-
-
ކޮވިޑް-19: ރައްކައުވެ ތިބިއްޔާ ދަތުރު

ކޮވިޑް-19: ރައްކައުވެ ތިބިއްޔާ ދަތުރު

ކޮވިޑް-19 އިގެ ނުރައްކައުތެރިކަން މިއަދު މިވަނީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ވެސް ކުރިމަތިވެފައެވެ. މިކަމުގައި ވަކި ރަށެއް ފަކިފަރުދެއް ނެތެވެ. ކޮންމެ ރަށެއްގެ ކޮންމެ ފަރުދަކުވެސް މިކަމަށް ރައްކައުތެރިވާނެ ޖެހެއެވެ. މުޅި ދުނިޔެވެސް މިއަދު މިވަނީ މިކަމުން ސަލާމަތް ވާނެ ގޮތަކާއި މެދު ވިސްނައި ފިކުރު ކޮށްކޮށް ހަދާނެ ގޮތް ހުސްވެފައެވެ.

ADS BY FENVARU

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަމުގެ ތަޖުރިބާރުންނާއި ޑޮކްޓަރުންނާއި ސައިންސްވެރިންނާއި ޞިއްޙީ މާހިރުންވެސް ލައްކަ ގިނައެވެ. ނަމަވެސް މިބައްޔަށް ދޭނެ ބޭހެއް ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. ވެކްސިންއެއް ވެސް އަދި ތައްޔާރު ކުރެވިފައެއް ނެތެވެ. އަދި ކިއެއްތަ މިކަމަށް އެއްވެސް ފަރުވާއެއް އަދި މިހާތަނަށް ހޯދިފައެއްވެސް ނެތެވެ.

މިކަމުން ރައްކައުތެރިވުމަށް އޮތް ހަމައެކަނި ގޮތަކީ ޞިއްޙީ މާހިރުންނާއި ކަމުގެ ތަޖުރިބާ ކާރުންގެ ލަފަޔާއި އިރުޝާދުދެ ދަށުން ކަންކަން ކުރެއްވުމެވެ. އަބަދުވެސް ޞިއްޙީ ތަޖުރިބާކާރުންގެ ނަޞޭހަތް ޤަބޫލު ކުރަން ވާނެއެވެ.

ގެއިން ބޭރަށް ނުގޮސް ގޭގައި ތިއްބަވާށެވެ. އަޅުގަނޑު މިހެން ދެންނެވުމުން ބައެއް ބޭފުޅުން ހިތައް އަރައި ވަޑައިގަންނަވާނެ އެވެ. މިރަށުގައި އަދި މިބަލީގެ އަލާމާތެއް ނެތެވެ. ގޭގައި ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެންމެ ކުޑަމިނުން މި އަތޮޅުގައިވެސް މިބަލީގެ އަލާމާތެއް ނުފެނެއެވެ. އެހެންވީމާ އަހަރެމެންނަށް ބޭނުން ތަނަކަށް ބޭނުން ގަޑިއަކު ދެވެން ޖެހޭނެއެވެ.

ދަންނަވަން ތޯއެވެ. ނޫނެކެވެ. އަތޮޅުގައި ނެތަސް އަދި ރަށުގައިނެތަސް ޞިއްޙީ މާހިރުންގެ ބަސް ޤަބޫލު ކުރައްވާށެވެ. ކޮންމެހެން ދާން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުދާށެވެ. ގެއިން ބޭރަށް ދާނަމަވެސް މާސްކާއި އަންގި ބޭނުން ކުރައްވާށެވެ.

ވަކިރަށެއް ވަކި ފަރުދެއް މިކަމުގައި އިސްތިސްނާއެއް ނުވާނެއެވެ. ހަމަ ކޮންމެ މީހަކަށްވެސް މިބަލި ޖެހިދާނެއެވެ. އެހެން ވީމާ ކޮންމެ ބޭފުޅަކުވެސް ގެއިން ބޭރަށް ނުކުންނަވާ އިރު ފޭސް މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް މި ވަނީ އަންގަވާފަ އެވެ.

އެޗްޕީއޭ އިން މިގޮތައް އަންގަވާފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރައްވައި ރޭގެ ވަގުތެއްގައި އެޗްޕީއޭއިން އާއްމު ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ އާއްމުތަންތަނަށް ނުކުންނަ ނަމަ ފޭސް މާސްކު އަޅަން ޖެހޭނެ ކަމުގަ އެވެ. އަދި ޞިއްޙީ ޚިދުމަތްތެރިން ފިޔަވައި އެހެން މީހުން ފޮތި މާސްކް އެޅުން އެންމެ ރަނގަޅު ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވި އެވެ.

އެޗްޕީއޭއިން މައުލޫމާތު ދެއްވި ގޮތުގައި ފޮތި މާސްކް ފަހާނަމަ ޑަބަލް ލޭޔަރު މާސްކް ފެހުމަކީ ވަރަށް މުހިންމު ކަމެކެވެ.

" ކޮންމެ މީހަކަށް 3 މާސްކަށް ވުރެ ގިނައިން ގެންގުޅޭށެވެ. ހަޑިވުމުން މާސްކް ބަދަލުކުރަންވާނެ އެވެ." އެޗްޕީއޭއިން އާއްމު ކުރި ލިޔުމުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި ޢަމަލުކުރަންވީ ގޮތުގެ ބައެއް އުސޫލް: އެޗްޕީއޭ

ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ނުކުރުން

ދޭދޭ މީހުން ދެމެދުގައި 3 ފޫޓަށްވުރެ ކުރުނޫން ދުރުމިން ބެހެއްޓުމަށް އާދަކުރުން

އާއްމުތަންތަނަށް ނިކުންނަނަމަ މާސްކް އެޅުން

އެކަކު އަނެކަކާއި ބައްދަލުވާއިރު އަތާއި އަތް ޖޯޑުކޮށް ސަލާންކުރުންފަދަ ކަންކަން ނުކުރުން.

އެކަކު އަނެކަކާއި ސީދާ ބައްދަލުވެ ކުރާ މުޢާމަލާތްތައް މަދުކުރުން.

ބަލިމީހުން ގޭގައި ތިބެ ޞިއްޙީ ޚިދުމަތްތެރިޔާއަށް ގުޅައިގެން ފަރުވާ ހޯދުން.

ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށި ލަންބައިލުމަށްފަހު އުޅަނބޮށީގެ އެތެރެފަރާތުން އަނގައާއި ނޭފަތް ނިވާކުރުން

ބަލިމީހާ މާސްކް އަޅައިގެން އުޅުން އަދި ބަލިމީހާގެ އެހީތެރިޔާވެސް މާސްކް އެޅުން.

މީގެ އިތުރުން ބަލިމީހުން ގޭގައި ތިބެ ޞިއްޙީ ޚިދުމަތްތެރިޔާއަށް ގުޅައިގެން ފަރުވާ ހޯދުމަށް ވެސް އެޗްޕީއޭ އިން އާއްމުކުރި ލިއުމުގައި ވިދާޅުވެފައި ވެއެވެ.

މިހާލަތުގައި ހުރިހައި އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމަށް އެޗްޕީއޭ އިން ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން ގެންދަވާއިރު، އެންމެ ފަހަރަކުވެސް އެބޭފުޅުންގެ ބަސް ޤަބޫލުކޮށް އެ ދެއްވާ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުން ކީއްތޯއެވެ.

ކޮވިޑް-19 އިގެ ނުރައްކައުތެރިކަން އަދި އަޅުގަނޑުމެންނަށް ނޭންގެނީއެވެ. ނުވަތަ ނުވިސްނެނީއެވެ. ނޫނީ ވިސްނަން ބޭޏުން ނުވަނީއެވެ. މިކަމުގެ ހުރި ނުރައްކުއުތެރިކަން އެނގިލައްވާ ފަރާތްތަކާއި ޞީއްޙީ މާހިރުން ކެނޑި ނޭޅި ދެއްވަމުން އެ ގެންދަވާ އަގުހުރި ނަޞޭޙަތް ތަކުގެ އަޑުއައްސަވާށެވެ. ބަސްޤަބޫލު ކުރާ ކިޔަމަންތެރި ބަޔަކަށް ވަމާތޯއެވެ. ބޭރަށް ނުގޮސް ގޭގައި ތިއްބަވާށެވެ. ރައްކައުވެ ތިބިއްޔާ ދަތުރެވެ.