-
-
ކަލޭގެ ވަގުތު ހަމަވެއްޖެ - އަވަހަށް ނުކުމޭ

ކަލޭގެ ވަގުތު ހަމަވެއްޖެ - އަވަހަށް ނުކުމޭ

މި ވާހަކަ ޚާއްޞަކުރެވިފައިވަނީ ތިބާއަށެވެ. ކިޔާލާށެވެ. އޭރުން ތިބާއަށް އެކަން ޤަބޫލުކުރެވޭނެއެވެ.

ADS BY FENVARU

އެއްދުވަސްވަރެއްގައި މަސްވެރިއަކު އުޅުނެވެ. އޭނާގެ މަސައްކަތުގައި އޭނާ ވަރަށް ކާމިޔާބެވެ. ކޮންމެ ދުވަހަކު ﷲ ގެ އިރާދަފުޅާއެކު 1 މަސް ބާނައެވެ. އެ މަސް ހުސްވުމުން އެހެން މަހެއް ބޭނުމައްޓަކާ އަތިރިމައްޗަށްދެއެވެ.

އެއްދުވަހަކު އޭނާގެ އަންހެނުން މަސް ކަނޑަމުން ދަނިކޮށް އަޖައިބުކުރުވަނިވި ކަމެއް ފެނިއްޖެއެވެ. އޭނާއަށް ފެނުނީ މަހުގެ ބަނޑުތެރެއިން މުތެކެވެ.
މުތެއް، މަހެއްގެ ބަނޑުތެރެއިން... ސުބުޙާނަ ﷲ...!!!

"ލޯބިވާ! ލޯބިވާ! ނިކަން މިއޮއް ފެނުނު އެއްޗަކަށް ބަލާބަލާށެވެ. "

"ކޯއްޗެއް؟"

"މިއީ މުތެއް!، މުތެއް؟!"

މަސްވެރިޔާ އެ މުތް ހިފައިގެން އޭނާގެ އަވައްޓެރި ގަހަނާ ފިހާރައަކަށް ދިޔައެވެ. ފިހާރައިގެ ސޭޓު އެ މުތަށް ބަލާލުމަށްފަހު ބުންޏެވެ. ތިޔަފަދަ ރިތީ މުތެއްގަތުމުގެ މާލީ ތަނަވަސް ކަމެއް އަހަރެންގެ ނެތެވެ. ތިޔައި އަގުކުރެވޭނެއެއްޗެއް ނޫނެވެ.!

އެކަމަކު، ތިޔަ ހިފައިގެން އަވަށުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ގާތަށް ދާށެވެ. އޭނާއަށް ތިޔަ ގަނެވިދާނެއެވެ.

އެހެންކަމުން މަސްވެރިޔާ އަވަށުގެ ބޮޑު ވިޔަފާރިވެރިއެއްގެ ކައިރިއަށްދިޔައެވެ. އަދި އެވާހަކަތައް ކިޔައިދިނެވެ. އެ ވިޔަފާރިވެރިޔާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަޚާއެވެ! ތިޔައީ އަގުނުކުރެވޭނޭ އެއްޗެކެވެ! އެކަމަކު އަހަރެން ޙައްލެއް ބުނެފާނަމެވެ. ރަށުގެ ގަވަރުނަރުގެ ގާތަށް ތިޔަ ހިފައިގެން ދާށެވެ. ތިޔަ ގަތުމުގެ ޤާބިލްކަން ހުރީ ހަމައެކަނި އޭނާގެއެވެ.

މަސްވެރިޔާ އަގުބޮޑު ޚަޒާނާ ހިފައިގެން ގަވަރުނަރުގެ ދޮރުކޮޅުގެ ކުރިމަތީގައި ހުއްޓިލައިގެން ހުއްޓެވެ. އެތެރެއަށް ވަނުމުގެ އިޒުނަ ލިބެންދެނެވެ.

ގަވަރުނަރަށް އެ ފެނުމާއެކު ބުންޏެވެ. މި އަގުބޮޑު މުތަކީ އަހަރެން ހޯދަމުން އަންނަ އެއްޗެކެވެ. އެކަމަކު މިއަށް އެކަށީގެންވާ އަގު އަހަރެން ތިބާއަށް ދޭނޭ ގޮތެއް ނޭނގެއެވެ. އެކަމަކު އަހަރެންގެ ޚަޒާނާ ގުދަނަށް ތިބާ ވައްދާނަމެވެ. އަދި 6 ގަނޑިއިރު ދޭނަމެވެ. ގެންދެވުނު ވަރަކަށް ގެންދާށެވެ. މި މުތުގެ އަގަކީ އެޔެވެ.

މަސްވރިޔާ ބުންޏެވެ. "ސާޙިބާއެވެ. އެ ވަގުތު 2 ގަޑިއިރަށް ހަދައިދެވިދާނެތޯއެވެ. 6 ގަޑިއިރަކީ އަހަރެން ކަހަލަ މަސްވެރިއަކަށް ވަރަށް ދިގު މުހުލަތެކެވެ."

ގަވަރުނަރު ބުންޏެވެ. " ނޫނެކެވެ.! 6 ގަޑިއިރުގެ ތެރޭގައި ބޭނުން އެއްޗެއް ގެންދާށެވެ."

ދެން އޭނާ ޚަޒާނާ ތަކުގެ ތެރެއަށްވަނެވެ. އޭނާއަށް ފެނުނީ މާ ސިންގާ ކޮޓަރިއެއްގެ ތެރެއިން ތިން ކޮޓަރިއަކަށް ވަދެވޭގޮތަށް ހެދިފައިވާތީއެވެ.

އޭގެ އެއް ކޮޓަރީގައިވަނީ ތަފާތު ގަހަނާތަކާއި، ރަނާއި ރިއްސެވެ. އަނެއްކޮޓަރީގައިވަނީ އަގުހުރި، ރީތި، އަރާމު ތަންމަތިތަކެވެ. މީހަކަށް އެ ފެނިއްޖެނަމަ އެތާގައި ނިދުމަށް އެދޭނެއެވެ. އަނެއް ކޮޓަރީގައިވަނީ ތަފާތު މީރު ކާނާތަކާއި ބުއިންތަކެވެ.

މަސްވެރިޔާ ހިތަށްއެރިއެވެ. "ހަ ގަޑިއިރު ... އަހަރެންފަދަ އާދައިގެ މީހަކަށް ހަ ގަޑިއިރު އެކަށީގެން ނުވެއެވެ. މި ހަ ގަޑިއިރުތެރޭގައި އަހަރެން ކުރާނީ ކޮންކަމެއްބާއެވެ؟! އެންމެ ރަނގަޅެވެ. އަހަރެން ތިންވަނަ ކޮޓަރިން ފަށާނީއެވެ. އެތާނގައިވާ ކާތަކެތިން އަހަރެންގެ ބަނޑުފުރެންދެން ކާނީއެވެ. އޭރުން އެންމެ ބޮޑު ރަނުގެ ޚަޒާނާ އުފުލާނެހާ ބާރު އަހަރެންގައިގައި ހުންނާނެއެވެ."

ދެން އޭނާ ތިންވަނަ ކޮޓަރިއަށްގޮސް ކައި ކައި ބަނޑުފުރިއެވެ. ދެން އޭނާ ގަހަނާތަކުން ފުރިފައިފާ ފުރަތަމަ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ދިޔަމަގުމަތީގައި އޭނާއަށް މަޑު އަރާމު ތަންމަތިތައްވާ ދެވަނަ ކޮޓަރިފެނުނެވެ. އަދި ހިތައްއެރިއެވެ. "އަހަރެން ގިނައިން ކެއުމުގެ ސަބަބުން މިވަނީ ވަރުބަލިވެފައެވެ. އަހަރެން ނިދާލާއަރާމުކޮށް ގައިގައި ވަރުޖައްސާލުމަކުން ގޯހެއްނެތެވެ. އޭރުން އަހަރެންނަށް އެންމެބޮޑު ޚަޒާނާ ފަސޭހަކަމާއެކު އުފުލޭނެއެވެ. މިއީ އަހަރެންނަށް ދެން ލިބޭނޭ ފުރުޞަތެއްނޫނެވެ. އަހަރެންގެ މޮޔަކަމުންނޫނީ އަހަރެން މި ފުރުޞަތު ނަގާނުލާނެއެވެ. "

ދެން އޭނާ އެނދަށްއަރާ އޮށޯވެއްޖެއެވެ. އަދި އަރާމުނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

އޭގެ އިރުކޮޅެއްފަހުން މީހަކު އޭނާއަށް ގޮވާތީ އަޑުއިވިއްޖެއެވެ. " ތެދުވާށެވެ. ތެދުވާށެވެ. މިހިރަ މޮޔަ މަސްވެރިޔާއެވެ. ކަލޭގެ ވަގުތު ހަމަވެއްޖެއެވެ.. !!!"

"އޭނ.. ކީކޭ؟ އެކަމަކު އަހަރެން އަދި އެއްވެސް އެއްޗެއް ނުގެންދަމެވެ."

"އާއެކެވެ! ހަމަ މިހާރު ނުކުންނާށެވެ."

"އާދޭސްކޮށްފާ ބުނަމެވެ. އަހަރެން މި ފުރުސަތުގެ ބޭނުން އަދި ނުކުރަމެވެ. އާދޭސްކުރަމެވެ."

"މިހާރު ކަލޭ މި ޚަޒާނާތަކުގެ ތެރޭގައި ހަ ގަޑިއިރު ހޭދަކޮށްފިއެވެ. އެކަމަކުވެސް އެއްވެސް އެއްޗެއްނުގެދަންހެއްޔެވެ؟ މިހާރު ކަލޭގެ ފަރުވާކުޑަކަމުން ހޭ އަރައި އަދިވެސް އިތުރަށް އެދެނީ ހެއްޔެވެ؟ ކަލެއަށް މި ހުރިހައި ގަހަނާތައް އެއްކޮށް ގެންދިޔުމުގައި ހަށިގަނޑު ވަރުބަލި ނުކުރެވުނީ ކީވެހެއްޔެވެ؟ ދެން އޭގެއަށް މޮޅު ކާނާ ގަނެ، ކަލެއަށްޓަކާ އަރާމު ތަންމަތިތައް ތައްޔާރު ނުކުރެވުނީސް ހެއްޔެވެ؟ އެކަމަކު ކަލޭވީ ފަރުވާކުޑަ މޮޔައަކަށެވެ. ހަމަ މިހާރު އޭނާ ބޭރަށްލާށެވެ. "

"ނޫން!! ނޫން!! އެހެން ނުހަދާ! އެހެންނުހަދާ!"

~ނިމުނީ~

އެކަމަކު މިވާހަކައިގެ ޢިބުރަތެއް އަދި ނުނިމެއެވެ.

ވާހަކައިގައި ގެނެވުނު "މުަތުގެ" މަތިން ހަނދާން އެބަހުރި ހެއްޔެވެ؟
އެއި ތިބާގެ "ފުރާނައެވެ."
އެއީ އަގެއްނުވާ ބޮޑު ޖަވާހިރެކެވެ.!!!
އެކަމަކު ތިބާ އޭގެ އަގުވަޒަން ނުކުރެއެވެ.

އަދި "ޚަޒާނާ ކޮޓަރިތަކަކީ" މި ދުނިޔޭގެ ދިރިއުަޅުމެވެ."
އޭގެ ބޮޑުކަން ނިކަން ބަލާބަލާށެވެ. އަހަރެމެންގެ ވަގުތުތައް ހޭދަކުރަނީ އޭގެ ފަހަތުން ދުވުމުގައެވެ.

"ގަހަނާ"ތަކަކީ ހެޔޮ ޢަމަލެވެ.
"އަރާމު ތަންމަތި ތަކަކީ" ތަންދޮރު ނޭނގުމެވެ.
"ކާނާ އާއި ބުއިން"ތަކަކީ ދުނިޔަވީ އެދުންތަކެވެ.

އަދި އެކުވެރި މަސްވެރިޔާއަކީ ތިބާއެވެ. މިވާހަކަ ކިޔާ މީހާއެވެ. މިވާހަކަ މާނަ ކުރެވުނީ ތިބާއަށެވެ.

ތިބާ ނިދިން ހޭލަންވީވަގުތު އަދިވެސް ނާންނަނީތޯއެވެ!؟؟

އަދި އަރާމު ތަންމަތިތައް ދޫކޮށްލާކަށް ނުވޭތޯއެވެ؟!

އަދި ތިބާގެ ކުރިމަތީގައިވާ ގަހަނާތައް އެއްކުރާކަށް ނުވޭތޯއެވެ.
ތިބާއަށް ދެވިފައިވާ ވަގުތު ހަމަވުމުގެ ކުރިންނެވެ. އޭރުން ތިބާ އެކަމާ މެދު ހިތާމަނުކުރާނެއެވެ.

ސޫރަތުލް މުއުމިނޫން ގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ (99)لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُۚ كَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ(100)

"އެއުރެންގެ ގާތަށް މަރު އަތުވެއްޖެއުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޯ! ތިމަން އަޅާ (ދުނިޔޭގަ ޙަޔާތަށް) އަލުން އަނބުރާ ފޮނުއްވާންދޭވެ.
(އެއީ) ތިމަން ފަހަތައް ދޫކުޅަކަންތަކުގައި ޞާލިޙް ޢަމަލު ކުޅައުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަ ކަށަވަރުން އެއީ އޭނާ ބުނެލާ ބަހެކެވެ. އެއުރެންގެ ފަހަތުގައި ވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުއްވާ ދުވަހަކަށް ދާންދެނެވެ. "

-ނެގިފައި ވަނީ ޤަޞަޞުލް އިސްލާމިއްޔަތްް