވަނީ އެންމެ ފޮތެކެވެ. ނަމަވެސް މި ފޮތަކީ މާ މަޝްހޫރު ފޮތަކަށް ނުވާތީ މި ފޮތް ގަތީ ވަރަށް ފަޤީރު މީހެކެވެ. އޭނާ އަކީ މާ ރަނގަޅަށް ލިޔަން ކިޔަން އެނގޭ މީހެއްވެސް ނޫނެވެ. އަދި އޭނާ މިފޮތް ގަތީ މަދު ލޯ ލާރި ފޮތިތަކަކަށެވެ.

ADS BY FENVARU

މި ފޮތް ގަނެގެން ގެޔަށް ގޮސް މި ފޮތް ކިޔަން ފެއްޓި އެވެ. ނަމަވެސް އެ ފޮތަކީ ކިޔާ ހިތްނުވާ ވަރަށް ފޫހި ފޮތެކެވެ. އެހެންކަމުން ވަރަށް ފަރުވާ ކުޑަ ގޮތަކަށް ގަނޑުތައް އުކަމުން ދިއުމުގެ ތެރޭގައި ފޮތުގެ ގަނޑުތައް ތެރޭގައި ބާއްވާފައި އޮތް އެހެން ގަނޑެއް ފެނުނެވެ. އޭގައިވަނީ ޖާދޫގެ ގާކޮޅެއްގެ ވާހަކަ އެވެ. މި ޖާދޫގެ ގާކޮޅަކީ އޭގެން އާދައިގެ ގާކޮޅެއްގައި ޖައްސައިފިނަމަ އެ ގާކޮޅެއް ރަނަށް ބަދަލު ކޮށްލުމުގެ ބާރު ލިބިފައިވާ ގާކޮޅެކެވެ.

މި ލިޔުން ކޮޅުގައި ވާގޮތުން މި ޖާދޫގެ ގާކޮޅަކީވެސް އާދައިގެ ގާކޮޅެއް ގޮތަށް އޮންނަ ގާކޮޅެކެވެ. އަދި މި ގާކޮޅުވެސް އޮންނާނީ ސަހަރުގެ ގޮނޑުދޮށުގެ ސަރަހައްދުގައިވާ ގާކޮޅުތަކުގެ ތެރޭގައި ފޮރުވިފަ އެވެ. ނަމަވެސް  އެ ލިޔުމުގައި ވާގޮތުން އެހެން ގާކޮޅުތަކާ މި ގާކޮޅުގެ ތަފާތަކީ މި ގާކޮޅުން އެހެން ގާކޮޅުތަކަށްވުރެ ހޫނު ވާނެއެވެ.

މި ފަޤީރުމީހާ މި ގާކޮޅު ހޯދުމަށް އަޒުމު ކަނޑައެޅި އެވެ. އަދި އެކަމަށްޓަކައި އޭނާގެ މިލްކިއްޔާތުގައިވާ މަދުއެތިކޮޅު ވިއްކާލުމަށްފަހު ސަހަރުގެ ގޮނޑުދޮށުގެ ސަރަހައްދުގައި ކޭމްޕް ޖެހި އެވެ. އަދި އެކަމުގެ މަސައްކަތް ފެށި އެވެ.

އޭނާގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔަ އެވެ. އެގޮތުން މަސައްކަތަށް ނުކުމެ ކޮންމެ ގާކޮޅެއްވެސް ނެގުމަށްފަހު ހޫނުކަން އިހްސާސް ނުކުރެވޭތީ އެ ގާކޮޅެއް މޫދަށް އެއްލާލަ އެވެ. މިގޮތަށް ކަންތައް ކުރަމުން ގެންދިޔައީ ދެވަނަ ފަހަރަށް އެއް ގާކޮޅެއް ނެގި ދާނެތީ އެވެ. މި ގޮތަށް ކޮންމެ ދުވަހަކުވެސް އެތައް ހާސް ގާކޮޅުތަކެއް ނެގުމަށްފަހު މޫދަށް އުކަމުން ދިޔަ އެވެ.

މިގޮތުގައި ދުވަސްތައް ހަފްތާތަކަށް އަދި ހަފްތާތައް މަސްތަކަށް ވޭތުވަމުން ގޮސް އެއްދުވަހަކު ހޫނު ގާކޮޅެއް ނެގުނެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި މި ގާކޮޅުވެސް މޫދަށް އެއްލާލެވުނެވެ. އޭނާއަށް މިކުރެވުނީ ކީއްކަން އިހްސާސް ކުރެވުނީ މާ ލަހުންނެވެ. އަދި މިގޮތަށް އޭނާއަށް ކަންތައް ކުރެވުނީ ގިނަ ދުވަސްތަކެއް ވަންދެން ހަމަ ފަހަރަކު ގާކޮޅެއް މޫދަށް އެއްލާލުމުގެ ނުރަނގަޅު އާދަ އަށަގެންފައި ވާތީ އެވެ. ދެން އެ ގާކޮޅު ހޯދުން ވާނީ ވަރަށް އުދަނގޫ ކަމަކަށެވެ. އެއީ ފިނި ފުން މޫދެއްގެ ތެރެއަށް އެއްވެސް ވިސްނާލުމަކާ ނުލައި އެ ގާކޮޅު އެއްލާލެވިފައި ވާތީ އެވެ.

އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ގިނައިން މިފަދައިން ކަންތައް ކުރެވެ އެވެ. އެއީ އަޅުގަނޑުމެންގެ ހަޔާތުގައި ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ފުރުސަތުތައް ކޮންމެ ދުވަހަކުވެސް ލިބި އެ ފުރުސަތުތައް ބޭކާރު ކޮށްލެވޭތީ އެވެ. އެ ފުރުސަތުތައް އަޅުގަނޑުމެންނަށް ދޫކޮށްލެވެނީ އެއްވެސް ވިސްނުމަކާ ނުލަ އެވެ. އަދި ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެން ދާއިރުވެސް އަޅުގަނޑުމެންނަށް އެކަން އިހްސާސް ނުވެއެވެ. އަދި މި ދޫކޮށްލެވުނީ ކިހާވަރެއްގެ ފުރުސަތެއްކަން އެނގޭއިރު އެކަން އޮންނަނީ ބޭކާރު ވެފައެވެ.