-
-
ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދޭނީ ކިހިނެތް - ފުރަތަމަބައި

ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދޭނީ ކިހިނެތް - ފުރަތަމަބައި

ނަފްސުގެ ހިތްހަމަޖެހުމާއި އަމާންކަމުގެ މަޢުލޫއަކީ އެމަޢުލޫއެއްގައި މުޅި ދުނިޔޭގެ އެންމެހާ އިންސާނުން ހިމެނި އާންމުވެފައިވާ މަޢުލޫއެކެވެ. އެހެނީ މި ދުނިޔޭގައި މާތް ﷲ سبحانه وتعالى‎ ޚަލްޤުކުރައްވާފައިވާ ކޮންމެ އިންސާނަކީވެސް އޭނާގެ ނަފްސުގެ ހަމަޖެހުމާއި އަމާންކަމަށް އެދޭ މީހެކެވެ.

ADS BY FENVARU

އެކަން ހާޞިލްކުރުމަށް ކަރުހިއްކައިގެންފައިވާ މީހެކެވެ. މި އިޙްސާސަކީ ނުވަތަ ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދުމުށް އިންސާނާގެ ހިތުގައި އުފެދޭ ޖަޒުބާތަކީ ހަމައެކަނި މިއަދުގެ ދުނިޔޭގެ ހާލަތާއި ގުޅިފައިވާކަމެއް ނޫނެވެ. އެހެންނަމަވެސް މީގެ އެތައްޒަމާންތަކެއް ކުރިންސުރެ މުޅި އިންސާނީ ނަސްލު އަންނަނީ މިކަން ހާޞިލްވޭތޯ މަސައްކަތްކުރަމުންނެވެ.
އިންސާނީ ދަރިފަސްކޮޅުގެ ފެށުމާއި ހަމައިންނެވެ. އެކަމުގައި ވަކި ކުލައެއް، ދަރިފަސްކޮޅެއް، ނަސްލެއް، ދީނެއް، ޤައުމެއް، އުމުރެއް، ޖިންސެއް، މުއްސަންޖެއް ފަޤީރެއް އިސްތިސްނާކުރުމެއް ނެތިއެވެ. ނަފްސުގެ ހަމަޖެހުމާއި އަމާންކަން ޙާޞިލްކުރުމުގައި އެކި އިންސާނުންވަނީ އެކިއެކި މަގުތައް ބަލާ ތަޖުރިބާކޮށްފައެވެ.

އެގޮތުން އެއްބަޔަކު ދުނިޔޭގެ މާއްދީ ތަނަވަސްކަމުން އެކަން ޙާޞިލްކުރުމަށް އަރުވާޖަހާފައިވާއިރު އަނެއްބަޔަކު މަސްތުވާތަކެތީގެ އެހީގައި އެކަން ޙާޞިލްކުރެވޭތޯ އެކަމުގެ ތެރޭގައި ޣަރަޤުވެފައިވެއެވެ. އަދި އެނެއްބަޔަކު ލަވައާއި މިއުޒިކުން މި ހިތްހަމަޖެހުން ހޯދުމަށް މަސައްކަތްކުރާއިރު އަނެއްބަޔަކު އެބައިމީހުންގެ އަނބިން ނުވަތަ ފިރިންގެ ފުށުން މި ހިތްހަމަޖެހުން ހޯދުމަށް މަސައްކަތްކުރެއެވެ.

އަދި އަނެއްބަޔަކު އެބައިމީހުން ދުނިޔޭގައި ކުރިއަށްދާ ރޮނގަކުން އިތުރު ކުރިއެރުންތައް ހޯދުމުންނާއި ނުވަތަ އެބައިމީހުންގެ ދަރިން ހޯދާ ކާމިޔާބީތަކުން ނަފްސުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަމުންގެންދެއެވެ. އަދި މި ލިސްޓް މިގޮތުގައި އެތައް ކަމަކުން އިތުރުވެ ފުޅާވަމުންދާކަމީ މިއަދު ހަމައެކަނި އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަށް ބަލާލުމުންވެސް ފެނިގެންދާނޭ ހަޤީޤަތެކެވެ. އިސްވެދެންނެވުނު ފަދައިން ނަފްސުގެ ހަމަޖެހުމާއި އަމާންކަން ހޯދުމުގެ ވާދައިގައި މިއަދުގެ ދުނިޔޭގައި ވަނީ އިތުރު ކަންތައްތަކަކަށްވެސް ބަރޯސާވާންޖެހިފައި ކަމުގައި ބައެއްމީހުން ދަނީ ޤަބޫލުކުރަމުންނެވެ.

އެފަދަމީހުން ޤަބޫލުކުރާގޮތުގައި މިޒަމާނުގެ ޓެކްނޮލޮޖީގެ އާ އީޖާދުތަކާއި ހޯދުންތަކާއެކު އިންސާނީ ހަށިތަކަށާއި ސިކުނޑިތަކަށް ޖިސްމާނީގޮތުން އިތުރު ލުއިކަމެއް ލިބިގެންދާނެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް އަރާމުލިބި ނަފްސު ހަމަޖެހި ރައްކާތެރިކަމުގެ އިޙްސާސް ކުރެވިގެންދާނެއެވެ.

މިޒަމާނުގެ ހީތައް މިހެން ހުރިކަމުގައިވީނަމަވެސް މިއަދުގެ ދުނިޔޭގައި އިޤްތިޞާދީ ގޮތުންނާއި ސައިންސްގެ ރޮނގުގައި އެންމެ ކުރިއަރާފައިވާ ދުނިޔޭގެ "ސުޕަރ ޕަވަރ" ކަމުގައި ގިނަބަޔަކު އިއުތިރާފްވާ އެމެރިކާއަށް ބަލާލުމުން އެއީ ހަޤީޤީތާއި ދިމާ އިދިކޮޅު ވިސްނުމެއްކަމުގައި ފާހަގަކުރަންޖެހެއެވެ. އެހެނީ އެމެރިކާގެ އާބާދީގެ ބޮޑެތި މީހުންގެ ތެރެއިން 20 މިލިއަނަށްވުރެ ގިނަމީހުން ޑިޕްރެޝަންފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެފައި އޮތުމުންނެވެ.

ޑިޕްރެޝަންފަދަ ނަފްސާނީ ބަލިމަޑުކަން އިންސާނާއަށް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟ ޝައްކެތްނެތްގޮތުގައި އެއީ ނަފްސުގެ އިތުބާރު ގެއްލުމާއި ނަފްސުގެ ހަމަޖެހުމާއި އަމާންކަން ހާޞިލްނުކުރެވުމުގެ ނަތީޖާއެވެ. 2000 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް އެޤައުމުގައި އެއިޑްސް ޖެހިގެން މަރުވާމީހުންނަށްވުރެ ދެގުނަ އިތުރެވެ.

ނަމަވެސް މިއަދުގެ މީޑިއާގައި އެޤައުމުގައި އެއިޑްސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ބޮޑުކަމުގެ ވާހަކަ ފެތުރެމުންދާއިރު މިވާހަކައަށް އިޝާރާތްކުރެވިގެން ނުދެއެވެ. އަދި ހަމަ މާރާމާރީއާއި މިފަދަ ހަމަލާތަކުގައި މީހުން މަރުވާމިންވަރު އެތައް ގުނައެއް އިތުރުވަމުންދާއިރު މިފަދަ ގޮތްގޮތުން މަރުވާމީހުންގެ އަދަދައްވުރެވެސް އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު އެޤައުމުގައި މާބޮޑަށްވެސް އިތުރެވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އިސްވެދެންނެވުނު ހަޤީޤަތްތައް އެގޮތުގައި ސިފަވަމުންދާއިރު ތަހުޒީބާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ނަފްސުގެ ހިތްހަމަޖެހުން ޙާޞިލް ނުވާނޭކަން މިދަނީ ހާމަވަމުންނެވެ. އޭގަބަދަލުގައި ޓެކްނޮލޮޖީގެ މިފަސޭހަތަކާއިއެކު އަޅުގަޑުމެންނަށް މިދެވެނީ އަޅުގަނޑުމެންގެ ކާބަފައިން ނަފްސުގެ ހަމަޖެހުމާއި އަމާންކަން ޙާޞިލްކޮށްފައިވާ މިންވަރަށްވުރެވެސް ދުރަށްކަމުގައި ދަންނަވަންޖެހެއެވެ.

ނުނިމޭ